Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބޭންކު ފައިދާ އާއި އިސްލާމީ ބޭންކާއި މުޢާމަލާތު ކުރުމުގެ ޙުކުމާއި ބެހޭ (އޯ.އައި.ސީ) ގެ ޤަރާރު

ބޭންކު ފައިދާ އާއި އިސްލާމީ ބޭންކާއި މުޢާމަލާތު ކުރުމުގެ ޙުކުމާއި ބެހޭ (އޯ.އައި.ސީ) ގެ ޤަރާރު

bank-faidha-oic-qaraar-majmau-2بسم الله الرحمن الرحيم

މިއަށް ފަހު :

މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ( އޯ.އައި.ސީ) ގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީގެ ދެވަނަ ބައްދަލުވުން، 10-16 ރަބީޢުލް އާޚިރު1406ހ / 22-28 ޑިސެމްބަރ 1985މ ގައި ، ޖިއްދާގައި ބޭއްވުނެވެ.

އަދި މި ބައްދަލު ވުމަށް، މި ޒަމާނުގެ ބޭންކު މުޢާމަލާތާއި ބެހޭގޮތުން ވަރަށް ގިނަ ބަޙުޘްތަކެއް ހުށައެޅި، އަދި ހުށައެޅުނު ބަޙުޘްތަކާ މެދު ވިސްނައި ވަރަށް ފުން ބަހުޘްތައް ކުރުމަށް ފަހު، ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި ވާ ނުބައި އަސަރުތައް ފާހަނގަ ކުރެވިފައި ވެއެވެ. ޤައުމުތަކުގެ އިޤްތިޞާދީ ހަމަޖެހުމަށާއި އަދި ވަކިން ޚާއްޞަކޮށް ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް މި ނިޒާމުން ހުރި ގެއްލުން ފާހަނގަކޮށްލަން ޖެހެއެވެ.

ﷲ ބާވައިލެއްވި ފޮތުގައި ރިބާ އެއްކޮށް ޙަރާމް ކުރައްވައި، ރިބާ އަތުލުމުން ތައުބާ ވުމަށް ގޮވާލައްވާފައި ވެއެވެ. އަދި ދަރަންޏެއް ދީފިއްޔާ، ދިން ރައުސްމާލަށް ވުރެ އިތުރަށް ކިތަންމެ ކުޑަ މިންވަރެއް ވެސް އަތުނުލުމަށް އަންގަވާފައި ވެއެވެ. އަދި ރިބާ ކާ މީހުންނާ ދެކޮޅަށް ﷲ އާއި އެކަލާނގެ ރަސޫލާ ހަނގުރާމަ އިޢްލާން ކުރައްވާފައި ވާ ކަމުގެ އިންޒާރު ދެއްވާފައި ވެއެވެ. ނަމަވެސް މި އެންގެވުންތަކަށް އިޤްތިޞާދީ ނިޒާމު ޢަމަލު ނުކުރުމުގެ ސަބަބުން އިންސާނިއްޔަތަށް ގެނެސްފައިވާ ޚަރާބާއި ގެއްލުމަށް ވިސްނުމަށްފަހު މި އަންނަނިވި ޤަރާރުތައް މި މަޖްމަޢުން ނެރެއެވެ.

އެކެއް:

އަދާ ކުރަން ޖެހޭ މުއްދަތު ހަމަވެފައިވާ އެއްވެސް ދަރަންޏެއް، ދަރަނިވެރިއާ އަށް އަދާ ކުރަން ނުކުޅެދުނީމާ، އަދާ ކުރަން ޖެހޭ މުއްދަތު އަލުން އިތުރު ކުރުމާއި ގުޅިގެން އިތުރު ކުރެވޭ ކޮންމެ މިންވަރަކީ(ފައިދާއަކީ)، އަދި ދަރަންޏެއް ދިނުމުގެ ޢަޤުދު ފެއްޓޭ ހިސާބުން އިތުރު ކުރެވޭ ކޮންމެ މިންވަރަކީ (ފައިދާއަކީ)، އެއީ ދީނުގައި ޙަރާމް ކުރެވިފައިވާ ރިބާ އެވެ.

ދޭއް:

އިޤްތިޞާދީ ހަރަކާތްތަކަށް ބޭނުންވާ ފައިސާގެ ފަސޭހަކަން ހޯދައިދޭނެ އިސްލާމީ ބަދަލަކީ، އިސްލާމީ ބޭންކުތަކުގެ ފަތުވާ ކޮމިޓީތަކުގެ ބެލުމުގެ ދަށުން، އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުން ހިނގަމުންދާ މުޢާމަލާތުތަކެވެ. މިހާރުވެސް އިސްލާމީ ބޭންކުތަކުން މި ބީދައިން ފައިސާގެ ފަސޭހަކަން ފޯރުކޮށް ދެއެވެ.

ތިނެއް:

މިހާރު އުފެދިފައިވާ އިސްލާމީ ބޭންކުތަކަށް ހިތްވަރުދީ، އަދި ހުރިހާ އިސްމީ ޤައުމެއްގައި ވެސް އިސްލާމީ ބޭންކުތައް އުފެދުމުގެ މަގު ތަނަވަސްކޮށް ދިނުމަށް، ހުރިހާ އިސްލާމީ ޤައުމުތަކެއްގެ ސަރުކާރުތަކަށް މި މަޖްމަޢުން ބާރު އަޅައި ގޮވާލަމެވެ. މުސްލިމުންގެ ބޭނުންތައް ފުއްދައި ދީ، މުސްލިމާގެ ދީނީ ގޮތުން ތަބާވާން ޖެހޭ ޙުކުމްތަކާއި، އޭނާ އުޅެމުންދާ ދިރިއުޅުމާއި ފުށުނާރާ އުޅެވޭނީ އޭރުންނެވެ.

Comments