ހޯމަ20181112

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:21:28' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:21:28' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:21:28' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-12 22:21:28' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)

އިންޝުރެންސް... ފިޤުހީ ނަޒަރެއް

insurance-fiqhee-nazareiއިޞްޠިލާޙީ މާނަ:
އަމާންކުރުމުގެ ޢަޤުދު އެކުލެވިގެންވާ އަސާސީ ކަންތައް:
 ބައިތައް(Premium) ނުވަތަ އިޝްތިރާކު ވާ މިންވަރު:
 އަމާންކުރުމުން ލިބޭ ބަދަލު:
އަމާންކުރުމުގެ މުހިއްމު ވައްތަރުތައް:
ވިޔަފާރި އަމާންކުރުމުގެ ޙުކުމް
އިސްލާމީ އަމާންކުރުމާއި، ވިޔަފާރި އަމާންކުރުމުގައި ހުރި ތަފާތު:
މައިގަނޑު ފަރަގުތައް މިހެން ޚުލާޞާ ކުރެވިދާނެއެވެ:
ޞިއްޙަތު އަމާންކުރުން

* މިއީ އައްޝައިޚް ޢަލީ ބިން މުޙްޔިއްދީން އަލްޤަރަ ދާޣީ، ޤަޠަރު ޔުނިވާސިޓީގެ ކުއްލިޔަތުއް ޝަރީޢާގެ ރައީސް އަދި އިސްލާމީ މާލީ މުޢާމަލާތްތަކާ ބެހޭ ތަޖުރުބާކާރެއް، ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ދިވެހި ތަރުޖަމާއެކެވެ. އަސްލު ލިޔުމުގައިވާ، ބައެއް ޤާނޫނުތަކުގެ ނައްޞުތަކާއި، ކުދި ކުދި ތަފްޞީލުތަކާއި ރާއްޖޭގެ މާހައުލަށް މުހިއްމު ނޫން ބައިތައް، މި ލިޔުމުގައި ވާނީ ދޫކޮށްލާފައެވެ. އަދި އަމިއްލަ، އިތުރު ކުދިކުދި ތަފްޞީލުތަކާއި، ބަސްތަކުގެ މާނަ ވައްދާފައި ވެސް ވާނެއެވެ. އެއީ ބޭނުންވާ މާނަ ހާމަކުރުމަށާއި މިސާލުޖެހުމަށާއި އަދި މުޞްޠަލަޙުތަކުގެ މާނަ އިތުރަށް ހާމަކުރުމުގެ ގޮތުންނެވެ. ނަމަވެސް ލިޔުމުގެ މައިގަނޑު ބިނާވެފައި ވާނީ، އަސްލު ލިޔުމާއި އެއްގޮތަށެވެ.

* މި ލިޔުމުގެ ބާވަތުން، ވަރަށް ގިނަ ޢަރަބި ބަސްތަކެއް ލިޔުމުގައި ބޭނުން ކުރެވިފައި ވާނެއެވެ. އެއީ ލިޔުމަކީ ''އަމާންކުރުމަށް'' (އިންޝުރެންސް / ތައުމީން) ދީނީ ނަޒަރަކުން ބަލާފައިވާ ލިޔުމަކަށް ވެފައި، ފިޤުހީ މުޞްޠަލަޙްތަކެއް ބޭނުން ކުރަން ޖެހޭތީއެވެ. ބައެއް ބަސްތަކަށް ބޭނުން ކުރެވިދާނެހެން ހީވާ ދިވެހި ބަސް ވައްދާފައި ވެސް ވާނެއެވެ.

ފެއްޓުން

ކޮންމެ ޒަމާނަކަށް ވެސް އެ ޒަމާނަކަށް ބޭނުންވާ އެއްޗެހިތަކާއި ކަންތަކާއި އަލަށް އުފެދޭ ކަންތައްތަކެއް ވެއެވެ. އެކަމަކު އަހަރެމެން އުޅެމުން މި ދާ ޒަމާނަކީ، ވަރަށް ގިނަ ގޮތްގޮތުން ފާހަނގަ ކުރެވޭ ޒަމާނެކެވެ. އެންމެ ފާހަނގަ ކުރެވޭ ކަމަކީ މި ޒަމާނުގެ މާއްދީ ކުލަވަރާއި، ފަރުދުންނާއި ޖަމާޢަތުގެ ބޭނުންތައް ގިނަވުމާއި، ޒަމާނާއި ވަގުތު ކައިރިވެގެން ގޮސް، އަހަރެމެންގެ މި ބޮޑު ބިމަކީ ކުޑަކުޑަ ތަނަކަށް ވެގެން ދިއުމެވެ. މުޖްތަމަޢްތައް ހީވަނީ، އެއް ބައެއްގެ ފުށުން އަނެއް ބަޔަކަށް އަސަރު ފޯރާ ކުޑަކުޑަ އަވަށެއްހެނެވެ. މުޖްތަމަޢްގެ އެންމެ އުހުގައި ހުންނަ މީހާއާއި އެންމެ ފުލުގައި ހުންނަ މީހާއާ ދެމެދު އެކަކު އަނެކަކަށް ކުރުވާ އަސަރުތަކެއް ވެއެވެ. އެއް ބަޔަކީ ވެސް އަނެއް ބަޔަކާ ނުލާ އުޅެވޭނެ ބައެއް ނޫނެވެ.

އަވަސް ގޮތެއްގެއްގައި ކުރިއަރަމުންދާ، ކަންތައްތައް އަބަދުހެން ބަދަލުވަމުންދާ މި ޒަމާނަކީ، އާ ކަންތައްތަކެއް ވެސް އަބަދު އުފަންވަމުންދާ ޒަމާނެކެވެ. ޟަރޫރަތްތައް އިތުރުވެ، ބޭނުންތަކު ދާއިރާ ފުޅާވެ، ފުރިހަމަކުރުމަށް ބޭނުންވާ އެއްޗެހީގެ ސަރަހައްދު އޭގެ ހައްދެއް ނެތް މިންވަރަކަށް ފުޅާވެފައިވާ ޒަމާނެކެވެ. އިއްޔެ ބޭނުންތަކުގެ ތެރޭގައި ބެލެވުނު ބައެއް އެއްޗެހި މިއަދު ވަނީ ޟަރޫރަތަކަށް ވެފައެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ، ދުނިޔެ ހިނގުމަށް މާތް ﷲ މެދުވެރި ކުރައްވާފައިވާ، އެއަށް ބަދަލު ނުގެނެވޭނެ ކަމެކެވެ.

މި އުއްމަތުގެ ފިޤުހުވެރިންނަށް މި ކަން ވަނީ މާ ކުރިން ވެސް އެނގިފައެވެ. އެހެންވެ އެ މީހުން ބުނެފައިވަނީ: ''އިޖްތިހާދީ ފަތުވާތަކަކީ ޒަމާނާ ތަނާ ޙާލަތާ މީހުން ބަދަލުވުމުން ބަދަލުވާ އެއްޗެއް'' ކަމަށެވެ. އަދިވެސް ބުނެފައި ވަނީ: ''ކޮންމެ ޒަމާނަކީ ވެސް، އެ ޒަމާނަކަށް ޚާއްޞަ އާ ކަންތައްތަކެއް އުފެދޭ، އެއާ އެކަށީގެންވާ ފަތުވާ ނެރެންޖެހޭ ޒަމާނެއް'' ކަމަށެވެ. (ނޯޓް: މީގެ މާނައަކީ ފަހަރެއްގައި ވެސް ޒަމާނާގުޅޭގޮތަށް ޝަރީޢަތުގެ ޙުކުމް ބަދަލުކޮށް، ޙަރާމް ޙަލާލަށް ހެދުމެއް ނޫނެވެ. މި ޤަވާޢިދުތަކުގެ ބޭނުން ރަނގަޅަށް ހިފާ ޢިލްމުވެރިން މި ފަދަ މާނައެއް މިއިން ނުނަންގަވައެވެ.)

މި ޒަމާނުގެ މުޢާމަލާތުގެ މައިދާނުގައި އުފެދިފައިވާ އެންމެ މުހިންމު އާ ކަމަކީ، އެކި ވައްތަރު ވައްތަރުގެ އަދި އެކި ގޮތްގޮތަށް ކުރެވޭ ''އަމާންކުރުން'' (އިންޝުރެންސް) ތަކެވެ. ވިޔަފާރީގެ ގޮތުގައި ހިންގާ ކުންފުނިތަކުން ދޭ ''ވިޔަފާރި އަމާންކުރުން'' (ތައުމީން ތިޖާރީ/Commercial Insurance)، ނުވަތަ ބައިވެރިވުމުގެ އުސޫލުން ހިންގާ ކުންފުނިތަކުން ދޭ ''ބައިވެރިވާ އަމާންކުރުން'' (ތައުމީން ތަޢާވުނީ/Cooperative Insurance)ފަދަ ޚިދުމަތްތަކަކީ އިހުޒަމާނުގައި ކުރެވުނު ކަންތައްތަކެއް ނޫނެވެ. މިއީ މި ޒަމާނުގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ޒަމާނު އުފެދުނު ކަންތަކެކެވެ.

އެނގޭނެ ފަދައިން އަމާންކުރުމުގެ(އިންޝުރެންސް) އަސްލު ފިކުރު ބިނާވެފައި ވަނީ، ގެއްލުމުގައި ބައިވެރިވެ، ވީހާވެސް ގިނަ ބަޔަކަށް އެ ގެއްލުން ބަހާލުމުގެ މައްޗަށެވެ. ނަމަވެސް ރައުސްމާލީ ފިކުރު ވަނީ މި ބައިވެރިވުން، އެއީ ބަދަލު އަތުލައި މުއްސަނދި ވެވޭނެ ބޮޑު ވިޔަފާރިއަކަށް ހަދާފައެވެ. މައްސަލަ އުފެދުނީ މި ހިސާބުންނެވެ. އެހެންވެ އިސްލާމީ އިޤްތިޞާދީ ނިޒާމު، މީގެ ބަދަލެއް ހޯދުމުގެ މަސައްކަތް ފެއްޓިއެވެ. އެ ގޮތުން ބައިވެރިވުމުގެ އުސޫލުގެ މައްޗަށް ބިނާވާ އަމާންކުރުމުގެ ބޭނުން ހިފުމުގެ މައްޗަށް ބާރު އަޅާ، އިސްލާމީ ނިޒާމެއްގެ ދަށުން ކުރެވޭނެ އަމާންކުރުމަކީ އެއީ ކަމަށް ނިންމިއެވެ. އުތުރު އެމެރިކާގެ ފިޤްހު މަޖްމަޢް ވަނީ، މި މައުޟޫޢަށް ބަޙުޘެއް ލިޔުމުގެ ޝަރަފް އަހަންނާ ހަވާލުކޮށްފައެވެ. އެހެންވެ، އަހަރެން މި ބަޙުޘް ކުރިއަށް ގެންދާނީ، ބަޙުޘް ލިޔުމުގައި ހިފަހައްޓަން ޖެހޭނެ ކަމަށް އެ މީހުން ބުނި މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން މި ބަޙުޘްގައި ހިމެނިފައި ވާނީ:

* މި މައުޟޫއާ ބެހޭ ގޮތުން ކުރިން ލިޔެވިފައި ހުރި އެއްޗެއްސާއި ނެރެފައި ހުރި ޤަރާރުތަކުގައި އޮތް ގޮތެއް ބެލުން. އަދި އެހެން މަޖްމަޢްތަކުން ނެރެފައި ހުރި ޤަރާރުތަކުގައި ހުރި އެއްގޮތް ނުކުތާތަކާ ޚިލާފު ނުކުތާތައް ހާމަކުރުން.

* ''ވިޔަފާރި އަމާންކުރުމަކީ'' (އާދައިގެ އިންޝުރެންސް) ފާސިދު ޢަޤުދެއް ކަމާއި، އަދި އޭގެ އަސްލަކީ ޙަރާވުން ކަން.

* ގަނެ ވިއްކުމުގެ ޢަޤުދުތަކާއި ވިއްދައިގެން އެއާ އެކު ދެވޭ އަމާންކުރުންތަކާއި، އަމާންކުރުމުގެ ޚިދުމަތް ދިނުމަށް ޚާއްޞަވެފައި ހުންނަ ކުންފުނިތަކުން ދޭ އަމާންކުރުންތަކާ ދެމެދު ހުރި ތަފާތު.

* މި ޒަމާނުގެ އަމާންކުރުންތަކުގެ ވައްތަރުތަކާއި، އަދި އަމާންކުރުމަށް ބޭނުންޖެހޭލެއް ބޮޑުކަމާއި، ހުޅަނގު ގިނަ ޤައުމުތަކުގައި، މި އަށް އިސްލާމީ ބަދަލެއް ފަސޭހައިން ލިބެން މިވަގުތު ނެތްކަން.

* ޞިއްޙަތު އަމާންކުރުން (Health Insurance)

* މިސްކިތްތަކާއި އިސްލާމީ މަދަރުސާތައް، މަސްއޫލިއްތުން އަމާންކުރުން.

އަހަރެންގެ ދުޢާ އަކީ، ސީދާ މަގާއި ހެޔޮ ގޮތް، މާތް ﷲ އަހަންނަށް ދެއްކެވުމެވެ. އަދި އަހަރެންގެ މި ޢަމަލަކީ އެ ކަލާނގެ ވަޖުހުފުޅަށް އިޚްލާޞްތެރި ޢަމަލެއްކަމުގައި ލައްވައި، އަދި އަހަރެންގެ ޢަޤީދާ އާއި ޢަމަލާއި ބަހުގައި، ޙައްޤުން އެއްކިބާވުމާއި ނުބައި ގޮތުން ރައްކާތެރި ކުރެއްވުން އެދި ދުޢާ ކުރަމެވެ.

ލިޔުނީ:

ޢަލީ ބިން މުޙްޔިއްދީން އަލްޤަރަ ދާޣީ

1 ރަބީޢުލް އާޚިރު 1426، އައްދައުޙާ

*   *   *  *

ތައުމީން (އިންޝުރެންސް/Insurance)ގެ ބަހުގެ މާނައާއި އިޞްޠިލާޙީ މާނަ:

ބަހުގެ ގޮތުން:

''ތައުމީން'' މިއީ އައްމަނަ- ޔުއައްމިނު- ތައުމީނަން- މި ބަހުން ނެގިފައިވާ މަޞްދަރެވެ. ބަހުގެ އަސްލަކީ: އަމިނަ، އަމްނަން، އަމާނަން، އަމާނަތަން، އަމްނަތަން އެވެ. މާނައަކީ ހިތްހަމަޖެހި ބިރު ނުގަތުމެވެ. ވީމާ އެ މީހާ ވާނީ: އާމިން، އަމީން އަށެވެ. ''އަމިނަލް ބަލަދަ'' ގެ މާނައަކީ ރަށުގައި ބިރެއް ނެތި އަމާންކަމާއެކު އުޅުމެވެ. ''އަމިނަހޫ ޢަލައިހި'' އޭ ބުނުމުގެ މާނައަކީ، އިތުބާރު ކުރުމެވެ. ''އަމުނަ'' އަމާނަތަން -މީމުގައި އުބުފިލި ޖެހިގެން- އޭ ބުނެފިއްޔާ މާނައަކީ، އޭނާ އަމާނާތްތެރިވިއެވެ. ''އާމަނަ'' އޭ ބުނުމުން މާނައަކީ އީމާންވެ ތެދުކުރުމެވެ. މީހެއްގެ ދުޢާ އަށް ''އައްމަނަ'' އޭ ބުނެފިނަމަ މާނައަކީ، އޭނާ ދުޢާ ކުރުމުން އާމީން ކިއުމެވެ.

އެއްޗަކަށް ''އައްމަނަ'' އޭ ބުނެފިނަމަ މާނައަކީ، ބައިބަޔަށް ފައިސާ ދީގެން، މީހަކު އޭނާ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ ވާރުތަވެރިންނަށް، ނުވަތަ ގެއްލުމެއް ފޫ ފޫބައްދަން، އެއްބަސް ވެވޭ މިންވަރަކަށް ފައިސާ ލިބޭ ގޮތެއް ހެދުމެވެ.

އެގޮތުން: އައްމަނަ ޢަލާ ޙަޔާތިހީ (އޭނާގެ ޙަޔާތް)، ނުވަތަ ޢަލާ ދާރިހީ(އޭނާގެ ގެ) ނުވަތަ ސައްޔާރަތިހީ(އޭނާގެ ކާރު) އޭ ބުނެވެއެވެ. ފަހުން މި ބުނި ގޮތަކީ، ޢަރަބި ބަހާ ބެހޭ އެކަޑެމީން މި ފަހުން އިތުރު ކުރި މާނައެކެވެ.

ވީމާ، ''ތައުމީން'' އަކީ އަމާންކަމާ ހިތްހަމަޖެހުން ހޯދުމެވެ. ވަރަށް ގިނައިން ކީރިތި ޤުރުއާނުގައި މި މާނައިގައި މި ބަސް ބޭނުން ކުރެވިފައިވެއެވެ.

އިޞްޠިލާހީ މާނަ:

ޤާނޫނީ އަދި އިޤްތިޞާދީ އިޞްޠިލާޙުގައި ''ތައުމީން''ގެ( Insurance/ އަމާންކުރުން)  މާނައަކީ: ކަނޑައެޅޭ މިންވަރެއްގެ ފައިސާ ދެއްކުމުގެ ބަދަލެއްގެ ގޮތުން، އަދި ވަކި ޝަރުޠެއް ފުރިހަމަވުމުން، ނުވަތަ ވަކި މުއްދަތެއް ހަމަވުމުން، ޢަޤުދުގެ ދެ ފަރާތުން ކުރެ އެއް ފަރާތް(އަމާންކުރާފަރާތް)، އަނެއް ފަރާތަށް(އަމާންކުރެވޭފަރާތް)، އެއްބަސްވެވިފައިވާ މިންވަރެއްގެ ފައިސާ ނުވަތަ ބަދަލެއް ދިނުމެވެ.

މިޞްރުގެ މަދަނީ ޤާނޫނުގެ 747 ވަނަ މާއްދާގައި ''އަމާންކުރުން'' (ތައުމީން/ Insurance) މާނަކޮށްފައި ވަނީ މި އަންނަނިވި ފަދައިންނެވެ. އެއީ: ''ކުރެވޭ ޢަޤުދެއްގެ ދަށުން، އަމާންކުރާފަރާތް (މުއައްމިން)، އަމާންކުރެވޭފަރާތަށް(މުއައްމަން ލަހޫ)، ނުވަތަ އަމާންކުރެވޭ ވަގުތު ފައިދާ ލިބޭނެކަމަށް ނަންގަނެވިފައިވާ އެހެން ފަރާތަކަށް، ވަކި މިންވަރެއްގެ ފައިސާ، ނުވަތަ ދާއިމީ ގޮތަކަށް ލިބޭ ވަކި މިންވަރެއްގެ ފައިސާއެއް، ނުވަތަ އެ ނުންވެސް މާލީ ބަދަލެއް، ޢަޤުދުގައި ކަނޑައެޅޭ ޙާދިސާއެއް ކުރިމަތިވުމުން، ނުވަތަ ބަޔާންކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވުމުން، ދިނުމެވެ. އަދި އެއީ އަމާންކުރެވޭމީހާ، އަމާންކުރާމީހާ އަށް، އެއްފަހަރާ ނުވަތަ ވަކިވަކިން ދައްކާ ފައިސާގެ ބަދަލެއްގެ ގޮތުންނެވެ.''

ކުވައިތުގެ މަދަނީ ޤާނޫނުގެ މާއްދާ 773، ސޫރިޔާގެ މަދަނީ ޤާނޫނުގެ މާއްދާ 713، ލީބިޔާގެ މަދަނީ ޤާނޫނުގެ މާއްދާ947، ޢިރާޤުގެ މަދަނީ ޤާނޫނުގެ މާއްދާ983 ގައިވެސް، އަމާންކުރުމުގެ ތަޢާރަފަކަށް ބުނެފައި ވަނީ މި ތަޢާރަފެވެ.

މި ތަޢާރަފުން، އަމާންކުރުމުގެ ރުކުންތަކާއި، އަމާންކުރާމީހާ އާއި އަމާންކުރެވޭމީހާއާ ދެމެދު އޮންނަ ގުޅުން އެބަ ސާފުކޮށްދެއެވެ. ހަމަ އެހެންމެ މި ދެމެދުގައި އޮންނަ ގުޅުމަކީ ބަދަލު ދިނުމުގެ ޢަޤުދެއްކަން (ޢަޤްދު މުޢާވަޟާ /Commutative contract) ވެސް އެބަ އެނގެއެވެ. އަދި އަމާންކުރުމުން ފަހުން ލިބޭ ފައިސާ އަކީ ''ބައިތަކުގެ'' (އަޤްސާޠު/ Premium) ބަދަލުގައި ދޭ އެއްޗެއްކަން ވެސް އެބަ އެނގެއެވެ. ނަމަވެސް މި ތަޢާރަފުގައި، ތައުމީން ގެ ފަންނީ އަސާސްތަކުގެ މުހިއްމު ކަމާ އެކު ވެސް، އޭގެ މައްޗަށް އަލި އަޅުވާފައި ނެތެވެ. އެހެންވެ ވަރަށް ގިނަ މީހުން އިޢްތިމާދުވާ ތަޢާރަފް އަކީ ފަރަންސޭސި ޢިލްމުވެރިއެއް ކަމުގައިވާ ހެމާރް ކޮށްފައިވާ ތަޢާރަފެވެ. އެއީ އަމާންކުރުމަކީ: ''ބައިތައް ދެއްކުމުގެ ބަދަލެއްގެ ގޮތުން، ޢަޤުދުގެ ދެފަރާތުން ކުރެ އެއްފަރާތް ކަމުގައިވާ އަމާންކުރެވޭފަރާތަށް ނުވަތަ އެހެން ފަރާތެއްގެ ފައިދާއަށް، ޢަޤުދުގެ ދެވަނަ ފަރާތް ކަމުގައިވާ އަމާންކުރާފަރާތް، ވަކި ނުރައްކަލެއް ކުރިމަތިވުމުން، ކަނޑައެޅޭ ފައިސާއެއް ދައްކަން އެއްބަސްވުމެވެ. އަދި އެއީ ފަހުން މިބުނި ފަރާތުގެ ކޮނޑުގައި އެތަކެއް ނުރައްކަލެއްގެ ޒިންމާ އަޅައި، ތަފާސްހިސާބުގެ ޤާނޫނޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ކަމެކެވެ.''

ފަހުން މި ބުނެވުނު ތަޢާރަފް ފެތެނީ ''ވިޔަފާރި އަމާންކުރުން'' ނުވަތަ ސާބިތު ބައިތައް(Fixed Premium) ދައްކައިގެން ކުރެވޭ އަމާންކުރުމޭ ބުނެވޭ ވައްތަރަށެވެ.

އަދި ފަހުން ''ބައިވެރިވާ އަމާންކުރުން'' (ތައުމީން އައްތަޢާވުނީ) އަދި އިސްލާމީ މިންގަނޑުތަކަށް ފެތޭ އަމާންކުރުމުގެ ތަޢާރަފެއް، އެއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ގެންނާނެމެވެ. މި ތިންވައްތަރުގެ އަމާންކުރުން ވެސް ޝާމިލްވާ ޢާއްމު ތަޢާރަފެއް ގެންނައްޏާ މި ގޮތަށް އަހަރެމެންނަށް، އަމާންކުރުމުގެ މާނަ ކުރެވިދާނެއެވެ.

އެއީ: ''ކުރިމަތިވާ ގެއްލުންތަކާއި އޭގެ އަސަރު އެކަކަށް ވުރެ ގިނަ ބައެއްގެ މެދުގައި ބަހާލަން، ދެ ފަރާތް ނުވަތަ އެއަށް ވުރެ ގިނަ ފަރާތެއްގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަކީ އެއީ، ބަދަލުދީގެން ކުރެވޭ އެއްބަސްވުމަކަށް، ނުވަތަ ހަމަހިލޭ ކުރެވޭ އެއްބަސްވުމަކަށް، ވެސް ވެދާނެއެވެ.''

އަމާންކުރުމުގެ ޤާނޫނީ ހައިސިއްޔަތާއި އަދި އޭގެ ޚާއްޞަ ސިފަތައް:

އަމާންކުރުމުގެ ޢަޤުދު މި އަންނަނިވި ކަންތައްތަކުން ފާހަނގަ ކުރެވެއެވެ:

1- އެއީ ދެ ފަރާތުގެ ދެމެދުގައި ރުހިގެން ކުރެވޭ ޢަޤުދެކެވެ. އަދި އެ ޢަޤުދު ހެދުމަށް ވަކި ސިފައެއް ނޯވެއެވެ.

2- އެއީ، ބަދަލުދީގެން ކުރެވޭ ޢަޤުދެކެވެ. ވީމާ މި ޢަޤުދުގައި ހިލޭސާބަހަށް އެއްޗެއް ދިނުން އެއީ ވާރިދު ނުވާ ކަމެކެވެ. އަމާންކޮށްދޭ ފަރާތުން ފައިސާ ދޭން ޖެހޭނީ، އަމާންކުރެވިފައި އޮތް ގެއްލުމެއް ކުރިމަތިވުމުންނެވެ. އަދި އަމާންކުރުވާފަރާތަށް ފައިސާ ލިބޭނީ އޭނާ ދައްކަން ޖެހޭ މިންވަރުތައް ދެއްކުމުންނެވެ. އަމާންކުރުމުން ލިބޭ ފައިސާ ތިންވަނަ ފަރާތަކަށް ލިބޭ ގޮތް، އަމާންކުރުވާފަރާތް ހެދުން އެއީ، މި ޢަޤުދަކީ ބަދަލުގައި ކުރެވޭ ޢަޤުދެކޭ ނުބުނެވެންވީ ސަބަބެއް ނޫނެވެ. އެހެނީ އަހަރެމެން ވާހަކަ މި ދައްކަނީ އަސްލު ޢަޤުދު ހެދި ދެފަރާތުގެ ވާހަކައެވެ.

3- މި ޢަޤުދަކީ، ނިންމަންޖެހޭ ކަންތައްތައް ނިމުމުން، ދެ ފަރާތަށް ވެސް ލާޒިމު ޢަޤުދެކެވެ. އެގޮތުން ދެ ފަރާތުން ކުރެ ފަރާތަކަށް އޭނާ ވެފައި އޮތް އިލްތިޒާމުން ވައްކެއް ނުވެވޭނެއެވެ. ނަމަވެސް ޢަމަލީ ޢުރުފުގައި އޮންނަ ގޮތުން، އަމާންކޮށްދޭފަރާތުން، އަނެއް ފަރާތަށް ވަކި މުއްދަތެއް ކުރިން އެންގުމަށް ފަހު، އަމާންކުރުމުގެ ޢަޤުދު (އިންޝުރެންސް ޕޮލިސީ) އުވާލެވިދާނެ ކަމަށް ކުންފުނިތަކުގެ އަމާންކުރުމުގެ ޕޮލިސީގައި ކުރީއްސުރެ އެއްބަސްވެވެއެވެ.

4- މިއީ، ވަކި މުއްދަތަކަށް ވެވޭ ޢަޤުދެކެވެ. އެގޮތުން، ޒަމާނަކީ މި ޢަޤުދުގެ އަސާސީ އެއްޗެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. އަމާންކޮށްދޭ ފަރާތުން ގެއްލުން ތަޙައްމަލު ކުރާނީ ވަކި ތާރީޚަކުން ފެށިގެން ގޮސް ވަކި މުއްދަތެއް ވަންދެނެވެ.

5- މިއީ އޭގެ އަސްލުގައި މަދަނީ ޢަޤުދެކެވެ. ނަމަވެސް އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ސިފައިގައި މި ޚިދުމަތް ދެންޏާ، މި ޢަޤުދަކީ ވިޔަފާރި ޢަޤުދަކަށް ވެއެވެ. އެ ގޮތުން އެ ކުންފުނި ކުރާ ހުރިހާ ކަމަކީ ވެސް ވިޔަފާރި ޢަމަލުތަކެކެވެ. ނަމަވެސް ''ބައިވެރިވާ އަމާންކުރުން'' އެއީ ވިޔަފާރި ޢަމަލެއް ނޫނެވެ. އެހެނީ މި ކުންފުނިތަކަކީ ވިޔަފާރި ކުންފުނިތަކެއް ނޫނެވެ. އަދި އެ މީހުންގެ މައިގަނޑު ލަނޑު ދަނޑިއަކީ ފައިދާ ހޯދުމެއް ވެސް ނޫނެވެ. ނަމަވެސް ކުވައިތުގެ ވިޔަފާރި ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައި ވަނީ، އަމާންކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ވިޔަފާރި މަސައްކަތްތަކެއް ކަމަށެވެ. މިއީ މަދަނީ ކަމެއްތޯ ނުވަތަ ވިޔަފާރި ކަމެއްތޯ ކަނޑައެޅުމުގައި އޮތް ފައިދާއެއް އޮތީ، މައްސަލަ ބަލަން ޖެހޭ ކޯޓު ކަނޑައަޅަން އެނގުމާއި، ދަޢްވާ އުފުލުމުގެ ކަންތައްތައް ދެނެގަނެވުމެވެ.

6- މިއީ ބޯ ލެނބުމުގެ ޢަޤުދެކެވެ. މާނައަކީ، މި ޢަޤުދު ޤަބޫލު ކުރުމަކީ، އެއީ ހުށައަޅާ ފަރާތުން ހުށައަޅާފައިވާ ޝަރުޠުތަކާ މެދު އިތުރު ވާހަކައެއް ދެއްކުމެއް ނެތި، ޤަބޫލުކުރަންޖެހޭ ޢަޤުދެކެވެ. މި ސަބަބަށްޓަކައި، ޤާނޫނުތައް ހަދާ އިރު، ޢަޤުދުގެ ބަލި ފަރާތް ޙިމާޔަތް ކުރުމަށްޓަކައި، ޚާއްޞަ ކަންތައްތަކަކާއި ޝަރުޠުތަކެއް ޤާނޫނުތަކުގައި ހިމަނާފައި ވެއެވެ. އަދި ޤާނޫނުގެ ނައްޞުތައް ތަފްސީރު ކުރާ އިރު ތަފްސީރު ކުރެވެނީ ވެސް، އަމާންކުރުމުގެ ޚިދުމަތް ލިބިގަތް ފަރާތުގެ މަސްލަހަތަށެވެ. އަދި އަމާންކޮށްދޭފަރާތުން ޢަޤުދުގެ ނައްޞަކާ ޚިލާފުވެވޭނީ ވެސް، އޭގައި ޚިދުމަތް ލިބިގަތް ފަރާތުގެ މަސްލަހަތު އޮތިއްޔާއެވެ.

7- އެއީ ޣަރަރު ޢަޤުދެކެވެ. އެހެންވެ، ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް، ދެ މީހުން ކުރެ މީހަކަށް ނޭނގެއެވެ. އަދި ޢަޤުދުގެ ދެ ފަރާތުން، ކުރަން ޖެހޭ ކަންތައް ކުރުން ހުއްޓިފައި އޮންނަނީ މި ''ޣަރަރް'' އޮތުމުގެ މައްޗަށެވެ. އަދި ހާދިސާއެއް ކުރިމަތިވުމުން ލިބޭނެ މިންވަރަކީ ވެސް ޣަރަރު ހިމެނޭ އެއްޗެކެވެ. އަދި އެ ލިބޭނެ ވަގުތަކީ ވެސް ޣަރަރް ހިމެނޭ އެއްޗެކެވެ. މިހެންވެ، މިޞްރު މަދަނީ ޤާނޫނުގެ ހަތަރުވަނަ ބާބަކީ، ''ޣަރަރް ޢަޤުދު'' މި ނަމުން ނަން ދީފައިވާ ބާބެކެވެ. އަދި އެ ބާބުގެ ފުރަތަމަ ފަޞްލުގައި ހިމަނާފައި ވަނީ ޖުވާކުޅުމާއި ބާޖީމެރުމުގެ ޙުކުމްތަކެވެ. އަދި ތިންވަނަ ފަޞްލުގައި ހިމަނާފައި ވަނީ ''އަމާންކުރުމުގެ ޢަޤުދު" އެވެ.

8- އެއީ ނިޔަތް ރަނގަޅު ކަމަށް ބަލައި ކުރެވޭ ޢަޤުދެކެވެ. ނިޔަތް ރަނގަޅު ކަމަށް ބެލުމަކީ، ހުރިހާ ޢަޤުދުތަކަކަށް ވެސް ފެތޭ ޢާއްމު އުސޫލެކެވެ. ނަމަވެސް އަމާންކުރުމުގެ ޢަޤުދުގައި، މިކަން އޮންނަލެއް ބޮޑުވެފައި އަދި ޢަޤުދު ކުރުމުގެ މުހިއްމު ދައުރެއް ''ނިޔަތް ރަނގަޅުވުން'' ކުޅެއެވެ. އެގޮތުން އަމާންކުރުވާމީހާ ދޭ މަޢްލޫމާތުތަކަކީ ތެދު މަޢްލޫމާތެއް ކަމަށާއި އަދި އޭނާގެ ނިޔަތް ރަނގަޅު ކަމަށް އަމާންކޮށްދޭ ފަރާތް ބަލައެވެ. ޢަޤުދު ފައްޓާ އިރު ވެސް އަދި ޢަޤުދު ތަންފީޒު ކުރާ އިރު ވެސް މި ކަމަށް ބެލެއެވެ.

އަމާންކުރުމުގެ ޢަޤުދު އެކުލެވިގެންވާ އަސާސީ ކަންތައް:

މިތާ އަހަރެމެން ވާހަކަ ދައްކާނީ، އަމާންކުރުމުގެ ޢަޤުދެއްގައި އެކުލެވިގެންވާ އަސާސީ ކަންތައްތަކާ ބެހޭ ގޮތުންނެވެ. އެއީ ތިން ކަމެކެވެ. އެއީ: ނުރައްކާ، ބައިތައް، އަދި ލިބޭ ފައިސާ އެވެ.

އެކެއް: ނުރައްކާ

އަމާންކުރުމުގެ ބާބުގައި ''ނުރައްކާ'' ގެ މާނައަކީ: ''ދެ ފަރާތުން ކުރެ ފަރާތެއްގެ އިރާދައަކާ ނުލާ، ކުރިމަތި ވެދާނެ ހާދިސާއެއް ނުވަތަ ގެއްލުމެކެވެ.''

ނުރައްކަލުގެ ޝަރުޠުތައް:

1- ނުރައްކަލަކީ ވަކި ގޮތެއް ކަނޑައެޅިގެން އެނގޭ ކަމަކަށް ވެގެން ނުވާނެއެވެ. މާނައަކީ އެ ވާންޖެހޭނީ ''ޔަޤީން ނޫން'' އަދި ''މުސްތަޙީލް ނޫން'' ކަމަކަށެވެ.

ނުރައްކާ ޔަޤީން ނުވުމުގެ މާނައަކީ، ސީދާ އެ ހާދިސާ އެއީ ކުރިމަތިވާނެ ކަމެއްކަން ޔަޤީން ނުވުމެވެ. ގެއްލުންތަކަށް އަމާންކުރުމުގައި ބަލަނީ މި ނުކުތާއަށެވެ.

ނުވަތަ އެ ނުރައްކަލެއް، ހާދިސާއެއް ކުރިމަތިވާނެ ވަގުތެއް ޔަޤީން ނުވުމެވެ. ޙަޔާތް އަމާންކުރުމުގައި ބަލަނީ މި ނުކުތާއަށެވެ. އެނގޭނެ ފަދައިން މަރުވުމަކީ ވާނެކަން ޔަޤީން ކަމެކެވެ. ނަމަވެސް ޔަޤީން ނުވަނީ މަރުވާނެ ވަގުތެކެވެ.

ނުރައްކާ ''މުސްތަޙީލް ނޫން'' ކަމަކަށް ވާން ޖެހެއޭ ބުނުމުގެ މާނައަކީ، އަމާންކުރެވޭ ކަމަކީ ވުން މުސްތަޙީލު ކަމަކަށް ނުވުމެވެ. އެހެނީ، ވުން މުސްތަޙީލު ކަމަކަށް އަމާންކޮށްފިއްޔާ އެއީ ބާޠިލް ޢަޤުދެކެވެ.

2- ނުރައްކަލަކީ، ޢަޤުދުގެ ދެ ފަރާތުން ކުރެ ފަރާތެއްގެ ފުރިހަމަ އިރާދައާ ގުޅިފައިވާ ކަމަކަށް ވެގެން ނުވާނެއެވެ. ސަބަބަކީ އަމާންކުރުމުގެ އަސާސަކީ، ކަމެއް ވެދާނެ ކަމުގެ އިހުތިމާލެއް އޮތުމެވެ. ނަމަވެސް އެ ނުރައްކާ ވުމާ ނުވުން، ޢަޤުދުގެ ދެ ފަރާތުން ކުރެ ފަރާތެއްގެ އަތް ދަށުގައި ވާނަމަ، މި ސިފަ ގެއްލިދިޔައީއެވެ. ވީމާ ޢަޤުދު އެއީ ޞައްޙަ ޢަޤުދަކަށް ނުވާނެއެވެ. މި މޭރުމުން މިޞްރު މަދަނީ ޤާނޫނުގެ 768/2 ގައި ބުނަނީ: ''ނަމަވެސް އަމާންކުރެވޭފަރާތް، ގަސްދުގައި ނުވަތަ މަކަރު ހަދައިގެން ދޭ ގެއްލުމަކީ، އަމާންކުރާފަރާތް މަސްއޫލުވާންޖެހޭ ކަމެއް ނޫނެވެ.''

ވީމާ އަމާންކުރެވޭފަރާތް، ގެއްލުން ދިނުމުގެ ބޭނުމުގައި ގަސްދުގައި ކުރާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުންތައް، އެއީ އަމާންކޮށްދިން ފަރާތުން ޒިންމާވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އަމާންކުރެވޭފަރާތުގެ އަތެއް ނެތި އެހެން މީހަކު ގަސްދުގައި ކުރާ ކަމަކުން، ލިބިދާނެ ގެއްލުންތައް އެއީ އަމާންކުރުން ހުއްދަ ކަމެކެވެ.

3- އަމާންކުރެވޭ ނުރައްކަލަކީ އެއީ ޤާނޫނުގައި ހުއްދަ ކަމަކަށް ވާންޖެހެއެވެ. މި މޭރުމުން މިޞްރު މަދަނީ ޤާނޫނުގެ 749 ވަނަ މާއްދާގައި ބުނަނީ: ''ނުރައްކާ ކުރިމަތި ނުވުމުން، މީހަކަށް އެއިން ހުއްދަ އިޤްތިޞާދީ މަޞްލަޙަތެއް ލިބޭ ކޮންމެ ކަމަކީ، ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަމާންކުރުން ހުއްދަ ކަމެކެވެ.'' ވީމާ ޢާއްމު ނިޒާމާ ޚިލާފު ކަންތައްތަކުން ވާ ނުރައްކަލަކީ އަމާންކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކަށް މަސްތުވާތަކެތި ވިއްކައިގެން ލިބިދާނެ ނުރައްކަލެއް އަމާންކުރުން ހުއްދައެއް ނުވާނެއެވެ. ނުވަތަ ވިޔަފާރީގައި މަކަރު ހަދައިގެން އުފުލަން ޖެހޭ ޖިނާއީ މަސްއޫލިއްޔަތު އެއީ އަމާންކުރެވޭނެ ކަމެއް ނޫނެވެ.

ނުރައްކަލުގެ ބާވަތްތައް:

1- ސާބިތު ކަމާ ބަދަލުވުމަށް ބަލާއިރު، އަމާންކުރެވޭ ނުރައްކާތައް ބެހެނީ، ސާބިތު ނުރައްކަލަށާއި ބަދަލުވާ ނުރައްކަލަށެވެ. ސާބިތުވުމާއި ބަދަލުވުމަކީ އެއީ ނިސްބީ ކަމަކެކެވެ. ވީމާ، ނުރައްކާ ކުރިމަތިވުމުގެ އިހުތިމާލު އަބަދު އެއްވަރަކަށް ސާބިތުކޮށް އޮންނަ ނުރައްކަލެއް ނުހުރެއެވެ. އަނެއްކޮޅުން ދިމާވާ ވަގުތީ ކަމެއްގެ ސަބަބުން، ނުރައްކާތައް ބައެއްފަހަރު ނިސްބަތުން ސާބިތުކޮށް ވެސް ހުރެއެވެ.

އެހެން ވީމާ ސާބިތު ނުރައްކަލަކީ އެއީ، އަމާންކުރެވޭ މުއްދަތު ތެރޭގައި ނުވަތަ ވަކި ކަނޑައެޅޭ މުއްދަތެއް ވަންދެން، ނުރައްކާ ކުރިމަތިވުމުގެ އިހުތިމާލު އެއްވަރަކަށް ސާބިތުވެ ހުންނަ ނުރައްކާތަކެވެ. އަލިފާނުން އަމާންކުރުން އެ ވާނީ ސާބިތު ނުރައްކަލަކުން އަމާންކުރުން ކަމަށެވެ. ސަބަބަކީ، އަލިފާން ރޯވުމަކީ، ވުން އަބަދުވެސް އެއްވަރަކަށް އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ، ވައްކަމުން އަމާންކުރުމާއި، ދަނޑުގޮވާން ހަލާކުވުމުން އަމާންކުރުމާއި، ފެންބޮޑުވުމުން އަމާންކުރުމާއި، މަގުމަތީ ހާދިސާތަކުން އަމާންކުރުމަކީ ވެސް ޖުމްލަކޮށް ބަލަންޏާ ސާބިތު ނުރައްކާތަކެކެވެ.

ބަދަލުވާ ނުރައްކަލަކީ، އަމާންކުރެވޭ މުއްދަތު ތެރޭގައި ނުވަތަ ވަކި ކަނޑައެޅޭ މުއްދަތެއް ވަންދެން، ނުރައްކާ ކުރިމަތިވުމުގެ އިހުތިމާލު މައްޗަށް ގޮސް ތިރިއަށް ގޮސް ވާ ނުރައްކަލެވެ. މިސާލަކަށް ބަލަންޏާ، މަރުވާ ޙާލަތަށް ޙަޔާތް އަމާންކުރާ އިރެވެ. އެހެނީ ޢުމުރުގެ ކުރީ ކޮޅު މަރުވުމުގެ ނުރައްކާ އޮންނަ މިންވަރާ ޢުމުރުގެ ފަހުކޮޅު މަރުވުމުގެ ނުރައްކާ އޮންނަ މިންވަރު ތަފާތެވެ. މި ހާލަތުގައި ނުރައްކާ ބަދަލުވަމުންދާނީ އިތުރުވުމަށެވެ. މިއާ ޚިލާފަށް، ދިރިހުންނަ ޙާލަތަށް ޙަޔާތް އަމާންކުރާ އިރު، ނުރައްކާ ބަދަލުވަމުންދާނީ ދަށްވުމަށެވެ.

ސާބިތު ނުރައްކަލާއި ބަދަލުވާ ނުރައްކަލާ ދޭތި ތަފާތު ކުރުމުގެ މުހިއްމުކަމަކީ، އަހަރު ދައްކާ ބައިތަކަށް (ޕްރީމިއަމް) ތަފާތު އަންނަކަމެވެ. ސާބިތު ނުރައްކަލުގައި މިންވަރު ވެސް އޮންނާނީ ސާބިތުގޮތެއްގައެވެ. ނަމަވެސް ބަދަލުވާ ނުރައްކަލުގައި މިންވަރު ދާނީ، ނުރައްކަލާ އެއްކޮޅަކަށް ބަދަލުވަމުންނެވެ.

2- ނުރައްކާ ކުރިމަތިވާ އެއްޗަށް ބަލާއިރު، އަމާންކުރެވޭ ނުރައްކާތައް ބެހެނީ، އައްޔަން ކުރެވޭ ނުރައްކަލާއި އައްޔަން ނުކުރެވޭ ނުރަކަލަށެވެ. އައްޔަން ކުރެވޭ ނުރައްކާ ކުރިމަތިވާ އެއްޗެއް، ޢަޤުދު ކުރެވޭ ވަގުތު އޮންނާނީ ކަނޑައެޅިފައެވެ. މިސާލަކަށް ޙަޔާތް އަމާންކުރުން އަދި އަލިފާނުން އަމާންކުރުމެވެ.

އައްޔަން ނުކުރެވޭ ނުރައްކަލަކީ، ޢަޤުދު ކުރެވޭ ވަގުތު ނުރައްކާ ކުރިމަތިވާ ވަކި އެއްޗެއް އައްޔަން ކުރެވިފައި ނުވާ ނުރައްކަލެވެ. މިސާލަކަށް ކާރު އަމާންކުރުމެވެ.

މި ދެ ވައްތަރު ފަރަގުކުރުން މުހިއްމު ކަމަކަށް ވަނީ، ނުރައްކާ ކުރިމަތިވުމުން، އަމާންކޮށްދޭފަރާތުގެ މަސްއޫލިއްޔަތު ކަނޑައަޅައި، ދޭން ޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށްޓަކައެވެ. މި ގޮތުން އައްޔަން ކުރެވިފައިވާ ނުރައްކަލުގައި، ދޭން ޖެހޭ ފައިސާގެ މިންވަރު ކަނޑައަޅަން ފަސޭހަވާނެއެވެ. މިއާ ޚިލާފަށް އައްޔަން ނުކުރެވޭ ނުރައްކަލުގައި، ދޭން ޖެހޭ ފައިސާ ކަނޑައަޅަން، އަމާންކޮށްދޭ ފަރާތަށް އުނދަގޫވާނެއެވެ.

ނުރައްކާ ކަނޑައެޅުން:

މި ނުކުތާގައި އަހަރެމެން ވާހަކަ ދައްކާނީ ތިން މައްސަލައަކާ ބެހޭ ގޮތުންނެވެ. އެއީ:

ހ- ނުރައްކާ ކަނޑައަޅާ ގޮތް: ނުރައްކަލެއް ކަނޑައެޅޭނީ އޭގެ ޠަބީޢަތަކީ ކޮބައިކަން އެނގުނީމައެވެ. އަދި ނުރައްކާ ދިމާވާނެ އެއްޗެއް އެނގުނީމައެވެ. އަލިފާނަށް ކުރެވޭ އަމާންކުރުމުގައި ހިމެނޭ ނުރައްކަލުގެ ޠަބީޢަތް އެބަ އެނގެއެވެ. އެއީ އަލިފާނެވެ. އަދި އެތި ނުވަތަ ތަން ވެސް ވެސް އެބަ އެނގެއެވެ. އެއީ ގެ ނުވަތަ މުދާ ނުވަތަ އެ ނުން ވެސް އެފަދަ އެއްޗެކެވެ. ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި، ހިމެނޭ ނުރައްކަލުގެ ޠަބީޢަތަކީ، މަރުވުމެވެ. އަދި ތަންވެސް އެބަ އެނގެއެވެ. އެއީ ހަޔާތް އަމާންކުރެވޭ މީހާއެވެ.

ބ- ނުރައްކަލުގެ ބައެއް ހާލަތްތައް އިސްތިސްނާކުރުން: ދެ ފަރާތް އެއްބަސް ވެގެން، އަމާންކުރެވޭ ނުރައްކަލުން ބައެއް ހާލަތްތައް އިސްތިންސާކުރުން ހުއްދައެވެ. ނަމަވެސް މި ކަން އޮންނަން ވާނީ ވަރަށް ސާފުކޮށް، ކަނޑައެޅޭ ގޮތަކަށެވެ.

ށ- ނުރައްކާ ކަނޑައެޅޭ ޝަރުޠުތަކަކީ، ޢާއްމު ނިޒާމާ ނުވަތަ ޤާނޫނެއްގެ ނައްޞަކާ ޚިލާފު ޝަރުޠަކަށް ވެގެން ނުވާނެއެވެ.

ދޭއް: ބައިތައް(Premium) ނުވަތަ އިޝްތިރާކު ވާ މިންވަރު:

ވިޔަފާރި އަމާންކުރުމުގައި(އާދައިގެ އިންޝުރެންސް) ދައްކަން ޖެހޭ ބައިތަކަކީ، އަދި ބައިވެރިވާ އަމާންކުރުމުގައި(އިސްލާމީ ތަކާފުލް) ދައްކަން ޖެހޭ އިޝްތިރާކަކީ، އަމާންކުރެވޭފަރާތް، އަމާންކުރާފަރާތަށް (އަމާންކޮށްދޭ ކުންފުނި/ ތަކާފުލް ކުންފުނި) ދައްކާ ފައިސާއެވެ. މި ފައިސާ ދައްކަނީ އެއްފަހަރާ ނުވަތަ ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި ބައިތަކަކަށް ބަހައިގެން ވަކިވަކިންނެވެ.

ވީމާ ވިޔަފާރި އަމާންކުރުމުގައި ދައްކާ ''ބައިތައް'' އެއީ، އަމާންކުރާފަރާތް އަމާންކުރެވޭފަރާތަށް ލިބޭ ގެއްލުންތައް ތަޙައްމަލު ކުރުމުގެ ޚަރަދާއި އިތުރު ފައިދާ ލާފައި ދޭ އެއްޗެކެވެ.

މި ''ބައިތައް'' ކަނޑައެޅެނީ، Actuarial Science ގެ ބޭނުންކޮށްގެން، އޮތް ނުރައްކަލަކާއި، އެ ނުރައްކާ ކުރިމަތިވުމުގެ އިހުތިމާލު އޮތީ ކިހާވަރަކަށްތޯއާއި، ކުރިން އެ ފަދަ ނުރައްކާތައް ހިނގާފައި އޮތީ ކިހާވަރަކަށްތޯއާއި، އަދި ތަފާތު އަންދާސީ ހިސާބުތަކެއް ހަދައިގެންނެވެ.

''މިންވަރު'' ގެ އަގުތައް ކަނޑައެޅުމުގައި އެންމެ މުހިއްމު ދައުރެއް ކުޅެނީ، ''ނުރައްކާ'' އެވެ. އަދި އޭގެ އިތުރަށް، އަމާންކޮށްގެން ލިބޭ ފައިސާގެ ކުޑަ ބޮޑު މިނަކާއި، މުއްދަތަކީ ވެސް ބެލޭ ކަންތަކެކެވެ. ވީމާ ކުޑަކޮށް ނަމަވެސް މި ކަންތަކަށް އަލިއަޅުވާލާނަމެވެ.

1- ދައްކަން ޖެހޭ ''މިންވަރު'' ކަނޑައެޅުމުގައި ''ނުރައްކާ'' ކުޅޭ ދައުރު ކަނޑައެޅެނީ މި އަންނަނިވި ގޮތުގެ މަތިންނެވެ.

ހ- އިހުތިމާލު ޤާނޫނު(Probability Theory) ބޭނުންކޮށްގެން ބަލާއިރު، ނުރައްކާ ކުރިމަތިވުމުގެ އިހުތިމާލު އޮތް ކުޑަ ބޮޑު މިނަކުންނެވެ. އަދި ބޮޑު ޢަދަދު ޤާނޫނާއި(Laws Of Large Numbers)، އެ ނުރައްކަލުގެ ބަދަލުގައި މާޒީގައި ދޭން ޖެހިފައި އޮތީ ކިހާ ވަރެއްތޯއާއި އަދި އެ ޢަޤުދުގައި (ޕޮލިސީ) ބައިވެރިވެފައި ތިބީ ކިހާ މީހުންނެއްތޯ، ކުރިއާ މިހާރުގެ ތަފާސްހިސާބުތަކުން ބެލެއެވެ.

ށ- ނުރައްކަލުގެ ކުޑަ ބޮޑު މިނަކުންނެވެ. އަދި އެ ނުރައްކާ ހިނގާ ޒަމާނާއި، ތަނާއި، ވަށައިގެންވާ ކަންތައްތަކަށް މީގައި ބެލެއެވެ.

ނ- ނުރައްކަލާއި އަދި ނުރައްކަލުގެ ބާވަތާ، އަތުލާ ''ބައިތަކާ'' ގުޅޭތޯ ބަލައިގެންނެވެ.

ރ- އަމާންކުރުވާ މީހާ ހުށައަޅާ ''ނުރައްކާ'' ގެ ބަޔާނަށް ބަލައިގެންނެވެ.

2- އަމާންކޮށްދެވޭ ފައިސާގެ ކުޑަ ބޮޑު މިން ވެސް ''ބައިތައް'' ކަނޑައެޅުމުގައި ދައުރެއް ކުޅެއެވެ. ވަކިން ޚާއްޞަކޮށް މީހުންނަށް ކުރެވޭ އަމާންކުރުމާއި ޙަޔާތަށް ކުރެވޭ އަމާންކުރުމުގައެވެ.

3- ހަމަ އެހެންމެ، އަމާންކުރެވޭ މުއްދަތަކީ ވެސް، ''ބައިތައް'' ކަނޑައެޅުމުގައި ބައިވެރިވާ ކަމެކެވެ.

ވީމާ، ވިޔަފާރި އަމާންކުރުންތަކުގައި ނަމަ ''ބައިތައް'' އަދި ބައިވެރިވާ އަމާންކުރުމުގައި ނަމަ ''އިޝްތިރާކު'' ގެ ޢަދަދު ކަނޑައެޅުމުގައި އަސަރު ކުރުވާ ކަންތައްތަކަކީ، މައިގަނޑު ގޮތެއްގައި ހިސާބާ ގުޅުން ހުރި ކަންތަކެކެވެ. ނަމަވެސް ބައެއް ފަހަރު، މީގެ އިތުރަށް އަދި އިންޓްރެސްޓް ރޭޓް، އިންފްލޭޝަން ފަދަ އިޤްތިޞާދީ ކަންތައްތަކެއް ވެސް ވަދެދާނެއެވެ. ހަމަ އެހެންމެ އަމާންކޮށްދޭފަރާތުގެ ޚަރަދުބަރަދާ، ބާޒާރު އޮތް ވަރަކާ، ކުންފުނިން ފައިދާ ހޯދަން ބޭނުންވާ ކުޑަބޮޑުމިނަކީ ވެސް އަސަރު ކުރުވާ ކަންތަކެވެ.

ތިނެއް: އަމާންކުރުމުން ލިބޭ ބަދަލު:

ކުރިން ވެސް ބުނެވިފައިވާނެ ފަދައިން، އަމާންކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވެއްޖެނަ، އެ ނުރައްކަލުގެ ގެއްލުން ފޫބައްދައި ދޭނެ ކަމަށް، އަމާންކޮށްދޭފަރާތުން އިލްތިޒާމްވެއެވެ. ގެއްލުން ފޫބައްދައި ދެވޭ ވަސީލަތަކީ، އެ ފަރާތުން ދޭ ފައިސާއެވެ. ބަދަލު ދެވޭ ނުރައްކަލަކީ، ބައެއްފަހަރު އެ ނުރައްކާ އެއީ ކަނޑައެޅިގެން ކުރިމަތިވާނެ ކަމެއްކަން ނޭނގޭ ނުރައްކާތަކެވެ. މީގެ މިސާލަކީ އަލިފާނުން އަމާންކުރުމާއި ކާރު އަމާންކުރުމެވެ. އެހެނީ އަލިފާން ރޯވާނެކަން، ނުވަތަ މަގުމަތީ ހާދިސާއެއް ދިމާވާނެކަން އެއީ އެނގޭ ކަމެއް ނޫނެވެ. ނަމަވެސް އަނެއްބައި ފަހަރު، މި ނުރައްލަކީ ކުރިމަތިވާނެ ކަން ކަނޑައެޅިގެން އެނގޭ ނުރައްކަލެވެ. މީގެ މިސާލަކީ މަރުވާ ޙާލަތަށް ޙަޔާތް އަމާންކުރުމެވެ.

ބަދަލު ދެވޭ ގޮތް:

ހ- ބަދަލަކަށް ފައިސާ ދޭން އެއްބަސް ވެވޭ ހިނދު، އެއީ ނަގުދު ފައިސާ ކަމަށް ވެސް ވެދާނެއެވެ.

ށ- ދެވޭ ބަދަލަކީ އެއްޗެއްގެ ސިފައިގައި ދެވޭ ބަދަލަކަށް ވެސް ވެދާނެއެވެ. މިސާލަކަށް ބައެއް ވައްތަރުގެ އަމާންކުރުންތަކުގައި، ނަގުދު ފައިސާ ދީގެން ނުވަތަ ގެއްލުން ވި އެތި ފަދަ އެހެން އެއްޗެއް ދީގެން ނުވަތަ ގެއްލުން އިސްލާހުކޮށްދީގެން، ގެއްލުން ފޫބައްދައި ދިނުމުގައި އިޚްތިޔާރު އަމާންކޮށްދޭފަރާތަށް އޮވެއެވެ.

ނ- ބަދަލު ދެވޭ ގޮތަކީ، އެއީ އަމާންކުރެވޭފަރާތަށް ދެވޭ ޚިދުމަތެއް ކަމަށް ވެސް ވެދާނެއެވެ. މީގެ މިސާލަކީ މަސްއޫލިއްޔަތުން އަމާންކުރެވޭ (Liability Insurance) ބައެއް ހާލަތްތަކުގައި އަމާންކުރެވިފައިވާ ފަރާތާ ދެކޮޅަށް އުފުލޭ ދަޢްވާއެއްގެ ދިފާޢުގައި، ހިފުމެވެ.

އަމާންކުރުމުގެ މުހިއްމު ވައްތަރުތައް:

މި ވައްތަރުތައް މިތާ މި ގެންނަނީ ކުރު ގޮތަކަށެވެ. އަދި ފަހުން އޭގެ ޙުކުމާ ބެހޭގޮތުން ވާހަކަ ދައްކާނަމެވެ. ތަފާތު ގޮތްގޮތަށް ބަލާފައި ތަފާތު ވައްތަރުތަކަކަށް، އަމާންކުރުން ބެހިފައިވެއެވެ. އަމާންކުރުމުގެ ޠަބީޢަތަށާއި އަދި އެކަން ހިންގުމަށް އަސަރު ކުރުވާ އަސާސީ ކަންތަކަށް ބަލާއިރު ބެހިގެންވަނީ، ސާބިތު ބައިތަކެއް (Fixed Premium) ދައްކާ ''ވިޔަފާރި އަމާންކުރުން'' އަދި ސާބިތު ނޫން ބައިތަކެއް -ޢާއްމު ގޮތެއްގައި- ނަގާ ''ބައިވެރިވާ އަމާންކުރުން'' އަށެވެ.

އަމާންކުރެވޭ ތަނަށް ބަލަންޏާ، އަމާންކުރުން ބެހިދާނެ ވައްތަރުތަކަކީ، ކަނޑުގެ އަމާންކުރުމާއި، ޖައްވުގެ އަމާންކުރުމާއި، އެއްގަމުގެ އަމާންކުރުމެވެ. އަދި އޭގެ ލަނޑުދަނޑިއަށް ބަލަންޏާ، ގެއްލުންތަކަށް އަމާންކުރުމާއި، މީހުންނަށް އަމާންކުރުމެވެ.

އޭގެ ޠަބީޢަތަށް ބަލަންޏާ:

އަމާންކުރުމުގެ ޠަބީޢަތަށް ބަލަންޏާ، އެ ބެހިގެން ދަނީ މި ބައިތަކަށެވެ:

1- ސާބިތު ބައިތަކެއް ދައްކާ އަމާންކުރުން (ވިޔަފާރި އަމާންކުރުން) :

މިއީ ހިއްސާ ކުންފުންޏަކުން ނުވަތަ އެ ނުން ވެސް އެފަދަ ބޮޑު ކުންފުންޏަކުން، ކޮށްދޭ އަމާންކުރުމެވެ. މީގެ މައިގަނޑު ބޭނުމަކަށް ވެފައި އޮންނާނީ، ފައިދާ ހޯދުމެވެ. އެ ހޯދާ ގޮތަކީ، ކުރިމަތިވާ ނުރައްކާތަކައް ފޫބައްދާދޭނެ ކަމުގެ ޒިންމާ ކޮނޑުގައި އެޅުމުގެ ބަދަލެއްގެ ގޮތުން، އަމާންކޮށްދެވާ ފަރާތްތަކުން ''ބައިތައް'' އަތުލައެވެ. އަދި މި ބައިތަކުގެ ތެރެއިން ނަގާފައި، ކުރިމަތިވާ ނުރައްކާތަކަށް ބަދަލު ދެއެވެ. ނަމަވެސް މި ނުރައްކާތަކަށް ކުންފުނިން ދޭ ޖުމްލަ ޢަދަދާއި، ބައިތަކުން ލިބޭ ޢަދަދު އަޅާކިރާ އިރު ބުރަވާނީ ކުންފުނިކޮޅަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކުންފުނީގެ ދޮރުން ވަންނަ ޢަދަދު ދޮރުން ނުކުންނަ ޢަދަދަށް ވުރެ ގިނައެވެ. ވީމާ މިއީ ކުންފުނީގެ ފައިދާއެވެ. އަދި މި ފައިދާއަކީ އަމާންކުރުން ހޯދައިގެން ތިބި މީހުންނާ އެއްވެސް ހާލެއްގާ ހިއްސާ ވެވޭނެ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ކުންފުނީގެ އެއްޗެކެވެ.

މި އަމާންކުރުން ވަރަށް ގިނަ ވައްތަރުތަކަކަށް ބެހިގެން ގޮސްފައިވެއެވެ. އިރާދަ ކުރެއްވިއްޔާ، އޭގެ ތަފްޞީލު ފަހުން އެބަ ގެންނަމެވެ.

2- ބައިވެރިވާ އަމާންކުރުން:

އެއީ، ގިނަ ބައެއް ވެގެން، އެ މީހުންގެ ތެރެއިން މީހަކަށް ދިމާވެދާނެ ނުރައްކަލެއްގެ ގެއްލުން ފޫބައްދައި ދިނުމުގެ ބޭނުމުގައި، ހަމަހިލޭ ދޭ ފައިސާތަކެއް ވަކި ފަންޑަކަށް ޖަމާކޮށްގެން، އެ ފައިސާއިން ގެއްލުންތައް ފޫބައްދައި ދިނުމެވެ. މިސާލަކަށް ބާޒާރެއްގެ ވިޔަފާރިވެރިންތަކެއް، އެ ބާޒާރު ފިހާރައެއް އަނދައި ކަމެއް ދިމާވެއްޖެ ހާލަތެއްގައި، އެ ވިޔަފާރިވެރިއާއަށް އެހީތެރިވެދިނުމުގެ ބޭނުމުގައި ފައިސާތަކެއް ޖަމާކޮށްފައި ބެހެއްޓުމެވެ. ކޮންމެ މީހަކީ ވެސް އެ މީހަކު ދައްކަން ޖެހޭ އިޝްތިރާކު ދައްކާ މީހެކެވެ. އަދި ކޮންމެ މީހަކީ ވެސް އެ ފައިސާއިން އެހީ ލިބުން ޙައްޤު މީހެކެވެ. އަދި މި ފައިސާއަކީ ހުރިހާ އެންމެންގެ މިލްކެކެވެ.

އޭގެ ތަނަށް ބަލަންޏާ:

އަމާންކުރެވޭ ތަނަށް ބަލަންޏާ، އަމާންކުރުން ބެހިދާނެ ވައްތަރުތަކަކީ، ކަނޑުގެ އަމާންކުރުމާއި، ޖައްވުގެ އަމާންކުރުމާއި، އެއްގަމުގެ އަމާންކުރުމެވެ.

ކަނޑުގެ އަމާންކުރުމަކީ: އޮޑި ދޯނިފަހަރާއި ބޯޓުފަހަރު، އަދި ކަނޑާއި ކޯރުތަކުން ގެންދެވޭ މުދާތައް އަމާންކުރުމެވެ.

ޖައްވުގެ އަމާންކުރުމަކީ: ވައިގެ ދަތުރުފަތުރުކުރުމުގައި އުދުހޭބޯޓަށް ނުވަތަ އެއިން ދަތުރުކުރާ މީހުންނަށް ނުވަތަ މުދަލަށް ނުވަތަ ބޯޓުގެ ސަބަބުން ބިމުގައި ތިބި ބަޔަކަށް ލިބިދާނެ ގެއްލުތައް ފަދަ ގެއްލުންތަކުން އަމާންކުރުމެވެ.

އެއްގަމުގެ އަމާންކުރުމަކީ: އެއީ ކަނޑާއި ޖައްވުގެ އަމާންކުރުންތަކުގެ ތެރޭގައި ނުހިމެނޭ ވައްތަރުތައް ޝާމިލުވާ އަމާންކުރުމެވެ.

ލަނޑުދަނޑިއަށް ބަލަންޏާ :

އަމާންކުރުމުން ލިބޭ ފައިސާގެ ލަނޑުދަނޑިއަށް ބަލަންޏާ އަމާންކުރުން ބެހިގެން ވަނީ، ގެއްލުންތަކަށް އަމާންކުރުމާއި، މީހުންނަށް އަމާންކުރުމަށެވެ.

1- ގެއްލުންތައް އަމާންކުރުމަކީ: އެއީ އޭގެ ބޭނުމަކީ، އަމާންކުރެވިފައިވާ ނުރައްކަލެއް ކުރިމަތި ވާހިނދު، އަމާންކުރުވާ ފަރާތަށް ލިބޭ ގެއްލުން ފޫބެއްދުން ކަމަށް ވާ، އަމާންކުރުމެވެ. އަދި މި ވައްތަރު އިތުރު އެހެން ދެ ވައްތަރަކަށް ކަފިވެއެވެ. އެއީ:

ހ- އެއްޗެހި އަމާންކުން. މީގައި އަމާންކުރުވާމީހާ ގެ ބޭނުމަކަށް ވެފައި އޮންނާނީ، އޭނާގެ ޒިންމާގައި އެޅިދާނެ މާއްދީ ގެއްލުންތަކެއް ފޫބެއްދުމެވެ. މިސާލަކަށް އަލިފާނުން އަމާންކުރުން، ވައްކަމުން އަމާންކުރުން، އަދި ގޮވާން ހަލާކުވުމުން އަމާންކުރުމެވެ. މި ބައިގެ ތެރެއަށް މި ފަހަކަށް އައިސް ވަން ވައްތަރުތަކުގެ ތެރޭގައި، ބޭރު ޤައުމެއްގައި ކުރެވޭ މޭވާކުރުންތައް (Investment) ދައުލަތުގެ އެއްޗަކަށް ހެދުމުގެ ނުރައްކަލުން އަމާންކުރުމާއި، ބަނގުރޫޓުވުމުގެ ނުރައްކަލުން އަމާންކުރުންފަދަ އާ ކަންތައްތަކެއް ހިމެނެއެވެ.

ށ- މަސްއޫލިއްޔަތުން އަމާންކުރުން. މީގެ މާނައަކީ މީހަކު ކުށެއް ކުރުމުން އެ މީހާ ބަރީއަވުމެއް ނޫނެވެ. އެކަމަކު މާނައަކީ، އަމާންކުރުވާފައި ހުންނަފަރާތެއްގެ ސަބަބުން އެހެން ފަރާތަކަށް ލިބޭ ގެއްލުން، އަމާންކޮށްދޭ ކުންފުނިން އުފުލުމެވެ. މީގެ އެންމެ ޢާއްމު މިސާލަކީ، މަގުމަތީ ހާދިސާތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަށް ފައިސާ ދެއްކުމެވެ. މިސާލަކަށް އަހަރެން ކާރެއް ދުއްވާފައި ދަނިކޮށް މީހެއްގެ ގައިގައި ޖެހި އޭނާގެ ފައި ބިނދުނީމާ އެއީ އަހަރެން މަސްއޫލުވާންޖެހޭ ކަމެކެވެ. އޭނާއަށް ފަރުވާކޮށް، ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. ނަމަވެސް އަހަރެން މަސްއޫލިއްޔަތުން އަމާންކޮށްފައި ހުރިއްޔާ، ކުންފުނިން އެ ޚަރަދުތައް އޭނާއަށް ދޭނެއެވެ. ޑޮކްޓަރަކު ނުވަތަ ރާނާ މީހަކު ވެސް އޭނާ ކުރި މަސައްކަތުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިގެން، ދަޢްވާ އުފުލާ ބަދަލު ހޯދަން އުޅެފާނެ ކަމުގެ ބިރަށް، މަސްއޫލިއްޔަތުން އަމާންކޮށްފާނެއެވެ. އަދި މި ނުންވެސް އެތަކެއް މިސާލުތަކެއް ހުރެއެވެ. ގަސްތުގައި ކުރާ ކަންތަކުން އުފުލަންޖެހޭ މަސްއޫލިއްޔަތު، އެއީ ކުންފުނިތަކުން އަމާންކޮށްދޭ އެއްޗެއް ނޫނެވެ.

2- މީހުންނަށް އަމާންކުރުން.

މަޞްލަޙަތު ހުރި ފަރާތަށް ބަލަންޏާ:

އަމާންކުރުމުން އޭގެ މަޞްލަޙަތު ހުރީ ކޮން ބަޔަކަށްތޯ ބަލަންޏާ، އެ ބެހިގެން ވަނީ: ފަރުދުންނަށް ކުރެވޭ އަމާންކުރުމާއި، މުއައްސަސާތަކަށް ކުރެވޭ އަމާންކުރުމާއި، އިޖްތިމާޢީ އަމާންކުރުމެވެ.

އެކަނި ފަރުދީކޮށް ކުރާ އަމާންކުރުމުގެ ބޭނުމަކަށް ވެފައި އޮންނާނީ އޭނާގެ އަމިއްލަ މަޞްލަޙަތެއް ހިމާޔަތްކޮށް، މުސްތަޤްބަލުގައި ދިމާވެދާނެ ކަމަކުން ރައްކާތެރިވުމެވެ. އަދި މިއީ އުސޫލެއްގެ ގޮތުން ބަލަންޏާ، އިޚްތިޔާރީ އަމާންކުރުމެކެވެ. އަދި ދައްކަން ޖެހޭ މިންވަރުތައް ދައްކާނީ ވެސް އޭނާ އަމިއްލައަށެވެ.

ދެން އިޖްތިމާޢީ އަމާންކުރުމުގެ ބޭނުމަކަށް ވެފައި އޮންނަނީ. ޢާއްމު މަސްލަޙަތެއް ޙިމާޔަތް ކުރުމެވެ. މިސާލަކަށް މަސައްކަތު މީހުންގެ ގިންތީގެ މީހުން ޙިމާޔަތް ކުރުމެވެ. އެ ގޮތުން ދައުލަތާއި، މަސައްކަތުގެ ވެރިން މަސައްކަތު މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން އަމާންކުރުމަށް، އެހީތެރިވެއެވެ. އަދި ސަރުކާރުން އެކަން މަޖްބޫރު ކުރެއެވެ. ހަމަ އެހެންމެ، މީގައި މިންވަރުތައް ދެއްކުމުގެ ބުރަ އުފުލަން ޖެހެނީ މަސައްކަތު މީހާ އެކަންޏެއް ނޫނެވެ. އޭނާގެ އިތުރަށް ދައުލަތުން ނުވަތަ މަސައްކަތުގެ ވެރިން، އޭގައި ބައިވެރިވެއެވެ.

އިޖްތިމާޢީ އަމާންކުރުމުގައި ފާހަނގަކުރެވޭ ކަމަކީ، އެއީ މަސައްކަތު މީހުންގެ މަޞްލަޙަތައް ދައުލަތުން ކުރާކަމެއް ކަމެވެ. އަދި އެއީ ފަރުދުންނަށް އޭގެ އިޚްތިޔާރު ނޯންނަ މަޖްބޫރު ކަމެއް ކަމެވެ. އަދި އެއީ އާދައިގެ ވިޔަފާރި އަމާންކުރުމާ ތަފާތު ޤާނޫނުތަކެއްގެ ދަށުން އިންތިޒާމުވެގެން ހިނގާ ކަމެއް ކަމެވެ. އަދި އެއީ ފައިދާއެއް ހޯދައިގަތުން އޭގެ ފަހަތުގައި ވާކަމެއް ނޫނެވެ. އެހެންވެ މި ވައްތަރުގެ އަމާންކުރުމަކީ، މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާގެ ދެވަނަ ބައްދަލުވުމުގެ ޤަރާރުތަކުގެ ތެރެއިން ޤަރާރެއްގައި ވެސް، އެއީ ހުއްދަ ކަމެއް ކަމަށް ބުނެފައިވާ ވައްތަރެކެވެ. (ސަރުކާރު ޕެންޝަން ނިޒާމާއި، އަދި ބައެއް ޤައުމުތަކުގައި އެއާ އެއްފަދަ ގޮތަކަށް ހިންގާ އިޖްތިމާޢީ ޙިމާޔަތާއި، އަދި އަނެއްބައި ޤައުމުތަކުގައި އެފަދަ ގޮތަކަށް ހިންގާ އިޖްތިމާޢީ އަމާންކުރުމަކީ، މިއީ ހައްތާވެސް ހުއްދަ ކަންތަކެވެ.) ސަބަބަކީ އެއީ ހެޔޮކަންތަކަށް އެހީތެރިވެ، ބައިވެރިވުމުގެ މަޤްޞަދުގައި ހިންގޭ ކަންތަކަށް ވާތީއެވެ. މިއީ އިސްލާމްދީނުގެ ވަރަށް ގިނަ ނައްޞުތަކުން އަމުރުކޮށްފައިވާ ކަމެވެ. އަދި މިއީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދާއި އެއްގޮތް ކަންތަކެކެވެ.

އިޖްތިމާޢީ އަމާންކުރުމުގެ ވައްތަރުތަކެއް ހުރެއެވެ. އެއީ:

1- ޕެންޝަން ނިޒާމު: އެއީ މުވައްޒަފެއް ވަކި ޢުމުރަކަށް ދިޔައިމާ ނުވަތަ ވަޒީފާގައި ވަކި މުއްދަތެއް ހޭދަކުރީމާ، އޭނާގެ މަހު މުސާރައިން ކޮންމެވެސް ބައެއް ކެނޑުމަށްފަހު، ދައުލަތުން ވަކި މިންވަރެއްގެ މަހު ފައިސާއެއް ފަހުން އޭނާއަށް ދިނުމެވެ.

2- އިޖްތިމާޢީ ޖާމިންވުމުގެ ނިޒާމް: އެއީ ދައުލަތުން ނުވަތަ ދައުލަތުގެ ފަރާތުން ކަނޑައަޅާ އެހެން ބައެއް، މުވައްޒަފަކު ބަލިވެ، ނުވަތަ ނުކުޅެދި، ނުވަތަ މުސްކުޅިވުމުން، އޭނާގެ މަހު މުސާރައިން ކޮންމެވެސް ބައެއް ކެނޑުމަށްފަހު، ވަކި މިންވަރެއްގެ މަހު ފައިސާއެއް ފަހުން އޭނާއަށް ދިނުމެވެ.

3- ޞިއްޙީ އަމާންކުރުން: އެއީ، މަހުން މަހަށް ދައްކާ ބައިތަކެއްގެ ބަދަލުގައި، ބަލިވެގެން އުޅޭ ސަރުކާރު މުވައްޒަފެއްގެ ބޭސްފަރުވާ ކޮށްދިނުމުގެ މަސްއޫލިއްޔަތު، ސަރުކާރުން އުފުލުމެވެ.

ވިޔަފާރި އަމާންކުރުމުގެ ޙުކުމް

އެނގޭނެ ފަދައިން، ވިޔަފާރި އަމާންކުރުމަކީ (އާދައިގެ އިންޝުރެންސް)، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އޮތް ކަމެއް ނޫނެވެ. އަދި ޚުލަފާއުއް ރާޝިދޫން ޒަމާނުގައި ވެސް އަދި ފިޤުހީ ހަތަރު މަޛްހަބު އުފެދިގެން އައި ޒަމާނުގައި ވެސް އޮތް ކަމެއް ނޫނެވެ. މިއީ ނިސްބަތުން ފަހުގެ ޒަމާނެއްގައި އުފެދުނު ކަމެކެވެ.

އަމާންކުރުމާ ބެހޭގޮތުން އައިސްފައިވާ ފަތުވާތަކުގެ ތާރީޚަށް ބަލާލުމެއް:

މިއާ ބެހޭ ގޮތުން ވަރަށް ގިނަ ރައުޔުތަކެއް އައިސްފައިވެއެވެ. ބައެއް މީހުން އެ އެއްކޮށް މި ޙާރަމް ކަމަށް ބުނި އިރު އަނެއްބަޔަކު އެއްކޮށް މި ޙަލާލް ކަމަށް ބުނެފައިވެއެވެ. އަދި އަނެއް ބަޔަކު އެ ތަފްޞީލުކޮށް އޭގެ މައްޗަށް ޙުކުމް ކުރިއެވެ. ހަމަ އެހެންމެ، ބައެއް ފަތުވާތަކަކީ، އަސްލު އަމާންކުރުމާ ބެހޭ ގޮތުން އައިސްފައިވާ ފަތުވާތަކެއް ނޫނެވެ. އެކަމަކު އެއީ ފަތުވާ ދިން މީހުންނަށް، އަމާންކުރުމުގެ ޢަޤުދަކީ އެއީ މުޟާރަބާ ޢަޤުދެކޭ އެއްފަދަ އެއްޗެކޭ ހީވާފަދަ ގޮތަކަށް ކިޔައިދިނުމުން ދީފައިވާ ފަތުވާތަކެކެވެ. ހަމަ އެހެންމެ، ބައެއް ފަތުވާތަކަކީ، އަމާންކުރުމުގެ ޢަޤުދަކީ، ސުވާލު ކުރެވުނު ވަގުތާ ހާލަތަށް ޟަރޫރީ ކަމަކަށް ވުމުން، ހަމައެކަނި އެ ހާލަތަށް ނެރުނު ފަތުވާތަކެކެވެ. ވީމާ މި ފަތުވާތަކުގައި ވާ ކަންތައްތައް ސާފުކޮށް، އެ ފަތުވާ ނެރުނު ވަގުތަކާއި އޭގެ ވަށައިގެންވާ ކަންތަކަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެއްކަމުގައި އަހަރެން ދެކެމެވެ.

1- ނެރެވިފައިވާ އެންމެ ފުރަތަމަ ފަތުވާ:

އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، މި މައުޟޫއާ ބެހޭ ގޮތުން އައިސްފައިވާ އެންމެ ފުރަތަމަ ފަތުވާއަކީ، ޢައްލާމާ އަޙްމަދު ބިން ޔަޙްޔާ އަލްމުރްތަޟާ (އަވަހާރަވީ 840ހ) އޭނާގެ އަގުހުރި ފޮތް ''އަލްބަޙްރުއް ޒައްޚާރް" ގައި ގެންނަވާފައިވާ ފަތުވާއެވެ. އެގޮތުން ވިދާޅުވެފައި ވަނީ: ''ވަގަށް ނެގޭ އެއްޗެއްސާއި ކަނޑުވާ އެއްޗެއްސަށް ޖާމިނުވުމަކީ ބާޠިލްކަމެކެވެ.''

މި ޖަވާބަކީ ކަނޑުގެ އަމާންކުރުމަށާއި އަލިފާނުން އަމާންކުރުމަށް ބަރާބަރަށް ފެތޭ ޖަވާބެކެވެ. ނަމަވެސް ބައެއް ހޯދުންތެރިން ދެކޭ ގޮތުގައި، މިހާ ކުރީގެ ވާހަކައެއް އެއީ މި ޒަމާނުގައި މި ހިނގާ އަމާންކުރުން ކަމަށް ބުނުމަކީ، ދަލީލެއް އޮވެގެން ބުނެވޭ ބުނުމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތަކީ، އޭނާ އިޝާރާތް އެ ކުރައްވަނީ މި ޒަމާނުގައި ވެސް މި ހިނގާ އަމާންކުރުމަށް ކަމަށް ވުން އެއީ ވެދާނެ ކަމެކެވެ. ސަބަބަކީ، ޢައްލާމާ މުރްތަޟާ ގެ ޒަމާނުގެ ކުރިން ވެސް، ހުޅަނގުގެ ޤައުމުތަކުގައި ވަނީ ޒާތަކަށް މި ކަން ތަޢާރަފްވެފައެވެ. އަދި ޔަމަނަކީ ކަނޑުގެ އައްސޭރީގައި އޮންނަ ރަށަކަށް ވާތީ، އެއީ ހުޅަނގު ޤައުމުތަކާ ވިޔަފާރި މުޢާމަލާތު ކުރާ ބަނދަރެއް އޮތް ތަނެކެވެ. ވީމާ އަމާންކުރުމާ ބެހޭ ގޮތުން މީހަކު ސުވާލު ކުރީމާ ޖަވާބު ދިނުމަކީ ދުރުކަމެއް ނޫނެވެ.

މި ކަން މިހެން ވެއްޖެނަމަ، އަމާންކުރުމުގެ ޢަޤުދަށް ޖުމްލަގޮތެއްގައި ބެއްލެވި ފުރަތަމަ ޢިލްމުވެރިއަކީ ޢައްލާމާ އަޙްމަދު މުރްތަޟާ ކަމުގައި ވާނެއެވެ. ނަމަވެސް އެއްވެސް އޮޅުމެއް ނެތި އެނގޭ ގޮތުގައި، ސީދާ މި މައުޟޫއަށް ވާހަކަ ދެއްކި ޢިލްމުވެރިއަކީ 1252ހ ގައި އަވަހާރަވި ޢައްލާމާ އިބްނު ޢާބިދީން އެވެ. އޭނާގެ ފޮތް ''ރައްދުލް މުޙްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' ގައި ވިދާޅުވެފައިވެއެވެ: ''މުސްލިމުންގެ ބިމުގައި، ޙަރްބީ ކާފިރެއްގެ އަތުން ފާސިދު އަޤުދަކުން އެއްޗެއް ނުނެގޭނެ ކަމާއި، އަދި ކާފިރުންގެ ބިމުގައި އޭނާގެ ރުހުމާއެކު، އެއީ ފާސިދު ޢަޤުދަކަށް ވިޔަސް -ރިބާ އަށް ވިޔަސް- ހުއްދަކަން އެނގުމުން، މި ޒަމާނުގައި ސުވާލު ކުރުން ގިނަ މައްސަލައެއްގެ ޖަވާބު އެނގިދާނެއެވެ. އެ ކަމަކީ، އާދަވެފައި އޮންނަ ގޮތުން، ވިޔަފާރިވެރިން ޙަރްބީ ކާފިރެއްގެ އަތުން އުޅަނދެއް ކުއްޔަށް ހިފައިފިނަމަ އޭގެ ކުލި ދެއެވެ. އަދި ހަމަ އެހެންމެ، ކާފިރު މީހާގެ ރަށުގައި ހުންނަ މީހަކަށް އެހެން އިތުރު ފައިސާއެއް ވެސް ދެއެވެ. އެއަށް ކިޔެނީ ''ސޫކްރާ'' އެވެ. މި ފައިސާ ދެނީ، އެ އުޅަނދު ފެތިގެން ނުވަތަ އަނދައިގެން ނުވަތަ ކަނޑުފޭރިގެން ފަދަ ގޮތަކަށް އުޅަނދުގައި ހުރި މުދާ ގެއްލި ހަލާކުވެއްޖެނަމަ، އެ މީހާ އެ ނެގި ފައިސާގެ ބަދަލެއްގެ ގޮތުން އެ މުދަލަށް ޖާމިނުކަން ދޭ ގޮތަށެވެ. އަދި އޭނާގެ ވަކީލެއް ސުލްޠާނުގެ ހުއްދައާއި އަމާންކަން ލިބިގެން އިސްލާމީ އައްސޭރި ރަށެއްގައި، ވިޔަފާރިވެރިން އަތުން ސޫކްރާ އަތުލަން ހުރެއެވެ. އަދި ކަނޑު މަތީގައި ވިޔަފާރިވެރިންގެ މުދާ ހަލާކުވެއްޖެނަމަ، މި ބުނި ވަކީލު އެ ވިޔަފާރިވެރިންނަށް ފުރިހަމަ ބަދަލު ދެއެވެ.'' މިހެން ވިދާޅުވުމަށް ފަހު އިބްނު ޢާބިދީން ވިދާޅުވަނީ: ''އަހަރެންނަށް ފެންނަ ގޮތުގައި، ވިޔަފާރިވެރިއާގެ ހަލާކުވާ މުދަލުގެ ބަދަލު އަތުލުމަކީ އެއީ ހުއްދަވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެއީ އޭނާއަށް ލިބެން ނުޖެހޭ އެއްޗެއް ލިބިގަތުން ކަމަށް ވާތީއެވެ.'' މި މައްސަލަ އާ ބެހޭ ގޮތުން އުފެދިދާނެ ޝުބުހާތަކާއި އޭގެ ރައްދު ވެސް އިބްނު ޢާބިދީން ވަރަށް ތަފްޞީލުކޮށް ގެންނަވާފައި ވެއެވެ. (ނޯޓް:ޙަނަފީ މަޛްހަބުގެ ބައެއް ރައުޔުތަކުގައި ކާފިރުންގެ ބިމުގައި އެ މީހުންގެ ރުހުމާއެކު ރިބާ މުޢާމަލާތްކުރުން ހުއްދަކުރޭ. ނަމަވެސް މިއީ ޙަނަފީ މަޛްހަބުގެ ޖުމްހޫރު ޢިލްމުވެރިންނާއި އެހެން މަޛްހަބުތަކުގެ ހުރިހާ ޢިލްމުވެރިންގެ ބަހުން ބާޠިލު ރައުޔެއް.)

ކޮންމެއަކަސް، އިބްނު ޢާބިދީންގެ ވާހަކައިގެ ޚުލާޞާ އަކީ، މި ޒަމާނުގައި މި ހިނގާ އަމާންކުރުމުގެ ޢަޤުދަކީ ބާޠިލް އެއްޗެއް ކަމެވެ. ނަމަވެސް އެ ޢަޤުދު ކުރެވުނީ ޣައިރު މުސްލިމުންގެ ރަށެއްގައި ކަމަށް ވަންޏާ، ހަލާކުވި އެއްޗެހީގެ ބަދަލު ކާފިރު މީހާ ރުހޭ ކަމަށް ވަންޏާ އަތުލެވިދާނެއެވެ. އެއީ ކޮންމެހެން ޢަޤުދު ޞައްޙަ ޢަޤުދަކަށް ވާތީއެއް ނޫނެވެ. އެނގޭނެ ފަދައިން، ކާފިރުންގެ ރަށެއްގައި ކުރެވޭ ފާސިދު ޢަޤުދަކުން، ކާފިރެއްގެ މުދާ އަތުލުން އެއީ ޙަނަފީ މަޛްހަބު ހުއްދަކުރާ ކަމެކެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި، އިސްލާމުންގެ ބިމާއި ކާފިރުންގެ ބިމާ ދެމެދު ފަރަޤުކުރުމަކީ އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ އަބޫ ޙަނީފާއާއި މުޙައްމަދު، މާލިކީ ޝާފިޢީ ޙަންބަލީ މަޛްހަބުގެ ފިޤުހުވެރިންނާއި އަދި އަބޫ ޔޫސުފާއި އަދި ޙަނަފީ މަޛްހަބުގެ ވެސް ބައެއް ފިޤުހުވެރިންނާ ޚިލާފަށް ވިދާޅުވެފައިވާ ވިދާޅުވުމެކެވެ. މި ހުރިހާ އެންމެވެސް ދެކޭ ގޮތުގައި، މުސްލިމަކު ކޮންމެ ތަނެއްގައި ހުއްޓަސް އިސްލާމްދީނުގެ ޙުކުމްތަކުގައި އިލްތިޒާމްވާންޖެހޭނެއެވެ.

2- އަމާންކުރުން އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ ދެއްވި ކަމަށް، ޝައިޚް މުޙައްމަދު ޢަބްދު އަށް ނިސްބަތް ކުރެވެއެވެ. ނަމަވެސް ތަޙްޤީޤުކޮށް ބެލީމާ އެނގޭ ގޮތުގައި އެ ފަތުވާއަކީ މުޟާރަބާ އާ ބެހޭ ގޮތުން ދެއްވި ފަތުވާއެކެވެ. އަމާންކުރުމާ ބެހޭ ގޮތަކުން ނޫނެވެ. އެހެންވެ މުޙައްމަދު އަޙްމަދު ފަރަޖް އައްސިންހޫރީ ވިދާޅުވެފައި ވަނީ"އުސްތާޛް އިމާމް މުޙައްމަދު ޢަބްދުގެ އެއްވެސް ފަތުވާއެއް އަދި އަހަރެމެންނަށް އެނގޭ ރައުޔެއް ވެސް، އަމާންކުރުމާ ބެހޭ ގޮތުން ފާޅުކުރައްވާފައި ނެތެވެ.''

3- 4ޑިސެމްބަރު 1906 ގައި މިޞްރުގެ ޝަރުޢީ މަތީ ކޯޓުން ކުރި ޙުކުމެއްގައި ނިންމާފައި ވަނީ، ޙަޔާތަށް ކުރެވޭ އަމާންކުރުމުގެ ފައިސާ ހޯދަން ކުރެވިފައިވާ ދަޢްވާއަކީ ބާޠިލް ދަޢްވާއެއް ކަމުގައެވެ. އެއީ އެ ދަޢްވާއަކީ، ޝަރުޢީ ގޮތުން ހޯދުން ހުއްދަ ނޫން އެއްޗެއް ހޯދަން އުފުލާފައިވާ ދަޢްވާއަކަށް ވާތީއެވެ.

4- މިޞްރު މުފްތީ، އައްޝައިޚް މުޙައްމަދު ބުޚައިތު އަލްމުޠީޢީ، 1906މ ގައި، އޭނާ ލިޔުއްވި ''އަޙްކާމުއް ސޫކްރާ'' އޭ ކިޔުނު ފޮތުގައި ވިދާޅުވެފައި ވަނީ، އަމާންކުރުމުގެ ޢަޤުދަކީ ފާސިދު ޢަޤުދެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، އޭގައި ހިމެނޭ ''ޣަރަރް'' އާ ''ނުރައްކާ'' އެވެ. އަދި ޖުވާކުޅުމުގެ މާނަ އޭގައި ހިމެނޭތީއެވެ.

5- ވަޤުފުކުރެވިފައިވާ ތަންތަން އަމާންކުރުމަށް، އައުޤާފާ ބެހޭ މަތީ މަޖްލިސް ކެނޑިނޭޅި އިންކާރުކޮށްފައިވެއެވެ. އެއީ އެ މަޖްލިހުގެ ބޮޑެތި ޢިލްމުވެރިން ކަމުގައިވާ ޝައިޚް ސަލީމް މަޠަރް އަލްބިޝްރީ، ޝައިޚް ޙައްސޫނާ އައްނަވާވީ، މުޙައްމަދު ޢަބްދު، ޝައިޚް ބަކްރީ ޢާޝޫރް، ޝައިޚް މުޙައްމަދު ބުޚާތީ ފަދަ ޢިލްމުވެރިންގެ އެ ކަމާ ދެކޮޅު ހެއްދެވީމައެވެ. މުޙައްމަދު ބުޚާތީ ވިދާޅުވެފައި ވަނީ ''އަމާންކޮށްދޭ ކުންފުންޏަކީ، މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކައި އުޅޭ މީހުންގެ ޙުކުމުގައިވާ ބައެއް'' ކަމަށެވެ.

6- 1961މ ގައި އަހްރާމް އިޤްތިޞާދީ ނޫހުން، އަމާންކުރުމާއި ބޮންޑާއި ބެހޭ ގޮތުން، ހަތަރު ޢިލްމުވެރިއަކަށް ސުވާލު ހުށައަޅައި، އަބޫ ޒަހްރާ، މުޙައްމަދު އަލްމަދަނީ، މުޙައްމަދު ޔޫސުފް މޫސާ، އަދި އަޙްމަދު އައްޝިރްބާޞީ އަށް ފެނިވަޑައިގަންނަވާ ގޮތް، ''ޙަލާލްތަ ނުވަތަ ޙަރާމްތަ'' މި ސުރުޚީގެ ދަށުން ހާމަކުރިއެވެ. ޝައިޚް މުޙައްމަދު އަލްމަދަނީ އަށް ފެނިވަޑައިގަތީ، އެއީ އެކަކު ފަރުދީ ގޮތުން ފަތުވާދީގެން ޙުކުމް ނެރުމުގެ ބަދަލުގައި، ކަމަށް ޚާއްޞަ ޢިލްމުވެރިންނާއި އިޤްތިޞާދީ ތަޖުރިބާކާރުން އެއްވެގެން ފަތުވާނެރެން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެހާތަނަށް، އެއީ ޙަރާމް ކަމެއްކަމަށް ޢިލްމުވެރިން ވެވަޑައިގެންފައިވާ އިއްތިފާޤާ ޚިލާފުވެވޭނީ އެ ގޮތުގެ މަތިން ކަމަށެވެ.

ޤާނޫން ފެކަލްޓީގެ ޝަރީޢާ އުސްތާޛެއް ކަމުގައިވާ ޑޮކްޓަރ މުޙައްމަދު ޔޫސުފް މޫސާ ދެކެވަޑައިގަތީ، އަމާންކުރުމަކީ އެއީ އެހީތެރިވުމަކަށް ވާހިނދު އެއީ ހުއްދަ ކަމެއް ކަމަށެވެ. ޝައިޚް އަޙްމަދު އައްޝިރްބާޞީ ދެކެވަޑައިގަތީ، ޟަރޫރީ ޙާލަތެއްގައި މެނުވީ އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ހާލަތެއްގައި ވަގުތީ ގޮތުން އޭގެ ބޭނުން ހިފައި އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ.

ޝައިޚް އަބޫ ޒަހްރާ ދެކެވަޑައިގަތީ އެއީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމުގައެވެ. ދެން ފަހުން 1961 ވަނަ އަހަރު ދިމިޝްޤުގައި ބޭއްވުނު ބައްދަލުވުމަކަށް، އޭނާއަށް ފެންނަ ގޮތް ތަފްޞީލުކޮށް، ބަޙުޘެއްޤެ ސިފައިގައި ހުށައެޅުއްވިއެވެ. އަދި އޭގައި ވިދާޅުވެފައި ވަނީ، އަމާންކުރުމުގެ ޢަޤުދާ އެއްފަދަ ކަމެއް ހުއްދަ ކުރެވޭނެ އެއްވެސް ހައިސިއްޔަތެއް، އިސްލާމީ ފިޤުހީ މަޛްހަބުތަކުގެ ތެރެއިން އެއްވެސް މަޛްހަބެއްގެ ޢަޤުދުތަކުގެ ތެރޭގައި ނުވާ ކަމަށެވެ. އަދިވެސް ވިދާޅުވެފައި ވަނީ، ޢަޤުދުތަކާއި ޝަރުޠުތަކުގެ އަސްލަކީ ހުއްދަކަމަށް ބުނާ ޤަވާޢިދުގެ ދަށުން، އަމާންކުރުމުގެ ޢަޤުދު ހުއްދަ ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ، މި ޢަޤުދުގައި ދީނުގައި ހުއްދަ ނޫން، ޣަރަރާ، ޖުވާ ހިމެނެއެވެ. އަދި މިއީ ޢަޤުދު ކުރެވޭ އެއްޗެއް ނެތި ކުރެވޭ ޢަޤުދެކެވެ. އަދި އިލްތިޒާމްވާން ނުޖެހޭ ކަމެއްގައި އިލްތިޒާމްވާން ޖެހުން އެބަ ހިމެނެއެވެ.

7- 1961 ވަނަ އަހަރު ދިމިޝްޤުގައި ބޭއްވުނު ''ދެވަނަ ފިޤުހު ހަފްތާ'' ގައި ބަހުސްކުރެވުނު މައުޟޫތަކުގެ ތެރޭގައި އަމާންކުރުން ހިމެނުނެވެ. ކުރިން ވެސް ބުނެވުނުހެން، އަބޫ ޒަހްރާ ވިދާޅުވީ އެ ޢަޤުދަކީ މުޢާވަޟާ ޢަޤުދަކަށް ވާހާ ހިނދަކު އެއީ، ޙަރާމް އެއްޗެއް ކަމަށެވެ. ޝައިޚް ޞިއްދީޤް މުޙައްމަދު އަލްއަމީން ވެސް ވިދާޅުވީ، އޭގައި ޣަރަރު ހިމެނޭތީ އެއީ ޙަރާމް އެއްޗެއް ކަމަށެވެ. ޝައިޚް މުޞްޠަފާ އައްޒަރްޤާ ދެކެވަޑައިގަތީ އޭގައި ރިބާ ނުހިމެނޭނަމަ އެއީ ހުއްދަ އެއްޗެއް ކަމަށެވެ. އުރުދުން މުފްތީ ޝައިޚް ޢަބްދުﷲ ޤަލްޤީލީ ދެކެވަޑައިގަތީ، އޭގެ ހުރިހާ ވައްތަރުތަކަކީ ވެސް ޙަރާމް އެއްޗެއް ކަމަށެވެ.

8- 1962 ވަނަ އަހަރު، ޢައިން ޝަމްސު ޔުނިވާސިޓީގެ ޝަރީޢާ އުސްތާޛެއް ކަމުގައިވާ، ޝައިޚް ޢީސަވީ އަޙްމަދް ޢީސަވީ، ޤާނޫނީ ގޮތުންނާ ޝަރުޢީ ގޮތުން، އަމާންކުރުމާ ބެހޭ ބަޙުޘެއް ނެރުއްވިއެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ، ވިޔަފާރި އަމާންކުރުމުގެ ހުރިހާ ވައްތަރުތަކަކީ ވެސް ޙަރާމް އެއްޗެއް ކަމަށެވެ. އަދި ބައިވެރިވާ އަމާންކުރުމަކީ ހުއްދަ އެއްޗެއް ކަމަށެވެ.

9- 4ރަބީޢުލް އާޚިރު 1397ހ ގައި، ސުޢޫދިއްޔާ ގެ ބޮޑެތި ޢިލްމުވެރިންގެ މަޖްލިހުން ނެރުނު ޤަރާރުގައި، ބައިވެރިވާ އަމާންކުރުން ހުއްދަކޮށްފައިވެއެވެ. އަދި ވިޔަފާރި އަމާންކުރުން ޙަރާމްކޮށްފައިވެއެވެ. 01 ޝަޢްބާން 1398ހ ގައި ބޭއްވުނު، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އިން ވެސް ވަނީ މި ފަދަ ޤަރާރެއް ނެރެފައެވެ. ހަމަ އެހެންމެ، މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ(އޯއައިސީ) ގެ ދަށުން އުފެދިފައިވާ މަޖްމަޢުލް ފިޤްހުލް އިސްލާމީ އައްދައުލީ އިން، 10-16 ރަބީޢުލް އާޚިރް 1406ހ ގައި ބޭއްވި ބައްދަލުވުމުން ނެރުނު ޤަރާރުގައި ވެސް، ވަނީ ވިޔަފާރި އަމާންކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. މި ޤަރާރު ތަފްޞީލުކޮށް ފަހުން އެބަ ގެންނަނަމެވެ.

ތާރީޚީ ގޮތުން މި މައްސަލަ އޮތް ގޮތް ހުށައަޅާ ކިޔައި މި ދިނީ، މި ކަމުގެ ޙުކުމެއް ނެރެން ފިޤުހުވެރިންނާއި ފިޤްހު މަޖްމަޢްތަކުން ކޮށްފައިވާ މަސައްކަން ހާމަކޮށްދޭންވެގެންނެވެ. އަދި ޙުކުމެއް ނެރެފައި ވަނީ، އަވަސް އަރުވާލައިގެން ނޫންކަމާއި، މި ކަމާމެދު ދިރާސާ ކުރުމަށާއި މަޝްވަރާ ކުރުމަށް ގާތްގަނޑަކަށް ބައި ޤަރުނުވެފައިވާ ކަން ހާމަކޮށްދޭންވެގެންނެވެ.

އިސްލާމީ އަމާންކުރުމާއި، ވިޔަފާރި އަމާންކުރުމުގައި ހުރި ތަފާތު:

މި ދެ ވައްތަރުގައި ވަރަށް ގިނަ އަދި ވަރަށް މުހިއްމު ފަރަގުތަކެއް ވެއެވެ:

* އިސްލާމީ އަމާންކުރުން: އުފެދިފައި ވަނީ ބައިވެރިވުމުގެ މައްޗަށެވެ. އަދި އޭގައި ރިބާގެ ދެ ވައްތަރުން ކުރެ (ފަޟްލު އަދި ނަސީއާ) ވައްތަރެއް ނު ހިމެނެއެވެ. އަދި އަތުލާ ''ބައިތައް'' އެއްކޮށްގެން، އެ ފައިސާތައް ރިބާ ހިމެނޭ ގޮތަކަށް މޭވާއެއް ނުކުރެއެވެ. އަދި އިސްލާމީ އަމާންކުރުމަކީ، ހަމަހިލޭ ޢަޤުދެއް (ތަބައްރުޢް ޢަޤުދެއް) ކަމަށް ވުމުން އޭގައި ''ޣަރަރް'' ނު ހިމެނެއެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ރިބާ ނުހިމެނޭ ގޮތެއް ނޯވެއެވެ. އަދި އޭގައި ޣަރަރާއި ނޭނގުމާއި، ޖުވާއަކަށް ބެލެވޭފަދަ ކަންތައް ހިމެނެއެވެ. އެހެންވެ ފިޤުހުވެރިން ވަނީ މި ވައްތަރު ޙަރާމް ކަމަށް ބުނެފައެވެ.

* އިސްލާމީ އަމާންކުރުން: އަމާންކޮށްދޭފަރާތާއި އަމާންކުރުވާ ފަރާތާއި ދެމެދު އޮންނަ ގުޅުމަކީ، ހަމަހިލޭދޭ އެއްޗެއްގެ މައްޗަށް ބިނާވާ ގުޅުމެކެވެ. އެއީ ގެއްލުމެއް ލިބިދާނެ މީހަކަށް، ދިނުމުގެ ނިޔަތުގައި އޭނާ ކުންފުންޏާއި ހަވާލު ކުރާ ފައިސާއެކެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ކުންފުންޏާއި އަމާންކުރުވާފަރާތާއި ދެމެދު އޮންނީ ބަދަލު ދިނުމުގެ ޢަޤުދެކެވެ. އެގޮތުން އަމާންކުރަވާފަރާތަށް ގެއްލުމެއް ކުރިމަތި ވާ ހިނދު އޭނާ އަށް ލިބޭ ފައިސާއަކީ، އޭނާ ކުރިން ދެއްކި ބައިތަކުގެ ބަދަލުގައި ލިބިދެވޭ އެއްޗެކެވެ. އަމާންކޮށްދޭފަރާތް ބައިތައް އަތުލަނީ ވެސް، ގެއްލުމެއް ކުރިމަތިވެއްޖެނަމަ އޭގެ ބަދަލު ދޭނެ ކަމަށް ބުނެފައެވެ.

* އިސްލާމީ އަމާންކުރުމުގައި: ދައްކާ ބައިތައް އަލުން އަނބުރާ އޭނާއަށް ލިބެއެވެ. އެއީ އޭނާއަށް ގެއްލުމެއް ކުރިމަތިވިއްޔާ ވެގެން ދިން ބަދަލުގެ އަގާއި، އިދާރީ ހިންގުންތަކަށް ދިޔަ ޚަރަދާއި، އަލުންއަމާންކުރަން ދިޔަ ޚަރަދު ކަނޑާފައެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ދެއްކި ބައިތައް އެއްކޮށް ނުވަތަ އެއިން ބައެއް ވިޔަސް، އެއްވެސް ހާލެއްގައި، އަމާންކުރެވުނު ފަރާތަށް އަނބުރާ ނުލިބޭނެއެވެ. ސަބަބަކީ އޭނާ އެ ބައިތައް ދެއްކީމާ، އެ ހިސާބުން އެއީ ކުންފުނީގެ މިލްކެކެވެ.

* އިސްލާމީ އަމާންކުރުމުގައި: ބައިތައް އެއީ ކުންފުނީގެ މިލްކެއް ނޫނެވެ. އެކަމަކު އެއީ ކުންފުނީގެ އަމާންކުރުމުގެ ދަށުގައި ތިބި އެންމެންގެ އެއްޗެކެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ލިބޭ ހުރިހާ ބައިތަކަކީ އެއީ ކުންފުނީގެ މިލްކެކެވެ. ކުންފުނިން ޚިދުމަތް ލިބިގަންނަ މީހުންނާ ބެހޭ ވެސް އެއްޗެއް ނޫނެވެ.

* އިސްލާމީ އަމާންކުރުމުގައި: ބައިތައް މޭވާކޮށްގެން (އިންވެސްޓު) ލިބޭ އާމްދަނީއަކީ، އަމާންކޮށްދިނުމުގެ އެކައުންޓަށް ޖަމާވާ އެއްޗެކެވެ. ނަމަވެސް ކުންފުންޏަކީ އެ ފައިސާތަކުން މުޟާރިބެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެއް ކަމަށް ވާތީ، އެއިން ކޮންމެވެސް މިންވަރެއް ކުންފުންޏަށް ނެގޭނެއެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ބައިތަކުން ލިބުނު ފައިސާތަށް ޖަމާކުރުމަށް ފަހު މޭވާކުރިއްޔާ ކޮށްގެން ލިބޭ ހުރިހާ އެއްޗަކީ އެއީ ހަމަ އެކަނި އެ ކުންފުނީގެ އެއްޗެކެވެ.

* އިސްލާމީ އަމާންކުރުމުގައި: ބޭނުމަކަށް ވެފައި އޮންނަނީ މުޖްތަމަޢްގެ ފަރުދުންގެ މެދުގައި އެހީތެރިވެ ބައިވެރިވުމެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ކުންފުނީގެ ބޭނުމަކަށް ވެފައި އޮންނަނީ ވީހާ ވެސް ބޮޑު ފައިދާތަކެއް ހޯދައިގަތުމެވެ.

* އިސްލާމީ އަމާންކުރުމުގައި: ކުންފުންޏަށް ފައިދާ ލިބެނީ، އެ ކުންފުނީގެ އަމިއްލަ ފައިސާ މޭވާކޮށްގެންނާއި، އަދި އެ ކުންފުނިން އަމާންކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކުން އިޝްތިރާކުވި ފައިސާތައް މޭވާކުރުމަށް ފަހު، މުޟާރިބެއް ނުވަތަ ވަކީލެއްގެ ހައިސިއްޔަތުން ކުންފުންޏަށް ލިބޭ އެއްޗަކުންނެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ކުންފުންޏަށް ފައިދާ ލިބެނީ އެ ކުންފުނިން ދޭ އަމާންކޮށްދިނުމުގެ ޚިދުމަތުންނާއި، އަދި ލިބޭ މިންވަރުތައް ރިބާ ބޭންކުތަކުގައި ބަހައްޓައިގެން އެއަށް ''ބޭންކް ރިބާ'' (އިންޓްރެސްޓް) އަތުލައިގެންނެވެ.

* އިސްލާމީ އަމާންކުރުމުގައި: އަމާންކުރުވާ ފަރާތްތަކުގެ ފައިސާ ހުންނަނީ އެ މީހުންނަށް ޚާއްޞަ ފަންޑެއް ނުވަތަ އެކައުންޓެއްގައެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: މިފަދަ ފަންޑެއް ނުވަތަ އެކައުންޓެއް ނުހުރެއެވެ. އެހެނީ ހުރިހާ ބައިތަކަކީ ވެސް އެއީ ޢަޤުދު ހެދޭ ހިސާބުން ފެށިގެން، ކުންފުނީގެ މިލްކެކެވެ.

* އިސްލާމީ އަމާންކުރުމުގައި: ޢަޤުދުގައި ކުންފުނީގެ ސިފައަކީ، އެއީ ލިޔެކިއުންތައް ބަލަހައްޓާ ވަކީލެއްގެ ސިފައެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: ކުންފުންޏަކީ ޢަޤުދުގެ މައިގަނޑު ދެފަރާތުން އެއްފަރާތެވެ. ކުންފުނިން އެ ޢަޤުދު ހަދަނީ، ކުންފުނީގެ ނަމުގައި އަދި ކުންފުނީގެ ފައިދާއަކަށެވެ.

* އިސްލާމީ އަމާންކުރުމުގައި: އަމާންކުރުމުގެ ޚިދުމަތް ލިބިގެން ހުންނަ ފަރާތް އަބަދުވެސް ބަލާނީ، ގެއްލުމެއް ކުރިމަތިނުވޭތޯއެވެ. ސަބަބަކީ، ގެއްލުންތައް ކުރިމަތި ނުވި ވަރެއް، ނުވަތަ ވާ ގެއްލުމުގެ އަސަރު ކުޑަވި ވަރެއް، އެއީ އޭނާއަށް ފައިދާ ބޮޑު ގޮތެވެ. އެއީ ކުންފުނިން ފޫބައްދައިދޭން ޖެހޭ ގެއްލުންތައް ފޫބައްދައި ދިނުމަށް ފަހު، ބާކީ ހުންނަ ފައިސާތަށް އޭނާއަށް އަނބުރާ ލިބޭނެއެވެ. ދާ ޚަރަދު ކުޑަ ވާ ވަރަކަށް، އޭނާއަށް ބާކީ ހުންނަ ފައިސާ ގިނަވާނެއެވެ.

* ނަމަވެސް ވިޔަފާރި އަމާންކުރުމުގައި: އަމާންކުރުވައިގެން ހުންނަ މީހާއަށް، މިއީ މުހިއްމު ކަމެއް ނޫނެވެ. އަދި ގެއްލުން ކުރިމަތި ވުމަކީ އޭނާ އަޅާލާނެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ އޭނާ އެ ހުރީ އޭނާ އަތުން ކޮންމެ ގޮތެއް ވިޔަސް ދާނެ ''ބައިތައް'' ކުންފުންޏަށް ދީގެންނެވެ. ގެއްލުން ކުރިމަތި ވިޔަސް ނުވިޔަސް އެއިން ލާރިއެއް ވިޔަސް އޭނާއަށް އަނބުރާ ދެން ނުލިބޭނެއެވެ. ގެއްލުންވެއްޖެއްޔާ ގެއްލުމުގެ ބަދަލު ކުންފުނިން ދޭނެއެވެ. މިހެން މިކަން އޮތުމުގެ ނަތީޖާއަކީ، ގެއްލުންތަކާ މެދު މީހުން ފަރުވާކުޑަކޮށްލުމެވެ.

މި ފަރަގުތަކާ ބެހޭ ގޮތުން، އައިސްފައިވާ ފިޤުހީ ޤަރާރުތައް:

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤުހީގެ ފަސްވަނަ ޤަރާރުގައި މި އަންނަނިވި ފަރަގުތައް ގެނެސްފައިވެއެވެ:

އެކެއް- ބައިވެރިވާ އަމާންކުރުމަކީ ހަމަހިލޭ ޢަޤުދެކެވެ. އެހެނީ ބައިވެރިވާ އަމާންކުރުމުގައި ބައިވެރިވާ މީހުންގެ ބޭނުމަކީ، ވިޔަފާރިއެއް ނުވަތަ އެހެން ބައެއްގެ ފައިސާއިން އަމިއްލަ ފައިދާތަކެއް ހޯދައިގަތުމެއް ނޫނެވެ. ކިއެއްތަ، އެ މީހުންގެ ބޭނުމަކަށް ވެފައި އޮންނާނީ، އެކަކަށް ލިބޭ ގެއްލުން އެންމެގެ މެދުގައި ބަހާލާ، އެކަކު އަނެކަކަށް އެހީތެރިވުމެވެ.

ދޭއް- ބައިވެރިވާ އަމާންކުރުމުގައި ރިބާގެ ދެ ވައްތަރު ކަމުގައިވާ، ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއު، ނުހިމެނެއެވެ. ވީމާ ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގައި ހިއްސާވެގެން އުޅޭ މީހުން އަތުގައި ޙަރާމް ރިބާ ހިއްސާއެއް ނޯންނާނެއެވެ. އަދި އިސްލާމީ ނިޒާމާ އެއްގޮތަށް ހިންގޭ އަމާންކޮށްދޭ ކުންފުންޏަށް މީހުންގެ އަތުން ލިބޭ ބައިތައް ޖަމާކުރެވޭނީ، ރިބާ ބޭންކުތަކަކަށް ވެސް ނޫނެވެ. އަދި އެ ފައިސާތައް ދީނުގައި ހުއްދަ ނޫން މޭވާކުރުންތަކުގައި ބޭނުމެއް ވެސް ނުކުރެވޭނެއެވެ.

އިސްލާމީ އިޤްތިޞާދާ ބެހޭ ގޮތުން އަލްބަރަކާ ގުރޫޕުން ބޭއްވި ތޭރަވަނަ ނަދުވާއިން ނެރުނު ބާރަވަނަ ފަތުވާގެ ޚުލާޞާ އަންނަނިވި ނުކުތާތަކުގައި ހިމެނިދާނެއެވެ:

ބައިވެރިވާ އަމާންކޮށްދޭ ކުންފުނީގައި މުޅިން ވަކި ދެ އެކައުންޓެއް ހުންނާނެއެވެ. އެކައްޗަކީ ކުންފުނީގެ ރައުސްމާލު މޭވާކުރަން ބޭނުންކުރާ އެކައުންޓެވެ. އަނެކައްޗަކީ އަމާންކޮށްދިނުމުގެ ޚިދުމަތް ހޯދަން މީހުން ދައްކާ އިޝްތިރާކު ޖަމާވާ އެކައުންޓެކެވެ. މި އެކައުންޓުން މީހުންނަށް ދޭންޖެހޭ އެއްޗެއް ދިނުމަށް ފަހު ބާކީ ހުންނަ އެއްޗަކީ، އެއީ އަމާންކުރުމުގެ ޕޮލިސީގެ ވެރިންގެ މިލްކެކެވެ.

ފިޤުހީ މަޖްމަޢުތަކުންނާއި، އިސްލާމީ އިޤްތިޞާދާ ބެހޭ ނަދުވާތަކުންނާއި، އިސްލާމީ އަމާންކޮށްދޭ ކުންފުނިތަކާއި ބޭންކުތަކުގެ ޝަރުޢީ މަޖިލިސްތަކުން ވަނީ، އިސްލާމީ އަމާންކޮށްދިނުމަކީ ހަމަހިލޭ ދިނުމާއި ބައިވެރިވުމުގެ މައްޗަށް ބިނާވެގެންވާ ކަމެއްކަމާއި، އަދި ވިޔަފާރި އަމާންކުރުމަކީ އެކަމުގެ ތެރެއިން ލާފައި ފައިދާތަކެއް ހޯދަން ކުރާ މަސައްކަތެއްކަމަށް، ނިންމާފައެވެ. މިގޮތުން ޚިދުމަތް ލިބިގަންނަ މީހުން ދައްކާހައި ބައިތަކެއް އެއީ ހަމައެކަނި ކުންފުނީގެ އެއްޗެކެވެ.

ފައިޞަލް އިސްލާމީ ބޭންކުގެ ޝަރުޢީ މަޖިލިހުގެ ފަތުވާ:

މީގައި ބުނެފައި ވަނީ، ބައިވެރިވާ އަމާންކުރުމެއްގައި، އަމާންކޮށްދޭ ފަރާތާއި އަމާންކޮށްދެވޭ ފަރާތް އެއީ އެއް ބައެކެވެ. ނަމަވެސް މިއާ ޚިލާފަށް، ވިޔަފާރި އަމާންކުރުމުގައި އަމާންކޮށްދޭ ފަރާތަކީ ވަކި ފަރާތެކެވެ. ޚިދުމަތް ލިބޭ ފަރާތަކީ ވަކި ފަރާތަކެވެ. އަދި ވިޔަފާރި އަމާންކުރުމުގައި ޖަމާކުރެވޭ ބައިތަކުގެ ބޭނުން ހިފެނީ، ހަމައެކަނި ކުންފުންޏަށް ފައިދާވާ ކަންކަމުގައެވެ. އެކަމަކު ބައިވެރިވާ އަމާންކުރުމުގައި އެ ފައިސާތައް ބޭނުންކުރެވެނީ އަމާންކޮށްދެވޭ މީހުންގެ މަޞްލަޙަތުގައެވެ. ވީމާ މި ފައިސާތައް މޭވާކޮށްގެން ލިބޭ ފައިދާތަކުގައި ވެސް އެ އެންމެން ބައިވެރިވާނެއެވެ. ވިޔަފާރި އަމާންކުރުމުގައި ކަންތައް އޮންނަނީ މިހެނެއް ނޫނެވެ. އަދި މީގެ އިތުރުން، އިސްލާމީ އަމާންކުރުމުގައި ފައިސާތައް މޭވާކުރެވެނީ ޝަރުޢީ ޙުކުމްތަކާ އެއްގޮތަށް އެއްގޮތް ކަންކަމުގައެވެ. މިއާ ޚިލާފަށް ވިޔަފާރި އަމާންކޮށްދޭ ކުންފުނިތަކުން މިއިން ކަމަކަށް ނުބަލައެވެ.

ބައިވެރިވާ އިސްލާމީ އަމާންކުރުމާއި، އާދައިގެ ވިޔަފާރި އަމާންކުރުމާއި ދެމެދު ހުރި މައިގަނޑު ފަރަގުތައް މިހެން ޚުލާޞާ ކުރެވިދާނެއެވެ:

1- ޢަޤުދުގެ ޙަޤީޤަތަށާއި އިންތިޒާމަށް ބަލާއިރު:

ވިޔަފާރި އަމާންކުރުމުގައި، އެ ކުންފުޏަކީ ކުންފުނީގެ އަމިއްލަ ނަމުގައި ޢަޤުދު ހަދާ އަސްލު ފަރާތެކެވެ. މީހުން އަތުން ލިބޭ ބައިތައް އެއްކޮށް އެއީ ކުންފުނީގެ މިލްކެކެވެ. އަދި އަމާންކޮށްދެވޭ ފަރާތްތަކުގެ ކުރިމަތީގައި މަސްއޫލިއްޔަތު އުފުލަނީ ވެސް އެކަންޏެވެ.

އެކަމަކު، ބައިވެރިވާ އިސްލާމީ އަމާންކުރުމުގައި ކުންފުންޏަކީ، އަމާންކޮށްދިމުގެ ކަންތައްތައް ބަލަހައްޓަން ހަވާލުކުރެވިފައިވާ ވަކީލެކެވެ. ވީމާ ކުންފުނިން ޢަޤުދެއް ކުރާއިރު ކުރާނީ އަސްލު އަމިއްލަ ނަމަކު ނޫނެވެ. އަދި ބައިތައް އެއީ ކުންފުނީގެ މިލްކެއް ވެސް ނޫނެވެ. އަދި ކުންފުނީގައި ހުރި އަމާންކުރުމާ ގުޅުމެއް ނެތް އަނެއް އެކައުންޓުގެ ފައިސާއިން އެއްވެސް އެއްޗެއް، އަމާންކޮށްދެވޭ ފަރާތްތަކަށް ދިނުމަށް ހޭދައެއް ނުކުރެވޭނެއެވެ. އަމާންކޮށްދޭ އެކައުންޓުގައި ފައިސާ ނެތިގެން ފައިސާއަށް ބޭނުންޖެހިއްޖެނަމަ، އަނެއް އެކައުންޓުން ފައިސާ ދޭނީ ފައިދާ ނެތް ދަރަންޏެއްގެ ގޮތުގައެވެ.

2- ކުރާ ގޮތަށް ބަލާއިރު:

އިސްލާމީ އަމާންކުރުމުގައި ކުންފުންޏަކީ ފަހަރެއްގައި ވެސް އަމާންކޮށްދޭ ފަރާތެއް ނޫނެވެ. އަމާންކޮށްދޭ އަސްލު ފަރާތަކީ، މީހުން ދައްކާފައި ހުރި ފައިސާތައް ހުރި އެކައުންޓެވެ. ނަމަވެސް، ވިޔަފާރި އަމާންކުރުމުގައި އަމާންކޮށްދޭ ހަމައެކަނި ފަރާތަކީ ކުންފުންޏެވެ. އިސްލާމީ އަމާންކުރުމުގައި އަމާންކުރެވޭ މީހުންނަކީ އަމާންކޮށްދޭ މީހުންވެސް މެއެވެ. ނަމަވެސް، ވިޔަފާރި އަމާންކުރުމުގައި އަމާންކުރެވޭ މީހުންނަކީ ކުންފުންޏާ ގުޅުމެއް ނެތް މުޅިން ވަކި ބައެކެވެ.

3- ޢަޤުދުގެ ގޮތުން:

ބައިވެރިވާ އިސްލާމީ އަމާންކުރުމުގައި ފަރާތްތަކުގެ މެދުގައި ގުޅުން ރާވަނީ، ތިން ޢަޤުދެކެވެ. އެއީ:

ހ- އެއްކޮޅުން ކުންފުންޏާއި އަނެއްކޮޅުން އަމާންކޮށްދޭ އެކައުންޓު (ނުވަތަ ބައިވެރިވާ މީހުންގެ މަޖިލިސް) އާ ދެމެދު އޮންނަ ވަކާލާ ޢަޤުދެކެވެ.

ށ- އަމާންކޮށްދޭ އެކައުންޓުގެ ފައިސާ މޭވާކުރުމަށް، އެއްކޮޅުން ކުންފުންޏާއި އަނެއްކޮޅުން އެކައުންޓް (ނުވަތަ ބައިވެރިވާ މީހުންގެ މަޖިލިސް) އާ ދެމެދު އޮންނަ މުޟާރަބާ ޢަޤުދެކެވެ.

ނ- އަމާންކުރުމުގެ ޚިދުމަތުގައި ބައިވެރިވެގެން ތިބޭ އެންމެންގެ މެދުގައި އޮންނަ، ހިބައިން ދިނުމުގެ ޢަޤުދެވެ. ނުވަތަ ފިޤުހުގައި ނިހުދު އޭ ކިޔޭ އެއްޗެކެވެ.

ބައިވެރިވާ އިސްލާމީ އަމާންކުރުމުގައި ބައިވެރިވެގެން ތިބޭ މީހުންނަކީ، އަމާންކޮށްދޭ އެކައުންޓުގައި އެހީތެރިވެ ހިއްސާވާ ހިއްސާދާރުންތަކެކެވެ. ވީމާ އަހަރެން ގޮވާލަނީ، ކުންފުނި ހިންގާ އިދާރީ މަޖިލިހުގައި އެ މީހުން ބައިވެރި ވެސް ކުރުމަށެވެ. ނޫނިއްޔާ ކުންފުނީގެ ބެލުމުގެ ދަށުން އެ މީހުންނަށް ވަކި އިދާރާއެއް އުފެއްދުމެވެ.

ނަމަވެސް އަނެއްކޮޅުން ވިޔަފާރި އަމާންކުރުމުގައި، އަމާންކޮށްދޭ ކުންފުންޏާއި، އަމާންކޮށްދެވޭ ފަރާތްތަކާ ދެމެދު އޮންނަނީ އެންމެ ޢަޤުދެކެވެ. އެއީ ޚިދުމަތް ލިބިގަންނަ މީހުން ދައްކާ ބައިތަކާއި ކުންފުނިން ދޭ އެއްޗަކާއި ދެމެދު އޮންނަ، ބަދަލުދިނުމުގެ ޢަޤުދެވެ.

4- ބައިތަކުގެ މިލްކުވެރިކަމާއި އޭގެ އާމްދަނީ:

ވިޔަފާރި އަމާންކުރުމުގައި ލިބޭ ބައިތައް އެއީ ސީދާ ކުންފުނީގެ މިލްކިއްޔާތަށް ވަންނަ އެއްޗެކެވެ. ވީމާ އެއިން ލިބޭ އާމްދަނީއެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދެން އިތުރަށް ވާހަކަ ދައްކާނެ ޖާގައެއް ވެސް ނެތެވެ. ނަމަވެސް ބައިވެރިވާ އިސްލާމީ އަމާންކުރުމުގައި އެއީ އެއްވެސް ހާލެއްގައި ކުންފުނީގެ މިލްކެއް ނޫނެވެ. އެއީ އަމާންކޮށްދޭ އެކައުންޓުގެ މިލްކެކެވެ. އަދި މި ފައިސާތަކުން ލިބޭ އިތުރު އާމްދަނީއަކީ އެއީ މި އެކައުންޓަށް ވަންނަ އެއްޗެކެވެ. ކުންފުންޏަށް ލިބޭނެހާ ވެސް އެއްޗަކީ އެ އެކައުންޓުގެ ފައިސާތައް ހަވާލުކުރީމާ މަސައްކަތްކޮށްދޭ މުޟާރިބެއްގެ ހައިސިއްޔަތުން ލިބޭ އެއްޗެކެވެ.

ކުންފުނީގައި ހުންނަ ރިޒާވަކީ ވެސް އެއީ އެއީ މުޅިން ވަކި އެއްޗެކެވެ. އެއީ ކުންފުނީގެ ހިއްސާދާރުން އަތުން ނެގުނު އެއްޗެއް ނަމަ އެއީ އެ މީހުންގެ އެއްޗެކެވެ. އެއީ އަމާންކުރުމުގެ ޚިދުމަތުގައި ބައިވެރިވީ މީހުންގެ އެއްޗެއް ނަމަ އެއީ އެ މީހުންގެ އެއްޗެކެވެ.

5- ބައިވެރިވާ އިސްލާމީ އަމާންކުރުމުގައި މުޅިން ވަކި ދެ އެކައުންޓެއް ހުރުން:

ބައިވެރިވާ އިސްލާމީ އަމާންކުރުން ފާހަނގަ ކުރެވޭ އެންމެ މުހިއްމު ފާހަނގައަކީ، މުޅިން ވަކި ދެ އެކައުންޓަކާއި މުޅިން ވަކި ދެ ބަޖެޓަކާއި ހިސާބުކިތާބު ބެލެހެއްޓުން މުޅިން ވަކިކުރެވިފައި އޮތުމެވެ.

އެކައްޗަކީ، އަމާންކުރަން މީހުން ބައިވެރިވި ފައިސާތަކާއި އެ މޭވާކޮށްގެން އިތުރަށް ލިބޭ އާމްދަނީއަކާއި އަދި އެއިން ލިބޭ ގެއްލުމަކާއި، އަދި މީހުންގެ ގެއްލުންތައް ފޫބައްދައިދޭން ދޭ އެއްޗަކާއި، އިދާރީ ޚަރަދުބަރަދު ކުރަން ހުންނަ އެކައުންޓެވެ. ދެވަނަ އެކައުންޓަކީ އަސްލު ކުންފުނީގެ ހިއްސާދާރުންގެ އެކައުންޓެވެ. އޭގައި ހުންނާނީ ކުންފުނީގެ ފައިސާއާއި ލިބޭ އާމްދަނީއަކާއި، އަމާންކޮށްދެވޭ މީހުން ދިން ފައިސާތަކުން މަސައްކަތްކޮށްގެން މުޟާރިބެއްގެ ގޮތުން ލިބޭ އެއްޗަކެވެ. ކުންފުނީގެ ފައިދާއާއި ގެއްލުންތައް އުފުލާނީ މިއެކައުންޓެވެ.

6- ލަނޑުދަނޑީގެ ގޮތުން:

ވިޔަފާރި އަމާންކުރުމުގެ ބޭނުމަކީ އަމާންކޮށްދިނުމުގެ ތެރެއިންލާފައި ފައިދާތަކެއް ހޯދުމެވެ. ޚަރަދުތަކާއި ބަދަލުތަކަށް ދޭންޖެހޭ ވަރު ނަގާފައި ދެން ބާކީވާ އެއްޗަކީ އެއީ ކުންފުނީގެ ފައިދާއެވެ. އަދި އަމާންކޮށްދެވޭ މީހުން ބައިތައް ދެއްކުމުން ވަގުތުން އެ ފައިސާތައް ބޭންކުތަކަށް ލޯނު ދިނުމަށާއި، ހިއްސާބާޒާރުގައްޔާއި އެނުން ވެސް ވިޔަފާރިތަކުގެ ތެރެއަށް ފޮނުވާލެވެއެވެ. އަދި މިކަންކަމުން ބޮޑެތި ފައިދާތަކެއް ކުންފުންޏަށް ލިބެއެވެ. ނަމަވެސް މިއިން އެންމެ ލާރިއެއް ވެސް، އަމާންކުރުމުގެ ޚިދުމަތް ލިބިގަތް މީހަކަށް ނުލިބޭނެއެވެ. އަންދާސީ ލަފާކުރުން ސީދާވާ ވަރަކަށް، އަދި މީހުން އަތުން އަތުލާ ބައިތައް ބޮޑުކުރާ ވަރަކަށް، އެއީ ކުންފުންޏަށް ވާ އިތުރު ފައިދާއެކެވެ. އެހެން މީހުންނާ ބެހޭ ކަމެއް ނޫނެވެ.

ނަމަވެސް އިސްލާމީ އަމާންކޮށްދިނުމުގައި ލަނޑުދަނޑިއަކީ، ބައިވެރިންގެ މެދުގައި އެހީތެރިވެ ބައިވެރިވުމެވެ. ކުންފުނީގެ ބޭނުމަކީ ފަހަރެއްގައި ވެސް އަމާންކޮށްދިނުމުގެ ތެރެއިންލާފައި ފައިދާތަކެއް ހޯދުމެއް ނޫނެވެ. މީހުން ދައްކާ ބައިތައް އެއީ ކުންފުނީގެ މިލްކިއްޔާތު ތެރެއަށް ވަންނާނެ އެއްޗެއް ނޫނެވެ. އަދި އެއިން ބާކީވާ އެއްޗަކީ ވެސް ކުންފުންޏަށް ލިބޭނެ އެއްޗެއް ނޫނެވެ. މިހެންވެ، އިސްލާމީ އަމާންކޮށްދޭ ކުންފުނިތަކުން އާދަޔާ ޚިލާފު ބޮޑެތި ބައިތަކެއް އަތުނުލައެވެ.

7- ބާކީވެ އިތުރުވާ އެއްޗެހި:

އިސްލާމީ އަމާންކުރުމުގައި، ބާކީވެ އިތުރުވާ އެއްޗެކޭ މިކިޔާ އެއްޗަކީ، އެއްވެސް ގޮތަކަށް އަދި އެއްވެސް ސިފައެއްގައި ވިޔަފާރި އަމާންކުރުމުގައި ހުންނާނެ އެއްޗެއް ނޫނެވެ. ބާކީވެ އިތުރުވާ އެއްޗޭ ކިޔަނީ، މީހުން ދެއްކި ބައިތަކާއި އެއަށް ލިބޭ އިތުރު އާމްދަނީތަކުން، ގެއްލުންތައް ފޫބައްދައިދީފައި އަދި ޚަރަދުބަރަދު ކަނޑާފައި، ބާކީ ހުންނަ އެއްޗެއްސެވެ. މި އެއްކޮށް ނުވަތަ މީގެ ބައެއް އެއީ ޚިދުމަތް ލިބިގަންނަ މީހުންނަށް ބަހާލެވޭނެ އެއްޗެކެވެ. ވީމާ އިސްލާމީ އަމާންކުރުމުގައި އިތުރުވެ ބާކީވާ އެއްޗޭ ކިޔޭ އެއްޗަކީ، ވިޔަފާރި އަމާންކުރުމުގައި އެ މީހުންގެ އަމިއްލަ ފައިދާކަމަށް ދެކޭ އެއްޗެވެ.

8- އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް އިލްތިޒާމުވުން:

އިސްލާމީ އަމާންކުރުމުގައި، ކުންފުނިން ކުރާ ހުރިހާ ކަމެއްގައި ވެސް އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ހުރުމަތްތެރިކޮށް ހިތައި އިލްތިޒާމުވާނެއެވެ. މިކަމަށްޓަކައި، އެ ކުންފުނީގައި ފަތުވާ ދޭށާއި ކަންތައްތައް ބަލަހައްޓާނެ ޝަރުޢީ މަޖިލިހެއް އޮންނާނެއެވެ. ނަމަވެސް ވިޔަފާރި އަމާންކުރާ ކުންފުނިތަކަކީ އެއްގޮތަކަށް ވެސް އިސްލާމީ ޝަރީޢަތަށް ބަލާ އިލްތިޒާމުވާ ބައެއް ނޫނެވެ. އެ މީހުން ކުރާ ޢަޤުދެއްގައި ވެސް ކުރާ އަމާންކުރުމެއްގައި ވެސް އަދި ކުރާ މޭވާކުރުމެއްގައި ވެސް އަދި ބޭންކުތަކާ މުޢާމަލާތްކުރުމުގައި ވެސް، ދީނުގެ ޙުކުމަކަށް ނުބަލައެވެ.

ޣައިރު މުސްލިމް ޤައުމުތަކުގައި ވިޔަފާރި އަމާންކުރުމުގެ ޙުކުމް:

އިސްލާމްދީނުގެ ޙުކުމްތަކަކީ ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް ޢާއްމު ޙުކުމްތަކެކެވެ. އެހެން ނަމަވެސް އިސްލާމްދީނަކީ ލުއިފަސޭހަ، އަދި މީހުންނަށް ނުއުފުލޭވަރުގެ ބުރަ އުނދަގޫތައް ނުޖައްސާ ދީނަކަށް ވާހިނދު، މީސްމީހުންގެ ހާލަތަށް ބެލުމަކީ ނެތްކަމެއް ނޫނެވެ.

ވީމާ ވިސްނި ވިސްނުމުން އަހަރެންނަށް ބޮޑަށް ބުރަވެވުނީ މިއަންނަނިވި ގޮތެވެ:

އެކެއް: ޣައިރު މުސްލިމް ޤައުމުތަކުގައި ވިޔަފާރި އަމާންކުރުމާ މެދު ފަތުވާ ދިނުމުގައި އެއްވެސް ބެލުމެއް ނެތި ފަސޭހަކޮށްނުލުމެވެ. އެއީ އިސްލާމީ ޤައުމުތަކުގައި މުސްލިމުން، ބައިވެރިވާ އިސްލާމީ އަމާންކުރުން ޤާއިމުކުރާނީ އޭރުންނެވެ.

ދޭއް: މުސްލިމް ނޫން ޤައުމުތަކުގައި އުޅޭ މުސްލިމުންނަށް ގޮތެއް ކަނޑައެޅުމުގައި، މަޑުމަޑުން ލަސްލަހުން ހަރުފަތަކަށް ފަހު ހަރުފަތެއް ދާ އުސޫލުން ކަންތައްކޮށް، ޝަރުޢީ މަޤްޞަދުތަކާއި ވަޒަންކުރަންޖެހޭ ވަޒަންތަކާއި ވެދާނެ ގޮތްތަކަށް ބަލައި ދިރާސާކުރުމަށް ފަހު، މަގު ބަންދުކުރުމުގެ ދާއިރާ ވީހާ ވެސް ހަނިކުރުމެވެ.

ތިނެއް: އެ ޤައުމުތަކުގައި އުޅޭ މުސްލިމުން އަބަދު، ލުއިފަސޭހަކުރުމުގެ ފިޤުހާ ދިމާއަށް ނުގޮސް، ބިނާކުރުމުގެ ފިޤުހާ ދިމާއަށް ދާން މަސައްކަތްކުރުމަށް އެތަންތާނގެ މުސްލިމް ޢިލްމުވެރިންނާ އިސްފަރާތްތަކަށް ގޮވާލުމެވެ. ޙަލާތަކެއްޗަކީ ކޮބައިތޯ ބަލަން ސުވާލުކުރުމުގެ ބަދަލުގައި، ތަފާތު ދާއިރާތަކުގައި އިސްލާމީ އުފެއްދުންތައް އުފައްދަން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. ސަރަހައްދުތަކާއި ޤައުމިއްޔަތުގެ ސަބަބުން ބައިބައިވެ ވަކިވަކިވެގެން ތިބުމުގެ ބަދަލުގައި އެންމެން އެއްވެ އެއްބައިވެ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ބައިވެރިވާނެ ގޮތްތަކެއް ހޯދުމެވެ.

ހަތަރެއް: ޣައިރު މުސްލިމް ޤައުމުތަކުގައި ތަކާފުލް ނުވަތަ ބައިވެރިވާ އިސްލާމީ އަމާންކޮށްދޭ ކުންފުނިތައް ނެތިއްޔާ، ޟަރޫރީ ހާލަތްތަކާއި ޟަރޫރަތުގެ ދަރަޖައަށް ދާ ޢާއްމު ބޭނުންޖެހޭ ހާލާތްތަކުގައި، ވިޔަފާރި އަމާންކޮށްދޭ ކުންފުނިތަކާ މުޢާމަލާތް ކުރުން ހުއްދަވާނެއެވެ. އަހަރެން މި ބުނި ވާހަކައަކީ މިންގަނޑެއް ނެތް ޢާއްމު ވާހަކައަކަށް ވިޔަ ނުދިނުމަށްޓަކައި މި އަންނަނިވި ނުކުތާތަށް ގެންނާނަމެވެ. އަހަރެން ދެކޭ ގޮތުގައި ތިރީގައި މިވާ ހާލަތްތަކަކީ ވިޔަފާރި އަމާންކުރުން ހުއްދަވާނެ ހާލަތްތަކެކެވެ:

ހ- މުސްލިމަކު އުޅޭ ނުވަތަ މަސައްކަތް ކުރަން ނުވަތަ ޢިލްމު އުނގެނެން ދާ ޤައުމެއްގެ ޤާނޫނަކުން، އެއްވެސް ވައްތަރެއްގެ އަމާންކުރުމެއް އެއީ ކުރުން ލާޒިމު ކަމެއް ކަމަށް ހަދައިފިއްޔާ.

ށ- ކުރާ ވިޔަފާރި ނުވަތަ އާމްދަނީ ހޯދަން ކުރާ މަސައްކަތް އަމާންކޮށްގެން ނޫނީ ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ.

ނ- އަހަރެން ދެކޭ ގޮތުގައި، ޟަރޫރަތާއި ބޭނުމުގެ ތެރެއަށް، ޔޫރަޕުގެ ފަތުވާއާ ބަހުސްކުރުމާ ބެހޭ މަޖިލިހުން ފަތުވާ ނެރެފައި މިވާ ކަންތައްތައް ވަންނާނެއެވެ. އެ މަޖިލިހުގެ ފަތުވާ ނަމްބަރު 72 ގައި ބުނެފައި ވަނީ މިފަދައިންނެވެ:

''އަމާންކުރުމާއި ޔޫރަޕުގައި އެކަން ހިނގާ ގޮތާ ބެހޭ ގޮތުން މަޖިލިހަށް ހުށައެޅުނު ބަހުސްތަކާ ބެހޭ ގޮތުން މި މަޖިލިހުގައި ވަނީ ވާހަކަ ދެކެވިފައެވެ. އަދި ފިޤުހީ މަޖްމަޢްތަކާއި ޢިލްމީ ބައްދަލުވުންތަކުން ނުކުމެފައިވާ އެއްޗަކަށް ވެސް ބެލުނެވެ. އަދި މިއަށް ފަހު މި މަޖިލިހަށް އާދެވުނީ މި އަންނަނިވި ނަތީޖާއަށެވެ:

އެކެއް:

ސާބިތު މިންވަރެއް ދެއްކުމުގެ މައްޗަށް ބިނާވެފައިވާ، އަދި ކުންފުނީގެ ފައިދާއިން ބައެއް އަމާންކޮށްދެވޭ ފަރާތަށް ނުލިބޭ، ވިޔަފާރި އަމާންކުރުމަކީ ދީނުގައި ޙަރާމް ކަމެއް ކަމާއި، އަދި ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ، އަދި ގެއްލުންތައް ފޫބެއްދުމަށް ފަހު އިތުރުވާ އެއްޗެއް ބައިވެރިންނަށް ލިބޭ ގޮތަށް އޮންނަ ބައިވެރިވާ އަމާންކުރުމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށް ފިޤުހީ މަޖްމަޢްތަކުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތް ކުރުމެވެ. ނަމަވެސް ބައެއް ތަންތަނާއި ވެށްޓަކީ އެތަންތަނަށް ވަކި ޚާއްޞަ ހައްލުތަކަކާއި ބޭނުންތަކެއް ފުއްދައިދޭންޖެހޭ ތަންތަނެވެ. ޔޫރަޕުގައި އުޅޭ މުސްލިމުންނަކީ މިފަދަ ކަމަކަށް ބޭނުންޖެހިފައި ތިބި ބައެކެވެ. މިތާނގައި ޢާއްމުވެފައި ވަނީ ވިޔަވާރި އަމާންކުރުމެވެ. އަދި ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި އެ މީހުން ވަރަށް ގިނައިން ކުރިމަތިލާންޖެހޭ ނުރައްކާތައް ދުރުކުރަން، އަމާންކުރުމަކީ އެއީ ވަރަށް ބޭނުން ބޮޑު ކަމެކެވެ. ނަމަވެސް އިސްލާމީ ބަދަލެއް ނެތުމާއި، އަދި މިވަގުތު އެފަދަ ބަދަލެއް އީޖާދުކުރުން އުނދަގޫ ކަމަކަށް ވާތީ، ވިޔަފާރި އަމާންކުރުމަކީ މި އަންނަނިވި ހާލާތްތަކުގައި ހުއްދަ ކަމެއް ކަމަށް މި މަޖިލިހުން ފަތުވާ ދެއެވެ:

ހ- ޤާނޫނީ ގޮތުން އެކަން ލާޒިމުވުން. މިސާލަކަށް މަގުމަތީ އުޅަނދުތައް އަމާންކުރަން ޖެހުމާއި، މަސައްކަތު މީހުންނާއި މުވައްޒަފުން އިޖްތިމާޢީ ޙިމާޔަތާއި ޕެންޝަނުގައި ބައިވެރިވާން ޖެހުން. އަދި ބައެއް ފަހަރު ޞިއްޙީ އަމާންކުރުމާއި ކިޔެވުމަށްޓަކައި ކުރަންޖެހޭ އަމާންކުރުންތައް.

ށ- އަމާން ނުކޮށްފިނަމަ، ވަރަށް އުނދަގޫ ދަތިކަމާއި ބުރަ އުފުލުން ޖެހޭ ހާލަތްތަކުގައި. މިފަދަ ހާލަތްތަކަކީ ވިޔަފާރި އަމާންކުރުމުގައި އެކުލެވޭ ޣަރަރު މާފުކުރެވޭ ހާލަތްތަކެކެވެ. މިސާލަކަށް:

- މިސްކިތާއި އިސްލާމީ މަރުކަޒުތަކާއި މަދަރުސާތައް ފަދަ ތަންތަން އަމާންކުރަންޖެހުން.

- ވައްކަމާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން ކުރިމަތިވުމުން، އަމާން ނުކޮށްފިއްޔާ ގެއްލުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތަކެއް، ކާރާއި، އާލާތްތަކާއި ގެއާއި މަސައްކަތް އަދި ވިޔަފާރި ކުރާ މުއައްސަސާތަކަށް ލިބިދާނެ ކަމަށް ވަންޏާ.

- ހިލޭ ދޭ ޞިއްޙީ ޚިދުމަތެއް ނެތް އިރު، ނުވަތަ އެ ލިބެން ހުރި ޚިދުމަތުގެ ފެންވަރު ދަށްކަމުން ނުވަތަ ލިބޭލެއް ލަސްކަމުން، ތިމާއަށް ނުވަތަ ތިމާގެ ޢާއިލާ މީހުންނަށް ޞިއްޙީ ޚިދުމަތް ހޯދާދޭން ބަލާއިރު، އަމާން ނުކޮށްފިއްޔާ ޚިދުމަތް މާ ބޮޑަށް އަގުބޮޑުވުން.

ދޭއް: ޙަޔާތަށް ކުރެވޭ އެކި ވައްތަރުތަކުގެ އަމާންކުރުމުގެ މައުޟޫޢު، ފުރިހަމައަށް ދިރާސާކުރުމަށްޓަކައި، ދެން އަންނަ ބައްދަލުވުމަކަށް ފަސްކޮށްލުން.

ތިނެއް: އިސްލާމީ ބޭންކުތަކާއި، އިސްލާމީ ބައިވެރިވާ އަމާންކޮށްދޭ ކުންފުނިތައް، ވީ ވަރަކުން އުފެއްދުމަށް، ފައިސާއާއި ފިކުރުގެ ވެރިންނަށް މި މަޖިލިހުން ގޮވާލަމެވެ.

ޞިއްޙަތު އަމާންކުރުން

insurance-fiqhee-nazarei-bޞިއްޙަތު އަމާންކުރުމަކީ ވެސް އަމާންކުރުމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރަކަށް ވާހިނދު، މި ވެސް ބެހިގެން ދާނީ، ވިޔަފާރި އަމާންކޮށްދޭ ގޮތަށް ކުރެވޭ ޞިއްޙަތު އަމާންކުރުމާއި ބައިވެރިވާ ގޮތަށް ކުރެވޭ ޞިއްޙަތު އަމާންކުރުމަށެވެ.

ޞިއްޙަތު އަމާންކުރުމުގެ ޙުކުމް:

އުސޫލެއްގެ ގޮތުން ޞިއްޙަތު އަމާންކުރުމުގެ ޙުކުމް ހުއްޓިފައި ވަނީ، މިކަން ކުރާ ގޮތެއްގެ މައްޗަށެވެ. ޞިއްޙަތު އަމާންކުރެވެނީ ވިޔަފާރި އަމާންކުރެވޭ ގޮތަށް، ވިޔަފާރި އަމާންކޮށްދޭ ކުންފުންޏަކުން ކަމަށް ވާނަމަ، ފިޤުހީ މަޖްމަޢްތަކުންނާއި ބައްދަލުވުންތަކުން ނެރެފައިވާ ޤަރާރުތަކުގައި ބުނެފައިވާ ފަދައިން، އެކަން ހުއްދައެއް ނުވާނެއެވެ.

ނަމަވެސް ޞިއްޙަތު އަމާންކުރެވެނީ ސަރުކާރުން ހިންގާ އިޖްތިމާޢީ އަމާންކުރުމެއް (ނުވަތަ އިޖްތިމާޢީ ޙިމާޔަތް) ގެ ދަށުން ކަމަށް ވާނަމަ، އެކަން ހުއްދަވާނެއެވެ. ޖަމާޢީކޮށް ނެރެފައިވާ ފިޤުހީ ޤަރާރުތަކެއްގައި މިކަން މިގޮތަށް ނިންމާފައި ވެއެވެ. މީގެ ތެރޭގައި 1965 ވަނަ އަހަރު މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ނެރެފައިވާ ޤަރާރު ހިމެނެއެވެ. އޭގައި ބުނެފައި ވަނީ، މުޖްތަމަޢްގެ އެންމެން ހިމެނޭ ގޮތަށް އެ މީހުންގެ ފައިދާއަކަށް ސަރުކާރުން ހިންގާ އިޖްތިމާޢީ ޙިމާޔަތް (ނުވަތަ ސޯޝަލް ސެކިއުރިޓީ) ޕުރޮގްރާމުތަކަކީ ހުއްދަ ކަމެއް ކަމަށެވެ.

ވީމާ ސަރުކާރުން ހިންގާ ޞިއްޙަތު އަމާންކުރުމާއި، އަދި އިސްލާމީ ބައިވެރިވާ އަމާންކޮށްދޭ ކުންފުނިތަކުން ދޭ މިފަދަ ޚިދުމަތް އެއީ، ހުއްދަ ކަމެކެވެ.

ނޯޓް: ސަރުކާރުން ހިންގާ ކަމަކަށް ވާނީ، އަމާންކުރުމުގެ ޚިދުމަތަކީ އެއީ ހަމަ އަސްލުވެސް ސަރުކާރުން ރާވައި ހިންގާ ބަލަހައްޓާ ކަމަކަށް ވާނަމައެވެ. އެމެރިކާ ނުވަތަ ލަންކާ ނުވަތަ ރާއްޖޭގައި މިހާރު ހިންގަމުންދާ ވިޔަފާރި އަމާންކޮށްދޭ ކުންފުންޏަކާ ސަރުކާރުން މިކަން ހަވާލުކުރީމާ، މިކަން ބަދަލުވެގެން އެ ދަނީ ހަމަ އާދައިގެ ވިޔަފާރި އަމާންކުރުމަކަށެވެ.

ވީމާ އޮތް ހައްލަކީ، އިސްލާމީ ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއް އުފައްދައިގެން މިކަން ކުރުން، ނުވަތަ މެލޭޝިއާ، ޤަޠަރު، ކަހަލަ ތަނެއްގެ އިސްލާމީ އަމާންކޮށްދޭ ބަޔަކާ ގުޅިން މަސައްކަތް ކުރުން، ނުވަތަ ސީދާ ސަރުކާރުން މިކަމާ ބެހޭ ވަކި އިދާރާއަކުން ކުރުމެވެ. ޢާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނީ ފުރަތަމަ ދެ ހައްލުން ކުރެ ޙައްލެއް ނެގިއްޔާއެވެ. އެއީ ޞިއްޙަތު އަމާންކުރުމުގެ ޚިދުމަތް ލިބިފައި އަދި އަނެއްކޮޅުން ކުންފުންޏަށް ވާ ފައިދާއިން ވެސް އެ މީހުންނަށް ބައެއް ލިބޭތީއެވެ.


* ލިޔުމުގައި ބޭނުން ކުރެވިފައިވާ ބައެއް ބަސްތަކުގެ މާނަ:

- ތައުމީން: އިންޝުރެންސް / އަމާންކުރުން.

- ތައުމީން އައްތިޖާރީ: Commercial Insurance/ ވިޔަފާރި އިންޝުރެންސް. މީގެ މުރާދަކީ ވިޔަފާރި ކުރާ މުދަލެއް ފަދަ އެއްޗެއް އިންޝުރެންސް ކުރުމެއް ނޫނެވެ. މުރާދަކީ، ވިޔަފާރިއެއްގެ ގޮތުގައި ދެވޭ އިންޝުރެންސް ޚިދުމަތެވެ. މީހަކު އިންޝުރެންސޭ ބުނުމުން، ގިނަފަހަރަށް އޭނާ ގަސްދު އެ ކުރަނީ މި ވައްތަރުގެ އިންޝުރެންސް ވާހަކައެވެ. ރާއްޖޭގައި އަދި ދުނިޔޭގައި އެހެން ތަންތާނގައި ވެސް ޢާއްމުކޮށް ދެވޭ އިންޝުރެން ޚިދުމަތަކީ މި ވައްތަރުގެ ޚިދުމަތެވެ. އިސްލާމީ ޝަރީޢަތާ ފުށުއަރާ ވައްތަރަކީ ވެސް މިއީއެވެ.

- ތައުމީން އައްތަޢާވުނީ: Cooperative Insurance / ބައިވެރިވާ އަމާންކުރުން. މިއީ އެހީތެރިވެ ބައިވެރިވުމުގެ ގޮތުގައި ހިންގާ ކުންފުނިތަކުން ދޭ އިންޝުރެންސް ޚިދުމަތް. އިސްލާމީ އިންޝުރެންސް ޚިދުމަތް ދޭ ކުންފުނިތަކުން ޢާއްމު ގޮތެއްގައި އެ މީހުންދޭ އިސްލާމީ އިންޝުރެންސް ޚިދުމަތަށް ކިޔައި އުޅޭނީ، ''ބައިވެރިވާ އަމާންކުރުން'' (ތައުމީން އައްތަޢާވުނީ) އެވެ. މެލޭޝިއާ، ބުރުނާއީ، ޕާކިސްތާން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ޤައުމުތަކުގައި ވެސް މި ފަދަ އިންޝުރެންސް އާދައިގެ އިންޝުރެންސާ ތަފާތު ކުރުމުގެ ގޮތުން، އެއަށް ދެވިފައި އޮންނަ ޢަރަބި ބަސް ބޭނުން ކުރެވެއެވެ. އެ ގޮތުން، އިސްލާމީ އިންޝުރެންސް ކޮށްދޭ ކުންފުންޏެއްގެ އިޝްތިހާރެއްގައި ''ތަކާފުލް'' ނުވަތަ ''ތަޢާވުން'' އިންޝުރެންސް ޚިދުމަތް ދެމޭ ޖަހާފައި ވެސް އޮވެދާނެއެވެ. ގިނައިން ފެންނާނީ ''ތަކާފުލް'' މި ބަސް ބޭނުން ކުރާ ތަނެވެ. އެހެންވެ ''ތަކާފުލް'' މި ލަފްޒަކީ ހުރިހާ ބަހަކުން ވެސް އިސްލާމީ އިންޝުރެންސަށް ކިޔާ ނަމަކަށް ވަނީ ވެފައެވެ.

ތަކާފުލްގެ މާނައަކީ ''އެކަކު އަނެކަކަށް ޖާމިނުވުމެވެ.'' ތަޢާވުންގެ މާނައަކީ ''އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވުމެވެ.'' ކޮންމެ ގޮތެއް ވިޔަސް މި ދެ ބަހަކީ ވެސް އެކައްޗަކަށް ނިސްބަތްކުރަން ބޭނުން ކުރާ ދެ ބަހެކެވެ. ވީމާ ތަކާފުލް އޭ ބުންޏަސް ތަޢާވުން އޭ ބުންޏަސް މައްސަލައެއް ނެތެވެ.

- ޢަޤްދު މުޢާވަޟާ : Commutative Contract / ބަދަލުދެވޭ ޢަޤުދު. މިއީ ދެ ފަރާތުން ވެސް ބަދަލެއް ދީގެން ހެދޭ ޢަޤުދެވެ. މިސާލަކަށް ވިޔަފާރި ޢަޤުދަކީ މުޢާވަޟާ ޢަޤުދެކެވެ. ނަމަވެސް ހިބައިން އެއްޗެއް ދެވޭ ޢަޤުދަކީ މުޢާވަޟާ ޢަޤުދެއް ނޫނެވެ. އެންމެ މައްސަލަ ޖެހޭ، އަދި އޭގެ ތެރެއަށް ދީން ހުއްދަ ނުކުރާ ކަންތައްތަކެއް ވަންނަ ޢަޤުދަކީ މި ވައްތަރުގެ ޢަޤުދެވެ. އަދި މި ވައްތަރުގެ ޢަޤުދުތައް ޞައްޙަ ވުމަށް ވަކި ޚާއްޞަ ޝަރުޠުތަކެއް ވެއެވެ. މިސާލަކަށް މުޢާވަޟާ ޢަޤުދެއްގައި "ޣަރަރް'' ހިމެނިއްޖެނަމަ އެ ޢަޤުދު ޞައްޙައެއް ނުވާނެއެވެ. ނަމަވެސް "ހަމަހިލޭ ޢަޤުދު" (ތަބައްރުޢް ޢަޤުދު) ގައި މީގެ މައްސަލެއެއް ނުޖެހެއެވެ. އަމާންކުރުމުގެ ޢަޤުދަކީ މުޢާވަޟާ ނުވަތަ ބަދަލުދެވޭ ޢަޤުދެކެވެ.

- މުއައްމިން: Insurer / ދިވެހި ބަހުން މިއަށް ''އަމާންކުރާފަރާތް'' އޭ ބުނެވިދާނެއެވެ. މިއީ އިންޝުރެންސް ޚިދުމަތް ދޭ ފަރާތް ނުވަތަ ކުންފުންޏެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އަމާންކޮށްދޭ ކުންފުންޏެވެ.

- މުއައްމަން ލަހޫ: Insured / ދިވެހި ބަހުން މިއަށް ''އަމާންކުރެވޭފަރާތް'' ނުވަތަ ''އަމާންކުރެވުނުފަރާތް'' އޭ ބުނެވިދާނެއެވެ. މިއީ އިންޝުރެންސް ޚިދުމަތް ލިބިގަންނަ މީހާއެވެ. ''މުއައްމަން ލަހޫ'' (އަމާންކުރެވޭފަރާތް) ގެ ބަދަލުގައި ޢަރަބި ބަހުގައި ބައެއް ފަހަރު ''މުސްތައުމިން'' (އަމާންކުރުވާފަރާތް) އޭ ވެސް ބުނެއެވެ. މިއީ އިންޝުރެންސް ޚިދުމަތް ލިބިގަންނަ ފަރާތެވެ.

- ޤިސްޠު ނުވަތަ އަޤްސާޠު : Premium / ބައިތައް. މިއީ އިންޝުރެންސް ކުރުވަން، އެ ކުންފުންޏަށް ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި ދައްކާ ފައިސާއެވެ. ދިވެހި ބަހުން މިއަށް ''ބައިތައް'' ކީދާނެއެވެ. އެއީ ކޮންމެ ފަހަރަކު ވެސް އޭނާ ދައްކަނީ ދައްކަން ޖެހޭ ފައިސާތަކެއްގެ ''ބައިތަކެއް'' ކަމަށް ވާތީއެވެ. އިންސްޓޯލްމެންޓަށް އެއްޗެއްހި ގަތުމަށް އޮންނަ ފިޤުހީ އިސްޠިލާޙަކީ ''ބައިޢުއް ތަޤްސީޠް'' އެވެ. ވީމާ މިއަށް ދިވެހިން ''ބައިތަކަށް ވިއްކުން'' އޭ ވެސް ކީދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.