ހޮނިހިރު20200808

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާ ހިމެނޭ ދަރަނި އަތުލުމާއި ... ޝަރުޢީ ޟަރޫރަތް

ރިބާ ހިމެނޭ ދަރަނި އަތުލުމާއި ... ޝަރުޢީ ޟަރޫރަތް

ribaa-dharani-athulun- 
ސުވާލު: ދިރިއުޅުމުގައި މީހާ ބޭނުންވާ ކަންތައްތައް، އެންމެ ފުރިހަމަ ކުރުމަށްޓައި، ދަރަންޏަށް ފައިސާ ނެގުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ދަރަންޏަކަށް ކޮންމެހެން ވެސް ބޭނުންވެފައި ވާ މީހަކު، ރިބާ ލާފައި ނޫން ގޮތަކަށް ދަރަނި ދޭނެ މީހެއް ނުފެނިއްޖެ ހާލަތުގައި، ހަދާނީ ކިހިނެއްތޯ؟

ޖަވާބު: އައްޝައިޚް ޔޫސުފުލް ޤަރަޟާވީ

މުސްލިމެއްގެ ބޮލުގައި ދަރަންޏެއް އެޅިފައި އޮތުން، އެއީ އިސްލާމް ދީން ރުހޭ ކަމެއް ނޫނެވެ. ދީން އެދެނީ މުސްލިމުން އެއްވެސް މީހަކަށް ނު ދަރާ ދިރިއުޅުމެވެ. އެއީ ބޮލުގައި ދަރަންޏެއް އެޅިފައި ހުއްޓާ، ކުއްލި ގޮތަކަށް މަރުވެދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި އަމިއްލަ ފައިސާއިން ވިޔަސް، ހުއްދަ ކަންތަކުގައި އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރެވިފައި ވާ ކަމެކެވެ. ވީ އިރު، ދަރަންޏެއް ނަގައިގެން އިސްރާފު ކުރުން ހުއްދަވާނީ ކިހިނެއްހެއްޔެވެ؟ މިއީ ޝައިޚްގެ ޖަވާބުގެ ޚުލާޞާއެވެ. ތަފްޞީލު ތިރީގައި މި ވަނީއެވެ.

''ކޮންމެހެން ވެސް ޟަރޫރީ ކަމެއް ފުއްދަން ދަރަންޏެއް ނަގަން މުސްލިމަކަށް މަޖްބޫރުވާ ހާލަތުގައި، ރިބާ ލާފައި ނޫން ގޮތަކަށް ދަރަނި ދޭން މީހަކު އެއްބަސް ނުވެއްޖެނަމަ، އެ ފާފަ އެޅޭނީ ދަރަނި ދޭ މީހާގެ ބޮލުގައެވެ. އަދި މިފަދަ ދަރަންޏެއް ނަގާ އިރު، ޟަރޫރަތުގެ ދާއިރާ ފުޅާކޮށްގެން ނުވާނެއެވެ. ދިހަ ރުފިޔާގެ ދަރަންޏެއް ނަގަން މަޖްބޫރުވެފައި ވާ މީހާ، އެގާރަ ރުފިޔާ ނަގައިގެން ނުވާނެއެވެ.

''ރިބާ ކާ މީހާއަކީ، މީހުންނަށް ދަރަނި ދީފައި، ދަރަނި އަނބުރާ އަތުލާ އިރު، އިތުރަށް އަތުލާ މީހާއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މިފަދަ މީހަކީ މާތް ﷲ ގެ ލަޢްނަތް ލިބޭ މީހެކެވެ. އިސްލާމް ދީނުގައި ޙަރާމް ހުރިހާ ކަމެއްގައި ވެސް އުސޫލު އޮނަން ބީދައިން، ރިބާ ކެއުމުގެ ފާފަ އުފުލަން ޖެހެނީ، ރިބާ ކާ މީހާ އެކަންޏެއް ނޫނެވެ. ކިއެއްތެ، ރިބާ ކާ މީހާގެ އިތުރުން ރިބާ ދޭ މީހާ -ރިބާ ހިމެނޭ ދަރަނި ނަގާ މީހާ- ވެސް ފާފަވެރިވެއެވެ. އަދި ރިބާ ޢަޤުދު ލިޔެދޭ މީހާއާއި ހެކިވެރިވާ މީހުން ވެސް ފާފަވެރިވެއެވެ.

ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅެއްގައި ވަނީ: لَعَنَ رَسُولُ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް)

ނަމަވެސް ކޮންމެހެން ވެސް ޟަރޫރީ ކަމަކަށްޓަކައި، ރިބާ ލާފައި ދަރަންޏެއް ނަގަން މަޖްބޫރުވާ މީހާ، މިފަދަ ދަރަންޏެއް ނަގައިފިނަމަ ފާފަވެރިވާނީ، އެ ދަރަނި އެ ގޮތަށް ދިން މީހާއެވެ. އަދި މި ފަދަ ދަރަންޏެއް ނެގުން ހުއްދަ ވާނީ، ޝަރުޢީ ގޮތުން ޤަބޫލު ކުރެވޭފަދަ ޟަރޫރަތެއް އޮވެއްޖެނަމައެވެ. ދިރިއުޅުމުގައި ބޭނުންވާ އަރާމުތައް ފުއްދަން ނުވަތަ މުއްސަނދި ދިރިއުޅުން އުޅެން، މިފަދަ ދަރަންޏެއް ނަގައިގެން ނުވާނެއެވެ. ޟަރޫރީ އެއްޗެއްސަކީ، ކޮންމެހެން ބޭނުންވާ ބޭހާއި ކާ އެއްޗެއްސާއި އަންނައުނު ފަދަ، އެއާ ނުލާ ދިރި ނު އުޅެވޭނެ، އެ ނުލިބިއްޖެނަމަ އެ މީހާގެ ނަފްސަށް ގެއްލުން ލިބިދާނެ ކަންކަމެވެ.

ހަމަ އެހެންމެ މި ފަދަ ޟަރޫރަތެއް އޮވެގެން ރިބާ ހިމެނޭ ދަރަންޏެއް ނެގުމުގެ ހުއްދަ ދެވެނީ، ހުއްދަ ދެވުނު ޟަރޫރަތް ކިރިޔާ ފުއްދޭ ވަރަށެވެ. އެއަށް ވުރެ އިތުރަކަށް ނޫނެވެ. މިސާލަކަށް އޭނާއަށް ބޭނުންވަނީ ދިހަ ރުފިޔާ ނަމަ، އެގާރަ ރުފިޔާ އަތުލައިގެން ނުވާނެއެވެ.

އަނެއްކޮޅުން، ޟަރޫރަތަކަށްޓަކައި މިފަދަ ރިބާ ދަރަންޏެއް ނެގުމުގެ ކުރިން، ހުއްދަ ގޮތުގައި އާމްދަނީ ހޯދަން ކުރެވުނުހާ މަސައްކަތެއްކޮށް، ޙަލާލް ގޮތުގައި ދަރަންޏެއް ހޯދަން ކުރެވުނުހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ. އަދި މިފަދަ މާއްދީ ދަތިކަމެއްގައި އުޅޭ މީހަކަށް އެހީތެރިވުމަކީ، އޭނާގެ މުސްލިމް އަޚުންގެ މައްޗަށް ވާޖިބު ކަމެކެވެ. ހުރިހާ ގޮތެއް ހުސްވެ، ހުރިހާ ދޮރެއް ބަންދު ވުމުން، ދެން މިފަދަ ރިބާ ހިމެނޭ ދަރަންޏަކާ ދިމާލަށް ދިއުން ހުއްދައެވެ. އެއީ ފަހަރެއްގައި ވެސް، ރިބާ ޙަލާލް ވާތީކީ ނޫނެވެ. ކިއެއްތަ، އެއީ އޭނާ އަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި، އެ ގެއްލުމުން ސަލާމަތް ވުމަށް، ޝަރުޢީ ޟަރޫރަތެއް އޮތީމާ ދެވުނު ރުޚްޞާއެކެވެ. އަދި އޭނާ ރިބާ އެކުލެވޭ ދަރަންޏެއް ނަގަން ވާނީ، އެކަމަށް ނުރުހޭ ހާލު އަދި ބޭނުން ޖެހޭ މިންވަރުން ބޭރު ނުވާ ހާލުގައި ހުރެއެވެ. އަދި ރިބާ ދަރަނި އަތުލުން ނޫން ގޮތެއް ހޯދަން ކުރެވުނުހާ މަސައްކަތެއް ކުރަމުން، މަގެއް ފެނުނުހާ އަވަހަކަށް އެ މަގަކާ ދިމާލަށް ދާން ނިޔަތް ގަނެގެންނެވެ.

މުސްލިމުން ދިރިއުޅުމުގެ ކަންތަކުގައި ނަގަން ޖެހޭނީ މެދުމިން ގޮތްތަކެވެ. އަދި ޚަރަދު ކުރުމުގައި އިޤްތިޞާދު ކުރަން ޖެހެއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، އިސްރާފް ކުރުމަކީ ދީނުގައި ޙަރާމް ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ

މާނައަކީ: ''ތިޔަބައިމީހުން އިސްރާފް ނުކުރާށެވެ. އެހެނީ އިސްރާފް ކުރާ މީހުންނަށް، އެކަލާނގެ ލޯބިވެވޮޑިގެން ނުވެއެވެ.'' (އަލްއަންޢާމް141)

އަދިވެސް ވަޙީ ކުރައްވަނީ : وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ

މާނައަކީ: ''އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ. އަދި އިސްރާފް ނުކުރާށެވެ. ހަމަކަށަވަރުން އެ ކަލާނގެ، އިސްރާފް ކުރާ މީހުންދެކެ ރުހިވޮޑިގެން ނުވެއެވެ.''(އަލްއަޢްރާފް31)

ފަޤީރުންނަށާއި މިސްކީނުންނަށް އަދި މި ނޫންވެސް ހެޔޮ ކަންތަކުގައި މުދަލުން ހޭދަ ކުރުމަށް، ޤުރުއާނުގައި ވަނީ މުސްލިމުންނަށް ގޮވާލާފައެވެ. ނަމަވެސް ގޮވާލާފައި ވަނީ، ލިބިފައިވާ މުދަލުން ބައެއް ހޭދަ ކުރުމަށެވެ. ހުރިހާ މުދަލެއް ނޫނެވެ. ލިބޭ އެއްޗަކުން ބައެއް ހޭދަ ކޮށްގެން މީހަކު ފަޤީރު ވުމަކީ ވަރަށް ނާދިރު ކަމެކެވެ. ޚަރަދު ކުރުމުގައި މެދުމިން ގޮތެއް ގެންގުޅުމުން، މުސްލިމަކު އަތްމަތި ދަތިވެ މީހުން އަތުން ދަރަނި އަތުލަން ނުޖެހޭނެއެވެ. ދަރަނި އަތުލުމަކީ އިސްލާމް ދީން އެހާ ރުހޭ ކަމެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަނީ މިއީ މަކްރޫހަ ކަމެއްކަން އަންގަވާފައެވެ. މިނިވަނެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަކީ، ރޭގަނޑު ހާސްކަން ގެނެސްދޭ އަދި ދުވާލު ނިކަމެތިކަން ގެނެސްދޭ އެއްޗެކެވެ. އަދި ކީރިތި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަނީ، ދަރަނިވެރިވުމުން ސަލާމަތް ވުމަށާއި، މީހުންގެ ބާރު ދަށުވުމުން ރައްކާތެރިކޮށް ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ. އަދި ދަރަނިން ސަލާމަތްކޮށްދެއްވުމަށް އެދިވަޑައިގެން ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުޢާ ކުރެއްވި އަޑު މީހަކަށް އިވުމުން، ތިހާ ގިނައިން ދަރަނިން ސަލާމަތްކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަނީ ކީއްވެތޯ ސުވާލު ދެންނެވިއެވެ. އެ ހިނދު ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވީ، މީހަކު ދަރަނި އަތުލައިފިނަ، ވާހަކަ ދައްކައިފިއްޔާ ދޮގު ހަދާނެ ކަމަށެވެ. އަދި ވަޢްދެއް ކޮށްފިއްޔާ ވަޢްދާއި ޚިލާފް ވާނެ ކަމަށެވެ. މި ޙަދީޘްފުޅުގައި ބަޔާންކޮށް ދެއްވާފައި މި ވަނީ ދަރަނި ނެގުމުން މީހާގެ އަޚްލާޤަށް ކުރާ ނޭދެވޭ އަސަރެވެ.

ހަމަ އެހެންމެ، މައްޔިތާގެ ބޮލުގައި ދަރަންޏެއް އެޅިފައި އޮވެ، އަދި އެ އަދާ ކުރާނެ ފައިސާއެއް ދޫ ކޮށްފައި ނެތްކަން އެނގިވަޑައިގެންފި ނަމަ، ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރަން ހަވާލު ކުރައްވަނީ ކޮންމެވެސް އެހެން މީހަކާއެވެ. މި ކަމުން ވެސް އެނގެނީ ދަރަނީގެ ނުރައްކާތެރި ކަމެވެ. އަދި އެހެން ފަހަރަކު ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ، ''ދަރަނި ފިޔަވާ ހުރިހާ އެއްޗެއް ޝަހީދުވާ މީހާގެ ފާފައިން ފުއްސެވޭނެއެވެ.''

ނަބަވީ މި އިރުޝާދު މިހެން އޮއްވައި، ކޮންމެހެން މުހިއްމު ޟަރޫރީ ބޭނުމެއް ނެތި މުސްލިމަކު ދަރަނި ނަގަން ނު އުޅޭނެއެވެ. މަޖްބޫރުވެގެން އާދައިގެ ޙަލާލް ދަރަންޏެއް ނަގަން ވެސް މުސްލިމުން ޖެހިލުން ވާ އިރު، ރިބާ ފައިދާ ލާފައި ހުންނަ ދަރަނި ނަގަން މުސްލިމަކަށް ކެރޭނީ ކިހިނެއްހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.