Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާ ބޭންކަށް ފައިސާ ލުމާއި، ރިބާ ކެއުމާ ބެހޭ ގޮތުން ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާ

ރިބާ ބޭންކަށް ފައިސާ ލުމާއި، ރިބާ ކެއުމާ ބެހޭ ގޮތުން ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާ

ribaa-baei-fathuvaaމި އަންނަނިވި ކަންތައްތަކުގެ ޝަރުޢީ ޙުކުމަކީ ކޮބާ؟
- ބޭންކުގައި ފައިސާ ބަހައްޓާފާއި ވަކި ދުވަހެއް ވުމުން، އެއަށް އިތުރު ފައިދާއެއް ނެގުން.
- ފާއިދާ(އިންޓްރެސްޓް) ހިމެނޭ ގޮތަށް ބޭންކުން ލޯނު ނެގުން.
- ރިބާ ބޭންކުތަކުގައި، ފައިދާ ނު ނަގާގޮތަށް ލާރި ލާފައި ބެހެއްޓުން.
- މި ފަދަ ބޭންކުތަކުގައި، މެނޭޖަރެއް ނުވަތަ އެ ނޫންވެސް އެފަދަ ވަޒީފާއެއް އަދާ ކުރުން.
- މިފަދަ ބޭންކުތަކަށް، އޭނާގެ ގޯތިން ތަންތަން ކުއްޔަށް ދިނުން.

* ބޭންކުގައި ފައިސާ ބަހައްޓާފާއި ވަކި ދުވަހެއް ވުމުން، އެއަށް އިތުރު ފައިދާއެއް ނެގުން.

ޖަވާބު : އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދް

ފާއިދާ ހިމެނޭ ގޮތަށް، ބޭންކަށް ފައިސާ ލުން ހުއްދައެއް ނުވާނެއެވެ. އަދި ފައިދާ ހިމަނޭ ގޮތަށް ލޯނު ނެގުން ވެސް ހުއްދައެއް ނުވާނެއެވެ. ސަބަބަކީ މި ހުރިހާ ކަމަކީ ވެސް ޞަރީޙަ ރިބާއެވެ. އަދި ބޭންކެއްގައި ނޫނަސް، ފައިދާ ލިބޭ ގޮތަށް ލާރި ބެހެއްޓުން ހުއްދައެއް ނުވާނެއެވެ. ހަމަ މި ބީދައިން، މީހެއްގެ އަތުން ވެސް ފައިދާ ހިމެނޭ ގޮތަށް ލޯނު ނެގުން ހުއްދައެއް ނުވާނެއެވެ. މި ކަންތަކަކީ، ދީނުގައި ޙަރާމް ކަންތަކެއް ކަމުގައި ހުރިހާ ޢިލްމުވެރިން ވެސް ދެކޭ ކަންތަކެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ : وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނައަކީ: ''ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ.'' (ބަޤަރާ :275)

އަދިވެސް މާތް ﷲ ވަޙީ ކުރައްވަނީ : يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ: ''ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.''(ބަޤަރާ :276)

އަދިވެސް ވަޙީ ކުރައްވަނީ : يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ. * މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ(ސޫދާ ނުލާ) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައި އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''

ދެން މިއަށް ފަހު ﷲ ވަޙީ ކުރައްވަނީ : وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَن تَصَدَّقُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

މާނައަކީ : ''އަދި ދަރަނިވެރިޔާ ވަނީ ދަތި ހާލުގައި ނަމަ، އޭނާއަށް ދަރަނި އަދާކުރުމަށް ތަނަވަސްވެ ފަސޭހަ ފުރުސަތެއް ލިބެން ދެން، ދަރަނި ނެގުން ފަސްކޮށްލާށެވެ. އަދި އެއަށް ވުރެ ވެސް މޮޅު ރަނގަޅު ގޮތަކީ، ޞަދަޤާތުގެ ގޮތުގައި އެ ދަރަނި ކަނޑާލައި ދިނުމެވެ. (ބަޤަރާ :280)

މި އާޔަތުގައި، އަޅުތަކުންނަށް ﷲ އަންގަވަނީ، ދަރަނިވެރިއާ އެ އަދާ ކުރަން ނުކުޅެދިފައި ވަނިކޮށް، އެ އަތުލަން އުޅެ އަދި އަދާކުރުން ފަސްކުރީތީ އިތުރު ފައިސާތަކެއް ދައްކަން އޭނާއާ ނުޖެއްސުމަށެވެ. ކިއެއްތަ، އޭނާއަށް ޖެހޭނީ ދަރަނިވެރިއާ އަށް އެ ފައިސާ ދެއްކުމުގެ ކުޅަދާނަކަން ލިބެން ދެން މަޑު ކުރާށެވެ. އަދި ފައިސާ އަތުލާއިރު އެއްވެސް އެއްޗެއް އިތުރުކޮށްގެން ނުވާނެއެވެ. މިއީ ދަހިވެތި މީހުންގެ ދަހިވެތި ކަމުން، އަޅުތަކުން ސަލާމަތް ކުރެއްވުމަށް މާތް ﷲ ކަނޑައަޅުއްވާފައި ވާ ގޮތެވެ.

ދެން، ކޮންމެހެން މަޖްބޫރުވެގެން ޟަރޫރީ ސަބަބަކަށްޓަކައި، ފައިދާ އަތުނުލާ ގޮތަށް ބޭންކެއްގައި މުސްލިމަކު ފައިސާ ބެހެއްޓުން އެއީ މައްސަލައެއް ނޫނެވެ. މަސައްކަތް ކުރުމަށް ބަލާއިރު، ރިބާ ބޭންކެއްގައި މެނޭޖަރެއްގެ މަޤާމުގައި ވިޔަސް، ހިސާބުކިތާބު ބަލަހައްޓާ މީހަކަށް ވިޔަސް، އަދި އެ ނުން ކަމެއް ކުރަން ވެސް، މަސައްކަތް ކުރުން ހުއްދައެއް ނުވާނެއެވެ. އެއީ މާތް ﷲ ވަޙީ ކުރައްވާފައި ވަނީ : وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ

މާނައަކީ : ''އަދި ތަޤުވާވެރި ވުމާއި ހެޔޮކަންތައް ކުރުމުގެ މައްޗަށް، ތިޔަބައި މީހުން އެކަކު އަނެކަކާއި އެހީވެ ވާގިވެރި ވާށެވެ. އަދި ފާފަވެރި ވުމާއި ޢަދާވާތްތެރި ވުމުގެ މައްޗަށް، އެކަކު އަނެކަކާއި އެހީވެ ވާގިވެރި ނުވާށެވެ.''(އަލްމާއިދާ:2)

އަދި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީއެހެން ޙަދީޘްފުޅެއްގައި ވަނީ: لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ

މާނައަކީ: ''ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.'' އަދި ވިދާޅުވިއެވެ: ''މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.'' (ޞަޙީޙް މުސްލިމް، ބާބު އަލްމުސާޤާ)

ފާފަތަކަށް އެހީތެރިވުން ޙަރާމް ކުރާ އާޔަތްތަކާއި ހަދީޘްތައް ބައިވަރެވެ. ވީމާ މި ދަލީލުތަކަށް ބަލާއިރު، ރިބާ ބޭންކުތަކަށް ގޯތިން ތަންތަން ކުއްޔަށް ދޫކުރުން ވެސް ހުއްދައެއް ނުވާނެއެވެ. އެއީ ކުއްޔައް ދޫކުރުމަކީ ވެސް، އެ މީހުން ރިބާ ކެއުމަށް ވެވޭ އެހީތެރި ކަމެކެވެ. ރިބާއާއި ދުރުހެލިވެ ރިބާއާއި ހަނގުރާމަ ކުރުމަކޮށް، ޝަރުޢީ ގޮތުން ހުއްދަ މުޢާމަލާތް ކުރުމުގެ ތައުފީޤު، މާތް ﷲ މުސްލިމް ވެރިންނާއި ރައްޔިތުންނަށް ދެއްވުން އެދި ދުޢާ ކުރަމެވެ. (ޖަވާބު : ޝައިޚް ބިން ބާޒް)

* ފައިދާ ލިބޭ ގޮތަށް، ބޭންކަށް ފައިސާ ލުން

ބޭންކަށް ފައިސާ ލުމުގެ ޙުކުމަކީ ކޮބައި؟ މި ބޭންކަށް ލާރި ލުމުން އިތުރު ފައިދާއެއް ދޭ ކަން ފާހަނގަ ކޮށްލަމެވެ.

އަލްޙަމްދު ލިއްﷲ.

ރިބާ (ފާއިދާ) ލިބޭގޮތަށް ބޭންކަށް ލާރި ލުމަކީ ޙަރާމް ކަމެއް ކަމަށް، އިސްލާމީ ޝަރީޢަތުގެ ޢިލްމުވެރިން އެއްބަސް ވެލައްވައެވެ. އެއީ އެންމެ ބޮޑެތި ޙަރާމް ކަންތަކުގެ ތެރެއިން ޙަރާމް ކަމެކެވެ. އަދި އެއީ ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ : الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ * يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ

މާނަ: ''ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. * ސޫދު ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ. '' (ބަޤަރާ :275-276 )

އަދިވެސް ﷲ ވަޙީ ކުރައްވަނީ: فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ ''މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ( ސޫދާ ނުލާ) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައި އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''(ބަޤަރާ:279)

އަދި ރިބާ ކާ މީހާއާއި ރިބާ ކާންދޭ މީހާއާއި ރިބާގެ ޢަޤުދު ލިޔެދޭ މީހާއާއި، އެކަމަށް ހެކިވެރިވާ މީހުންނަކީ ﷲ ލަޢްނަތް ލައްވާ ބައެއް ކަމަށާއި، މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެއް ކަމަށް، ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޞައްޙަ ޙަދީޘުން އެބަ އެނގެއެވެ.

އަދި ބުޚާރީއާއި މުސްލިމުގައި ވާ ޙަދީޘެއްގައި ވަނީ: اجْتَنِبُوا السَّبْعَ ‏‏ الْمُوبِقَاتِ ‏ ‏قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ

މާނައަކީ: ''ގެއްލުމާއި ހަލާކު ހުރި ހަތް ފާފަ އަކާއި ދުރުވާށެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ކަންތަކެއްތޯއެވެ. ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އެއީ، ﷲ އަށް ޝިރުކު ކުރުމާއި، ސިޙުރު ހެދުމާއި، ޙައްޤު ގޮތުގައި ނޫނީ ޤަތުލު ކުރުން ﷲ ޙަރާމް ކުރެއްވި ނަފްސެއް ޤަތުލު ކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލުމާއި، ފާޙިޝް ކަމެއް ނުކުރާ ޢިއްފަތްތެރި މުއުމިން އަންހެނުންނަށް ގަޛްފު(ޒިނޭގެ ތުހުމަތު) ކުރުމެވެ.'' (ބުޚާރީ، މުސްލިމް)

މި މާނައިގައި ވާ -ރިބާ ޙަރާމް ކުރުމާއި އެއިން ދުރުވުމަށް އަމުރު ކޮށްފައި ވާ-ޙަދީޘްތައް ބައިވަރެވެ. ވީމާ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެން ވަނީ، މި ކަންތައް ދޫކުށް، އަދި މިކަންތައް ހުއްޓާލުމަށް އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތްތެރިވުމެވެ. އަދި މުސްލިމުންގެ ކަންތަކާ ހަވާލުވެ ތިބި ވެރިންނާއި، ބޭންކުތައް ހިންގަން ތިބި މީހުންގެ މައްޗަށް ވެސް މިކަން ވާޖިބެވެ. އަދި ﷲގެ ޢުޤޫބާތުން ރައްކާތެރި ވުމުގެ ގޮތުންނާއި ﷲ ގެ ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން، މި ޙުކުމްތައް ތަންފީޒު ކުރުމަކީ ލާޒިމުވެގެން ވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ : لُعِنَ الَّذِينَ كَفَرُواْ مِن بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوا وَّكَانُواْ يَعْتَدُونَ * كَانُواْ لاَ يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ لَبِئْسَ مَا كَانُواْ يَفْعَلُونَ

މާނަ ބަނީ އިސްރާއީލުންގެ ތެރެއިން ކާފިރު ވީ މީހުންނަށް، މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނާއި ދާއޫދުގެފާނުގެ ދޫފުޅު މަތިން ލަޢްނަތް ލެއްވުނެވެ. އެއީ އެބައި މީހުން އުރެދުނު ކަމަށްޓަކައެވެ. އަދި ޢަދާވާތްތެރިވެ އުޅުން އާދަވެފައި ވާ ކަމަށްޓަކައެވެ. * އެބައި މީހުން ކުޅަ ނުބައި ކަމަކާ މެދު، އެއްބަޔަކު އަނެއް ބަޔަކު ނަހީކޮށް ނު އުޅެތެވެ. ހަމަކަށަވަރުން އެބައި މީހުން ކަންތައް ކުރަމުން ދިޔަ ގޮތުގެ ނުބައި ކަމާއެވެ. (އަލްމާއިދާ :78،79)

އަދިވެސް ﷲ ވަޙީ ކުރައްވަނީ: وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاء بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلاَةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللّهَ وَرَسُولَهُ أُوْلَـئِكَ سَيَرْحَمُهُمُ اللّهُ إِنَّ اللّهَ عَزِيزٌ حَكِيمٌ

މާނައަކީ: ''މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ އެހީތެރި އެކުވެރިން ކަމުގައި ވާ ބައެކެވެ. އެބައި މީހުން ހެޔޮކަމަށް އަމުރު ކުރެއެވެ. އަދި ނުބައިކަން ނަހީ ކުރެއެވެ. އަދި ނަމާދުކޮށް ޒަކާތް ދީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ އުޅެތެވެ. އެބައި މީހުންނަށް މާތް ﷲ ރަޙްމަތް ލައްވާނެތެވެ. ހަމަކަށަވަރުން މާތް އީ ކީރިތިވަންތަ ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.'' (ތައުބާ:71)

ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތަކުން މަނާ ކުރުމަށް، ދީން އަމުރުކޮށްފައިވާ ޙަދީޘްތަކާއި އާޔަތްތައް ވަރަށް ގިނައެވެ. އަދި މިއީ އެނގޭ އެއްޗެހިތަކެކެވެ. މުސްލިމް ވެރިންނާއި ރައްޔިތުންނަށް، ހެޔޮކަންތައް ކޮށް، އެކަލާނގެ ޝަރީޢަތުގައި ހިފައި ތެދުމަގުގައި ތިބުމުގެ ތައުފީޤު ﷲ ދެއްވުން އެދި ދުޢާ ކުރަމެވެ. (ޖަވާބު : ބިން ބާޒް)

* ވަކި ފައިދާއެއް ލިބޭ ގޮތަށް، ބޭންކަށް ލާރި ލުން

ވަކި މިންވަރެއްގެ ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ލާރި ލުމުގެ ޙުކުމަކީ ކޮބައި؟

އަލްޙަމްދު ލިއްﷲ. ކަނޑައެޅިފައިވާ ފައިދާއެއް ލިބޭ ގޮތަށް، ބޭންކުގައި ފައިސާ ޖަމާ ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ މިއީ ރިބާ ހިމެނޭ ޢަޤުދެކެވެ.(ޢަޤުދު:މުޢާމަލާތެއް ކުރުމަށް ވެވޭ އެއްބަސްވުން) . މާތް ﷲ ވަޙީ ކުރައްވާފައި ވަނީ : وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا

މާނައަކީ: ''ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ.'' (ބަޤަރާ:275)

އަދިވެސް އެކަލާނގެ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُون

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ. * މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ( ސޫދާ ނުލާ) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައި އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''(ބަޤަރާ:278،279) އަދި ބޭންކަށް ފައިިސާ ރައްކާކުރަން ލާފައި، އިތުރަށް އެ ނަގާ ފައިސާއަކީ އެއީ އެއްވެސް ބަރަކާތެއް ހުންނާނެ އެއްޗެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވަނީ: يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ: ''ސޫދު ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.''(ބަޤަރާ :276)

އަދި މި ވައްތަރުގެ ރިބާ އަކީ، ރިބާ އައްސަނީއާ އާއި ރިބާ އަލްފަޟްލު ވެސް ހިމެނޭ މުޢާމަލާތެކެވެ. ސަބަބަކީ، ލާރި ލާ މީހާ، ބޭންކަށް ލާރި ލާފައި ހުރި ވަގުތައްޓަކައި އިތުރު ލާރި ނަގާތީއެވެ. އަދި މީގައި ބަދަލު ކުރެވެނީ އެއް ޖިންސެއްގެ ދޭއްޗެވެ.

(ޖަވާބު: ސުޢޫދިއްޔާގެ ފަތުވާއާއި ބެހޭ ދާއިމީ ކޮމިޓީ)

* ރިބާ ބޭންކަށް ލާރި ލުމުގެ ޙުކުމަކީ ކޮބައި؟

އަލްޙަމްދު ލިއްﷲ . ކޮންމެ މަހަކު ނުވަތަ އަހަރަކު ފާއިދާ އިތުރުވާ ގޮތަށް ރިބާ ބޭންކަށް ލާރި ލުމަކީ، އެއީ ޙަރާމް ކަމެއް ކަމަށް ޢިލްމުވެރިން އިޖްމާޢުވެއެވެ. ނަމަވެސް ރިބާ މުޢާމަލާތު ކުރާ ބޭންކަކަށް ލާރި ލާފައި ހުރީ، ފާއިދާ އަތުނުލާ ގޮތަށް ނަމަ، ޟަރޫރީ ބޭނުމެއް އޮތިއްޔާ އެކަން ހުއްދައެވެ. ޟަރޫރީ ބޭނުމެއް ނެތިއްޔާ ބޮޑަށް ރައްކާތެރި ގޮތަކީ އެފަދަ ބޭންކަކަށް ލާރި ނުލުމެވެ. ސަބަބަކީ، ފާއިދާ އަތުނުލާ ގޮތަށް ނަމަވެސް، އެ ފަދަ ބޭންކަކަށް ލާރި ލުމަކީ އެ ބޭންކެއްގެ ވިޔަފާރިއަށް ވެދެވޭ އެހީއެކެވެ. ވީމާ މި ގޮތަށް ލާރި ލާ މީހާ އަކީ ވެސް، ފާފައާއި ޢުދުވާނަށް އެހީތެރިވެދޭ މީހަކަށް ވުމުގެ ބިރު އެބަ އޮތެވެ. ކަން މިހެން އޮތުމުން، މުސްލިމުންގެ މައްޗަށް ވާޖިބު ވެގެން ވަނީ، ލާރި ރައްކާ ކުރުމާއި އެ ހޭދަ ކުރުމުގައި، ހުއްދަ ރައްކާތެރި ގޮތްތައް ހޯދުމެވެ. މުސްލިމުންނަށް އެބައި މީހުންގެ އުފަލާއި ޢިއްޒަތާއި ދިންނެވުމަށް، ﷲ ތައުފީޤު ދެއްވާފާނދޭވެ! އަދި އަވަސް ފުރުސަތެއްގައި، ރިބާގެ މުޢާމަލާތް ނުކުރާ އިސްލާމީ ބޭންކު އުފެއްދުމުގެ މަގު ތަނަވަސް ކޮށްދެއްވާފާނދޭވެ! އަދި މުޙައްމަދުގެފާނު މައްޗަށް ޞަލަވާތާއި ސަލާމް ލައްވާފާނދޭވެ! (ފަތާވާ ބިން ބާޒް:4/30 ، 311)

* ރިބާ ބޭންކެއް މެދުވެރިކޮށް މަހު މުސާރަ ނެގުން

ރިބާ އާއި ބެހޭ ގޮތުން ކުރެވޭ ސުވާލު ވަރަށް ގިނައެވެ. މި ގޮތުން ބައެއް މީހުން އެ މީހުންގެ މަހު މުސާރަ، ރިބާ ބޭންކުތައް މެދުވެރިކޮށް ނަގަން ޖެހިލުން ވެއެވެ. ޢިއްޒަތްތެރި ޝައިޚް މި ކަމާއި މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ޖަވާބު : ތިއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ބޭންކުތައް މެދުވެރިކޮށް މުސާރަ ނެގުމުގައި ގޯހެއް ނެތެވެ. ސަބަބަކީ އެ މުވައްޒަފު ރިބާ ހޯދަން، ބޭންކުގައި އެ ލާރި ނުބަހައްޓައެވެ. އެ ލާރި ރައްކާތެރިކޮށް ބެހެއްޓުމުގެ ގޮތުން، ބޭންކަށް އެ ލީ އެ ކަމާ ބެހޭ މަސްއޫލުވެރިންނެވެ. ހަމަ މި ބީދައިން، ބޭންކުތައް މެދުވެރިކޮށް އެއް ޤައުމުން އަނެއް ޤައުމަށް ފައިސާ ފޮނުވުމުގައި ވެސް މައްސަލައެއް ނެތެވެ. އެއީ މިއީ ޟަރޫރީ ބޭނުމަކަށް ވާތީއެވެ. މަނާ ކަމަކީ، ލާ ފައިސާއަށް ރިބާ އަތުލުމާއި އަދި އެ ކަމަށް އެހީތެރިވުމެވެ. ރައްކާކޮށްފައި ބަހައްޓާނެ އެހެން ތަނެއް ނެތުމުން، ބޭންކެއްގައި ރައްކާ ކުރަން ވެގެން، ފައިސާ ބެހެއްޓުން، އަދި ރިބާއާ ނުލާ މި ނޫންވެސް ސަބަބަކަށްޓަކައި ފައިސާ ބެހެއްޓުން، ނުވަތަ ބޭންކު މެދުވެރިކޮށް ފައިސާ ފޮނުވުން ފަދަ ކަންތަކުގައި މައްސަލައެއް ނެތެވެ. އެކަމަކު، ދައުލަތުން މީހުންގެ މުސާރަ މި ފަދަ ބޭންކު ނޫން ތަނެއްގައި ބަހައްޓާނަމަ، މާ ރަނގަޅުވެފައި ސަލާމަތްކަން ބޮޑެވެ. (މަޖްމޫޢު ފަތާވާ ވަ މަޤާލާތު މުތަނައްވިޢާ / 4 ވަނަ ބައި)

* ކިޔަވަން ހުންނަ ކުއްޖަކު ދަރަނި ނެގުން

އަޅުގަނޑަކީ ބޭރު ޤައުމެއްގައި އަމިއްލަ ޚަރަދުގައި ކިޔަވަން ހުންނަ ކުއްޖަކީމެވެ. މި އަހަރު ކިޔަވަން ދައްކަން ޖެހޭ ލާރީގެ ދަތިކަމެއް އެބަ އުޅެއެވެ. ނަމަވެސް ޔުނިވާސިޓީން އަޅުގަނޑަށް ދަރަންޏެއް ލިބެން އެބަ އޮތެވެ. އެ ދަރަނި ނަގާ ކުއްޖާއަށް ވަޒީފާ ލިބޭތާ 6 މަސް ފަހުން ދަރަނި އަދާ ނުކޮށްފިނަމަ، ދަރަންޏަށް ފައިދާ އިތުރުވެއެވެ. ވީމާ މި ފަދަ ދަރަންޏެއް ނެގުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު :ޑޮކްޓަރ ފަހްދު ބިން ޢަބްދުއްރަޙްމާން އަލްމިޝަޢަލް (އިމާމް މުޙައްމަދު ބިން ސުޢޫދް ޔުނިވާސީޓީގެ އުސްތާޛެއް)

ޔުނިވާސިޓީން ތި ދޭ ލާރީގެ ފުރަތަމަ ކޮޅުގައި ވަނީ ޤަރްޟުލް ޙަސަން (ހެޔޮކަމެއްގެ ގޮތުން ދޭ ދަރަނި) އެވެ. ފަހު ކޮޅުގައި ވަނީ ރިބާ އެވެ. އަހަރެންނަށް ފެންނަނީ، ތިބާ ތި ދަރަނީގެ ބޭނުން ހިފާށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތު ހަމަ ވުމުގެ ކުރިން، ދަރަނި އަދާ ކުރުމަށެވެ. ރިބާ ކާން ދޭ ލަޢްނަތް ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭނީ އޭރުންނެވެ.

* ވަޒީފާ އަދާ ކުރުން :

ރިބާގެ މުޢާމަލާތު ކުރާ ބޭންކު ކުންފުނިތަކުގައި މަސައްކަތް ކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވަމުން އައްޝައިޚް އިބްނު ޢުޘައިމީން(ރަޙިމަހުﷲ) ވިދާޅު ވަނީ :

''ފޯރިމަރާމީހެއް ނުވަތަ ޑްރައިވަރެއްގެ ވަޒީފާއަށް ވިޔަސް، ރިބާ މުއައްސަސާތަކުގައި މަސައްކަތް ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ މިފަދަ މުއައްސަސާއެއްގެ ވަޒީފާއަކަށް ވަނުމުގެ މާނައަކީ، އެ ތާނގައި ހިންގޭ ރިބާގެ މުޢާމަލާތްތަކާ މެދު ރުހުމެވެ. މީހަކު ނު ރުހޭ ކަމެއްގައި ބައިވެރިވެ، އެ ކަމަކަށް އެހީތެރިވުމަކީ، އެއީ ވާނެ ކަމެއް ނޫނެވެ. ވީމާ މިފަދަ ތަނެއްގެ މަސްލަހަތަށް މަސައްކަތް ކުރުން، އެއީ އޭނާ އެ މީހުން ކުރާ ކަމަކަށް ރުހުމެވެ. އަދި ދީނުގައި ޙަރާމް ކަމަކަށް ރުހުމުން، އެކަމެއްގެ ފާފަ އޭނާއަށް ވެސް ލިބޭނެއެވެ.

ދެން، މިފަދަ ތަނެއްގައި ލިޔެކިޔުމުގެ މަސައްކަތް ކުރާ ނުވަތަ ފައިސާ ދީ ފައިސާ އަތުލުން ފަދަ ކަންތައް ކުރާ މީހަކީ، ޝައްކެތް ވެސް ނެތް ގޮތުގައި، ސީދާ ގޮތެއްގައި ޙަރާމް ކަމެއް ކުރާ މީހެކެވެ. ޖާބިރު ރަޟިޔައްﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅަކުން، ރިބާ ކާ މީހާއާއި، ރިބާ ކާންދޭ މީހާއާއި، ރިބާ ހިމެނޭ ޢަޤުދަކަށް ހެކިވެރިވާ މީހާއައި އެ ލިޔެދޭ މީހާއަށް ވެސް، ލަޢްނަތް ލެއްވިގެން ވާ ކަމަށާއި އަދި މި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ސާބިތުވެއެވެ. '' (ފަތާވާ އިސްލާމިއްޔާ : 2/401)

ބޭންކުން ކުރާ ފައިސާގެ މުޢާމަލާތާއި އެއްވެސް ގުޅުމެއް ނެތި، ބޭންކެއްގެ ރޭގަނޑު ފޯރިމަރަން މަސައްކަން ކުރާ މީހަކު، އޭނާ ވަޒީފާގައި ދެމި ހުންނާނީތޯ ނުވަތަ ވަކިވާނީތޯ، ސުޢޫދިއްޔާގެ ފަތުވާއާއި ބެހޭ ދާއިމީ ކޮމިޓީ އާއި ސުވާލު ކުރެވުނެވެ. ޖަވާބު ދެއްވީ :

''ރިބާގެ މުޢާމަލާތު ކުރާ ބޭންކެއްގެ ފޯރިމަރަން ވެސް، މުސްލިމަކު ހުރުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އެއީ ފާފައާއި ޢުދުވާނަށް އެހީތެރި ވުމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ. މާތް ﷲ ވަނީ މި ކަން މަނާ ކުރައްވާފައެވެ. ވަޙީ ކުރައްވަނީ : وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ

މާނައަކީ: ''އަދި ތަޤުވާވެރި ވުމާއި ހެޔޮކަންތައް ކުރުމުގެ މައްޗަށް، ތިޔަބައި މީހުން އެކަކު އަނެކަކާއި އެހީވެ ވާގިވެރި ވާށެވެ. އަދި ފާފަވެރި ވުމާއި ޢަދާވާތްތެރި ވުމުގެ މައްޗަށް، އެކަކު އަނެކަކާއި އެހީވެ ވާގިވެރި ނުވާށެވެ.''(އަލްމާއިދާ:2)

ދެން ގިނަ ބޭންކުތަކަކީ ރިބާގެ މުޢާމަލާތު ކުރާ ބޭންކުތަކެކެވެ. ވީމާ ތިބާ އަށް ޖެހޭނީ ޙަލާލު ގޮތުގައި ރިޒުޤު ހޯދޭނެ އެހެން މަގެއް ހޯދާށެވެ.'' (ފަތާވާ އިސްލާމިއްޔާ : 2/401،402)

* މީހެއްގެ ގޭގައި އުޅެވުނަ ދިނުން ޝަރުޠު ކޮށްފައި ލޯނެއް ދިނުން.

ސުވާލު : އަހަރެން މީހަކަށް އެއްހާސް ރިޔާލް ގެ ލޯނެއް ދީފީމެވެ. ލޯނު ދިނީ އޭނާ އަތުގައި ހުރި މީހުން ނު އުޅޭ ގެއެއްގައި އެއް އަހަރު ދުވަހު އަހަރެން، ހުންނަ ގޮތަށެވެ. އަދި އަހަރެއް ވުމުން، އޭނާ އަހަރެންނަށް ލާރި އަނބުރާ ދޭނީއެވެ. އަދި އަހަރެން އޭނާއާ ގެ ހަވާލު ކުރާނީއެވެ. މިއީ ހުއްދަ މުޢާމަލާތެއް ހެއްޔެވެ؟

ޖަވާބު : ޑޮކްޓަރ ރާޝިދް ބިން އަޙްމަދު އަލްޢުލައިވީ (ޤަޞީމް ޔުނިވާސިޓީގެ އުސްތާޛެއް)

- އޭނާގެ ގޭގައި އުޅެވުނަ ދިނުން ޝަރުޠުކޮށްފައި، ލޯނު ދިނުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ، ތި ގޮތަށް ޝަރުޠުކޮށްގެން އޭނާގެ ގޭގައި އުޅުން ވާނީ، ދަރަންޏެއް ދިނުމަށް ފަހު އޭގެ ފާއިދާއެއް ހޯދުން ކަމަށެވެ. ދަރަންޏެއްގެ ފަހަތުން ފައިދާއެއް ހޯދުން އެއީ ސީދާ ރިބާ އެވެ. އަދި މިފަދަ މުޢާމަލާތެއް ޙަލާލް ކުރަން ވެގެން ޙީލަތެއްގެ ގޮތުން، އޭނާއަށް ރަމްޒީ ކުޑަ ކުއްޔެއް(އަސްލު އަގަށް ވުރެ ކުޑަކޮށް) ދިނުން ވެސް ނުފުދޭނެއެވެ. ޙަރާމް ކަމެއްގައި ހީލަތެއް ބޭނުން ކުރުމަކުން، އެކަން ޙަލާލް ކަމަކަށް ބަދަލެއް ނުވާނެއެވެ. (ނޯޓް: މި މިސާލުގައި، ދަރަނި އަތުލާ މީހާ އަމިއްލައަށް، -އޭނާ އަމިއްލައަށް ފެނިގެން- އޭނާއަށް ހެޔޮ ކަމެއް ކޮށް ދިނީތީ ގޭގައި ބެހެއްޓުން އެއީ، މުޅިން އެހެން ކަމެކެވެ.)

* ޒިނޭ ނުކުރަން މީހަކާ އިންނަންވެގެން، ރިބާ ހިމެނޭ ދަރަންޏެއް ނެގުން

ހިފަހައްޓައިގެން ހުރެވޭނެ ވަރަކަށް، މިހާރު އަހަރެންނަށް ހިފަހައްޓައިގެން ހުރެވިއްޖެއެވެ. މިހާރު ދެން އަހަރެން މި ވަނީ ޒިނޭއެއް ކުރެވުމުގެ މަގުމަތީގައެވެ. ދެން އިތުރު އެންމެ ދުވަހަކަށް ވެސް އަހަރެންނަށް ކެތް ނުކުރެވޭނެ ކަން އެބަ އެނގެއެވެ. ނަމަވެސް، ކައިވެނު ކުރަން ބޭނުންވާ، މާއްދީ ކުޅަދާނަ ކަމެއް އަހަރެން އަތަކު ނެތެވެ. ވީމާ އަހަރެންނަށް ރިބާ ހުއްދަ ވާނެހެއްޔެވެ؟ ނޫން ނަމަ، އަހަރެން ފާޙިޝް ކަމެއްގެ ތެރެއަށް ވެއްޓިދާނެއެވެ.

ޖަވާބު : ސާމީ ބިން ޢަބްދުލް ޢަޒީޒް އަލްމާޖިދް (މުޙައްމަދު ބިން ސުޢޫދު އަލްއިސްލާމިއްޔާ ޔުނިވާސިޓީގެ އުސްތާޛެއް)

- އަލްޙަމްދު ލިއްﷲ . ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލިއްﷲ . އަދި މިއަށް ފަހު ބުނަން :

ރިބާ ވެސް އަދި ޒިނޭ ވެސް ތިބާއަށް ޙަލާލެއް ނުވާނެއެވެ. ތިބާއަށް އޮތީ ކެތްތެރި ވުމެވެ. ފަހެ އިންސާނާ އުފެއްދުނީ އިމްތިޙާނު ކުރެއްވުން ފިޔަވާ ދެވަނަ ކަމަކު ނޫނެވެ. އަދި މި ދުނިޔެއަކީ އުނދަގޫތަކާއި އިމްތިޙާނުތައް ކުރިމަތިވުމުގެ ގޮވައްޗެވެ. މާތް ﷲ ވަޙީ ކުރައްވަނީ : الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ

މާނައަކީ: '' އެކަލާނގެ އީ ތިޔަބައި މީހުންގެ ތެރެއިން ރަނގަޅު ޢަމަލުތައް ކުރާ ބަޔަކީ ކޮބައިކަން އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރާއި ދިރިހުރުން އުފެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ އީ ބާރު ގަދަ އަދި ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.'' (އަލްމުލްކު:2) . މި ދުނިޔެއަކީ، އާޚިރަތަށް ތައްޔާރު ވާން ގޮވާން އިންދާތަނެވެ. ވީމާ އަވަހަށް ކުޑަ މި ދުނިޔޭގެ ވަގުތުކޮޅަކަށްޓަކައި، އާޚިރަތުގެ ދާއިމީ ޙަޔާތް ބަރުބާދު ނު ކުރާށެވެ. އަދި ﷲ އަށް ތަޤްވާވެރި ވާށެވެ. ޝައިޠާނާގެ ވަސްވާސްތަކުގެ ކުރިމަތީގައި، ބަލި ނުވާށެވެ. އަދި ހަވާ ނަފްސަށް ތަބާ ނުވާށެވެ. ހިތް ގޯސް ވާ ކަހަލަ ތަންތަނާ ކައިރި ނުވާށެވެ. ތިބާ އަކީ، ކައިވެނި ކުރާނެ ފައިސާއެއް ނެތް ފަޤީރެއް ނަމަ، ޒަކާތު ފައިސާ ހޯދަން އުޅޭށެވެ. ޙަލާލް ކަމެއް ފުއްދަން ނަމަނަމަ ޙަރާމް ކަމެއްގެ އެހީ ނު ހޯދައްޗެވެ! މާތް ﷲ ވަހީ ކުރައްވަނީ: وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحاً حَتَّى يُغْنِيَهُمْ اللَّهُ مِن فَضْلِهِ

މާނަ: ''ކައިވެނި ކުރުމުގެ މަގެއް (ޚަރަދުބަރަދާއި އެހެނިހެން ގޮތް ގޮތުން) ނުފެންނަ މީހުން ޢިއްފަތްތެރި ވެގަންނަ ހުށިކަމެވެ. މާތް ﷲ އެކަލާނގެ ދީލަތިކަމުގެ ތެރެއިން އެބައި މީހުން މުއްސަނދި ކުރައްވާ، އެކަން ފުއްދަވާ ދެއްވައިފުމަށް ދާންދެނެވެ.'' (އައްނޫރް:33)

ނޯޓް: (ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ޒުވާނުންނަށް، ކީރިތި ރަސޫލާ ބޭހެއް އުނގަންނަވައި ދެއްވާފައި ވެއެވެ. އެއީ ރޯދަ ހިފުމެވެ. ބަނޑުހައި ވީމާ ދެން އެ މީހާ އެހެން ޝަހުވަތްތައް މަތިން ހަނދާނެއް ނު ހުންނާނެއެވެ. ނަމަވެސް، ޢުމުރު ދުވަހު މިހެން ވެސް ނު ހުރެވޭނެއެވެ. ވީމާ ޖެހޭނީ ހަމަ މަސައްކަތް ކޮށްގެން ލާރި ހޯދާށެވެ. ރިބާ ލޯނު ނަގާކަށް ނޫނެވެ.)

Comments