ހުކުރު20181116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާ ބޭންކުން ލޯނުނެގުމަކީ ހުއްދަކަމެއްތަ؟

ރިބާ ބޭންކުން ލޯނުނެގުމަކީ ހުއްދަކަމެއްތަ؟

ribaa-bank-in-loan-negun-hudhathaސުވާލު: އަޅުގަނޑަކީ އާދައިގެ ވަރެއްގެ މުސާރައެއް ހޯދަމުން އައި މުވައްޒަފަކީމެވެ. އަދި އެއިން އެއްޗެއް ރައްކާ ކުރުމަށްފަހު ބޭންކަށް ލައިގެން، ބޭންކުން އެއަށް އިތުރު ފައިދާއެއް ހޯދީމެވެ. ވީމާ މިއީ ހުއްދަ ކަމެއްތޯ؟ ނުވަތަ ނޫންތޯ؟ އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި މަރްޙޫމް އައްޝައިޚް ޝަލްތޫތު މި ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް ފަތުވާ ދެއްވާފައި ވެއެވެ. އަދި މި ނޫން ޢިލްމުވެރިން ވެސް މި ހުއްދަ ކުރައްވާ ކަމަށް އަޑުއެހީމެވެ. އަދި ދަންނަވަމެވެ. އަޅުގަނޑަށް ބޭންކުން ލިބުނު ފައިދާއިން ޒަކާތް ދިނީމެވެ. ނަމަވެސް ނެރުނު ޒަކާތަށް ވުރެ މި ފައިދާ ގިނައެވެ. ވީމާ ބޭންކު ފައިދާއަކީ ހުއްދަ އެއްޗެއް ނޫންނަމަ ހަދަންވީ ކިހިނެއްތޯއެވެ؟

ޖަވާބު : އައްޝައިޚް ޑޮކްޓަރ ޔޫސުފުލް ޤަރަޟާވީ

بسم الله والحمد لله والصلاة والسلام على رسول الله وبعد .... ބޭންކަށް ލާރި ލާ މީހާ، އިތުރަށް ނަގާ ފައިދާ އަކީ އެއީ ޙަރާމް ކުރެވިފައިވާ ރިބާއެވެ. ފަހެ ރިބާއަކީ، ދަރަނީގެ އިތުރަށް ދޭން ޝަރުޠުކުރާ ކޮންމެ އިތުރުކުރުމެކެވެ. މާނައަކީ، ވިޔަފާރި ކުރުމެއް އަދި އެއްވެސް މަސައްކަތެއް ބުރައެއް ނު އުފުލައި، ދިން ރައުސްމާލުގެ އިތުރަށް ހޯދާ ކޮންމެ ފައިސާ އަކީ ރިބާއެވެ. މިހެންވެ މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ * فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ : ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ. * މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.''(ބަޤަރާ 278،279)

ފަހެ މި އާޔަތުގައި ތައުބާގެ މާނައަކީ، މީހަކު ދަރަންޏެއްގެ ގޮތުގައި ދިން އަސްލު ފައިސާ، ހަމަ އެ ވަރަށް، އަނބުރާ ހޯދާފައި، އިތުރު ބައި އަތުނުލައި ދޫކޮށްލުމެވެ. އެއްވެސް މުޟާރަބާއެއް ނުވަތަ މުޝާރަކާއެއް ނުކޮށް، ގެއްލުމާއި ފައިދާވުމުގެ ނުރައްކަލާ ކުރިމަތިނުލާ، ދިން ދަރަނީގެ ރައުސްމާލަށް ވުރެ ގިނައިން ފައިސާ އަނބުރާ ހޯދުމަކީ، އެއީ ސީދާ ރިބާއެވެ.

އަހަރެންނަށް އެނގިފައިވާ ގޮތުގައި ޝައިޚް ޝަލްތޫތު، ބޭންކު ފައިދާ ހުއްދަ ކަމަކަށް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ، ''ޟަރޫރަތެއް އޮވެއްޖެނަމަ -ފަރުދީ ނުވަތަ ޖަމާޢީ-، ބޭންކު ފައިދާ ހުއްދަ ކުރުމަކީ، ކުރެވިދާނެ ކަމެއްކަމަށެވެ.'' އަދި ޝައިޚު ވަނީ، ޟަރޫރަތުގެ މާނަ ފުޅާ ކުރަންޖެހޭ ވަރަށް ވުރެ ބޮޑަށް ފުޅާ ކުރައްވާފައެވެ. ޟަރޫރަތުގެ މާނަ މިގޮތަށް ފުޅާ ކުރުމަކީ އަހަރެން އެކަމާ އެއްބަސް ވާ ކަމެއް ވެސް ނޫނެވެ.

ޝައިޚް ފަތުވާ ދެއްވާފައި ވަނީ ޕޯސްޓަލް ސޭވިން ފަންޑު ހުއްދަ ކަމަށެވެ. މިއީ އަދި ބޭންކު ފައިދާއެއް ނޫނެވެ. އަދި މި ހުއްދަ ކުރުމަކީ ވެސް، އަހަރެމެން ޝައިޚާއި އެއްބަސް ވާ ކަމެއް ނޫނެވެ.

ރައުސްމާލެއް ދީފައި އެއަށް ކަނޑައެޅިފައިވާ ވަކި ފައިދާއެއް ނެގުމަކީ، އިސްލާމް ދީން ފަހަރެއްގައި ވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ. ފައިސާ ދޭ މީހައަކީ އެ ވިޔަފާރީގައި ބައިވެރިއެއް(ޝަރީކެއް) ނަމަ، ވިޔަފާރިން ވީ ފައިދާއަކުން ފައިދާގައި، އަދި ވީ ގެއްލުމަކުން ގެއްލުމުގައި ހިއްސާވާން ޖެހޭނެއެވެ.

ފައިދާ ވީ މަދުންނަމަ، އޭނާއަށް ލިބޭ ހިއްސާ މަދުވާނެއެވެ. ފައިދާ ގިނަނަމަ ލިބޭ ފައިދާގެ ހިއްސާ ވެސް ބޮޑު ވާނެއެވެ. ފައިދާއެއް އެއްގޮތަކަށް ވެސް ނެތް ނަމަ، އޭނާއަށް ލިބޭނެ އެއްޗެއް ނޯންނާނެއެވެ. އަދި ވީ ގެއްލުމެއް ނަމަ، އެ ގެއްލުން ވެސް އޭނާ ތަހައްމަލު ކުރަން ޖެހޭނެއެވެ. ޝަރާކާ(މުޝާރަކާ) ގެ މާނައަކީ މިއީއެވެ.

ވީމާ، ކުރީއްސުރެ ލިބޭ މިންވަރު ކަނޑައަޅައި ޖާމިން ވުމަކީ، އެއީ ހުއްދަ ވާނެ ގޮތެއް ނޫނެވެ. އެހެން ނޫންނަމަ، ލާރި އަތުލި މީހާއަށް ވިޔަފާރިން 80 ނުވަތަ 90 އިންސައްތަ ފައިދާ ވާ އިރު، ލާރި ދިން މީހާއަށް 5 ނުވަތަ 6 އިންސައްތަ ލިބިދާނެއެވެ. އަދި ވިޔަފާރިން ބޮޑު ގެއްލުމެއް ވާ އިރު، ލާރި ދިން މީހާ އަށް ރައުސް މާލު އަނބުރާ ފުރިހަމައަށް ލިބެންޏާ، ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. މިއީ ފަހަރެއްގައި ވެސް އިސްލާމް ދީނުގައި މިކަން އޮންނަ ގޮތެއް ނޫނެވެ. ފައިދާ ހުއްދަ ކަމަށް ޝައިޚް ޝަލްތޫތު ފަތުވާ ދެއްވިޔަސް ވެހެވެ. މާތް ﷲ ޝައިޚަށް ރަޙްމަތް ލައްވާ، ޢަފޫ ކުރައްވާށިއެވެ!

ބޭންކު ފައިދާ ނަގާނީތޯ ނޫންތޯ ސުވާލު ކުރާ އަޚަށް އަހަރެން ޖަވާބު ދެނީ މިފަދައިންނެވެ. އެއީ ބޭންކު ފައިދާއަކީ ޙަލާލް އެއްޗެއް ނޫން ކަމަށެވެ. އަދި އެ އަތުލުން ވެސް އޭނާއަށް ހުއްދައެއް ނުވާނެއެވެ. އަދި އޭނާ ބޭންކަށް ލާފައި ލިބުނު ފައިދާއިން ޒަކާތް ދިނުންވެސް ހުއްދައެއް ނުވާނެއެވެ. އެހެނީ މިއީ ޙަރާމް ފައިދާއެކެވެ. މިއީ އޭނާގެ މިލްކެއް ނޫނެވެ. އަދި ބޭންކުގެ މިލްކެއް ވެސް ނޫނެވެ. ވީމާ މި ހާލަތުގައި އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟

ޖަވާބަކީ، ޙަރާމް އެއްޗަކީ މިލްކު ކުރެވޭނެ އެއްޗެއް ނޫނެވެ. ވީމާ އޭނާއަށް ޖެހޭނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވާ ގޮތުންނަމަ، ޞަދަޤާތުގެ މަގެއްގައި އެ ހޭދަ ކޮށްލާށެވެ. ވަރަޢްވެރި ބައެއް ޢިލްމުވެރިން ވިދާޅުވީ، ޞަދަޤާތުގެ މަގެއްގައި ހޭދަ ކުރަން ނެގުން ވެސް ހުއްދަ ނުވާނެ ކަމަށެވެ. އޭނާއަށް ޖެހޭނީ އެ ދޫކޮށްލަން ނުވަތަ ކަނޑަށް އުކާލަން ކަމަށެވެ. އެހެނީ ހަޑި އެއްޗަކުން ޞަދަޤާތެއް ދިނުމަކީ ވެސް ހުއްދަ ކަމަކަށް ނުވާތީއެވެ.

ނަމަވެސް އެންމެ ފަހުން މި ބުނި ގޮތަކީ، ފައިސާ އާއި މުދާ ބޭނުން ނުކޮށް ބޭކާރު ގޮތުގައި ގެއްލުވާލާ ހަލާކުކޮށްލުން ނަހީ ކުރައްވާ، ދީން އަންގަވާފައި ވާ އެންގެވުންތަކާ ޚިލާފު ގޮތެކެވެ. ވީމާ މި ފައިސާއިން ބޭނުމެއް ހިފަންޖެހޭނެއެވެ. އަދި މި ފައިސާއަކީ އޭނާގެ މިލްކަކަށް ނުވާހިނދު، ޒިންމާ ކެނޑުމުގެ ނިޔަތުގައި، ޚައިރީ މަޝްރޫޢަކަށް ނުވަތަ ފަޤީރުންނާއި މިސްކީނުންނަށް ނުވަތަ މުޖްތަމަޢްގެ ޢާއްމު ފައިދާ އަކަށް ހޭދަކުރަން، މި ދެވިދާނެއެވެ.

ބޭންކު ފައިދާއަކީ ބޭންކުގެ މިލްކެއް ވެސް ނޫނެވެ. އެ ވާނީ ޢާއްމު މަޞްލަހަތުގެ މިލްކަކަށެވެ. ޙަރާމް ކޮންމެ ފައިސާއެއްގައި ވެސް ކަން އޮންނަ ގޮތަކީ މިއީއެވެ. ބޭންކު ފައިދާ އަތުލާ މީހަކު އެއިން ޒަކާތް ދިނުމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އެހެނީ ޒަކާތް، ޙަރާމް ފައިސާއެއް ޠާހިރެއް ނުކުރެއެވެ. ވީމާ އޭނާށް އެއިން ސަލާމަތް ވެވެން އޮތް ގޮތަކީ، ކޮންމެ ވެސް ގޮތަކުން އޭނާގެ ޒިންމާގެ ދަށުން އެ ފައިސާ ނެރުމެވެ. އެހެނީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ:   إنَّ اللهَ لاَ يَقبَل صَدَقة منْ غُلُول

މާނައަކީ: ''ހަމަކަށަވަރުން ވެސް، ޢާއްމުންގެ ފައިސާއަށް ޚިޔާނަތްތެރި ވެގެން ނަގާފައި ދޭ ޞަދަޤާތެއް، މާތް ﷲ ޤަބޫލެއް ނުކުރައްވައެވެ.'' (ރިވާކުރެއްވީ:މުސްލިމް)

ޢާއްމުންގެ ފައިސާ ނަގާފައި އެއިން ދޭ ޞަދަޤާތް މާތް ﷲ ޤަބޫލު ނުކުރައްވަނީ، އެއީ އޭނާގެ އަމިއްލަ އެއްޗަކަށް ނުވާތީއެވެ.

ބޭންކު ފައިދާ އަކީ ޙަރާމް އެއްޗަކަށް ވީމާ، އެ ނުނަގާ ބޭންކަށް ދޭންވީތަ؟

ނޫނެކެވެ. ބޭންކުން ދޭ އިތުރު ފައިދާ އަތު ނުލާ ދޫކޮށްގެން ނުވާނެއެވެ. އެހެނީ އެ އަތުނުލުމުން، އެއީ ބޭންކަށް ހަމަހިލޭ ލިބޭ ފައިސާއެކެވެ. އަދި އެ ވާނީ ބޭންކަށް ލިބޭ އިތުރު މާއްދީ ބަރަކަށެވެ. ވީމާ މިފަދަ ފައިދާއެއް ލިބުނު މީހަކަށް ޖެހޭނީ، އެއިން ޒިންމާ ކެނޑުމުގެ ނިޔަތުގައި، ފައިދާ އަތުލާފައި ފަޤީރަކަށް ނުވަތަ ޚައިރީ ޖަމްޢިއްޔާ އަކަށް ނަމަވެސް ދޭށެވެ.''

ނޯޓް: ރިބާ ބޭންކުތަކުގެ ޙުކުމުގެ އަސްލަކީ، އެ ބޭންކުތަކާ މުޢާމަލާތް ކުރުން ހުއްދަނުވުމެވެ. މަޖްބޫރު ހާލަތެއްގައި މެނުވީ މިފަދަ ބޭންކަކާ މުޢާމަލާތް ކުރުން ހުއްދައެއް ނޫނެވެ. އެހެނީ، މުސްލިމުންގެ ބޭނުންތައް ފުދޭވަރަށް ދުނިޔޭގައި ދަނީ އިސްލާމީ ބޭންކު އުފެދެމުންނެވެ. އިސްލާމީ ބޭންކު ނުހުންނަ ތަނެއްގައި، އަތުގައި ބެހެއްޓުމުން ފައިސާ ވަގަށް ނަގާފާނެކަމަށް ބިރުހީވުންފަދަ އުޒުރެއް އޮވެއްޖެނަމަ، ރިބާ ބޭންކަކާ މުޢާމަލާތް -ވަގުތީ ހައްލަކަށް- ކުރެވިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.