ހުކުރު20200807

އާކުރެވުނީ: 08:43:52

އަޞްޙާބުލް އުޚްދޫދުގެ ވާހަކަ

ukhdooddކީރިތި ޤުރުއާނުގައި މާތްﷲ އަޞްޙާބުލް އުޚްދޫދުގެ (ވަޅުތަކުގެވެރިންގެ ވާހަކަ) ވާހަކަ ސޫރަތުލް ބުރޫޖުގައި ބާވައި ލައްވާފައިވެއެވެ. ޤުރުއާނުގު ޢާއްމު އުސްލޫބުގެ މަތިން،މިވާހަކަ ގެނެސްދެއްވާފައިވަނީ ވަރަށްކުރު ގޮތަކަށެވެ. ވާހަކައިގެ އިތުރު ތަފްޞީލުތައް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ މާތްރަސޫލާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅުންނެވެ.

އެކަލޭގެ ފާނުގެ ޙަދީސްފުޅުގައި އައިސްފައިވާ ގޮތަށް، އަޅުގަނޑުމެން އެއިން ޢިބްރަތް ޙާޞިލްކުރުމަށް، އަޞްޙާބުލް އުޚްދޫދްގެ ވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެމެވެ.

'ތިޔަބައިމީހުންގެ ކުރިންވީ ބަޔެއްގެ ތެރޭގައި ރަސްގެފާނަކު ހުންނެވިއެވެ. އަދި އޭނާއަށް ސިޙުރުވެރިއަކު ހުއްޓެވެ. ސިޙުރުވެރިޔާ ބޮޑުވުމުން ރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑު ބޮޑުވެއްޖެއެވެ. ފަހެ، ސިޙުރު އުންގަނައިދިނުމަށްޓަކައި، އަޅުގަނޑުގެ ގާތަށް ކުޑަކުއްޖަކު ފޮނުއްވައިދެއްވާށެވެ. ދެން ރަސްގެފާނު އޭނާގެ ގާތަށް ސިޙުރު އުނގަންނައިދިނުމަށް ކުއްޖަކު ފޮނުއްވައިފިއެވެ.

މިކުއްޖާ އޭނާގެ ގާތަށްދާންވެގެން ދިޔަމަގުމަތީގައި ރާހިބަކާއި ދިމާވެއްޖެއެވެ. އަދި އޭނާގެ ގާތުގައި އިށީނދިއިނދެ އޭނާ ދެއްކި ވާހަކަ އަޑުއަހާފައި، އެވާހަކަތާއިމެދު ވަރަށް ޢަޖާޢިބުވެއްޖެއެވެ. ދެންފަހެ، ސިޙުރުވެރިޔާ ގާތަށްދާ ކޮންމެފަހަރަކުވެސް މިކުއްޖާ އެރާހިބުގާތުގައި މަޑުކުރެއެވެ.

މިހެން އުޅެނިކޮށް ސިޙުރުވެރިޔާ ގާތަށް ދިޔަ ދުވަހަކު، އެސިޙުރުވެރިޔާ މިކުއްޖާގައިގައި ޖަހައިފިއެވެ. މިކުއްޖާ ރާހިބުގާތުގައި އެކަމުގެ ޝަކުވާކުރުމުން އޭނާ ބުންޏެވެ. ސިޙުރުވެރިޔާދެކެ ބިރުގަންނަނަމަ، ތިމަންނަގެ ޢާއިލާގެ މީހުން ތިމަންނަ ހިފެހެއްޓީއޭ ބުނާށެވެ. އަދި ޢާއިލާމީހުންދެކެ ބިރުގަންނަނަމަ، ސިޙުރުވެރިޔާ ތިމަންނަ ހިފެހެއްޓީއޭ ބުނާށެވެ. ދެން މިހެން އުޅެފައި މީސްތަކުންނަށް މަގުން ދަތުރުކުރުމަށް ހުރަސްއަޅާވަރުގެ ބޮޑު ދާއްބައެއްގެ މައްޗަށް ސަވާރުވެގެން، އެކުއްޖާ އެއްދުވަހަކު އަތުވެއްޖެއެވެ. އަދި ބުންޏެވެ. މިއަދު ސިޙުރުވެރިޔާތޯ ނުވަތަ ރާހިބުތޯ މޮޅީ ބަލާލާނަމެވެ. ދެން ހިލަގަނޑެއް ނަގާފައި ބުންޏެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ. ސިޙުރުވެރިޔާއަށްވުރެ، އިބަރަސްކަލާނގެ ހަޟްރަތަށް ރާހިބުގެ ކަންތައް ހެޔޮނަމަ، މީސްތަކުންނަށް ދެވޭނެފަދައިން، މިދާއްބަގެ މަރުހިއްޕަވާށެވެ. މިހެންބުނެފައި އަތުގައި އޮތްހިލަގަނޑު އެސޮރާއިދިމާއަށް އެއްލުމުން، އެސޮރު މަރުވެއްޖެއެވެ. އަދި މީސްތަކުން ހިނގައްޖެއެވެ.

ދެން ރާހިބުގާތަށްއައިސް އެކުއްޖާ އެވާހަކަ އޭނާއަށް ކިޔައިދީފިއެވެ. ރާހިބު ބުންޏެވެ. ދަރިފުޅާއެވެ. މިއަދު އަހަންނަށްވުރެ، ކަލޭ ތިޔަވަނީ މޮޅުވެފައެވެ. ކަލޭގެ ކިބައިން އަހަރެންނަށް ފެންނަމުންދާކަންތައްތައް، މިހާރުކަލެއަށް ތިޔަވަނީ ލިބިފައެވެ. އަދި ކަލޭ އިމްތިޙާނުކުރެވޭނެއެވެ. ފަހެ އިމްތިޙާނުކުރެވޭ ވަގުތު އަހަރެންގެ ވާހަކަ ކަލޭ ނުބުނައްޗެވެ.

މިކުއްޖާ އޭރު އެއްގޮތަކަށްވެސް ލޮލަށް ނުފެންނަ މީހުންނާއި، ބަރޮސް ބަލިޖެހިފައިތިބޭ މީހުންނަށް ފަރުވާކޮށް އެމީހުން ރަނގަޅުކުރަމުންދިޔައެވެ. އަދި މީސްތަކުންނަށް ޖެހޭ ހުރިހާ ބައްޔަކަށް އެމީހުންނަށް މިކުއްޖާ ފަރުވާދެއެވެ. ދެން ލޯކަނުވެފައި ހުރި، ރަސްގެފާނުގެ ޖަލީސަކަށް މިޚަބަރުލިބުމުން، ވަރަށްގިނަ ހަދިޔާތައްހިފައިގެން މިކުއްޖާ ގާތާށް އަތުވެއްޖެއެވެ. އަދި ބުންޏެވެ. އަހަރެންނަށް ޝިފާދީފިނަމަ، މިތާމިހިރަ ހުރިހާ އެއްޗެއްކަލެއަށެވެ. ދެން މިކުއްޖާ ބުންޏެވެ. ހަމަކަށަވަރުން، އަހަރެން އެއްވެސް މީހަކަށް ޝިފާއެއްނުދެމެވެ. އެކަމަކު ޝިފާދެއްވަނީ ﷲ އެވެ. ފަހެ ކަލޭﷲއަށް އީމާންވެއްޖެނަމަ. ކަލެއަށް ޝިފާދެއްވުން އެދި ﷲއަށް އަހަރެން ދުޢާކޮށްދީފާނަމެވެ. އޭރުން ﷲ އިރާދަކުރައްވާނަމަ ކަލެއަށް ޝިފާ ދެއްވާނެތެވެ.

ދެން އޭނާ ﷲ އަށް އީމާންވެއްޖެއެވެ. އަދި ﷲ އޭނާގެ ބައްޔަށް ޝިފާ ދެއްވައިފިއެވެ.

އޭނާ ރަސްގެފާނުގެ އަރިހަށް ޙާޟިރުވެ، ކަނުވުމުގެ ކުރިން އިށީނދެއުޅޭފަދައިން އިށީނދެއްޖެއެވެ. ރަސްގެފާނު އޭނާއަށް ވިދާޅުވިއެވެ. ކަލެއަށް ލޮލުގެ ފެނުން ރައްދުކޮށްދިނީ ކާކުހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅާގެ ވެރިރަސްކަލާނގެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. ތިމަންފިޔަވާ އެހެންކަލަކު ކަލެއަށްވޭހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑާއި މަނިކުފާނުގެ ރަސްކަލާނގެއަކީ ﷲ އެވެ.

ދެން އެކުއްޖާގެ ވާހަކަ ބުނެފުމަށްދާންދެން ރަސްގެފާނު އޭނާއަށް ޢަޛާބުދެއްވަމުން ގެންދެވިއެވެ. ދެން އެކުއްޖާ ރަސްގެފާނުގެ އަރިހަށް ޙާޟިރުކުރެވިއްޖެއެވެ. ރަސްގެފާނު އޭނާއަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. ކަލޭގެ ސިޙުރުން މިހާރު، ލޯކަނު މީހުންނާއި ، ބަރޮސްބަލީގެ މީހުންނަށް ފަރުވާދެވޭ ހިސާބަށް ހިނގައްޖެދޯއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ހަމަކަށަވަރުން، އަހަރެން އެއްވެސް މީހަކަށް ޝިފާއެއްނުދެމެވެ. އެކަމަކު ޝިފާދެއްވަނީ ﷲ އެވެ. ދެން ރާހިބުގެ ވާހަކަ ބުނެފުމަށްދާންދެން ރަސްގެފާނު އޭނާއަށް ޢަޛާބުދެއްވަމުން ގެންދެވިއެވެ.

ދެން ރާހިބު ރަސްގެފާނުގެ އަރިހަށް ޙާޟިރުކުރެވިއްޖެއެވެ. ދެން އޭނާއަށް ބުނެވުނެވެ. ކަލޭގެ ދީންދޫކޮށްލާށެވެ. ފަހެ އޭނާ އެކަމާއި އިދިކޮޅު ހެދިއެވެ. ދެން ކީހެއް ގެނައުމަށް އެންގިއްޖެއެވެ.ދެން ކީސްގެނެސް އޭނާގެ ބޮލުގެ މެދުގައިބާއްވާފައި، އޭނާ ދެފަޅިވެގެން ވެއްޓެންދެން ކީހާލައިފިއެވެ. ދެން ރަސްގެފާނުގެ ޖަލީސް ޙާޟިރުކުރެވިއްޖެއެވެ. އޭނާއަށް ބުނެވުނުވެ. ކަލޭގެ ދީންދޫކޮށްލާށެވެ.ފަހެ އޭނާ އެކަމާއި އިދިކޮޅު ހެދިއެވެ. ދެން ކީސްގެނެސް އޭނާގެ ބޮލުގެ މެދުގައިބާއްވާފައި، އޭނާ ދެފަޅިވެގެން ވެއްޓެންދެން ކީހާލައިފިއެވެ.

ދެންއެއްކަލަ ކުއްޖާ ޙާޟިރުކުރެވިއްޖެއެވެ. އޭނާއަށް ބުނެވުނުވެ. ކަލޭގެ ދީންދޫކޮށްލާށެވެ. ފަހެ އޭނާ އެކަމާއި އިދިކޮޅު ހެދިއެވެ. ރަސްގެފާނު އޭނާގެ އަޞްޙާބުންގެ ބަޔަކާއި އެކުއްޖާ ޙަވާލުކުރައްވާފައި ވިދާޅުވިއެވެ. އެވެނިތާކުހުންނަ މިވެނި ފަރުބަދައަކަށް އޭނާ ގޮވައިގެންދާށެވެ. ދެން އެމީހުން އޭނާގޮވައިގެން، ފަރުބަދައަށް އަރައިފިއެވެ. ފަހެ އެކުއްޖާ ބުންޏެވެ. ހައްދަވާބޮޑުކުރެއްވިރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އިރާދަކުރައްވާ ގޮތަކަށް، އެމީހުންގެ ކިބައިން އަޅާ ސަލާމަތްކުރައްވާނދޭވެ. ދެންފަހެ، އެމީހުނާއިގެން ފަރުބަދަ ތެޅިގަތުމުން، އެއެންމެން ފަރުބަދައިން ވެއްޓިއްޖެއެވެ.

އެކުއްޖާ ރަސްގެފާނުގެ އަރިހަށް ހިނގާފައި އަތުވެއްޖެއެވެ. ރަސްގެފާނު އޭނާއަށް ވިދާޅުވިއެވެ. ކަލެއާއިއެކީ ދިޔަމީހުން ހެދީ ކިހިނެއްހެއްޔެވެ؟ އެކުއްޖާބުންޏެވެ. އެމީހުންގެ ކިބައިން ﷲ އަޅުގަނޑު ސަލާމަތްކުރެއްވީއެވެ. ދެން ރަސްގެފާނު އޭނާގެ އަޞްޙާބުންގެ ބަޔަކާއި މިކުއްޖާ އަނެއްކާވެސް ޙަވާލުކުރައްވާފައި ވިދާޅުވިއެވެ. މީނާ ދޯންޏަކަށް އަރުވައިގެން ކަނޑުމެދަށް ދެވުމުން، އޭނާގެ ދީން ދޫނުކުރާނަމަ، ކަނޑަށް އެއްލާލާށެވެ. ދެން މިމީހުން އެކުއްޖާ ގޮވައިގެން ހިނގައްޖެއެވެ. އެހާ ހިސާބަށްދެވުމުން، އޭނާ ބުންޏެވެ. ހައްދަވާބޮޑުކުރެއްވިރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އިރާދަކުރައްވާ ގޮތަކަށް، އެމީހުންގެ ކިބައިން އަޅާ ސަލާމަތްކުރައްވާނދޭވެ. ދެން އެމީހުނާއިގެން އެދޯނި ތެޅިގަތުމުން، އެމީހުން ކަނޑަށްވެއްޓި ޣަރަޤުވެއްޖެއެވެ.

ދެން އެކުއްޖާ ރަސްގެފާނުގެ އަރިހަށް ހިނގާފައި އަތުވެއްޖެއެވެ. ރަސްގެފާނު އޭނާއަށް ވިދާޅުވިއެވެ. ކަލެއާއިއެކީ ދިޔަމީހުން ހެދީ ކިހިނެއްހެއްޔެވެ؟ އެކުއްޖާބުންޏެވެ. އެމީހުންގެ ކިބައިން ﷲ އަޅުގަނޑު ސަލާމަތްކުރެއްވީއެވެ.

އަދި ރަސްގެފާނަށް އޭނާ ދެންނެވިއެވެ. އަޅުގަނޑު މިދަންނަވާފަދައިން ކަންތައް ކުރައްވައިގެން މެނުވީ މަނިކުފާނަށް އަޅުގަނޑު ޤަތުލެއްނުކުރެއްވޭނެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އެގޮތަކީ ކޮބައިހެއްޔެވެ؟

އޭނާ ދެންނެވިއެވެ. މީސްތަކުން އެއްފަސްގަނޑަކަށް އެއްކުރައްވާށެވެ. އަދި ކަދުރުރުކަކަށް އަޅުގަނޑު ޞަލީބަށް އަރުވާފައި ބަހައްޓަވާށެވެ. ދެން އަޅުގަނޑުގެ ދުނިކޮތަޅުން ދުންޏެއް ނަންގަވާފައި، ދުނިދަނޑީގައި ރުއްވަވާށެވެ. އެއަށްފަހު ވިދާޅުވާށެވެ. ކޮއިގެ ވެރިރަސްކަލާނގެ އިސްމުފުޅުން ފައްޓަވަމެވެ. ދެން ދުނި އަޅުގަނޑާއި ދިމާއަށް ދޫކޮށްލައްވާށެވެ. މިގޮތަށް ކަންތައްތައްކުރައްވައިފިނަމަ، މަނިކުފާނަށް އަޅުގަނޑު ޤަތުލުކުރެއްވިދާނެއެވެ.

ދެން ރަސްގެފާނު މީސްތަކުން އެއްބިމަކަށް އެއްކުރައްވައިފިއެވެ. އަދި ކަދުރުރުކަކަށް އެކުއްޖާ ޞަލީބަށް އަރުއްވަވާފައި އޭނާގެ ދުނިކޮތަޅުން ދުންޏެއް ނަންގަވާފައި ދުނިދަނޑީގައި ރުއްވަވާފައި ވިދާޅުވިއެވެ.

ކޮއިގެ ވެރިރަސްކަލާނގެ އިސްމުފުޅުން ފައްޓަވަމެވެ. ދެން ދުނި އެކުއްޖާއާއި ދިމާއަށް ދޫކޮށްލައްވައިފިއެވެ. މިދުނިގޮސް އެކުއްޖާގެ ނޭފަތާއި ދެލޮލާއި ދޭތެރެއަށް އަރައިފިއެވެ. ދެން އެކުއްޖާ އެތާގައި އަތްއެޅުމާއިއެކު މަރުވެއްޖެއެވެ.

ދެން މީސްތަކުން ބުންޏެވެ. އެކުއްޖާގެ ވެރިރަސްކަލާނގެއަށް އަހަރެމެން އީމާންވެއްޖައީމުއެވެ.އެކުއްޖާގެ ވެރިރަސްކަލާނގެއަށް އަހަރެމެން އީމާންވެއްޖައީމުއެވެ.

އެކުއްޖާގެ ވެރިރަސްކަލާނގެއަށް އަހަރެމެން އީމާންވެއްޖައީމުއެވެ.

ރަސްގެފާނަށް ދެންނެވުނެވެ. މަނިކުފާނު އެކަމަކާއި ބިރުން އުޅުއްވިކަންތައް މިއޮތީވެފައެވެ. ހަމަކަށަވަރުން މީސްތަކުން ﷲ އަށް އީމާންވެއްޖެއެވެ. ދެން ރަސްގެފާނު މީސްތަކުންނަށް އަދަބުދެއްވުމަށްޓަކައި، ވަޅުގަނޑުތަކެއް ކޮނެފައި އޭގައި އަލިފާންޖެހުމަށް އަމުރުކުރައްވައިފިއެވެ. އަދި ވިދާޅުވިއެވެ. އެމީހެއްގެ ދީން ދޫނުކޮށްލާ މީހެއްވެއްޖެއްޔާ މިވަޅުގަނޑުތަކުގައި އަންދާލާށެވެ. ދެން މިގޮތަށް ކަންތައްކުރެވުމުން ދަނިކޮށް ކުޑަކުއްޖަކު އުރައިގެން އިން އަންހެނަކާއި ހަމައަށް އައުމުން، އޭނާ އަލިފާންގަނޑަށް އެރުމަށް ޖެހިލުންވުމުން، އެކުއްޖާ މަންމައަށް ބުންޏެވެ. އޭމަންމާއެވެ. ކެތްކުރާށެވެ. ފަހެ ހަމަކަށަވަރުން، މަންމަތިޔަވަނީ ޙައްޤުގޮތުގައެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.