ބުދަ20180919

އާކުރެވުނީ: 08:43:52

ޢުލޫމުލް ޙަދީޘް

bukhaareeޙަދީޘް ޢިލްމަކީ ދީނީ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢިލްމެވެ. ޙަދީޘްގެ މުހިއްމުކަން ކީރިތި ޤުރުއާނާއި ސުންނަތުން ވަރަށް ރަގަޅަށް އެގެން އެބައޮތެވެ. ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން އަންނަނީ، ޙަދީޘް ޢިލްމަށް ޚާއްޞަ އަހައްމިޔަތެއް ދީ، އެއަށް ވަރަށް ބޮޑު އިޙްތިރާމެއް ކުރަމުންނެވެ. މީގެ ސަބަބަކީ، ޙަދީޘަކީ އިސްލާމް ދީނުގެ މައިގަޑު ހަތަރު މަޞްދަރުގެ ތެރެއިން، ދެވަނަ މަޞްދަރެވެ. އާދެ ކީރިތި ޤުރުއާނަށް ފަހު، އިސްލާމްދީނުގެ ކަންތައްތައް ބަޔާންކޮށް، ޙަރާމް ޙަލާލް ބަޔާންކޮށް، ދީނުގެ ތަފާތު ޙުކުމްތައް ޝަރަޙަކޮށްދޭ އެއްޗަކީ ރަސޫލާގެ ޙަދީޘެވެ.

ބައެއް މީހުން ހީކުރަނީ ޙަދީޘް ޢިލްމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ރަސޫލާގެ ބަސްފުޅުކަމަށެވެ. ޙަދީޘްގެ ލަފްޒީ މާނައަށް ބަލައިފިއްޔާ މި ގޮތް ރަގަޅުވެދާނެއެވެ. އެކަމަކު "ޙަދީޘް" މި ބަހުގެ މާނަ މާ ފުޅާވެފައި ޝާމިލެވެ. ޙަދީޘޭ މި ބުނެވެނީ ހަމައެކަނި، ރަސޫލާގެ ބަސްފުޅަށް އެކަންޏެއް ނޫނެވެ.

ބަސްފުޅުގެ އިތުރުން ކުރެއްވި ކަންތަކާއި، އެކަމަކަށް އެއްބަސްވެ ވަޑައިގެންނެވި ކަންތަކާއި، ރަސޫލާގެ ސިފަފުޅާއި، ރަސޫލާގެ ޚުލްޤުފުޅުގެ ސިފަފުޅުތައްވެސް ޙަދީޘްގައި އައިސްފައިވެއެވެ. މިސާލާކަށް ރަސޫލާ ވިދާޅުވި ކޮންމެ ބަސްފުޅަކީ ޙަދީޘެކެވެ. ރަސޫލާ ކުރެއްވި ކޮންމެ ކަމަކީ އެއީ ޙަދީޘެކެވެ. ރަސޫލާގެ ސިފަފުޅަކީ އެއީ ހަދީޘް ތެރޭގައި ހިމެނޭ އެއްޗެކެވެ. ރަސޫލާގެ މާތް އަޚްލާޤުގެ ސިފަފުޅަކީ އެއީ ޙަދީޘް ތެރޭގައި ހިމެނޭ އެއްޗެކެވެ. ހަމަ އެހެން ރަސޫލާ ، އެއްބެސްވެ ވަޑައިގަންނަވާ ކޮންމެ ކަމަކީ އެއީ ޙަދީޘް ތެރޭގައި ހިމެނޭ އެއްޗެކެވެ. ސުންނަތަކީވެސް މިއީ އެވެ.

ބަސްފުޅު :

ރަސޫލާ ވިދާޅުވި ބަސްފުޅު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ ހަދީޘާއި، ޤުދުސީ ޙަދީޘާއި، ޤުރުއާނެވެ. ކީރިތި ޤުރުއާނަކީ ޙަޤީޤަތުގައި ރަސޫލާގެ ބަސްފުޅެއް ނޫނެވެ. ޤުރުއާނަކީ މާތް ﷲ ޖިބްރީލްގެ ފާނު މެދުވެރި ކުރައްވައި، ރަސޫލާއަށް ބާވައިލެއްވި އެ ކަލާނގެ ކަލާމްފުޅެވެ. ޤުރުއާނުގެ މާނައާއި، އޭގެ ލަފްޒުތައްވެސް އެއީ ބާވައިލެއްވުނު އެއްޗެކެވެ. ދެން އޮތީ ޤުދުސީ ޙަދީޘެވެ. ޤުދުސީ ޙަދީޘަކީ، ﷲ ގެ ޙަޟުރަތުން އޭގެ މާނައައިސްފައިވާ، ރަސޫލާގެ އަމިއްލަފުޅު ބަސްފުޅުން ވިދާޅުވާ ވާހަކަތަކެވެ. މިއީ ޤުރުއާނެއް ނޫނެވެ. ތިންވަނަ ބަޔަކީ ރަސޫލާގެ އަމިއްލަފުޅު ވާހަކަފުޅެވެ. އޭގެ މާނައާއި ލަފްޒުވެސް މެއެވެ.

ރަސޫލާ ކުރެއްވި ކަންތައް:

އެއީ ކީރިތި ރަސޫލާ ހުރިހާ ހާލަތެއްގައި، ހުރިހާ ވަގުތެއްގައި ކުރައްވާފައިވާ ޢަމަލުފުޅު ތަކެވެ. މިސާލަކަށް ރަސޫލާ ނަމާދު ކުރެއްވި ގޮތް، ރޯދަ ހިއްޕެވި ގޮތް، މީހުންނާއި މުއާމަލާ ކުރެއްވި ގޮތް، ފަރީއްކުޅުވި ގޮތައް ދާންދެން ހިމެނެނީ ސުންނަތުގެ ތެރޭގައެވެ.

އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަންތައް:

އެއީ ރަސޫލާގެ ހަޔާތްޕުޅު ގައި ހިގާ ނުވަތަ އޭގެކުރިން ނަމަވެސް ހިގާފައިވާ ކަންތައްތަކުގެ ތެރެއިން އެކަލޭގެފާނު އެކަމަކާއިމެދު އެއްބަސްވެވަޑައިގަންނަވާފައިވާ ކަންތައްތަކެވެ.އެއްބަސްވުން ކަމަށް ބެލެވެނީ ރަސޫލާ އެކަމެއް މަނާ ނުކުރެއްވުން ނުވަތަ އެކަމާމެދު އެއްޗެއް ވިދާޅު ނުވުން، ނުވަތަ އެކަމަކީ އެއީ ރަގަޅު ކަމެއްކަމަށް ވިދާޅުވުމެވެ.

ސިފަފުޅުތައް:

މިބައި ދެބަޔަކަށް ބެހެވިގެންވެއެވެ. އެއީ:

- ޚުލުޤީ ސިފަފުޅު

- ޚިލްޤީ ސިފަފުޅު

ޚުލުޤީ ސިފަފުޅަކީ މާތް ނަބިއްޔާގެ ކިބަފުޅުގައިވާ ރިވެތި އަޚްލާޤީ ސިފަފުޅުތަކެވެ. މިސާލަކަށް ރަސޫލާގެ ދީލަތިފުޅުކަން، ހިތްވަރުފުޅު ގަދަކަން، މީހުންނާއި މެދު ބަހައްޓަވާ އޯގާތެރިކަންފަދަ ކަންކަމެވެ.

ޚިލްޤީ ސިފަފުޅަކީ ރަސޫލާގެ ހަށިކޮޅުގެ ސިފަފުޅު ތަކެވެ. މިސާލަކަށް ރަސޫލާގެ ހަށިކޮޅުގެ ކުލަ، ހިނވަރުނަ ކުރައްވާ ގޮތް، އިސްތަށިފުޅު ހުންނެވިގޮތް ފަދަ ކަންކަމެވެ.

ޙަދީޘް ލިޔަން ފެއްޓުން:

ޙަދީޘް ލިޔަން އެންމެ ފުރަތަމަ ފެއްޓުނީ ރަސޫލާ ދުނިޔޭގައި ހުންނަވަނިކޮށް ކަމަށް ގިނަ ޢިލްމުވެރިން ދެކެލައްވައެއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ދެކެލައްވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ޙަދީޘް ލިއުން މީސްތަކުންނަށް މަނާ ކުރެއްވި ކަމަށެވެ. އެއީ ޤުރުއާނާއި، ރަސޫލާގެ އަމިއްލަފުޅު ވާހަކަ މީހުންނަށް އޮޅިދާނެތީކަމަށް ވެއެވެ. ނަމަވެސް ޙަދީޘް ލިއުން މަނާ ކުރެއްވި ޙަދީޘްތަކާއި، ލިއުވުން ހުއްދަ ކުރައްވައި ވިދާޅުވެފައި ހުރި ބަސްފުޅުތައް ، ޢިލްމުވެރިން ބައްލަވައި މުޤާރަނާކޮށް، މަނާކުރެއްވި ސަބަބާއި، ދުވަސްވަރު ބަލައި ދިރާސާ ކުރުމަށްފަހު ވިދާޅުވަނީ، ރަސޫލާގެ ޒަމާނުގައިވެސް މީހުން ޙަދީޘް ލިޔެ އުޅުނު ކަމަށެވެ.

ނަމަވެސް މިއީ ފަރުދީ ގޮތެއްގައެވެ. ރަސްމީ ސިފައެއްގައި ޙަދީޘް ލިޔެ ޖަމާ ކުރަން ފެއްޓުނީ، ޢަދުލުވެރި އުމަވީ ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ދުވަސްވަރު، އެ ބޭފުޅާގެ އަމުރަށެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒު ޚަލީފާކަން ކުރެއްވީ ހިޖުރައިން 99 - 101 އަށެވެ.

ހިޖުރައިން ފުރަތަމަ ޤަރުނުގެ ކުރީކޮޅުގައި ޙަދީޘް ލިޔެވިފައި ހުރި ބޮޑެތި ފޮތްތައް ފާޅުވާން ފެށިއެވެ. ދެވަނަ ޤަރުނުގެ ފަހު ފަންސާސް އަހަރުން ފެއްޓިގެން ތިންވަނަ ޤަރުނާއި ޖެހެންދެންވެސް ތަފާތު ބޮޑެތި ޙަދީޘްފޮތްތައް ލިޔެވުނެވެ. ބައެއް ފޮތްތައް ލިޔެވުނީ، ކޮންމެ ބާބެއްގައި ވަކި މައުޟޫއެއްގެ ޙަދީޘްތައް ހިމެނޭ ގޮތަށެވެ. އަނެއްބަޔަކު ޙަދީޘްގެ ސަނަދަށް ބަލައި އެ ތަރުތީބުން ފޮތް ޖަމާ ކުރިއެވެ. މި ނޫނަސް އެތައް ގޮތަކަށް އެތަށް ވައްތަރަކަށް ޙަދީޘް ޖަމާކުރެވި ފޮތްތައް ލިޔެވުނެވެ.

ޙަދީޘް ލިޔެވިފައި ހުރި އެންމެ މަޝްހޫރު ފޮތްތަކަކީ " ކުތުބުއް ސިއްތަ" އޭ މި ކިޔޭ 6 ފޮތެވެ. އެއީ:

1 - އަލްޖާމިޢުއް ޞަޙީޙް (ޞަޙީޙް ބުޚާރީ) : ލިއުއްވީ އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިސްމާޢީލް އަލްބުޚާރީ އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރު، އަވަހާރަވީ ހިޖުރައިން 256 ވަނަ އަހަރު.

2 - އަލްމުސްނަދުއް ޞަޙީޙް (ޞަޙީޙް މުސްލިމް) : ލިއުއްވީ މުސްލިމް ބިން އަލްޙައްޖާޖު އަލްޤުޝައިރީ އައްނީސާބޫރީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 202ވަނަ އަހަރު ( 20 ކަމަށްވެސް ބުނެވޭ)، އަވަހާރަވީ ހިޖުރައިން 261 ވަނަ އަހަރު.

3 - ސުނަން އަބޫދާއޫދް: ލިއުއްވީ، އަބޫދާއޫދް ސުލައިމާން ބިން އަލްއަޝްޢަޘް އައްސަޖިސްތާނީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 202 ވަނަ އަހަރު، އަވަހާރަވީ ހިޖުރައިން 275 ވަނަ އަހަރު.

4 - އަލްޖާމިޢް: ލިއުއްވީ އަބޫ ޢީސާ މުޙައްމަދު ބިން ޢީސާ އައްތިރުމިޛީއެވެ. އަވަހާރަވީ ހިޖުރައިން 279 ވަނަ އަހަރު.

5 - ސުނަން އައްނަސާއީ: މި ފޮތް ލިއުއްވީ އަބޫ ޢަބްދުއްރަޙްމާން އަޙްމަދު ބިން ޢަލީ ބިން ޝުޢައިބް އައްނަސާއީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 215 ވަނަ އަހަރު، އަވަހާރަވީ ހިޖުރައިން 303 ވަނަ އަހަރު.

6 - ސުނަން އިބްނު މާޖާ: މި ފޮތް ލިއުއްވީ އަބޫ ޢަބްދުﷲ މުޙައްމަދު ބިން ޔަޛީދް އައްރަބީޢީ އަލްޤަޛްވީނީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 209 ވަނަ އަހަރު، އަވަހާރަވީ 275 ވަނަ އަހަރު.

މި ބުނެވުނު 6 ފޮތުގެ ތެރެއިން ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމަކީ، ކީރިތި ޤުރުއާން ފިޔަވައި އޮތް އެންމެ ޞައްޙަކަން ބޮޑު ދެފޮތެވެ. އެހެނީ މި ދެ ފޮތް ލިއުއްވި ބޭކަލުން ވަނީ ޙަދީޘް ޖަމާ ކުރެއްވުމުގައި، އެހެން ބޭކަލުން ނުގެންގުޅުއްވާ ޝަރުޠުތަކެއް ގެންގުޅުއްވާފައެވެ. މި ޝަރުޠުތައް ޞަޙީޙް މުސްލިމަށްވުރެ ވެސް ، ޞަޙީޙް ބުޚާރީގައި ވަރުގަދައެވެ.

* އިބްނު ޙަޖަރު ވިދާޅުވާ ގޮތުން، ބުޚާރީގައި ވަނީ ތަކުރާރު ޙަދީޘް ލައިގެން ޖުމުލަ 7397 ޙަދީޘެވެ. (ޙަދީޘްގެ ޖުމުލަ ޢަދަދު އެކި ފޮތްފޮތުގައި ވަނީ ތަފާތުކޮށް، އެއީ ޙަދީޘް ގުނާ އުސްލޫބް ތަފާތުވުމުން)

* ޞަޙީޙް މުސްލިމުގައި ވަނީ ތަކުރާރު އެއްޗެއްސަށް ނުބަލައި ޖުމުލަ 4000 ޙަދީޘެވެ. ތަކުރާރު އެއްޗެއްސަށް ބަލާނަމަ ޢަދަދު ވަރަށް ގިނައެވެ.

އެއީ 12000 ކަމަށްވެސް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ.

ޙަދީޘް ޢިލްމުގެ ގޮފިތައް:

ޙަދީޘް ޢިލްމުވެރިން ރަސޫލާގެ ޙަދީޘަށް ދެއްވި ޢިނާޔަތެއްގެ ބޮޑުކަމުން، މި ދާއިރާއަކީ ވަކި ޢިލްމެއް ކަމުގައި ވިއެވެ. މި ޢިލްމުގައި ބޮޑެތި ފޮތްތައް ލިޔެވި، ގިނަގުނަ ހޯދުންތައް ހޯދިފައިވެއެވެ. ޙަދީޘް ޢިލްމުގެ ތެރެއިން ގޮފި ފަޅައިގެން އުފެދުނު ޢިލްމުތަކުގެ ތެރޭގައި :

- ޢިލްމުލް ޖަރްޙު ވައްތަޢުދީލް: މިއީ ޙަދީޘް ރިވާ ކުރާ މީހުންގެ ޙާލަތާއި ބެހޭ ހޯދުންތައް ހޯދާ ޢިލްމެކެވެ. އެ މީހުންގެ އުފަން ތާރީޚާއި، މަރުވި ތާރީޚް، ރާވީންގެ (ރިވާ ކުރާ މީހުން) އެދުރު ބޭކަލުންނާއި ދަރިވަރުން އަދި ޙަދީޘް ހޯދަން ކުރި ދަތުރުތައް ހޯދައި ދިރާސާ ކުރުން މި ޢިލްމުގެ ތެރޭގައި ހިމެނެއެވެ. ޙަދީޘް ރިވާ ކުރާ މީހުންގެ މިފަދަ ކަންތައް އެގުމުން، ޙަދީޘް އެއީ ޤަބޫލު ކުރެވިދާނެ ޙަދީޘެއްތޯ ނުވަތަ ނޫންތޯ އެގެއެވެ.

- ޢިލްމު ޢިލަލުލް ޙަދީޘް:

މިއީ ޙަދީޘެއް ގެ ބޭރުފުށް ބަލާލުމުގައި ޞައްޙަ ކަމަށް ދެއްކިއަސް ، އަސްލު އެއީ ޟަޢީފް ޙަދީޘަކަށް (ބަލި) ވުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތަކަކީ ކޮބައިތޯ ހޯދައި ބަލާ ޢިލްމެކެވެ.

- ޢިލްމު ޣަރީބުލް ޙަދީޘް:

މިއީ ޙަދީޘެއްގެ މަތުނުގައި ހުންނަ، އޮޅުންފިލުވައިގަންނަން ދަތި ލަފްޒުތަލުގެ މާނަ ހޯދައި ބަޔާން ކުރުމަށް، އަހައްމިއްޔަތު ކަމެއް ދޭ ޢިލްމެކެވެ.

- ޢިލްމު ނާސިޚުލް ޙަދީޘް ވަ މަންސޫޚިހީ:

ނަސްޚު ކުރުމަކީ، ޙުކުމެއް، އެހެން ޙުކުމަކުން ބަދަލު ކުރުމެވެ. ނުވަތަ އުވައިލުމެވެ.

ނާސިޚްލް ޙަދީޘް ޢިލްމު ހޯދައި ބަލަނީ، ބަލާބެލުމަށް އެއް ޙަދީޘާއި އަނެއް ޙަދީޘް މާނަ އަރައިރުންވާ، ޙަދީޘެވެ. މިފަދަ ޙަދީޘްތައް އެއްކޮށް އެ ދެ ޙަދީޘްގެ މާނަ އެއްކުރެވޭތޯ ބަލައި، އެހެން ނުވެއްޖެނަމަ ދޭތިން ކުރެ ކުރީ ކޮން ޙަދީޘެއްތޯ ބަލައެވެ. މި ގޮތަށް ބަލާފައި ފަހުގެ ޙަދީޘް އެއީ ނާސިޚް (ނަސްޚުކުރާ) ކަމަށް ބަލައެވެ. ކުރީ ޙަދީޘަކީ މަންސޫޚް (ނަސްޚު ކުރެވޭ) އެވެ.

- އޫޞޫލުލް ޙަދީޘް :

މި ޢިލްމުގައި ސަމާލުކަން ދެނީ ޞައްޙަ ޙަދީޘާއި އެ ނޫން ޙަދީޘް ހޯދައި ބެލުމުގައި ބޭނުން ކުރެވޭނެ މިންގަޑުތަކެއް ކަޑައަޅުމަށެވެ. އޭރުން ޤަބޫލު ކުރެވޭނެ ޙަދީޘަކީ ކޮބައި ކަމާއި ޤަބޫލު ނުކޮށް ރައްދު ކުރަންޖެހޭ ޙަދީޘަކީ ކޮބައިކަން އެގޭނެއެވެ.

ޙަދީޘް ބެހިފައިވާ މައިގަޑު ތިންބައި:

ޙަދީޘެއް ޤަބޫލު ކުރުމާއި ނުކުރުމުގައި ބޭނުން ކުރެވޭ، މައިގަޑު ތިންބައެއް ޢިލްމުވެރިން ބައްސަވާފައިވެއެވެ. އެއީ: އަލްޙަދީޘުއް ޞަޙީޙް، އަލްޙަދީޘުލް ޙަސަން، އަލްޙަދީޘުއް ޟަޢީފްއެވެ.

1 - އަލްޙަދީޘުއް ޞަޙީޙް:

އެއީ ޙަދީޘްގެ ސަނަދު ފެއްޓުނީއްސުރެ ނިމެންދެން ޢަދުލުވެރި، އިތުބާރު ހިފެވޭ ރާވީއެއް އެފަދަ މީހެއްގެ ފަރާތުން ރިވާކޮށް، ޙަދީޘްގެ ސަނަދު ފެއްޓުނީއްސުރެ ނިމެންދެން ގުޅިފައިވާ ޙަދީޘެވެ. އަދި މިއީ އިތުބާރު ކުރެވޭ މީހަކު އެއަށްވުރެ ބޮޑަށް އިތުބާރު ކުރެވޭ މީހަކާއި ޚިލާފު ނުވާގޮތަށް، އޭގައި ބަލިކަށި ކަމެއް ނެތް ފަދައަކުންނެވެ.

ޞަޙީޙް ޙަދީޘަކީ ކޮބައިކަން ބުނެދޭ މި ތަޢުރީފުން އެގޭ ގޮތުގައި، ޞަޙީޙް ހަދީޘަކަށް ވުމުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާން ޖެހެއެވެ.

1 - ސަނަދު ގުޅުން: ސަނަދު ގުޅުމުގެ މާނައަކީ، ސަނަދުގެ އެންމެ ފަހު މީހާއިން ފެއްޓިގެން ކީރިތި ރަސޫލާއާއި ހަމައަށް ތިބި އެންމެންވެސް، އޭނާގެ ކުރީގައި ވާ މީހެއްގެ ފަރާތުން ރިވާ ކުރުމެވެ.

މި ޝަރުޠުގެ ސަބަބުން ޞަޙީޙް ހަދީޘުގެ ބައިން، އަންނަނިވި ބައިތައް އެއްކިބާ ކުރެވޭނެއެވެ.

- މުންޤަޠިޢު (ބުރިވެފައިވުން): އެއީ އެއް ތަނުގައި ނުވަތަ އެއަށްވުރެ ގިނަތަންތާގައި ރާވީއެއް(އެކަކު) ވެއްޓިފައިވާ ސަނަދެވެ.

- މުޢައްޟަލް: މިއީ އެއްތަނުގައި ނުވަތަ އެއަށްވުރެ ގިނަ ތަންތާގައި، ޖެހިޖެހިގެން ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ވެއްޓިފައިވާ ސަނަދެވެ.

- މުޢައްލަޤް: މިއީ ސަނަދުގެ ފެއްޓުމުން އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ވައްޓާލެވިފައިވާ ސަނަދެވެ.

- މުރްސަލް: މިއީ ތާބިޢީ އަކު، ސަނަދުން ޞަޙާބީގެ ނަން ވައްޓާލާފައި ރަސޫލާގެ އަރިއަހުން ރިވާކުރާ ޙަދީޘެވެ. ތާބިޢީންނަކީ ރަސޫލާގެ އަޞްޙާބުންނާއި ބައްދަލުވެ އެ ބޭފުޅުންގެ އަރިއަހުން ޢިލްމު ހޯއްދަވާފައިވާ މީހުންނެވެ.

2 - ރާވީގެ ޢަދުލުވެރިކަން:

ރާވީ ޢަދުލުވެރި ވުމޭ ބުނުމުގެ މާނައަކީ، ފުރިހަމަ މުސްލިމަކަށް ވުމާއި، ބާލިޣުވުން، ބުއްދި ސަލާމަތުން ހުރުން، ފާސިޤުކަމުގެ އެއްވެސް ސިފައެއް ނެތުން، އަދި ބަނިޔާދަން މީހަކަށް ވުމެވެ.

3 - އިތުބާރު ހިފެވޭ ރާވީއަކަށް ވުން:

އިތުބާރު ހިފެވެއޭ ބުނެވޭ ބަހުގަ މާނައަކީ، އޭނާގެ ރިވާޔަތުގައި އިތުބާރު ހިފެވުމެވެ. އެއީ އޭނާއަކީ ހިތުދަހުން ރިވާ ކުރާ މީހެއްނަމަ ރަގަޅަށް ދަސްވެފައި ހުރުން، ލިޔެފައި ރިވާ ކުރާނަމަ ލިއުމުގައި ކުށެއް، އޮޅުމެއް ނޯންނާނެފަދައަކުން އެކަން ކުރުމެވެ.ޙަދީޘެއްގެ މާނައިގައި މިހެން ވެއޭ ކިޔައި ރިވާކުރާނަމަ، މާނަ ރަނގަޅަށް ދޭހަވެ، މާނަ އެގުންވެސް އެއީ އިތުބާރު ހިފުމުގައި ބެލޭ ކަމެކެވެ.

4 - އިތުބާރު ކުރެވޭ މީހަކު އެއަށްވުރެ ބޮޑަށް އިތުބާރު ކުރެވޭ މީހަކާއި ޚިލާފު ނުވުން:

މީގެ މާނައަކީ ކުރިން ބުނެވުނު ޝަރުޠުތައް ހަމަވާ މީހެއް، އެއަށްވުރެ ބޮޑަށް އެ ޝަރުޠު ހަމަވާ މީހަކާއި ޚިލާފު ނުވުމެވެ.

5 - ބަލިކަށި ކަމެއް ނެތުން:

މީގެ މާނައަކީ ބަލާބެލުމަށް ޙަދީޘް އެއީ ޤަބޫލު ކުރެވޭ ޙަދީޘެއް ހެން ހީވިއަސް، އެ ނުން ގޮތަކަށް ބުރަކޮށްދޭ ފޮރުވިފައިވާ ސަބަބެއް ނެތުމެވެ. މިސާލަކަށް ރާވީއަކު، އޭނާ އެމީހަކާއި ބައްދަލު ނުވާކަން އެންމެންވެސް ދަންނަ މީހެއްގެ ފަރާތުން ރިވާ ކުރުމެވެ.

މި ފަސް ޝަރުޠަކީ ޙަދީޘް ޢިލްމުގެ ހުރިހާ ޢިލްމުވެރިންވެސް، ޙަދީޘެއް ޞަޙީޙް ޙަދީޘެއް ކަމުގައި ބުނުމުގައި، ބަލާ ޝަރުޠުތަކެވެ. މިއާއި އަދި މި ނޫން އެހެން ޝަރުޠުތައްވެސް ބައެއް ޢިލްމުވެރިން ގެންގުޅުއްވައެވެ. މިތާގައި މި ހިމަނާލީ އެންމެންވެސް އިއްތިފާޤުވާ، އެއިން ކަމެއް އުނިވެއްޖެނަމަ ޞަޙީޙް ޙަދީޘެއް ކަމުގައި ނުބަލާ ޝަރުޠުތަކެވެ.

ޞަޙީޙް ޙަދީޘްގެ ދަރަޖަތައް:

ޢިލްމުވެރިން ޞަޙީޙް ޙަދީޘް ބައްސަވާފައިވަނީ 3 ދަރަޖައަކަށެވެ. އެއީ ކުރިން ބުނެވުނު ޝަރުޠު ފުރިހަމަވުން އެކި ދަރަޖަތަކަކަށް ބެއްސެވުމަށްފަހު އެއަށް ރިޢާޔަތް ކުރައްވާފައެވެ.

ފުރަތަމަ ދަރަޖަ:

އެއީ، ބުޚާރީ މުސްލިމް އެއްބަސްވެވަޑައިގަނެ، ދެ ބޭފުޅުންގެ "ޞަޙީޙް" ގައި ހިމަނުއްވާފައިވާ ޙަދީޘެވެ. ޙަދީޘް ފޮތްފޮތުގައި "ރަވާހު އައްޝައިޚާން" ނުވަތަ "މުއްތަފަޤް ޢަލައިހި" އޭ ބުނެވިފައި ހުންނަނީ މިފަދަ ޙަދީޘަށެވެ.

ދެވަނަ ދަރަޖަ:

އެއީ ބުޚާރީ އޭނާގެ "ޞަޙީޙް" ގައި ހިމަނުއްވާފައި، ނަމަވެސް މުސްލިމް އޭނާގެ ޞަޙީޙް މުސްލިމުގައި ނު ހިމަނުއްވާ ޙަދީޘެވެ.

ތިންވަނަ ދަރަޖަ:

މިއީ މުސްލިމް، ޞަޙީޙް މުސްލިމުގައި ހިމަނުއްވި، ނަމަވެސް ބުޚާރީ، ޞަޙީޚް ބުޚާރީގައި ނުހިމަނުއްވާ ޙަދީޘެވެ.

ހަތަރުވަނަ ދަރަޖަ:

އެއީ ބުޚާރީ، މުސްލިމުގެ ޝަރުޠަށް ފެތޭ، ނަމަވެސް އެ ދެ ފޮތުގައި އެ ބޭފުޅުން ހިމަނުއްވާފައި ނުވާ ޙަދީޘެވެ.

ފަސްވަނަ ދަރަޖަ:

އެއީ ބުޚާރީގެ ޝަރުޠަށް ފެތޭ ނަމަވެސް "ޖާމިޢުއް ޞަޙީޙް" މި ފޮތުގައި ނުހިމަނުއްވާ ޙަދީޘެވެ.

ހަވަނަ ދަރަޖަ:

އެއީ މުސްލިމުގެ ޝަރުޠަށް ފެތޭ ނަމަވެސް "މުސްނަދުއް ޞަޙީޙް" ގައި ނު ހިމަނުއްވާ ޙަދީޘެވެ.

ހަތްވަނަ ދަރަޖަ:

މިއީ ބުޚާރީ މުސްލިމު އަދި ބުޚާރީ ނުވަތަ މުސްލިމުގެ ޝަރުޠަށް ނުފެތޭ، ނަމަވެސް އިޢުތިމާދު ވެވޭ ޢިލްމުވެރިން ޞައްޙަ ކަމަށް ބަލާ ޙަދީޘެވެ.

ޞަޙީޙް ޙަދީޘްގެ ބައިތައް :

ޞަޙީޙް ޙަދީޘް ބެހެނީ ދެ ބަޔަކަށެވެ. އެއީ:

ހ - ޞަޙީޙް ލިޒާތިހީ

ށ - ޞަޙީޙް ލިޣައިރިހީ

ޞަޙީޙް ޙަދީޘްގެ ޙުއްޖަތް:

ޞަޙީޙް ޙަދީޘަކީ ޤަބޫލުކުރަންޖެހޭ، އެއިން ޝަރުޢީ ޙުކުމް ސާބިތު ކުރެވޭ ، އެއަށް ޢަމަލު ކުރުން ވާޖިބު އެއްޗެކެވެ.

2 - އަލްޙަދީޘުލް ޙަސަން:

އަލްޙަދީޘުލް ޙަސަން އަކީ، ހަމަ ޞަޙީޙް ޙަދީޘްގައިވެސް ބުނެވުނު ޝަރުޠު ހަމަވާ ޙަދީޘެވެ. ނަމަވެސް ތަފާތުވާ ތަންކޮޅަކީ ރާވީގެ އިތުބާރު ހިފުމުގައި ބަލާ ކަންތައްތައް ތަންކޮޅެއް ލުއިވުމެވެ.

އަލްޙަދީޘުލް ޙަސަން ބެހެނީ ދެބަޔަކަށެވެ. އެއީ:

ހ - ޙަސަން ލިޛާތިހީ

ށ - ޙަސަން ލިޣައިރިހީ

ޖުމްހޫރު ޢިލްމުވެރިން ދެކޭގޮތުގައި ޙަދީޘުލް ޙަސަން އަކީވެސް ޙަދީޘު އައްޞަޙީޙް ފަދައިން ޤަބޫލު ކުރެވޭ، އެއަށް ޢަމަލު ކުރެވޭ، އަދި ޙުއްޖަތެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. މި ވާހަކަ މިގޮތަށް ބުނެވޭނީ އެއީ ޙަސަން ލިޛާތިހީ އަށް ވާނަމައެވެ. ޙަސަން ލިޣައިރިހީވެސް އެހެން ގޮތްގޮތުން ވަރުގަދަކޮށް ގެން ޞަޙީޙްގެ ދަރަޖައަށް ގެންދެވިދާނެއެވެ.

3 - އަލްޙަދީޘު އައްޟަޢީފް:

ޟަޢީފް ޙަދީޘަކީ އޭގައި، ޞަޙީޙް ޙަދީޘް ނުވަތަ ޙަސަން ޙަދީޘެއްގެ ސިފަތަކުން ކުރެ ސިފައެއް އުނިވާ ޙަދީޘެވެ. އެއިން އެއްވެސް ސިފައެއް ނެތުމުން ޟަޢީފްވުން އަދި މާ ބަދީހީއެވެ.

ޟަޢީފް ޙަދީޘްގެ ވައްތަރުތައް:

ޟަޢީފް ޙަދީޘްގެ ވައްތަރުތައް ވަރަށް ގިނައެވެ.

* ސަނަދު ނުގުޅުމުގެ ސަބަބުން ޟަޢީފްވާ ޙަދީޘްގެ ވައްތަރުތަކަކީ:

1 - މުންޤަޠިޢު (ބުރިވެފައިވުން): އެއީ އެއް ތަނުގައި ނުވަތަ އެއަށްވުރެ ގިނަތަންތާގައި ރާވީއެއް(އެކަކު) ވެއްޓިފައިވާ ސަނަދެވެ.

2 - މުޢައްޟަލް: މިއީ އެއްތަނުގައި ނުވަތަ އެއަށްވުރެ ގިނަ ތަންތާގައި، ޖެހިޖެހިގެން ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ވެއްޓިފައިވާ ސަނަދެވެ.

3 - މުޢައްލަޤް: މިއީ ސަނަދުގެ ފެއްޓުމުން އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ވައްޓާލެވިފައިވާ ސަނަދެވެ.

4 - މުރްސަލް : މިއީ ތާބިޢީ އަކު، ސަނަދުން ޞަޙާބީގެ ނަން ވައްޓާލާފައި ރަސޫލާގެ އަރިއަހުން ރިވާކުރާ ޙަދީޘެވެ. މާނައަކީ މި ސަނަދުން ބުރިވެފައި އޮތީ ސަނަދުގެ އެންމެ ފަހަތުންނެވެ. ތާބިޢީންނަކީ ރަސޫލާގެ އަޞްޙާބުންނާއި ބައްދަލުވެ އެ ބޭފުޅުންގެ އަރިއަހުން ޢިލްމު ހޯއްދަވާފައިވާ މީހުންނެވެ.

5 - މުދައްލަސް: މިއީ ރާވީއަކު އޭނާގެ ޝައިޚު ކައިރިން ސީދާ ގޮތެއްގައި އަޑު ނުއިވެނީސް، ސީދާ ގޮތެއްގައި އަޑު އިވުނުހެން އަހާ މީހުންނަށް ހީވާފަދަ ގޮތަކަށް ޙަދީޘެއް ރިވާކުރުމެވެ.

6 - މުޢައްނަން (އަޑުއެހުން ސާބިތުވުމުގެ ކުރިން)

7 - މުއައްނަން (އަޑުއެހުން ސާބިތުވުމުގެ ކުރިން)

* ޢަދުލުވެރިވުމުގެ ޝަރުޠު ގެއްލުމުގެ ސަބަބުން ޟަޢީފްވާ ޙަދީޘްގެ ވައްތަރުތަކަކީ:

1- އަލްމައުޟޫޢު (ވަޟުޢީ ޙަދީޘް): މިއީ ރާވީއަކީ ކަޑައެޅިގެން ދޮގު ހަދާ މީހެއްކަން އެގޭ ޙަދީޘް.

ނޯޓް: މިއީ ޙަޤީޤަތުގައި ޙަދީޘެއް ނޫނެވެ. ނަމަވެސް ޙަދީޘް ޢިލްމާއިބެހޭ ފޮތް ފޮތުގައި ޙަޤީޤަތް ބަޔާން ކުރުމުގެ ގޮތުން މިއާއި ބެހޭ ވާހަކަ އައިސްފައިވަނީއެވެ.

2- އަލްމަތުރޫކް: މިއީ މިއީ ރާވީއަކީ ދޮގު ހަދާ މީހެއްކަން އެގޭ ޙަދީޘް

3- އަލްމުންކަރު: މިއީ ރާވީގެ ގައިގައި ފާސިޤުކަމުގެ ސިފައެއް ހުރުމުން

4- ބަނިޔާދަން ނުވުމުގެ ސަބަބުން ޟަޢީފްވާ ހަދީޘް

5- އަލްމަޖްހޫލް: އެއީ އޭނާގެ ޢަދުލުވެރިކަމާއި ބެހޭގޮތުން އެއްޗެއް އެގިފައިނުވާ

* އިތުބާރު ހިފެވޭ ރާވީއެއް އެފަދަ މީހަކާއި ޚިލާފަށް ރިވާކުރުމުގެ ސަބަބުން ޟަޢީފްވާ ޙަދީޘްގެ ވައްތަރުތަކަކީ:

1- އައްޝާއްޛު: އެއީ އިތުބާރު ހިފެވޭ މީހަކު އެއަށްވުރެ އިތުބާރު ހިފެވޭ މީހަކާއި ޚިލާފަށް ރިވާކުރުން

2- އަލްމުންކަރް: މިއީ އިތުބާރު ހިފޭލެއް ކުޑަ ރާވީއަކާއި ޚިލާފަށް ރިވާ ކުރުމެވެ. ވީމައި މީގައި ޟަޢީފްވުމުގެ ދެ ސަބަބެއް ހިމެނިއްޖެއެވެ. އެއީ ރާވީގެ އިތުބާރު ކުޑަ ވުމާއި، އެހެން މީހަކާއި ޚިލާފުވުމެވެ.

3- އަލްމުޟްޠަރިބް: އެއީ ރާވީއަކު އެއް ޙަދީޘެއް ރިވާ ކުރުމުގައި ގަޑުބަޑު އުފެދި، އެކި ގޮތް ގޮތަށް އެ ޙަދީޘް ރިވާކޮށް އެއިން ބޮޑަށް ރަނގަޅު އެއްޗެއް ބުނެދޭން ނޭގުމެވެ.

4- މުދްރަޖް: މިއީ ޙަދީޘްގެ މަތުނުގައި، އޭގެ ތެރޭގައި ނުހިމެނޭ އެއްޗެއް ހިމެނުމެވެ.

5- އަލްމަޤްލޫބް: މިއީ ޙަދީޘުގެ މަތުނަށް ނުވަތަ ސަނަދަށް ބަދަލެއް އައިސް ނުވަތަ، އިސްފަސް ޖެހިފައިވާ ޙަދީޘެވެ. މިސާލަކަށް ސަނަދެއްގައި ހިޝާމް ބިން ޢައްމާރުއޭ ބުނަންވެގެން ޢައްމާރު ބިން ހިޝާމް އޭ ބުނުމެވެ. ނުވަތަ މަތުނުގައި "އޭނާގެ ކަނާއަތް ދޭ އެއްޗެއް ވާއަތަށް ނޭގޭފަދައިން" މިހެން އެއް ރިވާޔަތުގައި އޮންނަ އިރު އަނެއް ރިވާޔަތެއްގައި "އޭނާގެ ވާއަތް ދޭ އެއްޗެއްކަނާއަތަށް ނޭގޭފަދައިން" އޮތުމެވެ.

6- އަލްމުޢައްލު: އެއީ ޙަދީޘުގެ ޞައްޙަކަން ގެއްލޭފަދަ ބަލިކަމެއް އޮންނަ ޙަދީޘެވެ.

ޟަޢީފް ޙަދީޘްގެ ދަރަޖަތައް:

ޞަޙީޙް ހަދީޘްވެސް އެއް ދަރަޖައެއްގައި ނުވާ ފަދައިން، ޟަޢީފް ޙަދީޘްވެސް އެއް ދަރަޖައެއްގައި ނުވެއެވެ. މީގެ ތެރޭގައި ޟަޢީފްކަން ބޮޑު ޙަދީޘާއި ޟަޢީފްކަން ކުޑަ ޙަދީޘް ހުރެއެވެ.

ޟަޢީފްޙަދީޘްގެ ޙުއްޖަތް:

ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި، ޟަޢީފް ޙަދީޘުގެ ތެރޭގައި ހިމެނޭ، ވަޟުޢީ ޙަދީޘް ޤަބޫލު ކުރުމާއި ރިވާކުރުން، އަދި އެ އެއްޗެހި ކިޔައި ހެދުން ހުއްދައެއް ނޫނެވެ. ނަމަވެސް ޢިލްމީ ބޭނުމަކަށް މިއާއި ބެހޭގޮތުން ވާހަކަ ދެއްކިދާނެއެވެ. ކުރިންވެސް ބުނެވުނު ފަދައިން އެއީ ޙަޤީޤަތް ހާމަ ކުރުމުގެ ގޮތުންނެވެ. ވަޟުޢީ ހަދީޘް ރިވާ ކުރުން ހުއްދަ ނުވާއިރު، މިއަށް ޢަމަލުކުރުން އަދި ހުއްދަނުވާނެކަން މާ ރީއްޗަށްވެސް އެގެއެވެ. ވަޟުޢީ ޙަދީޘެއް، ކަމެއް ޙަލާލް ކުރުމުގައިވިޔަސް، ޙަރާމް ކުރުމުގައިވިޔަސް، އަދި ވަޢުޡާއި އިރުޝާދު ނުވަތަ ނަސޭހަތް ދޭން ވިޔަސް، ބޭނުން ކުރުން ޙަރާމެވެ. ކުރުގޮތަކަށް ބުނާނަމަ އެއްވެސް ކަމެއްގައި މިފަދަ ޙަދީޘެއް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެހެނީ އެއީ ޙަޤީޤަތުގައި ޙަދީޘެއް ނޫނެވެ.

މިތާގައި ފާހަގަ ކޮށްލަން ޖެހޭ ތަންކޮޅަކީ، ތިރުމިޛީގެ ކުރީގައި ޙަދީޘުލް ޙަސަން އޭ ކިޔޭ އެއްޗެއް ނުއޮންނަކަމެވެ. ހަދީޘް ހަސަންގެ ނަމުގައި އެންމެ ފުރަތަމަ ނަން ދެއްވަން ފެއްޓެވީ ތިރުމިޛީއެވެ. އޭގެ ކުރީގައި ހުންނަނީ، ޞަޙީޙް ޙަދީޘާއި ޟަޢީފް ޙަދީޘެވެ.

ޟަޢީފް ޙަދީޘް ނެގުމުގައި ޢިލްމުވެރިންގެ ރައުޔު:

އެކެއް: ބޮޑެތި ޙަދީޘް ޢިލްމުވެރިންކަމުގައި ބެލެވޭ ބުޚާރީ، މުސްލިމް ދެކަވަޑައިގަންނަވަނީ، އެއްވެސް ގޮތަކަށް ޟަޢީފް ހަދީޘެއް ބޭނުން ނުކުރެވޭނެ ކަމަށެވެ. އެބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި ދީނީ ކަމެއްގައި ބެލޭނީ ޤުރުއާނާއި ޞަޙީޙް ސުންނަތަށެވެ. ޟަޢީފް ޙަދީޘަކީ ޞަޙީޙް އެއްޗެއް ނޫނެވެ.

ނޭގޭ ކަމެއްގައި އެގޭކަމަށް ބުނުމަށްވުރެ ރަގަޅީ، ނޭގޭކަން ޤަބޫލުކޮށް އެ ހިސާބުން ހުއްޓުމެވެ. ރަސޫލާއަށް ނިސްބަތްކޮށް ނުބައިކޮށް ބުނެވުމަށްވުރެ އަމިއްލަ ރައުޔު ފާޅުކުރުންވެސް ރަގަޅެވެ. ވީމައި މި ބޭފުޅުން ޟަޢީފު ޙަދީޘެއް އެތައް ގޮަތަކުން ވަރުގަދަ ނުކުރެވޭހާ ހިނދެއްގައި، ނުނަންގަވައެވެ. އަލްޤާޟީ އަބޫބަކްރު ބިން އަލްޢަރަބީގެ ރައުޔަކީވެސް މިއީއެވެ.

ދޭއް: ޤައިދެއް ނެތި، ޟަޢީފް ޙަދީޘް ނެގިދާނެކަމަށް އިމާމް އަޙްމަދު، އަބޫދާއޫދު ދެކެވަޑައިގަންނަވައެވެ. މިބޭފުޅުން އެ ބާބެއްގައި ޞަޙީޙް ޙަދީޘެއް ނުވަތަ ޙަސަން ޙަދީޘެއް ނުވަތަ ޞަޙާބީއެއްގެ ފަތުވާއެއް ނެތްނަމަ މިފަދަ ޙަދީޘް ނަންގަވައެވެ.

ތިނެއް: ބައެއް ފިޤުހު ޢިލްމުވެރިންގެ ރައުޔުގައި ހެޔޮކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ޟަޢީފް ޙަދީޘް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ޙަރާމް ޙަލާލްގައި މި ބޭނުން ކޮށްގެން ނުވާނެއެވެ.

ނޯޓް އެކެއް: ކުރީގެ ޢިލްމުވެރިން ޟަޢީފް ޙަދީޘް ނަގާކަމަށް އިޝާރާތް ކުރައްވާފައި އެވަނީ އެއީ، އެހެން ގޮތްގޮތުން ވަރުގަދަކޮށްގެން "ޙަސަން ލިޣައިރިހީ" ގެ ދަރަޖައަށް އަރާ ޙަދީޘްކަމަށް ބެލެވެއެވެ. އެހެނީ އޭރު "ޙަސަން ލިޛާތިހީ" އާއި "ޙަސަން ލިޣައިރިހީ" އަކީ އޮންނަ އެއްޗެއް ނޫނެވެ.

ނޯޓް ދޭއް: ޟަޢީފް ޙަދީޘް ބޭނުންކުރުމާއި ބެހޭ ސުރުޚީ ދަށުގައި ވާހަކަ ދެކިފައި އެވަނީ، އަދި ބޭނުން ކުރެވޭކަމަށް ޢިލްމުވެރިން ދެކެލައްވާ ބައިގެ ތެރޭގައި ހިމެނެނީ ޞަޙީޙްގެ ޝަރުޠުތަކުގެ ތެރެއިން ސަނަދާއި އިތުބާރު ގައި ހުންނަން ޖެހޭ ޝަރުޠު ހަމަ ނުވެގެން ޟަޢީފްވާ ޙަދީޘެވެ. އަދި އެހެން ގޮތްގޮތުން އެ ޙަދީޘެއް ވަރުގަދަ ކުރެވޭނެ ޙަދީޘެވެ. ޢަދުލުވެރި ކަމުގެ ޝަރުޠު ފުރިހަމަ ނުވެގެން އުފެދޭ ވަޟުޢީ ޙަދީޘާއި މަތުރޫކް ޙަދީޘެއް ނޫނެވެ.

ޟަޢީފް ޙަދީޘެއް ނެގުމުގެ ޝަރުޠު:

ޟަޢީފް ޙަދީޘެއް ނެގުމުގައި އެތައް ޝަރުޠެއް އަލްޙާފިޡް އިބްނު ޙަޖަރު ކަޑައެޅުއްވިއެވެ. އެއީ :

1- ޟަޢީފްކަން އެއީ ކުޑަކުޑަ ޟަޢީފްކަމަކަށްވުން.

2- ދީނުގައި ޢަމަލު ކުރެވޭ އަސްލަކާއި އެއްގޮތަށް އައިސްފައި އޮތުން.

3- އެއީ ސާބިތު އެއްޗެއް ކަމުގައި ޤަބޫލު ނުކުރުން. ނަމަވެސް އެ ނަގަނީ އެއީ ހަމަ އަސްލުވެސް ރަސޫލާއަށް ނިސްބަތް ކުރެވޭ ބަސްފުޅަކަށް ވެދާނެތީ، ދޫ ނުކޮށްލަންވެގެން.

4- އެއީ ވަޢުޡާއި، ހެޔޮކަންކަމަށް ބާރު އަޅައި ނުބައި ކަންކަމުން ދުރުކުރުމަށް ބޭނުން ކުރެވޭ އެއްޗަކަށްވުން، ފަހަރެއްގައިވެސް އިސްލާމީ ޢަޤީދާއާއި ޙުކުމްތައް ހޯދައި ކަޑައެޅުމުގައި ބޭނުން ނުކުރުން.

ޟަޢީފް ޙަދީޘް ރިވާކުރުން:

- ޙަދީޘަކީ ޟަޢީފް އެއްޗެއްކަން އެގޭނަމަ އެކަން ބުނެދޭން ޖެހޭނެ.

- ޟަޢީފް ނަމަ ކަޑައެޅިގެން ރަސޫލާއަށް ނިސްބަތް ކުރުމުގެ ބަދަލުގައި ރިވާކުރެވުނޭ ނުވަތަ ބުނެވުނޭ ފަދަ ޢިބާރާތެއް ބުނަން ޖެހޭނެ.

ވަޟުޢީ ޙަދީޘް އުފެދުމުގެ ބައެއް ސަބަބުތައް:

ވަޟުޢީ ޙަދީޘްއޭ މި ކިޔޭ އެއްޗެއް އުފެދުމުގައި ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއްކަންތައް ކުރުގޮތަކަށެވެ.

1 - ސިޔާސީ އަދި މަޛުހަބީ ތަޢައްޞުބު

2 - ޢުންޞުރީ ތަޢައްޞުބު

3 - ޒަންދަޤާ. މިއީ ޢައްބާސީ ދައުލަތުގައި، އިސްލާމުން ކަމަށް ހެދިގެން އުޅުނު މަޖޫސީންނަށް ނިސްބަތް ކުރެވޭ ބަހެއް.

4 - ވާހަކަ ކިޔައިދީ ހަދާ މީހުން އެމީހުންގެ ވާހަކަ އަށް ފޮނިތޮށި ކާފޫރު އިތުރު ކުރަން، ނުހައްދަވާ ޙަދީޘްތައް އެއީ ޙަދީޘް ކަމުގައި ކިޔައި ހެދުން.

5 - ފިޤުހު އަދި ތައުޙީދު ޢިލްމުގައި އުފެދުނު އިޚްތިލާފުތައް. މީގެ ސަބަބުން ބައް މީހުން އެ މީހުންގެ މަޛްހަބު ގަދަ ކުރަން އަމިއްލައަށް ޙަދީޘް ހެދި.

6 - ދީން ނޭގޭ އިރުވެސް، މީހުންނަށް ދީން ދަސްކޮށްދީ، ރަގަޅު ކަންތައް ކުރަން އަމުރުކޮށް، އިރުޝާދާއި ވަޢުޡު ދޭންވެގެން، ޙަދީޘް ހެދުން

މާތް ﷲ ގެ އިރާދަފުޅުން އެ ކަލާނގެ ވަނީ، މާތް ރަސޫލާގެ ޙަދީޘް ރައްކާތެރިކޮށް ދަމަހައްޓާނެ ޞާލިޙް ބައެއް މި އުއްމަތަށް އުފަންވިއެވެ. އެ މީހުން ވަނީ، މުޅި ޢުމުރާއި މުދާ ޙަދީޘަށް ޚިދުމަތް ކުރުމުގައި ހޭދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރަސޫލާގެ ސުންނަތް ވަނީ ސަލާމަތް ކުރެވިފައެވެ. ޙަދީޘް ޢިލްމު ބޮޑު ޢީލްމީ ކަނޑަކަށްވެ، އެތައް ހާސް ފޮތެއް މި ދާއިރާގައި ލިޔެވުނެވެ. ރާވީންނާއި ބެހޭ ގޮތުންނާއި، ޞައްޙަ ޙަދީޘަކީ ކޮބައި ކަމާއި، އެ ނުން ޙަދީޘަކީ ކޮބައިކަން ބަޔާން ކުރެވި ފޮތް ލިޔެވުނެވެ. އަދި ވަޟުޢީ ޙަދީޘް ލިއުނީ ކޮން ބައެއް ކަމާއި އެ ޙަދީޘްތަކަކީ ކޮބައިކަންވެސް ފާޅު ކުރެވުނެވެ.

ސުންނަތް :

ސުންނަތް މި ބަސް އެކި ސިފަސިފައިގައި ބޭނުން ކުރެވެއެވެ. އެކިއެކި ދާއިރާތަކުގެ ޢިލްމުވެރިން އެބޭފުޅުން ދިރާސާ ކުރައްވާ ދާއިރާއަކާއި އެކަށޭނެ ގޮތަކަށް "ސުންނަތް" މި ބަހުގެ ތަޢުރީފެއް ކަނޑައެޅިއެވެ.

ޙަދީޘް ޢިލްމުވެރިން ސުންނަތުގެ މާނަ ކުރައްވަނީ އެއީ، ކީރިރިރަސޫލާގެ ޢަމަލުފުޅާއި، ބަސްފުޅާއި، އެއްބަސްވެވަޑައިގެންނެވި ކަންތަކާއި، ޚުލްޤީ އަދި ޚިލްޤީ ސިފަފުޅު ކަމުގައެވެ. ވީމައި މިއީ ޙަދީޘްގެ މާނައާއިވެސް އެއްގޮތް މާނައެކެވެ.

އުޞޫލުލް ފިޤްހު ޢިލްމުވެރިން ސުންނަތުގެ މާނަ ކުރައްވަނީ އެއީ، ރަސޫލާ ވިދާޅުވި ބަސްފުޅާއި ކުރެއްވި ޢަމަލުފުޅާއި، އެއްބަސްވެވަޑައިގެންނެވި ކަންތައް ކަމުގައެވެ.

ފިޤުހު ޢިލްމުވެރިން ދެކެލައްވަނީ، އެއީ ވާޖިބު ގޮތުގައި ނޫންގޮތަކަށް ރަސޫލާގެ އަރިއަހުން ސާބިތުވާ ކޮންމެ ކަމެކެވެ.

މާތް ޞަޙާބީން، ރަސޫލާގެ ސުންނަތާއި ޤުރުއާނާއި ތަފާތެއް ނުކުރައްވައެވެ. މީގެ މާނައަކީ ޤުރުއާނަކީ ކޮބައިކަން، އަދި ސުންނަތަކީ ކޮބައިކަން އެ ބޭފުޅުން ނުބައްލަވާ ނުވަތަ އެގި ނުލައްވާ ވާހަކައެއް ނޫނެވެ. ބުނަން މި އުޅެނީ، އަމުރަކަށް ކިޔަމަން ވުމުގައި ތަފާތެއް ނުގެންގުޅުއްވާ ވާހަކައެވެ. ނަމަވެސް ތާބިޢީންނާއި އޭގެ ފަހުގެ މީހުން، ޙަދީޘްގެ ސަނަދުގެ ޞައްޙަކަން ބަލައި ހޯދިއެވެ. އެއީ އެކި މީހުންގެ ދުލުން ކިޔެމުން އަންނަ އެއްޗަކަށްވާތީ، އޭގެ ޞައްޙަކަން ބަލަން ޖެހުނެވެ.

ސުންނަތުގެ ބައެއް ވަޒީފާ:

* ޤުރުއާނުގައި އައިސްފައިވާ ޙުކުމްތައް ކަށަވަރުކޮށްދިނުމުގެ ގޮތުން

* ޤުރުއާނުގައި އައިސްފައިވާ ޙުކުމްތައް، ޝަރަޙަކޮށްދީ ކިޔައި ދިނުމުގެ ގޮތުން.

* ޤުރުއާނުގައިވާ ޖުމްލަކޮށް ހުންނަ ޙުކުމްތައް، ތަފްސީރުކޮށް ބަޔާން ކުރުން. އަދި މުޠްލަޤުކޮށް ހުންނަ ޙުކުމްތައް ތަޤްޔީދުކުރުން. ނުވަތަ ޢާއްމުކޮށް އައިސްފައިވާ ޙުކުމްތައް ޚާއްޞަކުރުން.

ހުޅަނގުގެ މުސްތަޝްރިޤުންގެ ވިހަ ފިކުރުތަކުގެ ސަބަބުން މިއަދުގެ ބައެއް މުސްލިމް ޒުވާނުންވަނީ ސުންނަތުގެ މަޤާމާއިމެދު، ޝައްކު އުފެދޭ ގޮތްވެފައެވެ. ޤަބޫލުކުރަންޖެހޭ ހަމައެކަނި އެއްޗަކީ ޤުރުއާން ކަމަށާއި، ސުންނަތް ޤަބޫލު ނުކުރިއަސް މުސްލިމަކަށް ވާނެ ކަމަށް، މިފަދަ ބައެއް ކުދިން ދެކެއެވެ. ނަމަވެސް ހަޤީޤަތް މިއާއި ވަރަށް ދުރެވެ. ޤުރުއާން ޤަބޫލުކުރާ މީހެއްވިއްޔާ ސުންނަތްވެސް ޤަބޫލުކުރަން ޖެހޭނެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ރަސޫލާ ވިދާޅުވި ކޮންމެ އެއްޗަކީ އެއީ އިސްލާމީ ޝަރީޢަތުގެ ބައެއް ކަމެވެ. އިސްލާމް ދީނުގެ ރަސޫލަކީ މުޙައްމަދުގެފާނެވެ. ޤުރުއާން އަހަރެމެންނާއި ހަމައަށް ގެނެސްދެއްވީ، އަދި ޝަރީޢަތް ދަސްކޮށްދެއްވީވެސް، އެކަލޭގެފާނެވެ.

ސުންނަތް ޤަބޫލު ނުކުރާ މީހެއް ފެނިއްޖެނަމަ އަންނަނިވި ސުވާލުތައް ކޮށްލަން އަހަރެން ބޭނުމެވެ. ޤުރުއާނުގައި އަންގަވަނީ ނަމާދު ކުރުމަށެވެ. ނަމަވެސް ކޮންމެ ނަމާދެއްގައި ކުރަންޖެހެނީ ކިތައް ރަކުޢަތްކަން ބަޔާނެއް ނުކުރައްވައެވެ. ނަމާދުގެ ވަގުތެއްވެސް ބަޔާނެއް ނުކުރައްވައެވެ. އަދި ކިޔާނެ ދުޢާތަކެއްވެސް އެއިން އެގެން ނެތެވެ. ޤުރުއާނުގައި އަންގަވަނީ ޒަކާތް ދިނުމަށެވެ ނަމަވެސް ޒަކާތް ދޭނެ ގޮތެއް ނިޞާބް ހަމަވާ ގޮތެއް ޒަކާތް ވާޖިބުވާ މުދަލަކީ ކޮބައިކަބް ޤުރުއާނަކު ނެތެވެ. ޤުރުއާނުގައި އަންގަވަނީ ޙައްޖު ކުރުމަށެވެ. ނަމަވެސް ޙައްޖު ކުރާނެ ގޮތެއް ތަފްޞީލުކޮށް ބަޔާނެއް ނުކުރައްވައެވެ. ޤުރުއާނުގައި އަންގަވަނީ ރިބާ ނުކެއުމަށެވެ. ސާފުޠާހިރުވުމަށެވެ. ރާ ނުބުއިމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ތަފްޞީލެއް ބަޔާނެއް ނުކުރައްވައެވެ.

ވީމާ މިކަމާއިމެދު ބުނާނީ ކީކޭތޯއެވެ؟ ހަމައެކަނި ޤުރުއާން ޤަބޫލުކޮށްގެން ވާން އެބަ އޮތްތޯއެވެ؟ އަހަރެމެން އެންމެންވެސް މި އުޅެނީ ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ދާށެވެ. ވީއިރު ހަމައެކަނި ޤުރުއާން ޤަބޫލުކޮށްފައި، އިސްލާމީ ޝަރީޢާ ފާރުބުޑައް އެއްލާލުމުން މި ކަން ޙާޞިލުވާން އެބައޮތްތޯއެވެ؟ އަޅެ ރަސޫލާއަށް ކިޔަމަންތެރިވެ، އަދި އެ ރަސޫލާ އަމިއްލަ ހަވާނަފްސުން އެއްވެސް އެއްޗެއް ވިދާޅު ނުވާކަމަށް އެންގެވީ ހަމަ މާތް ﷲ ނޫންތޯއެވެ؟ ޙަދީޘާއި ދެކޮޅަށް ތިހާބޮޑު ދުޝްމަން ކަމެއް ތިޔަ ގެންގުޅުއްވަނީ ކީއްވެގެންތޯއެވެ؟

ސުންނަތުގެ ބައެއް ވަޒީފާ:

* ޤުރުއާނުގައި އައިސްފައިވާ ޙުކުމްތައް ކަށަވަރުކޮށްދިނުމުގެ ގޮތުން

* ޤުރުއާނުގައި އައިސްފައިވާ ޙުކުމްތައް، ޝަރަޙަކޮށްދީ ކިޔައި ދިނުމުގެ ގޮތުން.

* ޤުރުއާނުގައިވާ ޖުމްލަކޮށް ހުންނަ ޙުކުމްތައް، ތަފްސީރުކޮށް ބަޔާން ކުރުން. އަދި މުޠްލަޤުކޮށް ހުންނަ ޙުކުމްތައް ތަޤްޔީދުކުރުން. ނުވަތަ ޢާއްމުކޮށް އައިސްފައިވާ ޙުކުމްތައް ޚާއްޞަކުރުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.