ހުކުރު20181116

އާކުރެވުނީ: 08:43:52

އޭ ﷲ

laa-thahzan-1يَسْأَلُهُ مَنْ فِي السَّمَوَاتِوَالأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ

ކަނޑު ގަދަވެ، ރާޅު ބޮޑުވެ، ވައިގަދަވެއްޖެނަމަ، އުޅަނދުގައި ތިބި މީހުން ގޮވައިލަނީ: އޭ ﷲ އެވެ!

އެކަނި ދާ މީހާ ސަހަރާއަށް ގެއްލިއްޖެނަމަ، ސަވާރީއަށް މަގު އޮޅިއްޖެނަމަ، ދާނެ ކޮޅެއް ނޭނގި ޤާފިލާ އަންތަރީސްވެއްޖެނަމަ، އެ މީހުން ގޮވާލަނީ: އޭ ﷲ އެވެ!

މުޞީބާތް ލައިގެންފިނަމަ، ސުންޕާކަމެއް ޖެހިއްޖެނަމަ، އަދި ކާރިޘާ ކުރިމަތިވެއްޖެނަމަ، އެ މީހާ ގޮވާލަނީ: އޭ ﷲ އެވެ!

ކުރިމަތީގައި ހުރިހާ ދޮރުތަކެއް ބަންދުވެ، ސުވާލު ކުރާ ފަރާތްތަކުގެ މޫނުމަތީގައި ފަރުދާ ތިރިކުރެވިއްޖެނަމަ، އެ މީހުން ބާރު އަޑުން ގޮވާލަނީ: އޭ ﷲ އެވެ!

ގޮތް ހުސްވެ، މަގުތައް ދަތިވެ، އުއްމީދު ކެނޑި އޭގެ ވާފަށް ބުރިވެއްޖެނަމަ، އެ މީހުން ގޮވާލަނީ: އޭ ﷲ އެވެ!

ތަނަވަސް ބިން ކަލެއަށް ދަތިވެ، އުދާސްތަކުން ނަފްސު ތާށިވެއްޖެނަމަ، ގޮވާލާށެވެ: އޭ ﷲ އެވެ!

ހެޔޮ ބަސްތަކާއި، އިޚްލާޞްތެރި ދުޢާތަކާއި، ތެދުވެރި ގޮވުންތަކާއި، ބަރީއަ ކަރުނައާއި، މޮޅިވެރިއާގެ ހިތާމަ އުފުލެނީ އެކަލާނގެ ޙަޟްރަތަށެވެ.

ދަމުގައި އަތްތިލަތަކާއި، ބޭނުންތަކުގައި އަތްތައް ދިއްކުރެވެނީ، އަދި ބޮޑެތި ކަންތައް ކުރިމަތިވާ ހިނދު ލޯ ދިއްކުރެވެނީ، އަދި ޙާދިސާތަކުގައި ސަލާންޖަހަނީ އެކަލާނގެއަށެވެ.

ދޫތަކުން މަދަޙަ ކިޔަނީ އެކަލާނގެ އިސްމުފުޅެވެ. އެހީއަށް އެދި ގޮވާލަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ހަނދުމަކުރުމުން ހިތްހަމަޖެހެއެވެ. ނަފްސަށް އަރާމުލިބެއެވެ. ޝުޢޫރުތައް ހަމަހިމޭންވެއެވެ. އަޢްޞާބު ފިނިވެއެވެ. ހެޔޮ ވިސްނުން ލިބެއެވެ. ޔަޤީންކަން ފުރިހަމަވެ ވަރުގަދަވެއެވެ.

ﷲ: މިއީ އެންމެ ރިވެތި އިސްމުފުޅެވެ. އެންމެ ޗާލު އަކުރުތަކެވެ. އެންމެ ތެދު ޢިބާރާތެވެ. އެންމެ އަގުހުރި ކަލިމައެވެ.

ﷲ: އެއީ ތަނަވަސްވެވޮޑިގަތުމާއި ދެމިވޮޑިގަތުމެވެ. ބާރާއި ނަޞްރެވެ. ޢިއްޒަތާއި ކުޅަދުންވަންތަކަމާއި ޙިކްމަތްވަންތަކަމެވެ.

ﷲ: އެއީ އޯގާވަންތަކަމާއި ބެލެހެއްޓެވުމެވެ. އެހީއާއި މަދަދެވެ. ލޯތްބާއި އިޙްސާންތެރިކަމެވެ.

ﷲ: އެއީ ކީރިތިވަންތަކަމާއި، މަތިވެރިވަންތަ ރަސްކަލާނގެއެވެ. ހައިބަތްވަންތަކަމާއި ޖަބަރޫތީ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހިތުގެ ކެކުޅުމުގެ ބަދަލުގައި ހަމަޖެހުން ލައްވާފާނދޭވެ! ހިތާމައިގެ ނިމުމަކަށް އުފާވެރިކަން ލައްވާފާނދޭވެ! ބިރުވެރިކަން ލިބޭ ވަގުތު އަމާންކަން ލައްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހިތުގައިވާ ދިލަނެގުން، ޔަޤީންކަމުގެ ގަނޑުފެނުން ފިނިކޮށްދެއްވާފާނދޭވެ! ރޫޙުގައިވާ ހޫނު އަނގުރުތައް، އީމާންކަމުގެ ފެނުން ނިއްވާދެއްވާފާނދޭވެ!

އޭ ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ނިދިނުލިބިފައި ތިބި ލޯތަކުގައި، އިބަރަސްކަލާނގެ އަމާންކަމުގެ ނިންޖެއް ލައްވާފާނދޭވެ! ހާސްވެފައިވާ ނަފްސުތަކަށް، ހަމެޖެހުން ގެންނަވާފާނދޭވެ! އަދި އެއަށް ކައިރި ނަސްރެއް ދެއްވާފާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހައިރާންކަން ލިބިފައިވާ މީހުންގެ ލޯތަކަށް، އިބަރަސްކަލާނގެ ނޫރުފުޅަށް މަގުދައްކަވާފާނދޭވެ! ނުބައި މަގުތަކުން ދާ މީހުންނަށް، އިބަރަސްކަލާނގެ ޞިރާތު މަގު ދައްކަވާފާނދޭވެ! ތެދުމަގުން ކައްސާލާފައިވާ މީހުންނަށް، އިބަރަސްކަލާނގެ ހިދާޔަތު ދެއްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! އަލިކަމުގެ ތެދު ފަޖުރަކުން، ވަސްވާސްތައް ދުރުކުރައްވާފާނދޭވެ! ޟަމީރުތަކުގައިވާ ބާޠިލުކަންތައް، ޙައްޤުގެ ލަޝްކަރަކުން، ނެތިކުރައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ މަދަދުވެރިކަމުގެ ސިފައިންގެ ހަމަލާތަކުން، ޝައިޠާނާގެ ކެހިވެރިކަން ދުރުކުރައްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! އަޅަމެންގެ ކިބައިން ހިތާމަ ދުރުކުރައްވާފާނދެވެ! އަދި އަޅަމެންގެ ހިތްތަކުން ނުތަނަވަސްކަން ފިއްލަވާފާނދޭވެ! އަދި އަޅަމެންގެ ނަފްސުތަކުން ހާސްކަން ދުރުކުރައްވާފާނދޭވެ!

އިބަރަސްކަލާނގެ ނޫން ފަރާތަކަށް ބިރުގަތުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކަށް ބަރޯސާވުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކާ ވަކީލުކުރުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކުން އެއްޗަކަށް އެދުމާއި، އިބަރަސްކަލާނގެ ނޫން ފަރާތެއްގެ އެހީތެރިކަން ލިބިގަތުމާއި، މިހިރަ މިހިރަ ކަންތަކުން ދުރުވެ ހުރުމަށްޓަކައި، އިބަރަސްކަލާނގެ ރައްކާތެރިކަމާއި އެހީތެރިކަން މިއަޅާ ހޯދަމެވެ. އިބަރަސްކަލާނގެ އަކީ އަޅަމެންނަށް ނަޞްރު ދެއްވާ ކަލާނގެއެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.