ހުކުރު20201120

އާކުރެވުނީ: 08:43:52

ފައިލަސޫފުގެ ބިއްލޫރި ގުޅި

failasoofge billooriފަލްސަފާ މުދައްރިސުގެ އާދަކާދައާއި ޚިލާފަށް މިއަދު ކުލާހަށް ވެންނެވީ ކޮފީތައްޓާއި ފޮތްތަކުގެ އިތުރުން ވަރަށް ބައިވަރު އެހެނިހެން ސާމާނުތަކެއް ހިއްޕަވައިގެންނެވެ. ގޮލްފު ބޯޅަތަކެއްގެ އިތުރުން އެއްޗެހިތަކެއް އަޅާފައިވާ ދެކޮތަޅާއި، ބިއްލޫރި ގުޅިއެއް ޒާތުގެ ކަންވާރެއްވެސް ހިއްޕަވައިގެންނެވެ.

ދެތިންފަހަރަކު ކޮފީތަށިން އެތިފޮދެއް ބެއްލެވުމަށްފަހު، ބިއްލޫރި ކަންވާރު ނަންގަވައި މޭޒުމަތީ ބަހައްޓަވައިފިއެވެ. އެއަށް ފަހު އޭގެތެރެއަށް ގޮލްފު ބޯޅަތައް އޮއްސާލެއްވިއެވެ. ބޯޅަތައްހުރީ ކަންވާރުގެ ތުނބާއިހަމަށް އަރާފައެވެ. " ކޮބާ މި ގުޅި ފުރިއްޖެހެން ހީވޭތަ؟" ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވި ބަހުގެ ގޮތުގައި އެސުވާލު ކުރެއްވުމުން ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް އެކަމާއި އެއްބަސް ވިއެވެ. ދެން އެއްކަލަތަނުން ކޮތަޅެއް ނަންގަވައިފިއެވެ. އޭގައި ހުރީ ކުދި ކުދި ހިލަކޮޅުތަކެކެވެ. ކޮތަޅު ހުސްވަންދެން ކަންވާރު ތެރެއަށް އޮއްސާލައްވައިފިއެވެ. ގޮލްފު ބޯޅަތަކުގެ ތެރެއިން ދެމިގަނެގެން ގޮސް އޭގެ އެންމެ ފުނާހަމައަށްވެސް ގިނަ އަދަދެއްގެ ހިލަކޮޅުތަކެއް ފޯރިއެވެ. " ކޮބާ މިހާރު ކިހިނެއް ހީވަނީ؟" ހުރިހާ ކުދިންވެސް ހިނިތުންވެތިބެ ގުޅި ފުރިއްޖެކަމަށް ބުންޏެވެ.

މުދައްރިސް ގެންނެވި އަނެއް ކޮތަޅުވެސް ނަންގަވައިފިއެވެ. އޭގައި ހުރީ ހިމުން ވެއްޔެވެ. އެ ވެސް އެއްކަލަ ކަންވާރުގެ ތެރެއަށް އަޅުއްވައިފިއެވެ. ބޯޅަތަކާއި ހިލަތަކުގެ ތެރެއިން ގޮސް ވެލިތައްވެސް އޭގެ ޖާގަ ހޯދައި ކަންވާރު ފުރާލައިފިއެވެ. " މިހާރު ކީކޭ ބުނާނީ؟" ހުރިހާކުދިންވެސް ހިނިގަނޑަކާއި އެކު ގުޅި ފުރިއްޖެ ކަމަށް ބުނެފިއެވެ.

އާވި އަރައަރައި ހުރި ކޮފީތަށިން އަނެއްކާވެސް އެތިފޮދެއް ބެއްލެވުމަށްފަހު ބާކީ ހުރިބައި ކުއްލިއަކަށް ގުޅީ ތެރެއަށް އޮއްސާލައްވައިފިއެވެ. ހުރިހައިކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.

ހުނުމުގެ އަޑު މަޑުވުމުން މުދައްރިސް ވާހަކަ ދައްކަން ފެއްޓެވިއެވެ. ކަނުލައި އަޑުއަހާށެވެ. މިއީ މިއަދުގެ ފިލާވަޅެވެ. މި ބިއްލޫރި ގުޅި ރަމްޒު ކޮށްދެނީ އަހަރެމެން ކޮންމެ މީހެއްގެވެސް ދިރިއުޅުން ކަމުގައި ބަލާށެވެ! ގޮލްފު ބޯޅަތައް ރަމްޒުކޮށްދެނީ ދިރިއުޅުމުގެ އެންމެ މުހިއްމު އަސާސީ ކަންތައްތަކެވެ. ދީނާއި، ޢާއިލާއާއި، މުޖުތަމަޢާއި، އަޚްލާޤާއި، ޞިއްޙަތުފަދަ ކަންކަމެވެ. މިކަންކަން ފިޔަވައި ދެންހުރި ހުރިހައި ކަމެއް ފިލައި ދިޔަކަމުގައި ވިއަސް ދިރިއުޅުން ބާއްޖަވެރި ކުރެވިދާނެއެވެ.

ދެން ހުރީ ހިލަކޮޅުތަކެވެ. އެތަކެތި ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ދެންހުރި އެންމެ މުހިއްމުކަންތައްތަކެވެ. ވަޒީފާއާއި، ދިރިއުޅޭ ތަނާއި، ސަވާރީއާއި، މިނޫންވެސް މިފަދަ މުހިއްމު ކަންކަމެވެ. ދެންހުރީ ވެލި ކޮތަޅެވެ. އެވެލިތައް ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ހުންނަ ކުދިކުދި ކަންތައްތަކެވެ. އެއީ ޢަދަދު ކުރަން ތަދިވާހާ ގިނަ ކަންތައްތަކެކެވެ. ވެލިފުށްތައް ފަދައިންނެވެ.

ތިޔަ ކުދިންވިސްނާށެވެ! ގުޅީގެ ތެރެއަށް ވެލިއަޅައި ފުރައިފިނަމަ އޭގެ މާނައަކީ ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަމާއި މުހިއްމު އެހެނިހެން ކަންތައްތައް ބަހައްޓާފައި ކުދި ކަންތައްތަކުން ދިރިއުޅުން ފުރާލެވުނީއެވެ. އެހެން ހަދައިފިނަމަ މުހިންމު ކަންކަމަށް ފުރުސަތެއް ނުލިބޭނެއެވެ. ހިލަކޮޅުތައްވެސް ހަމަ އެފަދައެވެ. ބޯޅަތަކަށްވުރެ ކުރިން ހިލަކޮޅުތައް އެޅިނަމަ ހުރިހައި ބޯޅަތަކެއް އަޅާނެ ޖާގައެއް ނުލިބުނީހެވެ. މާނައަކީ ދިރިއުޅުމުގެ އެންމެ އަސާސީ ބައެއްކަންތައް ހުންނާނީ ނުކުރެވިއެވެ. އޭރުން އެއީ ދިރިއުޅުމަކަށް ނުވާނެއެވެ. މުހިންމުކަންކަން ބެހެއްޓުމަށްފަހު ކުދިކަންކަމައިގެން އުޅޭނަމަ އެންމެ މުހިންމު ކަންތައްތަކަށް ދޭނެ ހަކަތައާއި ވަގުތެއް ނުވާނެއެވެ. އޭރުން އަހަރެމެންގެ ދީނާއި، ޞިއްޙަތާއި، ޢާއިލާއާއި، މުޖުތަމަޢުގެ އެތައް ކަމަކުން މަޙްރޫމް ވެދާނެއެވެ.

މިއަދުގެ ފިލާވަޅަކީ މިއީއެވެ. އުޅުމާއި ގުޅުން ތަރުތީބު ކުރުމެވެ. ދިރިއުޅުމުގައި އިސްކަން ދޭންވީ ކަންކަން ދަތުމެވެ. އެންމެ ފުރަތަމަ އަސާސީ ކަންކަމެވެ. އެއަށްފަހު ދެންހުރި މުހިންމު ކަންކަމެވެ. ބާކީ ހުންނަ ކުދި ކަންކަން ކުރާނީ އެއަށްފަހުގައެވެ. އޭރުން ހުރިހައި ކަމެއްވެސް ކުރެވޭނެއެވެ.

ކްލާސްނިމި މުދައްރިސް ބޭރަށް ނުކުންނަވަން ތައްޔާރުވާކަން އެނގުމުން ދަރިވަރަކު ސުވާލުކުރިއެވެ. ގުޅީ ތެރޭގައި އަދި އެހެން އެއްޗެއްވެސް ވެއްޖެ ނޫންތޯއެވެ؟ ކޮފީ ތައްޓާމެދު ވިދާޅުވަނީ ކީކޭތޯއެވެ. މުދައްރިސް ހިނިތުންވެފައި ވިދާޅުވިއެވެ. މިހުރީ ތިސުވާލުގެ އިންތިޒާރުގައެވެ.

އެހުރިހައި އެއްޗެއް އެޅުމަށްފަހުވެސް ގުޅީތެރެއަށް ކޮފީތަށި އަޅާނެ ޖާގަވެސް ލިބުނީ ނޫންހެއްޔެވެ؟ އޭގެ މާނައަކީ އަހަރެމެންގެ ދިރިއުޅުގެ ކަންތައްތައް ކިތަންމެ ގިނަ ކަމުގައި ވިއަސް އަނބިމީހާ، ފިރިމީހާ ނުވަތަ ރައްޓެހިންނާއި އެކު ކޮފީއަކަށް ދިއުންފަދަ ކަންކަމަށްވެސް ވަގުތު ހޯދޭނެއެވެ.

-ނިމުނީ-

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.