ހޯމަ20181112

އާކުރެވުނީ: 08:43:52

ފިކުރުކޮށް ޝުކުރުވެރިވާށެވެ.

laa-thahzan-2ﷲ ދެއްވި ނިޢުމަތްތައް ހަނދާން ކުރާށެވެ. އެނިޢުމަތްތަކަކީ ގުނައި އަދަދު ކުރެވޭ ވަރަށް ވުރެ ގިނަ އެއްޗެކެވެ. ކަލޭގެ މަތިންނާއި ތިރިން ވަނީ، އެ ނިޢްމަތްތަކެވެ.

وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ اللَّهَ لَغَفُورٌ رَحِيمٌ

މާނަ: ''މާތް ﷲގެ ނިޢުމަތް ތިޔަބައިމީހުން ގުނައި ހިމަނަނީނަމަ، ނުހިމެނޭނެއެވެ.''

ބަދަނުގެ ޞިއްޙަތެވެ. ވަޠަނުގެ އަމާންކަމެވެ. ކާއެއްޗެއްސާއި ފޭރާމެވެ. ވަޔާއި ފެނެވެ. ކަލެއަށްޓަކައި މުޅިދުނިޔެ އެބައޮތެވެ. އެކަމަކު ކަލެއަށް އެކަން ރޭކާވެސް ނުލައެވެ. ކަލެއަށްޓަކައި މުޅި ޙަޔާތް އެބައޮތެވެ. އެކަމަކު ކަލޭ އެކަން ނުދަނެއެވެ.

وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً

މާނަ: ''އަދި ފާޅުވެގެންވާ ނިޢުމަތްތަކާއި، ފޮރުވިގެންވާ ނިޢުމަތްތަކެއް ތިޔަބައިމީހުންނަށްވަނީ ދެއްވާފައެވެ.''

ކަލެއަށް ދެލޯ ދެއްވާފައިވެއެވެ. ދުލަކާއި ދެ ތުންފަތެވެ. ދެފަޔާއި ދެއަތެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

މާނަ: ''ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުން ހައްދަވައިބޮޑުކުރެއްވި ކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ފަހެ ކޮން ނިޢުމަތްތަކަކާއި މެދުގައިހެއްޔެވެ؟''

ތިޔަ ދެ ފައިތިލައިން ހިގުމަކީ އާދައިގެ ކަމެއް ހެއްޔެވެ؟ ބުރިކޮށްލެވިފައިވާ ފައިތިލަތައް ބައިވަރެވެ. އަދި ތި ފައިދަނޑި މައްޗަށް ތެދުވުމަކީ، ކަމަކަށް ނުވޭހެއްޔެވެ؟ ވަކިކޮށްލެވިފައިވާ ފައިދަނޑިތައް ވަރަށް ގިނައެވެ.

ލޯ ފުރެންދެން، ކޮންމެ ރެއަކު ކަލެއަށް އެބަ ނިދެއެވެ. އެކަމަކު އެސްފިޔަ ވެސް ނުލެއްޕި ދުނިޔޭގައި ހާދަބަޔަކު އެބަ އުޅެއެވެ. ބަނޑުފުރެންދެން ކަލެއަށް މީރު ކާނާ އެބަ ކެވެއެވެ. ފިނިފެން އެބަ ބޮވެއެވެ. ކާއެއްޗެއް، ނުލިބޭ ކިތައް މީހުން އުޅޭކަން އެގޭހެއްޔެވެ؟ ސާފުބޯފެންފޮދެއް ނުލިބުނީމާ ހަޑިފެން ބޮއެގެން، ބަލިބައްޔާއި އާފަތްތައް ޖެހޭ މީހުން ހާދަ ގިނައެވެ.

ކަންފަތާއި މެދު ވިސްނަބަލާށެވެ. ކަލޭ ތިހުރީ ބީރުކަމުން ސަލާމަތްވެފައެވެ. ލޮލާއިމެދު ފިކުރުކޮށްބަލާށެވެ. ކަލޭ ތިހުރީ ލޯ އަނދިރިކަމުން ސަލާމަތްވެފައެވެ. ގައިގެ ހަންގަޑަށް ބަލާލަބަލާށެވެ. ކަލޭ ތިހުރީ ޖުޒާމާއި ބަރަޞް ބަލިން ސަލާމަތްވެފައެވެ. ބުއްދިއާމެދު ފިކުރުކޮށްބަލާށެވެ. ކަލޭ ބޮލުން ބުއްދި ނުފިލައެވެ. ކަލޭ ތީ މޮޔައެއް ނޫނެވެ.

ލޮލުގެ ބަދަލުގައި ފަރުބަދައެއްގެ ރަން ބޭނުން ހެއްޔެވެ؟ ވާދީއެއްގެ ރިއްސަށް ކަންފަތުގެ އިވުން ވިއްކާލަފާނަން ހެއްޔެވެ؟ ދޫ ދީފައި މަންމަނަކަށް ވެގެން، އަންދަލުސްގެ ޒަހްރާ ގަނޑުވަރު ގަނެފާނަންހެއްޔެވެ؟ އަލިމަހާއި ޔާގޫތުގެ ހާރެއްގެ ބަދަލުގައި، ތި ދެއަތް ބުރިކޮށްފައި ދީފާނަން ހެއްޔެވެ؟

ހަމަކަށަވަރުން ވެސް ކަލޭ ތިވަނީ ކޮޅެއް ނެތްހައި ނިޢުމަތުގައެވެ. ބޮޑު ހެއުކަމެއްގައެވެ. އެކަމަކު ކަލެއް އެކަން ނޭގެނީއެވެ. ނުވަތަ ނުވިސްނަނީއެވެ. އަމިއްލައަށް ހިތާމައާއި މޮޅިވެރިކަމުގެ ދަށު ވަނީއެވެ. ތާޒާ ރޮއްޓާއި ފިނި ފެނާއި ހަމަ ނިންޖާއި ދުޅަހެޔޮކަން ކަލެއަށް އެބަ ލިބެއެވެ. ނަމަވެސް ލިބިހުރި އެއްޗެއްސަށް ޝުކުރުވެރި ނުވެ، ނެތް އެއްޗެއްސަށް ދަހިވެތިވަނީއެވެ. އުފާވެރިކަމާއި، ގިނަގުނަވެގެންވާ ނިޢްމަތްތަކާއި، އެތަކެއް ހުނަރުގެ ތަޅުދަނޑި އަތުގައި އޮތް އިރުވެސް އެދޮރުތައް ނުހުޅުވައި، ފައިސާ ތިޖޫރީއެއްގެ ތަޅުދަނޑި ހޯދަން މަސައްކަތް ކުރެވެނީއެވެ. އެހެން ނުހަދާށެވެ. ފިކުރުކޮށް ޝުކުރުވެރިވާށެވެ.

وَفِي أَنفُسِكُمْ أَفَلا تُبْصِرُونَ

މާނަ: ''އަދި ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތަކުގައި ވެސް، ﷲ ގެ ޤުދުރަތްތެރިކަމާއި އެއްކައުވަންތަކަމުގެ ދަލީލުތައް ވެއެވެ. ފަހެ، ތިޔަބައި މީހުން ބަލައި ވިސްނައިފިކުރު ނުކުރަނީ ހެއްޔެވެ؟'' (އައްޛާރިޔާތި: 21)

ކަލޭގެ ނަފްސާއި، އަނބިދަރިންނާއި، ގޮވައްޗާއި، މަސައްކަތާއި، ދުޅަހެޔޮކަމާއި، ރައްޓެހިންނާއި، އަދި ވަށައިގެންވާ ދުނިޔެއާ މެދު ވިސްނާށެވެ.

يَعْرِفُونَ نِعْمَةَ اللَّهِ ثُمَّ يُنكِرُونَهَاَ

މާނަ: ''އެބައި މީހުން މާތް ﷲ ގެ ނިޢްމަތްތައް ދަނެތެވެ. ދެން އެއަށް ފަހު ވެސް އެކަމަށް އިންކާރުކުރެތެވެ.'' (އައްނަޙްލު: 83)

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.