Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ ހުސްވަގުތު ކޮންމެވެސް ކަމެއް ކުރާށެވެ.

ހުސްވަގުތު ކޮންމެވެސް ކަމެއް ކުރާށެވެ.

laa-thahzan-9ހުސްވަގުތު ގިނަވުމަކީ މީހާއަށް ހިތްހަމަ ނުޖެހުން ގެނެސްދޭ ކަމެކެވެ. ހުސްވަގުތަކީ ސުންޕާ އެއްޗެކެވެ. ނުބައި ކަންތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ޙަޔާތުގައި ކުރާނެ ކަމެއް ނެތިފައި ތިބޭ މީހުންނަކީ ދޮގު ވާހަކަތަކާއި ތޯތޯ ވާހަކަތައް ފަތުރާ މީހުންނެވެ. ކުރާނެ ކަމެއް، ދާނެތަނެއް ނެތް މީހުންނަކީ، ދުއްވާނެ މީހެއް ނެތި އުސްތަނަކުން ދޫކޮށްލާ ކާރެއްފަދަ މީހެކެވެ. މި ކާރުވެސް އެއްވެސް މިސްރާބެއް ނެތި ދާހެން، ކުރާނެ ކަމެއް ނެތި ހުސްވަގުތު ގިނަވެފައި ހުންނަ މީހާވެސް ރަށުތެރޭގައި އުޅޭނީ ދާނެ ތަނެއް، ދާނެ ކޮޅެއް ނޭގިގެންނެވެ. ކަނާތަށާއި ވާއަތަށް އެނބުރޭނީއެވެ.

ފުރަތަމަ ދާނީ ފޫހިވާތީ ބުރެއް ޖަހާލާށެވެ. މި ބުރުގައިވެސް ކުރާނެ ކަމެއް ނޯންނާނެއެވެ. ދެން ދާނީ 'ކޮންމެވެސް' ކަމެއް ކޮށްލާށެވެ. މީހަކަށް އުނދަގުލެއް، އެއްޗެއް ހަލާކު ކޮށްލަން، ކުއްޖަކާ ބެހިލަން، ފަދަ ވިޔާނުދާ ކަމެއް ކޮށްލާށެވެ. ހުސްވަގުތު ގިނަވެއްޖިއްޔާ، އަހަރެމެން ގާތަށް އިބިލީސް ނާންނާނެ ކަމަށް ނުބަލާށެވެ.

ކުރާނެ ކަމެއް ނެތިފައި ހުންނަންޖެހޭ ދުވަހެއް އަތުވެއްޖެނަމަ، ހިތާމައާއި މޮޅިވެރިކަން އަދި ހިތްހަމަ ނުޖެހުމާއި ހާސްކަން، ހިތަށް ވަންނާނެކަން ޔަޤީން ކުރާށެވެ. އެހެނީ ހުސްވަގުތު ގިނަވެއްޖެނަމަ، މާޟީއާއި މިހާރު އަދި މުސްތަޤުބަލުގެ ހުރިހާ ފައިލުތަކެއް، ޙަޔާތުގެ ވަތްގަނޑުން ނެގިގެން ކަލޭގެ ކުރިމައްޗަށް އަންނާނެއެވެ. ވީމާ އަހަރެންގެ ނަޞޭޙަތަކީ، ތި ކަންނެތްކަމާއި ހުސްވަގުތު ދޫކޮށްފައި، މޭވާ އަޅާ ކޮންމެވެސް ކަމެއް ކުރާށެވެ. އެހެނީ، ހުސްވަގުތު ގިނަވުމަކީ ތަދުކަނޑުވާ ބޭހެއް ކައިގެން އަމިއްލައަށް މަރުވުން ފަދަ ކަމެކެވެ.

ހުސްވަގުތު ގިނަވެ އިންތިޒާރު ދިގުވުމަކީ، މިނިޓަކު އެއްފަހަރު ނިއްކުރިއަށް ފެންތިއްކެއް ޖެހޭ ގޮތަށް، ޗައިނާގެ ޖަލުތަކުގައި ދޭ ޢަޛާބު ފަދަ ކަމެކެވެ. މި ފެން ތިކި ޖެހޭނެ ވަގުތަކަށް އިންތިޒާރުކޮށްކޮށް، ދުވަސްކޮޅަކުން އޭނާ މޮޔަވެއެވެ.

ކަމެއް ނެތިފައި އަރާމުކުރަން އޮތުމަކީ ޣާފިލުކަމަކެވެ. ހުސްވަގުތަކީ ވަގެކެވެ. މި ވަހުމީ ހަނގުރާމަތަކުގެ ޝިކާރައަކަށް ވާނީ ކަލޭގެ ބުއްދިއެވެ.

ވީމާ މިހާރު ތެދުވާށެވެ. ގަޑިން ގަޑިއަށް ނަމާދު ކުރާށެވެ. ޤުރުއާން ކިޔާށެވެ. ފައިދާހުރި މަޖައްލާ، ފޮތް ކިޔާށެވެ. އޮފީސް ތަރުތީބުކޮށްލާށެވެ. ގޭ މަރާމާތުކޮށްލާށެވެ. މީހަކަށް މަންފާއެއް ކުރާނެ ކަމެއް ކުރާށެވެ. އަހަރެން ކަލެއަށް މި ދެނީ ހަމަ ހެޔޮ ނަޞޭޙަތެވެ.

މަސައްކަތުގެ ވަޅިން ހުސްވަގުތު ކަތިލާށެވެ. ހުސްވަގުތު ފުރާލައިފިއްޔާ އުފާވެރިކަމުގެ ފަންސާސް އިންސައްތަ ޙާޞިލުވާނެ ކަމުގެ ޔަޤީންކަން، ނަފްސާނީ ޙަކީމުން ކަލެއަށް އެބަ ދެއެވެ.

ރަށުގައި ހީވާގިކަމާ އެކީ ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނަ މީހުންނަށް ބަލާލަބަލާށެވެ. މަހަށް ދާ މީހުންނަށް ބަލާލަބަލާށެވެ. ރާނަން ދާ މީހުންނަށް ބަލާލަބަލާށެވެ. ދަނޑުވެރިންނަށް ބަލާލަބަލާށެވެ. އެމީހުން ކިހާ އުފާވެރި ހެއްޔެވެ؟ ހިތާމައެއް އޮތަސް އެ ހިތާމަ ކުރަން ލިބޭ ވަގުތު ކުޑައެވެ. އެހެންވެ އެ މީހުން އެ ތިބެނީ ދޫނިތައް ލަވަކިޔާފަދައިން ލަވަކިޔާލަކިޔާލައެވެ. ދެން ކުރާނެ ކަމެއްނެތިފައި ހުސްވަގުތު ގިނަވެފައި ތިބޭ މީހުންނަށް ބަލާލަބަލާށެވެ. އެމީހުން ތިބޭނީ އެނދުގައި ކަރުނަ ފޮހެލަ ފޮހެލަ އެވެ. ނުވަތަ މީހަކަށް އުދަގުލެއް ކޮށްކޮށެވެ. ނުވަތަ ވަސްވާސްތަކެއްގެ މެދުގައި ދާނެ ކޮޅެއް ނޭގިފައެވެ. ނުވަތަ ހަވާނަފްސަށް ލެނބި މަގު ގެއްލިފައެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

Comments