Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ އިޙްސާންތެރިވުމަކީ ހިތްހަމަޖެހޭ ކަމެކެވެ.

އިޙްސާންތެރިވުމަކީ ހިތްހަމަޖެހޭ ކަމެކެވެ.

laa-thahzan-8ހެޔޮކަން އޭގެ ނަންފަދައެވެ. ރަނގަޅުކަން އޭގެ ސިފަފަދައެވެ. އިޙްސާންތެރިވުން އޭގެ ރަހަފަދައެވެ. މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރިވެ އުފާކޮށްދިނުމުން، އޭގެ ފައިދާ އެންމެ ފުރަތަމަ ލިބެނީ ހެޔޮކޮށް ހިތައި އިޙްސާންތެރިވެ އުފާކޮށްދޭ މީހާއަށެވެ. މީހުންނަށް އިޙްސާންތެރިވާ މީހާ، އޭނާ އެ ކޮށްދިން ހެޔޮކަމުގެ ފޮނި މޭވާ ވަރަށް އަވަހަށް ބިންނާނެއެވެ. އޭނާގެ އަޚްލާޤުން އެކަން ފާޅުވާނެއެވެ. އޭނާގެ ޟަމީރަށް އޭގެ ހިތްހަމަޖެހުން ލިބޭނެއެވެ. ހިތް ތަނަވަސްވެ، އުފާވެރިވާނެއެވެ. ހިތަށް އަރާމާއި ހަމަޖެހުން ވަންނާނެއެވެ.

ވީމާ ތިހެން އުޅޭއިރު ހާސްކަމެއް، ހިތާމައެއް، ކުރިމަތިވެއްޖެނަމަ އެހެން މީހަކަށް ހެޔޮކަމެއް ދޭށެވެ. މީހަކަށް އެހީތެރިވެދޭށެވެ. އޭރުން ހާސްކަން ފިލައިދާނެއެވެ. ނުހުޅުވިގެން އުޅޭ ދޮރުތައް ހުޅުވިދާނެއެވެ. އަތުގައި އެއްޗެއް ނެތް މީހަކަށް، ދޭށެވެ. އަނިޔާ ލިބިފައިވާ މީހަކަށް، ނަޞްރުދޭށެވެ. ދަތިކަމެއްގައި ބެދިފައިވާ މީހަކު، ސަލާމަތްކޮށްދޭށެވެ. ބަނޑުހައިވެފައިވާ މީހަކަށް، ކާންދޭށެވެ. ބަލިވެފައިވާ މީހަކަށް، ޒިޔާރަތްކުރާށެވެ. މުޞީބާތެއް ޖެހިފައިވާ މީހަކަށް އަތްފޯރުކޮށްދޭށެވެ. އޭރުން އުފާވެރިކަން އައިސް ކަލޭ ވަށާލާތަން ފެންނާނެއެވެ.

ހުނވަދު ގެންގުޅޭ މީހާއާއި ވިއްކާ މީހާއާއި ގަންނަ މީހާއަށް ވެސް، އޭގެ އަސަރު ފޯރައެވެ. މީހުންނަށް އިޙްސާންތެރިވުމަކީ މި ކަހަލަ ކަމެކެވެ. ހެޔޮކަންތައްކޮށްދިނުމުން ލިބޭ ބަދަލަކީ ބަރަކާތްތެރި ބޭހެކެވެ. އެ ބޭހަކީ ހެޔޮކަމާއި އިޙްސާންތެރިކަމުން ހިތް ފުރިފައިވާ މީހުންގެ ބޭސްފިހާރައިން ލިބެން ހުންނަ ބޭހެކެވެ.

މީހުންނަށް އުޖާލާ ހިނިތުންވުން ބެހުމަކީ، އަޚްލާޤުގެ ދުނިޔޭގައި ދެމިގެންދާ ޞަދަޤާތެކެވެ. ''ހިނިތުން މޫނަކާއެކު ކަލޭގެ އަޚާއާއި ބައްދަލުކުރުމަކީ ވެސް ޞަދަޤާތެކެވެ.'' މޫނު ކުނިކޮށްގެން ހުރުމަކީ، އެހެން މީހުންގެ މައްޗަށް އިޢްލާންކުރެވޭ ހަނގުރާމައެކެވެ. ޣައިބު މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް، އެ ހަނގުރާމަ ފެއްޓޭނެ ވަގުތެއް ނޭނގޭނެއެވެ.

މަގުމަތިވެފައި އޮތް ކުއްތާއަކަށް، ރަންޑީއެއްގެ އަތުން ފެން ކޯވަރެއް ދިނީމާ، އުޑުތަކާއި ބިންހައި ތަނަވަސް ސުވަރުގެ އޭނާއަށް ޙައްޤުވިއެވެ. އެހެނީ ޘަވާބުގެ ވެރިފަރާތަކީ، ފާފަ ފުއްސަވާ، ޝުކުރުވެރިވެ ވޮޑިގަންނަވާ، ހެޔޮވަންތަ، ހެޔޮކަމަށް ލޯބިވެވޮޑިގަންނަވާ، ރަސްކަލާނގެއެވެ. އެކަލާނގެއަކީ ތަނަވަސްވަންތަ ޙަމްދުލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

ހިތްދަތިކަމާއި ނުތަނަވަސްކަމުގެ ބިރުވެރި ހުވަފެން ދެކޭ މީހުންނޭވެ. ހެޔޮކަންތައް ކޮށްދިނުމުގެ ބަގީޗާއަށް އަވަހަށް އަންނާށެވެ. އެހެން މީހުންނަށް އެހީތެރިވުމުގައި މަޝްޣޫލުވާށެވެ. ހޭދަކުރާށެވެ. މެހުމާންދާރީވާށެވެ. ހަމްދަރުދީވާށެވެ. އެހީތެރިވާށެވެ. ޚިދުމަތްތެރިވާށެވެ. އޭރުން ކަލެއަށް، ޙަޤީޤީ އުފާވެރިކަން ލިބޭނެއެވެ. އުފާވެރިކަމުގެ ރަހަ ލިބި، އޭގެ ކުލަވެސް ފެންނާނެއެވެ.

وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ (19) إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ (20) وَلَسَوْفَ يَرْضَىٰ (21)

ތަފްސީރީމާނަ: ''އޭނާ އެ ކޮށްދޭ ހެޔޮކަމަކީ، މީހަކު އޭނާއަށް ކޮށްދީފައިވާ ހެޔޮކަމެއްގެ ބަދަލެއްގެ ގޮތުގައި، ކުރާ ކަމެއް ނޫނެވެ. (19) އެކަމަކު އެއީ އޭނާ ހައްދަވާ ބޮޑުކުރެއްވި މަތިވެރިވަންތަ ރަސްކަލާނގެ ރުއްސެވުމުގެ އެދުމުގައި ކުރާ ކަމެކެވެ. (20) އަދި ހަމަކަށަވަރުން މިފަދަ މީހަކަށް، އޭނާ ރުހޭ ފަދައަކުން، ރުހޭ މިންވަރަކަށް، ސުވަރުގޭގައި މަތިވެރި ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެއެވެ. (21)'' (ސޫރަތުއް ލައިލި: 19-21)

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

Comments