ބުދަ20181212

އާކުރެވުނީ: 08:43:52

ކަލެއަކީ ކަލެއެވެ.

laa-thahzan-10އެހެން މީހުންނަށް ވެގެން ނުއުޅޭށެވެ. އެހެން މީހުން ނަކަލުކޮށްގެން ނުއުޅޭށެވެ. އެހެން މީހެއް ނަކަލުކޮށްގެން އެހެން މީހުން އުޅޭހެން އުޅެ، އެހެން މީހުންގެ ވައްތަރު ޖެއްސިގަނެގެން އުޅުމަކީ، އެއީ މީހަކަށް އޭނާގެ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. ދާއިމީ އަނިޔާއެކެވެ.

އަމިއްލަ ނަފްސާއި އަމިއްލަ އަޑު، އަމިއްލަ ގޮތްގަޑު ހަނދާން ނައްތާލައި، ނުވަތަ އަމިއްލަ ހުނަރު ދޫކޮށް އެހެން މީހުން ނަކަލު ކުރަން ވަރަށް ގިނަ މީހުން އުޅެއެވެ.

އަމިއްލަ ހުނަރު ދޫކޮށް އެހެން މީހުން ކުރާ ކަންތައް ކުރާހިތްވާ ވަރަށް ގިނަ މީހުން އުޅެއެވެ. ނަތީޖާއަކީ، އަމިއްލަ ޝަޚްޞިއްޔަތު ގެއްލި، އަމިއްލަ ހުނަރު ހުސްވެ، މީހުން ފޫހިވާ، ގޮތް ބޮޑު މީހަކަށް ވުމެވެ.

 

އާދަމުގެފާނުން ފެށިގެން މިއަދާއި ހަމައަށް، ދުނިޔޭގައި، އެއްވައްތަރެއް ޖަހާ ދެމީހުން އުފަން ނުވެއެވެ. ވީމާ އެ މީހުންގެ ޝަޚުޞިއްޔަތާއި ވާހަކަ ދައްކާގޮތާއި ހުނަރާއި، އަދި އުޅޭގޮތް ވެސް އެއްގޮތްވާކަށް ނުޖެހެއެވެ.

ކަލެއަކީ ތީ މުޅިން އެހެން މީހެކެވެ. އެހެން ރަހައެކެވެ. އެހެން ކުލައެކެވެ. މީގެ ކުރިން ކަލެއާއި އެއްގޮތް މީހެއް ދުނިޔެއަށް ނާދެއެވެ. އަދި ކުރިއަށް އޮތްތާގައި ނުވެސް އަންނާނެއެވެ.

ކަލޭ ކަލޭގެ ގޮތުގައި ހުންނާށެވެ. އުފެއްދުނު ގޮތަށް ހުންނާށެވެ. އަޑު ބަދަލު ނުކުރާށެވެ. ވާހަކަ ދައްކާ ރާގު ބަދަލު ނުކުރާށެވެ. ހިނގާ ގޮތް ބަދަލުކޮށްފައި އެހެން މީހެއް ހިނގާގޮތަށް ނުހިނގާށެވެ. އަމިއްލަވަންތަކަން ނައްތާ ނުލާށެވެ.

މީގެ މާނައަކީ، ނުބައި އަޚްލާޤެއްގެ ވެރިއާ، ހަރުއަޑުން ވާހަކަ ދައްކާ މީހާ، ނުވަތަ މީހުން ފޫހިވާނެ ފަދަ ސިފަތަކެއް ގެންގުޅެވުނަސް އެކަން ބަދަލު ނުކޮށް، ގޮތުގައި ހިފަހައްޓައިގެން ހުރުމެއް ނޫނެވެ. ނުބައި ސިފައަކުން ރަނގަޅު ސިފައަކަށް ބަދަލު ވުމަކީ ގޯސް ކަމެއް ނޫނެވެ. ކިއެއްތަ، އެއީ ވާޖިބެކެވެ. ވީމާ ޤުރުއާނުން ކަލޭގެ ނަފްސު ތަހުޒީބުކުރާށެވެ.

ކަލެއަށް ޚާއްޞަ ރަހައެއް ލިބިގެންވެއެވެ. ޚާއްޞަ ކުލައެއް އެބަހުއްޓެވެ. އެންމެން ވެސް ބޭނުންވާނީ ކަލޭ ކަލޭގެ ރަހައިގައި، ހަމަ ހުރި ކުލައިގައެވެ. އެއީ ކަލޭ އުފެއްދުނީ ތި ގޮތުގައެވެ. ގަހެއްގައި އިން މަލެއް މީހަކު ބޭނުންވާނީ ހަމަ އެއިން ގޮތުގައެވެ. ރީދޫ މަލެއް ރަތް މަލެއްގެ ގޮތުގައެއް ނޫނެވެ. ފިނިފެންމާ ބޭނުންވާނީ ހުވަނދުމާވަސް ބަލާކަށް ނޫނެވެ.

މީހުންނަށް ދެއްކެން، ތުއި ނުވާށެވެ. މާ ހިތްހެޔޮ މީހެއްކަމަށް ދެއްކެން ނޫޅޭށެވެ. އެ ސިފަ ދެކެ ތިހާ ލޯބިވާނަމަ ހިތްހެޔޮ މީހަކަށް ބޭރުން ވުމުގެ ކުރިން އެތެރެއިންވާށެވެ. ހަރުދަނާ ކަމެއް ނެތީސް، މާ ހަރުދަނާ މީހެއްގެ ގޮތުގައި ދެއްކެން ނޫޅޭށެވެ. މަޖާ މިޒާޖެއް ނެތީސް މަޖާ މީހަކަށް ހެދިގެން ނޫޅޭށެވެ. އަބަދުވެސް އެތެރެ ފުށާއި ބޭރުފުށް އެއްގޮތް ކުރާށެވެ. "ދެފުށް ކެހެރިއޭ" މި ކިޔޭ ކަހަލަ މީހަކަށް ނުވާށެވެ. އަދި އަމިއްލަ ރައުޔެއް، އަމިއްލަ ޚިޔާލެއް، އަމިއްލަ ޤަރާރެއް، އަމިއްލަ ސިފައެއް ނެތް މީހަކަށް ނުވާށެވެ.

މީހުންނަކީ މިޒާޖާއި އަޚުލާޤުގައި، ގަސްގަހާއި މޭވާ ފަދަ ބައެކެވެ. މޭވާގެ ތެރޭގައިވެސް ފޮންޏާއި ހުތް މޭވާ ހުރެއެވެ. ކަލެއަކީ ތީ ދޮންކެޔޮ ކަމަށް ވަނީނަމަ، ނިޔަނދުރަކަށް ބަދަލުވާން ނޫޅޭށެވެ. އެހެނީ ކަލޭގެ އަގާއި ރީތިކަންވަނީ ދޮންކެޔޮވަކަކަށް ވުމުގައެވެ. އަހަރެމެންގެ ކުލައާއި ވާހަކަ ދައްކާގޮތް، ހުނަރާއި ޝަޙުޞިއްޔަތަކީ، މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ. ނިޢުމަތެކެވެ. ވީއިރު އެކަން އެ ގޮތުގައި ޤަބޫލު ކުރާށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.