އަންގާރަ20181113

އާކުރެވުނީ: 08:43:52

ކަލޭގެ ދުވަހަކީ މިއަދެވެ.

laa-thahzan-4ހެނދުނު ހޭލެވިއްޖެ ނަމަ، މާދަމާއަށް އިންތިޒާރު ނުކުރާށެވެ. ކަލޭ އުޅެންވީ ހަމައެކަނި، މިއަދުގެ ތެރޭގައެވެ. އޭގެ ހެވާއި ނުބަޔާ އެކު ގޮސްފައިވާ އިއްޔެއަށް އެނބުރި ނުބަލާށެވެ. އަދި ނާންނަ މާދަމާއަށް ވެސް، ކަރު ހިއްލާ ނުބަލާށެވެ. ކަލޭގަ އުމުރަކީ އެންމެ ދުވަހެއް ކަމުގައި ބަލާށެވެ. އެއީ މިހާރު ތިހުރި ދުވަހެވެ. މި އަދު އުފަންވެފައި މިއަދު މަރުވެގެން ދާންޖެހޭ، މީހެއްގެ ގޮތުގައި ވިސްނާށެވެ. އޭރުން އިއްޔެއާ މެދު ކުރަންޖެހޭ ހިތާމައެއް، މާދަމާއާ މެދު ގަންނަންޖެހޭ ބިރެއް، ނުއޮންނާނެއެވެ.

ކަލޭގެ ހުރިހާ ސަމާލުކަމަކާއި ބުރަ މަސައްކަތް، މިއަދު ހޭދަކުރާށެވެ. މިއަދު ކޮންމެހެން ވެސް، ބިރުވެތިކަމާއެކު ނަމާދުކުރާށެވެ. ވިސްނުންތެރި ކަމާއެކު، ޤުރުއާން ކިޔަވާށެވެ. ފިކުރުކުރުމާއެކު ފޮތެއް ކިޔާށެވެ. ހިތުގެ ޙާޟިރުގައި ޛިކުރުކުރާށެވެ. ކަންކަމުގައި މެދުމިންވާށެވެ. އަޚްލާޤު ރީތިކުރާށެވެ. އަދި ބޭރުފުށް ވެސް ޗާލުކުރާށެވެ. ޞިއްޙަތަށް ބަލާށެވެ. މިންވަރަށް ރުހޭށެވެ. އެހެން މީހުންނަށް ފައިދާހުރި މީހަކަށް ވާށެވެ. ދަސްކުރަންޖެހޭ ފިލާވަޅެއް އޮތިއްޔާ ލަސްނުކޮށް މިއަދު ދަސްކުރާށެވެ. އިއްޔެ ފާސް ނުވީތީ އަދި މާދަމާ ފާސް ނުވެދާނެކަމަށް ހިތާމަ ނުކުރާށެވެ. މުހިއްމީ މިއަދު ދަސްކުރުމެވެ. އުފަލާއިއެކު މިއަދުގައި އުޅޭށެވެ. އަނބިންނާއި، ދަރިންނާއި ދޭތެރޭ ހިތްހަމަޖެހިގެން، ވަޒީފާއާއި ލިބިހުރި ތަޢުލީމާއި، ހުރި މަޤާމާއި ދޭތެރޭ ރުހިގެން، މިއަދު ވެއަތު ކުރާށެވެ.

ކަލެއަށް ލިބިފައިވާ މިއަދުގެ ގަޑިތައް ބަހާލާށެވެ. އޭގެ މިނިޓުތަކަކީ އަހަރުތަކެއް ފަދަ އެއްޗަކަށް ހަދާށެވެ. ސިކުންތުތަކަކީ މަސްތަކެއް ފަދަ އެއްޗަކަށް ހަދާށެވެ. މި އަދު ހެޔޮކަން އިންދާށެވެ. ރަނގަޅުކަންތައް ކުރާށެވެ. ފާފަތަކަށް އިސްތިޣްފާރުކުރާށެވެ. ކަލާނގެ ހަނދާންކުރާށެވެ. ދަތުރަށް ތައްޔާރުވާށެވެ. މިއަދު އުފަލުން ފޮޅިފައި ހުންނާށެވެ. ރިޒުޤާއި، އަންބާއި، ދަރިންނާއި، ވަޒީފާއި، ގޮވައްޗާއި، މަސައްކަތާއި، ފަންތިއާ މެދު ރުހިގެން ހުންނާށެވެ.

މޫސާގެފާނާ މުޚާޠަބު ކުރައްވައި ﷲ ވަޙީކުރެއްވި ކަލާމްފުޅު، އަލްއަޢްރާފް ސޫރަތުގެ 144 ވަނަ އާޔަތުގައި ވެއެވެ. فَخُذْ مَا آتَيْتُك وَكُنْ مِنْ الشَّاكِرِينَ

މާނައަކީ: ''ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ބާރާއިއެކު ހިއްޕަވާށެވެ. އަދި ޝުކުރުވެރީންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.''

ހިތާމައެއް، ބިރުވެރިކަމެއް، ރުޅިވެރިކަމެއް، ޙަސަދަވެރިކަމެއް ނެތި މިއަދު އުޅޭށެވެ.

ކަލޭގެ ހިތުގެ ވޮށުފިލާގައި ލިޔެފައި ބާއްވަންވީ އެންމެ ޖުމްލައެކެވެ. އެއީ: ''ކަލޭގެ ދުވަހަކީ މިއަދެވެ.'' މިހެންނެވެ. މޭޒުމަތީގައި ވެސް މި ޖުމްލަ ލިޔެފައި ބަހައްޓާށެވެ.

މިއަދު މީރު ބީރިއާނީ ކެވިއްޖެނަމަ، އިއްޔެ ކާންޖެހުނު ނުބައި މުގުރިހައަކުން ނުވަތަ މާދަމާ ލިބޭނެ ހިކި ރޮއްޓަކުން ހުރި، ގެއްލުމެއް އެބަ އޮތްހެއްޔެވެ. އިއްޔެ ކިތަންމެ ނުބައި ރަހައެއް ލިޔަސް، މިއަދު ލަނީ މީރުރަހައެވެ. ވީމާ ކަލޭގެ ދުވަހަކީ މިއަދެވެ. މިއަދު މީރު ފިނި ފެން ބޯން ލިބެން ހުރިއްޔާ، އިއްޔެ ބުއި ލޮނުހިތި ފެނާ މެދު ވިސްނައި، ނުވަތަ މާދަމާ ލިބޭނެ ހޫނު ފެނާމެދު ފިކުރުބޮޑުކޮށް، މިއަދުގެ މިޒާޖު ޚަރާބު ކުރަންވީ ކީއްކުރަންހެއްޔެވެ؟

ނަފްސަށް ތެދުވެރިވެ، އެކަތަ ޢަޒުމަކާ އެކު މަސައްކަތްކޮށްފިއްޔާ، "ކަލޭގެ ދުވަހަކީ މިއަދުއެވެ.'' ބުނާ ނަޒަރިއްޔާއަށް ނަފްސު ކިޔަމަންކުރުވިދާނެއެވެ.

އޭރުން މިއަދުގެ ކޮންމެ ހިނދުކޮޅެއް ވެސް ކަލޭ ބޭނުންކުރާނީ، ހުނަރު އިތުރުކުރާށެވެ. މަސައްކަތް ފުރިހަމަކުރާށެވެ. އަދި ކަލޭ ބުނާނީ: މިއަދު އަހަރެންގެ ބަސްމަގު ރީތިކުރާނަމެވެ. ވީމާ އަހަރެން މީހަކާ ދިމާލަށް ހަޑިއެއްޗެއް ނުކިޔާނަމެވެ. އިހާނަތި ބަހެއް ނުބުނާނަމެވެ. ނުކުޓުވާނަމެވެ. މިއަދު އަހަރެން ގެޔާއި އޮފީސް ތަރުތީބުކުރާނަމެވެ. އޭރުން ހުރިހާ ކަމެއް ވެސް ދާނީ އިންތިޒާމުންނެވެ. އެއްޗެއް ވީ ނުވީ ތަނެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެއެވެ. މިއަދު އަހަރެން ދިރިއުޅޭނަމެވެ. ވީމާ އަހަރެންގެ ހަށިގަނޑުގެ ސާފުތާހިރުކަމަށް ސަމާލުވާނަމެވެ. ރީތި ހެދުން ލާނަމެވެ. އަހަރެންގެ މަލަރީތިކުރާނަމެވެ. ހިނގުމާއި ވާހަކަ ދެއްކުމާއި ހަރަކާތުގައި ވެސް ހަމަޖެހުމާއި ސާބިތުކަން ގެންގުޅޭނަމެވެ.

އަހަރެންގެ ދުވަހަކީ މިއަދެވެ. ވީމާ މިއަދު އަހަރެން، ހެއްދެވި ކަލާނގެ ރުއްސެވުން ލިބޭތޯ ބަލާނަމަވެ. ކުރެވުނު އެންމެ ފުރިހަމައަކަށް ނަމާދުކުރާނަމެވެ. ސުންނަތްތައް ގިނަކުރާނަމެވެ. މުޞްޙަފުން ކިޔަވާނަމެވެ. ފިލާވަޅު ދަސްކުރާނަމެވެ. ފައިދާހުރި ކަމެއް އުނގެނޭނަމެވެ. މަންފާހުރި ފޮތެއް ކިޔާނަމެވެ.

އަހަރެންގެ ދުވަހަކީ މިއަދެވެ. ވީމާ މިއަދު އަހަރެންގެ ހިތުގައި އިންދާނި ހެޔޮކަންތަކެވެ. ނުބައި މޭވާ އަޅާފައިވާ ކަށިގަސްތައް މުލުން ލުހޭނަމެވެ. ހަސަދަވެރިކަމާއި، ރުޅިވެރިކަމާއި، ކިބުރުވެރިކަމާއި، ދެއްކުންެތެރިކަމާއި ހިތްނުބައިކަން، އަހަރެންގެ ހިތުން ނެރެ ހިތް ސާފުކުރާނަމެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.