ހޮނިހިރު20181117

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ މާޒީވެފައިވާ ކަމަކީ ނިމިފައިވާ ކަމެކެވެ.

މާޒީވެފައިވާ ކަމަކީ ނިމިފައިވާ ކަމެކެވެ.

laa-thahzan-3މާޒީ ހަނދާންކޮށްކޮށްފައި އެއާމެދު ވިސްނައި، މާޒީގައި ވެފައިވާ ދެރަކަންތަކާ މެދު ހިތާމަކުރުމަކީ، ނުވިސްނޭ މޮޔަކަމެކެވެ. ޢަޒުމު މަރާލައި، ކުރިމަތީގައި އޮތް ޙަޔާތް ބޭކާރުކޮށްލުމެވެ. ބުއްދިވެރިން ގާތުގައި، މާޒީގެ ފަތަކީ އޮޅާލެވިފައިވާ އެއްޗެކެވެ. ނިއުޅައިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަނދާންނެތިކޮށްލުމުގެ ތޭރިތަކުގެ ފަހަތުގައި އަބަދަށްޓަކައި ބަންދުކުރެވިފައިވާ އެއްޗެކެވެ. އަޅާނުލުމުގެ ޖަލުގައި ވަރުގަދަ ވަލުން އައްސާލެވިފައިވާ އެއްޗެކެވެ. އެއީ ދުވަހަކު ވެސް އެތަނުން ނުކުމެގެންވާނެ އެއްޗެއް ނޫނެވެ. އެއީ ބަންދުކުރެވި ތަޅުލެވިފައިވާ، އޭގެ ވާހަކައެއް ނުދެއްކޭ އެއްޗެކެވެ.

ސަބަބަކީ އެއީ މާޒީއެވެ. ނިމިފައިވާ ކަމެކެވެ. ހިތާމަކުރުމަކުން އެ ކަން އަލަކުން ނުކުރެވޭނެއެވެ. ދެރަވުމަކުން އެކަން އިޞްލާޙެއް ނުކުރެވޭނެއެވެ. މޮޅިވެރިވުމަކުން އެކަން ރަނގަޅެއް ވެސް ނުކުރެވޭނެއެވެ. ހިތް ކިލަނބުކުރުމަކުން އެކަން އަލަކުން ނުދިރުވޭނެއެވެ. އެހެނީ އެއީ ނެތުމެކެވެ.

ވީމާ މާޒީގެ ބިރުވެރި ހުވަފެންތެރޭގައި ނުއުޅޭށެވެ. ފާއިތުވެފައިވާ ކަންތަކުގެ އަނދިރި ވިލާގަނޑުގެ ދަށުގައި ނުހުންނާށެވެ. މާޒީގެ ބިރުވެރި ކަމުން ކަލޭގެ ނަފްސު މިންޖުކުރާށެވެ. ކަލޭ ބޭނުންވަނީ، ކޯރުގެ ފެން އައި ދިމާއަށް، އިރު އެރި ދިމާއަށް، ދަރިފުޅު މަންމަގެ ބަނޑަށް، ދިން ކިރު އުރަމައްޗަށް، ފޭބި ކަރުނަ ލޮލަށް، އަނބުރާ ފޮނުވަންހެއްޔެވެ؟! މާޒީއާ މެދު ވިސްނައި، މާޒީ ދެކެ ބިރުގަނެ، މާޒީގެ އަލިފާނުން ކަލޭ އަންދައި، މާޒީގެ އޮޅިގަނޑު ކުރިމަތީ ބަނޑުޖަހައިގެން ތި އޮންނަ އޮތުމަކީ، ހިތާމަކުރަންޖެހޭ ފަދަ ނުރައްކާތެރި ކަމެކެވެ.

މާޒީ ލިޔެވިފައިވާ ފޮތް މިއަދު ކިއުމަކީ، ޙާޟިރު ގެއްލެނިވި ކަމެކެވެ. މަސައްކަތް ވިއްސިވިހާލިވާ ކަމެކެވެ. ކުރިމަތީގައި އޮތް ވަގުތު ބޭކާރު ކުރުމެވެ. ކުރީގެ އުއްމަތްތަކާއި އެ މީހުން ކަންތައް ކުރިގޮތް މާތް ﷲ ބަޔާން ކުރެއްވިއެވެ. ދެން އެއަށް ފަހު ވަޙީކުރެއްވީ: تِلْكَ أُمَّةٌ قَدْ خَلَتْ

މާނަ: ''އެއީ ފާއިތުވެ ހިނގައްޖެ އުއްމަތެކެވެ.'' (އަލްބަޤަރާ: 134)

ވީމާ ކަން އެ އޮތީ ވެނިމިފައެވެ. މާޒީގެ މަރުވެފައިވާ ހަށިގަނޑު ފަޅާ ބެލުމުގެ މާނައެއް ނެތެވެ. ތާރީޚުގެ ފުރޮޅު ފަހަތަށް އެނބުރުމުގެ ބޭނުމެއް ނެތެވެ.

މާޒީއަށް އެނބުރި ދާ މީހާއަކީ، ފުނޑާފައި ހުރި ގޮދަން އަލުން ފުނޑާ މީހެކެވެ. ކީހާފައި ހުރި ކީސްކުނޑި ކީހާ މީހެކެވެ. މާޒީއާ މެދު ކަރުނައަޅާ މީހުންނާ ދިމާއަށް ބުނެވޭ އިހުގެ ހަރުބަހެއްގައި އޮންނަނީ، މަރުވެފައިތިބޭ މީހުން މަހާނައިން ނުނެރޭށޭއެވެ.

އަހަރެމެންނަށް ޖެހިފައިވާ ބައްޔަކީ، ހާޟިރުގައި ވާ ކަންތައްތައް ނުކޮށް، މާޟީއާ މެދު މަޝްޣޫލުވުމެވެ. ރީތި ގަނޑުވަރުތައް ދޫކޮށްފައި، ވީރާނާވެފައިވާ ގާ ފުނީގެ މޮޅުވާހަކަ ދައްކަން ތިބުމެވެ. މާޟީވެފައިވާ ކަމެއް އަނބުރާ ގެންނަން، އިންސީންނާއި ޖިންނީން އެކުވިޔަސް، އެއީ ވާނެ ކަމެއް ނޫނެވެ. މުސްތަޙީލުކަމަކީ އެއީއެވެ.

އެހެން މީހުން ފަހަތަކަށް ނުބަލައެވެ. ފުރަގަހަކަށް ނޭނބުރެއެވެ. އެހެނީ، ވައިޖެހެނީ ކުރިއަށެވެ. ފެންކޯރު ދުވަނީ ކުރިއަށެވެ. ޤާފިލާ ދަތުރުކުރަނީ ކުރިއަށެވެ. ވީމާ ކަލޭ އެކަނި، ޙަޔާތުގެ ސުންނަތާ ޚިލާފު ނުވާށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.