އާދީއްތަ20181118

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ މީހެއްގެ ޝުކުރަށް އިންތިޒާރު ނުކުރާށެވެ.

މީހެއްގެ ޝުކުރަށް އިންތިޒާރު ނުކުރާށެވެ.

laa-thahzan-7މާތް ﷲ އަޅުތަކުން ހެއްދެވީ، އެ މީހުން އެކަލާނގެ ހަނދުމަކޮށް އަޅުކަން ކުރާށެވެ. ޚަލްޤުތަކުންނަށް ރިޒުޤު ދެއްވީ، އެ މީހުން އެކަލާނގެއަށް ޝުކުރުވެރި ވުމަށްޓަކައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު، ﷲ ނޫން ފަރާތްތަކަށް އަޅުކަންކޮށްފިއެވެ. ޣާލިބިއްޔަތު މީހުން ވަނީ، އެހެން ފަރާތްތަކަށް ޝުކުރުވެރިވެފައެވެ. އެހެނީ ހަރާންކޯރުވުމާއި، ކޮށްދީފައިވާ ހެޔޮކަންތައް ޤަސްތުގައި ހަނދާންނެތިކޮށްލުމަކީ، އިންސާނުންގެ ކަށީގައި ހިފާފައިވާ ކަމެކެވެ.

ވީމާ ކަލޭ ކޮށްދިން ހެޔޮކަމެއް، މީހަކު ފަހުން ހަނދާން ނައްތައިލިއަސް، އަދި ވެދިން އިޙްސާންތެރިކަން

އަންދައިލިއަސް، ނުވިތާކަށް ކަލެއާއި ޢަދާވާތްތެރިވެގަނެ ޙަސަދަވެރިކަމުގެ ހިލަ، ކަލެއާއި ދިމާލަށް އުކަން ފެއްޓިއަސް، ނުސިހޭށެވެ. މިއީކީ ޙައިރާންވާން ޖެހޭވަރުގެ އާދަޔާއި ޚިލާފު ކަމެއް ނޫނެވެ.

ދުނިޔޭގެ ކަންހިގާފައިވާ ގޮތުގެ ތާރީޚު ފޮތް ބަލާލާށެވެ. އޭގެ ބާބުތަކުގެ ތެރެއިން ފެންނާނީ ބައްޕައެއް ނުވަތަ މަންމައެއް އެނާގެ ދަރިފުޅު ބޮޑުކޮށް، ކާންދީ، އަންނައޮނު ދީ، ތަރުބިއްޔަތުކޮށް، އުގަންނައިދީ، ދަރި ނިންދެވުމަށްޓަކައި ހޭލާހުރެ، ބަނޑުބޮޑު ކުރުވުމަށްޓަކައި ބަނޑުހައިވާތަނެވެ. ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އެއްކަލަ ކޮއެ ނުވަތަ ކަނބުލޯ، ބޮޑުވެ ގައިގެބާރުޖެހި، ދުނިޔެއަށް ލޯހުޅުވުނީމައި، މައިންބަފައިންނަށް ނުކިޔަމަންތެރިވަނީއެވެ. ނިކަމެތިކޮށް އިހާނެތިކުރަނީއެވެ. ރުޅިވެރިވެ ޖެއްސުން ކުރަނީއެވެ. ގަދަފަދަ އަނިޔާކުރަނީއެވެ. މޮޔަ ކުއްތާއެއް ފަދައިން، މައިންބަފައިން ކުރިމަތީ ހަޅޭކެއްލަވައި ވައްވައް ޖަހަނީއެވެ.

ކޮށްދިން ހެޔޮކަންތަކަށް ހަރާންކޯރުވެ، ޝުކުރުވެރި ބަހެއް އަޑު ނުއިވުމުން، ކަލޭގެ ހިތަށް ތަދުވިޔަ ނުދޭށެވެ. ހަރާންކޯރުވާ މީހުންނަކީ ފިޠުރަތުން އެއްކިބާވެފައިވާ ބައެކެވެ. ވީމާ އެ މީހުން ކަންތައް ކުރާ ގޮތާ މެދު ދެރަނުވާށެވެ. ދުނިޔޭގައި ވާ ދީލަތިކަމާއި އިހުސާންތެރިކަމުގެ ބަދުލު، މާދަން ދާން އޮތް ގޮވަތިން ލިބޭނެއެވެ. މާތްރަސްކަލާނގެ ޚަޒާނާއަކީ ހުސްވުމެއް އުނިވުމެއް ނެތް އެއްޗެކެވެ.

ކޮށްދޭ ހެޔޮކަމެއް ގިނަ މީހުން ނުދަންނާނެއެވެ. އެކަމަކު މީގެ މާނައަކީ މީހުންނަށް ވެދޭ އެހީއާއި ހެޔޮކަންތައް، ހުއްޓާލުމެއް ނޫނެވެ. މިފަދަ ވާހަކައެއް ބުނެދިނުމުގެ ބޭނުމަކީ، މީހަކު ހަރާމްކޯރު ވެދާނެކަމަށް، ލޯ ހުޅުވައި ތައްޔާރުވެ ހުރެ، އެކަމުން ހިތަށް މާބޮޑު ލޮޅުމެއް އެރުނަ ނުދީ ސަލާމަތް ވުމުގައި އެހީ ވުމެވެ.

އަބަދުވެސް، ވާ ކޮންމެ އިޙްސާންތެރިކަމެއް، ވެދޭ އެހީއެއް، ﷲ ގެ ވަޖުހުފުޅަށްޓަކައި ކުރާށެވެ. މިކަމުގައި ދެ ފާއިދާއެއް އެބައޮތެވެ. އެއް ފާއިދާއަކީ އެކަމުން ﷲ ގެ މަތިވެރި ޘަވާބު ލިބުމެވެ. އަނެއް ފާއިދާއަކީ ހެޔޮކަން ކޮށްދެވޭ މީހާ، ފަހުން އެކަން ހަނދާން ނައްތާލީމައި ދެރަނުވާނެ ކަމެވެ. ތިއީ ދޭ މީހާއެވެ. އެއީ ލިބިގަންނަ މީހާއެވެ. ދޭ މީހާ އަބަދުވެސް މޮޅު އިތުރުވެގެންވެއެވެ.

إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا

މާނައަކީ: ''ތިމަންމެން ތިޔަބައި މީހުންނަށް ކާންދޭކަން ކަށަވަރީ، މާތް ﷲގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައި މީހުންގެ ކިބައިން އެކަމުގެ ދަރުމައެއް ޝުކުރެއް، ތިމަންމެން ނޭދެމުއެވެ.''

ވިސްނުން ކޮށި މިހަކަށް ޤަލަމެއް ދިނީމާ، އޭނާ ކަލެއަށް މަލާމާތްކޮށްފައި ފޮތެއްލިޔެފާނެއެވެ. ގާތްކަން ނުދަންނަ މީހަކަށް، އޭނާ ލެނގޭނެ އަދި ކަންބަޅިތަކަށް ކާންދޭން ގަސްގަހުން ފަތް ވައްޓާނެ، އަސާއެއް ދިނީމާ، އެއިން ކަލޭގެ ބޮލުގައި ޖަހާ ވެސް ފާނެއެވެ. ބޯ ހިޔާވަހިކަމެއް ދިނީމާ، ގެއިން ވައްކަންވެސް ކޮށްފާނެއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ ހެއްދެވި ކަލާނގެއަށް ކުފުރުވެރިވުމުގެ ކަފުނުން ކަފުން ކުރެވިފައިވާ އާދަމުގެ ދަރިންނެވެ. ހަމަ ޠަބީޢަތުގައި ހުންނަ އުނިކަމަކީއެވެ.

وَإِذَا مَسَّ الْإِنْسَانَ الضُّرُّ دَعَانَا لِجَنْبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَنْ لَمْ يَدْعُنَا إِلَى ضُرٍّ مَسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ

މާނައަކީ: "އިންސާނާއަށް ބަލާ ބަލިމަޑުކަމެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނަމަވެސް ނުވަތަ އިށީދެ އިދެގެން ނުވަތަ ކޮޅަށްހުރެގެން ނަމަވެސް، ތިމަންރަސްކަލާނގެ އަށް ދުޢާކުރެއެވެ. ދެން ތިމަންރަސްކަލާނގެ އެ މީހެއްގެ ކިބައިން އެ ބަލާ ބަލިމަޑުކަމާއި ދަތިކަން ފިއްލުވުމުން، އުރެދުންތަކަށް އޭނާ ހިގައިދެއެވެ. ބަލާ ބަލިމަޑުކަމާއި ދަތިކަމެއް ޖެހިގެން ތިމަން ރަސްކަލާނގެއަށް ދުޢާވެސް ނުކުރާ ކަހަލައެވެ. ކުފުރުވުމާއި ދޮގު ހެދުމުގައި އިސްރާފުވެރި މީހުންކޮށް އުޅޭ ޢަމަލުތައް ޒީނަތްތެރި ކުރެވިގެންވަނީ ހަމަ އެފަދައިންނެވެ."

ހައްދަވައި ބޮޑުކުރައްވާ، ރިޒުޤު ދެއްވާ، ދަތިކަމާއި މުޞީބާތްތައް ޖެހުނީމާ ދުޢާ ކުރުމުން އެކަންތައް ފިލުއްވާ ދެއްވާ، މާތް ﷲ އަށް، އިންސާނުން ޝުކުރުވެރި ނުވެ ނިޢްމަތަށް ކުފުރުވާ މިންވަރަކީ މިއީއެވެ. ވީމާ އަހަރެންނާ ކަލޭ ފަދަ މީހުންނަށް، މީހުން ޝުކުރުވެރި ނުވާނެ މިންވަރު ދެން ވަޒަންކޮށްލާށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.