އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ މީހުންގެ ފާޑުކިއުންތަކާއި ކެރިގެން ކުރިމަތިލާށެވެ.

މީހުންގެ ފާޑުކިއުންތަކާއި ކެރިގެން ކުރިމަތިލާށެވެ.

laa-thahzan-6ނުވިސްނޭ، ސޭކު، ތާކުންތާކު ނުޖެހޭ، ގޮތެއް ނެތް މީހުންވަނީ، ޙަލްޤު ކުރައްވާ ރިޒުޤު ދެއްވާ މަތިވެރިވަންތަ ރަސްކަލާނގެއަށް އެއްޗެހި ކިޔައި، މަލާމާތްކޮށްފައެވެ. އެހެންވީއިރުން، އަހަރެމެންނަކީ މީހަކު ފާޑު ނުކިޔަން ސަފުން ކޮންބައެއް ހެއްޔެވެ؟ ހަނދާން ކުރާށެވެ. ޙަޔާތުގައި، ވަރަށް ގިނަ މީހުންގެ ހިތި ފާޑުކިއުންތައް އަޑުއިވޭނެއެވެ. ފުރައްސާރައިގެ ހޫނު ހަނގުރާމަތަކާ ކުރިމަތިވާނެއެވެ.

ހާދަ ފަލައޭ، ހާދަ ހިއްކޭ، ހާދަ ކަޅޭ، ނުވަތަ ދޮންކަމުން ތި ހީވަނީ ހުދު ބަލިޖެހިފައި ހުރި މީހެއް ނޫންހޭ ބުނާ އަޑު އިވޭނެއެވެ.

ރަނގަޅަށް އުޅެންޏާ މީހުން ބުނާނީ އެހެރީ "މާ ދީންވެރި" ވެފައިކަމަށެވެ. ގުރޫޕް ކުދިންނާއި އެކީ ސިގިރެޓި ނުބޮއެފިއްޔާ ބުނާނީ "މަންމަ ދެކެ ހާދަ ބިރުގަންނަ" ކަމަށެވެ. ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ބުނާ ކަމެއް ނުކޮށްފިއްޔާ ބުނާނީ "ޒަމާނީ" ކުއްޖެއް ނޫންކަމަށެވެ. ގިނައިން ކިޔަވަންޏާ ބުނާނީ ކަތުރުފަންޏެއް ކަމަށެވެ. ހިތްވަރާއި އެކު ކަމެއް ފައްޓައިފިއްޔާ ބުނާނީ "ތި ކަންތައް ދާނީ ބޮޑު ނިގުލައް" ކަމަށެވެ. އަނބިމީހާއަށް އެހީތެރިވެ ކަމެއް ކޮށްދީފިއްޔާ ބުނާނީ "އެހެރީ އަނބި ދަށުވެފައި" ކަމަށެވެ.

މި ކަހަލަ ހުރިހާ ވަހަކަތަކެއްވެސް އެ ބުނަނީ ކަލޭގެ ހިތް މަރާލައި، ލިބެމުންދާ ކާމިޔާބީތައް ހުއްޓުވުމަށްޓަކައެވެ. ބިނާކުރާ، ކަންކަމަށް އަސަރު ފޯރުވާ، ވިދާ މީހެއް ކަމުގައި ކަލޭ ވާނަމަ، ހިތި ފާޑުކިއުންތަކާ ކުރިމަތި ވާނެއެވެ. ބިމުގެ ހޮރަކަށް ވަދެ ފިލަންދެން ނުވަތަ ސިޑިއަކުން އުޑަށް އަރަންދެން، މިކަހަލަ ނުބައި ފާޑުކިއުންތައް ނުހުއްޓޭނެއެވެ. މީހުންގެ ތެރޭގައި އުޅެންޏާ، އަޑުއަހަން ބޭނުންނުވާ، ލޮލުން ކަރުނަ ގެނެސްދޭ، ހިތް ޒަޚަމްކޮށްލާ، ލޮލުން ނިދިފިލުވާލާފަދަ ބަސްތަކާއި، މަލާމާތް ލިބިގަންނަން ތައްޔާރުވެ އިންތިޒާރުގައި ހުންނާށެވެ. އެހެން ނޫނީ ފަޅު ޖަންގައްޔަކަށް ގޮސް އެކަނި އުޅޭށެވެ.

ބިންމަތީ އިށީނދެ ހުރި މީހަކު ބިންމައްޗަށް ނުވެއްޓޭނެއެވެ. އެއްވެސް މީހަކު، މަރުވެފައި އޮތް ކުއްތާއެއް ފަހައެއް ނުލާނެއެވެ. އެހެން މީހުން ކަލޭ ދެކެ އެ އަންނަ ރުޅިއަކީ، ކަލޭ އެ މީހުންނަށް ވުރެ ކުރީގައި އުޅޭތީ އަންނަ ރުޅިއެކެވެ. ތަޢުލީމީ ގޮތުންނާއި އަދަބިވެރިކަމުގެ ގޮތުން، ފައިސާއާއި ދީންވެރިކަމުގެ ގޮތުން އެމީހުންނަށްވުރެ ކުރީގައި އުޅޭތީއެވެ.

ވީމާ ކަލޭގެ ކިބައިގައި މި ބުނެވުނު ރަނގަޅު ސިފަތައް ހުރިހާ ހިނދަކު، ޙަސަދަވެރިންގެ ޙަސަދަ ނުފޮހެވޭނެއެވެ. ކަލޭ މޮޔަ، ސޭކު، ޖާހިލު، ފަޤީރު، ހިތްމަރުވެފައިވާ ގޮތެއް ނެތް މީހަކަށް ވެއްޖެއުމަށް ދާންދެން، ކަލޭދެކެ ޙަސަދަވެރިވާ މީހުން އުޅޭނެއެވެ. މިފަދަ މީހަކަށް ވާންދެން، އެ މީހުން ކުރިމަތީގައި ކަލެއަކީ ކުށްވެރިއެކެވެ.

ވީމާ އެމީހުންގެ މަލާމަތާއި، ނަން ހުތުރުކުރުމާއި، ފާޑުކިއުންތައް ކުރިމަތީ ސާބިތުވާށެވެ. ނުގުޑާށެވެ. އަޑުއިވޭ ކަމަށް ވެސް ނުހަދާށެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހާ، އެއަށް ރައްދު ދީ ހަދާނަމަ، އެ މީހުންގެ މަޤުޞަދު ކާމިޔާބުވީއެވެ. އެހެންވިޔަ ނުދޭށެވެ. މީހަކު އެއްޗެހި ކިއަސް، މަލާމާތް ކުރިއަސް، ކަލޭގެ ތިހުރި އުފާވެރި މިޒާޖު ކިލަނބު ނުކުރާށެވެ. ރިވެތިވެގެންވާ މާފުކުރުމަކުން އެ މީހުންނަށް މާފުކުރާށެވެ. އެމީހުންގެ ރޭވުންތަކާއި މަކަރުތަކާ ހެދި، ހިތް ނުތަނަވަސްކަން މަތީ ނުހުންނާށެވެ. އެ މީހުންގެ އެ ތާކުންތާކު ނުޖެހޭ ފާޑުކިއުންތަކުގެ ތަރުޖަމާއަކީ ކަލޭގެ މޮޅުކަމެވެ. ކަލޭގެ ބުރަދަން އިތުރުވާ ވަރަކަށް، އެ މީހުން ފާޑުކިޔާ މިންވަރު ވެސް އިތުރުވާނެއެވެ.

މީހުންގެ އަނގަ ބަންދެއް ނުކުރެވޭނެއެވެ. ދުލުގައި ގޮށެއްވެސް ނުޖެހޭނެއެވެ. އެކަމަކު އެމީހުންގެ މަލާމާތްތަކަށް ބީރު ކަންފަތެއް ދީ، އެއާ އަޅާނުލީމާ، އެ ވަޅުލެވިދާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލެއަށް އެ މީހުންގެ އަނގައަށް ރެވި ވެސް އެޅިދާނެއެވެ. އެއީ ކަލޭގެ ހެޔޮކަންތައް އިތުރުކޮށް، ރަނގަޅުކަންތައް ފުރިހަމަކޮށް، ކަތިކަންތައް ސިދާކޮށްގެންނެވެ.

އެންމެންގެ ކުރިމަތީގައި މަޤްބޫލު، ލޮބޮވެތި، މީހުން އައިބުނުކިޔާ، މީހަކަށް ވާން ކަލޭ އެދިއްޖެނަމަ، ތި އެދެވުނީ މުސްތަޙީލަކަށެވެ. ޙާޞިލުވުން ދުރު އުއްމީދެކަށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.