ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

ނިޔާފުޅާއި މިންވަރުފުޅު

laa-thahzan-11مَا أَصَابَ مِنْ مُصِيبَةٍ فِي الأَرْضِ وَلا فِي أَنْفُسِكُمْ إِلاَّ فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا

އާޔަތުގެ ތަފްސީރީމާނަ: ކާރިސާތަކާއި ހަނަފަސްކަންފަދަ ބިމަށް ޖެހޭ މުޞީބާތެއް، އަދި ބަލިމަޑުކަމާއި ބަނޑުހައިހޫނުކަން ފަދަ ނަފްސުތަކަށް ޖެހޭ މުޞީބާތެއް ވިޔަސް، ޚަލްޤުތަކުން އުފެއްދެވުމުގެ ކުރިން ލައުޙުލް މަޙްފޫޡްގައި އެ ކަން ލިޔުއްވާފައިވާ ހާލު މެނުވީ، އެ މުޞީބާތް އައިސް ނުޖެހެއެވެ.'' (އަލްޙަދީދް: 22)

މި ހިސާބުން ޤަލަމުގެ ދެލިހިކިއްޖެއެވެ. ފަތްތައް ލެއްޕިއްޖެއެވެ. ވާނެ ހުރިހާ ކަމެއް ކަނޑައެޅިއްޖެއެވެ.

މިންވަރުތައް ލިޔެވިއްޖެއެވެ.

قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا

އާޔަތުގެ ތަފްސީރީމާނަ: ''އެ ފިނޑި މުނާފިޤުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ﷲ އަޅަމެންނަށްޓަކައި ކަނޑައަޅުއްވައި ލައުޙުލް މަޙްފޫޡްގައި ލިޔުއްވާފައިވާ ކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެއެވެ.'' (އައްތައުބާ: 51)

ކަލެއަށް ދިމާވިކަމަކީ، ދިމާނުވެ ނުދާނެ ކަމެކެވެ. ކަލެއަށް ދިމާނުވި ކަމަކީ، އެއީ ކަލެއާ ދިމާވާން އޮތް ކަމެއް ނޫނެވެ.

މި ޢަޤީދާ ހިތުގައި ބިންވަޅުނަގާ، ޟަމީރުގައި އަށަގަންނަވާ ސާބިތުކޮށްފިނަމަ، ކަލެއާ ކުރިމަތިވާ ބަލާވެރިކަން ނިޢްމަތަކަށް ބަދަލުވެދާނެއެވެ. ދަތިއުނދަގޫތަށް އިނާމަކަށް ވެދާނެއެވެ. ދިމާވާ ކޮންމެ ކަމަކީ ވެސް ރީތި ހަދިޔާއަކަށް ނުވަތަ ކަރުގައި އަޅާލެވޭ މެޑައްޔަކަށް ވެދާނެއެވެ. ޙަދީޘްފުޅެއްގައި އޮންނަނީ، ﷲ އަޅަކަށް ރަނގަޅު ގޮތެއް އިރާދަކުރައްވައިފިނަމަ، ދަތި އުނދަގޫތަކުން އޭނާ އިމްތިޙާން ކުރައްވާކަމަށެވެ.

ނިޔާފުޅާއި މިންވަރުފުޅަށް އީމާންވާށެވެ. އޭރުން ތިމާ ބަލިވެދާނެތީ، ދަރި މަރުވެދާނެތީ، ފައިސާގެ ގެއްލުމެއްވެދާނެތީ، ގޭގައި އަލިފާންރޯވެދާނެތީ، މިއިން އެއްވެސް ކަމަކާމެދު ކަލޭ ހާސްވެ ފިކުރުބޮޑުވާކަށް ނުޖެހެނޭއެވެ. އެހެނީ ކަލޭ ހައްދަވާ ގެންގުޅުއްވާ ރަސްކަލާނގެވަނީ ކަލެއާމެދު އޮތް، އެކަލާނގެ މިންވަރުފުޅު ކަނޑައަޅުއްވާފައެވެ. ނިޔާފުޅު ނިންމަވާފައެވެ.

ވީމާ ދެރަ ނުބައި ގޮތެއް ދިމާވިޔަސް، އެކަމާ ހިތާމަނުކުރާށެވެ. އެއީ ކަލެއަށްޓަކާ ހޮވިފައިވާ އިޚްތިޔާރުކަމަށް ބަލާށެވެ. އިޚްތިޔާރުކުރައްވަނީ ﷲ އެވެ. ދެން އެ ދިމާވި ނުބައި ގޮތުގެ ބަދަލެއްގެ ގޮތުން ކަލެއަށް ވަނީ އެތަކެއް ޘަވާބެއް ލިބިފައެވެ. ފާފަތަކެއްގެ ކައްފާރާ ދެވިފައެވެ.

މުޞީބާތަށް ކެތްތެރިވެ، ނިޢްމަތްތައް ދެއްވި އަދި އެ އަނބުރާ ގެންދެވި ރަސްކަލާނގެ މިންވަރުފުޅާއި ނިޔާފުޅަށް ރުހިގެން ތިބޭ މީހުންނަށް އުފާވެރިކަން ހުއްޓެވެ.

لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ

އާޔަތުގެ ތަފްސީރީމާނަ: ''އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލެއް ނުކުރެވޭނެއެވެ. ނަމަވެސް ޚަލްޤުތަކުން ކުރާކަންތަކާމެދު، އެއުރެންނާ ﷲ ސުވާލުކުރައްވާނެއެވެ.'' (އަލްއަންބިޔާއު: 23)

މިންވަރުފުޅާއި ނިޔާފުޅަށް އީމާންވެ ރުހެންދެން، ކަލޭގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ނަފްސުގެ ގަޑުބަޑުކަމަށް ހިމޭންކަމެއް ނާންނާނެއެވެ. ހިތުގެ ވަސްވާސްތަކެއް ނުދާނެއެވެ. ކަލެއަށް ދިމާވާން އޮތް ކަމެއް ލިޔެވި ދެލި ހިކިއްޖެއެވެ. ވީމާ ހިތާމައިގެ ކަނޑުގައި އަމިއްލައަށް ޣަރަޤުނުވާށެވެ. ވެއްޓިވެއްޓި އޮތް ފާރެއް ވެއްޓުނަނުދީ ހިފެހެއްޓިދާނެ ކަމަށް ހީނުކުރާށެވެ. އޮހޭ ފެން އަނބުރާ މައްޗަށް ފޮނުވިދާނެ ކަމަށް ނުހިތާށެވެ. ވައިޖެހުން ހުއްޓުވިދާނެކަމަށް އުއްމީދުނުކުރާށެވެ. ބިއްލޫރިއަކީ ނުތެޅޭ އެއްޗަކަށް ހެދިދާނެކަމަށް ނެދޭށެވެ. މިހިރަ މިހިރަ ކަންތަކަކީ އަހަރެންނަށް އަދި ކަލެއަށް ވެސް ކުރެވޭނެ ކަންތަކެއް ނޫނެވެ. އަހަރެމެން ބޭނުންވިޔަސް ނުވިޔަސް މިންވަރުކުރައްވާފައިވާ ކަމެއް ވާނެއެވެ. ނިޔާފުޅު ތަންފީޒުކުރެވޭނެއެވެ. ލައުޙުގައި ލިޔުއްވާފައިވާ ކޮންމެ ކަމެއް ވާނެއެވެ.

فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ

''ފަހެ ކަލޭމެންކުރެ، ރިސާލަތު ތެދުކޮށް އީމާންވާން ބޭނުން މީހަކު އީމާންވާށެވެ. އޭގެ ހެޔޮކަން ހުރީ ހަމަ އޭނާއަށެވެ. އަދި ކަލޭމެންކުރެ ރިސާލަތު ދޮގުކޮށް ކާފިރުވާން ބޭނުން މީހަކު އެކަން ކުރާށެވެ. އެކަމުން އަމިއްލަ ނަފްސަށް މެނުވީ އަނިޔާއެއް ނުވެވެއެވެ'' (އަލްކަހްފު: 29)

ހިތްހަމަނުޖެހެމާއި ރުޅިވެރިކަމާއި ރޮއެހޭރުމުގެ ލަޝްކަރެއް އައިސް ކަލޭ ވަށާލުމުގެ ކުރިން، މިންވަރުފުޅަށް އަމާންދޭށެވެ. ހިތާމައިގެ ސައިލެއް ކުރިމަތިވުމުގެ ކުރިން، ނިޔާފުޅަށް ކިޔަމަންވެ އިޢްތިރާފުވާށެވެ.

ވީމާ ކަލޭކުރަންޖެހޭ ކަމެއް ކޮށް، އަޅަންޖެހޭ ފިޔަވަޅެއް އަޅައި، ހިފަންޖެހޭ ސަބަބުތަކެއްގައި ހިފުމަށްފަހު، ސަލާމަތްވާން އުޅުނު ކަންތައް އައިސް ކުރިމަތިވިޔަސް ހިތާމަނުކުރާށެވެ. އެހެނީ އެއީ ހަމަ ކޮންމެހެން ވާން އޮތް ގޮތެވެ. ވީމާ އެކަން ވާނެއެވެ. "މިވެނި އެވެނި ކަމެއް ކުރިނަމަ މިހެން ނުވެ އެވެނި ގޮތެއް ވީހޭ" މިހެން ނުބުނާށެވެ. އެކަމަކު "މިއީ ﷲ ގެ މިންވަރުފުޅޭ، އެކަލާނގެ އިރާދަކުރެއްވި ގޮތެއް ވާނެއޭ" މިހެން ބުނާށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.