އާދީއްތަ20201122

އާކުރެވުނީ: 08:43:52

ބިމުގެ ހަތް ފަށަލަ

bimuge hai fashalaމީގެ އެތައް ސަތޭކަ އަހަރުއްސުރެ ބިމާއި ބެހޭގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި އިވެމުންދިޔަ ވާހަކަތަކަކީ އެއްވެސް ކަހަލަ ޢިލްމީ އޮށްޓަރެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ސައިންސްވެރިން ހާމަކުރިއެވެ. މިގޮތަށް ބިމާބެހޭ ޢިލްމުވެރިން އިއްތިފާގުވީ ބިން އުފެދިފައިވާ ގޮތާއި އަދި ބިމުގައި އެކުލެވިގެންވާ ބައިތައް ހޯދައި ދިރާސާކުރަމުންނެވެ.

ސައިންސް ފުޅާވެ ދުނިޔެ އޮންނަނީ ބިސްބުރު ބައްޓަމަށް ކަން ޔަޤީންވެ ބިމުގެ އެތެރެބައި ' ކޯރ' ގައި މަދެއް ނުވަތަ ނިއުކްލިއަސް އެއް ވާނެކަމުގައި ގަބޫލުކުރެވުނެވެ. އަދި ބިމުގެ ވަށައިގެންލެވިފައިވާ ތޮށި  'ކްރަސްޓް' ނުވަތަ ބޭރުފަށަލަ އަކީ މަދާއި އަޅައިކިޔާއިރު މުރަނަ އަދި ވަރަށް ތުނިއެއްޗެއްކަން އެނގުނެވެ. ހަމަ އެހެންމެ މި ދެފަށަލަ ދެމެދުގައި މެންޓަލް ކިޔާ ތިންވަނަ ފަށަލައެއް ވާނެކަމާ މެދުވެސް ޔަގީންކުރެވުނެވެ.

އަހަރުތަކަކަށްފަހު ޖިއޮލޮޖިވެރިން ޓެކްނޮލޮޖީގެ އެހީގައި އިތުރު ހޯދުންތައް ހޯދުމުގެ ނަތީޖާއެއްގެ ގޮތުން ތްރީލޭޔަރތިއަރީ ނުވަތަ ތިންފަށަލައިގެ ގާނޫނު މާގިނަ ދުވަހަކަށް ދެމިގެނެއްނުދިޔައެވެ. އެމީހުން ބުނާގޮތުގައި ބިމުގެ އެންމެ އެތެރެ ފަށަލަ މަދުގައި ވަރަށް ބޮޑަށް ޕްރެޝަރ ހުރެއެވެ. އަޑިއަށް ދާވަރަކަށް މި ޕްރެޝަރ އިތުރުވަމުންދެއެވެ. އަދި ބިމުގެ ބޭރު ފަށަލައާއި އަޅާކިޔާ އިރު މި ޕްރެޝަރ 3 މިލިއަން ގުނަ ބޮޑެވެ.

މި ގޮތަށް ޕްރެޝަރ އުފެދުމުގެ ސަބަބުން މަދުގެ އެންމެ އެތެރެބައި އޭގައި އެކުލެވިގެންވާ ބައިތައް ހަރު މާއްދާތަކަށް ބަދަލުވެ ހަރުއެއްޗަކަށްވެދެއެވެ. އަދި މި ހަރުބައި ވަށައިގެން ދިޔާކޮށް ހުންނަ ވަރަށް ހޫނު ފަށަލައެއްވެއެވެ. އެހެންވެ ކުރިން ގަބޫލު ކުރެވުނު ގޮތާއި ޚިލާފަށް މަދުގައި އެކުލެވިގެންވާކަމަށް މިޒަމާނުގެ ޖިއޮލޮޖިވެރިން ބުނަނީ ދެފަށަލައެވެ. އެއީ މަދުގެ އެންމެ އެތެރޭގައިވާ ހަރުފަށަލައާއި، ހަރުފަށަލައިގެ ބޭރުންވާ ދިޔާފަށަލައެވެ.

އިތުރަށް މިޢިލްމު ފުޅާވެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ސައެންސްވެރިންގެ ބުރަ މަސައްކަތްތަކާއެކު ބިމުގެ ފަށަލަތައް ކާމިޔާބުކަމާއެކު މިއަދުވަނީ ހޯދިފައެވެ. އަދި ބިމުގެ ފަށަލަތަކުގެ ޢަދަދަކީ ޖުމްލަ 7 ކަމުގައި މިއަދު އެންމެން އިއްތިފާގުވެއެވެ.

ތިރީގައި މިވަނީ މި ބުނެވުނު ފަށަލަތައް ދައްކުވައިދޭ ފޮޓޯއެކެވެ. މިފަށަލަތައް ހޯދައިފައިވަނީ ބިންހެލުންތައް ދެނެގަންނަ އާލާތްތަކާއި އަދިވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ.

earth2

ސައެންސްވެރިން ބުނާގޮތުގައި އެންމެކުޑަ ޒައްރާއެއް ނުވަތަ އެޓޮމްއެއް ބިނާވެގެންވަނީވެސް، ބިމެކޭ އެއްގޮތަށް 7 ފަށަލައަކަށް ނުވަތަ ލެވެލްތަކަކަށެވެ. މިއިން ދޭހަވަނީ ހެއްދެވިފައިވާ ތަކެތީގެ އެއްގޮތްކަމެވެ. އަދި ކަށަވަރުކޮށްދެނީ މިތަކެތި ހައްދަވައި ގެންގުޅުއްވަނީ އެއްޚާލިޤެއްކަމެވެ.

ބިމުގެ ފަށަލަތައް އޭގެ ބޯމިން ނުވަތަ ފުންމިނާއި، އުފެދިފައިވާގޮތާއި، ފިނިހޫނުމިން އޭގެ އެއްފަށަލައާއި އަނެއްފަށަލަ ތަފާތެވެ. ވުމާއެކު ކާބަފައިން ގަބޫލުކުރިގޮތް މިއަދު މިވަނީ ދޮގުވެ ހަޤީޤަތް ހާމަވެފައެވެ.

މި ހޯދުންތައް ހޯދާފައިވަނީ އެކާވީސްވަނަ ޤަރުނުގެ ސައެންސްވެރީންނެވެ. މި ޙަޤީޤަތާ ބެހޭގޮތުން ކީރިތި ޤުރުއާންގައި ވަނީ ކީކޭބާވައެވެ؟

މާތް ﷲ ވަޙީކުރެއްވިއެވެ.

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا مَّا تَرَى فِي خَلْقِ الرَّحْمَنِ مِن تَفَاوُتٍ فَارْجِعِ الْبَصَرَ هَلْ تَرَى مِن فُطُورٍ

މާނަ: އެކަލާނގެއީ މަތިމައްޗަށް ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. ރަޙްމާންވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާއަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރުކޮށް ނަޒަރުހިންގައި ބަލާށެވެ! އެއްވެސް ކަހަލަ ޚަލަލެއް (އުނިކަމެއް) ތިބާއަށް ފެނޭހެއްޔެވެ؟ -ސޫރަތުލް މުލްކުގެ 3 ވަނަ އާޔަތް-

އަދި ވަޙީކުރައްވާފައިވެއެވެ.

اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الأَرْضِ مِثْلَهُنَّ يَتَنَزَّلُ الأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا

މާނަ: ﷲ އީ ހަތް އުޑުހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތްބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ އަމުރުފުޅު ހިނގަހިނގާ ހުރެއެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން ﷲ ގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ. -ސޫރަތުއްޠަލާޤް ގެ 12 ވަނަ އާޔަތް-

ފުރަތަމަ އާޔަތުގައި އުޑާއި ބެހޭގޮތުން އަޅުގަޑުމެންނަށް ދެކަމެއް އެބަ ފާހަގަވެއެވެ. އުޑުތަކުގެ ޢަދަދަކީ ހަތެއްކަމާއި އަދި އެ އުޑުތައް އެތުރިފައިވަނީ މަތިމައްޗަށްކަމެވެ. ފަށަލަތަކެއްގެ ގޮތަށް އެއް އުޑުމަތީ އަނެއް އުޑު މިހެންގޮސް ހަތް އުޑުވާކެމެވެ.

ދެވަނަ އާޔަތުގައި "އަދި ބިމުންވެސް އެފަދަމެއެވެ." މިހެންއޮތުމުން އެނގެނީ މަތިމައްޗަށް ނުވަތަ ފަށަލަތަކަކަށް ހަތްއުޑު ހެއްދެވިފަދައިން ބިންވެސް ހައްދަވާފައިވަނީ އެގޮތަށްކަމެވެ. ވީމާ، ހަތް އުޑު މަތިމައްޗަށް ފަށަލަތަކަކަށް ހައްދަވާފައިވުމުން، ބިންހައްދަވާފައިވާނީ ހަމަ މަތިމައްޗަށް ހަތް ފަށަލައަށްކަން އެނގެއެވެ.

ފުރަތަމަ އާޔަތުގައި އެއޮތް ''ޠިބާޤާ'' ގެ މާނައަކީ އެކައްޗެއްގެ މައްޗަށް އަނެކަތި، ނުވަތަ މަތިމައްޗަށެވެ. މިއަދުގެ ސައެންސްވެރީންނަށްވެސް ބިމުގެ ދިރާސާކުރުމުން ފެނުނީ ބިމުގެ ފަށަލަތައް އެކައްޗެއްގެ މައްޗަށް އަނެކަތި މިހެންގޮސް މަތިމައްޗަށް ފަށަލަތަކެއްގޮތުގައި ބިނާކުރެވިފައިވާ ތަނެވެ. ކީރިތި ޤުރުއާންގައި މާތްﷲ އަންގަވާފައިވާ ގޮތަށްމެއެވެ.

ހަމައެހެންމެ ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲގެފާނުގެ ހަދީސަކަށް ބަލައިލަމާހިނގާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.

مَنْ ظَلَمَ قيد شِبْر مِن الأَرْض طوَّقَه مِن سَبع أَرَضِين –متفق عليه-

މިހަދީސްގެ މާނައީ " ބިމެއްގެ ކައިވަތެއްހާ މިންވަރުން އަނިޔާވެރިވީމީހާގެ ކަރުގައި (ޤިޔާމަތްދުވަހުން) ހަތްބިން އެޅުއްވޭހުއްޓެވެ."

މިހަދީސްގައި އެވާ "ހަތްބިން" އޭގެ މާނައަކީ ބިމުގެ ހަތްފަށަލަކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޤިޔާމަތްދުވަހުގައި އޭނާގެ ކަރުގައި ބިމުގެ ހަތްފަށަލަ އެޅުއްވޭނެ ވާހަކައެވެ.

މިޙަޤީޤަތް މިވަނީ އިތުރު ރަސޫލާގެ ހަދީސްފުޅުންވެސް ފެންނާށެވެ. ސުވާލަކީ މީގެ ސާދަ ސަތޭކަ އަހަރު ކުރިން އެކަލޭގެފާނަށް ހަތްބިމޭ ހަދީސްކުރައްވަން އެނގިޑައިގަތީ ކިހިނަކުންހެއްޔެވެ؟

އެކާވީސްވަނަ ޤަރްނުގައި ސައެންސްވެރިން މިހޯދި ޢިލްމީ ޙަޤީޤަތްތައް ކީރިތިޤުރުއާނުގައި މިވަނީ މީގެ ސާދަސަތޭކަ އަހަރު ކުރިން ބަޔާންކުރެވިފައެވެ. ބިމުގެ ބައްޓަމާއި ބިމުގެ ފަށަލަތަކުގެ ޢަދަދާއި އެއްފަށަލަ އަނެއް ފަށަލަ މައްޗަށް ނުވަތަ މަތިމައްޗަށް ހައްދަވާފައިވާ ކަން މިއޮތީ ކީރިތި ޤުރުއާނުން ފެންނާށެވެ. ހަމައެހެންމެ މާތް ނަބިއްޔާގެ ހަދީސްފުޅުންވެސް މިއޮތީފެންނާށެވެ. ވުމާއެކު، ކީރިތި ޤުރުއާންއަކީ މާތް ﷲ ގެ ކަލާމްފުޅުކަމާމެދު ޝައްކު ކުރެވޭނެހެއްޔެވެ؟ އަދި މުޙައްމަދުގެފާނަކީ އެކަލާނގެ ފޮނުއްވި އެންމެ ފަހުގެ ރަސޫލާކަމުގައި ޝައްކުކުރެވޭނެހެއްޔެވެ؟

-ނިމުނީ-

މަސްދަރު:

http://pubs.usgs.gov/

http://www.islamweb.net/

http://www.missionislam.com/

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.