ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ޤުރުއާން ހިތުދަސްކުރަން މަގެއް

hifzu_mainކީރިތި ޤުރުއާންކިޔެވުމާއި ކިޔަވާއަޑު އެހުމަކީ ވަރަށްބޮޑު ސަވާބު ހުރިކަމެކެވެ. ވަކިން ޚާޢްޞަކޮށް ޤުރުއާން ހިތުދަސްކޮށް އެއާއި އެއްގޮތަށް އުޅުމަކީ ދުނިޔެއާއި އާޚިރަތްދުވަހު ތިމާއަށް އޭގެ ސަބަބުން ދިންނެވުން ލިބޭނެކަމެކެވެ. ފަހެ ޤުރުއާން އޭގެ އަހްލުވެރިންނަށް ޤިޔާމަތްދުވަހު، ޝަފާޢަތްތެރިވާނޭކަމުގައި، ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވެއެވެ.

ތިރީގައިއެވަނީ ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދޭނެކަމަށް، ޢިލްމުވެރިން އިރުޝާދުދެއްވާފައިވާ ކަންކަމެވެ.

އެކެއް: ކިޔަންފަސޭހަ މުޞްޙަފަކުން ޤުރުއާން ކިޔެވުމުން ދަސްކުރަން ބޮޑަށް ފަސޭހަވާނެއެވެ. އެގޮތުން ކުދިކުދި އަކުރުތަކަށްވުރެ، ހެޔޮވަރުގެ ބޮޑެތިއަކުރު ހުންނަ މުޞްޙަފެއް އިޚުތިޔާރުކުރުން ރަގަޅެވެ. އަނެއްކަމަކީ އަބަދުވެސް އެއް މުޞްޙަފެއް ގެންގުޅޭށެވެ. ސްކޫލުގައި ނުވަތަ އޮފީހުގައި ނުވަތަ ގޭގައި އަދި މިސްކިތުގައި ކިޔެވިޔަސް އެއްމުޞްޙަފަކުން ނުވަތަ އެއްވައްތަރެއްގެ މުޞްޙަފަކުން ކިޔާށެވެ. އޭރަށް އާޔަތްތަކާއި ލަފްޒުތައް ހުންނަ ތަރުތީބު ލޮލުން ސިކުނޑިއަށް އެއްގޮތަކަށް ނެގިފައިހުރުމުން ހިތުންދަސްކުރާއިރު ފަސޭހަވާނެއެވެ.

ދޭއް: ހެޔޮވަރެއްގެ މުޞްޙަފެއް ގިނަވަގުތު ގެންގުޅެން އުދަނގޫނަމަ ފޮތްފޮތް ވަކިވަކިން ހުންނަ މުޞްޙަފެއް ހޯދާށެވެ. އާއްމުކޮށް ޤުރުއާނުގެ ތިރީސް ފޮތް (ޖުޒުއު) ވަކިން ނުވަތަ ފަސްފޮތުން ފަސްފޮތުން ވެސް ހުރެއެވެ. މިގޮތަށް ފޮތްފޮތް ވަކިވަކިން ގެންގުޅުމުން ދަސްކުރާއިރު އަވަހަށް ފޮތްއެއްކޮށް ދަސްކޮށްލަން ލިބޭ ބާރަކަށްވާނެއެވެ. އެއީ ފޮތުގައި މަދު ގަނޑުތަކެއް ހުރުމުން ހިތަށް އެއީ މާއުނދަގޫކަމެކޭ ހީވުންކުޑަވާނެތީއެވެ.

ތިނެއް : ޤުރުއާން ހިތުދަސްކުރާމީހަކު ލަސްލަހުން ކިޔައި ދަސްކުރުން ވަރަށް ރަނގަޅެވެ. އާޔަތްތައް ހުންނަ ތަރުތީބާއި ލަފުޒު ތަރުތީބު ހިތަށް ނަގައިގަނެވޭނީ އޭރުންނެވެ. އަވަސްއަރުވާލައިގެން ކިޔުމުން ހިތަށް ނަގައިގަނެވޭނީ ކުޑަކޮށެވެ.

ހަތަރެއް : ދަސްކުރުމަށްފަހު އަމިއްލަ ހިތުން ކިއުމަށްވުރެ، ދަސްކޮށްފައި އެހެން މީހަކަށް ކިޔައިދީގެން ރަނގަޅުތޯ ބެލުން ވަރަށް މުހިއްމެވެ.މިސާލަކަށް ގޭގެ ކޮންމެވެސް މީހަކު ނުވަތަ ގާތް ރަޙުމަތްތެރިއެއް މިކަމަށް ބޭނުންކުރެވިދާނެއެވެ.ނުބައިކޮށް ކިޔެވިއްޖެނަމަ އޭރަށް މީހަކު ރަނގަޅު ކޮށްދޭނެއެވެ. މީހަކު އެއްފަހަރު ކުށް ރަނގަޅުކޮށްދިނުމުން އަނެއްފަހަރު ހަނދާންކުރަން ފަސޭހަވާނެއެވެ.

ފަހެއް : ދަސްކުރަމުން ދާއިރު އެއްގޮތް ތަންތަންކޮޅަށް ވަކިން އިތުރު ސަމާލުކަމެއްދޭށެވެ.

ހަޔެއް: ތަންކޮޅެއް ދަސްކުރެވުނީމާ، ނަމާދުގައި ނުވަތަ ސުއްނަތްނަމާދުތަކުގައި އެތަން ކިޔާށެވެ.

ހަތެއް :ދަސްކުރާ ބައި ގަނޑެއްގައި ނުވަތަ ވައިޓްބޯޑެއްގައި ލިޔާށެވެ.

އަށެއް : ދަސްކުރަމުން ނުވަތަ ކިޔައިދެމުން ދާއިރު ކުށްޖެހޭ ތަންތަންކޮޅު ގަނޑެއްގައި ނޯޓުކުރާށެވެ.

ނުވައެއް: ޖަމާޢަތުގައި ނަމާދު ކުރާށެވެ. އޭރުން ފާޅުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުމީހާ ކިޔަވާ އަޑުއިވުމުން، ކުރިއަށް އޮންނަ އާޔަތް ހިތައް އަންނާނެއެވެ. އަދި ކެސެޓުން ނުވަތަ އެނޫންވެސް އެއްޗަކުން ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ.

ދިހައެއް : ރަނގަޅު ނިޔަތެއްގައި ޤުރުއާން ކިޔަވައި ދަސްކުރާށެވެ. މީހުން ލައްވާ ތިމަންނައަކީ ޤުރުއާން ދަސްމީހެކޭ ބުނުވަން ނުވަތަ ދުނިޔޭގެ ފައިދާއަކަށް ޚާއްޞަކޮށްގެން ދަސްނުކުރާށެވެ. އެގޮތަށް ދަސްކުރުމަކީ ވަރަށްބޮޑު ފާފައެކެވެ.

އެގާރަ : ވަގުތުތައް ބަހާލައިގެން ދަސްކުރާށެވެ. މިކަމަށް ފަސޭހަ ގަޑިތަކެއް ކަނޑައަޅާށެވެ. އަދި ކޮންމެދުވަހަކުވެސް ނުވަތަ ދަސްކުރަން އިށީންނަ ކޮންމެ ފަހަރަކުވެސް ދަސްކުރާނެ ވަކިވަރެއް، ކަނޑައަޅާށެވެ.

ބާރަ: ދަސްކުރާތަން ރަނގަޅަށް ފަރިތަވީމައި ނޫނީ އެހެންތަނެއް ދަސްކުރަން ނުފަށާށެވެ. އެހެންނޫނީ ދަސްކުރި އެއްވެސް އެއްޗެއް ރަނގަޅަކަށް ދަސްވެފައެއް ނުހުންނާނެއެވެ. އަދި އޮޅުން ބޮޅުން އަރާގޮތްވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.