ހޯމަ20200713

އާކުރެވުނީ: 08:43:52

އުއްމު ސަލަމާ

6- އުއްމު ސަލަމާ

ޒައިނަބްގެފާނަށް ފަހު ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ އުއްމު ސަލަމާއާއެވެ. އަސްލު ނަންފުޅަކީ ހިންދު ބިންތު އަބީ އުމައްޔާ އެވެ. އުއްމު ސަލަމާ އަކީ ރަސޫލާގެ އަނބިކަނބަލުންގެ ތެރެއިން އެންމެ ޢުމުރުފުޅު ދިގު އަނބިކަމަނާއެވެ. ރަސޫލާ ކައިވެނި ބައްލަވައިގަތުމުގެ ކުރީގައި އުއްމު ސަލަމާ ހުންނެވީ އަބޫ ސަލަމާއާއި ކައިވެނި ކުރައްވައިގެންނެވެ. އަދި ކުދިންވެސް ތިއްބެވެ.

ކުރީގެ ފިރިކަލުންނާ އެކު އިސްލާމްވެވަޑައިގަތުމަށް ފަހު ޙަބްޝުކަރައަށް ހިޖުރަ ކުރެއްވިއެވެ. އަދި އެތާގައި ދަރިކަލުން ސަލަމާ އުފަންވިއެވެ. ދެން ފަހުން އެނބުރި މައްކާއަށް ވަޑައިގެންގެންފައި މަދީނާ އަށް ހިޖުރަ ކުރައްވަން އުޅުއްވުމުން، ދަރިފުޅާއި ހެދި އުއްމު ސަލަމާގެ ޢާއިލާއާއި ފިރިކަލުންގެ ޢާއިލާއާއި ދެމެދު ދެބަސްވުން އުފެދި، އުއްމު ސަލަމާ މައްކާގައި މަޑު ކުރައްވަން މަޖްބޫރުވެ ވަޑައިގަތެވެ. ފިރިކަލުނގެ ޤަބީލާ މީހުން ދަރިކަލުން ގެންދިޔައެވެ. އަދި ފިރިކަލުން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. ފިރިކަލުންނާއި ދަރިކަލުންނާއި ވަކިން މައްކާގައި އެއް އަހަރު ހޭދަ ކުރެއްވުމަށްފަހު، ފަހުން ޢާއިލާ މީހުންގެ ހިތަށް ރަހުމް ވަދެ މަދީނާއަށް ހިޖުރަ ކުރުމުގެ ހުއްދަ ދީގެން، މަދީނާއަށް ހިޖުރަ ކުރައްވައި ފިރިކަލުންނާއި ބައްދަލު ކުރެއްވިއެވެ.

މަދީނާގައި ދުއްރާ، ޢުމަރު، ޒައިނަބް އާއިގެން ރައްކާވިއެވެ. އުޙުދު ހަނގުރާމައިގައި ފިރިކަލުން ޒަޚަމްވެ ވަޑައިގަނެފައި ރަނގަޅުވެ ފަހުން އަނެއްކާ ބަލިވެ، ހިޖުރައިން 4 ވަނަ އަހަރު އުއްމު ސަލަމާގެ ފިރިކަލުން އަވަހާރަވިއެވެ. އުއްމު ސަލަމާގެ ޢިއްދަ ނިމުމުން އަބޫބަކުރުގެފާނާއި އަދި ޢުމަރުގެފާނު ކައިވެންޏަށް ހުށައެޅުމުން އެކަމަނާ ވަނީ ހުށައެޅުން ޤަބޫލު ނުކުރައްވާ ރައްދު ކުރައްވާފައެވެ. އަދި ފަހުން ރަސޫލާ އުއްމު ސަލަމާއާއި ކައިވެނި ބައްލަވައިގަތެވެ.

އުއްމު ސަލަމާއަކީ ރީތި، ވިސްނުން ތޫނު ފިޤުހަށް މޮޅު ބޭކަނބަލެކެވެ. ޞުލްހަލް ޙުދައިބިއްޔާގެ ބައެއް ނުކުތާތަކާ ހިތް ހަމަ ނުޖެހިފައި ތިބި މުސްލިމުން، އިޙްރާމް ކަނޑާލަން ރަސޫލާ އެންގެވުމުން ބައެއް މުސްލިމުން އެކަމާ ފަސް ޖެހުނެވެ. އެއީ އެ ވަރުން ޢުމުރާއަށް ގޮސްފައި ޢުމުރާ ނުކުރެވުނީމައެވެ. އެ ހިނދު އުއްމު ސަލަމާގެ ވިސްނުން ފުޅު ތޫނު ކަމުން ރަސޫލާ އަރިއަހު ދެންނެވީ، އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ޙަދީޘް ނުކުރައްވައި، ބޯ ބާލާ މީހާކައިރިން، ރަސޫލާ އިސްތަށިފުޅު ތުރުކުރައްވައި ތަޙައްލުލް ވެލެއްވުމަށެވެ. މި ގޮތަށް ރަސޫލާ ކަންތައް ކުރެއްވުމުން އިސާހިތަކު ހުރިހާ އެންމެން ބޯ ބާލައި ތަޙައްލުލް ވެއްޖެއެވެ. އަދި ކީރިތި ރަސޫލާގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމުގެ ކުށުން ޞަޙާބީން ސަލާމަތް ކުރެއްވީތީ، ރަސޫލާ އެކަމަނާއަށް ތަޢްރީފް ކުރެއްވިއެވެ.

އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ވަނީ އެތަކެއް ހަނގުރާމައެއްގައި ރަސޫލާ އަރިއަހުގައި ވަޑައިގެންފައެވެ. އެ ގޮތުން ޚައިބަރު ހަނގުރާމަ، މައްކާ ފަތަޙަ ކުރެއްވުން، ޠާއިފް ޙިޞާރު ކުރުން، ހަވާޒިން އަދި ޘަޤީފް ހަނގުރާމަ ފަދަ ހަނގުރާމަތަކުގައި ރަސޫލާ އަރިއަހު ވަޑައިގަތެވެ.

އުއްމު ސަލަމާ ރަސޫލާ އަރިއަހުން އަރިއަހުން 378 ޙަދީޘް ރިވާ ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 62 ވަނަ އަހަރުގައެވެ. އޭރު ޢުމުރުފުޅަކީ ގާތްގަނޑަކަށް 84 އަހަރުފުޅެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.