ހޮނިހިރު20181110

އާކުރެވުނީ: 08:43:52

މައިމޫނާ ބިންތު އަލްޙާރީޘް

11- މައިމޫނާ ބިންތު އަލްޙާރީޘް :

ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ މައިމޫނާ ބިންތު އަލްޙާރީޘް އާއެވެ. މި ކަމަނާއަކީ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބްގެ އަނބިކަނބަލުން އުއްމު އަލްފަޟްލުގެ އުޚްތެކެވެ. އަދި މި ކަމަނާއަކީ ޚާލިދް ބިން އަލްވަލީދް އާއި ޢަބްދުﷲ ބިން ޢައްބާސްގެ ބޮޑު ދައިތާފުޅެވެ.

ހަމަ އެހެންމެ މި ކަމަނާއާއި އެއް މަންމާ ފުޅު އުޚުތުންގެ ތެރޭގައި، ޖަޢްފަރު ބިން އަބީ ޠާލިބް(އައްޠައްޔާރު)ގެ އަނބިކަނބަލުން އަސްމާއު ބިންތު ޢުމައިސް ހިމެނިވަޑައިގަންނަވައެވެ. މުއުތާ ހަނގުރާމައިގައި ޖަޢްފަރުގެފާނު ޝަހީދުވުމުން، މިކަމަނާ ފަހުން އަބޫ ބަކުރުގެފާނާއި ކައިވެނި ބައްލަވައިގަތެވެ. އަދި އަބޫ ބަކުރުގެފާނު އަވަހާރަވުމުން ޢަލީގެފާނާއި ކައިވެނި ބައްލަވައިގަތެވެ.

މައިމޫނާ ރަޟިޔަﷲ ޢަންހާ އާއި އެއް މަންމާ ފުޅު އުޚުތުންގެ ތެރޭގައި، ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބްގެ އަނބިކަމަނާ ސަލްމާ ބިންތު ޢުމައިސްވެސް ހިމެނިވަޑައިގަންނަވައެވެ. ވީމާ އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާ އަކީ ކީރިތި ރަސޫލާގެ ތިމާގެ ބޭފުޅުންނާއި އެތައް ގޮތަކުން ގުޅިފައިވާ މަތީ ޚާންދާނެއްގެ ޝަރަފްވެރި ނަސަބެއްގެވެރި ބޭކަނބަލެކެވެ.

މި ކަމަނާގެ މަންމާފުޅު ހިންދު ބިންތު ޢައުފް އަކީ އެންމެ މާތް ދަނބިދަރިން ލިބިފައިވާ ބޭފުޅާ ކަމުގައި ބުނެވުނެވެ. އެއީ ކީރިތި ރަސޫލާ، އަދި އެކަލޭގެފާނުގެ ރަޙްމަތްތެރިއާ އަބޫބަކުރުގެފާނު، އަދި އެކަލޭގެފާނުގެ ދެ ބޮޑުބޭބޭފުޅު ޙަމްޒާ އަދި ޢައްބާސް، އަދި ބޮޑުބޭބޭފުޅުގެ ދެ ދަރިކަލުން ޢަލީގެފާނާއި ޖަޢްފަރުގެ ފާނު، މި ކަމަނާގެ އަންހެން ދަރި ކަނބަލުންނާއި ކައިވެނި ބައްލަވައި ގަނެފައިވާތީއެވެ.

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާގެ ކުރީގެ ނަންފުޅަކީ ބައްރާ އެވެ. މައިމޫނާ މިއީ ކީރިތި ރަސޫލާ އެކަމަނާއަށް ދެއްވި ނަންފުޅެކެވެ. ކީރިތި ރަސޫލާއާއި ކައިވެނި ބައްލަވައި ގަތުމުގެ ކުރިން އެ ކަމަނާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައި ގަތީ މަސްޢޫދު ބިން ޢަމްރޫ އައްޘަޤަފީއާއެވެ. އެއީ އިސްލާމް ދީން އައުމުގެ ކުރީގައެވެ. އޭނާ އެކަމަނާ ދޫކުރެއްވުމުން ފަހުން ކައިވެނި ބައްލަވައިގަތީ އަބޫ ރަހްމް ބިން ޢަބްދުލް ޢުޒައްޔު އާއެވެ.

ނަމަވެސް ފިރިކަލުން އަވަހާރަވިއެވެ. ދެން ހިޖުރައިން ހަތްވަނަ އަހަރު ކީރިތި ރަސޫލާ ޢުމްރާ އަށް ވަޑައިގެންނެވި ވަގުތު، ކީރިތި ރަސޫލާގެ އަނބިކަނބަލެއްގެ ޝަރަފް ހޯދަން އެކަމަނާ ހިތްޕުޅަށް އަރާވަޑައިގަތެވެ. އެކަން ނުވާންވީ ސަބަބެއް އޮތް ކަމަށް އެކަމަނާ ދެކެވަޑައި ނުގަތެވެ. އެހެނީ އެކަމަނާއަކީ އިސްލާމް ދީނަށް ކުރިން ވަދެވަޑައިގަތް ، ޤުރައިޝްވަންހައިގެ މަތީ ނަސަބެއްގެ ވެރި ބޭކަނބަލެކެވެ. އަދި ކީރިތި ރަސޫލާއާއި ތިމާގެފުޅު ބޭކަލުންތަކަކީ އެކަމަނާގެ އުޚްތުންނެވެ.

ކޮންމެއަކަސް އުއްމުލް މުއުމިނީން މައިމޫނާގެ ހިތްޕުޅަށްވެރިވި ޚިޔާލުފުޅު އެކަމަނާގެ ދައްތާފުޅު އުއްމުލް ފަޟްލު އަރިއަހުގައި ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ވާން ބޭނުންފުޅު ކަމާއި އުއްމުލް މުއުމިނީންގެ މާތް ޝަރަފް ހޯއްދަވަން ބޭނުންފުޅު ކަމަށް ވިދާޅުވިއެވެ. އެ ހިނދު އުއްމުލް ފަޟްލު ވެސް އެކަމަނާގެ ފިރިކަލުން ޢައްބާސް ބިން ޢަބްދުލް މުއްޠަލިބް އަރިއަހުގައި މިވާހަކަ ދަންނަވަން ލަހެއް ނުކުރެއްވިއެވެ. ޢައްބާސްގެފާނު އެކަލޭގެފާނުގެ ބޭބޭފުޅުގެ ދަރިކަލުން އަދި މި އުއްމަތުގެ މާތް ރަސޫލާ އަރިއަހުގައި، މައިމޫނާގެ ހިތްޕުޅުގެ ޝުޢޫރުފުޅު ދެންނެވިއެވެ.

ކީރިތި ރަސޫލާގެ ކައިވެނި ފުޅުތަކާއި އަނބި ކަނަބަލުންނާއި ބެހޭ ގޮތުން ސޫރަތުލް އަޙްޒާބުގައި އައިސްފައިވާ އާޔަތްތަކުގެ ތެރެއިން 50 ވަނަ އާޔަތުގެ މާނައިގައިވާ، "..އަދި މުއުމިން އަންހެނަކު އެމީހެއްހެ އަމިއްލަ ނަފްސު ނަބިއްޔާއަށް ހިބަ ކޮށްދީ ..." މި ތަންކޮޅަކީ އުއްމުލް މުއްމިނީން މައިމޫނާ އާއި ބެހޭ ގޮތުން ބާވައިލެއްވި ވާހަކައެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ކީރިތި ރަސޫލާގެ ކައިވެނި ފުޅުތަކާއި އަނބި ކަނަބަލުންނާއި ބެހޭ ގޮތުން އިތުރު ކަންތައްތަކެއް ދަސް ކުރަން ބޭނުން މީހަކު މި ސޫރަތުގެ 50، 51، 52 ވަނަ އާޔަތް ކިޔާށެވެ.

ދެން ކީރިތި ރަސޫލާ އެކަލޭގެފާނުގެ ބޮޑު ބޭބެފުޅުގެ ދަރިކަލުން ޖަޢްފަރު ބިން އަބީ ޠާލިބް، މައިމޫނާގެ ކައިވެނިފުޅަށް އެދި އެކަމަނާގެ އަހުލުވެރިންގެ އަރިއަހަށް ފޮނުއްވިއެވެ. ކީރިތި ރަސޫލާއާއި އެކަމަނާގެ ކައިވެނިފުޅު ހަމަޖައްސެވީ ޢައްބާސްގެފާނެވެ.

މުޝްރިކުންނާއި އެއްބަސްވެވުނު ގޮތާ އެއްގޮތްވާ ގޮތުގެ މަތިން، ކީރިތި ރަސޫލާ މައްކާގައި 3 ދުވަސް މަޑު ކުރެއްވިއެވެ. ހަތަރު ވަނައަށްވީ ދުވަހު ހެނދުނު މުޝްރިކުންގެ ޖަމާޢަތެއް އެކަލޭގެފާނު ހުންނެވި ގެކޮޅަށް އައިސް، މައްކާ ދޫކުރެއްވުމަށް ދެންނެވިއެވެ. އެހިނދު، އެކަލޭގެފާނުގެ ކައިވެނީގެ ވަލީމާ ބާއްވައި އެ ވަލީމާއަށް އެ މީހުން އަންނަން ދަޢްވަތު ދެއްވުމުން، ތިމަންނާމެން ކާ އެއްޗެއް ބޭނުމެއް ނޫނޭ ކިޔާފައި، ނުކުމެވަޑައިގަތުމަށް ދެންނެވިއެވެ.

ދެން ކީރިތި ރަސޫލާއާއި އެކަމަނާ އާއި ރޭ ކުރެއްވީ "އައްސަރިފް" އޭ ކިއުނު ރަށެއް ކައިރީގައެވެ. ކައިވެނި ބައްލަވައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ ސައްބީސް އަހަރުފުޅު ކަމަށް ވެއެވެ. މައްކާ އަށް މައިމޫނާ ރަޟިޔަﷲ ޢަންހާ ވަޑައިގަތުމުން މުސްލިމުން އެކަމާ އުފާ ފާޅުކޮށް، އެކަމާއަށް ހޫނު ތަރްޙީބެއް ދެންނެވިއެވެ. އަދި އުފާފުޅުން ފުރިގެންވާ މާހައުލެއްގައި، އެކަމަނާގެ ދުވަސްތައް، ކީރިތި ރަސޫލާ އަރިއަހުގައި ހޭދަކުރެއްވިއެވެ. ކީރިތި ރަސޫލާ އާލާސްކަންފުޅު ޖެހިވަޑައިގަތް އިރު ހުންނެވީވެސް މައިމޫނާގެ ގެކޮޅުގައެވެ. ނަމަވެސް އެކަމަނާގެ އިޒުނައާއި އެކު ޢާއިޝަތުގެފާނުގެ ގެކޮޅަށް ކީރިތި ރަސޫލާ ވަޑައިގަތީއެވެ.

މައިމޫނާ ރަޟިޔަﷲ ޢަންހާގެ އަވަހާރަވީ އަވަހާރަވީ ހިޖުރައިން 51 ވަނަ އަހަރުގައެވެ. އޭރު ޢުމުރުފުޅަކީ 80 އަހަރުފުޅެވެ. އެކަމަނާ އަވަހާރަވުމުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ''މައިމޫނާ އަހަރެމެންނާއި ވަކިވެ ހިނގައްޖެއެވެ. އެކަމަނާއަކީ އަހަރެމެންގެ ތެރެއިން އެންމެ ތަޤްވާވެރި ރަޙިމުގެ ގުޅުން އެންމެ ބަހައްޓާ އެކަކެވެ. ''އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާ ފަސްދާނުލެވިފައިވަނީ، އެކަމަނާއާއި ރަސޫލާގެ ކައިވެނިކޮޅު ކުރެވުނު " އައްސަރިފް "ގައެވެ.

ރަސޫލާގެ އެގާރަ އަނބިކަނބަލުންނަކީ މިއީއެވެ. އަދި "އުއްމުލް މުއުމިނީން" (މުއުމިނުންގެ މައިކަނބަލުން) މިލަޤަބު ދެވޭ އެގާރަ އަންހެން ބޭކަނބަލުންނަކީވެސް މިއީއެވެ. ރަސޫލާގެ ތިއްބެވީ އެގާރަ އަނބިކަނބަލުން ކަމަށް ބެލެނީ، ކައިވެނީގެ ޢަޤުދު ކުރައްވައި ރޭ ކުރެއްވި އަނބިކަނބަލުންނަށް ބަލާފައެވެ. ނަމަވެސް މީގެ އިތުރަށް ރަސޫލާ ޚިޠުބާ ކުރައްވާފައި އެހެން ނަމަވެސް ކައިވެނި ނުކުރައްވާ، ނުވަތަ އެ ކަނބަލުން ރަސޫލާއަށް އަމިއްލަ ނަފްސު ހަދިޔާ ކޮށްފައި ނަމަވެސް ރަސޫލާ ކައިވެނި ނުކުރައްވާ ހަތަރެއް ނުވަތަ ފަސް އަންހެނެއް ވެއެވެ. މިއީ ޛާދުލް މަޢާދުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވާ ރައުޔެކެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ މިއީއެވެ.

ރަސޫލާގެ ތިއްބެވީ ދެ ޖާރިއާއެވެ. އެއީ މާރިޔަތު އަލްޤިބްޠިއްޔާ އާއި ރައިޙާނާ ބިންތު ޒައިދުއެވެ. ނަމަވެސް އަބޫ ޢުބައިދާ ވިދާޅުވަނީ ހަތަރެއް ކަމަށެވެ. އެއީ މި ދެބޭކަނބަލުންގެ އިތުރުން ޖަމީލާއާއި ޒައިނަބް ބިންތު ޖަޙްޝު ހަދިޔާ ކުރެއްވި އެހެން ޖާރިއާއެކެވެ. މާރިއާ އަކީ މިޞްރުގެ ވެރިއާ މުޤައުޤިސް ރަސޫލާއަށް ހަދިޔާ ކުރެއްވި ދެ ޖާރިއާގެ ތެރެއިން އެކަކެވެ. އަދި ރަސޫލާގެ ދަރިކަލެއް ކަމުގައިވާ އިބްރާހީމްގެ މަންމާފުޅަކީވެސް މާރިއާއެވެ. އިބްރާހީމް ވަނީ ހިޖުރައިން 10 ވަނަ އަހަރު 28 ނުވަތަ 29ޝައްވާލު މަހު އަވަހާރަވެފައެވެ.

ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ދެ އަނބިކަނބަލެއް އަވަހާރަވިއެވެ. އެއީ ޚަދީޖަތުގެފާނާއި ޒައިނަބް ބިންތު ޚުޒައިމާ ރަޔިޔައްﷲ ޢަންހާ އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަންދެން ނުވަ އަނބިކަނބަލުން ތިއްބެވިއެވެ. މިއީ ހަމަ އެކަނި ކީރިތި ރަސޫލާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހުއްދަ ކުރައްވާފައިވާ ޢަދަދެކެވެ. ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނުވަ އަނބިކަނބަލުންނާއި ކައިވެނި ބައްލަވައިގެން އުޅުއްވި ކަމުގެ ޙިކުމަތާއި ބެހޭ ގޮތުން ކިއުމަށް މި ޞަފްޙާ އަށް ދާށެވެ. (*)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.