އަންގާރަ20200915

އާކުރެވުނީ: 08:43:52

މައުލިދުއް ނަބަވީ ފާހަގަކުރުން

maulid-nabawiރައްޓެއްސެއްގެ އުފަން ދުވަސް އައުމުގެ އެތައް ދުވަސް ކުރިން، އެ ދުވަހަށްޓަކައި ބޮޑެތި ތައްޔާރީތައް ވުމަކީ، އަހަރެމެން އެންމެންވެސް ވަރަށް ފަރުވާތެރި ކަމާއިއެކު ކުރާ ކަމެކެވެ. ލޯބިޖެހިފައިވާ ނުވަތަ ތާއިދު ކުރާ ފިލްމީ ތަރިއެއް އުފަންވި ދުވަހަކާއި އަހަރެއް އަދި އެމީހެއްގެ " ރާހި " އޭ މި ކިޔޭ އެއްޗެއްވެސް ހޯދައި ބަލައި، ތިމަންނައާއި މިވެނި ބަޠަލާއެއް ނުވަތަ ބަޠަލަކާއި އުފަންވީ އެއް ދުވަހެއްގައޭ ކިޔައި، ފަޚްރުވެރި ވާތަން ފެނެއެވެ.

މި އަދަކީ (21 އެޕްރީލް ) ހިޖުރީ ތާރީޚުން ކޮން މަހެއްހޭ އަހައިފިނަމަ އެނގޭނީ މަދު މީހަކަށެވެ. އަދި ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހަކީ ކޮން ދުވަހެއްހޭ އަހައިފިނަމަ ޖަވާބު ދޭން އެނގޭނީ އަދި މާ މަދު ބަޔަކަށް ކަމުގައި ޤަބޫލު ކުރުމަކީ، އިންޞާފުން އެއްކިބާވުން ކަމަށް ވާނެހެއްޔެވެ؟ ފަހަރެއްގައި ނުވެދާނެއެވެ.

މިއަދަކީ ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަހެވެ. އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުވުނު، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގަތް ދުވަހެވެ.

އަމިއްލަ ދީނާއި، ރަސޫލުންނާއި މެދު ވިސްނާނެ ފުރުސަތެއް، މި ހަލަބޮލި ދުނިޔޭގައި ލިބޭނީ ނަސީބު ހުރި މީހަކަށް ކަން ކަށަވަރެވެ. ވީމާ މައުލިދުއް ނަބަވީ (ރަސޫލާ އުފަންވެވަޑައިގަތް ދުވަސް) އަކީ އެ ނަސީބު ކުރިން ލިބިފައި ނެތް މީހުންނަށް އެކަމާއިމެދު ވިސްނައި ރަސޫލާގެ ސިޔަރަތުން ޢިބްރަތް ލިބިގަނެ، ރަސޫލާއަށް އަހަރެމެންގެ ހިތުގައި އޮންނަންޖެހޭ ލޯބި އިތުރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މައުލިދުއް ނަބަވީ ފާހަގަ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ބައެއް މުސްލިމުންގެ ހިތުގައި ސުވާލު އުފެދެއެވެ. އަދި މި ކަމަކީ ޢިލްމުވެރިންގެ މެދުގައި ވަރަށް ހޫނު ބަހުސްތަކެއް ކުރެވި އެތައް ފޮތެއް ލިޔެވިފައިވާ މައްސަލައެކެވެ. އެއްބަޔަކު މި ކަމަކީ ބޮޑު ބިދުޢައެއް ކަމަށާއި ހަމަ އެއްވެސް ގޮތަކަށް ކުރުން ހެޔޮވާނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަނެއް ބަޔަކު މި ކަން އެއްކޮށް ހުއްދަކުރެއެވެ. މީގެ ދެމަދުގައި މިއީ ހުއްދަ ގޮތަކަށް ކޮށްފިއްޔާ ހުއްދަ ކަމެއް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. އެހެން ނޫނީ ކުރުން ހުއްދައެއް ނޫނެވެ.

މައުލިދުއް ނަބަވީ ފާހަގަ ކުރުމާމެދު ވާހަކަ ދައްކާއިރު ދެ ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ ކަމަކީ، މައުލިދުއްނަބަވީ ފާހަގަ ކުރުން އެއީ ރަސޫލާގެ ޙަޔާތްޕުޅުގައި އަދި، ޞަޙާބީންނާއި ތާބިޢީންގެ ދުވަސްވަރު ވެސް ، އޮތް ކަމެއް ނޫނެވެ. މިކަން ފެއްޓިފައިވަނީ މާ ފަހުން މިޞްރުގައި ފާޠިމީން ވެރިކަން ކުރި ދުވަސްވަރުގައެވެ. ދެވަނަ ކަމަކީ މައުލިދުއްނަބަވީ ފާހަގަ ކުރުމަކީ ވާރިދު ވެފައިވާ ސުންނަތެއް ކަމުގައި ބައެއް މީހުން ކުށް ގޮތެއްގައި ހީކުރާ ކަމެވެ.

ރަސޫލާ ނުވަތަ ޞަޙާބީން ނުކުރައްވާ ކޮންމެ ކަމަކީ ބިދްޢަ އެކޭ ބުނެވޭނެ ކަމެއް ނޫނެވެ. އަނެއްކޮޅުން ބަޔަކު މީހުން މިހާރު އެ ދުވަސް ފާހަގަ ކުރުން އެއީ، މި ކަމަކީ އިސްލާމީ ޝަރީޢަތުގައި ކުރުން އަމުރުވެވިގެންވާ ކަމެއް ކަމުގައިވެސް ނުވާނެއެވެ.

މައުލިދުއްނަބަވީ ފާހަގަ ކުރުން އެއީ، ހުއްދަ ކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހުއްދަ ކަންކަން އެކަން ރަނގަޅު ގޮތުގައި، ހެވަށް އެދިގެން ކޮށްފިއްޔާ ދަރުމަ ލިބެއެވެ. ބައެއް ޤައުމުތަކުގައި މިކަން ފާހަގަ ކުރާއިރު ވަރަށް ބޮޑެތި މުންކަރާތުތަކަށް އަރައިގަނެއެވެ. އެ ގޮތުން އަންހެނުނާއި ފިރިހެނުން އެއްވެ ޞޫފީ ގޮތްތަކަށް ނަށާ ލަވަ ކިޔާ، ފާޑުފާޑުގެ ބުދު ހަދާ، އަދި ރަސޫލާގެ ވާގިއަށް އެދި، ނުވަތަ ރަސޫލާ މާތް ކޮށްގެންގޮސް އިލާހެއްގެ ދަރަޖައަށް އަރުވާ ޅެމާއި ބުރުދާ ކިޔައި ހަދައެވެ.

ނުވަތަ މާލޫދު ކިޔަމުން ގޮސް ވަކި ހިސާބަކުން، ރަސޫލާ އެބަ ވަޑައިގަންނަވައޭ ކިޔައި ތެދުވެ، އިށީންނަވަން ހުސް ގޮނޑިވެސް ބަހައްޓައެވެ. މިފަދަ ކަންކަމަކީ ޝައްކެއްވެސް ނެތް ގޮތުގައި ޙަރާމް ކަންތަކެވެ. ޢީދުމީލާދުގައިވެސް އަދި އެ ނުން ދުވަހެއްގައިވެސް މި ފަދަ ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ޢީދުމީލާދު ހުއްދަ ނޫންކަމަށް ބުނުއްވި ޢިލްމުވެރިން، އެ ގޮތަށް ބުނުއްވަން ޖެހިވަޑައިގަތް އެންމެ ބޮޑު ސަބަބަކީވެސް، ޢީދުމީލާދު ތެރޭގައި މިފަދަ ތާކުންތާކު ނުޖެހޭ ކަންތައްތައް މީހުން ކުރާތީއެވެ.

މައުލިދުއްނަބަވީ ފާހަގަ ކުރުމަކީ، ސުންނަތުން ވާރިދުވެފައި އޮތް ކަމެއް ކަމަށް ދަޢުވާ ނުކޮށް، ދީނީ ގޮތުން ޙަރާމް ކަމަކަށް އަރައި ނުގަނެ، މީހާގެ ޢަޤީދާއަށް ކިލަނބު ކަމެއް އަދި ލޮޅުމެއް ނާރާނެ ބީދައަކުން، މައުލިދުއްނަބަވީ ފާހަގަ ކުރުން ހުއްދައެވެ. އަދި އެއީ ފަހަރެއްގާ ފައިދާތަކެއްވެސް ލިބިދާނެ ކަމެކެވެ.

ކުރަންވީ ކީއްވެ:

ކުރިއާއި މިހާރާއި ވަރަށް ތަފާތެވެ. ކުރީގައި މުސްލިމުން ތިބީމ، ނިކަން ރަނގަޅަށް ކީރިތި ރަސޫލާގެ ސިޔަރަތާއި އަޚްލާޤުފުޅު އެނގިގެންނެވެ. ހިތްތައް ފުރިފައިވަނީ ރަސޫލާ ދެކެ ވާ އިޚްލާޞްތެރި ލޯބިންނެވެ. އެ ދުވަސްވަރު މީހުންމައުލިދއްނަބަވީއެއް، ބަދުރު ހަނގުރާމައެއް އަދި ހިޖުރައެއްވެސް ފާހަގައެއް ނުކުރެއެވެ. އެއީ ކީއްވެހެއްޔެވެ؟ އެއީ އޭރު މުސްލިމުން އުޅުނީ އެ ޙާދިސާތަކުގެ ތެރޭގައެވެ. ރަސޫލާ އުޅުއްވީ މުސްލިމުންގެ ތެރޭގައެވެ. ސަޢްދު ބިން އަބީ ވައްޤާޞް ވިދާޅުވެފައިވަނީ " ޤުރުއާނުން ސޫރަތެއް އުނގަންނައި ދޭހެން، ތިމަންނަމެންގެ ދަރިންނަށް ރަސޫލާ އިސްލާމުންގެ ޢަދުއްވުންނާއި ކުރެއްވި ހަނގުރާމަތަކުގެ ވާހަކަ ކިޔައިދީ ދަސްކޮށް ދެމެވެ. "

މި ވާހަކަފުޅުންވެސް އެނގެނީ އޭރުގެ މުސްލިމުން ރަސޫލާގެ ސިޔަރަތާއި އުޅުއްވި ގޮތާއި ކުރެއްވި ކަންތައްތައް ދަސްކުރާލެއް ފުރިހަމަ ކަމެވެ.

މިހާރު އެހެނެއް ނޫނެވެ. ގިނަ މުސްލިމުންނަށް ރަސޫލާގެ މާތް އަޚްލާޤާއި އަދި ޚިލްޤީ ސިފަފުޅުތަކެއްވެސް ނޭނގެއެވެ. ރަސޫލާއާ ބެހޭ ގޮތުން އެނގެނީ ކިރިޔާ ޒައްރެކެވެ. ރަސޫލާ މީހުންނާއި މެދު ބެހެއްޓެވި އޯގާތެރިކަމާއި، އަޅުވެރިކަން މިއަދު އެނގެނީ މަދު ބަޔަކަށެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ލިބި އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ނާކާމިޔާބު ލިބުނީ ކީއްވެގެންކަން، ދަރިއަކަށް ބުނެދީ ހަދަނީ މިއަދު ކޮން ބައްޕައެއް ނުވަތަ ކޮން މަންމައެއް ހެއްޔެވެ؟

ތާރީޚީ މި ފިލާވަޅު މިއަދު މުސްލިމުންގެ ހާލަތާއި އަޅައި ކިޔައި، ތާރީޚުން ލިބުނު ފިލާވަޅު މުސްލިމުންނަށް ބުނެދޭނީ މިއަދު ކޮން މުނާސަބަތަކާއި ގުޅުވައިގެންހެއްވެ؟

ވީމާ، މިފަދަ ޒަމާނެއްގައި މުސްލިމުންގެ ހިތުގައި މިބުނި ކަންތައްތައް އާލާކޮށް ދިރުވައި، ދަރިންނަށް އެއްކަލަ ތާރީޚީ ފިލާވަޅު ނަގައިދެވިދާނެ އެއް މުނާސަބަތަކީ މައުލިދުއް ނަބަވީކަން ކަށަވަރެވެ. މީގެ މާނައަކީ އަހަރުގެ އެހެން ހުރިހާ ދުވަސްތަކުގައި ރަސޫލާ ދެކެ ލޯބި ނުވެ، ރަބީޢުލް އައްވަލް މަހު 12 ވަނަ ދުވަހު އެކަނި، ލޯބި ވުމެއް ނޫނެވެ. އަދި މައުލިދު ފާހަގަކޮށްފައި ރަސޫލާ އެންގެވި ހުރިހާ ސުންނަތްތަކެއް ދޫކޮށްލުމެއްވެސް ނޫނެވެ. ވަރު ދައްކާލާފައި މައުލިދު ފާހަގަ ކުރާ މީހަކު، ސުންނަތް ރޯދައެއް ސުންނަތް ނަމާދެއް ނުކުރުން، އެއީ ހަމަ ގައިމުވެސް ވާނީ ލަދުގަންނަން ޖެހޭ ކަމަކަށެވެ.

މި ދުވަހަކީ ފަހަރެއްގައިވެސް އިސްލާމް ދީނުގައި އޮންނަ " އަޅުކަން '' މި ގިންތީގެ ތެރެއަށް ވެއްދޭނެ ކަމެއް ނޫނެވެ. އިސްލާމް ދީން ވަނީ ފުރިހަމަވެފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، އެ ކަލާނގެ އެއްކައުވަންތަކަން އަންގަވައި، އެކަލާނގެއަށް އަޅުކަން ކުރާނެ ގޮތާއި މަގުތައް، އަޅުތަކުންނަށް އަންގަވާފައެވެ. ނަމާދު، ޒަކާތް، ޙައްޖު، ރޯދަ، ދުޢާ ކުރުމާއި ޛިކުރުކުރުން ފަދަ ކަންކަމުގެ ތެރެއިންލާފައެވެ.

ކުރަން އަންގަވާފައިވާ އަޅުކަންތަކުގެ ތެރެއަށް ނުވަތަ، އަޅުކަން ކުރަން އަމިއްލަ ދީނުގެ ތެރެއަށް ވައްދާ އާ ގޮތްތަކަކީ ދީނުގައި '' ބިދުޢަ '' އޭ މިކިޔޭ ކަންކަމެވެ. ދީން ނަހީ ކުރާ ކަމަކީ އެއީއެވެ. މިސާލަކަށް މީހަކު ﷲ އަށް އަޅުކަން ކުރަން އަމިއްލައަށް ގޮތެއް އީޖާދު ކޮށްލުމެވެ. އާ ވައްތަރެއްގެ ނަމާދެއް ކުރުމެވެ. ނުވަތަ އަޅުކަމެއް އުނި އިތުރު ކުރުމެވެ.

ވީމާ މައުލިދުއްނަބަވީ އަކީ ދީނީ ކަމެކޭ ނުވަތަ އަޅުކަމެކޭ ބުނެފިނަމަ އެއީ ބޮޑު ކުށެކެވެ. އަދި މިއީ އިސްލާމުންގެ ޢީދެކޭވެސް ބުނެގެން ނުވާނެއެވެ. އެހެނީ އިސްލާމުންގެ އޮންނާނީ ދެ ޢީދުކަން ރަސޫލާ ވަނީ ކަނޑައަޅުއްވާފައެވެ. ވީމާ މިއީ އެންމެން ބޮޑު ޢީދެއްގެ ސިފާގައި ފާހަގަ ކުރަންޖެހޭ ދުވަހެއްވެސް ނޫނެވެ. އެ ގޮތަށް ނުދެކި މި ކަމަކީ ދުންޔަވީ ކަމެއްގެ ގޮތުގައި، ޢީދު މީލާދު ފާހަގަ ކުރާނަމަ އެ ވާނީ ހުއްދަ ކަންކަމުގެ ތެރޭގައެވެ.

ވީމާ މައުލިދުއްނަބަވީ އަކީ ހުއްދަކަމެކެވެ. މި ދުވަހުގެ ސަބަބުންވެސް އަހަރެމެންނަށް ފައިދާތަކެއްވެ، ޢިބްރަތް ލިބިގަނެވޭނަމަ، ޝައްކެއްވެސް ނެތި އެއީ ރަނގަޅު ކަމެކެވެ.

ވަސްވާހެއް ނެތް ގޮތުގައި މިއަދަކީ އަހަރެމެން، މި މާތް ދީނާއި ނޭނގިނަމަވެސް ދުރަށް ދެވިފައިވާ ދިއުން އޭގެ އަނެއް ކޮޅަށް ބަދަލު ކޮށްލެވިދާނެ ދުވަހެކެވެ. މީހަކަށް ކަތިމަގަކުން ހިނގި، ނުބައި ކަމެއް ކުރެވިއްޖެނަމަ، ޖެހިގެން އޮތް ނަމާދަކީ އޭނާ ސީދާ މަގަށް އަޅުވަން އެހީވެދޭ އެއްޗެކެވެ. ހެއްދެވި ފަރާތް މަތިން ހަނދާން ނެތިފައި ހަފްތާއެއް ވެއްޖެ މީހަކަށް، ހުކުރު ދުވަހަކީ އަލުން ﷲ ޛިކުރުކުރަން ފައްޓައިގަންނަން ލިބޭ ރަނުގެ ފުރުޞަތެކެވެ. ރޯދަ މަސް ފެއްޓޭ ދުވަހާއި ޙައްޖުވެސް މި ގޮތަށް، އުޅުން އިސްލާހުކޮށް ސީދާ މަގަށް މީހާ އަޅުވަން، ޢަޒުމް ކަނޑަ އެޅޭ ދުވަހަކަށް ހެދިދާނެއެވެ.

ވަރަށް ގިނަ މީހުން އެ މީހުންގެ ޖެހިގެން އަންނަ އުފަން ދުވަހަކީ އެކިކަންތައް ޙާޞިލުކުރަން ރާވާ، ލަނޑުދަނޑިތައް ކަނޑައަޅާ ދުވަހަކަށް ހަދައެވެ. ހަމައެހެން، ރަސޫލާ އުފަންވެވަޑައިގަތް ދުވަހަކީ ދީނީ ކަންކަމުގައި އާ ލަނޑުދަނޑިތަކެއް ޙާޞިލުކުރަން ވިސްނައި ރާވާ ދުވަހަކަށް ހެދުން ކިހިނެއްވާނެ ހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.