ހުކުރު20201127

އާކުރެވުނީ: 08:43:52

ޞަފިއްޔާ ބިންތު ޙުޔައްޔު

10- ޞަފިއްޔާ ބިންތު ޙުޔައްޔު

އުއްމު ޙަބީބާ އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ ޞަފިއްޔާ ބިންތު ޙުޔައްޔު ބިން އަޚްޠަބް އާއެވެ. މި ކަމަނާއަކީ ބަނީ އައްނަޟީރް ޤަބީލާގެ ވެރިއާ ޙުޔައްޔު ބިން އަޚްޠަބްގެ ދަރިކަނބަލެކެވެ. ޙުޔައްޔު ބިން އަޚްޠަބ އަކީ އަޙްޒާބް ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ލަޝްކަރު ޖަމާކޮށް، އިސްލާމުން ނައްތާލަން އެންމެ އިސްވެ އުޅުނު މީހާއެވެ. ޚައިބަރު

ހަނގުރާމައިގެ ކުރިން ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ ގެ ބައްޕާފުޅު، ޙުޔައްޔު ބިން އަޚްޠަބް ވަނީ، ބަނީ ޤުރައިޟާ ހަނގުރާމައިގައި ޤަތުލު ކުރެވިފައެވެ.

ޞަފިއްޔާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެން ހުންނެވީ ސަލާމް ބިން އަލްމަޝްކަމް އަލްޤުރަޡީ އާއެވެ. އެއީ ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ އަށް ފެނިވަޑައިގަތް ހުވަފެން ފުޅެއްގެ ވާހަކަ، ޔަހޫދީ ދީނީ މީހެއް ކަމުގައިވާ އެެކަމަނާގެ ބޮޑުބޭބެ ކައިރީ ދެންނެވުމުން، އެކަމަނާ ކީރިތި ރަސޫލާއާއި ކައިވެނި ބައްލަވައިގަންނަވާނެ ކަން އޭނާއަށް އެނގުނެވެ. އެކަން ކުރެވުނަ ނުދިނުމަށް އެ މީހުން ރޭވި ރޭވުމެއްގެ ދަށުން، އެކަމަނާ ސަލާމް ބިން އަލްމިޝްކަމް އާއި ކައިވެނު ކުރެވުނެވެ. އޭރު އެކަމަނާގެ ޢުމުރު ފުޅަކީ އެގާރަ އަހަރުފުޅެވެ.

ނަމަވެސް އޭނާއާއި ވަކިވެވަޑައިގެން ފަހުން ކައިވެނި ބައްލަވައިގެން ހުންނެވީ ކިނާނާ ބިން އައްރަބީޢް އައްނަޟްރީ އާއެވެ. ޚައިބަރު ހަނގުރާމަ ކުރެވުނު ވަގުތު އެކަމަނާގެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެއެވެ.

ބަނީ އައްނަޟީރް މީހުން ކީރިތި ރަސޫލާ އަވަހާރަކޮށްލަން އުޅުމުން، ރަށުން ޙިޞާރު ކުރެވި ރަށުން ބޭލުނީމާ ގޮސް ތިބީ ޚައިބަރުގައެވެ. އެތާނގައި ތިބެގެން މުސްލިމުންނާއި ދެކޮޅުވެރި ރޭވުންތައް ރާވާ، އިސްލާމީ އުއްމަތަށް ނުރައްކާ ކުރަން ފެއްޓުމުން ކީރިތި ރަސޫލާ ޚައިބަރު ހަނގުރާމަ ކުރެއްވިއެވެ.

ޚައިބަރު ހަނގުރާމައިގައި ޔަހޫދީން ބަލިވެ، ފޮރިވިފައިވާ ޚަޒާނާތަކަކާ ބެހޭ ގޮތުން ކިނާނާ ބިން އައްރަބީޢް އާއި ސުވާލު ކުރެވުނެވެ. ނަމަވެސް އޭނާ އެ ދެނެ ހުރިކަމަކަށް ނެހެދުނެވެ. އަދި ތިމަންނަ ދޮގޮ ހަދާކަން ސާބިތުވެއްޖެނަމަ ޤަތުލު ކުރުމަށް ބުންޏެވެ. ނަމަވެސް އެހެން ޔަހޫދީއެއް އައިސް ކިނާނާ މިވެނި ތަނެއްގައި ޚަޒާނާ ފޮރުވައިގެން އުޅޭހެން ހީވާ ކަމަށް، މުސްލިމުން ކައިރީ ބުންޏެވެ. ދެން ރަސޫލާގެ އަމުރުފުޅަށް އެތަން ހޯދައި ބެލިއިރު، ފޮރުވާފައިވާ ޚަޒާނާ ފެނުނެވެ. އަދި ކިނާނާ ބިން އައްރަބީޢް އޭނާ ވި ޣައްދާރީއަށް ޤަތުލު ކުރެވުނެވެ.

މި ހަނގުރާމައިގައި ބަނީ އައްނަޟީރް މީހުންނާއި ހަނގުރާމެ ކުރެވި، ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ ވެސް، ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނުނެވެ. ދެން އެކަމަނާއަށް ކީރިތި ރަސޫލާ ހުށައެޅުއްވި ދެ އިޚްތިޔާރަކީ ފިދްޔަ ދީގެން މިނިވަން ވެގެން ޤައުމުގެ މީހުން ކައިރިއަށް ދިއުން ނުވަތަ، އިސްލާމްވެގެން ކީރިތި ރަސޫލާއާއި ކައިވެނި ބައްލަވައިގަތުމަށެވެ. އެ ހިނދު ޞަފިއްޔާ އިޚްތިޔާރު ކުރެއްވީ އިސްލާމްވާށެވެ. އިސްލާމްވުމުން ރަސޫލާ އެކަމަނާ މިނިވަން ކުރައްވައި، ކައިވެނި ބައްލަވައިގަތެވެ. އެއީ ހިޖުރައިން 7ވަނަ އަހަރުގައެވެ.

ޞަފިއްޔާއަކީ ވަރަށް ރީތި ބޭކަނބަލެއް ކަމުގައި ވެއެވެ. އެހެންވެ ރަސޫލާގެ އެހެން އަނބި ކަނބަލުން އެކަމަނާއާމެދު ޣީރާ އުފެދި އެކަމަނާއަކީ ޔަހޫދީ ދަރިކޮޅުން އައިސްފައިވާ ބޭކަނބަލަކަށް ވާތީ، އެކަމަނާއަކީ ޢަރަބި ޤުރަޝީ ބޭކަނބަލެއް ނޫންކަމަށް އެއްފަހަރަކު ވިދާޅުވިއެވެ. ދެން ޞަފިއްޔާ މިކަމާ ހިތާމަ ކުރައްވަނިކޮށް ރަސޫލާއަށް ފެނިވަޑައިގެން ސުވާލު ކުރެއްވިއެވެ.

އަދި ކަންތައް ވީ ގޮތް ދެންނެވުމުން ރަސޫލާ ވިދާޅުވީ، އެހެން އަނބި ކަނބަލުން އެހެން ވިދާޅުވާ އެއްޗަކާ އަޅާ ނުލެއްވުމަށެވެ. އަދި ދެން އެހެން ވިދާޅުވެއްޖެނަމަ، ތިމަން ކަމަނާގެ ބައްޕާފުޅަކީ ނަބީބޭކަލެއް ކަމަށާއި ތިމަންނަގެ ބޭބޭ ފުޅަކީވެސް ނަބީ ބޭކަލެއްކަމަށާއި އަދި ތިމަން ކަމަނާގެ ފިރިކަލުންނަކީވެސް ނަބީބޭކަލެއް ކަމަށް ވިދާޅުވުމަށް، ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ރަސޫލާ މި އިޝާރާތް ކުރެއްވީ ހާރުނުގެފާނާއި މޫސާގެ ފާނަށެވެ. މި ކަމަނާގެ ބައްޕާފުޅަކީ ހާރޫނުގެ ދަރިކޮޅުން ވަޑައިގެންފައިވާ މީހެކެވެ. ދެން މޫސާގެފާނަކީ ހާރޫނުގެ އަޚެކެވެ. އަދި މިހާރު ކައިވެނި ބައްލަވައިގެން ހުންނެވީ ކީރިތި ރަސޫލާއާއެވެ.

ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ އަވަހާރަވީ ހިޖުރައިން 50 ވަނަ އަހަރުގައެވެ. އަދި 52 ކަމަށްވެސް ބުނެވެއެވެ. ފަސްދާނު ލެވިފައިވަނީ އަލްބަޤީޢުގައެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.