އާދީއްތަ20201122

އާކުރެވުނީ: 08:43:52

އުއްމު ޙަބީބާ

9- އުއްމު ޙަބީބާ

ޖުވައިރިޔާ ބިންތު އަލްޙާރިޘް އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ އުއްމު ޙަބީބާ އާއެވެ. އަސްލު ނަންފުޅަކީ ރަމްލާ ބިންތު އަބީ ސުފްޔާން ޞަޚްރު ބިން ޙަރްބު އެވެ. އުއްމު ޙަބީބާ އަކީ އެއް ދުވަސްވަރެއްގައި ކީރިރި ރަސޫލާއާއި، އިސްލާމް ދީނާއި އެންމެ ޢަދާވާތްތެރި އެކަކު ކަމުގައިވާ އަބޫ ސުފްޔާންގެ ދަރިކަނބަލެކެވެ. ޚަލީފާ މުޢާވިޔަތު ބިން އަބީ ސުފްޔާނަކީ މި ކަމަނާ އާއި އެއްބަފާފުޅު އަޚެކެވެ.

ކުރިން ކައިވެނި ބައްލަވައިގެން ހުންނެވީ ޢުބައިދުﷲ ބިން އަލްޖަޙްޝާއެވެ. އަދި ޙަބީބާ އޭ ކިއުނު އަންހެން ދަރިކަނބަލެއް ލިބިފައިވެއެވެ. އުއްމު ޙަބީބާއޭ ކިއުނީ މިހެންވެގެންނެވެ.

އުއްމު ޙަބީބާ އަރިއަހުގައި ފިރިމީހާ ވެސް ޙަބުޝުކަރައަށް ހިޖުރަ ކުރިއެވެ. ނަމަވެސް އެތާގައި ނަޞްރާ ދީނަށް ވަދެ ފަހުން މަރުވިއެވެ. އެހެނެއް ކަމަކު އުއްމު ޙަބީބާ އިސްލާމް ދީނުގައި ސާބިތުވެ ހުންނެވިއެވެ. ރަސޫލާ އުއްމު ޙަބީބާ އާއި ކައިވެނި ބައްލަވައިގަތީ މި ކަމަނާ ޙަބްޝުކަރާގައި ހުންނަވަނިކޮށް، ވަކީލެއް މެދުވެރިކޮށެވެ. ކައިވެނީގެ ރަނުގެ ގޮތުގައި ނަޖާޝީ، 400 ދީނާރު ދެއްވިއެވެ. އަދި ފަހުން ޙަބްޝުކަރަ ދޫކުރައްވައި ހިޖުރައިން ހަތް ވަނަ އަހަރު މަދީނާއަށް ވަޑައިގަނެ، ކީރިތި ރަސޫލާ އަރިއަހުގައި އުޅުއްވިއެވެ. މަދީނާއަށް ވަޑައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ ތިރީސް ކޮންމެވެސް އަހަރެއް ކަމަށް " އައްޠަބަޤާތުލް ކުބްރާ" ގައި ވެއެވެ.

އުއްމުލް މުއުމިނީން އުއްމު ޙަބީބާ އުޅުއްވީ މަސްޖިދުއް ނަބަވީ ކައިރީ ބިނާ ކުރެވުނު އެކަމާއަށް ޚާއްޞަ ގެ ކޮޅެއްގައެވެ. އަރިއަހުގައި ދަރިކަނބަލުންނާއި ޙަބީބާވެސް އުޅުއްވިއެވެ. ހިޖުރައިން 8 ވަނަ އަހަރު މި ކަމަނާގެ ބައްޕާފުޅު އަބޫ ސުފްޔާން މަދީނާއަށް ވަޑައިގަތެވެ. ވަޑައިގަތީ ޙުދައިބިއްޔާ ޞުލްޙައާއި ޚިލާފުވެފައި އެކަމުގެ ނަތީޖާ ހިތިވާނެ ކަން އެނގިވަޑައިގެން، އަލުން އެ ޞުލްޙަ އާ ކުރުމަށް އެދި، ކީރިތި ރަސޫލާ އަރިއަހަށެވެ. ނަމަވެސް އަބޫ ސުފްޔާނަށް މިކަން ކާމިޔާބެއް ނުވިއެވެ.

މަދީނާއަށް ވަޑައިގަތް ގޮތަށް، އަބޫ ސުފްޔާން ވަޑައިގަތީ ދަރިކަނބަލުން ރަމްލާ (އުއްމު ޙަބީބާ) ގެ ގެކޮޅަށެވެ. އެތެރެއަށް ވަދެ ވަޑައިގަނެ އެތާ ހުރި ކީރިތި ރަސޫލާގެ ދާންކޮޅުގައި އިށީނދެވަޑައިގަންނަވަން އުޅުއްވުމުން، އުއްމު ޙަބީބާ އެކަން މަނާ ކުރައްވައި ދާންކޮޅު ފަށް ޖައްސަވައިލެއްވިއެވެ. އެ ހިނދު އަބޫ ސުފްޔާން ވިދާޅުވިއެވެ. "ކަމަނާގެ މަޤްސަދަކީ އެ އެނދުގައި އަހަރެން ނު އިށީނުން ހެއްޔެވެ؟ ނުވަތަ އަހަރެން އެ އެނދުގައި ނު އިށީނުންހެއްޔެވެ؟"

އެ ހިނދި އުއްމު ޙަބީބާ ވިދާޅުވިއެވެ." އެއީ ރަސޫލުﷲ ގެ ދާންކޮޅެވެ. އަދި ބައްޕާފުޅަކީ މުޝްރިކެކެވެ. މުޝްރިކުންނަކީ ނަޖިސް ބައެކެވެ.''

އުއްމު ޙަބީބާ އަކީ ޤުރައިޝުވަންހައިގެ އަންހެނުންގެ ތެރެއިން ފަޞާޙާތްތެރި ކަމާއި، ވިސްނުންފުޅު ތޫނުކަމަށް މަޝްހޫރު ބޭކަނބަލެކެވެ. އަދި އެކަމަނާގެ ބައްޕާފުޅު އަބޫ ސުފްޔާނަކީ ހަތަރުވަނަ ކާފާފުޅާއި ހަމައިން (ޢަބްދު މަނާފް) ހަމައިން ކީރިތި ރަސޫލާއާއި ނަސަބުގެ ގޮތުން ގުޅޭ ބޭކަލެކެވެ.

އުއްމު ޙަބީބާ އަވަހާރަވީ ހިޖުރައިން 44 ވަނަ އަހަރުއެވެ. 45 ގައި ކަމަށްވެސް ބުނެވެއެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.