އާދީއްތަ20180909

އާކުރެވުނީ: 08:43:52

ޒައިނަބް ބިންތު ޖަޙްޝް

7- ޒައިނަބް ބިންތު ޖަޙްޝް

އުއްމު ސަލަމާ އަށް ފަހު ކީރިތި ރަސޫލާ، ކައިވެނި ބައްލަވައިގަތީ ޒައިނަބް ބިންތު ޖަޙްޝް އާއެވެ. މި ކަމަނާއަކީ ރަސޫލާގެ ބޮޑު ދައިތާފުޅު އުމައިމާ ބިންތު ޢަބްދުލް މުއްޠަލިބްގެ ދަރިކަނބަލެކެވެ. ކުރިން ހުންނެވީ ޒައިދު ބިން ޙާރިޘާގެ އަނބިކަނބަލެއްގެ ގޮތުގައެވެ. ޒައިދަކީ ރަސޫލާ ދަރިކަލަކަށް ހައްދަވައިގެން ގެންގުޅުއްވި ބޭފުޅެކެވެ.

ޒައިނަބްގެފާނަކީ މައްކާގެ ޙަސަބާއި ނަސަބުގެ ގޮތުން މަތީ ދަރަޖައެއްގެ ބޭކަނބަލަކަށް ވެފައި، ޒައިދަކީ ޢާއިލާއެއް ނެތް އަޅެއް ކަމުން ފުރަތަމަ ޒައިނަބް މި ކައިވެންޏާއި ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ރަސޫލާގެ އަމުރުފުޅާއި ދެކޮޅު ނަހައްދަވަންވެގެން ކައިވެނި ބައްލަވައިގަތެވެ. އަދި އެ ވަގުތު ޒައިދުގެފާނުގެ ނަންފުޅަކީ ޒައިދް ބިން މުޙައްމަދު ކަމަށް ވުމުން، އެ ކަމަނާ ކައިވެންޏާ ޤަބޫލުވެ ވަޑައިގަތީކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

ނަމަވެސް ފަހުން ދަރިކުރުމުގެ އާދަ ޙަރާމް ކުރައްވައި، ޒައިދަކީ ރަސޫލާގެ ދަރިކަލަކަށް ނުވާނެ ކަން މާތް ﷲ އެންގެވިއެވެ. ވީމާ ޒައިދުގެފާނުގެ ނަންފުޅުގެ ފަހަތުން ރަސޫލާހެ ނަންފުޅު ފޮހެލެވުނެވެ. އަދި ޒައިނަބްގެ ފާނާއި ޒައިދުގެފާނާއި ދެމެދު އޮތް ގުޅުން މާ އޮމާން ކަމާއި އެކީގައި ނުދިޔައެވެ. ސަބަބަކަށް ވީ ދެ ބޭފުޅުންގެ ދަރަޖައިގެ ތަފާތު ކަމެވެ. އެހެންވެ ޒައިދުގެފާނަށް އިޙްސާސްވެވަޑައި ގަތީ ޒައިނަބްގެފާނު އެކަލޭގެފާނުގެ މައްޗަށް ބޮޑާކަމެއް ދައްކަވާ ކަމަށެވެ. މި ކަމާ ޒައިދުގެފާނު ރަސޫލާއަށް ޝަކުވާ ދެންނެވިއެވެ. އެ ހިނދު ރަސޫލާ އެންގެވީ ވަރި ނުކުރައްވައި ޒައިނަބްގެފާނާއި އެކު ޒަވާޖީ ޙަޔާތްޕުޅު ކުރިއަށް ގެންދެވުމަށެވެ.

ނަމަވެސް ޒައިދު މި ކަމަނާ ވަރިކުރެއްވުމުން، މާތް ﷲ ގެ އަމުރުފުޅަށް ރަސޫލާ ޒައިނަބާއި ކައިވެނި ބައްލަވައިގަތީއެވެ. އެއީ ﷲ ގެ އަމުރުފުޅަކަށެވެ. އަޙްޒާބް ސޫރަތުގެ 37 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މި ވާހަކައެވެ. وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُ فَلَمَّا قَضَى زَيْدٌ مِّنْهَا وَطَراً زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَراً وَكَانَ أَمْرُ اللَّهِ مَفْعُولاً

މާނައަކީ: ''މާތް ﷲ އެ މީހަކަށް އިސްލާމަކަށް ވުމުގެ މަގު ދައްކަވައި، އަދި އެ މީހެއްގެ މައްޗަށް މިނިވަން ކުރެއްވުމާއި ދަރިކަލަކަށް ހެއްދެވުމުގެ ނިޢްމަތް ކަލޭގެފާނު ދެއްވާފައިވާ މީހާއަށް (އެއީ ޒައިދު ބިން ޙާރިޘާ އެވެ.) ކަލޭގެފާނު ވިދާޅުވާ ހިނދެވެ. ކަލޭގެ އަނބި މީހާ ދޫކޮށް ނުލާ، ކަލޭގެ ގާތުގައި ބައިންދާށެވެ. އަދި މާތް ﷲ އަށް ތަޤުވާވެރިވާށެވެ. މާތް ﷲ ފާޅުކުރައްވާނޭ ކަންތައް(ޒައިނަބާއި ކާވެނި ކުރަން ﷲ އިރާދަ ކުރައްވާނެކަން)، ކަލޭގެފާނުގެ ހިތްޕުޅުތެރޭގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެއެވެ. (ދަރިކޮށްފައިވާ ކުއްޖާގެ އަނބިމީހާއާއި ކާވެނި ކުރުމުން މީހުން ކިޔާނެ އެއްޗަކަށް) ކަލޭގެފާނު ބިރުފުޅު ގަތުން ޙައްޤުކަން ބޮޑީ މާތް ﷲ އަށެވެ. ދެން ފަހެ ޒައިދު އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދާ (އެބަހީ އަންބެއްގެ ގޮތުގައި ބޭނުން ކުރުމަށްފަހު ވަރިކޮށް ޢިއްދަ ނިމުމަށްފަހު) ތިމަން ރަސްކަލާނގެ ކަލޭގެފާނާއި އެކަމަނާ ކައިވެނި ކޮށްދެއްވީމެވެ. އެއީ މުއުމިނުން ދަރިންނަށް ހަދައިގެން އުޅޭ މީހުންގެ އަނބީންގެ ކިބައިން ބޭނުމެއް ފުއްދައިފުމަށް ފަހު، އެ އަނބިންނާ މެދު މުއުމިނުންގެ މައްޗަށް ދަތިކަމެއް ކުށެއް ނުވުމަށްޓަކައެވެ.''

ﷲ ގެ އަމުރުފުޅަށް، މި ކައިވެނި ކުރެވުނީ، ދަރިންގެ ގޮތުގައި ބަލައިގެން އުޅޭ އުފަން ނޫން ދަރިންނަކީ ޙަޤީޤީ ދަރިން ނޫންކަމާއި، އެފަދަ ދަރިން ކައިވެނި ކުރާ އަންހެނުންނާއި، ކައިވެނި ކުރެވޭނެކަން އުއްމަތަށް އެންގެވުމުގެ ގޮތުންނެވެ.

މި ކައިވެންޏާއި މެދު ރަސޫލާގެ އެހެން އަނބިކަނބަލުންގެ އަރިއަހުގައި ފަޚްރުވެރިވެވަޑައިގަނެ ޒައިނަބްގެފާނު ވާހަކަ ދައްކަވައެވެ. އެކަމަނާ ވިދާޅުވާ ގޮތުގައި، އެކަމަނާގެ ކައިވެނި އެއީ އެހެން ހުރިހާ އަނބިކަނބަލުންގެ ކައިވެންޏާއި ތަފާތު ކައިވެންޏެކެވެ. އެއީ އެހެން އަނބިކަނބަލުން ކައިވެނި ކުރުވީ އެ ކަނބަލުންގެ ވަލީވެރިން ވަލީ ދީގެން ހެކިވެރިން ތިބެގެންނެވެ. ނަމަވެސް ޒައިނަބްގެފާނުގެ ކައިވެނީގެ ވަލީ އައީ ހަތް އުޑު މަތިން ﷲގެ އަމުރުފުޅެއްގެ ގޮތުގައެވެ. ހެކިވެރިއަކީ ޖިބްރީލްގެފާނެވެ.

ޒައިނަބާއި ރަސޫލާ ކައިވެނި ބައްލަވައިގަތީ ހިޖުރައިން 5 ވަނަ އަހަރު ޛުލްޤައިދާ މަހުގައެވެ. 4 ވަނަ އަހަރުގައިކަމަށްވެސް ބުނެވުނެވެ. އަވަހާރަވީ ހިޖުރައިން 20 ވަނަ އަހަރުގައި ޢުމުރުފުޅުން 53 ގައެވެ. މި ކަމަނާ ވެވަޑައިގަތީ ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު އެންމެ އަވަހަށް މި ދުނިޔެ ދޫކުރެއްވި އަނބިކަމަނާ ކަމުގައެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.