Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ޣައިބުގައި ކަށުނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް ؟

ޣައިބުގައި ކަށުނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް ؟

ޣައިބުގައި ކަށުނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް ؟

ޖަވާބު: ޔޫރަޕް ފަތުވާ ކޮމިޓީ, އައްޝައިޚް ޢަޠިއްޔާ ޞަޤްރު، އައްޝައިޚް އިބްނު އަލްޢުޘައިމީން

އެންމެ ފުރަތަމަވެސް ބުންނަން ޖެހެނީ، މުސްލިމަކު މަރުވެއްޖެނަމަ އޭނާގެ މައްޗަށް ޞަލާތުލް ޖަނާޒާ ނުވަތަ ކަށުނަމާދު ކުރުމަކީ ކިފާޔަތުގެ ފަރުޟެކެވެ. އެއްބަޔަކު ކޮށްފިއްޔާ އެހެން މީހުންގެ ކިބައިން އެ ފަރުޟު އުފުލުނީއެވެ. އެކަކުވެސް ނުކޮށްފިއްޔާ މަރުވިކަން އެނގިތިބި އެންމެން ފާފަވެރިވާނެއެވެ.

މަރުވި މީހާ ޙާޟިރުގައި އޮތް ނަމަ އޭނާގެ މައްޗަށް ނަމާދު ކުރާނީ، ނަމާދު ކުރާތަނެއްގައި އޭނާ ބާއްވައިގެން ޙާޟިރުގައެވެ. މައްޔިތާ އޮތީ ދުރު ތަނެއްގައި ނަމަ ނަމާދު ކުރާނީ ޣާއިބުގައެވެ.

ދެން ޞަލާތުލް ޣާއިބް ނުވަތަ މައްޔިތާގެ މައްޗަށް ޣާއިބުގައި ކުރެވޭ ނަމާދުގެ ޙުކުމަށް ބަލާއިރު މިއީ ޢިލްމުވެރިން އިޚްތިލާފްވެފައިވާ މައްސަލައެކެވެ. އެއީ މި އަންނަނިވި ގޮތުގެ މަތިންނެވެ.

 

1- ޝާފިޢީ އަދި ޙަންބަލީ މަޛްހަބް: މިކަން ހުއްދަ ކުރެއެވެ. އިބްނު ޤުދާމާގެ އަލްމުޣްނީގައި ވިދާޅުވެފައިވަނީ "އެހެން ރަށެއްގައިވާ މީހާކަށް ޢާއިބު ނަމާދު ކުރުން ހުއްދައެވެ. ޙާޟިރުގައި އޮތް މީހެއްގެ މައްޗަށް ވެސް ނަމާދު ކުރާފަދައިން ޤިބްލައަށް ކުރިމަތިލައި ނިޔަތް ގަނެ ކަށުނަމާދު ކުރާނީއެވެ. ދެ ރަށުގެ ދެމެދުގައި ޤަޞްރު ނަމާދު ކުރެވޭ ދުރުމިން ހުއްޓަސް ނެތަސް މެއެވެ. މި ކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަޖާޝީ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުން ޞަޙާބީން އެއް ކުރައްވާފައި ޣާއިބުގައި ކަށުނަމާދު ކުރެއްވި ކުރެއްވުމެވެ." (ނަޖާޝީގެ މައްޗަށް ނަމާދު ކުރެއްވި ކަމަށް އޮންނަ ޙަދީޘް އަކީ ބުޚާރީގައިވާ ޙަދީޘެއް) ނަޖާޝީ އަކީ ޙަބްޝުކަރައަށް މުސްލިމުން ހިޖުރަ ކުރި އިރު އެތާ ހުންނެވި ޞާލިޙް ވެރިއެކެވެ.

2- ޙަނަފީ މަޛްހަބް : ބުނަނީ ޣާއިބުގައި ނަމާދު ނުކުރެވޭނެ ކަމަށެވެ. އަދި މައްޔިތާގެ މައްޗަށް އެއްފަހަރު ނޫނީ ނަމާދު ނުކުރެވޭނެ ކަމަށެވެ. ޖަމާޢަތުގައި ވެސް އަދި ވަކިން ހުރެވެސް މެއެވެ. އެކަމަކު އެތަނެއްގައި ހުންނަ މުސްލިމުންގެ އިމާމް ނާންނަނީސް ކަމާ ނުބެހޭ ބަޔަކު ނަމާދު ކޮށްފިއްޔާ، އިމާމް އައިސް އަލުން ނަމާދު ކުރެވިދާނެއެވެ.

3- މާލިކީ މަޛްހަބް: ޣާއިބުގައި ވާ މީހެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭނެއެވެ. ކުރުމަކީ މަކްރޫހަ ކަމެކެވެ.

ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބު (ޢާއިބް ނަމާދު ކުރުން ހުއްދަ ނުކުރާ މީހުން) ނަޖާޝީގެ މައްޗަށް، ރަސޫލުއްﷲ ޞައްލައްﷲ ނަމާދު ކުރެއްވި ކަމަށް އޮންނަ ޙަދީޘް ވަނީ، މާނަ ތައުވީލު ކޮށްފައެވެ. މި ގޮތުން އެ މީހުން ބުނީ ނަޖާޝީގެ މައްޗަށް، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ ޣާއިބުގައި ކަށުނަމާދު ކުރެއްވީ ނަޖާޝީގެ ރަށުގައި އޭނާގެ މައްޗަށް ބަޔަކު ނަމާދު ނުކުރާތީއެވެ. ނުވަތަ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ ކުރެއްވި ޣާއިބް ނަމާދަކީ އެކަލޭގެފާނަށް ޚާއްޞަވެގެންވާ ކަމެކެވެ. ނުވަތަ އެކަލޭގަފާނަށް ނަޖާޝީގެ ސަންދޯއް ފެނިވަޑައިގަންނަވާ ޙާލަތުގައި ނަމާދު ކުރެއްވީއެވެ.

ނަމަވެސް ޣާއިބް ނާމާދު ކުރުން ހުއްދަ ކުރާ މީހުން މި ވާހަކައަށް ރައްދެއްގެ ގޮތުން ވިދާޅުވަނީ ނަޖާޝީގެ މައްޗަށް ނަމާދު ކުރެއްވި ކަމަށް އޮތް ޙަދީޘަކީ ޞައްޙަ ގޮތުން ސާބިތުވާ ޙަދީޘެކެވެ. ވީމާ މަތީގައި ވާފަދަ ތައުވީލުތައް ނުކުރެވޭނެ އެވެ. އަދި އެއްވެސް މީހަކު ނަމާދު ނުކުރުން އެއީ، ނަމާދު ކޮށްފައިވާ މީހެއްގެ މައްޗަށް ޣާއިބު ނަމާދު ކުރުން މަނާ ކުރެވޭނެ އުޒުރެއް ނޫނެވެ. އަދި ނަޖާޝީގެ ސަންދޯއް ރަސޫލާގެ ކުރިފުޅުމައްޗަށް (ނުފެންނަ ގޮތަކަށް) ޙާޟިރު ވުން އެއީ ދަލީލެއް ބޭނުންވާ ކަމެކެވެ. ބަލާއިރު މިހެން ވި ކަމުގެ އެއްވެސް ދަލީލެއް ނެތެވެ. ވީމާ ޙަދީޘް އޭގެ އަސްލު މާނައަށް ދޫކޮށްލަން ޖެހޭނެއެވެ. ވީމާ ޣާއިބުގައި ނަމާދު ކުރުން ހުއްދައެވެ.

ދެން މި ބަލާލަނީ ފަހުގެ ޢިލްމުވެރިން މި މައްސަލައާ މެދު ވިދާޅުވެފައިވާ ބަސްފުޅުތަކަށެވެ.

ޔޫރަޕްގެ ފަތުވާ ދިނުމާ ބެހޭ މަޖްލިސްގެ ފަރާތުން ބުނެފައިވަނީ، މައްޔިތާގެ މައްޗަށް ކުރެވޭ ނަމާދަކީ އޭނާގެ މައްޗަށް ކުރެވޭ ދުޢާއަކާއި ރަޙްމަތެކެވެ. އޭގެ ސަބަބުން ޣާއިބުގައި ވާ މީހާއަށްވެސް އަދި ޙާޟިރުގައި ވާ މީހާއަށްވެސް ފާއިދާ ކުރާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ނަޖާޝީގެ މައްޗަށް ނަމާދު ކުރެއްވުމުންވެސް ދޭހަވަނީ މިކަމަވެ. އަދި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބް އިޚްތިޔާރު ކުރާ ރައުޔަކީވެސް، ޣައިބުގައި ކަށުނަމާދު ކުރުމަކީ ދީނުގައި ހުއްދަ އަދި އޭގެ ސަބަބުން މައްޔިތާއަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ހަމަ އެހެންމެ އެއްފަހަރު ކަށު ނަމާދުކޮށްފައިވާ މީހެއްގެ މައްޗަށް ދެވަނަ ފަހަރު ކަށުނަމާދު ކުރުމަކީވެސް ހުއްދަ ކަމަކެވެ. މިކަން ސާބިތުވަނީ މުސްނަދް އަޙްމަދުގައި ޔަޒީދް ބިން ޘާބިތު (ޒައިދު ބިން ޘާބިތްގެ އަޚް) ރިވާކުރައްވާފައިވާ ޙަދީޘަކުންނެވެ. ޙަދީޘްގައި ވަނީ: يَزِيدَ بْنِ ثَابِتٍ ‏ ‏قَالَ ‏ خَرَجْنَا مَعَ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَلَمَّا وَرَدْنَا ‏ ‏الْبَقِيعَ ‏ ‏إِذَا هُوَ بِقَبْرٍ جَدِيدٍ فَسَأَلَ عَنْهُ فَقِيلَ فُلَانَةُ فَعَرَفَهَا فَقَالَ أَلَا ‏ ‏آذَنْتُمُونِي ‏ ‏بِهَا قَالُوا يَا رَسُولَ اللَّهِ كُنْتَ ‏ ‏قَائِلًا ‏ ‏صَائِمًا فَكَرِهْنَا أَنْ نُؤْذِنَكَ فَقَالَ ‏ ‏لَا تَفْعَلُوا لَا يَمُوتَنَّ فِيكُمْ مَيِّتٌ مَا كُنْتُ بَيْنَ أَظْهُرِكُمْ أَلَا ‏ ‏آذَنْتُمُونِي ‏ ‏بِهِ فَإِنَّ صَلَاتِي عَلَيْهِ لَهُ رَحْمَةٌ قَالَ ثُمَّ أَتَى الْقَبْرَ فَصَفَّنَا خَلْفَهُ وَكَبَّرَ عَلَيْهِ أَرْبَعًا ‏

ޔަޒީދް ބިން ޘާބިތު ވިދާޅުވިއެވެ. "އަހަރެމެން ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމައާއި އެކު ނުކެމެ އުޅެނިކޮށް، ބަޤީޢް އާއި ހަމައަށް ދެވުނު އިރު (މަދީނާ މުސްލިމުން ގެ މަޤްބަރާ)، އެތާގައި އާ މަހާނައެއް ހުއްޓެވެ. ދެން ރަސޫލާ އެއީ ކާކުގެ މަހާނައެއްތޯ ސުވާލު ކުރެއްވިއެވެ. އަދި އެއީ މިވެނި އަންހެނެކޭ ދެންނެވުނެވެ. އަދި އެއީ ކާކުކަން ދެނެވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ."ތިމަން ކަލޭގެފާނަށް ނޭންގީ ކީއްވެހެއްޔެވެ؟'' ޞަޙާބީން ދެންނެވިއެވެ.  އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ވީ ރޯދަ ހިއްޕަވައިގެން އަދި ޤައިލޫލާގައެވެ. އެހެންވެ ކަލޭގެފާނަށް އުނދަގޫފުޅެއް ޖައްސަން އަޅުގަނޑުމެން ބޭނުން ނުވީއެވެ." އެ ހިނދު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އެހެން ނަހަދާށެވެ. ކަލޭމެންގެ ތެރޭގައި ތިމަން ކަލޭގެފާނު ހުންނަވަނިކޮށް، ކަލޭމެންގެ ތެރެއިން މީހަކު މަރުވެއްޖިއްޔާ ތިމަންކަލޭގެފާނަށް ނާންގައި ނުތިބޭށެވެ. އެހެނީ އެ މީހަކަށް ތިމަންކަލޭގެފާނު ކުރާ ނަމާދަކީ އެމީހެއްގެ މައްޗަށް ހުރި ރަޙްމަތެކެވެ." ޔަޒީދް ވިދާޅުވިއެވެ. "ދެން އެއަށްފަހު މަހާނަ ކައިރިއަށް ވަޑައިގަނެ، އަހަރެމެން އެކަލޭގެފާނު ފަހަތްޕުޅުގައި ސަފު ހައްދުވައި، ހަތަރު ފަހަރު ތަކްބީރު ވިދާޅުވިއެވެ.''

މި ޙަދީޘުން އެނގޭ ގޮތުގައި އެ މަރުވި މުސްލިމާގެ މައްޗަށް ބަޔަކު ނަމާދުކޮށް ވަޅުލާފައި ވަނިކޮށް ކީރިތި ރަސޫލާ ދެވަނަ ފަހަރަށް އެ މައްޔިތާގެ މައްޗަށް ނަމާދު ކުރެއްވިއެވެ.

އަދި އަހަރެމެންނަށް(ޔޫރަޕް ފަތުވާ ކޮމޮޓީ) މި މައްސަލައިގައި ފެންނަ ގޮތުގަ ޚުލާޞާއަކީ ޣާއިބުގައި ކަށުނަމާދު ކުރުން މުސްލިމުން އާދައަކަށް ނުހަދަންޏާ (މާނައަކީ އެއީ ކޮންމެހެން ދީނުގައި އާދައިގެ ކަށުނަމާދު ފަދައިން ކުރަން ޖެހޭ ކަމެއް ކަމަށް ހީ ނުކުރަންޏާ)އެއީ ހުއްދަ ކަމެކެވެ. އެންމެން މިކަން ޢާދަ އަކަށް ހަދައިފިއްޔާ އެއީ ހުއްދަ ކަމަކަށް ނުވާނެއެވެ. އެއީ ދީނުގައި ތަޝްރީޢު ކޮށްފައިވާ ނުވާ އަޅުކަމެއް އަޅުކަމެއް ކަމުގައި ދެކުމަކީ ހުއްދަ ކަމެއް ނޫނެވެ.

ފަހެ ވޭތުވެ ދިޔަ ތާނގައި މުސްލިމުން ޣާއިބުގައި ނަމާދު ކުރުމަކީ އެއީ އެހޭ ގިނައިން ކުރާ ކަމެއް ނޫނެވެ. ކިއެއްތަ ޣާއިބުގައި ކަށުނަމާދު ކުރަނީ އިސްލާމީ އުއްމަތަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނުވަތަ ބޮޑު ޢިލްމްވެރިން ފަދަ ބޭބޭފުޅުން އަވަހާރަވީމައެވެ. ޙަދީޘްތަކުން އެގެން އޮތީ މިފަދަ ޙާލަތްތަކެވެ. މިސާލަކަށް ނަޖާޝީ އަދި އެހެން ޙަދީޘެއްގައި، މަސްޖިދުއް ނަބަވީގައި ކުނި ކަހައި އުޅޭ މީހަކު ނައިސް ގިނަ ދުވަސް ވުމުން ކީރިތި ރަސޫލާ އޭނާއާއި ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެ އަންހެން މީހާ މަރުވެއްޖެ ކަމަށް ދެންނެވުނެވެ. އެ ހިނދު ރަސޫލާ އެ މަހާނަ ކައިރިއަށް ވަޑައިގެން ނަމާދު ކުރެއްވިއެވެ.

ބައެއް ޢިލްމުވެރިންގެ ރައުޔު :

* ޝައިޚް އަލްބާނީ ވިދާޅުވެފައި އޮންނަނީ، ޣައިބުގައި ކަށުނަމާދު ކުރުމުގެ މައްސަލައަކީ ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައިވާ މައްސަލައެއް ކަމަށެވެ. ދެން ވިދާޅުވީ މި މައްސަލައިގައި، މައިގަނޑު ތިން މަޛްހަބެއް އެބަ އޮތް ކަމަށެވެ. ފުރަތަމަ މަޛްހަބު ބުނަނީ، އެއްވެސް ހާލަތެއްގައި މި ނަމާދު ކުރުން ހުއްދަ ނޫންކަމަށެވެ. ދެ ވަނަ މަޛްހަބު ބުނަނީ، ހުރިހާ ހާލަތެއްގައިވެސް ހުއްދަކަމަށެވެ. މި ދެ ރައުޔުގެ މެދުގައި އޮތް ތިންވަނަ މަޛްހަބު ބުނަނީ، އެ މީހާ މަރުވި ބިމުގައި އޭނާގެ މައްޗަށް ކަށުނަމާދު ނުކުރެވެންޏާ ނަމާދު ކުރަން ދީނުގައި އައިސްފައިވާ ކަމަށެވެ. މިކަމުގެ ދަލީލަކީ ނަޖާޝީ ކާފިރު ބިމެއްގައި އަވަހާރަވީމާ، މަދީނާގައި ރަސޫލާ (ޞައްލަﷲ ޢަލައިހިވަސައްލަމަ) އޭނާގެ މައްޗަށް ޣާއިބުގައި ނަމާދު ކުރެއްވި ކުރެއްވުމެވެ.

އެހެންނަމަވެސް އެ މީހާ މަރުވިތަނެއްގައި ތިބި ބަޔަކު، ކަށުނާމާދުކޮށްފިއްޔާ ޣައިބުގައި ނަމާދު ކުރުން އެއީ ދީނުގައި އައިސްފައިވާ ކަމެއް ނޫނެވެ. މިކަމުގެ ދަލީލަކީ، ކީރިތި ރަސޫލު (ޞައްލަﷲ ޢަލައިހިވަސައްލަމަ) ގެ ޒަމާނުގައި އެތަކެއް ބަޔަކު މައްކާގައި އަދި އެހެނިހެން ރަށްރަށުގައިވެސް މަރުވިއެވެ. ނަމަވެސް އެއިން ބައެއްގެ މައްޗަށް ރަސޫލާ ޣައިބުގައި ނަމާދު ނުކުރައްވައެވެ.

ވީމާ ހިފަހައްޓަން ޖެހޭ ރައުޔަކީ ފަހުން މި ބުނި މެދުމިނުގެ ރައުޔެވެ.

* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ މައްޔިތާ މަރުވީ އޭނާގެ މައްޗަށް ނަމާދު ނުކުރެވޭ މުސްލިމް ނޫން ތަނެއްގައި ނަމަ، ނަޖާޝީގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣާއިބުގައި ކަށުނަމާދު ކުރެއްވި ފަދައިން ކުރާށެވެ. އެކަމަކު އޭނާގެ މައްޗަށް ބަޔަކު ނަމާދު ކޮށްފިނަމަ، ޣާއިބުގައި ނަމާދު ކުރުމެއް ނެތެވެ. އެހެނީ އެއް ބަޔަކު ކުރުމުން ފަރުޟު ކެނޑޭނީއެވެ. ޣާއިބުގައި ނަމާދު ކުރުމަކީވެސް ސުންނަތެކެވެ. އެއީ ރަސޫލާ އެއްފަހަރު އެކަން ކުރެއްވީތީއެވެ. އަދި ނުކުރުމަކީވެސް ސުންނަތެކެވެ. އެއީ ރަސޫލާ އެކަން ނުކުރައްވައި ދޫކޮށްލައްވާފައިވާތީވެސް މެއެވެ.

* އިމާމް އިބްނު ޙަޒްމު ވިދާޅުވެފައިވަނީ، ޣާއިބުގައި ކުރެވޭ ކަށުނަމާދު މަނާ ކަމަށް ސަލަފުންގެ އެއްވެސް ބޭފުޅެއް ބުނެފައި ނުވެއެވެ.

* ސޫޢޫދިއްޔާގެ މަޝްހޫރު ޢިލްމުވެރިއާ މުޙައްމަދު އައްޞާލިޙް އަލްޢުޘައިމީން (ރަހިމަހުއްﷲ)، ޖަނާޒާގެ 70 ސުވާލު މި ފޮތުގައި ވިދާޅުވެފައިވަނީ އަންނަނިވި ފަދައިންނެވެ. :-

1- ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ރައުޔަކީ، އެ މައްޔިތާގެ މައްޗަށް ޣާއިބުގައި ނަމާދު ނުކުރެވޭ މައްޔިތާ ފިޔަވައި އެހެން މީހުންގެ މައްޗަށް ޣާއިބުގައި ނަމާދު ކުރުމަކީ ދީނުގައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ޣައިރު މުސްލިމް ތަނެއްގައި މުސްލިމަކު މަރުވެއްޖެނަމަ، ޣާއިބުގައި ނަމާދު ކުރަން ޖެހޭނެއެވެ. އެއީ ނަޖާޝީގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވީތީއެވެ. ނަޖާޝީގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވީ ނަޖާޝީގެ ރަށުގައި ބަޔަކު ނަމާދު ނުކުރާތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތް ޕުޅުގައި އެތަކެއް ބޮޑެތި މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އެއިން މީހެއްގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣާއިބުގައި ކަށުނަމާދު ކުރެއްވިކަމަށް އަހަރެމެންނާއި ހަމައަށް ޚަބަރު އައިސްފައި ނުވެއެވެ.

2- ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އެ މީހެއްގެ މުދަލުން ނުވަތަ ޢިލްމުން ނުވަތަ ޚިދުމަތުން އިސްލާމީ އުއްމަތަށް މަންފާ ހުރި މީހެއް މަރުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ޣާއިބު ނަމާދު ކުރެވިދާނެއެވެ. އެ ނުން މީހުންގެ މައްޗަށް ކުރުމެއް ނެތެވެ.

3- އަނެއް ބައި ޢިލްމުވެރިން ވިދާޅުވެފައި އޮނަނީ ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް އެއްވެސް ޤައިދެއް ނެތި، ޣައިބުގައި ކަށުނަމާދު ކުރެވިދާނެއެވެ. މިއީ އެންމެ ބަލި ރައުޔެވެ.

* މިޞްރުގެ ދާރުލް އިފްތާ: އިން ބުނެފައިވަނީވެސް ޣާއިބުގައި ކަށުނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމުގައެވެ. އަދި ޚިލާފް އުފެދިފައިވާ ފިޤްހީ މައްސަލައެއްގައި މައްސަލަ ބޮޑުކޮށް ނުހެދުމަށެވެ. އެ ގޮތުން ޣައިބުގައި ކަށުނަމާދު ކުރުންވެސް ރަނގަޅެވެ. ނުކުރިޔަސް އެންމެ ރަނގަޅެވެ.

Comments