ހޯމަ20200629

އާކުރެވުނީ: 08:43:52

އިސްތިޚާރާ ނަމާދު

 ސުވާލު : އިސްތިޚާރާ ނަމާދަކީ ކޮބާ؟ އަދި އެނަމާދު ކުރާނީ ކިހިނެއް؟ މިނަމާދުގެ ދުޢާއަކީ ކޮބާ؟

ޖަވާބު : ފަޟީލަތުއްޝައިޚު މަރްޙޫމް މުޙައްމަދު މުތައްވައްލިއްޝަޢްރާވީ

އަޅުގަނޑުމެންނަށް ކީރިތި ރަސޫލާ އުނގަންނަވައިދެއްވާފައިވާ ގޮތުން، އިސްތިޚާރާ ނަމާދުކުރާނެގޮތަކީ، ދެރަކްޢަތް ނަމާދެއްކުރުމަށްފަހު، އެކަމަށް ވާރިދުވެފައިވާ ދުޢާކުރުމެވެ.

މިދުޢާއަކީ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلَا أَقْدِرُ وَتَعْلَمُ وَلَا أَعْلَمُ وَأَنْتَ عَلَّامُ الْغُيُوبِ اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي

 

فِي دِينِي وَمَعِيشَتِي وَعَاقِبَةِ أَمْرِي ‏ ‏أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ‏ ‏فَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعِيشَتِي وَعَاقِبَةِ أَمْرِي ‏ ‏أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ‏ ‏فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ

މާނަ: މާތްރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޢިލްމުފުޅުން (މިކަމުގައި އޮތް) ރަނގަޅުގޮތް، މިއަޅާއަށް ދެއްކެވުން އެދި ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުން މިއަޅާއަށް ކުޅަދާނަކަން ދެއްވާންދޭވެ. އަދި އިބަރަސްކަލާނގެ ބޮޑުވެގެންވާ ދީލަތިކަމުން، މިއަޅާއަށް ދެއްވުންއެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ. މިއަޅާ ކުޅަދާނައެއް ނޫނެވެ. އަދި އިބަރަސްކަލާނގެ ދެނެވޮޑިގަންނަވަމުއެވެ. މިއަޅާއަކަށް ނޭނގެއެވެ. އަދި އިބަރަސްކަލާނގެއަކީ އެންމެހައި ޣައިބެއް އެއްމެ ރަނގަޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މާތްރަސްކަލާކޮ! އަޅާގެ ދީނާއި، ދުނިޔެއާއި، ނިމިދިއުމާއި، އަވަހަށް ވާންއޮތްކަންތައްތަކާއި ފަހުން ވާންއޮތްކަންތައްތަކަށް މިކަމުގައި ހެޔޮކަމެއް ވާކަން އިބަރަސްކަލާނގެ ދެނެވޮޑިގެންވާނަމަ، މިކަން އަޅާއަށް މިންވަރުކުރައްވައި، ފަސޭހަކުރައްވާންދޭވެ. އަދި އެކަމުގައި މިއަޅާއަށް ބަރަކާތްލައްވައިފާންދޭވެ. އަދިިއަޅާގެ ދީނާއި، ދުނިޔެއާއި، ނިމިދިއުމާއި، އަވަހަށް ވާންއޮތްކަންތައްތަކާއި ފަހުން ވާންއޮތްކަންތައްތަކަށް މިކަމުގައި ނުބައިކަމެއްވާކަން އިބަރަސްކަލާނގެ ދެނެވޮޑިގެންވާނަމަ، އެކަން އަޅާއާއި ދުރުކުރައްވާފާންދޭވެ. އަދި އަޅާ އެކަމާއި ދުރުކުރައްވާފާންދޭވެ. އަދި ކޮންމެ ހެޔޮކަމެއް އަޅާއަށް މިންވަރުކުރައްވާފާންދޭވެ. އަދި އަޅާ އެކަމާއި ރުއްސަވައިފާންދޭވެ.''

މިހާ ހިސާބަށް ކިޔާފައި، ބޭނުންވާ ކަންތައް ދުޢާގައި ހިމަނާށެވެ. އެއަށްފަހު، ހިތަށް ބޮޑަށް ފެންނަ ގޮތަކީ، މިކަމުގައި މާތްﷲ ރުހިވޮޑިގަންނަވާ ގޮތްކަމުގައި ދެކޭށެވެ.

ވަކިއަތަކަށް ބުރަވާން ނޭނގޭ، ހަމަހަމަ ކަންކަމުގައި މެނުވީ އިސްތިޚާރާކުރުމެއް ނޯންނާނެއެވެ. ހަމައެފަދައިން ދީނީގޮތުން ވަކިގޮތެއް ކަނޑައެޅިފައިވާ ކަންކަމުގައިވެސް އިސްތިޚާރާއެއް ނުކުރެވޭނެއެވެ. މިސާލަކަށް، އަޅުގަނޑުގެ އަންހެންދަރިފުޅާއި ކައިވެނިކުރަންއެދި، އުޅުމެއް އަޚްލާޤެއްނެތް މީހަކުއައުމުން އެއީ ރަނގަޅުކަމެއްތޯ ބެލުމަށް އިސްތިޚާރާއެއް ނުކުރެވޭނެއެވެ. މިކަމުގައި އެއްމެފުރަތަމަ ފުރިހަމަވާންޖެހޭނީ ދީނީ މިންގަނޑުތަކެވެ. އިސްތިޚާރާ އަންނަންޖެހޭނީ އެއަށްފަހުގައެވެ. މިސާލަކަށް ހުރިހާކަމެއްގައި ހަމަހަމަ، ދީންވެރި ދެޒުވާނަކު، ދަރިފުޅުގެ ކައިވެންޏަށް އެދިއްޖެނަމަ، އޭގެތެރެއިން އެކަކު އިޚްތިޔާރުކުރުމަށް އިސްތިޚާރާކުރެވިދާނެއެވެ. މާތްﷲ އެހިނދު ތިބާއަށް ބޮޑަށް ރަނގަޅުގޮތް ދައްކަވާނެއެވެ.

ދިރިއުޅުމުގައި ވަރަށް ގިނަފަހަރަށް ކަންކަމުގައި، ވަކި ޤަރާރެއް ކަނޑައަޅަން ނޭނގޭ ޙާލަތްތައް އަޅުގަނޑުމެންނަށް ކުރިމަތިވެއެވެ. މިސާލަކަށް، ކިޔަވާނީ ކޮން ދާއިރާއަކުންތޯ، އިންނާނީ ކާކާއިތޯ، އަތުގައިހުރި ފައިސާއިން ވިޔަފާރިއެއް ފައްޓާނީތޯ ނުވަތަ އެނޫން ކަމެއް ކުރާނީތޯ ފަދަ ސުއާލުތައް ހިތުތެރޭގައި އުފެދޭ ކަންކަމެވެ. އިސްލާމްދީނުގައި މިފަދަ ދަނޑިވަޅުތަކުގައި، ކަންތައްކުރާނެ ގޮތުގެ ޙައްލެއްގެ ގޮތުން އިސްތިޚާރާ ނަމާދު ޝަރުޢުކުރައްވާފައިވެއެވެ. މިއީ ހަމަހަމަ ދެގޮތުންކުރެ ބޮޑަށް ރަނގަޅުގޮތެއް ދެއްކެވުން އެދި ކުރާ ނަމާދެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.