އަންގާރަ20201027

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު މައިންބަފައިންނަށްޓަކައި، ލޯބި ޤުރުބާން ކުރަންވީތަ؟

މައިންބަފައިންނަށްޓަކައި، ލޯބި ޤުރުބާން ކުރަންވީތަ؟

ސުވާލު: މައިންބަފައިންގެ ރުހުމާއި ދެކޮޅަށް އަންހެން ކުއްޖަކު ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ އަދި އެގޮތަށް އެކަން ކޮށްފިނަމަ އެއީ ''މައިންބަފައިންނަށް ނުކިޔަމަންތެރި ވުން'' ކަމުގައި ވާނެ ހެއްޔެވެ؟ އަދި އަންހެން ކުއްޖެއްގެ ރުހުމާ ދެކޮޅަށް މީހަކާ ދެވުމަކީ ކޮންކަހަލަ ކަމެހެއްޔެވެ؟

ޖަވާބު: ޢިލްމުވެރިންގެ ބާގައެއް.

މިޒަމާނުގައި ލޯތްބާއި ޢިޝްޤަކީ ވަރަށް ގިނަ އަންހެން ކުދިން، ޢުމުރުން ވަރަށް ޅަ އިރުއްސުރެ އޭގައި ޖެހޭ އެއްޗަކަށް ވެއްޖެއެވެ. ފުރާވަރަށް އަންނަމުން އަންނަ ނާޒުކު ޢުމުރުގައި އަންހެންކުދިން، ފިރިހެން ކުދިން ބުނެލާ ބަހަކަށް ހެއްލުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ބައެއް ފިރިހެން ކުދިން، އެ މީހުންގެ މަޅީގާ އަންހެން ކުދިން ޖެއްސުން އެއީ އުފަލެއް ކަމުގައި ދެކެއެވެ. އަދި ރައްޓެހިންގެ މެދުގައި މިވެނި އެވެނި ކުއްޖަކާ ރައްޓެހިވި ކަމަށް ބުނެ ފަޚުރުވެރިވެއެވެ.

ވީމާ މުސްލިމް އަންހެން ކުދިންނަށް އަހަރެން ދޭ ނަޞޭޙަތަކީ، ފިރިހެން ކުއްޖެއް ބުނެލާ ބަހަކަށް ނުހެއްލޭށޭއެވެ. ކައިވެނިކުރަން އެދުމުން އަމިއްލަ އަމިއްލައަށް ޤަރާރު ނުނަގާށެވެ. އަދި މައިންބަފައިންނާ ބޮޑެތި މީހުންގެ ނަޞޭޙަތާއި އިރުޝާދު މިފަދަ ކަންކަމުގައި ހޯދާށެވެ. ހަމައެކަނި ޖަޒުބާތީ ލެނބުމަކަށް ކިޔަމަންވެގެން، ޒަވާޖީ ޙަޔާތެއް ފެއްޓުމުގެ ބަދަލުގައި ޖަޒުބާތީ ބަޔާއި ބުއްދީގެ ބައި ކިރާ ވަޒަން ކުރާށެވެ. އަދި ކައިވެނި ކުރުމާއި ބެހޭގޮތުން މައިންބަފައިން ދެނީ ރަނގަޅު ޙައްޤު ބަހުގެ ނަސޭހަތެއް ނަމަ، އެވާހަކަ ދަރިން އަޑުއަހަން ޖެހޭނެއެވެ. އެއީ މައިންބަފައިންނަށް ލިބިފައިވާ ތަޖުރިބާއާއި އެ މީހުންގެ އެތެރޭގެ ޙިއްސުން އެނގޭ އެނގުންތަކަކީ މުސްތަޤްބަލުގައި ފައިދާ ކުރާނެ ކަންތަކަށް ވާތީއެވެ. މިއީ އެއް ވާހަކައެވެ.

 

އަނެއް ވާހަކައަކީ މައިންބަފައިންނަށް، ބުނެލަން ޖެހޭ ވާހަކަ އެކެވެ. އެއީ ކައިވެނި ކުރުމުގެ މައްސަލައިގައި އަންހެން ކުދިންގެ(އަދި ފިރިހެންކުދިންގެވެސް) ރުހުމާ އެދޭގޮތް ހޯދައި އަޑުއަހަން، މައިންބަފައިންނަށް ޖެހޭނެއެވެ. ފަހަރެއްގައިވެސް ބައްޕައަކު އޭނާގެ އަންހެން ދަރިފުޅު އެދޭގޮތް އަޑު ނާހައި، އެ ކުއްޖާ ނުރުހޭ މީހަކާ ގަދަކަމުން ދެވައިގެން ނުވާނެއެވެ. މިހެން ވެއްޖެނަމަ އެ ކުއްޖާ ޒަވާޖީ ޙަޔާތް އެ ފައްޓަނީ، އުފަލާ ހިތްހަމަ ޖެހުމުގެ ބަދަލުގައި ނުރުހުމާ ހިތާމައާ އެކުގައެވެ. ދީން ދެކެން ބޭނުންވަނީ ޒަވާޖީ ޙަޔާތެއްގައި ލޯތްބާއި ކުލުނު، އަޅާލުމާއި އަދި އޯގާތެރިކަން އޮންނަތަނެވެ.

ނުރުހުމުގައި ކުރެވޭ ކައިވެންޏެއްގައި މި ކަންތައްތައް ނު ހިމެނޭނެކަން، އެއީ އިރު ފަދައިން ފާޅުކަން ބޮޑު ކަމެކެވެ. ކައިވެނި ކޮށްގެން އެ ފިރިމީހާއާ އެކު އުޅޭނީ ބައްޕައެއް ނޫނެވެ. އުޅޭނީ އަންހެން ކުއްޖާއެވެ. ވީމާ އޭނާގެ ރުހުން މިކަމުގައި ކޮންމެހެންވެސް ބޭނުމެވެ.

ދަރިންގެ ކައިވެނީގައި މައިންބަފައިންގެ ދައުރަކީ އިރުޝާދު ދިނުމާއި ވިސްނައި ދިނުމެވެ. އަދި އެކަށީގެންވާ ރަނގަޅު ފިރިއަކު/އަންބަކު ހޯދައި ދިނުމުގައި ދަރިންނަށް އެހީތެރިވުމެވެ. ފަހަރެއްގައިވެސް އެ މީހުންގެ ޙާޟިރާއި މުސްތަޤްބަލަށް ބާރު ހިންގައި އެ މީހުންގެ ހިތާއި ސިނކުޑިއަށް ގަދަބާރު ހިންގުމެއް ނޫނެވެ. އަދި އެ ކުދިން ކައިވެނި ކުރަން ބޭނުން ނޫން މީހުންނާއި ދެވުމަކީ ކުދިންގެ ޙައްޤުގައި ކުރެވޭ ބޮޑު ޖަރީމާއެކެވެ. ހަމަ އެހެންމެ ދީނީ ގޮތުން މަޤްބޫލު ސަބަބެއް ނެތި، ކުދިން ލޯބިވާ މީހަކާއި އެ ކުދިންގެ ކައިވެންޏާއި ދެމެދަށް ހުރަސް އެޅުމަކީ އެއީ ބޮޑު އަނިޔާއެކެވެ.

ކައިވެނި ކުރުމުގެ ކުރިން، ގާލިހު ކުރުން އެއީ ދީނުގައި އޮންނަ ކަމަކަށް ވުމުގެ ސިއްރަކީވެސް މިއީއެވެ. އާދެ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާގެ ރުހުން ހުރީ ކިހިނެއްތޯ، ކައިވެނީގެ ކުރިން ބަލާލުމަށެވެ. އަދި ހިތްހަމަ ޖެހޭ މީހެއް އިޚްތިޔާރު ކުރުމަށް މަގުފަހި ކުރުމެވެ.

ރުހުން ހޯދުން :

އިސްލާމީ ޝަރީޢަތް އެދެނީ، ކައިވެނީގެ ޙަޔާތް މި ކަމާއި ގުޅުން ހުންނަ ހުރިހާ ފަރާތެއްގެވެސް ރުހުމާއެކު، ބިނާ ކުރުމަށެވެ. އިންނަން އުޅޭ ދެ މީހުންނާއި އެ ދެމީހުންގެ ޢާއިލާގެވެސް ރުހުމާއެކު މިކަން ކުރެވިއްޖެނަމަ، އެއީ އެންމެ ފުރިހަމަ ގޮތެވެ.

ފުރަތަމަ ފަރާތަކީ އަންހެން ކުއްޖާއެވެ:

ކައްވެންޏާމެދު އަންހެން ކުއްޖާވެސް ހުންނަންވާނީ ރުހި ހިތްހަމަ ޖެހިފައެވެ. ކައިވެނި ހަމަ ޖެއްސެނީ ބިކުރުވެރި ކުއްޖެއްގެނަމަ، އޭނާގެ އިޒުނަ ހޯދަން ޖެހޭނެ ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ޞަޙީޙް ބުޚާރީގެ ''އުކުޅުތައް ''(އަލްޙިޔަލް) މި ބާބުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.  ‏ ‏لَا تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ وَلَا الثَّيِّبُ حَتَّى تُسْتَأْمَرَ فَقِيلَ يَا رَسُولَ اللَّهِ كَيْفَ إِذْنُهَا قَالَ إِذَا سَكَتَتْ

މާނައަކީ: "ބިކުރުވެރި އަންހެން ކުއްޖާގެ (ކުރިން ކައިވެންޏެއް ނުކުރާ) އިޒުނަ ހޯދުމުގެ ކުރިން ކައިވެނި ކުރުވައިގެން ނުވާނެއެވެ. އަދި ޘައްޔިބާ (ކުރިން ކައިވެންޏެއް ކޮށްފައިވާ މީހާ) ގެ ހުއްދައާ ލައިގެން މެނުވީ ކައިވެނި ކުރުވައިގެން ނުވާނެއެވެ.'' ދެން ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެ ކުއްޖާ (ބިކުރުވެރި އަންހެނާ) އިޒުނަ ދޭނީ ކިހިނެއްތޯއެވެ؟ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭނާ ހަނުހިމޭންވުމެވެ.''

މި ޙަދީޘްގެ ފަހުބައިގައި ބަޔާން ކުރެވިފާ އެވަނީ، ފަހަރެއްގައި ކުރިން މީހަކާ ނު އިނދެ ހުންނަ އަންހެން ކުއްޖެއް ގާތުން އޭނާގެ ޚިޔާލު އެހުމުން ލަނދުގަނެފައި އެއްޗެއް ނުބުނެފާނެ ކަމަށެވެ. އުޞޫލެއްގެ ގޮތުން ބަލަނީ، ހިމޭންވުމަކީ އެއްބަސްވުމެއް ކަމުގެއެވެ. ކައިވެންޏަށް އިންކާރު ކުރާނަމަ އެ ކުއްޖަކު އެވާހަކަ ބުނަން ޖެހޭނެއެވެ.

ޚަންސާ ބިންތު ޚިޛާމް އޭ ކިއުނު އަންޞާރީ އަންހެން ބޭކަނބަލެއްގެ ރުހުމާ ނުލައި ގަދަކަމުން ކައިވެނި ކުރުމުން، އެ ކަމާ ރަސޫލާއަށް ޝަކުވާ ދެންނެވުމުން ރަސޫލާ އެ ކައިވެނި ބާޠިލް ކޮށްދެއްވިއެވެ. ޞަޙީޙް ބުޚާރީގެ ''ރުހުމާ ނުލާ ކަމެއް ކުރުވުން'' މި ބާބުގައި މި ޙަދީޘް ވާރިދުވެފައިވެއެވެ. عَنْ ‏ ‏خَنْسَاءَ بِنْتِ خِذَامٍ الْأَنْصَارِيَّةِ ‏ أَنَّ أَبَاهَا زَوَّجَهَا وَهِيَ ثَيِّبٌ فَكَرِهَتْ ذَلِكَ فَأَتَتْ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَرَدَّ نِكَاحَهَا ‏

މާނައަކީ: "ޚަންސާ ބިންތު ޚާޛިމް ރިވާ ކުރެއްވިއެވެ. އެކަމަނާގެ ބައްޕާފުޅު، އެ ކަމަނާ ޘައްޔިބެއް ކަމުގައި ވަނިކޮށް، މީހަކާ ކައިވެނި ކުރުވުމުން އެކަމާ ނުރުހުނެވެ. ދެން ރަސޫލާ އަރިއަހަށް ވަޑައިގަތެވެ. (ޝަކުވާ ދެންނެވުމުން) އަދި ރަސޫލާ އެ ކައިވެނި ބާޠިލް ކުރެއްވިއެވެ.''

ސުނަން އިބްނު މާޖާގެ ކައިވެނި ބާބު(އައްނިކާޙް) ގައި ވާރިދުވެފައިވާ އެހެން ޙަދީޘެއްގައިވެއެވެ. عَنْ ‏ ‏ابْنِ بُرَيْدَةَ ‏ ‏عَنْ ‏‏ أَبِيهِ ‏ ‏قَالَ ‏ جَاءَتْ فَتَاةٌ إِلَى النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَتْ ‏ ‏إِنَّ أَبِي زَوَّجَنِي ابْنَ أَخِيهِ لِيَرْفَعَ بِي خَسِيسَتَهُ قَالَ فَجَعَلَ الْأَمْرَ إِلَيْهَا فَقَالَتْ قَدْ أَجَزْتُ مَا صَنَعَ أَبِي وَلَكِنْ أَرَدْتُ أَنْ تَعْلَمَ النِّسَاءُ أَنْ لَيْسَ إِلَى الْآبَاءِ مِنْ الْأَمْرِ شَيْءٌ ‏

މާނާއަކީ: ''އިބްނު ބުރައިދާ އެކަލޭގެފާނުގެ ބައްޕަގެ އަރިއަހުން ރިވާ ކުރެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބީކަލޭގެފާނުގެ އަރިއަހަށް އަންހެން ކުއްޖަކު އައިސް ދެންނެވިއެވެ. އަޅުގަނޑުގެ ބައްޕަ، އަޅުގަނޑުގެ ކައިވެނި، ބައްޕަގެ ބޭބެގެ ދަރިއަކާ ކުރުވައިފިއެވެ. އެއީ އެމީހާގެ ހުރި ދަށްކަން އަޅުގަނޑުގެ ސަބަބުން، މޮޅު ކުރުވުމަށެވެ. ވިދާޅުވިއެވެ. (ރިވާކުރެއްވި ފަރާތް) ދެން އެކަލޭގެފާނު، ކަމުގެ އިޚްތިޔާރު އެ ކުއްޖާއަށް ދެއްވިއެވެ. އެހިނދު އެ ކުއްޖާ ދެންނެވިއެވެ. އަޅުގަނޑުގެ ބައްޕަ ހެދި ގޮތަށް ހެދުމުގެ ހުއްދަ ދީފީމެވެ. ފަހެ މިކަމުން އަޅުގަނޑު ބޭނުންވީ، ބަފައިންނަށް މިކަމުގައި ބާރު ނުހިންގޭނެކަން، އަންހެންވެރިން ދަތުމެވެ."

މިއީ މީގެ ސާދަސަތޭކަ އަހަރު ކުރިން އަންހެނުން އެމީހުންގެ ޙައްޤުގެ ބޭނުން ރަނގަޅަށް ހިފަން ދަންނަ ކަމުގެ ހެއްކެކެވެ. އަދި މީހަކު އެ ކަނބަލުންނާމެދު ނުޙައްޤުން ކަމެއް ކޮށްފިނަމަ، މަޑުން ނުތިބޭ ކަމުގެވެސް ހެއްކެކެވެ.

ކައިވެނި ކުރަން ބޭނުން ނުވާ މީހަކާއި ކައިވެނި ކުރަން ދަރިއަކަށް މަޖްބޫރު ކުރުމުގެ ޙައްޤު މައިންބަފައިންނަކަށް ލިބިގެން ނުވެއެވެ. އަދި މިހާލަތުގައި އޭނާ އެ މީހުންގެ ބަސް ނޭހިޔަސް އެއީ މައިންބަފައިންނަށް ނުކިޔަމަންތެރި ވުން ކަމަކަށް ނުވާނެއެވެ. ފަހެ ދަރިފުޅު ކުރިމަތީގައި މީރު ކާ އެއްޗެއް ހުއްޓާ، ކާން ބޭނުން ނުވާ ނުބައި އެއްޗެއް ކާން މަޖްބޫރު ކުރުން އެއީ މައިންބަފައިންގެ ތެރެއިން އެކަކަށް ވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. ވީމާ ކައިވެނި ކުރުވުން މަޖްބޫރު ނުކުރެވުން މާ އައުލާކަން ބޮޑެވެ. ނުބައި އެއްޗެއް ކެއުމުން ލިބޭނީ ގަޑިއެއްގެ އިރުގެ އުނދަގުލާއި ވޭނެވެ. ނަމަވެސް ހިތްހަމަ ނުޖެހޭ މީހަކާއި އިނދެގެން އުޅުން އެއީ ދާއިމީ އުނދަގުލެކެވެ.

ދެވަނަ ފަރާތަކީ އަންހެން ކުއްޖާގެ މައިންބަފައިންނެވެ:

އަންހެން ކުއްޖާ ރުހުން އެހާ މުހިއްމު ކަމަކަށް ވުމާ އެކު އެކީ، އޭނާގެ ބައްޕަގެ ވަލީއަކީވެސް އެހާ މުހިއްމު އެއްޗެކެވެ. ކައިވެނި ފުރިހަމަވެ ޞައްޙަ ވުމުގައި ވަލީ އެއީ ޝަރުޠެއް ކަމަށް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އަދި ރާޖިޙް ރައުޔަކީވެސް މިއީއެވެ.

އަބޫދާއޫދް، އަޙްމަދު އަދި ތިރުމިޛީ، ޢާއިޝަތުގެފާނު އަރިއަހުން ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ ‏ ‏عَائِشَةَ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏‏ أَيُّمَا امْرَأَةٍ نَكَحَتْ بِغَيْرِ إِذْنِ ‏‏ وَلِيِّهَا ‏‏ فَنِكَاحُهَا بَاطِلٌ فَنِكَاحُهَا بَاطِلٌ فَنِكَاحُهَا بَاطِلٌ

މާނައަކީ: ''ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އަންހެނަކު އޭނާގެ ވަލީވެރިއާގެ ހުއްދައާ ނުލާ ކައިވެނި ކޮށްފިނަމަ، އެ ކައިވެނި އެއީ ބާޠިލު އެއްޗެކެވެ. ތިންފަހަރު މިހެން ޙަދީޘްކުރެއްވިއެވެ.''

އަދި އެހެން ޙަދީޘެއްގައި ވެއެވެ. لاَ نِكَاحَ إلا بِوَليٍ وَشَاهِدَي عَدْل

މާނައަކީ: ''ޢަދުލުވެރި ދެހެކިވެރިންނާއި، ވަލީވެރިއާ ނުލައި ކައިވެނި ޞައްޙަވުމެއް ނެތެވެ.''

ހަމަ އެހެންމެ ވިސްނާލަން ޖެހޭ ތަންކޮޅަކީ، މައިންބަފައިންގެ ތެރެއިން ބަސްވިކެނީ ހަމައެކަނި ބައްޕަގެ ނޫންކަމެވެ. ވަލީ ދިނުން ފިރިހެނުންނާއި، އިސްލާމް ދީން ހަވާލުކޮށްފައި ވިޔަސް، އަންހެން ކުއްޖެއްގެ ކައިވެނީގާ މަންމަގެ ބަސްވެސްއަޑު އެހުން އެއީ އޮންނަންވާނެ ކަމެކެވެ.

ސުނަން އަބީ ދާއޫދްގެ ކައިވެނި (ނިކާޙް) މި ބާބުގައި ރިވާކުރެވިފައިވާ ޙަދީޘެއްގައި ވަނީ:‏‏ آمِرُوا النِّسَاءَ ‏ ‏فِي بَنَاتِهِنَّ ‏

މާނައަކީ: ''އަންހެނުންނާ، އެ ކަނބަލުންގެ އަންހެންކުދިން ކައިވެނި ކުރުވުމުގައި މަޝްވަރާ ކުރާށެވެ.''

ވީމާ މި ގޮތުގެ މަތިން އަންހެން ކުއްޖާގެ ރުހުމާ، އެ ކުއްޖާގެ ބައްޕައާ މަންމަގެ ރުހުމާ ދެ ފަރާތުގެ ޢާއިލާގެ ރުހުމުގެ މަތިން ކައިވެނި ކުރުމުން އެންމެންވެސް ތިބޭނީ އާ ކައިވެންޏަކުން ލިބޭނެ ހިތްހަމަ ޖެހުން ލިބިފައެވެ.

ދެކޮޅު ހަދައިފިނަމަ ހަދާނީ ކިހިނެއް ؟

ދެ މީހަކު ކައިވެނިކުރަން ނިންމައިގެން އެކަން އަންހެން ކުއްޖާގެ ޢާއިލާއަށް ހުށައެޅުމުން، އިންކާރު ކޮށްފިއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟ ގެއިން ނިކުމެގެން ފިލާނީ ހެއްޔެވެ؟ މަންމަ ރޮއްވާލާފައި ދާނީ ހެއްޔެވެ؟ ޢާއިލާއާއި ގުޅުން ކަނޑާފައި ޒަވާޖީ ޙަޔާތް ފައްޓާނީ ހެއްޔެވެ؟ އެންމެ ގުޅުމަކަށްޓަކައި އެތައް ބައިވަރު ގުޅުންތަކެއް ކަނޑާލާނީ ހެއްޔެވެ؟ އާޢިލީ ތިމާގެ ކަމުގެ އެތައް ގުޅުމެއް ކަނޑާފައި، ފަހަރެއްގައި ހަމަ ވަރިއަކުންވެސް ނިމިދާނެ ކައިވެންޏެއް ފައްޓާނީ ހެއްޔެވެ؟

މިއީ ހައްތާވެސް، ހަމަ ހިމޭންކޮށް ފިނި ސިނކުނޑިއަކުން ވިސްނާލާފައި ޖަވާބު ދޭންޖެހޭ ސުވާލު ތަކެކެވެ.

މި ސުވާލު ތަކަށް ޖަވާބު ލިބުމުން ދެން އޮތް އަނެއް ސުވާލަކީ، އަންހެން ކުއްޖާގެ ޢާއިލާ މީހުން މި ކައިވެންޏާ ދެކޮޅު ހަދާ ސަބަބަކީ ކޮބައިތޯއެވެ؟ އެއީ އެ މީހުން އަންހެން ކުއްޖާއަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ހެއްޔެވެ؟ ލޯބިވާ ބަޔަކު ސަބަބަކާ ނުލާ ވަކި ކުރަން ބޭނުންވަނީ ހެއްޔެވެ؟ ދީނާއި ޚުލްޤު އަދި އުޅުމެއް ހުރި ފިރިހެން ކުއްޖަކު ކައިވެންޏަށް އެދި އައިމާ އިންކާރު ކުރަނީ ހެއްޔެވެ. މީހަކާ އިންނަ ޢުމުރަށް ގޮސް ، އެކަމަށް އެކަށީގެންވާ އިރުވެސް ދެކޮޅު ހަދަނީ ހެއްޔެވެ؟

ޖަވާބަކީ ''ހޫނ'' ނުވަތަ ''އާނ'' ކަމުގައި ވަނީނަމަ، މި ފަދަ ޙާލަތެއްގައި ވަލީ ވެރިއާ އޭނާގެ ބާރު އެ ހިފަނީ ނާޖާއިޒު ގޮތުގައެވެ. އެހެން ކަމުން އަންހެން ކުއްޖާއަށް ކޯޓަށް ގޮސްގެން ކައިވެނި ކުރެވިދާނެއެވެ. އަދި ޢާއިލާ މީހުން އެތިބީ ޙައްޤު ގޮތުގައެއްވެސް ނޫނެވެ. ވީމާ އެއީ މައިންބަފައިންނަށް ނުކިޔަމަންތެރި ވުމަކަށް ނުވާނެއެވެ.

ޝައިޚް ޢަޠިއްޔާ ޞަޤްރު ވިދާޅުވެފައިވަނީ، ދެ ފަރާތުން ކުރެ ފަރާތެއްގެ ޢާއިލާ މީހުން ކައިވެންޏަށް ހުރަސް އަޅަނީ، އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާގެ ކިބައިގައި ދީނީ ގޮތުން ހުރި އުނިކަމެއްގެ ސަބަބުން ކަމުގައި ވަނީނަމަ، ޢާއިލާ މީހުން ބުނާ ގޮތަށް ހެދުން ވާޖިބެވެ. އަދި މިފަދަ ޙާލަތެއްގައި މައިންބަފައިންނާ ދެކޮޅު ހެދުންވާނީ އެ މީހުންނަށް ނުކިޔަމަންތެރިވުން ކަމުގައެވެ.

މި ސާލަކަށް ފިރިހެން ކުއްޖާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނުވަތަ ، ވައްކަން ކުރާ މީހެއް ކަން ޢާއިލާއަށް އެނގިގެން ކައިވެންޏާ އިންކާރު ކުރުމުން ، އަންހެން ކުއްޖާ އިތުރަށް ގަދަ ދައްކައިގެން ނުވާނެއެވެ. އެކަމަކު މައިންބަފައިން އިންކާރު ކުރަނީ އެއީ ދުނިޔެވީ ސަބަބަކަށްޓަކައި ނަމަ، މައިންބަފައިންގެ ބަސް ޤަބޫލު ނުކުރުމުގެ ޙައްޤު ކައިވެނި ކުރަން ބޭނުން ކުއްޖާއަށް ލިބިގެން ވެއެވެ.

ކައިވެންޏަށް އެދި އަންނަ މީހާ ފަހާލުން! :

ބައެއްފަހަރު، އަންހެން ކުއްޖާ ހިތް އެދޭ ބަރާބަރު ފިރިހެން ކުއްޖެއް، އަންހެން ދަރިފުޅާ ޒަވާޖީ ގޮތުން ގުޅެން އައިމާ ފަހާލެވޭތަން އާދެއެވެ. އޭނާ ފަޤީރުވީމައެވެ. ނުވަތަ ވަކި ރަށެއްގެ މީހަކަށް ވީމައެވެ. ނުވަތަ ކުލައިގެ ތަފާތެއް ހުންނާތީއެވެ. ނުވަތަ އިޖްތިމާޢީ ފަންތީގެ ތަފާތެއް ހުރީމައެވެ. މިއީ ރަނގަޅު ގޮތް ނޫން ކަމުގައި އަހަރެމެންގެ ދީން ދަސްކޮށް ދީފައިވެއެވެ. ސުނަން އިބްނި މާޖާ ގައި އިބްނު ޢައްބާސްގެ އަރިއަހުން ރިވާ ކުރެވިފައިވާ ރަސޫލާގެ ޙަދީޘްފުޅެއްގައިވަނީ: عَنْ ‏ ‏ابْنِ عَبَّاسٍ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏لَمْ نَرَ لِلْمُتَحَابَّيْنِ مِثْلَ النِّكَاحِ ‏

މާނައަކީ: ''ދެލޯބިވެރިއަކަށް ކައިވެނި ފަދަ އެއްޗެއް ނުވެއެވެ.''

އެބަހީ ލޯބި ވާ ބަޔަކަށް އޮތް އެންމެ ރަނގަޅު ޙައްލަކީ އަދި އެ ލޯބި އާލާކުރެވޭނެ މަގަކީ ކައިވެންޏެވެ.

އަދިވެސް ހަމަ ސުނަން އިބްނި މާޖާގެ ''ކައިވެނި '' (އައްނިކާޙް) ބާބުގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا أَتَاكُمْ مَنْ تَرْضَوْنَ خُلُقَهُ وَدِينَهُ فَزَوِّجُوهُ إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ ‏‏ عَرِيضٌ ‏

މާނައަކީ: "އެމީހެއްގެ ޚުލްޤާއި ދީނާ މެދު ކަލޭމެން ރުހޭ މީހެއް އަތުވެއްޖެނަމަ (އަންހެން ކުއްޖެއްގެ އަތަށް އެދި)، ކައިވެނި ކޮށްދޭށެވެ. އެހެން ނުހަދައިފިނަމަ އެކަންވާނީ ބިމުގައި އުފެދޭ ފިތުނައެއް އަދި ބޮޑު ފަސާދެއް ކަމުގައެވެ.''

ޔަޢުނީ، އަހަރެމެން ބަލާ މިންގަނޑަކީ ހަމަ އެކަނި މާއްދީ މިންގަނޑުތަކެއް ނަމަ، ގިނަ ފިރިހެނުން ތިބެން ޖެހޭނީ ކައިވެނި ނުކުރެވިފައެވެ. އަންހެނުންވެސް ޢުމުރު ހުސްވާނީ ހުސްހަށިބައިކަން މަތީގައެވެ. މިކަންވާނީ ފާޙިޝް ކަންތަކަށާއި އިޖްތިމާޢީ މައްސަލަތަކަކަށް ހުޅުވާލެވޭ ދޮރެއް ކަމުގައެވެ.

މަޤްބޫލް އެއްވެސް ޢުޒުރެއް ނެތި ޖެއްސުން ކުރުމުގެ ފާޑަށް، މައިންބަފައިން ކައިވެންޏަށް ހުރަސް އަޅާނަމަ ކުދިން ބަލަން ޖެހޭނީ، އެމީހުންނާ ކުރިމަތިލުމެއް ފައްޓައި ޢަދާވާތެރި ވުމުގެ ބަދަލުގައި، ވާހަކަ ދައްކައިގެން މައްސަލާގައި އޭނާގެ ކޮޅަށް ހުރި ނުކުތާތައް މައިންބަފައިންނަށް ވިސްނައި ދޭށެވެ. އަދި އެ މީހުން ތިބީ ރަނގަޅު ގޮތުގައި ހިފަހައްޓައިގެން ނޫންކަމާއި، ފިރިހެން ކުއްޖާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް (ހަމަ އަސްލުވެސް ހުރިނަމަ) ކިޔައިދޭށެވެ. އަދި މައިންބަފައިން އެއްބަސް ނުވަނީ ފައިސާގެ ސަބަބަކާ ހެދިނަމަ، އެއީ ކައިވެނި ކުރުމުގައި އެންމެ އިސްކަން ދޭން ޖެހޭ ސިފަ ނޫންކަން، ރަސޫލާ ބަޔާންކޮށް ދެއްވާފައިވާކަން ބުނެދެވިދާނެއެވެ.

އަދި މިފަދަ މަޝްވަރާ ވާހަދެއްކުމެއްގެ ތެރެއަށް، ދައްތައެއް ނުވަތަ ތިމާގެ މީހެއްގެ އެހީވެސް ވެއްދިދާނެއެވެ. މި ގޮތަށް މިކަން ކުރަން ޖެހޭނީ، ތިމާ ހުރީ ރަނގަޅު ކޮޅުގައިން ޔަޤީންވާނަމައެވެ.

މި ވަރުންވެސް މައްސަލަ ހައްލުނުވެއްޖެނަމަ، ކަން އޮތް ގޮތް ބެލުމަށްފަހު ޤާޟީ ވަލީ ދީފާނެއެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ގިނަފަހަރަށް ބައްޕަ ނުޤަބޫލަސް، ނުރުހިފައި ހުއްޓަސް ވަލީ ދީފާނެއެވެ. ވީމާ އޭގެ ކުރިން ބައްޕަ އަދި ޢާއިލާ މީހުން ރުއްސަން މަސައްކަތް ކުރަން ޖެހޭނެއެވެ. ތެދު ނިޔަތަކާއެކު މިވަރަށް މަސައްކަތް ކުރުމަށްފަހުވެސް އެ މީހުން ގޮތްދޫނުކުރުން މަތީ ދެމި ތިބޭނަމަ، ދެން ކުރާނެ ކަމެއް ނެތެވެ. އަދި އެއީ މައިންބަފައިންނަށް ނުކިޔަމަންތެރި ވުމަކަށްވެސް ނުވާނެއެވެ.

މި ޙާލަތުގައިވެސް، މައިންބަފައިންނާ ޒުވާބުކޮށް ހަޑި އެއްޗެހި ކިއުން އެއީ އެއްގޮތަކަށްވެސް ހުއްދަވާނެ ކަމެއް ނޫނެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައިގެންވެސް ނުވާނެއެވެ.

މައިންބަފައިންނަށް ކިޔަމަންތެރި ވުމަށް ދީން އެންގެވި އިރު، އެ ކިޔަމަންތެރިކަން އަދާ ކުރުމުގެ މަގު ކުދިންނަށް ތަނަވަސް ކޮށްދިނުމަށް މައިންބަފައިންނަށްވެސް އަމުރު ކުރެވިގެންވެއެވެ.

ކިޔަމަންތެރި ވުމުގައި އޮންނަ ''ރަން ޤަވާޢިދަކީ'' ﷲ އަށް ނުކިޔަމަންތެރި ވުމުގައި މަޚްލޫޤަކަށް ކިޔަމަން ވާން ނުޖެހޭނެ ކަމަށް އޮންނަ ޤަވާޢިދެވެ. މައިންބަފައިންވެސް ނުބައި ކަމަކަށް ބާރު އަޅާނަމަ ނުވަތަ ރަނގަޅު ކަމަކުން މަނާ ކުރާނަމަ، ކިޔަމަން ގަތުމެއް އޮވެގެން ނުވާނެއެވެ. ރަނގަޅު ކަމަކަށް އަމުރު ކުރާނަމަ އިތުރު ސުވާލަކާ ނުލާ ކިޔަމަންވާން ޖެހޭނެއެވެ.

'' އައްޠަލާޤު ވައްލިޢާން ޢަން ރަސޫލިއްﷲ '' މި ބާބުގައި ތިރްމިޛީ ރިވާކުރެއްވި އެވެ.

عَنْ ‏‏ ابْنِ عُمَرَ ‏ ‏قَالَ ‏ كَانَتْ تَحْتِي امْرَأَةٌ أُحِبُّهَا وَكَانَ أَبِي يَكْرَهُهَا فَأَمَرَنِي أَبِي أَنْ أُطَلِّقَهَا فَأَبَيْتُ فَذَكَرْتُ ذَلِكَ لِلنَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا ‏ ‏عَبْدَ اللَّهِ بْنَ عُمَرَ ‏‏ طَلِّقْ امْرَأَتَكَ

މާނައަކީ: ''ޢަބްދުއްﷲ ބިން ޢުމަރު ވިދާޅުވިއެވެ. އަހަރެން އޭނާދެކެ ލޯބިވާ އަންބެއް އަހަރެންގެ ހުއްޓެވެ. އަދި އަހަރެންގެ ބައްޕަ އޭނާދެކެ ނުރުހުންވެލައްވައެވެ. ދެން އެ ކަނބުލޭގެ ވަރި ކުރުމަށް ބައްޕަ އަހަރެންނަށް އަމުރުކުރެއްވިއެވެ. އަދި އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. އަދި އަހަރެން އެވާހަކަ ރަސޫލާއަށް ދެންނެވީމާ ޙަދީޘް ކުރެއްވިއެވެ : އޭ ޢަބްދުﷲ ބިން ޢުމަރެވެ. އަންހެނުން ވަރި ކޮށްލާށެވެ.''

މި ވާހަކައިގައި ބައްޕަގެ އަމުރަށް ކިޔަމަންގަނެ އަނބިމީހާވަރިކުރަން ރަސޫލާ އެންގެވީ އެއީ ސަބަބެއް އޮވެގެންކަން ޔަޤީނެވެ. އާދެ ދީނީ ސަބަބަކަށްޓަކައި މެނުވީ ޢުމަރުގެފާނު އެ އަންހެން މީހާ ދެކެ ނުރުހުންވެ ނުލައްވާނެއެވެ. ފަހެ ޢުމަރުގެ ފާނަކީ އެތައް ޙާލަތެއްގައި އެކަލޭގެފާނުގެ ޚިޔާލުފުޅާ އެއްގޮތްވާގޮތަށް، ވަޙީ ބާވާލެއްވިފައިވާ ބޭކަލެކެވެ.

އިމާމް އަޙްމަދު ބިން ޙަންބަލްގެ ދުވަސްވަރު، ހަމަ މިކަހަލަ މައްސަލައެއްގާ މީހަކު އިމާމް އަޙްމަދަށް ސުވާލު ދެންނެވިއެވެ. ޖަވާބުގައި އަންހެނުން ވަރި ނުކުރަން އެންގެވިއެވެ. އެހިނދު ޢުމަރުގެފާނާ ބެހޭ ޙަދީޘް ހަނދާންކޮށް އެރުވުނެވެ. ނަމަވެސް އިމާމް އަޙްމަދު ދެއްވީ ވަރަށްވެސް އެކަށޭނެ ޖަވާބެކެވެ. އާދެ ވިދާޅުވީ ''ކަލޭގެ ބައްޕައަކީ ޢުމަރުގެފާނު ފަދަ މީހެއް ނަމަ ވަރިކޮށްލާށެވެ.'' މީގެ މާނައަކީ ޢުމަރުގެފާނަކީ، އެބޭކަލެއްގެ ޚިޔާލު ރަނގަޅު ކަމުގައި ވަޙީ ބާވާލެއްވިފައިވާ، ސީދާ ފެނުމެއްގެ ވެރި ބޭކަލެކެވެ. އެންމެންނަކީ އެފަދަ ބައެއް ނޫނެވެ.

ބުޚާރީގައި ވާރިދުވެފައިވާ ޙަދީޘެއްގައި، އިބްރާހީމް ޢަލައިހިއްސަލާމް، ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމްގެ އަންހެނުން ވަރި ކުރުމަށްވެސް އެންގެވިކަމުގައި އައިސްފައިވެއެވެ. ދަރިކަލުންގެ އަނބިމީހާއަކީ ޚުލްޤު ރަނގަޅު މީހެއް ނޫންކަން އެނގިވަޑައިގަތުމުން، އެ އަންހެން މީހާ ކައިރީ ވިދާޅުވީ ''ގޭ ދޮރުގެ އޮޅިގަނޑު ބަދަލުކުރުމަށް'' އިސްމާޢީލް ޢަލައިހިއްސަލާމް އަރިއަހުގައި ދެންނެވުމަށެވެ. އަދި ފަހުން އިސްމާޢީލް އަލައިހިއްސަލާމް ގެއަށް ވަޑައިގަތުމުން މި އަންހެންމީހާ މި ޚަބަރު ދެންނެވުމުން، އޭގެ މާނަ ދެނެވަޑައިގަތެވެ. އަދި އެހެން ހެއްދެވިއެވެ.

މި ގޮތަށް މައިންބަފައިން ބުނެގެން އަންހެނުން ވަރިކުރަން ޖެހޭނެތޯ ނު ޖެހޭނެތޯ އިބްނު ތައިމިޔާ އަރިއަހުގައި ދެންނެވުމުން ފަތުވާ ދެއްވީ މައިންބަފައިން ބުންޏަސް އަންހެނުން ވަރި ކުރަން ނުޖެހޭނެ ކަމަށެވެ. ދަރިފުޅު ވަކި މީހަކާ ކައިވެނި ކުރަން، މަޖްބޫރު ކުރުން ބައްޕައަށް ހުއްދަ ނޫން އިރު ، ވަކި ވަރިކުރަންވެސް މަޖްބޫރު ނުކުރެވޭނެ ކަމަށް އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ. (ޣިޛާއުލް އަލްބާބް، ފުރަތަމަ ބައި، 332 ޞަފްޙާ)

ކައިވެންޏަކީ ދެމަފިރިންގެ ހިތްހަމަޖެހުމާ އުފާވެރިކަމަށް ކަނޑައެޅިފައިވާ ކަމެކެވެ. ހަމަ އެހެންމެ ހަރުދަނާ ޢާއިލާއެއް ބިނާކުރުމަށްވެސް ކުރެވޭ ކަމެއް މެއެވެ. ވީމާ މިފަދަ މުހިއްމު ކަމެއް ބިނާވާން ޖެހޭނީ ކައިވެނި ކުރާ ދެކުދިންގެ ހިތްހަމަޖެހުމާއި ރުހުމުގެ މައްޗަށެވެ. އަނެއްކޮޅުން މިކަމަކީ ޢާއިލީ އަދި އިޖުތިމާޢީ އެތައް ގުޅުންތަކެއްގެވެސް ފެށުމެވެ. ވީމާ މިކަމުގައި މަޞްލަޙަތު އޮތް ރަނގަޅު ގޮތަކީ ހުރިހާ ފަރާތްތަކެއްގެވެސް ރުހުމާއެކު މިކަން ކުރުމެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.