ހުކުރު20201016

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ނަމާދުގައި ޚުޝޫޢަތްތެރި ނުވުމުގެ ޙުކުމަކީ ކޮބާ

ނަމާދުގައި ޚުޝޫޢަތްތެރި ނުވުމުގެ ޙުކުމަކީ ކޮބާ

 ސުވާލު: ނަމާދުގައި ޚުޝޫޢަތްތެރި ނުވުމުގެ ޙުކުމަކީ ކޮބާ ؟ އަދި ނުވެއްޖެނަމަ ނަމާދު ބާޠިލުވާނެތަ ؟

ޚުޝޫޢަތް މިބަހުގެ މާނައަކީ ކިޔަމަންތެރިކަމާއި ބިރުވެތިވުމެވެ. ނުވަތަ މަޑުމޮޅިވުމެވެ. ފަލާހާއި ކާމިޔާބު ލިބޭ މީހުންނަކީ މުއުމުނުން ކަމުގައި، މުއުމިނޫން ސޫރަތުގެ ކުރީކޮޅުގައި މާތް ﷲ ބަޔާން ކުރައްވާފައިވެއެވެ. ކާމިޔާބު ލިބޭ މުއުމިނުންގެ އެއް ސިފައަކީ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ. އަދި އެންމެ ފުރަތަމައަށް އޮތް ސިފައަކީވެސް މިއެވެ.

މުއުމިނޫން ސޫރަތުގައި މިވާ ޚުޝޫޢު ، ޢަލީ ރަޟިޔަﷲ ޢަންޙު ، ސިފަ ކުރައްވަނީ އެއީ "ހިތް މަޑުމޮޅިވުމާއި ގުނަވަންތައް ހަމަހިމޭނުން ބެހެއްޓުން'' ކަމަށެވެ.

ޖަވާބު ދެއްވާފައިވަނީ އައްޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވަނީ:

 

ނަމާދުގައި ޚުޝޫޢަތްތެރި ނުވުމުގެ މާނަ އެތައް ގޮތަކަށް ކުރެވިދާނެއެވެ. އެއީ:

ޚުޝޫޢަތްތެރި ނުވުމުގެ މާނައަކީ، ނަމާދުކުރާ މީހާ ނަމާދަށް ހުންނައިރު، ގައި ކަހާ، ގަޑި ބަލާ، ގިނަ ގިނައިން ހެދުން ރަނގަޅުކޮށް ފަރާތްފަރާތަށް އެނބުރި ބެލުންފަދަ، ނަމާދުން ބޭރު ގިނަ ޙަރަކާތްތައް ކުރުން ކަމަށް ވަނީނަމަ ބުނަން ޖެހެނީ، މި ފަދަ ޙަރަކާތްތައް ގިނަގިނައިން ކޮށްފިނަމަ ނަމާދު ބާޠިލުވާނެ ކަމަށެވެ. އެހެނީ މިއީ ނަމާދުން ބޭރު ބޭކާރު ޙަރަކާތްތަކެކެވެ. މާތް ރަސްކަލާނގެއާއި އެންމެ ކުއްތަންވެވޭ ވަގުތު، އެކަލާނގެއަށް އަޅުކަން ކުރާ މީހަކު މި ފަދަ ބޭކާރު ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމާދަކީ ކޮންއެއްޗެއްކަމާއި، އޭނާ އެ ކުރަނީ ކީއްކަން އެގޭ މުސްލިމަކު މިފަދަ ބޭކާރު ޙަރަކާތްތައް ، ނަމާދުގައި ކުރުމުން ދުރުހެލިވާނެއެވެ.

ޚުޝޫޢަ ނުވުމުގެ މާނައަކީ، ބައެއް ފަހަރު މަދުމަދުން ހަރަކާތެއް ކުރެވި، ނުވަތަ އޭނާގެ ވިސްނުމާއި ސަމާލުކަން ނަމާދުން ބޭރުވެ، ނަމާދާއި އެއްވެސް ގުޅުމެއް ނެތް ދުންޔަވީ ކަންކަމުގެ ތެރޭގައި ދަތުރު ކުރުން ކަމަށް ވަނީނަމަ ، ބުނަން ޖެހެނީ މިފަދަ ކަމަކުން ނަމާދު ބާޠިލު ނުވާނެކަމަށެވެ. ނުޖެ ނުވިއަސް ، މި ކަހަލަ ކަންކަމަކީ ނަމާދުގެ ރޫޙާއި ޚިލާފު އޭގެ ފޮނިކަން އުނިވެގެން ދާނެ ކަންކަންކަމެވެ. ނަމާދުގައި އަސްލު ހުންނަން ޖެހޭނެ ރޫޙަކީ ޚުޝޫޢަތްތެރި ވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ބިރުވެތިކަމާއި މަޑުމޮޅިކަން ގެނެސް ، އަޅުވެތިކަމާއި ގުޅުމެއް ނެތް ޚިޔާލުތަކުން ދުރުހެލި ވުމެވެ. ނަމާދުގެ ފާއިދާ ފުރިހަމައަށް ލިބޭނީވެސް މި ގޮތުންނެވެ. އަލްމުއުމިނޫން ސޫރަތުގައި ، މުއުމިނުން ސިފަ ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވަނީ: قد أفلح المؤمنون، الذين هم في صلاتهم خاشعون

މާނައަކީ: "ހަމަކަށަވަރުން މުއުމިނުން ދިންނަވާ ނަސީބު ލިބިއްޖެއެވެ. އެމީހުންނަކީ އެމީހުންގެ ނަމާދުގައި ކިޔަމަންތެރިވެ ނިކަމެތިވެ ތިބޭ މީހުންނެވެ."

ޚުޝޫޢަތްތެރިކަމުގެ ދެ ވައްތަރެއް ވެއެވެ. އެއީ:

ހިތުގެ ޚުޝޫޢަތްތެރި ކަމާއި، ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމެވެ. ހިތުގެ ޚުޝޫޢަތްތެރި ކަމަކީ ނަމާދު ކުރާ ހިނދުވެސް، މާތް ﷲ ބައްލަވާ ވޮޑިގެންވާކަން ހިތްމައްޗަށް ގެނެސް އެކަލާނގެ މަތިވެރިކަން ހަނދާންކޮށް، ސުވަރުގޭގެ ނިޢުމަތްތައް މަތިން ހަނދާންކޮށް އެއަށް އެދި، ނަރަކައިގެ ޢަޛާބަށް ބިރުވެތިވުމެވެ. ހަމަ އެހެންމެ ކިޔެވެމުންދާ ނުވަތަ ކިޔަވަމުންދާ، ޤުރުއާނުގެ މާނައަށް ވިސްނައި، ނަމާދުގައި ކިޔާ ދުޢާތަކާއިމެދު ވިސްނުމެވެ. ރުކޫޢުގައި، ސަޖިދައިގައި، ދެސަޖިދަ ދެމެދު ނުވަތަ އައްތަޙިއްޔާތުގައި ހުންނައިރު ކިޔާ އެއްޗަކާއި މެދު ވިސްނަން ޖެހޭނެއެވެ. އަދި އޭގެ މާނަ ބަލަން ޖެހޭނެއެވެ.

ސަލަފް ބޭކަލެއް ކަމުގައިވާ ޙާތިމް އަލްއަޞައްމު އާއި، އޭނާ ނަމާދު ކުރައްވަނީ ކިހިނެއްތޯ ސުވާލު ކުރެވުނެވެ. އޭނާ ވިދާޅުވީ:

"އަހަރެން ޙައްޤު ތަކްބީރެއް ބަންނަނީއެވެ. އަދި ތަރުތީލު ކިޔެވުމެއް ކިޔަވަނީއެވެ. އަދި ބިރުވެތިކަމާއިއެކު ރުކޫޢެއް ކުރަނީއެވެ. އެއަށްފަހު ﷲ އަށް ނިކަމެތި ވުމުގެ ސަޖިދައެއް ކުރަނީއެވެ. އަހަރެންގެ ކަނާއަތްފަރާތުގައި އޮތީ ސުވަރުގެ ކަމުގައި ބަލަމެވެ. އަދި ވާއަތްފަރާތުގައި އޮތި ނަރަކަ ކަމުގައިވެސް ބަލަމެވެ. ފައިދަށުގައި އޮތީ ޞިރާޠުމަގު ކަމަށާއި، އަހަރެންގެ ދެ ބުމަ ދޭތެރޭގައި ވަނީ ގެފުޅު ކަމަށްވެސް ބަލަމެވެ. އަދި މަލަކުލް މައުތު ހުންނެވީ ބޯ މަތީ ކަމަށާއި، ފާފަތައް އަހަރެންގެ ވަށައިގެން ވާކަމަށް އަދި އަހަރެންގެ ހުރިހާ ކަމެއް ﷲ ބައްލަވައި ވޮޑިގަންނަވަމުންދާކަން ޔަޤީންކޮށް، މިއީ އަހަރެންގެ ޢުމުރުގައި ކުރެވޭނެ އެންމެ ފަހު ނަމާދު ކަމުގައި ދެކެމެވެ. ދެން އަހަރެންނަށް ވީ ވަރަކުން އިޚްލާޞްތެރިކަމާއި އެކު ނަމާދުކޮށް ސަލާމްދެމެވެ. އެ ވަގުތު އަހަރެންގެ ނަމާދު މާތްﷲ ޤަބޫލު ކުރައްވާނެކަމެއް ނޫންކަމެއް އަހަރެންނަކަށް ނޭގެއެވެ."

އަނެއްކޮޅުން، ދުނިޔޭގެ ހުރިހާ މައްސަލަތަކާއި ނަމާދު ފިޔަވައި އެހެން ހުރިހާކަމެއް ބޮލަށް ލައިގެން، ހިތާއި ސިކުނޑި ނަމާދާއި ދުރަށް ދެވުނަ ދިނުމަކީ އެއީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

ކޮންމެ ގޮތެއް ވިޔަސް، ބައެއްފަހަރު މީހާގެ ބާރު ނުފޯރުވޭ ކަންތައްތަކެއް ނަމާދަށް ހުންނައިރު ދިމާވެދާނެއެވެ. މިސާލަކަށް އަޑުގަދަ ތަނެއްގައި ހުންނަންޏާ ، ބޭރު އަޑުތައް ގަސްތުގައި ނޭހިއަސް އަޑު އިވޭނެއެވެ. މަންޒަރުތައް ގިނަ ތަނެއްގައި ނަމާދު ކުރާނަމަ އެ އެއްޗެއްސާއި ދިމާލަށް ސިކުނޑި ދާގޮތްވެސް ވާނެއެވެ. ވީމައި ނަމާދު ކުރާއިރު މިފަދަ ކަންތައްތަކުން ސަލާމަތްވެވޭނެ ތަނެއްގައި ހުރެގެން ނަމާދު ކުރުން ވަރަށް މުހިންމެވެ. އަދި ނަމާދަށް ހުންނަ ކުޑަކުޑަ ވަގުތުކޮޅަކީ، ދުނިޔޭގެ މައްސަލަތަކުން ދުރުވެގެން ހުންނަ ވަގުތުކޮޅަކަށް ހަދާށެވެ.

ޚުޝޫޢުގެ ދެވަނަ ވައްތަރަކީ ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމެވެ. މިއީ ހިތުގެ ޚުޝޫޢަތްތެރިކަމަށް ފުރިހަމަ ކަމެއް ގެނެސްދީ ހިތުގައި އޮންނަ ޚުޝޫޢަތްތެރިކަން ބޭރުފުށުން ދައްކުވައިދޭ އެއްޗެވެ. ހިތުގައި ﷲ އަށް ބިރުވެތިކަމާއި، ތަވާޟުޢުވެރިކަން އޮންނަ މީހެއް ނަމާދަށް ހުންނައިރު ފަރާތް ފަރާތް ބަލާ ހޯދާ، ނަމާދުން ބޭރު އިތުރު ޙަރަކާތްތައް ނުކުރާނެއެވެ. ނަމާދަށް ހުރެ ނަމާދުން ބޭރު ގިނަ ހަރަކާތްތައް ކޮށްފިނަމަ ނަމާދު ބާޠިލުވާނެ ކަމަށް ޢިލްމުވެރިން ދެކެލައްވައެވެ.

ގުނަވަންތަކުގެ ޚުޝޫޢަތްތެރިކަމުގެ މާނައަކީ، ވަހުތާނެއް އެނބުރޭހެން ފަރާތްފަރާތަށް ނުއެނބުރި، ކުޅިވަރު ނުކުޅެ، ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލޭފަދަ، ބޭކާރު ޙަރަކާތްތައް ނުކުރުމެވެ.

މުހިއްމު ބައެއް ނުކުތާތައް :

ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރަނީ އަހަރެމެން ﷲގެ ރަސްކަންފުޅުމަތިން ހަނދާންކުރުމާއި ދުރަށް ގެންދިއުމެވެ. މި މަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތަކަށްވާނީ މުސްލިމާ ﷲ އާއި އެންމެ ބޮޑަށް ކުއްތަންވާން މަސައްކަތް ކުރާވަގުތުކަން ޔަޤީނެވެ. އޭރަށް ﷲ ޛިކުރު ކުރަން އަހަރެމެންނަށް ލިބޭ ރަނުގެ ފުރުސަތު، އިބިލީހަށް ބޭކާރު ކޮށްލެވޭނެއެވެ.

ދުވަހަކުވެސް ހިތަށް ނާރާ ވާހަކަތަކާއި، ސިލްސިލާ ފިލްމެއްހެން ސިކުނޑީގެ މަންޒަރުތައް ނަމާދަށް ހުންނައިރު ފެންނަގޮތް ވެއެވެ. ފައިސާލިބޭނެ ގޮތަކާއި، ޢާއިލީ މައްސަލަތައް، ތާއީދު ކުރާ ފުޓްބޯޅަ ޓީމު މިއަދު މެޗުން ވާނެ ގޮތް، މިއީ ހައްތާވެސް ނަމާދަށް ހުންނައިރު ހިތަށް އަރާ ކަންތަކެވެ. މި މައްސަލައަކީ މިއީ ގިނަފަހަރަށް ހަމަ އާދައިގެ މަސައްކަތަކުން އެއްކިބާވެވިދާނެ މައްސަލައެކެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންތަކަކީ :

1 ޖަމާޢަތުގައި ނަމާދު ކުރުން :

އެހެނީ އެކަނި ގޭގައި ނަމާދު ކުރާނަމަ ސިކުނޑިއަށް އަރާފައިބާ ޚިޔާލުތައް މިސްކިތުގައި ހުންނަ އިރަށްވުރެ ގިނަވާނެއެވެ. ގޭ މީހުން ވާހަކަ ދައްކާ އަޑު، ޓީވީ އަޑު، ކުދިން ރޯ އަޑު ފަދަ އަޑުތައް ގޭގައި އިވޭނެއެވެ. މިސްކިތުގައި ޖަމާޢަތު ނަމާދު ކުރާއިރު، ފާޅުގައި ކިޔަވާ ނަމާދެއްނަމަ ސަމާލުކަން ދެވޭނީ އިމާމު ކިޔަވާ އަޑަށެވެ. ނުވަތަ ދެން އޮތް ޙަރަކާތަށް ބަދަލުވާން ﷲ އަކްބަރު ކިޔާނެ ވަގުތަކަށެވެ. މިއީ ހަމަ ގައިމުވެސް، ސިކުނޑި ނިމުމެއް ނެތް ހުވަފެންތަކުގެ ކަނޑެއްގައި ދުއްވުމަށްވުރެ ރަނގަޅު ގޮތެކެވެ. މިކަން އަޅެ ނިކަން ތަޖުރިބާ ކޮށްލަ ބަލާށެވެ.

2- އިސްތިޢާޛާ މިއީ ވަސްވާސްތަކުން ދުރުވާން އޮތް އެންމެ ރަނގަޅު ބޭހެވެ. އިސްތިޢާޛާ އަކީ ﷲ ގެ ކިބަފުޅުން ، ތިމަންނަ ޝައިޠާނާއާއި ދުރުކޮށްދެއްވައި ސަލާމަތް ކުރެއްވުން އެދި ކުރާ ދުޢާއެވެ. އަހަރެމެން މިކިޔާ އަޢޫޛަކީވެސް އެއީއެވެ.

ފުއްޞިލަތު ސޫރަރުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللهِ إِنَّهُ هُوَ السَّمِيعُ العَليمُ

މާނައަކީ: "ޝައިޠާނުގެ ފަރާތުން ހެއްލުމަކުން ކަލޭގެފާނު ހައްލައިފިނަމަ ، މާތްﷲގެ ޙަޟްރަތަށް އިސްތިޢާޛަތުކޮށް ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއެއީ އައްސަވާ އަދި ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ﷲގެ ރަސްކަންފުޅު މަތިން ހަނދާންކޮށް، އަދި އެކަލާނެ މަތިވެރިވަންތަނަކަން ހިތަށް ގެނެސްގެން ހުރެ ، ނަމާދު ގައި ކިޔަވާ ސޫރަތްތައް އެކަށީގެންވާ ލަސްމިނަކަށް ކިޔާށެވެ. ދެން ނަމާދުގައި މިކިޔާ ދުޢާތަކުގެ މާނަ ހޯދައި ދަސް ކުރާށެވެ. ކުޑަ އިރުއްސުރެ رب اغفر لي وارحمني، واجبرني، وارفعني، وارزقني، واهدني، وعافني

މި ދުޢާ ކިޔާ ކިޔާ ހުންނާނީ ވަރަށް ރަނގަޅަށް ހިތުގައި ހަރުލެވިފައެވެ. ވީމާ ޓީވީ ގޭމެއް ކުޅެމުން ވެސް، ކޮންމެ މީހަކަށްވެސް މި ދުޢާ ކިއިދާނެއެވެ. ނަމާދުގައި ވެސް ވަނީ މި ކަޖަލަ ގޮތެކެވެ. ނަމާދު ކުރާއިރު އިސްކަން ދެވެނީ އެ ދުޢާ ކިޔަންޖެހޭ ވަގުތު ކިޔަންޖެހޭ ތަނުގައި ކިޔާށެވެ. އެހެންވެ ސިކުނޑި ކޮންމެ ތާކު ހުއްޓަސް، މި ދުޢާ ކިޔާލެވެއެވެ. ދެން ހަމަ އޮޓޯ ހަރަކާތަކުން ދެވޭނީ، ސަޖިދައަށެވެ. ކުރު ގޮތަކަށް ބުނާ ނަމަ ނަމާދުގެ ހުރިހާ ކަމެއްވެސް ދާނީ މިކަހަލަ އޮޓޯ" ހަރަކާތްތަކަކުންނެވެ.

މި ގޮތަށް މިވަނީ ކިއޭ އެއްޗަކާއި މެދު ނުވިސްނާތީއެވެ. ނަމާދު ކުރާއިރު ހިތުގައި އޮންނަންޖެހޭ ބިރުވެތިކަން ނެތުމުންނެވެ. ވީމާ އޮތް އެއ ޙައްލަކީ ކުރިންވެސް ބުނި ހެން ދުޢާތަކުގެ މާނަ ކޮންމެވެސް ގޮތަކަށް ދަސްކުރުމެވެ. ކޮންމެ ދުވަހަކު ފަސްފަހަރު ކިޔާ އެއްޗެހިތަކެއްގެ މާނައެއް، ކިއުނީ ކީކޭކަން ނޭނގި ކިއުން މިއީ ވަރަށް ކަމުނުދާ ގޮތެކެވެ. އަދި މީގެ އިތުރަށް ޢައްމާ ފޮތުގެ ކުރު ސޫރަތްތަކުގެ މާނަވެސް ދަސްކުރެވިދާނެއެވެ. އޭރަށް وَالضُّحَى  ކިޔާ އިރު އޭގެ މާނައާއި މެދު ވިސްނެމުން ދާނެއެވެ.

3- އުންމީދު ކަނޑާލައި، އަމިއްލަ ނަފުސު ކުއްވެރި ނުކުރާށެވެ.

ކަންކަމުގައި އުންމީދު ކަނޑާލައި، އަމިއްލަ ނަފްސު ކުއްވެރި ކުރަން ފެށުން މިއީ ނަފްސާނީ ބަލިތަކުގެ ފެށުމެވެ. ވީމާ މި ކަހަލަ ކަންތަކުން ދުރުވާށެވެ. ވަރަށް ގިނަ ބައެއްގެ ހިތަށް މިހެން އުޅޭ އުޅުމުގައި ފާޑުފާޑުގެ، ސުވާލުތައް ހިތަށް އަރައެވެ. ﷲ ގެ ޛާތުފުޅާއި ބެހޭގޮތުން ހިތަށް އަރުވައިގެން ނުވާނެ ސުވާލުތައް ހިތަށް އަރައެވެ. އިސްލާމީ ޢަޤީދާގެ އެންމެ އަޑީގެ މައްސަލަތަކާއި މެދު ސުވާލު އުފެދިދާނެއެވެ.

ނަމަވެސް މިއީ ގަސްތަކާއި ނުލާވާ ކަމެއްނަމަ، އަހަރެމެން ކުރާނެ ކަމެއް ނެތެވެ. ކުރެވިދާނެ ކަމަކީ މި ޚިޔާލުތަކާއި ދުރަށްދާން މަސައްކަތް ކުރުމެވެ. ނަމަވެސް ނަފްސާނީ ޢިލްމުވެރިން ބުނާގޮތުން މީހަކު މާ ބޮޑަށް ކަމެއް ހަނދާން ނައްތާލަން މަސްކަތް ކުރާނަމަ، އެ ކަން ހަނދާން ވާލެއް ބޮޑުވާނެ ކަމަށެވެ. އެއީ ހަނދާން ނައްތާލަން މަސައްކަތް ކުރާއިރުވެސް އެކަން ސިކުނޑީގެ ހަނދާނަށް އަންނާނެއެވެ. ވީމާ މި ކަހަލަ ބައެއް ކަންތަކަށް އޮތް އެންމެ ރަނގަޅުގޮތަކީ، އެ ކަންތައް މާ ބޮޑު ނުކޮށް އަޅާވެސް ނުލުމެވެ. އޭރަށް އެއްފަހަރު ހިތަށް އަރާފައި ހިނދުކޮޅަކުން ފޮހެވިދާނެއެވެ.

ވަސްވާސް އައިސްފިނަމަ ހަދާނެ ގޮތް ރަސޫލާ ދަސްކޮށްދެއްވާފައިވެއެވެ.

ބުޚާރީ، މުސްލިމުގައި އައިސްފައިވާ، ރަސޫލާގެ ޙަދީޘްފުޅެއްގައި ވަނީ : يأتي الشيطان أحدَكم فيقول: مَن خلق كذا، مَن خلق كذا، حتَّى يقول: مَن خلق ربَّك؟ فإذا بلغ ذلك فلْيستعِذْ بالله ولْيَنْتَهِ

މާނައަކީ: "ކަލޭމެން މީހެއް ކައިރިއަށް ޝައިޠާނާ އައިސް، އެވެނި އެއްޗެއް މިވެނި އެއްޗެއް އުފެއްދީ ކާކުތޯ ސުވާލު ކުރާނެއެވެ. އަދި އެންމެ ފަހުން ކަލޭގެ ކަލާނގެ ހެއްދެވީ ކާކުތޯވެސް ސުވާލު ކުރާނެއެވެ. އެހިސާބަށް ހިގައްޖެނަމަ އިސްތިޢާޛާ ހޯދައި، މި ޚިޔާލާއި ދުރުވެގަންނާށެވެ."

4 - ނަމާދު ކުރާއިރު ސަޖިދަ ޖަހާތަނަށް ބަލާށެވެ. ވިސްނުން ވިއްސިވިހާލި ވާނަމަ، ވީހާވެސް ސާދާ ކުރެހުން ހުންނަ މުސައްލައެއް ބޭނުން ކުރާށެވެ. ނަމާދަށް ޖަމާޢަތުގައި ހުންނައިރު ، ނަމާދު ކުރަން ދެން ތިބޭ މީހުންނަށް ބެލޭގޮތްވާނަމަ، އެންމެ ކުރީ ސަފުގައި ހުންނާށެވެ. އޭރަށް ކުރިމަތީގައި ހުންނާނީ ފާރެވެ. ފަރާފަރާތަށް ލޯ ދިއުން މިގޮތުން ތަންކޮޅެއް މަދުކުރެވިދާނެއެވެ.

5 - ނަމާދަށް ހުންނަންޖެހޭ އަސްލު ގޮތަކީ ލޯ ހުޅުވައިގެން ހުރުމެވެ. ދެ ލޯ މަރައިގެން ބާރުކޮށްގެން ހުރުމެއް ނޫނެވެ. ކަމަކާއި ނުލައި ލޯ މަރައިގެން ހުރެ ނަމާދު ކުރުން މަކްރޫހަވެގެން ވެއެވެ. ނަމަވެސް ލޯ ހުޅުވައިގެން ހުރުމުން ސިކުނޑި ވިއްސިވިހާލިވާ ކަމަށާއި ، ލޯ މެރުމުން ބޮޑަށް ނަމާދުތެރެއަށް ވަދެވޭނަމަ ލޯ މެރުމުގައި ގޯހެއް އޮތް ކަމަކަށް ޢިލްމުވެރިން ދެކެ ނުލައްވައެވެ.

6 - ނަމާދަށް ހުއްޓާ މީހަކު ކުރާ ކަމަކުން ނުވަތަ ފެންނަ މަންޒަރަކުން ހީގެންފިނަމަ ، ނަމާދު ބާޠިލުވާނެއެވެ.

ދަލީލަކީ : القهقهة تنقض الصلاة ولا تنقض الوضوء

މާނައަކީ: "ބާރަށް ހީގަތުމުން ނަމާދު ބާޠިލުވާނެއެވެ. ވުޟޫ އެއް ނުގެއްލޭނެއެވެ."

ނަމަވެސް ހިނިތުންވެވުނަސް ނަމާދު ބާޠިލު ނުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ކަމުގެ ދަލީލަކީ އެއްފަހަރަކު ކީރިތި ރަސޫލާ ނަމާދަށް ހުންނަވަނިކޮށް ، މާތް މޫނުފުޅުން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. ދެން ނަމާދުން އަވަދިވެވަޑައިގެން ވިދާޅުވީ އެއީ މީކާއީލްގެ (މަލާއިކަތް ބޭކަލެއް ) ވަޑައިގަންނަވަމުން ހިނިވަރުނަ ކުރެއްވުމުން ކަމަށެވެ.

7 - ނަމާދުގައި ޚުޝޫޢަތްތެރި ނުވިއަސް ނަމާދު ބާޠިލެއް ނުވާނެއެވެ.

ހަމައެހެން ދުނިޔޭގެ ކަމަކާއި ، ނުވަތަ ފައިސާއާއިމެދު ވިސްނުނަސް ނަމާދު ބާޠިލެއް ނުވާނެއެވެ. ނަމަވެސް މި ކަންތައްތަކުން ދުރުވުން އެއީ ކޮންމެހެންވެސް ބޭނުން ކަމެކެވެ. ނަމާދުގެ ދިރުމަކީ ޚުޝޫޢަތްތެރިކަމެވެ. ޚުޝޫޢަތްތެރިކަމެއް ނެތި ކުރެވޭ ނަމާދަކީ، އެ ނަމާދުގެ ފުރިހަމަ ރޫޙު ގެއްލިފައިވާ ނަމާދެކެވެ. އެ ވާނީ ހަމަ އެކަނި ހުސް ހަރަކާތްތަކަކަށެވެ.

އަދި ނަމާދުން ޙާޞިލުކުރަންޖެހޭ ފުރިހަމަ ޘަވާބާއި، ހެއްދެވިފަރާތް ހަނދުމަކުރުން، އަދި ހިތުގެ ހިތްހަމަ ޖެހުން ލިބުން އޮތީ މިގޮތުގައެވެ.

8 - ނަމާދަށް ހުއްޓާ ކުޑަ ދަރިފުޅު ، މުސައްލަ މައްޗައް އަރައި، ކުރިމަތިން ހުރަސް ކުރިއަސް ނަމާދު ބާޠިލެއް ނުވާނެއެވެ. ނަމަވެސް މީގައި ބަލަންޖެހޭ ތަންކޮޅަކީ، ނަމާދު ކުރާއިރު ގައިގައި ނުވަތަ ހުންނަ ތަނުގައި ނަޖިހެއް ނުޖެހޭނެ ފަދައަކުން ރައްކާތެރިވުމެވެ.

9 - ނަމާދަށް ހުއްޓައި ވުޟޫ ގެއްލިއްޖެނަމަ، ޖެހޭނީ ނަމާދު ކުރުން ހުއްޓާލާށެވެ. ވުޟޫ ނެތި ނަމާދު ކުރުމަކީ ޙަރާމް ކަމެކެވެ. ހަމަ އެހެން ނަމާދަށް ހުއްޓައި ވުޟޫ ގެއްލުނީމާވެސް ނަމާދު ކުރިއަށް ގެންދިއުން ޙަރާމެވެ. މިސްކިތުގައި މީހުން ތިބީމާ ލަދުން ނުވަތަ ދާން އުދަގޫވެގެންނޭ ކިޔާފައި، އަލުން ވުޟޫކުރަން ނުދިއުން އެއީ ޤަބޫލު ކުރެވޭނެ ޢުޒުރެއް ނޫނެވެ. ކިއެއްތަ މިކަމުގައި އެއްވެސް ޢުޒުރެއް ނޯންނާނެއެވެ.

9 - ނަމާދުގައި ހުރެ ކުރެވޭ ހަރަކާތްތައް ފަސް ބަޔަކަށް ޢިލްމުވެރިން ބައްސަވައެވެ. އެއީ :

ހ - ވާޖިބު ހަރަކާތް. މިސާލަކަށް ނޭގި ޤިބުލަ ނޫން ފަރާތަކަށް ކުރިމަތިލައިގެން ހުއްޓާ މީހަކު އެކަން އެންގުމުން، ރަނގަޅު ފަރާތަށް އެބުރުން ވާޖިބުވާނެއެވެ.

ށ - މުސްތަޙައްބު ހަރަކާތް . މިސާލަކަށް އިމާމު ފަހަތުގައި އެކަނި ނަމާދު ކުރަން ހުއްޓާ އެހެން މީހަކު އައިސް ޖަމާޢަތާއި ގުޅުމުން ފަހަތު ސަފަށް ބަދަލުވުން.

ނ - މަކްރޫހަ ހަރަކާތް. މިސާލަކަށް ގަޑިއަށް ބަލާލުން

ރ - ޙަރާމް ޙަރަކާތް. ނަމާދުން ބޭރު ގިނަ ޙަރަކާތް، މިސާލަކަށް އިރު އިރުކޮޅާ ހެދުން ރަނގަޅުކޮށް ފަރާތްފަރާތައް އެނބުރި ހެދުން.

ބ - ހުއްދަ ޙަރަކާތް. މިއީ މުހިންމު ބޭނުމަކަށްޓަކައި ކޮށްލާ ކުދި ހަރަކާތެވެ. މިސާލަކަށް މަންމައަކު ނަމާދަށް ހުއްޓައި ކުޑަކުޑަ ކުއްޖެއް ކައިރީގައި އޮވެފައި ރޯން ފެށުމުން އުރާލުން ނުވަތަ، ތުން ޖެއްސުންފަދަ ކަންކަމެވެ. ބުޚާރީ، މުސްލިމް ރިވާކުރެއްވި ޙަދީޘަކުން ސާބިތުވާގޮތުގައި ކީރިތި ރަސޫލާ ނަމާދަށް ހުންނަވާފައި ރަސޫލާގެ ދަރިކަނބަލުން ޒައިނަބްގެ ދަރިކަނބަލުން އުމާމާ ނެންގެވިއެވެ. މި ޙަދީޘް ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް އެވެ.

أن النبي صلى الله عليه وسلـم حمل أمامة بنت زينب في الصلاة

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.