Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ރަވާތިބު ސުންނަތަކީ ކޮބާ؟

ރަވާތިބު ސުންނަތަކީ ކޮބާ؟

ރަވާތިބު ސުންނަތަކީ ކޮބާ؟ ސުންނަތް ނަމާދެއް އެ ނަމާދުގެ ވަގުތު ފާއިތުވުމަށް ފަހު، ޤަޟާ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ރަވާތިބު ސުންނަތުގެ މާތްކަން :

ނަމާދާއި ގުޅިގެން ކުރުން ސުންނަތްކަން ވަރަށް ގަދަވެގެންވާ ސުންނަތް ނަމާދުތަކެއް އޮވެއެވެ. އެއަށް މި ކިޔެނީ ''ރަވާތިބު ސުންނަތް'' އެވެ. ރަވާތިބް އަކީ ޢަރަބި ބަހުން ރާތިބު ނުވަތަ ރާތިބާގެ ގިނަ ގޮތެވެ. މި ބަހުގެ މާނައަކީ ކަމެއްގައި އިސްތިޤުރާރުވެ ދެމި ހުރުމެވެ. މި ސުންނަތަށް ރާތިބު ސުންނަތޭ ކިއުނީ، އެއީ މި ސުންނަތަކީ އެ އަދާ ކުރުން މަތީ ދެ މި ހުރުން ، ދީނުގައި މަޝްރޫޢު ކަމަކަށް ވާތީއެވެ.

ފަރުޟު ނަމާދާއި ގުޅިފައިވާ، ކުރުން ގަދަ ރަވާތިބު ސުންނަތް ތަކެއް ވެއެވެ. އެއީ މުޅިއެކު 12 ރަކްޢަތެވެ. އެއީ މެންދުރު ނަމާދުގެ ކުރީ ހަތަރު ރަކްޢަތް، އަދި ފަހުން ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުން ދެ ރަކްޢަތް، ޢިޝާ ނަމާދު ފަހުން ދެރަކްޢަތް، އަދި ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތެވެ.

 

ނޯޓް : (ރަވާތިބް ސުންނަތަކީ 10 ކަމަށްވެސް ބައެއް ޢިލްމުވެރިން ބައްލަވައެވެ. އެއީ އެ ބޭފުޅުން ބައްލަވާ ގޮތުގައި، މެންދުރުގެ ކުރީގައި އޮންނަނީ 2 ރަކްޢަތެވެ. 4 ރަކްޢަތެއް ނޫނެވެ.)

ސުންނަތް މި ނަމާދުތަކުގެ މާތްކަން ބަޔާން ކޮށް ދެއްވަމުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ: أُمَّ حَبِيبَةَ ‏ ‏تَقُولُ ‏
‏سَمِعْتُ رَسُولَ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ

މާނައަކީ: "ރަސޫލާގެ އަނބިކަނބަލުން އުއްމު ޙަބީބާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމ މިހެން ޙަދީޘް ކުރެއްވި އަޑު އެހީމެވެ. ޙަދީޘް ކުރެއްވިއެވެ. " ދުވާލާއި ރޭގަނޑު ބާރަ ރަކްޢަތް ކުރާ މީހަކަށް، ސުވަރުގޭގައި މާތްﷲ ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. "

ތިރްމިޛީގެ ރިވާ ކުރެއްވި ޙަދީޘެއްގައި އޮނަނީ ސުންނަތް 12 ރަކްޢަތް ކުރުމުގައި ދެމި ހުންނަ މީހާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ވާނެ ކަމަށެވެ. އަދި މަތީގައިވާ ފަދައިން އެއީ ކޮން ބާރަ ރަކްޢަތެއްކަން ވެސް، މި ރިވާޔަތުގައި ބަޔާން ކޮށް ދެވިފައިވެއެވެ.

ވީމާ މިއިން އެނގެނީ މި ކަމުގެ ފުރިހަމަ ޘަވާބު ލިބޭނީ ދާއިމީ ގޮތެއްގައި އާދަވެގެން މިކަން ކުރާ މީހުންނަށް ކަމެވެ. އެންމެ ދުވަހަކު ބުނެވުނު ބާރަ ރަކްޢަތް ކޮށްލިއަސް ، ޙަދީޘްގައިވާ އިނާމް ނުލިބޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ރަވާތިބު ސުންނަތުގެ މުހިއްމުކަން ދޭހަވަނީ :-

1- މި ކަން ކުރެއްވުން މަތީ ކީރިތި ރަސޫލާ ދެމި ހުންނެވިއެވެ. އެ ގޮތުން ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. كَانَ ‏ ‏يُصَلِّي قَبْلَ الظُّهْرِ أَرْبَعًا فِي بَيْتِي ثُمَّ يَخْرُجُ فَيُصَلِّي بِالنَّاسِ ثُمَّ يَرْجِعُ إِلَى بَيْتِي فَيُصَلِّي رَكْعَتَيْنِ

މާނައަކީ: ''މެންދުރު ނަމާދުގެ ކުރިން، ކީރިތި ރަސޫލާ އަހަރެންގެ ގޭގައި ހަތުރު ރަކްޢަތް ކުރައްވައެވެ. އެއަށްފަހު ނިކުމެވަޑައިގެން މީހުންނާއިގެން ނަމާދު ކުރައްވައެވެ. ދެން އަށްފަހު އެނބުރި އަހަރެންގެ ގެއަށް ވަޑައިގަނެ ދެ ރަކްޢަތް ކުރައްވައެވެ. " (ރަވާހު އަބޫދާއޫދް)

2- މި ނަމާދު ކުރުމުން ލިބެން އޮތް ޘަވާބުގެ ބޮޑު ކަން، ކީރިތި ރަސޫލާ އަންގަވާފައިވޭ މަތީގައިވާ ޙަދީޘުން މިކަން އެނގޭ.

3- މީހާ ކުރާ ކޮންމެ ސަޖިދައަކީ އޭނާގެ ދަރަޖައެއް އުފުލި ފާފައެއް ފޮހެވޭ ކަމެކެވެ. މި ގޮތުން ރަވާތިބު ސުންނަތަކީވެސް މި މަޤްޞަދު ޙާޞިލްވާނެ އަދި އެހެން ސުންނަތް ނަމާދަށް ވުރެ މޮޅު އިތުރު އެއްޗެކެވެ.

4- މި ސުންނަތްތަކަކީ، ކީރިތި ރަސޫލާ އެ ކުރުން މަތީ ދެމި ހުންނެވި ސުންނަތްތަކެކެވެ.

5- ފަރުޟު ނަމާދާއި ގުޅިފައިވާ ސުންނަތް ނަމާދުތަކަކީ، ފަރުޟު ނަމާދު ކުރާ އިރު އަހަރެމެންނަށް ކުރެވޭ ކުދި ކުދި އުނިކަންތައްތައް ފޫބައްދައިދޭ އެއްޗެއް.

ސުންނަތް ނަމާދު ކުރަން ރަނގަޅީ ކޮންތަނެއް:

ޖުމްލަކޮށް ހުރިހާ ސުންނަތް ނަމާދެއްވެސް މޮޅު އިތުރީ ގޭގައި ކުރުމެވެ. ނަމަވެސް މިއީ މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ހަނދުކޭތަ ނަމާދު ފަދަ ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދާއި، ހުކުރު ކުރީގެ ސުންނަތް ނަމާދު ފަދަ މިސްކިތުގައި ކުރަން ބާރު އަޅުއްވާފައިވާ ނަމާދު ފިޔަވައި އެހެން ސުންނަތް ނަމާދުތަކެވެ.

މި ކަމުގެ ދަލީލަކީ: اجْعَلُوا فِي بُيُوتِكُمْ مِنْ صَلَاتِكُمْ وَلَا تَتَّخِذُوهَا قُبُورًا

މާނައަކީ: "ކަލޭމެންގެ ބައެއް (ސުންނަތް) ނަމާދު ގޭގައި ކުރާށެވެ. އަދި ކަލޭމެންގެ ގެތަކަކީ މަޤްބަރާއެއްކަމުގައި ނަހަދާށެވެ." (ރަވާހުލް ބުޚާރީ)

އެހެން ޙަދީޘްފުޅެއްގައި ޙަދީޘް ކުރައްވާފައި ވަނީ، ޖަމާޢަތުގައި މިސްކިތުގައި ކުރަން ޖެހޭ ފަރުޟު ފަސް ނަމާދު ފިޔަވައި އެހެން ސުންނަތް ނަމާދު ކުރުން މޮޅު އިތުރީ ގޭގައި ކަމަށެވެ.

فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ فَإِنَّ أَفْضَلَ صَلَاةِ الْمَرْءِ فِي بَيْتِهِ إِلَّا الصَّلَاةَ الْمَكْتُوبَةَ

މާނައަކީ: "ވީމާ އެންމެހާ މީސްތަކުންނެވެ. ކަލޭމެންގެ ގެތަކުގައި ނަމާދު ކުރާށެވެ. ފަހެ ހަމަކަށަވަރުން، މީހާ ކުރާ އެންމެ ހެޔޮކަންބޮޑު ނަމާދަކީ އޭނާގެ ގޭގައި ކުރާ ނަމާދެވެ. އެކަމަކު އެއީ ފަރުޟޫ ކުރެވިފައިވާ ނަމާދު ފިޔަވައެވެ. '' (ޞަޙީޙް ބުޚާރީ : ޤުރުއާނާއި ސުންނަތުގައި ހިފުމުގެ ބާބު)

މަތީގައިވާ ޙަދީޘް މާނަ ކުރައްވަމުން އިމާމް ނަވަވީ ވިދާޅުވީ، ގެއަކީ އެއްވެސް ނަމާދެއް ނުކުރެވޭ ފަޅު މަޤްބަރާތަކެއްފަދަ ތަނެއް ކަމުގައި ނުހެދުމަށެވެ. އެ ގޮތުން ބައެއް ސުންނަތް ނަމާދު ކުރުމަކީ ގޭގެ ބަރަކާތް އިތުރުވާނެ ކަމެކެވެ. ނަމަވެސް މިސްކިތާއި ދުރުގައި ހުންނަ މީހަކަށް ގޭގައި ސުންނަތް ކޮށްފައި ޖަމާޢަތަށް ދިއުމަކީ ދަތިކަމަކަށް ވާނެ ކަން ކަށަވަރެވެ. ވީމާ މިފަދަ މީހުން ބަންގި ދިނުމުން މިސްކިތަށް ގޮސް ސުންނަތް ކުރުމުންވެސް މައްސަލައެއް ނެތެވެ. ނަމަވެސް ދަމުނަމާދު ނުވަތަ ވަކި ސަބަބެއް ނެތް ސުންނަތް ނަމާދުފަދަ ނަމާދުތައް ގޭގައި ކުރާނީއެވެ.

ސުންނަތް ނަމާދު ކުރުން އަބަދުވެސް އެންމެ ރަނގަޅު ގޮތަކީ ދެ ރަކްޢަތުން ދެ ރަކްޢަތުން ކުރުމެވެ. ވީމާ މެންދުރު ކުރީގައި ހަތުރު ރަކްޢަތް ކުރާނީ ދެ ރަކްޢަތް ދެ ރަކްޢަތް ވަކިންނެވެ.

ސުންނަތް ނަމާދު ޤަޟާކުރުން :

ރަވާތިބު ސުންނަތަކީ މަތީގައި އިޝާރާތް ކުރެވުނުހާ މުހިއްމު އަދި މޮޅު އިތުރު ކަމަކަށް ވާހިނދު، މިކަން ކުރަން ޖެހޭ ވަގުތުގައި ނުކުރެވިއްޖެނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ އެ ސުންނަތް ޤަޟާ ކުރެވިދާނެހެއްޔެވެ؟

މިކަން އޮތް ގޮތް ބަލާއިރު އެނގޭ އެއްޗަކީ، ފަތިސްނަމާދުގެ ސުންނަތް ދެ ރަކްޢަތް ޤަޟާ ކުރަންވާނެ ކަމަށް ފިޤުހުވެރިން އެއްބަސްވާ ކަމެވެ. ނަމަވެސް އެހެނިހެން ނަމާދުތަކުގެ ސުންނަތް ޤަޟާކުރުމާ މެދު ފިޤުހުވެރިން އިޚްތިލާފުވެފައި ވެއެވެ.

މި ޚިލާފާއި ބެހޭގޮތުން ، ކުވައިތުގެ ފިޤުހު މައުސޫޢާގައި އައިސްފައިވެއެވެ :-

"ޙަނަފީ މަޛްހަބާއި އަދި މާލިކީ މަޛްހަބުގައި މަޝްހޫރު ގޮތުން، އަދި ޙަންބަލީ މަޛްހަބުގެ އެއް ރައުޔެއްގައި ދެކޭ ގޮތުގައި، ފަތިސްނަމާދުގެ ސުންނަތް ފިޔަވައި އެހެން ސުންނަތް ޤަޟާ ކުރުމެއް ނެތެވެ.

ޝާފިޢީ މަޛްހަބުގައި ދެކޭ ގޮތުގައި، ކޭތަ ނަމާދާއި އިސްތިސްޤާ ނަމާދު އަދި ތަޙިއްޔަތުލް މަސްޖިދު ފަދަ ސުންނަތް ނަމާދުގެ ވަގުތު ފާއިތުވެއްޖެނަމަ އެ އަލުން ޤަޟާކުރުމެއް ނެތެވެ. އެކަމަކު ވަގުތު ކަނޑައެޅިފައިވާ ޢީދު ނަމާދު، ޟުޙާ ނަމާދު އަދި ފަރުޟު ނަމާދުތަކުގެ ރަވާތިބު ސުންނަތް ޤަޟާ ކުރެވިދާނެއެވެ. ޝާފިޢީ މަޛްހަބު ދެކޭ ގޮތުގައި ކޮންމެ ރާތިބު ސުންނަތެއްވެސް ޤަޟާކުރުމަކީ އެދެވިގެންވާ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން އިމާމް ނަވަވީ ވިދާޅުވެއެވެ. (އިމާމް ނަވަވީ އަކީ ޝާފިޢީއެއް) " ސުންނަތުގެ ދެ ބާވަތެއް ވެއެވެ. އެއް ބާވަތަކީ ކުރިން ވަގުތު ކަނޑައެޅިފައި ނުވާ، ނަމަވެސް ދިމާވާ ކުއްލި ކަމަކުން ކުރަން ޖެހޭ ސުންނަތް ނަމާދު ތަކެވެ. މިސާލަކަށް ކޭތަ، އިސްތިސްޤާ، ތަޙިއްޔަތުލް މަސްޖިދް ފަދަ ސުންނަތް ތަކެވެ. މި ބާވަތަކީ ފާއިތުވެއްޖެނަމަ ޤަޟާ ކުރަން ޖެހޭ ބާވަތެއް ނޫެނެވެ.

ދެވަނަ ބާވަތަކީ ކުރިންސުރެ ވަކި ވަގުތެއް ކަނޑައެޅިފައިވާ ސުންނަތް ތަކެވެ. މިސާލަކަށް ޢީދު، ޟުޙާ ފަރުޟު ނަމާދުތަކުގެ ރާތިބު ސުންނަތް ފަދަ ސުންނަތް ނަމާދު ތަކެވެ.

މި ބާވަތާއި މެދު ތިން ރައުޔެއް ( ޝާފިޢީ މަޛްހަބުގައި) އޮވެއެވެ. އެއީ

ހ- ޤަޟާ ކުރުން އެދެވިގެންވެއެވެ.

ށ- ޤަޟާ ކުރުމެއް ނެތެވެ. މިހެން ޝާފިޢީގެފާނު ވިދާޅުވީ ޢިރާޤުގައި ހުންނެވި އިރުގައެވެ. އަދި އަބޫ ޙަނީފާވެސް ވިދާޅުވީ މިފަދައިންނެވެ.

ނ- މުސްތަޤިއްލު ގޮތެއްގައި ކުރަންޖެހޭ (އެހެން ނަމާދަކަށް ތަބާ ނުވާ) ، ޢީދު ޟުޙާ ނަމާދު ފަދަ ސުންނަތް ނަމާދު ޤަޟާ ކުރެވިދާނެއެވެ. މުސްތަޤިއްލު ނޫން (ފަރުޟުނަމާދު ގެ ރާތިބު ސުންނަތް ފަދަ) ސުންނަތްތައް ޤަޟާ ކުރުމެއް ނެތެވެ.

މަތީގައި ދިޔަ ވާހަކަތަކުގެ ޚުލާޞާއަކީ، ފަތިސްނަމާދުގެ ސުންނަތް ދެ ރަކްޢަތް ނުކުރެވި ވަގުތު ފާއިތުވެއްޖެނަމަ ފަހުން އެ ދެރަކްޢަތް ޤަޟާ ކުރުން މުސްތަޙައްބު ކަމަށް ހުރިހާ ފިޤުހުވެރިންވެސް ވިދާޅުވެއެވެ.

ތަންކޮޅެއް ކުރު ގޮތަކަށް މި މައްސަލަ އޮޅުން ފިލުވަން ބޭނުން މީހަކަށް، ޝައިޚް ބިން ބާޒްގެ ފަތުވާ ނެގުމުން ފަސޭހަވާނެއެވެ. ޝައިޚް ބިން ބާޒް ވިދާޅުވެފައި ވަނީ :- " އޭގެ ވަގުތު (ރަވާތިބު ސުންނަތުގެ) ފާއިތުވެއްޖެނަމަ، އެ ސުންނަތް ފަހުން ކުރާކަށް ނުޖެހެއެވެ. އެކަމަކު މިއީ ފަތިސް ނަމާދުގެ ސުންނަތް އިސްތިސްނާކޮށްފައެވެ. ފަތިސް ނަމާދަށް ހޭލެވުނީ އިރު އެރިފަހުން ކަމުގައި ވަނީނަމަ، ނަމާދު ޤަޟާ ކުރުމަށްފަހު ސުންނަތްވެސް ޤަޟާ ކުރެވިދާނެއެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރުފުޅު މަތީގައި، ފަތިސްނަމާދުގެ ވަގުތު ފާއިތުވި ފަހުން އަވަހާރަފުޅުން ހޭފުޅުލައްވާފައި، ފަތިސް ނަމާދު ޤަޟާ ކުރެއްވިއެވެ. އަދި ސުންނަތްވެސް ޤަޟާ ކުރެއްވިއެވެ. އަދި މެންދުރުގެ ސުންނަތްވެސް ޤަޟާ ކުރެވިދާނެއެވެ."

ނިޔަތް :

ދެން އޮތީ މި ސުންނަތުގެ ވަގުތު ފާއިތުވެފައި އޮއްވާ، ސުންނަތް ކުރަން ބޭނުންވާ މީހާ ނިޔަތް ގަންނާނީ ކިހިނެއްހޭ ހިތަށް އަރާ ސުވާލެވެ. ނިޔަތް ގަންނާނީ ތިމަންނަ ފައިތުވި މިވެނި ސުންނަތެއް ކުރާ ކަމަށެވެ. މިސާލު :-

އަހަރެން މެންދުރުގެ ސުންނަތް ނުކުރެވި އޮއްވާ ފަހުން އެ ޤަޟާ ކުރަން ހަނދާންވީ ރޭގަނޑު 8 ޖެހި އިރުގައެވެ. އެހެންވިއްޔާ އަހަރެން ނިޔަތް ގަންނާނީ މިއަދު މެންދުރު ނަމާދުގެ ސުންނަތް ކުރާ ކަމަށެވެ. އެ ވަރުން ފުދުނީއެވެ. ނިޔަތުގެ ބޭނުމަކީ ތިމާ ކުރާ ކަމެއް ކަނޑައެޅުމެވެ.

ނިޔަތަކީ ކޮންމެހެން ދުލުން ކިޔަން ޖެހޭ އެއްޗެއް ނޫނެވެ. އެއީ ހިތުން ގަންނަން ޖެހޭ އެއްޗެކެވެ. ވީމާ ކޮންމެހެން "މިއަދު މެންދުރުނަމާދުގެ ސުންނަތް ދެ ރަކްޢަތް "ޤަޟާ " ކުރަމޭ" ދުލުން ބުނާކަށް ނުޖެހެއެވެ.

ވަގުތު ކަނޑައެޅިފައިވާ ކަމެއް ފާއިތުވީމާ އަލުން އެކަން ކުރަންޏާ ލަފްޒީގޮތުން އެކަމަކަށް ބުނާނީ  ޤަޟާ'' ކުރުން ކަމަށެވެ. ވީމާ އަސްލު ވަގުތު ނޫން ވަގުތެއްގައި ކުރަންޏާ އެ ކަމެއް ކުރެވޭނީ ޤަޟާއެވެ. ވީމާ ނިޔަތްވެސް އޮންނާނީ ޤަޟާ ކުރާ ނިޔަތެވެ.

 

Comments