ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ޢައްބާސީ ދައުލަތް

abbaasee-mainގާތްގަނޑަކަށް 6ގަރުނަށް ދެމިގެންދިޔަ ޢައްބާސީ ދައުލަތް ނިސްބަތްވަނީ ކީރިތި ރަސޫލާގެ ބޮޑުބޭބެފުޅުގެ ދަރިކަލުން ޢައްބާސް ބިން ޢަބުދުލް މުއްޠަލިބު އަށެވެ. ޢައްބާސީ ދަރިފަސްކޮޅަކީ ހާޝިމް ދަރިފަސްކޮޅަށް ނިސްބަތްވާ ދެވަނަ ދަރި ފަސްކޮޅެވެ. ފުރަތަމަ ދަރިފަސްކޮޅަކީ ''އަލަވިއްޔޫން'' ނުވަތަ އަލީގެ ފާނުގެ ފަރާތުން އުފެދިގެން އައި ދަރިފަސްކޮޅެވެ. ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށް ފަހު އިސްލާމީ ޚިލާފަތު ރަސޫލާގެ އަހުލުވެރިން( އާއިލާ )ގެ އަތްމައްޗަށް ދޫކޮށްލުމަށް ހާޝިމްގެ ދަރިކޮޅުގެ މީހުން އެދުނެވެ.

ނަމަވެސް މުސްލިމުންގެ އަޣުލަބިއްޔަތު ލިބިގެންދިޔައީ އަބޫބަކުރުގެ ފާނު ޚަލީފާއަކަށް އިސްކުރެއްވުމަށެވެ. 4 ޚަލީފާ އިންގެ ވެރިކަން ނިމި އުމަވީ ދައުލަތް ވެރިކަން ކުރި ދުވަސްވަރު ވެސް ހާޝިމްގެ ދަރިކޮޅު މީހުންގެ ހިތުގައި އެމީހުންގެ ތެރެއިން ދައުލަތެއް އުފެއްދުމުގެ ޚިޔާލު ފިލައިގެނެއް ނުދެއެވެ. މިގޮތުން އިރާގުގެ ކޫފާގައި ސިއްރިޔާތުގައި ޢައްބާސީން އެމީހުންގެ ދައުލަތެއް ގާއިމްކުރުމުގެ މަސައްކަތް ފެށިއެވެ. ފާރިސްކަރައިގެ ރަށްތަކާއި ޚުރާސާން އަށް މިކަމަށް ވާގި ހޯދުމުގެ ގޮތުން މަންދޫބުން ފޮނުވުނެވެ. އެންމެ ފުރަތަމަ އަލީގެ ފާނުގެ ދަރިކޮޅުގެ މީހުންނަށް ޢައްބާސީން ކުރަން އުޅެނީ ކޮންކަމެއްކަން ނޭގުމަށްޓަކައި ކީރިތި ރަސޫލާގެ އާއިލާފުޅަށް ނިސްބަތްވާ މީހުނާއި އެއްބައިވުމަށް ގޮވާލެއްވިއެވެ. މިގޮތުން ހާޝިމް ދަރިފަސްކޮޅުގެ އެންމެން އަލީގެފާނުގެ ދައުލަތާއި އަދި ޢައްބާސީ ދައުލަތް އުފެއްދުމުގައި ބައިވެރި ވަޑައިގެންނެވިއެވެ.

ބުނެވޭގޮތުގައި ޢައްބާސީ ދައުލަތް އުފެދިގެން އައުމަށް ވަރަށްގިނަ ކަންތައްތަކެއް އެހީތެރިކަމެއްގެ ސިފައިގައި ހިގާފައި ވެއެވެ. ފުރަތަމަ ކަމަކީ ސިއްރިޔާތުގައި ދައުލަތް ހެދުމަށް ރާވައިފައިވާ ރޭވުން މޮޅުކަމެވެ. ދެވަނަ ކަމަކީ ދައުލަތް އުފެދުމަށް ގޮވާލުމަށް ޢައްބާސީ އިޚްތިޔާރު ކުރި ފަރާތްތައް ރަގަޅުވުމެވެ. އޭގެ ތެރޭގައި ޚުރާސާންގައި އެންމެ ފާހަގަވެ ފާޅުގައި އެކަމަށް ބާރު އަޅުއްވާ ހެއްދެވި އަބާ މުސްލިމް އަލްޚުރަސާނީ، އަދި ކޫފާގައި އެކަމަށް ވާގިދީ ބާރުއެޅުއްވި އަބާ ސަލްމާ އަލްޚިލާލު ފަދަ ބޭފުޅުން ފާހަގަ ކުރެވެއެވެ. އުމަވީ ދައުލަތުގައި ޢުމަރު ބިން ޢަބުދުލް ޢަޒީޒް ޚަލީފާއަކަށް ހުންނެވި ދުވަސްވަރު ޢައްބާސީން ދައުލަތެއް އުފެއްދުމަށް ގޮވާލިގޮވާލުމަށް އިތުރު ކުރިއެރުން ލިބިގެން ދިޔައެވެ. އެދުވަސްވަރު ހާޝިމްގެ ދަރިކޮޅުގެ މީހުންގެ މައްޗަށް އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް އުމަވީންގެ ކިބައިން ފެނިފައެއް ނުވެއެވެ.

ޢައްބާސީން ދައުލަތެއް ގާއިމްކުރުމަށް ކުރިއުއްމީދު މިގޮތަށް ދެމިއޮތުމަށްފަހު ހިޖުރައިން 129ވަނަ އަހަރުގެ ރަމަޟާން މަހުގެ 25ވީ ބުރާސްފަތި ވިލޭރޭ ޢައްބާސީން އެމީހުންގެ ކަޅުދިދަތައް އުފުލައި އުމަވީންގެ މައްޗަށް އިންގިލާބު އިޢުލާން ކުރިއެވެ. ޢައްބާސީންގެ ލަޝްކަރު ނިކުމެވަޑައިގަތީ އަބީ މުސްލިމުން އަލްޚުރަސާނީ އަދި ޤަޙްތަބާ ބިން ޝަބީބް އިސްވެ ތިއްބަވައިގެންނެވެ. އެއަށްފަހު އުމަވީންގެ ރަށްތަކާއި އަރައި ޢައްބާސީންގެ ބާރުގެ ދަށަށް އެރަށްތައް ގެންނެވި އެވެ. ޚުރާސާން އެއްކޮށް އަބީ މުސްލިމް އަލްޚުރަސާނީ އަޅުވެތިކުރި އިރު ކޫފާ ވަނީ ޤަޙްޠަބާ ބިން ޝަބީބް އަށް އަޅުވެތިކޮށްފައެވެ. ދުވަސްވަމުން ދިޔަވަރަކަށް އުމަވީންގެ ރަށްތައް ޢައްބާސީންގެ ބާރުގެ ދަށަށް ގެންނަމުން ދިޔައެވެ. އިރުމަތީގައި ވާ ކާބުލް އިން ފެށިގެން ހުޅަގަށް އައިސް ޤުރުޠުބާ އަދި އަޝްބީލިޔާ އަދި ޤުދުސް، ޚަލީލް، އަދި ރުހާ އެމީހުންގެ އަތްދަށަށް ގެންނެވިއެވެ.

އުމަވީ ދައުލަތް ވެއްޓި ޢައްބާސީ ދައުލަތް ހަގީގީ ސިފައެއްގައި އުފެދިގެން އައީ ހިޖުރައިން 132ވަނަ އަހަރު ގައެވެ. އެއާއި އެކު ދައުލަތުގެ ބާނީ އައްސައްފާޙު ގެ ގޮތުގައި މަޝްހޫރުވެފައިވާ އަބިލް ޢައްބާސް ޢަބުދުﷲ ބިން މުޙައްމަދު އާއި އޭނާގެ އާއިލާ ކޫފާ އަށް ވަޑައިގެންނެވިއެވެ. ކޫފާގެ އިމާރާ އޭ ކިޔުނު ގަނޑުވަރުގައި އެކި ވެރިންނާއި ބޮޑުން އައްބާސީ ދައުލަތާއި ބައިއަތު ހިފި އެވެ. އެއަށްފަހު މީސްތަކުންނާއި މުޚާތަބު ކުރައްވައި ބައިއަތު ހިފުމަށް ގޮވާލި ހިނދު މީސްތަކުން ބައިއަތު ހިފިއެވެ. އުމަވީ ދައުލަތުން އެންމެ ފަހުން ވެރިކަން ކުރެއްވި މަރުވާން ބިން މުޙައްމަދު އައްބާސީ ދަރިކޮޅު މީހުން ގަތުލުރީ ހިޖުރައިން 132 ވަނަ އަހަރުގެ ޖުމާދިލް އާޚިރާ މަހުގެ ތެރޭގައެވެ.

ތާރީޚީ އިލްމުވެރިން ޢައްބާސީ ދައުލަތް މައިގަނޑު 3 ޒަމާނަކަށް ބަހާފައިވެއެވެ. އެއީ: (ކޮންމެ ޒަމާނެއްގެ ތަފްޞީލު ލިންކުގައި ވާނެ)

1- ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން: ހިޖުރައިން 132ން 232 އަށް ! މިއީ އެންމެ ބާރުގަދަ ނުވަތަ ރަން ދުވަސްވަރެވެ.

2- ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާން: ހިޖުރައިން 232ން 590 އަށް! މިދުވަސްވަރު ޚަލީފާއިން އަތްދަށުން ވެރިކަން ގެއްލި އަސްކަރީ މީހުން ވެރިކަމަށް އިސްވި އެވެ.

3- ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާން: ހިޖުރައިން 590ން 656 އަށް! މިދުވަސްވަރު ދައުލަތުގެ ވެރިކަން އޮތީ ބަޣުދާދު އާއި ވަށައިގެންވާ ހިސާބުތަކުގައެވެ. އެހެން ބޮޑެތި ރަށްތަކުގައި ވެރިކަން ހިގަމުން އައީ ވަކި ފަރުދީ ނުވަތަ މިނިވަން ދައުލަތްތަކުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.