ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

malazgirtމަލާޛު ކަރުދު ހަނގުުރާމައަކީ މުސްލިމުންގެ ތާރީޚުގައި ލިބިފައިވާ މަތިވެރި ނަޞްރުތަކުގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލަން ޖެހޭ ނަޞްރެކެވެ. ބަދުރު ހަނގުރާމަ، ޤާދިސިއްޔަ ހަނގުރާމަ، ޔަރްމޫކު ހަނގުރާމަ، ޢައިން ޖާލޫޠު ހަނގުރާމަފަދަ މަތިވެރި ނަޞްރެއް ލިބުނު މުހިއްމު ހަނގުރާމައެކެވެ. އަދި މި ހަނގުރާމައިގައި ޖިހާދުކުރެއްވި އަލްބު އަރްސަލާން އަކީ މުސްލިމުގެ ބޮޑު ބަޠަލެކެވެ. މިހަނގުރާމައިގައި ރޫމީންގެ ބާރު އަނާޟޫލުން ކެނޑިގެން ދިޔައެވެ. އަދި  އަދި ރޮމާނޯސް ހަގުރާމައިގެ އަސީރަކަށް ވިއެވެ.

malazgirt1- މަލާޛު ކަރުދު ހަގުރާމަ

ހަގުރާމަ ހިންގި ދެފަރާތް: މިހަގުރާމަ ހިގާފައިވަނީ ރޫމީންނާއި މުސްލިމުންގެ ސަލާޖިޤީންގެ ލަޝްކަރާއި ދެމެދުގައެވެ. ސަލާޖިޤީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އަލްބް އަރްސަލާން އެވެ. ރޫމީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ރޮމާނޯސް އެވެ.

ހަގުރާމަ ހިނގި ތަން: މި ހަގުރާމަ ހިނގީ އާޒަރްބައިޖާންގެ ބޯޑަރކައިރީގައި އަރްމީނިޔާ ބިމުގައި އޮންނަ މަލާޛު ކަރުދު އޭ ކިޔޭ ހިސާބު ގައެވެ. އެ ހަނގުރާމައަށް ފަހު އެތަން ވެފައިވަނީ ތުރުކީންގެ ބިމަކަށެވެ. އަދި މިހާރު އެއީ މިޒަމާނުގެ ތުރުކީވިލާތުގެ ރަށެކެވެ.

ހަގުރާމަ ހިނގި ތާރީޚް: ހިޖުރައިން 463ވަނަ އަހަރުގެ ރަމަޟާން މަހުގައި . ހިޖުރައިން 464ވަނަ އަހަރު ކަމުގައި ވެސް ބައެއް އިލްމުވެރިން ލިޔުއްވައެވެ. މީލާދީން 26 އޮގަސްޓް، 1071 ވަނަ އަހަރު

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު، އަދި ހިގައި ދިޔަގޮތް: ސަލާޖިޤީންގެ ބާރު ކުޑައޭޝިއާ (އަނާޟޫލް/ މިހާރުގެ ތުރުކީގެ އޭޝިޔާވީ ފަޅި) އޭ ކިޔޭ ހިސާބުގެ ރަށްތަކުގައި ވަރުގަދަވަމުން ދިޔައެވެ. މުލާޠިޔާ، ޤައިޞަރިއްޔާ، ސަބަސްޠިޔާ އަދި ގާތްގަނޑަކަށް މުޅި އަރްމީނިޔާ ހެން އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ބައިޒަންޠީން ގެ ރަސްގެފާނު ރޮމާނޯސް ސަލާޖިޤީންގެ ބާރު އެހިސާބުން ދުއްވާލުމަށްޓަކައި ހަގުރާމަކުރަން ނިންމެވިއެވެ. އަދި ރޫމީން އަރްމީނިޔާ އަށް މިސްރާބު ޖެހިއެވެ. އޭރު އަލްބް އަރްސަލާން ހުންނެވީ އާޒަރްބައިޖާންގައި ސިފައިންގެ ވަރަށް މަދު މީސްކޮޅަކާއި އެކުގައެވެ. ނަމަވެސް ހިތްވަރާއި އެކު ރޫމީންނާއި ކުރިމަތި ލެއްވުމަށް ނިންމެވި އެވެ. އެގޮތުން އަރްމީނިޔާގައި އޮންނަ މަލާޛު ކަރުދު އޭ ކިޔުނު ހިސާބުގައި މަޑުކޮށްގެން ތިއްބެވި އެވެ. އަލްބް އަރްސަލާން ވަގުތު ބޭނުންވެ، ޞުލްޙައަށް އެދުނެވެ. ނަމަވެސް ރޮމާނޯސް އިދިކޮޅު ހައްދަވައި ހަގުރާމަ ކުރިއަށް ގެންދެވި އެވެ. އެންމެ ފަހު ވަގުތު ހަގުރާމަ ނިމިގެންދިޔައީ މުސްލިމުންގެ އަދަދު މަދު ނަމަވެސް ނަޞްރު މުސްލިމުންނަށް ލިބިގެންނެވެ. އަދި ރޮމާނޯސް ހަގުރާމައިގެ އަސީރަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން ރޫމީން އެބިންތައް އަތުލުމަށް ދެކެމުންދިޔަ ހުވަފެންތައް ނިމުމަކަށް އައެވެ. އަދި ބެލެވޭ ގޮތުގައި މިއީ ހަނގުރާމައަކުން ރޫމީންނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

2- ޒައްލާޤާ ހަގުރާމަ

ހަގުރާމަ ހިންގި ދެފަރާތް: މިހަގުރާމަ ހިނގީ މުސްލިމުންނާއި ސްޕޭން ނަޞާރާއިންނާއި ދެމެދު ގައެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ޔޫސުފް ބިން ތާޝްފީން އެވެ. ނަޞާރާއިންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އަލްފޯނޯސް6 އެވެ.

ހަގުރާމަ ހިނގިތަން: މިހަގުރާމަ ހިގީ ސްޕޭންގެ ބުޠުލިޔޫސް ގައި އޮންނަ ޒައްލާޤާ އޭ ކިޔޭ ހިސާބުގައެވެ.

ހަގުރާމަ ހިނގި ތާރީޚް: ހިޖުރައިން 479ވަނަ އަހަރުގެ ރަޖަބު މަހުގެ 12ވަނަ ދުވަސް ( 23އޮކްޓޯބަރ 1086 )

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު: މިހަގުރާމަ ކުރަން ޖެހުނީ ހިޖުރައިން 478ވަނަ އަހަރު ނަޞާރާއިން ސްޕޭންގެ ޠުލައިޠިލާ އޭ ކިޔުނު ރަށަށް ވެރިވުމުގެ ސަބަބުންނެވެ.

ހަގުރާމަ ހިނގައިދިޔަގޮތް: ނަޞާރާއިން ޠުލައިޠިލާ އަށް ވެރިވެ، ޢައްބާދު ދަރިކޮޅުގެ ދައުލަތުގެ މީހުންނަށް ގެއްލުންތައް ދެމުން ދިޔައެވެ. އެހިނދު އަލްމުޢުތަމިދު ބިން ޢައްބާދު މަޣްރިބުގައި އޮތް މުރާބިޠީންގެ ދައުލަތުގެ ވެރިއަކަށް ހުންނެވި ޔޫސުފް ބިން ތާޝްފީންގެ އަރިހުން އެހީއަށް އެދިވަޑައިގެންނެވި އެވެ. އެހިނދު ޔޫސުފް ބިން ތާޝްފީން ސްޕޭންއަށް ވަޑައިގެން ޢައްބާދު ދަރިކޮޅުގެ ލަޝްކަރާއި ގުޅުނެވެ. މުސްލިމުންނަށް މަކަރު ހެދުމުގެ ގޮތުން ހުކުރު ދުވަހާއި އާދީއްތަ ދުވަސް ނޫން ދުވަހު ހަމަލާދިނުމަށް އަލްފޯނޯސް ރޭވި އެވެ. ނަމަވެސް ހުކުރު ދުވަހު މުސްލިމުން ނަމާދު ކުރަން ފެށިތަނާހެން ނަޞާރާއިން ހަގުރާމަ ފެއްޓިއެވެ. ހަގުރާމަ ނިމިގެން ދިޔައީ މުސްލިމުންނަށް ނަޞްރު ލިބި އެތައް ނަޞާރާއިންނެއް ގަތުލުކުރެވިގެންނެވެ.

3- ޙިއްޠީން ހަގުރާމަ

ހަގުރާމަ ހިންގި ދެފަރާތް: މިއީ މުސްލިމުންނާއި ޞަލީބީންނާއި ދެމެދު ހިގާފައިވާ ހަގުރާމަ އެކެވެ. މިހަގުރާމައިގައި މުސްލިމުން ގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ޞަލާޙުއްދީން އަލްއައްޔޫބީ އެވެ. ޞަލީބީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އާރނޯލްޑް އަދި ޑީލޯސިނައިން އޭ ކިޔޭ ދެމީހުންނެވެ.

ހަގުރާމަ ހިނގިތަން: މިހަގުރާމަ ކުރެވުނީ ބައިތުލް މަގްދިސްގައި ''ޠަބްރިޔާ ކުޅި'' ކައިރީގައި އޮންނަ ޙިއްޠީން އޭ ކިޔޭ ފަރުބަދަ މަތީ ހިސާބެއްގައެވެ.

ހަގުރާމަ ހިނގިތާރީޚް: މިހަގުރާމަ ހިނގީ ހިޖުރައިން 583ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 25ދުވަހުއެވެ. ( 4ޖުލައި 1187މ)

ހަގުރާމަ ހިނގި ސަބަބު: މިހަގުރާމަ ކުރި މައިގަނޑު ސަބަބަކީ ގުދުސް މިިނިވަންކޮށް ޞަލީބީންގެ އަތްދަށުން މަސްޖިދުލް އަގްސާ ސަލާމަތްކުރުމެވެ. މިހަގުރާމަ ކުރެވުނީ ''ކަރުކް ކޯއްޓޭ'' ގެ ވެރިޔާ އާރނޯލްޑް ހިޖާޒު ކަރައަށް އަރައިގަތުމާއި، އަދި ހައްޖުވެރިން މައްކާ އަށް ވާސިލްވުމަށް ހުރަސްތަކާއި ކުރިމަތިކުރުވި ފަހުންނެވެ.

ހަގުރާމަ ހިނގައި ދިޔަގޮތް: މުސްލިމުންގެ ލަޝްކަރުތައް ޠަބްރިޔާ ކުޅީގެ ކައިރީގައި ޖަމާވެގެން ތިބި އެވެ. އެހެން ކަމުން ޞަލީބީންނަށް ކުޅީގެ ފެންފަށާއި ހަމައަށް ކައިރިވުމަށް އުދަގޫވި އެވެ. ކައިރިވާ ކޮންމެ މީހަކު މުސްލިމުން ދިޔައީ ގަތުލު ނުވަތަ އަސީރުންނަށް ހަދަމުންނެވެ. މިގޮތުން ޑިލޯސިނައިން އަދި އާރނޯލްޑް އަސީރުންނަށް ހެއްދެވިއެވެ. ހަގުރާމަ ގަދަވެގެން ދިޔަ ހިދު ޙިއްޠީން ފަރުބަދައިގެ ތެރެއަށްވަދެ ޞަލީބީން ފިލިއެވެ. މުސްލިމުން ވެސް ފަހަތުން ގޮސް ޞަލީބީން ބަލިކުރެއްވި އެވެ. ހަގުރާމައިގައި ކާމިޔާބު ލިބުމުން ޞަލާހުއްދީން އައްޔޫބީ އުފަލުން ގޮސް ﷲ އަށް ޝުކުރުގެ ސަޖިދަކުރެއްވި އެވެ.

ހަގުރާމައިގެ ނަތީޖާ: ޙިއްޠީން ހަގުރާމަ އިން ލިބުނު ނަޞްރާއި އެކު މުސްލިމުންނަށް ބައިތުލް މަގްދިސް އަސް ވަދެވޭގޮތް ވިއެވެ. އަދި މަސްޖިދުލް އަގްޞާ ޞަލީބީންގެ އަތްދަށުން މިނިވަންވެގެން ދިޔައެވެ. އެއީ ހިޖުރައިން 583ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ.

4- ބާބީން ހަގުރާމަ

ހަގުރާމަ ހިންގި ދެފަރާތް: މިހަގުރާމަ ކުރެވުނީ މުސްލިމުންނާއި ޞަލީބީންނާއި ދެމެދުގައެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިންނަށް ތިބީ އަސަދުއްދީން ޝީރްކޫޙް އަދި ޞަލާޙުއްދީން އަލްއައްޔޫބީ އެވެ.

ހަގުރާމަ ހިނގިތަން: މިހަގުރާމަ ކުރެވުނީ މިޞްރުގެ ޖީޒާގައި އޮންނަ ބާބީން އޭ ކިޔޭ ހިސާބުން ނީލަކޯރުގެ އައްސޭރި ފަށުގައެވެ.

ހަގުރާމަ ހިނގިތާރީޚް: މިހަގުރާމަ ހިނގީ ހިޖުރައިން 562ވަނަ އަހަރުގެ ޖުމާދިލް އާޚިރް މަހުގެ 25ވަނަ ދުވަހުއެވެ. ( 18މާރޗް 1167މ)

ހަގުރާމަ ހިނގި ސަބަބު، އަދި ހަގުރާމަ ހިނގައި ދިޔަގޮތް: މިހަގުރާމަ ހިނގަށް ޖެހުނީ އާލް ޒަންކީ ދަރިކޮޅު ގެ ވެރިއެއް ކަމުގައިވާ ނޫރުއްދީން އާލް ޒަންކީ މިޞްރު ޞަލީބީންގެ ޙަމަލާތަކުން މިންޖުކުރުމަށް ބޭނުންވެ، މިޞްރަށް ވެރިވުމަށްޓަކައި އަސަދުއްދީން ޝީރްކޫހް އަދި ޞަލާޙުއްދީން އަލްއައްޔޫބީ ބޮޑު ލަޝްކަރައާއި އެކު މިޞްރަށް ފޮނުވުމުންނެވެ. އެހިނދު މިޞްރުގައި ވެރިކަންކުރަމުން އައި ފާޠިމީ ދައުލަތުގެ ވަޒީރު ޝާވިރް އަށް މިޚަބަރު ލިބުމުން ޞަލީބީންނާއި ގުޅައިގެން އެހީ ހޯދިއެވެ. ޞަލީބީންގެ ލަޝްކަރު މިޞްރަށް އައުމަށްފަހު ފާޠިމީންގެ ލަޝްކަރާއި ބައިވެރިވެ، ގުޅިފައިވާ ލަޝްކަރެއް އެކުލަވާލިއެވެ. ހަގުރާމަ ނިމިގެން ދިޔައީ ފަހުވަގުތު ޞަލީބީންނާއި ފާޠިމީންގެ ލަޝްކަރު ބަލިވެގެންނެވެ. ޝާވިރް ގަތުލުކުރެއްވުމަށްފަހު އަސަދުއްދީންގެ ބާރުގެ ދަށަށް މިހަގުރާމައަށްފަހު މިޞްރުގެ ރަށްތަކުގެ ތެރެއިން ބުޙައިރާ، ފައްޔޫމް، އަދި އިސްކަންދަރިއްޔާ އެދެމުގައިވާ ހިސާބުތައް ދިޔައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.