އާދީއްތަ20201011

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

abbasee-hagurama-31- ދެވަނަ ޙިއްޠީން ހަގުރާމަ (ޣައްޒާ އައްޘާނިޔާ)

ހަގުރާމަ ހިންގި ދެފަރާތް: މިއީ މުސްލިމުންނާއި ޞަލީބީންނާއި ދެމެދު ކުރެވުނު ހަގުރާމަ އެކެވެ. މުސްލިމުންގެ ލަޝްކަރުގައި ހިމެނެނީ އައްޔޫބީންނާއި، ޚުވާރިޒްމީންނާއި އަދި ތުރުކީންގެ މީހުންނެވެ. މުސްލިމުންގެ ލަޝްކަރުގެ އިސްމީހަކަށް ހުންނެވީ ނަޖުމުއްދީން އައްޔޫބު އެވެ.

ހަގުރާމަ ހިނގިތަން: ބައިތުލް މަގްދިސް ކައިރީގައި ޣައްޒާގައެވެ.

ހަގުރާމަ ހިނގިތާރީޚް: މިހަގުރާމަ ހިނގީ ހިޖުރައިން 643ވަނަ އަހަރު އެވެ.

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު: އަލްމަލިކް ކާމިލް ޞަލީބީންނާއި ޞުލްޙަވެރިވެ، ބައިތުލް މަގްދިސް އެމީހުންނަށް ދޫކޮށްލިއެވެ. އަލްމަލިކް ކާމިލް އަވަހާރަވުމުން ނަޖުމުއްދީން އިސްވެ ހުންނަވައިގެން ތުރުކީންނާއި، ޚުވާރިޒްމީންނާއި އަދި އައްޔޫބީން ބައިވެރިވެގެން ގުޅިފައިވާ ލަޝްކަރެއް އެކުލަވާލައި ބައިތުލް މަގްދިސް އަލުން މުސްލިމުންގެ އަތްދަށަށް ގެނައުމަށް ނިންމީއެވެ.

ހަގުރާމަ ހިނގިގޮތް: މުސްލިމުންގެ ލަޝްކަރު ނަޖުމުއްދީން އައްޔޫބު އިސްވެހުރެގެން ބައިތުލް މަގްދިސް އާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޣައްޒާއާއި ހަމައިން ޞަލީބީންގެ ލަޝްކަރާއި ބައްދަލުވެ، ހަގުރާމަ ފެށިއެވެ. އެތައް ޞަލީބީންނެއް ގަތުލުކޮށް އަސީރުންނަށް ހެދިއެވެ. އެއަށްފަހު ޞަލީބީންގެ އަތްދަށުން ބައިތުލް މަގްދިސް އަތުލެއްވި އެވެ. އެއަށްފަހު ފުރަތަމަ ބޮޑުހަގުރާމަ ނިމުމާއި ހަމައަށް ބައިތުލް މަގްދިސް އަށް ޞަލީބީންނަށް ނުވަދެވެއެވެ.

ހަގުރާމައިން ލިބުނު ނަތީޖާ: ޞަލީބީން ބަލިވެ، މުސްލިމުންނަށް އަބުރާ ބައިތުލް މަގްދިސް ލިބުނެވެ.

2- މަންޞޫރާ ހަގުރާމަ

ހަގުރާމަ ހިންގި ދެފަރާތް: މިހަގުރާމަ ހިނގީ ފްރާންސްގެ ރަސްގެފާނު ލުއިސް9 އަކާއި މުސްލިމުންނާއި ދެމެދުގައެވެ. މިހަގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ ބައިބަރަސް އަދި ތޫރާން ޝާހް އެވެ.

ހަގުރާމަ ހިނގިތަން: މިހަގުރާމަ ހިގީ މިޞްރުގެ މަންޞޫރާ ކައިރީގައި އޮންނަ ޝާރިމް ސާޙް އޭ ކިޔުނު ހިސާބެއްގައެވެ.

ހަގުރާމަ ހިނގިތާރީޚް: މިހަގުރާމަ ހިނގީ ހިޖުރައިން 647ވަނަ އަހަރު އެވެ.

ހަގުރާމަ ހިނގަށް ޖެހުނު ސަބަބު: ލުއިސް9 އިސްވެ ހުރެގެން ޞަލީބީންގެ 7ވަނަ ޙަމަލާ ދިނުމަށްޓަކައި މިޞްރުގެ ދިމްޔާޠު އަށް އައެވެ. އެއަށްފަހު މަންޞޫރާ އާއި ދިމާއަށް ދަތުރުކުރައްވަނިކޮށް މުސްލިމުންގެ ލަޝްކަރާއި ދިމާވި އެވެ.

ހަގުރާމަ ހިނގައިދިޔަގޮތް: ލުއިސް9 ދިމްޔާޠުއަށް ވެރިވުމަށްފަހު މަންޞޫރާ އާއި ދިމާއަށް ދަތުރުކުރެއްވި އެވެ. އަދި މަންޞޫރާގައި އެރަށުގެ އަހުލުވެރިން ބައިބަރަސް ލަޝްކަރާއިގެން އަންނަންދެން ޞަލީބީންނަށް ހުރަސް އެޅުމުގައި ދެމިތިބިއެވެ. އެވަގުތުގެ ތެރޭގައި ބަލިއެދުގައި އޮވެގެން ހަގުރާމަ ގެންދަންވީ ގޮތް ކިޔައިދެމުން ދިޔަ ނަޖުމުއްދީން އައްޔޫބު އަވާރަ ވިއެވެ. އަދި އެކަން އޭނާގެ އަންހެނުން ޝަޖަރު އައްދުއްރު ސިއްރު ކުރި އެވެ. ބައިބަރަސް ލަޝްކަރާއިއެކު ވަޑައިގެން ޞަލީބީން ބަލިކުރައްވައި ލުއިސް9 އަސީރަކަށް ހެއްދެވިއެވެ.

3- ޞަލީބީ ހަގުރާމަ

ޞަލީބީ ހަގުރާމަ އަކީ މުޅިދުނިޔޭގައި ވެސް ހިގާދިޔަ ފާހަގަކުރެވޭ ހަގުރާމަ އެކެވެ. ޚާއްޞަކޮށް އިސްލާމީ ދުނިޔޭގައި ވަރަށްބޮޑަށް ފާހަގަވެ ގޮސްފައިވާ ހަގުރާމަ އެކެވެ. ޞަލީބީ ހަގުރާމަ އަކީ ޔޫރަޕުގެ މަސީޙީން ފަލަސްތީންގައިވާ ގުދުސް އާއި އަދި އެނޫނަސް މުގައްދަސް ބިންތައް އަތުލުމުގެ ބޭނުމުގައި ކޮށްފައިވާ ހަގުރާމަ އެކެވެ. ޞަލީބީ ހަގުރާމަ ހިޖުރައިން 5ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 9ވަނަ ގަރުނާއި ހަމައަށް ދިގުދެމިގެން ގޮސްފައި ވެއެވެ.

ޞަލީބީ ހަގުރާމަ ފަށަށް ޖެހުނު ސަބަބު ތަކުގެ ތެރޭގައި ހިޖުރައިން 463ވަނަ އަހަރު ސަލާޖިޤީން އަލްޕް އަރްސަލާން އިސްވެ ހުންނަވައިގެން ކުރެއްވި މަލާޛު ކަރުދު ހަގުރާމަ އިން ހޯދި ކާމިޔާބު ހޯއްދެވުން، އަދި ހިޖުރައިން 479ވަނަ އަހަރު ޔޫސުފް ބިން ތާޝްފީން އިސްވެހުންނަވައިގެން ސްޕޭންގައި ކުރި ޒައްލާގާ ހަގުރާމައިގެ މުސްލިމުންނަށް ކާމިޔާބު ލިބުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ސަލާޖިގީން ނަޞްރާނީ ހައްޖާޖީންނަށް ބައިތުލް މަގްދިސް އަށް ވަނުމަށް ހުރަސް އެޅުން ވެސް މިހަގުރާމަ ކުރަން ޖެހުނު ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. މިބުނި ކަންތައްތަކުގެ ސަބަބުން ނަޞާރާއިންގެ ރުޅިވެރިކަން އިތުރުވެ، ހަގުރާމަ ފެށުމަށް ނިންމީ އެވެ. ޞަލީބީ ހަގުރާމަ ކުރެފައިވަނީ ގާތްގަނޑަކަށް 200އަހަރުގެ ތެރޭގައި ދެވުނު ތަފާތު 8ހަމަލާއެއްގެ ސިފައިގައެވެ.

1- ޞަލީބީންގެ ފުރަތަމަ ޙަމަލާ

ހިޖުރައިން 489ވަނަ އަހަރު ފްރާންސް ގެ ކްލެއަރމައުންޓްގައި އޮތް ކްރިސްޓިއަނުންގެ ބައްދަލުވުމުއްގައި ޔޫރަޕް ޕޯޕް2 މަސީޙީންގެ ގުޅިފައިވާ ލަޝްކަރެއް އެކުލަވާލުމަށް ގޮވާލެއްވި އެވެ. ޤަސްޠަންޠީނިއްޔާ ގެ ދޮރޯށިން ޞަލީބީންގެ ލަޝްކަރު ވަދެގެން އައިހިނދު އެތާގެ އެމްޕަރަރ ބިރުހީވެ، ބައެއް ބޮޑުންނާއި ވާހަކަ ދައްކައިގެން ޞަލީބީންނަށް ބައެއް ކަހަލަ އެހީ ފޯރުކޮށްދޭ ގޮތަށް ނިންމި އެވެ. އެއީ އެމީހުން އެރަށަށް އަރައި ރަށް ސުންނާފަތި ކުރިޔަނުދިނުމަށް ޓަކައެވެ. އަނާޟޫލް އޭ ކިޔޭ ހިސާބުގެ އިރުމައްޗާއި ޝާމްގެ ރަށްތަކާއި ދޭތެރޭގައި އޮތް ހިސާބަށް ދެވުނު ހިނދު ޞަލީބީ ލަޝްކަރު 3ބަޔަކަށް ބެހިއެވެ. އަދި އެކިދިމާލަށް މިސްރާބު ޖެހިއެވެ. އިރުމައްޗަށް ދިޔަ ބައިގަނޑު ''ރުހާ'' ހިޖުރައިން 491ވަނަ އަހަރު އަޅުވެތި ކުރިއެވެ. އަދި ''ބުއާޑުއާން1''ގެ ވެރިކަމުގެ ދަށުގައި ރުހާގައި ޞަލީބީ ދައުލަތެއް ގާއިމްކުރިއެވެ. ދެކުނަށް ދިޔަ ބައިގަނޑު ޝާމްކަރައިގެ ރަށްތަކަށް ވަނެވެ. އަންޠާކިޔާ ހިޖުރައިން 492ވަނަ އަހަރު އަޅުވެތިކޮށް އެތާގައި ''ބޫހިމަންޑް2''ގެ ވެރިކަމުގެ ދަށުން ޞަލީބީ ދައުލަތެއް ގާއިމްކުރިއެވެ. އެއަށް ފަހު ހިޖުރައިން 493ވަނަ އަހަރު(1099މ) ގުދުސް އަށް ވާސިލް ވިއެވެ. ގުދުސް އަށް ޞަލީބީން ވަނީ 15ޖުލައި 1099ގައެވެ. އަދި ގުދުސްގައި ޞަލީބީ ރަސްކަމެއް ލޯރެންސްގެ ޒަޢާމަތުގެ ދަށުން ގާއިމްކުރި އެވެ. ފުރަތަމަ ހަމަލާ ނިމުން އިރު ޞަލީބީންގެ އަތްދަށަށް ގޮސްފައިވާ ރަށްތަކުގެތެރޭގައި ރުހާ، އަންޠާކިޔާ، ގުދުސް، އަދި ޓްރިޕޮލީ ހިމެނެއެވެ.

2- ޞަލީބީންގެ ދެވަނަ ޙަމަލާ

ފުރަތަމަ ހަމަލާއަށްފަހު ޝާމްކަރައިގެ ރަށްތަކަށް ފްރާންސްގެ ރަސްގެފާނު ލުއިސް7 އަދި ޖާމަނީ ގެ ރަސްގެފާނު ކޮންރާޑް3 އިސްވެހުރެގެން ދެވަނަ ޙަމަލާ ވެސް ދެއްވި އެވެ. ހަމަލާ ފެށިފައިވަނީ ބައިތުލް މަގްދިސް އިންނެވެ. މިހަމަލާ ދެވުނީ ހިޖުރައިން 539ވަނަ އަހަރު އާލްޒަންކީ ދަރިކޮޅުގެ ދައުލަތުން މޫޞިލްގެ އަމީރަކަށް ހުންނެވި އިމާދުއްދީން އާލް ޒަންކީ ރުހާ ޞަލީބީންގެ އަތުން އަތުލައްވައި އެރަށް މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމުންނެވެ. އޭގެ އިތުރުން ޙަލަބު އާއި މޫޞިލް އެއްކުރައްވައި، ޖިހާދަށް ގޮވާލެއްވި އެވެ. ދިމިޝްޤު ހިޞާރުކުރަން ޞަލީބީން ކުރިމަސައްކަތް ވެސް ނާކާމިޔާބު ވެފައެވެ. އެއަށްފަހު އިމާދުއްދީނާއި އޭނާގެ ދަރިކަލުން ނޫރުއްދީންގެ ބާރުގެ ދަށުގައި އެތަންތަން އޮތެވެ. ހިޖުރައިން 549ވަނަ އަހަރު ދިމިޝްގުވެސް ނޫރުއްދީންގެ ބާރުގެ ދަށަށް އައެވެ. ޞަލީބީންގެ މައްޗަށް ނަޞްރު ހޯދުމުގައި ނުރުއްދީން އަށް އެހީތެރިވެދީފައިވަނީ ފާތިމީންނާއި އައްޔޫބީ ދަރިކޮޅުގެ މީހުންނެވެ. ޚާއްޞަކޮށް އައްޔޫބީ ދަރިކޮޅުގެ ބޮޑުން ކަމުގައިވާ އަސަދުއްދީން ޝީރްކޫޙް އަދި ޞަލާހުއްދީން އަލްއައްޔޫބީ ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.

3- ޞަލީބީންގެ ތިންވަނަ ޙަމަލާ

ހިޖުރައިން 583ވަނަ އަހަރު ޞަލާހުއްދީން އަލްއައްޔޫބީ އިސްވެހުރެގެން ކުރި ޙިއްޠީން ހަގުރާމައަށް ފަހު ބައިތުލް މަގްދިސް މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ. އެއާއިގުޅިގެން ޖާމަނީގެ ރަސްގެފާނު ފްރެޑްރިކް ބާބަރޯސް1، ފްރާންސްގެ ރަސްގެފާނު ފިލިޕް އޮގަސްޓޭ، އަދި އިގިރޭސި ރަސްގެފާނު ރިޗަޑް އިސްވެ ތިބެގެން ޞަލީބީންގެ 3ވަނަ ހަމަލާ ދިނުމަށް ތައްޔާރުވިއެވެ. މިހަމަލާ އަށް ނިކުމެފައިވަނީ ހިޖުރައިން 585ވަނަ އަހަރު އެވެ.

އެއްގަމު މަގުން ވަޑައިގެން ފްރެޑްރިކް ގަސްޠަންޠީނިއްޔާ ފަހަނައަޅައި، އަނާޟޫލްގެ ބިމަށް ވާސިލްވި އެވެ. އެއަށްފަހު ކަލީކިޔާ އޭ ކިޔޭ ހިސާބުން ދަތުރުކުރައްވަނިކޮށް ކޯރަކަށް ޣަރަގުވިއެވެ. އާލާސްކަންފުޅު ޖެހުމުން ފިލިޕް އޮގަސްޓޭ އެބުރި ފްރާންސަށް ވަޑައިގެންނެވި އެވެ. ''ސިންގާގެ ހިތް'' ލަގަބެއްގެ ގޮތުގައި ދެވިފައިވާ ރިޗަޑް އިސްވެ ހުންނަވައިގެން ''އަރްސޫފު'' އޭ ކިޔުނު ހިސާބުގައި ޞަލާޙުއްދީންގެ ލަޝްކަރާއި ކުރެއްވި ހަގުރާމައިގައި ކާމިޔާބު ލިބުނީ ޞަލީބީންނަށެވެ. އެއަށްފަހު ރިޗަޑްގެ ލަޝްކަރު ހިޖުރައިން 588ވަނަ އަހަރު ޢަސްޤަލާން އަށް ދަތުރު ކުރިއެވެ. ނަމަވެސް މުސްލިމުންގެ ލަޝްކަރުގެ ބޮޑުކަންފެނިފައި ޞުލްޙައަށް އެދިވަޑައިގެން ''ޞުލްޙުއް ރަމްލާ''ގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ. މިއެއްބަސްވުމުގައި ވާގޮތުން 3އަހަރު ދުވަހަށް ހަގުރާމަ ހުއްޓާލަން ޖެހެއެވެ. އަދި ގުދުސް އޮންނަންވާނީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. އަދި ގުދުސްގައިވާ ނަޞާރާއިންގެ ތަންތަނަށް ޒިޔާރަތް ކުރުމުގެ ހައްގު ޞަލީބީންނަށް ލިބިދެއެވެ. އެހެން ކަމުން 3ވަނަ ހަމަލާ ވަނީ އޭގެ އަމާޒާއި ހަމައަށް ވާސިލްނުވެ، ނާކާމިޔާބު ވެފައެވެ.

4- ޞަލީބީންގެ ހަތަރުވަނަ ޙަމަލާ

ހިޖުރައިން 589ވަނަ އަހަރު ޞަލާހުއްދީން އަވަހާރަވުމުން ގުދުސް އަބުރާ ހޯދުމަށްޓަކައި ޞަލީބީންގެ 4ވަނަ ހަމަލާ ދިނުމަށް ރޭވި އެވެ. ޔޫރަޕްގެ ޕޯޕް އެނޯސެންޓް3 މިކަމަށް ގޮވާލުމުން ފަރަންސޭސިން އިސްވެ ތިބެ ހަމަލާ އަށް ނިކުމެވަޑައިގެންނެވި އެވެ. ހަމަލާ ރޭވިފައި އޮތީ މިސްރުގެ ބިމަށް ވާސިލްވެ، މިސްރުގެ ތެރެއިން ގުދުސް އަށް ވާސިލްވާގޮތަށެވެ. އަދި ހަތިޔާރު އެޅި ކަނޑުދަތުރުކުރާ ބަޔަކާއި އެކު އެމީހުން އިސްކަންދަރިއްޔާ އަށް ގެންގޮސްދިނުމަށް އެއްބަސްވުން ހެދިއެވެ. މިކަން އޭރު މިސްރުގައި ހުރި އައްޔޫބީންގެ ރަސްގެފާނު އަލްއާދިލް އަލްއައްޔޫބީ އެގިވަޑައިގަތުމުން އެމީހުންގެ ލަޝްކަރު ގަސްޠަންޠީނިއްޔާ އަށް ވާސިލްވެ، އެތާގައި ލެޓިން ދައުލަތެއް އުފައްދައި ވެރިއަކަށް ބުއާޑުއާން9 އިސްވި އެވެ. އެހެންކަމުން 4ވަނަ ހަމަލާ ވެސް ދިޔައީ އޭގެ އަމާޒަށް ވާސިލްނުވެ ފެނަށެވެ.

5- ޞަލީބީންގެ ފަސްވަނަ ޙަމަލާ

ހިޖުރައިން 615ވަނަ އަހަރު ޞަލީބީންގެ 5ވަނަ ޙަމަލާ މުސްލިމުންނަށް އަމާޒުވި އެވެ. މިހަމަލާގެ ވެރިންނަށް ތިބީ ނޯވޭގެ އަމީރު ލިޔޯޕޯލްޑް، ހަންގޭރީ ރަސްގެފާނު އެންޑްރޭ2، އަދި ސައިޕްރަސްގެ ރަސްގެފާނު ބެހްމާޔޯއެވެ. އަކާ އަށް ޖަމާވެ. ހަގުރާމަ އަށް ނިކުމެވަޑައިގެންނެވި އެވެ. ވަކިހިސާބަކުން ހަންގޭރީގެ ރަސްގެފާނު އަދި ނޯވޭގެ އަމީރު އާއި ދެމެދު ދެބަސްވުން އުފެދި އަބުރާ އެމީހުންގެ ބިމަށް ދިއުމަށް ނިންމިއެވެ.

ޔޫރަޕުން އައި ޞަލީބީންގެ ލަޝްކަރު މިޞްރު އުތުރުގައި އިސްކަންދަރިއްޔާ އާއި ޖެހިގެން އޮންނަ ''ދިމްޔާޠު'' އަށް ވެރިވެގަތެވެ. އެއަހަރު އަލްމަލިކް އަލްޢާދިލް އަވަހާރަވެ ވަޑައިގެންނެވި އިރު އޭނާގެ ދަރިކަލުން އަލްކާމިލް އަށް ޞަލީބީން ދިމްޔާޠު އިން ބޭރުކުރުމަށް ވަޞިއްޔަތް ކުރެއްވި އެވެ.

ހިޖުރައިން 618ވަނަ އަހަރު އަލްމަލިކް އަލްކާމިލް އޭނާގެ ބައްޕަގެ ވަޞިއްޔަތް ފުރިހަމަކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރެއްވި އެވެ. ޝާމްކަރައިން ލިބުނު އެހީއާއެކުގައި މިޞްރުގެ މަންޞޫރާގައި ޞަލީބީންނާއި ކުރިމަތި ލެއްވި އެވެ. އާގުބޯޓްތައް ކަނޑުފައްތައި ފާލަންތައް ސުންނާފަތި ކޮށް ހެދިއެވެ. އަދި ޞަލީބީން ބަލިވާން ފެށުމުން ޞުލްޙައަށް އެދުނެވެ. އަދި 3އަހަރު ވަންދެން ދިމްޔާޠުގައި ތިބުމަށްފަހު މިޞްރުން ޞަލީބީން ފައިބައިގެން ދިޔައެވެ.އެހެން ކަމުން ޞަލީބީންގެ 5ހަމަލާ ވެސް ބެލެވެނީ ނާކާމިޔާބު ހަމަލައެއްގެ ގޮތުގައެވެ.

6- ޞަލީބީންގެ ހަވަނަ ޙަމަލާ

ހިޖުރައިން 626ވަނަ އަހަރު ޖާމަނީގެ އެމްޕަރަރ ''ފްރެޑްރީކް2'' އިސްވެ ހުންނަވައިގެން ޞަލީބީންގެ 6ވަނަ ހަމަލާ މުސްލިމުންނަށް އަމާޒުކުރިއެވެ. މިހަމަލާ ނިމިގެންދިޔައިރު އެއްބަސްވެފައިވަނީ ބައިތުލް މަޤްެދިސް ޞަލީބީންނަށް ލިބޭގޮތަށެވެ. އަދި ''ޢުމަރު މިސްކިތް'' ކިޔޭ މިސްކިތާއި އޭގެ ވަށައިގެން ވާ ހިސާބުތައް މުސްލިމުންގެ އަތްދަށުގައި އޮންނަ ގޮތަށެވެ. މިއެއްބަސްވުމުގެ ސަބަބުން މުސްލިމުންގެ ތެރޭގައި ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. މިހަމަލާ ޞަލީބީންނަށް ކާމިޔާބުވެގެން ދިޔައީ އައްޔޫބީ ދައުލަތުންގެ ބޮޑުންގެ ތެރޭގައި އުފެދިފައި ޚިޔާލުތަފާތުވުން ތަކުގެ ސަބަބުންނެވެ.

7- ޞަލީބީންގެ ހަތްވަނަ ޙަމަލާ

ހިޖުރައިން 647ވަނަ އަހަރު ފްރާންސްގެ ރަސްގެފާނު ''ލުއިސް9'' ވެރިއަކަށް ހުރެގެން ޞަލީބީންގެ 7ވަނަ ޙަމަލާ މިޞްރަށް ދެއްވައި ދިމްޔާޠު އަށް ވެރިވެގަތެވެ. އެއަށްފަހު ތޫރާން ޝާހް އާއި ލުއިސް9 ދިމްޔާޠު އާއި ގުދުސް ބަދަލުކުރުމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ލުއިސް9 ބޭނުންވަނީ ގުދުސް ޞަލީބީންނަށް ލިބުމުން ދިމްޔާޠު މުސްލިމުންނަށް ލިބޭގޮތް ހަދާށެވެ. ނަމަވެސް ތޫރާން ޝާހް އެކަމާއި ދެކޮޅު ހެއްދެވި އެވެ. ދިމްޔާޠު އަށް ވެރިވުމަށް ފަހު މަންޞޫރާ އަށް ވާސިލް ވިއެވެ. އެދުވަސްވަރު ނަޖުމުއްދީން އައްޔޫބު އަވަހާރަވި އެވެ. ނަމަވެސް އޭނާގެ އަންހެނުން ޝަޖަރަތު އައްދުއްރު އެމަރުގެ ޚަބަރު ސިއްރު ކުރިއެވެ. ނަޖުމުއްދީން ދަރިކަލުން ތޫރާން ޝާހް މަމާލިކުންނާއި ބައިވެރިވެ، ''އައްޡާހިރު ބައިބަރަސް'' ވެރިއަކަށް ހުރެ ޞަލީބީންނާއި ހަގުރާމަކޮށް ދިމްޔާޠު އެމީހުންގެ އަތްދަށަށް ގެނައެވެ. ލުއިސް9 ދިމްޔާޠު ދޫކޮށް ފްރާންސް އަށް އެބުރި ދިޔައީ ހިޖުރައިން 652ވަނަ އަހަރު އެވެ. އެހެން ކަމުން މިއީ ވެސް ނާކާމިޔާބު ހަމަލައެއް ކަމަށް ވެގެން ދިޔައެވެ.

8- ޞަލީބީންގެ އަށްވަނަ ހަމަލާ

މިޞްރަށް ދިން 7 ވަނަ ހަމަލާގައި ބަލިވި ނަމަވެސް އާހަމަލާއެއް ރާވައި ތޫނިސް އަށް ހަމަލާ ދެއްވި އެވެ. ލުއިސް9 އަދި ޝާލް އެންޖެލޯ އިސްވެ ހުރެގެން ފެށި މިހަގުރާމައިގައި ތޫނިސްގެ ރަސްގެފާނު ލަޝްކަރުގެ ބޮޑުކަން ފެނި ބިރުހީވެ ފަހަތަށް ޖެހުނެވެ. މިހަމަލާ ދެވުނީ ހިޖުރައިން 668ވަނަ އަހަރުއެވެ. ލުއިސް9 އަވަހާރަވުމާއި އެކު ޞަލީބީ ހަގުރާމައިގެ އޮއިވަރަށް ނިމުން އައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.