އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާން

ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާން

abbasi-dhaulai-2

* ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ޚަލީފާކަން ކޮށްފައިވާ ބޭފުޅުން
* ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް
* ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި އުފެދިފައިވާ މުސްތަގިއްލު ބައެއް ދައުލަތްތައް

ތަޢާރަފު

ދިގުޒަމާންތަކެއް ވަންދެން އައްބާސީންގެ ދެވަނަ ދައުރު ދެމި އޮތް ނަމަވެސް މިމުއްދަތުގެ ތެރޭގައި ޢައްބާސީ ދައުލަތް ނިކަމެތިވެފައިވާ ކަން ފާހަގަކުރެވެއެވެ. ވެއްޓެން ދިޔަހެން ވެސް ބައެއް ފަހަރު ހީވާކަހަލަ ހާލަތްތަކަށް ދިޔަކަން ފާހަގަވާން އެބަހުރި މެއެވެ. މިގޮތަށް ދިމާވާން ޖެހުނު ސަބަބުތަކުގެ ތެރޭގައި އަސްކަރީ މީހުން ވެރިންގެ ގޮތުގައި ތިބުން ފާހަގަ ކުރެވެއެވެ. ޚަލީފާކަން ވެސް ކޮންޓްރޯލް ކޮށްފައިވަނީ އަސްކަރީ މީހުންނެވެ. އެމީހުން ބޭނުން މީހަކު ވަކިކުރުމަށް ފަހު ބޭނުން މީހަކު ދިޔައީ ޚަލީފާކަމަށް އިސްކުރަމުންނެވެ. މިބުނި ގޮތަށް އަސްކަރީން ކަންތައްކޮށްފައިވަނީ ހިޖުރައިން 247ން 334އާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އެއަށްފަހު ދެން އައީ ''އާލު ބަވައިހި'' އޭ ކިޔުނު ދަރިކޮޅުގެ މީހުންނެވެ. އެމީހުން ގެ ބާރު ހިޖުރައިން 334ން 467ގެ ނިޔަލަށް އައްބާސީ ދައުލަތުގައި ގަދަކޮށްފައި ވެއެވެ. ދެން އައީ ''ސަލާޖިޤާ''އޭ ކިޔުނު ދަރިކޮޅު ގެ މީހުންނެވެ.

ދެވަނަ ޒަމާންގެ ފަހުކޮޅު އައްބާސީ ދައުލަތުގެ ވެރިކަން ހިންގައިފައިވަނީ ސަލާޖިޤީންނެވެ. ދައުލަތުގެ ބާރު ދަށްވެ ނިކަމެތިވާން ދިމާވި ދެވަނަ ސަބަބެއް ކަމުގައި ބެލެވެނީ އެދުވަސްވަރު އައްބާސީ ދައުލަތާއި ވަކިން މުސްތަގިއްލު ކުދިކުދި ދައުލަތްތައް އުފެދިގެން ދިއުމެވެ. އެހެނީ މިއިން ބައެއް ދައުލަތްތައް ޢައްބާސީ ދައުލަތުގެ އޮނިގަނޑަށް ތަބާވަނީ ހަމައެކަނި ނަމެއްގައެވެ. މިގޮތުން އުފެދުނު ދައުލަތްތަކުގެ ތެރޭގައި މިޞްރުގެ ޤާހިރާގައި އުފެދުނު ''އައްޔޫބީ ދައުލަތް''، ''އާލު ޒަންކީ ދައުލަތް''، ''ޠޫލޫނީ ދައުލަތް''، ''ފާޠިމީ ދައުލަތް''، މަޣުރިބުގެ މަރާކިޝްގައި އުފެދުނު ''މުވައްޙިދީންގެ ދައުލަތް''، އިންޑިޔާގެ ދިއްލީގައި އުފެދުނު ''ޣަޒްނަވީ ދައުލަތް''، ޚުރާސާން ގައި އުފެދުނު ''ސާމާނީ ދައުލަތް''، ''ޞައްފާރީ ދައުލަތް''، އަދި އަންދަލުސް ގައި އުފެދުނު ''އުމަވީ ދައުލަތް'' ފާހަގަ ކުރެވެއެވެ.

މިދައުރުގައި ޢައްބާސީ ދައުލަތް ނިކަމެތިވާން ޖެހުނު ބައެއް އެހެން ކަންތައްތަކުގެ ތެރޭގައި އަޤީދާއިން އެއްކިބާވެފައިވާ ބައެއް ހަރަކާތްތައް ފާޅުވުމާއި، ޔޫރަޕުގައި ހިޖުރައިން 489ވަނަ އަހަރު ޞަލީބީ ހަގުރާމަ ފެށުން ފަދަ ކަންތައްތައް ހިމެނެއެވެ. އިސްލާމީ ބައެއް ދައުލަތްތަކުން އެދުވަސްވަރު ޞަލީބީންނާއި ދެކޮޅަށް ނިކުމެ ހަގުރާމަ ކޮށްފައިވީ ނަމަވެސް އެފަދަ ހަގުރާމަ ތަކުގައި މުސްލިމުން ވަނީ ބަލިވެފައެވެ. މިގޮތުން ކުރެވި ބަލިވެގެން ދިޔަ ހަގުރާމަ ތަކުގެ ތެރޭގައި އިންޑިޔާގެ ބައެއް ރަށްތައް ފަތަހަ ކުރުމަށް ޣަޒްނުވީން ކުރި ހަގުރާމަތައް، ޙިއްޠީން ހަގުރާމަ، މަސްޖިދުލް އަޤްޞާ ފަހަތަކުރެއްވުން، ''ޒަލާޤާ ހަގުރާމަ''، ފަދަ ހަގުރާމަ ތައް ހިމެނެއެވެ.

މިދުވަސްވަރު ބޮޑެތި ވެރިރަށްތަކާއި އެހެނިހެން ރަށްތަކުގައި މިބުނި ދައުލަތްތައް އުފެދިފައި ވެއެވެ. އެރަށްތަކުގެ ތެރޭގައި ޤާހިރާ، ޚުރާސާން، އަޞްފަޙާން، ޣަޒުނާ، ޞަންޢާއު، ދިއްލީ، ލާހޫރު، މޫޞިލް، މަރާކިޝް، ޤުރުޠުބާ، އަދި ޣަރުނާޠާ ފަދަ ރަށްތައް ހިމެނެއެވެ.

އައްބާސީންގެ ދެވަނަ ޙަޟާރަތުގެ ނިޝާންތައް އެންމެ ރަގަޅަށް ފެންނަށް ހުރި އެއް ގައުމަކީ މިޞްރު ކަމުގައި ބުނެވެއެވެ. މިޞްރުގެ ވެރިރަށް ޤާހިރާ ބިނާކުރެވުނީ ވެސް އެދުވަސްވަރު ކަމަށްވުމާއި އެކު މިޞްރުގެ ތަފާތު ހިސާބުތަކުން އެނިޝާންތައް ފެންނަށް އެބަހުއްޓެވެ. މިގޮތުން އެދުވަސްވަރުގެ އިމާރާތް ކުރުމުގެ ފަންނު ފެންނަށް ހުރިތަންތަނުގެ ތެރޭގައި އަލްއަޒުހަރު މިސްކިތް ،ހުސައިންގެ ފާނުގެ މިސްކިތް، ''ފުތޫޙް ދޮރާށި''، ''ނަޞްރު ދޮރާށި''، ގަޠާއިޢު އޭ ކިޔޭ ހިސާބުގައި ހުންނަ ޢަހުމަދު ބިން ޠޫލޫން ގެ މިސްކިތް ފާހަގަކޮށްލެވެއެވެ.

ތަފާތު އިލްމްތައް ކުރިއަރައި ދިޔައެވެ. މިގޮތުން ފަލްސަފާ، ލޮޖިކްސް، ޖިއޮގްރަފީ، ތާރީޚް، ފިގުހު، ހަދީޘް، އަދި ކީރިތި ގުރުއާނާއި ބެހޭ އިލްމް، އަރަބި ބަހާއި އަދަބިއްޔާތު ފަދަ އިލްމުތަކުގައި ކުރިއަރައި ގޮސްފައި ވެއެވެ. ފިގުހު އިލްމްވެރިންގެ ތެރެއިން އަލްއިމާމް ޝާފިއީ އަދި އަލްއިމާމް އަޙުމަދު ބިން ޙަންބަލް ފާހަގަކޮށް ލެވެއެވެ. ޅެންވެރިކަމާއި އަދަބިއްޔާތުގެ އިލްމްވެރިންގެ ތެރެއިން އަބީ ފަރާސް އަލްޙަމްދާނީ، އިބްނި ރޫމީ، އަދި އަބީ ނަވާސް އާއި އަލްޖާޙިޡު ފަދަ ބޭފުޅުން ފާހަގަކުރެވެއެވެ.

ހިސާބުގެ އިލްމުގައި ވެސް ޚާއްޞަ ކާމިޔާބުތަކެއް މިޒަމާނުގައި އައްބާސީ ދައުލަތުން ހާސިލްކޮށްފައި ވެއެވެ. ހިސާބު އިލްމުގެ ގޮތްޕެއްކަމުގައިވާ އަލްޖެބްރާ އިލްމް އެންމެ ފުރަތަމަ އުފެއްދެވީ އެދުވަސްވަރު ހިސާބު އިލްމުވެރިއެއް ކަމުގައި އަލްޚަވާރިޒަމީ އެވެ. ދިގުމުއްދަތެއް ވަންދެން އަލްޚަވާރިޒަމީ ގެ ފޮތްތައް ޔޫރަޕްގެ ޔުނިވަސިޓީތަކުގައި ކިޔަވައިދޭން ބޭނުންކުރެވުނެވެ. ''އިގްލީދްސް'' އޭ ކިޔުނު ފޮތުގެ އަރަބި ތަރުޖަމާތައް އިންޖިނޭރިންގ ގެ ދާއިރާގައި ބޭނުންކުރެވުނެވެ. ''ތިނެސްކަން ހިސާބުގެ އިލްމް'' ވެސް އުފެދިގެން އައީ މިދުވަސްވަރު އެވެ. މިއިލްމުގައި ފާހަގަވެގެން ދިޔަ މުސްލިމް އިލްމުވެރިންގެ ތެރޭގައި އަބޫ އަލްވަފާއު އަލްބޫޒަގާނީ އަދި އަލްބައިރޫނީ ފަދަ އިލްމުވެރިން ހިމެނެއެވެ.

ފިޒިކްސް އިލްމްގައި ކުރިއަރައިގެން ދިޔަ އެވެ. އިބްނި ސީނާ އަދި ހަސަން ބިން ހައިޘަމް ފަދަ އިލްމުވެރިން ނަކީ ފާހަގަކޮށްލެވޭ ބައެއް އިލްމުވެރިންނެވެ. ކެމިސްޓްރީގައި ވެސް ތަފާތު ކާމިޔާބުތައް ވަނީ ހޯދާފައެވެ. ފާހަގަކޮށްލެވޭ އިލްމުވެރިންގެ ތެރޭގައި ''އަލްއަސްރާރު''ގެ ނަންދެވިފައިވާ ފޮތް ލިޔުއްވި އަލްއިމާމް އަބޫބަކުރު އައްރާޒީ އާއި، ''މިފްތާޙުއްރަޙުމާ ވަ މަޞާބީޙުލް ޙިކުމާ ފިލްކީމިޔާއު'' އޭ ކިޔުނު ފޮތް ލިޔުއްވި އައްޠަޣުރާނީ ފަދަ އިލްމުވެރިން ހިމެނެއެވެ.

ބޭސްވެރިކަމާއި ބޭހުގެ އިލްމުވެރިންތައް އުފެދިގެން ދިޔައެވެ. އޭގެތެރޭގައި ''ލޯ'' މިނަންދީފައިވާ ފޮތް ލިއުއްވި ''އިބްނު ސީނާ''، ފާހަގަކޮށްލެވެއެވެ. ތަފާތު ހޮސްޕިޓަލްތައް އުފެދި ބޭސްވެރިކަމަށް ކުރިއެރުން ގެނެސް ދިނެވެ. މިގޮތުން އުފެދުނު ހޮސްޕިޓަލުތަކުގެ ތެރޭގައި ބަޣުދާދުގައި ބިނާކުރި ''އަލްއަޟްދީ ހޮސްޕިޓަލް'' އަދި ދިމިޝްޤުގައި ބިނާކުރި ''އައްނޫރީ ހޮސްޕިޓަލް'' ފާހަގަކޮށް ލެވެއެވެ. ދަނޑުވެރިކަމުގެ އިލްމުގައި ވެސް ކުރިއަރައި ދިޔައެވެ. އެދުވަސްވަރު އަބޫ ޙަނީފާ އައްދީނޫރީ ލިޔުނު ''ގަސްގަހާގެހި'' މިނަންދީ ފައިވާ ފޮތް ޔޫރަޕުގެ ޔުނިވަސިޓީތަކުގައި ކިޔަވާދިނުމަށް ބޭނުންކުރެވުނު ކަމަށް ވެއެވެ. މީގެ އިތުރުން ފަލަކީ މޮޅެތި އިލްމުވެރިންތައް އުފެދިގެން ދިޔައެވެ.

އިލްމީގޮތުން ކުރިއަރައި ދިއުމުގައި ބޮޑު ދައުރެއް ކުޅެފައިވަނީ އެދުވަސްވަރު އުފެދިފައިވާ ބައެއް މަދަރުސާ ތަކެވެ. އޭގެ ތެރޭގައި ދިމިޝްޤުގައި ހުޅުވި އަލްމަދަރުސަތުއް ނޫރިއްޔާ އަދި ބަޣުދާދުގައި ހުޅުވި އަލްމަދަރުސަތުއް ނިޡާމިއްޔާ ފަދަ މަދަރުސާތައް ހިމެނެއެވެ. މުސްލިމުންގެ ތެރޭގައި ތައުލީމާއި ތަރުބިއްޔަތުގެ ފިލާވަޅުތައް އުގަންނައިދީ ފެތުރުމުގައި މިމަދަރުސާތައް ފުޅާދައުރެއް އަދާކޮށްފައި ވެއެވެ.

ހިޖުރައިން 232ން 590އަށް ދެމިގެން ދިޔަ ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ތަފާތު 25 ބޭފުޅަކު ވެރިކަމަށް އިސްވެ ވަޑައިގެންފައި ވެއެވެ. ވެރިކަމަށް އިސްވި އަހަރާއި އެ ބޭފުޅުންގެ ނަންތައް ތިރީގައި މިވަނީއެވެ.

ވެރިކަންކުރެއްވި މުއްދަތު ޚަލީފާގެ ނަން #
232 އަލްމުތަވައްކިލް 1
247 އަލްމުންތަޞިރު 2
248 އަލްމުސްތަޢީން 3
252 އަލްމުޢުތައްޒު 4
255 އަލްމުހުތަދީ 5
256 އަލްމުޢުތަމިދު 6
279 އަލްމުޢުތަޟިދު 7
289 އަލްމުކްތަފީ 8
295 އަލްމުޤުތަދިރު 9
320 އަލްޤާހިރު 10
322 އައްރާޟީ 11
329 އަލްމުއްތަޤީ 12
333 އަލްމުސްތަކްފީ 13
334 އަލްމުޠީޢު 14
363 އައްޠާއިޢު 15
381 އަލްޤާދިރު 16
422 އަލްޤާއިމް 17
467 އަލްމުޤުތަދީ 18
487 އަލްމުސްތަޡުހިރު 19
512 އަލްމުޝްތަރުޝިދު 20
529 އައްރާޝިދު 21
530 އަލްމުޤުތަފީ 22
555 އަލްމުސްތަންޖިދު 23
566 އަލްމުސްތަޟީއު 24
575 އައްނާޞިރު 25

  

  

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.