ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

abbasi-sarkar-2އާލް ޒަންކީ ދައުލަތް    ސަލާޖިޤީ ދައުލަތް       ޞައްފާރީ ދައުލަތް

އައްޔޫބީ ދައުލަތް      ޠޫލޫނީ ދައުލަތް        ނަޖާޙު ދަރިކޮޅުގެ ދައުލަތް

ޣަޒްނުވީ ދައުލަތް      ބުވައިހީ ދައުލަތް        ފާޠިމީ ދައުލަތް

ޙަމްދާނީ ދައުލަތް      މުރާބިޠީންގެ ދައުލަތް     ސާމާނީ ދައުލަތް    

މުލޫކު އައްޠަވާއިފް ގެ ދައުލަތްތައް

1- އާލް ޒަންކީ ދައުލަތް

ހަވަނަ ގަރުނުގައި އުފެދުނު އެންމެ ބާރުގަދަ އިސްލާމީ ދައުލަތްތަކުގެ ތެރޭގައި މިދައުލަތް ހިމެނެއެވެ. ޞަލީބީންގެ އުދަގޫތަކާއި ކެރިގެންކުރިމަތި ލައްވައި ކާމިޔާބު ހާސިލްކުރިއެވެ. ޒަންކީ ދައުލަތުގެ ވެރިންނަކީ ވަރަށް މަތީދަރަޖައަކަށް އިސްލާމްދީން ފެތުރުއްވުމަށް ބާރުއަޅުއްވައި ﷲގެ މަގުގައި އިޚްލާޞްތެރި ކަމާއި އެކު ޖިހާދުކުރުމަށް ބާރު އެޅުއްވި ބަޔެކެވެ. ބައެއް ތާރީޚް އިލްމުވެރިން ސިފަކުރައްވާގޮތުގައި ޢިމާދުއްދީން ޒަންކީ އަދި އޭނާގެ ދަރިކަލުން ނޫރުއްދީން މަޙުމޫދު އަކީ ޖިހާދުކުރުމާއި މުސްލިމުންގެ ބިންތައް ދިފާޢު ކުރުމުގައި ނަމޫނާ ދައްކަވާފައިވާ ދެބޭފުޅުންނެވެ.

ޞަލީބީންނާއި ދެމެދު ގިނަ ދުވަސްތަކެއް ވަންދެން ހަމަނުޖެހުންތައް ހިގިނަމަވެސް ދައުލަތުގެ އެތެރޭގައި އިޞްލާޙީ ބަދަލުތައް ގެނައުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެކި ހިސާބުތަކުގައި މަދަރުސާތަކާއި މިސްކިތްތައް، އަދި ހޮސްޕިޓަލްތައް ނޫރުއްދީން މަޙުމޫދު ބިނާކުރެއްވި އެވެ. ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަކުވާތައް އަޑުއައްސަވައި ހެއްދެވި އެވެ.

ހިގާދިޔަ ބައެއް ހާދިސާތައް ( ހިޖުރައިން 521ން 576އަށް )

- އާލް ޒަންކީ ދައުލަތުގެ ބާނީ އަކީ ޢިމާދުއްދީން ބިން އާޤް ސަންޤަރު އެވެ. ''އާލް ޒަންކީ'' އަކީ ޢިމާދުއްދީން އަށް ދެވިފައިވާ ލަގަބެކެވެ. އުމުރުގެ ކުރީކޮޅު އިމާދުއްދީން އަކީ ސަލާޖިޤީ ދައުލަތަށް ވަފާތެރިވި މީހެކެވެ. އޭރު ބައްޕާފުޅު ސޫރިޔާގެ ޙަލަބުގެ ވެރިއަކަށް އިސްކުރެވުނެވެ. ޢިމާދުއްދީންގެ ބައްޕާފުޅު އަވަހާރަ ކޮށްލެވިފައިވަނީ ހިޖުރައިން 487ވަނަ އަހަރު އެވެ.

- ބައްފާފުޅު އަވަހާރަވުމަށް ފަހު ޢިމާދުއްދީން ދިރިއުޅުއްވީ އިރާގު ގެ މޫޞިލް ގައެވެ. އޭރު މޫޞިލްގެ ވެރިއަކަށް ހުންނެވި އާޤް ސަންޤަރް އަލްބަރްސިގީ އަކީ ޢިމާދުއްދީންގެ އަރިސް ބޭފުޅަކަށް ވުމުން ހިޖުރައިން 507ވަނަ އަހަރު އާޤް ސަންޤަރް ޞަލީބީންނާއި ދެކޮޅަށް ކުރެއްވި ހަގުރާމައިގައި ބައިވެރިވަޑައިގެންނެވި އެވެ. އަދި ޢިމާދުއްދީން ގެ ކުޅަދާނަ ކަން ފެނި ސަލާޖިޤީންގެ ރަސްލަކަލަކަށް ހުންނެވި މުޙައްމަދު އައްސަލްޖޫޤީ މޫޞިލްގެ ވެރިއާގެ ކިބައިން ޢިމާދުއްދީން ގެ އިރުޝާދާއި ލަފާ އެކިކަންކަމުގައި ހޯދުމަށް އެދުނެވެ.

- ހިޖުރައިން 520ވަނަ އަހަރު އާޤް ސަންޤަރް އަވަހާރަވުމުން މޫޞިލްގެ ވެރިއަކަށް ޢިމާދުއްދީން ޒަންކީ ހިޖުރައިން 521ވަނަ އަހަރު އިސްކުރެވުނެވެ. ހިޖުރައިން 522ވަނަ އަހަރު އިމާދުއްދީން ސޫރިޔާގެ ޙަލަބު އަށް ވަދެވަޑައިގެންނެވި އެވެ. ޞަލީބީންގެ އުދަގޫތަކާއި ހެދި ބައިބައިވެފައިވާ ޝާމްކަރައިގެ ރަށްތައް އެކަތިގަނޑަކަށް ހެދުމަށް ޢިމާދުއްދީން ވަރަށް މަސައްކަތްކުރެއްވި އެވެ. އެގޮތުން ހިޖުރައިން 521ވަނަ އަހަރު ''އިބްނި ޢިމްރާން''އޭ ކިޔޭ ޖަޒީރާ، ހިޖުރައިން 522ވަނަ އަހަރު ''ޙަލަބު''، ހިޖުރައިން 325ވަނަ އަހަރު ''ސިންޖާރު''، ''ޚާބޫރު''، ''ހުރާން''، ހިޖުރައިން 562ވަނަ އަހަރު ''އަރްބީލް''، ހިޖުރައިން 529ވަނަ އަހަރު ''ރުޤާ''، ''ޙުމާތު''، އަދި ހަމައެއަހަރު ދިމިޝްގު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެއްދައުލަތެއްގެ ބައިތަކެއް ކަމުގައި ހެއްދެވި އެވެ.

- ހިޖުރައިން 529ވަނަ އަހަރު ޞަލީބީން ޙަލަބުގެ ރައްޔިތުންގެ މުދާތައް ދޭތެރެ ދޭތެރެއިން ލޫޓުވަމުން ގެންދިޔައެވެ. އެމީހުން މިކަން ކުރަމުން ގެންދިޔައީ އަޘާރިބު އޭ ކިޔޭ ކިއްލާއެއް ހަދައިގެން ތިބެއެވެ. އެހިނދު ޢިމާދުއްދީން ލަޝްކަރާއިގެން ވަޑައިގެން އެތަން ޙިޞާރު ކުރެއްވި އެވެ. ނަމަވެސް ޞަލީބީން ވަރުގަދަ ލަޝްކަރަކާއިގެން އައުމުން ޢިމާދުއްދީން އެކިއްލާ ދޫކުރައްވައި ދިޔައެވެ. ފަހުން އެހެން ހިސާބެއްގައި ޞަލީބީންނާއި ހަގުރާމަކުރައްވައި ބަލިކޮށް ޞަލީބީންގެ ވަރަށް ގިނަ ބަޔަކު އަސީރުންގެ ގޮތުގައި ހެއްދެވި އެވެ. ހަމަ އެއަހަރު ފަހުން މިބުނި ކިއްލާ ވެސް ހިޞާރު ކުރެއްވި އެވެ. އަދި ''ކުފްރު ޠާބު''، ''މުޢިއްރާ އައްނުޢުމާން'' އޭ ކިޔުނު ހިސާބު ވެސް ފަތަހަ ކުރެއްވި އެވެ.

- ހިޖުރައިން 531ވަނަ އަހަރު ޢިމާދުއްދީން ''ޙިމްޞް'' އޭ ކިޔުނު ރަށް ފަތަހަކުރެއްވި އެވެ. އެހިނދު ޞަލީބީންގެ ރަސްކަލެއްކަމުގައިވާ ''ފައުލަކް'' އަދި ޓްރިޕޮލީ ގައި ޞަލީބީންގެ އަމީރަކަށް ހުންނެވި ''ރީމޯންޑް'' އިސްވެ ހުންނަވައިގެން ޢިމާދުއްދީންގެ ލަޝްކަރާއި ހަގުރާމަކުރުމަށް ދިޔައެވެ. ހަގުރާމަ ނިމިގެންދިޔައީ ޢިމާދުއްދީން އާއި މުސްލިމުންގެ ލަޝްކަރަށް ނަޞްރު ލިބި، ރީމޯންޑްއާއި އަދިވެސް އެތައް ޞަލީބީންނެއް އަސީރުންނަށް ވެގެންނެވެ.

- ހިޖުރައިން 539ވަނަ އަހަރު ރުހާ އޭ ކިޔުނު ރަށާއި، ބަޢުރީން ކިއްލާ ޢިމާދުއްދީންގެ ބާރުގެ ދަށަށް ގެނައެވެ. ހިޖުރައިން 541ވަނަ އަހަރު ޢިމާދުއްދީން ޒަންކީ ގަތުލުކުރެއްވުމާއި ގުޅިގެން މޫޞިލްގެ ވެރިކަމަށް އޭނާގެ ދޮށީ ދަރިކަލުން ސައިފުއްދީން ޣާޒީ، އަދި ޙަލަބުގެ ވެރިކަމަށް ދެވަނަ ދަރިކަލުން ނޫރުއްދީން މަޙްމޫދު އާލް ޒަންކީ އިސްކުރެވުނެވެ.

- ހިޖުރައިން 545ވަނަ އަހަރު ނޫރުއްދީން ''އިޢުޒާޒް'' އޭ ކިޔުނު ރަށް ފަތަހަ ކުރައްވައި އެރަށުގައި ޞަލީބީންގެ ވެރިއަކަށް ހުންނެވި ''ޖޯސްލީން'' އަސީރަކަށް ހެއްދެވި އެވެ. ހިޖުރައިން 549ވަނަ އަހަރު ޞަލީބީންގެ ދެވަނަ ހަމަލާ ދިމިޝްޤަށް ދިނުމަށް ނިންމި އެވެ. ނަމަވެސް ނޫރުއްދީން އޭގެ ކުރިން ދިމިޝްޤަށް ވަޑައިގެން ޞަލީބީންގެ އަތްދަށުން ދިމިޝްޤު ސަލާމަތްކުރެއްވުމަށް މަސައްކަތް ފެއްޓިއެވެ. ނަތީޖާއަކަށް ވީ ޞަލީބީންނަށް އެހަމަލާ ދިމިޝްޤަށް ދިނުމުގެ ފުރުސަތު ގެއްލި ޞަލީބީންގެ ދެވަނަ ހަމަލާ ޔޫރަޕަށް އަމާޒު ވުމެވެ. ހިޖުރައިން 550ވަނަ އަހަރު ނޫރުއްދީން ލުބުނާންގެ ''ބަޢުލަބަކް'' އަށް ވެދެވަޑައިގެންނެވި އެވެ. އަދި ހިޖުރައިން 552ވަނަ އަހަރު ''ޝީރާޒް'' ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

- ހިޖުރައިން 559ވަނަ އަހަރު ޞަލީބީން މިޞްރަށް ދަހިވެތިވެ ލަޝްކަރާއިގެން މިޞްރާއި ދިމާލަށް ދަތުރު ފެށިއެވެ. މިޞްރުގެ އުތުރުން އެމީހުންނާއި ނޫރުއްދީން މަޙްމޫދު ހަމަލާދެއްވި އެވެ. އަދި އާލް ޒަންކީ ދަރިކޮޅު ސިފައިންގެ ބޮޑުމީހެއް ކަމުގައިވާ އަސަދުއްދީން ޝީރަކޫހް މިޚަބަރު ލިބިުމުން މިޞްރަށް ވެދެވަޑައިގެން މިޞްރުގެ އިރުމަތީ ހިސާބެއްގައި އޮންނަ ބަލްބީސްގައި ހުންނަ ކިއްލާއެއްގައި ރައްކާތެރިވެ ވަޑައިގެން ހުންނެވި އެވެ.

- ހިޖުރައިން 559ވަނަ އަހަރުގެ ޝަޢުބާން މަހުގައި ނޫރުއްދީން ''ޙާޒިމް ކިއްލާ'' ޙިޞާރު ކުރެއްވި އެވެ. އެހިނދު ޞަލީބީންގެ ވެރިއެއްކަމަށްވާ ރީނޯޑީސާން ލަޝްކަރު އެއްކުރައްވައި ނޫރުއްދީން އާއި ހަގުރާމަ ކުރެއްވުމަށް ނިކުތެވެ. ބައެއް ކައިރިރަށްތަކުގެ ޞަލީބީންގެ ވެރިންވެސް މިކަމަށް އެހީތެރިވުމަށް އައެވެ. އޭގެތެރޭގައި އަންޠާކިޔާ ގެ ވެރިޔާ ބޫހީމާންޑް، ޓްރިޕޮލީގެ ވެރިޔާ ރީމޯންޑް، އަރްމަންގެ ރަސްގެފާނު ޓޫރްމީ އަދި ބައިޒަންތީނީންގެ ކޮމާންޑަރެއްގެ ކަމުގައިވާ ގަސްޠަންޠީން ކޮލޯމާން ހިމެނެއެވެ. މިޚަބަރު ނޫރުއްދީން އަށް ލިބިވަޑައިގަތުމުން އެކިއްލާ ދޫކުރައްވައި ''އަރުތާޙު''ގެ ފަރުބަދަ މަތީ ހިސާބުތަކަށް ވަދެ ފިލާވަޑައިގެންނެވި އެވެ. އަދި ޞަލީބީން އެހިސާބަށް ހަގުރާމައަށް އައުމާއި މުސްލިމުންގެ ލަޝްކަރު އެމީހުންގެ ވަށާލިއެވެ. ވަރަށްގިނަ ބަޔަކު ގަތުލުކޮށް އަސީރުންނަށް ވެގެންދިޔައެވެ. ޞަލީބީންގެ ބޮޑުންގެ ތެރެއިން ބޫހީމާންޑް، ރީމޯންޑް، އަދި ގަސްޠަންޠީން އެއްވާގަނޑަކުން ބަދެގެން ހިންގަވާފައި ޙަލަބު އަށް ގެންދިޔައެވެ.

- އެދުވަސްވަރު މިޞްރުގެ ޙިސާބެއްގައި ވެރިކަން ހިންގަމުން އައި، ފާޠިމީ ދައުލަތުގެ ވަޒީރެއް ކަމުގައިވާ ޝާވިރް އަދި އަންޠާކިޔާގެ ޞަލީބީ އަމީރު އަމޫރީ އާއި ގުޅިގެން ބަލްބީސް ކިއްލާ ޙިޞާރު ކުރެއްވި އެވެ. އެއީ އަސަދުއްދީން ޝީރަކޫހް އަދި ޞަލާހުއްދީން އަލްއައްޔޫބީ އޭރު ފިލާވަޑައިގަތުމަށް ވަދެތިބި ކިއްލާ ވެސް މެއެވެ. އަރުތާޙު ގައި ނޫރުއްދީން ހޯދި ކާމިޔާބީގެ ޚަބަރު ލިބުމުން އަންޠާކިޔާގެ ޞަލީބީ އަމީރު އަންޠާކިޔާ ވެސް މުސްލިމުންގެ އަތްދަށަށް ގޮސްދާނެ ކަމަށް ބިރުހީވެ ބަލްބީސް ކިއްލާ ދޫކުރައްވައި އަންޠާކިޔާ އަށް އެބުރިވަޑައި ގެންނެވި އެވެ.

- ހިޖުރައިން 562ވަނަ އަހަރު ޞަލީބީން މިޞްރަށް ވެރިވެ ގަތުމަށް މަސައްކަތްފެށި އެވެ. އެހިނދު އާލްޒަންކީ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ނޫރުއްދީން ބިން މަޙުމޫދު ގެ ކިބައިން އެހީއަށް އެދިވަޑައި ގަތުމުން އަސަދުއްދީން ޝީރަކޫހް އަދި ޞަލާޙުއްދީން އަލްއައްޔޫބީ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް އުފައްދަވައި މިޞްރަށް ފޮނުއްވި އެވެ. އިސްކަންދަރިއްޔާ އަށް ވެދެވަޑައިގެން އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންނަވައި ޞަލާޙުއްދީން އަލްއައްޔޫބީ އާއި ޙަވާލު ކުރައްވައި ''ޞަޢީދު''ގެ ރަށްތަކަށް ވަޑައިގެންނެވި އެވެ. ޞަލީބީން އިސްކަންދަރިއްޔާ ޙިޞާރުކޮށްފައި ވަނިކޮށް އަސަދުއްދީން ޞައީދު އިން އެބުރިވަޑައިގެން ޞަލީބީންނާއި ބޭއްވި ވާހަކަދެއްކުން ތަކުގައި ޞަލީބީން އެއްކޮށް މިޞްރުގެ ބިމުން ފޭބުމަށް އެއްބަސްވެ އެންމެފަހުން އެއްކޮށް ޞަލީބީން މިޞްރުން ފައިބައިގެން ދިޔައެވެ.

- ހިޖުރައިން 564ވަނަ އަހަރު ޞަލީބީން މިޞްރަށް ހަމަލަދޭ މިންވަރު އިތުރުވުމާއި ގުޅިގެން އަސަދުއްދީން އަދި ޞަލާޙުއްދީނުލް އައްޔޫބީ މިޞްރަށް އަނެއްކާ ވެސް ވަޑައިގެންނެވި އެވެ. ޞަލީބީން ބަލިކުރައްވައި ގާހިރާއަށް ވެދެވަޑައިގެން ފާޠިމީންގެ ވަޒީރަކަށް ހުންނެވި ޝާވިރް ގަތުލުކުރައްވައި އަސަދުއްދީން ވެރިކަމަށް އިސްވެ ވަޑައިގަތެވެ. ޝާވިރް ގަތުލުކުރެއްވީ ފާތިމީންގެ ވަޒީރު އަލްޢާޟިދު ގެ އިޒްނަފުޅާއި އެކުގައެވެ. އެހިސާބުން މިޞްރު އަކީ އާލް ޒަންކީ ދަރިކޮޅުގެ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ތަނަކަށް ވެގެންދިޔަ އެވެ. ހިޖުރައިން 565ވަނަ އަހަރު އަސަދުއްދީން އަވަހާރަވުމާއި ގުޅިގެން ޞަލާޙުއްދީނުލް އައްޔޫބީ ވެރިކަމަށް އިސްވެ ވަޑައިގަތެވެ.

- ހިޖުރައިން 565ވަނަ އަހަރު ޞަލީބީންނާއި ބައިޒަންޠީން ގުޅިގެން މިޞްރާއި ދެކޮޅަށް ހަމަލަދޭން ރޭވި އެވެ. އެމީހުން ތައްޔާރު ކުރި ކަނޑުގެ ފްލީޓްތައް މިޞްރުގެ ''ދިމްޔާޠު''އަށް ވާސިލްވުމުގެ ކުރިން އެރަށުގެ އަހުލުވެރިން އެމީހުންނާއި ކުރިމަތިލުމަށް ތައްޔާރުވި އެވެ. އެރަށުގެ އަހުލުވެރިންނާއި ޞަލާހުއްދީން އަލްއައްޔޫބީ އަށް ނޫރުއްދީން މަޙްމޫދުގެ ފަރާތުން ލިބުނު އެހީއާއި އެކު ފްލީޓްގައި ހިމެނޭ ބައެއް އާގުބޯޓްތައް އަންދާލި އެވެ. މީގެ އިތުރުން ޞަލީބީންގެ މިހަމަލާ ނާކާމިޔާބުވުމުގެ އަނެއް ސިއްރަކީ ހަމަ އެދުވަސްވަރު ނޫރައްދީން ޞަލީބީންގެ ބާރުގެ ދަށުގައި އޮތް ބައިތުލް މަގްދިސް އަށް ހަމަލާ ދިނުމެވެ.

- ހިޖުރައިން 569ވަނަ އަހަރު ނޫރުއްދީން މަޙްމޫދު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަލްމަލިކް އައްޞާލިޙް އިސްމާޢީލް ވެރިކަމަށް އިސްކުރެވުނެވެ. ނޫރައްދީން އަވަހާރަވުމާއި އެކު ދައުލަތް މަޑުމަޑުން ނިކަމެތިވާން ފެށިއެވެ. ދައުލަތުގެ މިލްކިއްޔާތު ދަރިކޮޅުގެ ވެރިންގެ މެދުގައި ބެހިއެވެ. އެހިނދު މުސްލިމުންގެ އެއްބައިވަންތަކަށް ބޭނުމުގައި މިބުނި މިލްކިއްޔާތުތަކާއި ތަންތަނަށް ޞަލާޙުއްދީން އަލްއައްޔޫބީ ގެ ބާރުފޯރު ވިއެވެ. އާލް ޒަންކީ ދަރިކޮޅުގެ ދައުލަތް އުވިގެން ދިޔައީ އައްޔޫބީ ދައުލަތް އާލް ޒަންކީގެ ދަރިކޮޅުގެ ބާރުގެ ދަށުގައި އޮތްތަންތަނަށް ވެރިވުމާއި ގުޅިގެން ހިޖުރައިން 576ވަނަ އަހަރު އެވެ.

2- އައްޔޫބީ ދައުލަތް

އައްޔޫބީންގެ އަސްލު ނިސްބަތްވަނީ އާޒަރުބައިޖާންގެ ރަށެއްކަމުގައިވާ ''ދުވީން''ގައި އުޅުއްވި ކުރުދީ އަސްލުގެ މީހަކަށެވެ. އެދުވަސްވަރު އައްޔޫބީންގެ ކާފަ ޝާޛީ އާއި ބަޣުދާދުގެ ވެރިއަކަށް ހުންނެވި ބަހުރޫޒް އާއި ގާތްގުޅުމެއް އޮތެވެ. ބަހުރޫޒް ޝާޛީ އަށް އޭނާގެ ދެދަރިންކަމުގައިވާ ނަޖުމުއްދީން އައްޔޫބު އަދި ޝީރަކޫހް އާއި އެކު އިރާގަށް އައުމަށް ދައުވަތު އެރުވިއެވެ. އަދި ޝާޛީ އިރާގަށް އައުމުން ''ތިކްރީތު'ގެ ވެރިކަން ދެއްވި އެވެ.

ޝާޛީ ދުނިޔެދޫކޮށް ދިއުމުން ނަޖުމުއްދީން ވެރިކަމަށް އިސްވި އެވެ. އައްޔޫބީ ދަރިކޮޅު ނިސްބަތްވަނީ ނަޖުމުއްދީން އައްޔޫބު އަށެވެ. އައްޔޫބީ ދައުލަތުގެ ބާނީ ޞަލާހުއްދީން އަލްއައްޔޫބީ އުފަންވެ ވަޑައިގަތީ ތިކްރީތު ގައެވެ. އެއީ ނަޖުމުއްދީން އައްޔޫބުގެ ދަރިއެކެވެ.

ނަޖުމުއްދީން އައްޔޫބު އޭނާގެ އާއިލާއާއި އެކު ތިކްރީތު ދޫކޮށް މޫޞިލް އަށް ވަޑައިގެންނެވި އެވެ. އެއަށްފަހު އާލް ޒަންކީ ދަރިކޮޅުގެ މީހުންނާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ޢިމާދުއްދީން ޒަންކީ އަދި އެއަށްފަހު ނޫރުއްދީން މަޙްމޫދު ބިން ޒަންކީ އާއި އެކު އެކި ލަޝްކަރުތަކުގައި އައްޔޫބީން ބައިވެރިވެފައި ވެއެވެ. ނޫރުއްދީން މަޙްމޫދު މިޞްރު ޞަލީބީންގެ އުދަގުލުން މިންޖުކޮށް އަދި އެތާގެ ބައެއްގައި އޮތް ޝީޢީ އުސޫލުތަކަށް ތަބާވާ ފާޠިމީންގެ ވެރިކަން ނެތިކޮށްލުމަށް ބޭނުންވި ހިނދު ޞަލާޙުއްދީން އަލްއައްޔޫބީ އަދި އަސަދުއްދީން ޝީރަކޫހް މިޞްރަށް ފޮނުއްވި އެވެ. އެތައް މަސައްކަތަކަށް ފަހު އެދެބޭފުޅުން މިޞްރަށް ވަދެވަޑައި ގެންނެވި އެވެ. އެއަށްފަހު އަސަދުއްދީން ޝީރަކޫހް ފާޠިމީ ދައުލަތުގެ ވަޒީރަކަށް އިސްކުރެވުނެވެ. އަދި ޝީރަކޫހް އަވަހާރަވުމުން ޞަލާޙުއްދީން އަލްއައްޔޫބީ ވަޒީރަކަށް އިސްކުރެވުނެވެ.

ދައުލަތް އުފެއްދެވުން

ހިޖުރައިން 564ވަނަ އަހަރު ބެލެވެނީ އައްޔޫބީ ދައުލަތް އުފެދެން ފެށި އަހަރު ކަމުގައެވެ. އެއީ އަސަދުއްދީން ޝީރަކޫހް އަދި ޞަލާޙުއްދީން އަލްއައްޔޫބީ މިޞްރުގެ ގާހިރާއަށް ވަޑައިގެންނެވި އަހަރު އެވެ. އެއަށްފަހު އަސަދުއްދީން ފާޠިމީ ދައުލަތުގެ އެންމެ ފަހު ޚަލީފާ އަލްޢާޟިދު ގެ ވަޒީރަކަށް އިސްކުރެވުނެވެ. އަސަދުއްދީން އަވަހާރަވުމަށް ފަހު ޞަލާޙުއްދީން ވަޒީރަކަށް އިސްކުރެވުނެވެ. ވަޒީރަކަށް އިސްކުރެވުނު ހިނދުން ފެށިގެން މިޞްރުގެ ބިމުގައި އައްޔޫބީ ދައުލަތް އުފެއްދުމުގެ މަސައްކަތް ޞަލާޙުއްދީން ވަނީ ފައްޓަވާފައެވެ. އެއީ ފާޠީމީ ފަތުރަމުންގެންދާ ޝީޢީ އުސޫލުަތައް ހުއްޓުވައި ސުންނީ މަޛުހަބާއި އެއްގޮތަށް އަމަލުތައް މީސްތަކުންނަށް އަންގައިދިނުމަށްޓަކައެވެ.އަދި ޞަލީބީންގެ އަތްދަށުން މިޞްރުގެ ބިންތައް ހިމާޔަތް ކުރުމަށްޓަކައެވެ. އެހެން ކަމުން ޞަލާޙުއްދީން އަވަހާރަކޮށްލުމަށް ނިންމައި ޢާޟިދު އެތައް ރޭވުންތަކެއް ރޭވި އެވެ. ނަމަވެސް މިހުރިހާ ރޭވުންތަކެއް ވަނީ ނާކާމިޔާބު ވެފައެވެ. ފާޠިމީ ދައުލަތް އެއްކޮށްވެއްޓިގެން ދިޔައީ ހިޖުރައިން 567ވަނަ އަހަރު ފާޠިމީންގެ އެންމެ ފަހު ޚަލީފާ އަލްޢާޟިދު އަވަހާރަވުމާއި ގުޅިގެންނެވެ.

ދައުލަތް ހޯދިކާމިޔާބީތަކާއި ކުރިއެރުންތައް

ޞަލާހުއްދީން އަލްއައްޔޫބީ ހޯދި އެންމެ ފުރިހަމަ ކާމިޔާބީ އަކީ މިޞްރުގައި ފެތުރެމުން އައި ޝީޢީ މަޛުހަބުގެ އުސޫލްތައް ބާތިލުކުރައްވައި، ސުންނީ މަޛުހަބުގެ އުސޫލްތައް ފެތުރުއްވުމެވެ. އަނިޔާވެރިކަން ނިމުމަކަށް ގެނެސް އެކިކަންކަމާއި ގުޅިގެން ދައުލަތަށް ނަގާ ޓެކްސް ކުޑަކުރެއްވި އެވެ. ސުންނީ މަޛުހަބު ފެތުރުއްވުމަށްޓަކައި ނިޡާމީ މަދަރުސާތައް މިޞްރުގައި އުފެއްދެވި އެވެ. ތަފާތު ބިނާތަކުގެ ތެރެއިން ''މުހައްމަދު އަލީ ކޯއްޓޭ'' އަކީ ފާހަގަ ކުރެވޭ ތަނެކެވެ. އެތާގައިވާ ''މުޙައްމަދު ޢަލީ މިސްކިތް'' ބިނާކުރެއްވީ އައްޔޫބީ ދައުލަތުގެ ދުވަސްވަރު އެވެ.

ހިޖުރައިން 583ވަނަ އަހަރު އައްޔޫބީންނާއި ޞަލީބީންނާއި ދެމެދުގައި ކުރެވުނު ''ޙިއްޠީން ހަގުރާމަ'' ވެގެން ގޮސްފައިވަނީ އިސްލާމީ ތާރީޚްގައި ފާހަގަކޮށްލެވޭ ހަގުރާމަ އަކަށެވެ. ބައިތުލް މަޤްދިސް އަށް ވަނުމާއި މަސްޖިދުލް އަޤްޞާ މިނިވަން ކުރުން ފަދަ ހަރަކާތްތަކަކީ ވެސް ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކެވެ.

އައްޔޫބީ ދައުލަތުގެ ވެރިކަން ހިނގި ޒަމާނަކީ ހަމައެކަނި ޞަލާޙުއްދީން އަލްއައްޔޫބީ ވެރިކަން ހިންގި ޒަމާނޭ ވެސް ބުނެވިދާނެއެވެ. އެއީ ހިޖުރައިން 589ވަނަ އަހަރު ޞަލާޙުއްދީން އަވަހާރަވުމަށް ފަހު ދައުލަތް މަޑުމަޑުން ނިކަމެތިވެ ދައުލަތުގެ ނާރެސް އަށް ބުރޫ އަރަމުން ގޮސްފައިވާތީ އެވެ. އެއީ ޞަލާޙުއްދީން އަވަހާރަވުމަށް ފަހު ދައުލަތުގެ ޚަލީފާއިންގެ މެދުގައި ވެރިކަމާއި މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާތީ އެވެ. ދައުލަތު މިލްކިއްޔާތުތައް ޚަލީފާއިންގެ މެދުގައި ބެހިއެވެ. މިޞްރުގައި އޮތް އައްޔޫބީންގެ ބާރު ނަޖުމުއްދީން އައްޔޫބު ބިން އަލްމަލިކް އަލްކާމިލް އަވަހާރަވުމަށް ފަހު ކުޑަވެގެން ދިޔައެވެ. އައްޔޫބީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 648ވަނަ އަހަރު ވެރިއަކަށް ހުންނެވި ތޫރާން ޝާހް މަމާލިކުން ގަތުލު ކުރެއްވުމާއި ގުޅިގެންނެވެ. އައްޔޫބީންނަށް ފަހު އެމީހުންގެ ވެރިކަން އޮތް ބިންތައްކަމުގައިވާ މިޞްރާއި ޝާމްކަރަ ދިޔައީ މަމާލިކުންގެ ބާރުގެ ދަށަށެވެ.

ހިގާދިޔަ ބައެއް ހާދިސާތައް ( ހިޖުރައިން 564ން 648އަށް )

- ހިޖުރައިން 564ވަނަ އަހަރު މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ އެންމެ ފަހު ޚަލީފާ އަލްޢާޟިދު ގެ ވަޒީރަކަށް އަސަދުއްދީން ޝީރަކޫހް އިސްކުރެވުން ވެގެން ދިޔައީ އައްޔޫބީ ދައުލަތު ގެ ފެށުން ކަމުގައެވެ. ޖެހިގެން އައި އަހަރު އަސަދުއްދީން އަވަހާރަވުމުން ޞަލާޙުއްދީން އަލްއައްޔޫބީ ވެރިކަމަށް އިސްކުރެވުނެވެ.

- ހިޖުރައިން 565ވަނަ އަހަރު ޞަލީބީންނާއި ބައިޒަންޠީން ގުޅިގެން މިޞްރާއި ދެކޮޅަށް ހަމަލަދޭން ރޭވި އެވެ. އެމީހުން ތައްޔާރު ކުރި ކަނޑުގެ ފްލީޓްތައް މިޞްރުގެ ''ދިމްޔާޠު''އަށް ވާސިލްވުމުގެ ކުރިން އެރަށުގެ އަހުލުވެރިން އެމީހުންނާއި ކުރިމަތިލުމަށް ތައްޔާރުވި އެވެ. އެރަށުގެ އަހުލުވެރިންނާއި ޞަލާހުއްދީން އަލްއައްޔޫބީ އަށް ނޫރުއްދީން މަޙްމޫދުގެ ފަރާތުން ލިބުނު އެހީއާއި އެކު ފްލީޓްގައި ހިމެނޭ ބައެއް އާގުބޯޓްތައް އަންދާލި އެވެ. ނަތީޖާއެއްގެ ގޮތުން މި ހަމަލާ ނާކާމިޔާބު ވެގެން ދިޔައެވެ.

- ހިޖުރައިން 567ވަނަ އަހަރު ފާޠިމީ ދައުލަތުގެ އެންމެ ފަހު ޚަލީފާ އަލްޢާޟިދު އަވަހާރަވުމާއި އެކު މިޞްރުގައި އައްޔޫބީ ދައުލަތުގެ ވެރިކަން ހަގީގީ ސިފައެއްގައި ފެށިގެން ދިޔައެވެ. ހިޖުރައިން 568ވަނަ އަހަރު ދައުލަތުގެ ޙުދޫދު ފުޅާކުރެއްވުމުގެ މަސައްކަތް ޞަލާޙުއްދީން ފެއްޓެވި އެވެ. މިގޮތުން ''ކަރުކް''ގެ ރަށްތައް ފަތަހަކުރައްވައި އޭނާގެ އަޚެއްކަމުގައިވާ ތޫރާން ޝާހް ނޫބާގެ ރަށްތަކަށް ފޮނުއްވައި އެތަންތަން ފަތަހަކުރެއްވި އެވެ. ހިޖުރައިން 569ވަނަ އަހަރު ތޫރާން ޝާހް ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް ޔަމަނުގެ ރަށްތަކަށް ޞަލާޙުއްދީން ފޮނުއްވި އެވެ. އަދި އެހިސާބު ތޫރާން ޝާހް ފަތަހަކުރެއްވި އެވެ.

- ހިޖުރައިން 569ވަނަ އަހަރު އިފްރިންޖުންގެ ބަޔަކު އިސްކަންދަރިއްޔާ އަށް ވަރުގަދަ ކަނޑުގެ ފްލީޓެއްގައި ހަމަލާދިނުމަށް އައެވެ. ޞަލާޙުއްދީން އާއި އިސްކަންދަރިއްޔާގެ އަހުލުވެރިން ބައިވެރިވެގެން އިފްރިންޖުން ބަލިކުރެއްވި އެވެ. ހިޖުރައިން 570ވަނަ އަހަރު ޞަލާޙުއްދީން ދިމިޝްޤަށް ވަދެވަޑައިގެންނެވި އެވެ. ހިޖުރައިން 571ވަނަ އަހަރު ޞަލީބީން ޞަލާޙުއްދީން އާއި ހަގުރާމަކުރައްވަން ބޮޑު ލަޝްކަރަކާއިގެން އައެވެ. ނަމަވެސް ''މަރަޖު ޢުޔޫން'' އޭ ކިޔުނު ހިސާބުގައި ޞަލީބީން ބަލިކުރެއްވި އެވެ.

- ހިޖުރައިން 583ވަނަ އަހަރު ޞަލީބީންނާއި އައްޔޫބީން ''ޙިއްޠީން ހަގުރާމަ'' ކުރިއެވެ. މިހަގުރާމައިގައި ނަޞްރު ލިބިގެންދިޔައީ މުސްލިމުންނަށެވެ. މިހަގުރާމައިގައި ލިބުނު ނަޞްރަށް ފަހު ޞަލީބީންގެ ބިންތަކުން ތަނަކުން ފަހު ތަނެއް ޞަލާހުއްދީން އަލްއައްޔޫބީ ގެ ބާރުގެ ދަށަށް ގެންނަމުން ދިޔައެވެ. މިގޮތުން ''ޠަބްރިޔާ'' އަދި ''ޢަކާ'' އައްޔޫބީންގެ ބާރުގެ ދަށަށް ގެނައުމަށް ފަހު ''ނާބުލުސް''، ''ރަމްލާ''، ''ޤައިސާރިއްޔާ''، ''ޢަސްޤަލާން''، އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. މާނައަކީ ޞަލީބީންގެ ވެރިކަން އޮތް ''ބައިތުލް މަޤްދިސް''ގެ ވަށައިގެންވާ ރަށްތަކާއި ބިންތައް އައްޔޫބީން ގެ ބާރުގެ ދަށަށް ގެނައުމެވެ.

- ހިޖުރައިން 583ވަނަ އަހަރު ގެ ރަޖަބުމަހުގެ 27ވަނަ ދުވަހު ޞަލާޙުއްދީން އަލްއައްޔޫބީ ބައިތުލް މަޤްދިސް ފަތަހަކުރެއްވުމަށްޓަކައި ބޮޑު ލަޝްކަރެއް ތައްޔާރުކުރައްވައި ނިކުމެވަޑައި ގެންނެވި އެވެ. ޞަލީބީން ހަގުރާމަ އަށް ނުކުޅެދުނު ހިނދު ބައިތުލް މަޤްދިސް ދޫކޮށް ދިއުމަށް އެއްބަސްވި އެވެ. ހިޖުރައިން 585ވަނަ އަހަރު ޞަލީބީންގެ 3ވަނަ ޙަމަލާ އައްޔޫބީންނަށް އަމާޒުވި އެވެ. ''ސިންގާގެ ހިތް'' ލަގަބެއްގެ ގޮތުގައި ދެވިފައިވާ ރިޗަޑް އިސްވެ ހުންނަވައިގެން ''އަރްސޫފު'' އޭ ކިޔުނު ހިސާބުގައި ޞަލާޙުއްދީންގެ ލަޝްކަރާއި ކުރެއްވި ހަގުރާމައިގައި ކާމިޔާބު ލިބުނީ ޞަލީބީންނަށެވެ. އެއަށްފަހު ރިޗަޑްގެ ލަޝްކަރު ހިޖުރައިން 588ވަނަ އަހަރު

ޢަސްޤަލާން އަށް ދަތުރު ކުރިއެވެ. ނަމަވެސް މުސްލިމުންގެ ލަޝްކަރުގެ ބޮޑުކަންފެނިފައި ޞުލްޙައަށް އެދިވަޑައިގެން ''ޞުލްޙުއް ރަމްލާ''ގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ. މިއެއްބަސްވުމުގައި ވާގޮތުން 3އަހަރު ދުވަހަށް ހަގުރާމަ ހުއްޓާލަން ޖެހެއެވެ. އަދި ގުދުސް އޮންނަންވާނީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. އަދި ގުދުސްގައިވާ ނަޞާރާއިންގެ ތަންތަނަށް ޒިޔާރަތް ކުރުމުގެ ހައްގު ޞަލީބީންނަށް ލިބިދެއެވެ.

- ހިޖުރައިން 589ވަނަ އަހަރު ޞަލާޙުއްދީން އަލްއައްޔޫބީ އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަލްއަފުޟަލް ވެރިކަމަށް އިސްކުރެވުނެވެ. ނަމަވެސް އޭނާގެ އަޚް ޢުޘްމާން އަލްޢަޒީޒް ޢިމާދުއްދީން އާއި ދެބޭފުޅުން ދެމެދުގައި ވެރިކަމާއި މެދު ދެބަސްވުން އުފެދުނެވެ. އެހިނދު އެދެބޭފުޅުން ގެ ބޮޑުބޭބެ އަލްމަލިކު އަލްޢާދިލް އެމީހުންގެ މައްޗަށް އަތްގަދަކޮށް ވެރިކަމަށް އިސްވި އެވެ. ހިޖުރައިން 592ވަނަ އަހަރުން ފެށިގެން އައްޔޫބީ ދައުލަތުގެ ވެރިކަން ހިންގާފައިވަނީ ޢާދިލް އަދި އޭނާގެ ދަރިންނެވެ.

- ހިޖުރައިން 615ވަނަ އަހަރު ޞަލީބީންގެ 5ވަނަ ޙަމަލާ މުސްލިމުންނަށް އަމާޒުވި އެވެ. ޔޫރަޕުން އައި ޞަލީބީންގެ ލަޝްކަރު މިޞްރު އުތުރުގައި އިސްކަންދަރިއްޔާ އާއި ޖެހިގެން އޮންނަ ''ދިމްޔާޠު'' އަށް ވެރިވެގަތެވެ. އެއަހަރު އަލްމަލިކް އަލްޢާދިލް އަވަހާރަވެ ވަޑައިގެންނެވި އިރު އޭނާގެ ދަރިކަލުން އަލްކާމިލް އަށް ޞަލީބީން ދިމްޔާޠު އިން ބޭރުކުރުމަށް ވަޞިއްޔަތް ކުރެއްވި އެވެ.

- ހިޖުރައިން 618ވަނަ އަހަރު އަލްމަލިކް އަލްކާމިލް އޭނާގެ ބައްޕަގެ ވަޞިއްޔަތް ފުރިހަމަކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރެއްވި އެވެ. ޝާމްކަރައިން ލިބުނު އެހީއާއެކުގައި މިޞްރުގެ މަންޞޫރާގައި ޞަލީބީންނާއި ކުރިމަތި ލެއްވި އެވެ. އާގުބޯޓްތައް ކަނޑުފައްތައި ފާލަންތައް ސުންނާފަތި ކޮށް ހެދިއެވެ. އަދި ޞަލީބީން ބަލިވާން ފެށުމުން ޞުލްޙައަށް އެދުނެވެ. އަދި 3އަހަރު ވަންދެން ދިމްޔާޠުގައި ތިބުމަށްފަހު މިޞްރުން ޞަލީބީން ފައިބައިގެން ދިޔައެވެ.

- ހިޖުރައިން 626ވަނަ އަހަރު ޖާމަނީގެ އެމްޕަރަރ ''ފްރެޑްރީކް2'' އިސްވެ ހުންނަވައިގެން ޞަލީބީންގެ 6ވަނަ ހަމަލާ މުސްލިމުންނަށް އަމާޒުކުރިއެވެ. މިހަމަލާ ނިމިގެންދިޔައިރު އެއްބަސްވެފައިވަނީ ބައިތުލް މަޤްެދިސް ޞަލީބީންނަށް ލިބޭގޮތަށެވެ. އަދި ''ޢުމަރު މިސްކިތް'' ކިޔޭ މިސްކިތާއި އޭގެ ވަށައިގެން ވާ ހިސާބުތައް މުސްލިމުންގެ އަތްދަށުގައި އޮންނަ ގޮތަށެވެ. މިއެއްބަސްވުމުގެ ސަބަބުން މުސްލިމުންގެ ތެރޭގައި ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.

- ހިޖުރައިން 635ވަނަ އަހަރު އަލްމަލިކް އަލްކާމިލް މުހައްމަދު އަވަހާރަވުމުން އޭނާގެ ދަރިކަލުން ނަޖުމުއްދީން އައްޔޫބު އާއި އަޚް އަލްޢާދިލް އާއި ދެމެދު ވެރިކަމާއި މެދު ދެބަސްވެ އަރާރުންތައް ހިނގިއެވެ. ނަމަވެސް ވެރިކަމަށް ނަޖުމުއްދީން ހިޖުރައިން 637ވަނަ އަހަރު އިސްވި އެވެ.

- ހިޖުރައިން 643ވަނަ އަހަރު ''ޣައްޒާ އައްޘާނިޔާ''އޭ ކިޔުނު ހަގުރާމަ ކުރެވުނެވެ. މިހަގުރާމައަށް ''ދެވަނަ ޙިއްޠީން ހަގުރާމަ'' އޭ ވެސް ކިޔައެވެ. މިހަގުރާމަކުރެވުނީ ނަޖުމުއްދީން އައްޔޫބާއި ޞަލީބީންގެ ލަޝްކަރާއި ދެމެދުގައެވެ. އަދި ބައިތުލް މަޤްދިސް ޞަލީބީންގެ އަތްދަށުން މިހަގުރާމައިގައި އަތުލެއްވި އެވެ.

- ހިޖުރައިން 647ވަނަ އަހަރު ފްރާންސްގެ ރަސްގެފާނު ''ލުއިސް9'' ވެރިއަކަށް ހުރެގެން ޞަލީބީންގެ 7ވަނަ ޙަމަލާ މިޞްރަށް ދެއްވައި ދިމްޔާޠު އަށް ވެރިވެގަތެވެ. އެއަށްފަހު މަންޞޫރާ އަށް ވާސިލް ވިއެވެ. އެދުވަސްވަރު ނަޖުމުއްދީން އައްޔޫބު އަވަހާރަވި އެވެ. ނަމަވެސް އޭނާގެ އަންހެނުން ޝަޖަރަތު އައްދުއްރު އެމަރުގެ ޚަބަރު ސިއްރު ކުރިއެވެ. ނަޖުމުއްދީން ދަރިކަލުން ތޫރާން ޝާހް މަމާލިކުންނާއި ބައިވެރިވެ، ''އައްޡާހިރު ބައިބަރަސް'' ވެރިއަކަށް ހުރެ ޞަލީބީންނާއި ހަގުރާމަކޮށް ދިމްޔާޠު އެމީހުންގެ އަތްދަށަށް ގެނައެވެ.

- ހިޖުރައިން 648ވަނަ އަހަރު ޝަޖަރަތު އައްދުއްރު މަމާލިކުންނާއި ގުޅިގެން ވެރިއަކަށް ހުރި ތޫރާން ޝާހް ގަތުލުކުރެއްވި އެވެ. އެއާގުޅިގެން މިޞްރު އަދި ޝާމްކަރައިގެ ބިންތަކުގައި މަމާލިކުންގެ ވެރިކަން ފެށިގެން ދިޔައެވެ.

3- ނަޖާޙު ދަރިކޮޅުގެ ދައުލަތް

ނަޖާޙު ދަރިކޮޅުގެ ދައުލަތް އުފެދުނީ ހިޖުރައިން 402ވަނަ އަހަރު އެވެ. އެއީ ޔަމަނުގެ ''ޒަބީދު''އޭ ކިޔުނު ހިސާބުގައި އޮތް ޒިޔާދު ދަރިކޮޅުގެ ދައުލަތް އެދައުލަތުގެ ބާނީ ޙުސައިން ބިން ސަލާމާ އަވަހާރަވުމާއި އެކު ވެއްޓިގެން ދިއުމާއި ގުޅިގެންނެވެ. ނަޖާޙު ދަރިކޮޅު އުފެދުނީ ނަޖާޙު ވެރިކަމަށް އިސްވެ. ''ތުހާމާ'' އަދި ''ޒަބީދު''ގެ ރަސްކަލެއްކަމަށް އަމިއްލަ އަށް ނަޖާޙު އިއުލާންކުރެއްވުމާއި ގުޅިގެންނެވެ. އަދި އޭރު އައްބާސީ ދައުލަތުގެ ޚަލީފާ ކަމުގެ މަގާމްގައި ހުންނެވި އަލްޤާދިރު ބިﷲ މިދައުލަތް ގަބޫލުކުރެއްވި އެވެ.

ހިޖުރައިން 452ވަނަ އަހަރު ނަޖާޙު އަވަހަރާވުމުން ވެރިކަމަށް އިސްކުރެވުނު އޭނާގެ ދަރިކަލުން ސަޢީދު ބިން ނަޖާޙު ހިޖުރައިން 481ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. ހިޖުރައިން 468ވަނަ އަހަރު މައްކާއަށް ވަޑައިގެން މަގުމަތީގައި ޢަލީ ބިން މުޙައްމަދު އައްޞުލައިޙީ ގެ ޖަމާއަތަށް ހަމަލާ ދެއްވައި ގަތުލުކުރެއްވި އެވެ. ޢަލީ ބިން މުޙައްމަދު އައްޞުލައިޙީ އަކީ ޔަމަނުގައި ޝީޢީ މަޛުހަބު ފެތުރުމުގައި އިސް ޖަމާއަތެއްކަމުގައިވާ ''އިސްމާޢީލިއްޔާ'' ޖަމާއަތުގެ ބާނީ އެވެ. އަދި އޭނާ އަށް ތަބާވި މީހުނަށް ޞުލައިޙީން އޭ ކިޔައެވެ. ސަޢީދު ބިން ނަޖާޙު ޢަލީ ބިން މުޙައްމަދު އައްޞުލައިޙީ ގަތުލުކުރުމުން އެމަގާމަށް އޭނާގެ ދަރިކަލުން މުކައްރަމް އިސްކުރެވުނެވެ. އަދި ނަޖާޙު ދަރިކޮޅުގެ މީހުންނާއި ހަގުރާމަ ކުރައްވައި ނަޞްރު ހޯއްދެވި އެވެ. ޞުލައިޙީންގެ ތެރެއިން ނަޖާޙުދަރިކޮޅު މީހުންގެ ގާތުގައި އަސީރުންގެ ގޮތުގައި ތިބި މީހުން މިނިވަންކޮށް ސަލާމަތްކުރެއްވި އެވެ.

ނަޖާޙު ދަރިކޮޅުގެ މީހުންނާއި ޞުލައިޙީންނާއި ދެމެދު ކުރެވުނު ކުރިން މިބުނި ހަގުރާމައިގައި ސަލާމަތްވެ ވަޑައިގަތުމުން ފިލާވަޑައިގެން ''ދަހްލަކް'' އޭ ކިޔުނު ރަށަށް ސަޢީދު ބިން ނަޖާޙް ދަތުރުކުރެއްވި އެވެ. އަދި ވެރިކަމުގައި މުކައްރަމް ހިޖުރައިން 482ވަނަ އަހަރާއި ހަމައަށް ހުންނެވި އެވެ. ޒަމާންތަކެއް ފަހުން ހިޖުރައިން 481ވަނަ އަހަރު ސަޢީދު ބިން ނަޖާޙު އެބުރި ވަޑައިގެން މުކައްރަމް ބިން ޢަލީ އައްޞުލައިޙީ އާއި ހަގުރާމަކުރެއްވި އެވެ. މިހަގުރާމައިގައި މުކައްރަމް ސަޢީދު ބިން ނަޖާޙު ގަތުލުކުރެއްވުމުން ސަޢީދުގެ ކޮއްކޮ ޖިޔާޝް ބިން ނަޖާޙު ފިލައިގެން އިންޑިޔާ އަށް ވަޑައިގެންނެވި އެވެ.

2އަހަރުގެ މުއްދަތަށް ފަހު އިންޑިޔާ އިން އެބުރި ވަޑައިގެން މުކައްރަމް ބިން ޢަލީ އައްޞުލައިޙީ އާއި ހަގުރާމަކޮށް ކާމިޔާބު ހޯއްދެވި އެވެ. އަދި ޔަމަން އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. މުކައްރަމް އަވަހާރަވީ ހިޖުރައިން 484ވަނަ އަހަރު ޞަންޢާއު އަށް ވަޑައިގަންނަވަނި ކޮށެވެ. ޖިޔާޝް ބިން ނަޖާޙު ވެރިކަމުގައި ހިޖުރައިން 489ވަނަ އަހަރާއި ހަމައަށް ދެމިހުންނެވި އެވެ. އެއަށްފަހު ވެރިކަމަށް އިސްކުރެވުނު ޖިޔާޝްގެ ދަރިކަލުން ފާތިކް ބިން ޖިޔާޝް އޭނާ ހިޖުރައިން 503ވަނަ އަހަރު އަވަހާރަ ވަންދެން ދެމިހުންނެވި އެވެ. އެއަށް ފަހު ވެރިކަމަށް އިސްވި ފާތިކްގެ ދަރިކަލުން މަންޞޫރު ބިން ފާތިކް ހިޖުރައިން 521ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ. އެއަށްފަހު ވެރިކަމަށް އިސްވި މަންޞޫރުގެ ދަރިކަލުން ފާތިކް ބިން މަންޞޫރު ހިޖުރައިން 540ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ދެމިހުންނެވި އެވެ.

ފާތިކް ބިން މަންޞޫރުގެ ވެރިކަމުގައި ހިޖުރައިން 538ވަނަ އަހަރު މަހްދީން ގެ ވެރިއަކަށް ޢަލީ ބިން މަހްދީ ހުރެގެން ނަޖާޙު ދަރިކޮޅުގެ ރަށްތަކަށް ހަމަލާ ދީފައި ވެއެވެ. އެކަމަކު ޢަލީ ބިން މަހްދީ ބަލިވުމުން ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލާވަޑައިގެންނެވި އެވެ. ފާތިކް ބިން މަންޞޫރު އަށް ފަހު ދެން ވެރިކަމަށް އިސްވި ފާތިކް ބިން މުޙައްމަދު ބިން ފާތިކް ހިޖުރައިން 554ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. ނަޖާޙު ދަރިކޮޅުގެ ދައުލަތް ވެއްޓިގެން ދިޔައީ ފާތިކް ބިން މުހައްމަދު ބިން ފާތިކް ގެ ވެރިކަމުގައި މަހްދީން ޒަބީދު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުންނެވެ.

ވެރިކަން ކުރެއްވި ބޭފުޅާގެ ނަން

ވެރިކަންކުރެއްވިމުއްދަތު (ހިޖުރީ)

އަލް އަމީރު ނަޖާޙު

403ން 452އަށް

ސަޢީދު ބިން ނަޖާޙު

452ން 481އަށް

ޖިޔާޝް ބިން ނަޖާޙު

483ން 498އަށް

ފާތިކް ބިން ޖިޔާޝް

498ން 503އަށް

މަންޞޫރު ބިން ފާތިކް

530ން 521އަށް

ފާތިކް ބިން މަންޞޫރު

521ން 540އަށް

ފާތިކް ބިން މުހައްމަދު ބިން ފާތިކް

540ން 554އަށް

4- ބުވައިހީ ދައުލަތް

ބުވައިހީންނަކީ ދައިލަމީ އަސްލުގެ ބައެކެވެ. އެއީ އީރާންގެ ހުޅަގު އުތުރު ފަރުބަދަ މަތީ ހިސާބުގައި އުޅުނު ގަބީލާތަކެކެވެ. ޝީޢީ އުސޫލުތަކާއި ގޮތްތައް ބުވައިހީންނާއި ހަމައަށް ވާސިލްވީ އަވައްޓެރި ޠަބްރުސްތާންގެ މީހުންގެ ފުށުންނެވެ. އަބޫ ޝުޖާޢު ބިން ބުވައިހް އަކީ ދައިލަމީންގެ ޖަމާއަތެއްގެ ވެރިއެކެވެ. އޭނާގެ 3 ދަރިން ތިބެއެވެ. އެއީ ޢަލީ، ޙަސަން، އަދި އަޙުމަދު އެވެ. އެ3 ދަރިން ދައިލަމީންގެ ކޮމާންޑަރެއް ކަމުގައި ވާ ''މާކާން ބިން ކާލީ''ގެ ސިފައިންގެ ލަޝްކަރަށް ވަދެވަޑައިގެންނެވި އެވެ. އޭގެ ދުވަސްކޮޅެއްފަހުން ދައިލަމީންގެ އެހެން ކޮމާންޑަރެއްކަމުގައިވާ ''މަރްދާވީޖު ބިން ޒިޔާދު''ގެ ބާރުގެ ދަށުގައި އޮތް ކަރުޖުގެ ރަށްތަކުގެ ވެރިއަކަށް ޢަލީ ބިން ބުވައިހް އިސްކުރެވުނެވެ. މިކަމާއި މަރްދާވީޖްގެ ކޮއްކޮ ޝަމްކީރު ހިތްހަމަނުޖެހި، ބުވައިހް ގެ ދަރިން އަބުރާ އެރަށުން ފޮނުވާލުމަށް މަރްދާވީޖުގެ ކިބައިން އެދުނެވެ.

އަޙުމަދު އަދި ޙަސަން ބިން ބުވައިހް އެރަށް ދޫކޮށް ދިޔަ ނަމަވެސް ޢަލީ ބިން ބުވައިހް މަޑުކުރެއްވި އެވެ. ފަހުން މަރްދާވީޖް ޢަލީ ބިން ބުވައިހް އެރަށުން ބޭރުކުރުމަށް ލަޝްކަރެއް ފޮނުއްވުމުން ޢަލީ ކަރުޖުގެ ރަށްތައް ދޫކުރައްވައި، އަސްފަހާން އަށް ވަޑައިގެން، އަލްމުޠުޣަރު ބިން ޔާޤޫތު ގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. އަސްފަހާންގައި ދައިލަމީންގެ އެތައް ބަޔަކު ޢަލީ ބިން ބުވައިހް ގެ ލަޝްކަރާއި ގުޅުމުން ލަޝްކަރުގައި ހިމެނޭ މީހުންގެ އަދަދު 7ހާސް އަށް އެރިއެވެ. އެއަށްފަހު ލަޝްކަރާއި އެކު އިސްޠަޚުރު އަށް ވަޑައިގެން އަލްމުޠުފިރު ބިން ޔާޤޫތު ގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. ހިޖުރައިން 322ވަނަ އަހަރު ޝީރާޒް އަށް ވަދެވަޑައިގެންނެވި އެވެ.

ވެރިކަމުގެ މައި ރަށެއްގެ ގޮތުގައި ޝީރާޒް ކަނޑައަޅުއްވައި، ދެވަނަ ފަހަރަށް މަރްދާވީޖް އާއި ހަގުރާމަ ކުރެއްވުމަށް ނިންމެވި އެވެ. މަރްދާވީޖްއާއި ބުވައިހްގެ ދަރިންގެ މެދުގައި ވާދަވެރިކަން މާގިނަ ދުވަހަކު ދެމިއެއް ނޯވެއެވެ. ހިޖުރައިން 323ވަނަ އަހަރު ތުރުކީންގެ ތެރެއިން ބަޔަކު މަރްދާވީޖް ގަތުލުކުރެއްވި އެވެ. އެއަށްފަހު ޢަލީ ބިން ބުވައިހް ފާރިސްގެ ރަށްތައް އަޅުވެތި ކުރި އެވެ. ޙަސަން ބިން ބުވައިހް އަސްފަހާން، ރައްޔު، އަދި ހަމްދާން އަޅުވެތި ކުރިއެވެ. އަޙުމަދު ބިން ބުވައިހް ކަރުމާން އަޅުވެތި ކުރުމަށްފަހު ހިޖުރައިން 326ވަނަ އަހަރު އަހްވާޒު އަޅުވެތިކުރި އެވެ.

ތުރުކީންގެ ކޮމާންޑަރު ޓޯޒޯން އާއި، ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމުއްތަޤީ އާއި ދެމެދުގައި އޮތް ގުޅުން ގޯސްވެ، އަޙުމަދު ބިން ބުވައިހް ގެ ކިބައިން ބަޣްދާދު އަށް އެރުމަށް އަލްމުއްތަޤީ އެދިލެއްވި އެވެ. ނަމަވެސް ބަޣްދާދުގައި ހިޖުރައިން 332ވަނަ އަހަރު ޓޯޒޯންގެ ލަޝްކަރާއި ހަގުރާމަކޮށް އަހުމަދު ބިން ބުވައިހްގެ ލަޝްކަރު ވަނީ ބަލިވެފައެވެ.

ހިޖުރައިން 333ވަނަ އަހަރު ބަޣްދާދު އަށް ވަޑައިގަތުމަށް އަޙުމަދު ބިން ބުވައިހް އަށް ދައުވަތު އެރުވުނެވެ. އަދި ބަޣްދާދު އަށް ވަޑައިގަތުމުން ޚަލީފާ އަލްމުސްތަކްފީ އެމީހުންނަށް މަރުހަބާ ދަންނަވައި މާތްކޮށް ހިތިއެވެ. އަލްމުސްތަކްފީ އަޙުމަދު ބިން ބުވައިހް އަށް ''މުޢިއްޒު އައްދައުލާ''ގެ ލަގަބު ދެއްވައި، ޢަލީ ބިން ބުވައިހް އަށް ''ޢިމާދު އައްދައުލާ''ގެ ލަގަބު ދެއްވައި، ޙަސަން ބިން ބުވައިހް އަށް ''ރުކުނު އައްދައުލާ'' ގެ ލަގަބު ދެއްވި އެވެ.

ބުވައިހީންގެ ވެރިކަމުގެ ދުވަސްވަރު އެއްވެސް ކަހަލަ ދާއިރާއެއްގައި ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އަހުލުއްސުންނާ އަށް ތަބާވާ މުސްލިމުންނާއި ހަގުރާމަކޮށް ދީނީ ބައިބައިވުން ފެތުރައި ޝީޢީންގެ އުސޫލުތައް ފެތުރުމަށް ތަފާތު މުޒާހަރާތައް ހިންގައި ރާވާ ހެދިއެވެ.

ހިގާދިޔަ ބައެއް ހާދިސާތައް

- ހިޖުރައިން 322ވަނަ އަހަރު ޢަލީ ބިން ބުވައިހް އަސްފަހާން އަށް ވަޑައިގެން، އަލްމުޠުޣަރު ބިން ޔާޤޫތު ގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. ހަމައެއަހަރު ޝީރާޒް އަށް ވަދެވަޑައިގެންނެވި އެވެ. ހިޖުރައިން 323ވަނަ އަހަރު ޢަލީ ބިން ބުވައިހް ފާރިސްގެ ރަށްތައް އަޅުވެތި ކުރި އެވެ. ޙަސަން ބިން ބުވައިހް އަސްފަހާން، ރައްޔު، އަދި ހަމްޛާން އަޅުވެތި ކުރިއެވެ. އަޙުމަދު ބިން ބުވައިހް ކަރުމާން އަޅުވެތި ކުރުމަށްފަހު ހިޖުރައިން 326ވަނަ އަހަރު އަހްވާޒު އަޅުވެތިކުރި އެވެ.

- ބަޣްދާދުގައި ހިޖުރައިން 332ވަނަ އަހަރު ޓޯޒޯންގެ ލަޝްކަރާއި ހަގުރާމަކޮށް އަހުމަދު ބިން ބުވައިހްގެ ލަޝްކަރު ވަނީ ބަލިވެގެން ދިޔައެވެ. ހިޖުރައިން 333ވަނަ އަހަރު ބަޣްދާދު އަށް ވަޑައިގަތުމަށް އަޙުމަދު ބިން ބުވައިހް އަށް ދައުވަތު އެރުވުނެވެ. އަދި ބަޣްދާދު އަށް ވަޑައިގަތުމުން ޚަލީފާ އަލްމުސްތަކްފީ އެމީހުންނަށް މަރުހަބާ ދަންނަވައި މާތްކޮށް ހިތިއެވެ. އަލްމުސްތަކްފީ އަޙުމަދު ބިން ބުވައިހް އަށް ''މުޢިއްޒު އައްދައުލާ''ގެ ލަގަބު ދެއްވައި، ޢަލީ ބިން ބުވައިހް އަށް ''ޢިމާދު އައްދައުލާ''ގެ ލަގަބު ދެއްވައި، ޙަސަން ބިން ބުވައިހް އަށް ''ރުކުނު އައްދައުލާ'' ގެ ލަގަބު ދެއްވި އެވެ.

- ހިޖުރައިން 338ވަނަ އަހަރު ޢަލީ ބިން ބުވައިހް އަވަހާރަވުމާއި ގުޅިގެން ޙަސަން ބިން ބުވައިހްގެ ދަރިކަލުން އަބީ ޝުޖާޢު ޚަސްރޫ އެމަގާމަށް އިސްކުރެވުނެވެ. އަބީ ޝުޖާޢު ޚަސްރޫ އަށް ''އަޟުދު އައްދައުލާ''ގެ ލަގަބު ދެވިފައި ވެއެވެ. ޙަސަން ބިން ބުވައިހް ޝަމްކީރު އަދި ދައިލަމީންގެ އަމީރުންގެ އަތްދަށުން ޠަބްރުސްތާން އަދި ޖަރުޖާން އަތުލެއްވި އެވެ.

- ހިޖުރައިން 356ވަނަ އަހަރު އަޙުމަދު ބިން ބުވައިހް އަވަހާރަވި އެވެ. އެއާއި އެކު ތުރުކީންގެ ބާރު ގަދަވެގެން ދިޔައެވެ. އެއަށްފަހު އަޙުމަދު ބިން ބުވައިހް ގެ ދަރިކަލުން ބަޚްތިޔާރު ދިރިއުޅުއްވީ ބަޣްދާދު ގައެވެ. އަދި އޭނާއަށް ''ޢިއްޒު އައްދައުލާ'' ގެ ލަގަބު ދެވުނެވެ. ހިޖުރައިން 363ވަނަ އަހަރު ސެބްކްޓެކީން ބަޚްތިޔާރު ގެ ގެއާއި އަހުލުވެރިން ޙިޞާރު ކުރުމުން އޭނާގެ ބޮޑުބޭބެ ޙަސަން ބިން ބުވައިހް ކިބައިން އެހީއަށް އެދުނެވެ.

- ހިޖުރައިން 364ވަނަ އަހަރު އަބީ ޝުޖާޢު ޚަސްރޫ ބަޣްދާދު އަށް ވަޑައިގެންނެވި އެވެ. ހިޖުރައިން 366ވަނަ އަހަރު ޙަސަން ބިން ބުވައިހް އަވަހާރަ ވިއެވެ. އެއާއި ގުޅިގެން އަޟުދު އައްދައުލާ ފާރިސް އަދި ކަރުމާން އަށް ވެރިވި އެވެ. ''މުއައްޔިދު އައްދައުލާ''(ޙަސަންބިން ބުވައިހްގެ ދަރިއެއް ) ރައްޔު އަދި އަސްފަހާން އަށް ވެރިވި އެވެ. ''ފަޚުރު އައްދައުލާ'' ހަމްދާން އަދި ދައިނޫރު އަށް ވެރިވި އެވެ.

- ހިޖުރައިން 367ވަނަ އަހަރު ޢަޟުދު އައްދައުލާ ޢިއްޒު އައްދައުލާ އަށް ދައުވަތު ދެއްވައި، އަދި އިރާގުން ދުރު ބޭނުން ހިސާބަކަށް ދަތުރުކުރެއްވުމަށް އެންގިއެވެ. ހިޖުރައިން 368ވަނަ އަހަރު ޢިއްޒު އައްދައުލާ އާއި އަބީ ތަޢުލަބު އަލްޙަމްދާނީ އާއި ދެމެދު ބައްދަލުވުމެއް ބޭއްވުނެވެ. އަދި ޢަޟުދު އައްދައުލާއާއި ޢިއްޒު އައްދައުލާ އާއި ދެމެދު ތިކްރީތު ގައި ކުރިމަތިލުންތައް އޮތެވެ. މިކުރިމަތިލުންތަކުގައި ޢަޟުދު އައްދައުލާ ޢިއްޒު އައްދައުލާ ގަތުލުކުރައްވައި އިރާގު ގެ ވެރިކަމަށް އިސްވި އެވެ.

- ހިޖުރައން 373ވަނަ އަހަރު މުއައްޔިދު އައްދައުލާ އަވަހާރަވުމުން ވެރިކަމަށް ފަޚުރު އައްދައުލާ އިސްކުރެވުނެވެ. އެއީ އޭނާގެ ކޮއްކޮ ''ޞަމްޞާމް އައްދައުލާ'' އެގޮތަށް އެއްބަސްވެ ޞުލްހަވުމުންނެވެ. ހިޖުރައިން 376ވަނަ އަހަރު ''ޝަރަފު އައްދައުލާ''އާއި ''ޞަމްޞާމް އައްދައުލާ''( ޙަސަން ބިން ބުވައިހްގެ ދެދަރިކަލުން ) އާއި ދެމެދު ޚިޔާލުތަފާތުވުން އުފެދުނެވެ. ހަގުރާމަކޮށް ޞަމްޞާމް އައްދައުލާގެ މައްޗަށް ކާމިޔާބު ހޯއްދަވައި ޝަރަފު އައްދައުލާ ބަޣްދާދަށް ވަދެވަޑައިގެން އޭނާގެ އަޚް ޞަމްޞާމް އައްދައުލާ ޖަލުގައި ބަންދުކުރެއްވި އެވެ.

- ހިޖުރައިން 379ވަނަ އަހަރު ޝަރަފު އައްދައުލާ އަވަހާރަވުމުން އޭނާ އަޚެއް ކަމުގައިވާ އަބީ ނަޞްރު ނުވަތަ ''ބަހާއު އައްދައުލާ'' ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 403ވަނަ އަހަރު ބަހާއު އައްދައުލާ އަވަހާރަވުމުން އޭނާގެ ދަރިކަލުން ''ސުލްޠާނު އައްދައުލާ'' ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އޭނާގެ އަޚް ''ގަވާމް އައްދައުލާ'' ޣަޒްނަވީންގެ ވެރިޔާ މަޙުމޫދު ގެ އަރިހަށް ދިއުމަށްފަހު ތަފާތު ހަމަނުޖެހުންތައް އެދެމެދުގައި ހިނގަށް ފެށި އެވެ.

- ހިޖުރައިން 422ވަނަ އަހަރު ''ޖަލާލު އައްދައުލާ'' އާއި ސިފައިންނާއި ދެމެދު ހަމަނުޖެހުން ހިނގި އެވެ. އަދި ބަޣުދާދު އިން ނިކުމެވަޑައިގެންނެވި އެވެ. އެދުވަސްވަރު ބަޣުދާދުގެ އިރުމަތީ ފަރާތުގައިވާ ހިސާބުތަކުގެ ވެރިއަކަށް ތުރުކީންގެ ކޮމާންޑަރެއްކަމުގައިވާ އަބޫ އަލްޙާރިޘް އަރުސަލާން އިސްކުރެވުނެވެ.ހިޖުރައިން 436ވަނަ އަހަރު ޖަލާލުއްދީން އަވަހާރަވުމާއި އެކު އަބޫ ކާލީޖާރު ބަޣްދާދު އަށް ވަޑައިގެންނެވި އެވެ. އެއީ ސަލާޖިޤީންގެ ވެރިއަކަށް ހުންނެވި ޠުޣުރަލް ބެކް ފޮނުއްވައިގެންނެވެ. އެހިސާބުން ފެށިގެން ސަލާޖިޤީން ބާރު ބަޣްދާދު ގައި ހިންގަށް ފެށިއެވެ.

5- ޙަމްދާނީ ދައުލަތް

ޙަމްދާނީ ދައުލަތް ނިސްބަތްވަނީ ޙަމްދާން ބިން ޙަމްދޫން އަށެވެ. ޙަމްދާން އަކީ މޫޞިލްގެ ކައިރި ހިސާބެއްގައި ދިރިއުޅުނު ބަނީ ތަޣައްލުބު ގަބީލާގެ މީހެކެވެ. ހިޖުރައިން 260ވަނަ އަހަރު ޙަމްދާން ޚަވާރިޖުންނާއި ގުޅުނެވެ. އަދި ޚަވާރިޖުންނާއި ގުޅިގެން އުފެއްދި ލަޝްކަރާއި އެކު ހިޖުރައިން 272ވަނަ އަހަރު މޫޞިލަށް ވަދެގަތެވެ. އެހިނދު ޚަލީފާ އަލްމުޢުތަޟިދު އެބައިމީހުންނާއި ދެކޮޅަށް ހަގުރާމަ ފެށިއެވެ. އަދި އެމީހުންގެ މައްޗަށް ނަޞްރު ހޯދިއެވެ. އެތަނުން ޙަމްދާން ފިލާވަޑައިގެންނެވިއެވެ. ނަމަވެސް ޚަލީފާ އަލްމުޢުތަޟިދު ޙަމްދާން ހޯއްދަވައި ހިފައި ބަޣްދާދުގެ ޖަލުގައި ހައްޔަރު ކުރެއްވި އެވެ.

ޙުސައިން ބިން ޙަމްދާން ޚަލީފާ އަލްމުޢުތަޟިދު އަށް ކިޔަމަންވެ، އޭނާގެ އަރިހުން ބައްޕާފުޅު ޙަމްދާން މިނިވަންކޮށްދިނުމަށް އެދުނެވެ. އޭގެ ބަދަލެއްގެ ގޮތުން އަލްމުޢުތަޟިދު ޚަވާރިޖުންގެ ޒަޢީމް ހާރޫން އައްޝާރީ ހައްޔަރުކޮށް ދިނުމަށް އެދުމުން ހުސައިން ބިން ޙަމްދާން އެކަން ފުރިހަމަކޮށްދެއްވި އެވެ. އެއަށްފަހު ޙަމްދާން ބިން ޙަމްދޫން މިނިވަންކޮށް ދޫކޮށްލެއްވި އެވެ.

އެއަށްފަހު ޙަމްދާނީ ދައުލަތުގެ މީހުން އައްބާސީ ދައުލަތު މަތީ ކޮމާންޑަރުން ފެންވަރުގެ މަގާމްތަކުގައި ތިއްބެވި އެވެ. ޚާއްޞަކޮށް ޤަރާމިޠީންނާއި، ޚަވާރިޖުންނާއި ދެކޮޅަށް ކުރެއްވި ހަގުރާމަތަކުގެ ސަބަބުން ޙަމްދާނީން ވަރަށްބޮޑަށް މަޝްހޫރު ވެފައިވެއެވެ. ޙަމްދާނީންގެ ތެރެއިން ފާހަގަވެގެންދިޔަ ބޭފުޅުންގެ ތެރޭގައި ޢަބުދުﷲ، ސަޢީދު، އަދި ދާއޫދު ފަދަ ބޭފުޅުން ހިމެނެއެވެ. މިއިން ބައެއް ބޭފުޅުން ވަނީ ގަތުލުކުރެވިފައެވެ. އަނެއްބަޔަކު ޖަލުގެ ހައްޔަރުގައި ހުންނަވަނިކޮށް ދުނިޔެދޫކޮށް ގޮސްފައެވެ. އެއީ ހިޖުރައިން 296ން 322ވަނަ އަހަރާއި ދޭތެރޭ ޙަމްދާނީން ދައުލަތުގެ ވެރިންނާއި އެކި ޚަލީފާއިންނާއި ދޭތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުންނެވެ. ދާއޫދު އަވަހާރަވެފައިވަނީ ހިޖުރައިން 320ވަނަ އަހަރު ޚަވާރިޖުންނާއި ހަގުރާމަ ކުރައްވަނިކޮށެވެ.

ހިޖުރައިން 308ވަނަ އަހަރު ޢަބުދުﷲ ބިން ޙަމްދާން އަވަހާރަވުމުގެ ކުރިން އޭނާގެ ދަރިކަލުން ޙަސަން ( ނާޞިރު އައްދައުލާ) މޫޞިލްގެ ނާއިބަކަށް ކަނޑައެޅުއްވި އެވެ. އެއަށްފަހު ހަސަން ހިޖުރައިން 358ވަނަ އަހަރާއި ހަމައަށް އެމަގާމްގައި ހުންނެވި އެވެ. ޙަމްދާނީ ދައުލަތުން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ޙަލަބު އަމީރުކަން ކުރެއްވި ސައިފު އައްދައުލާ އަލްޙަމްދާނީ އެވެ. ޙަލަބުގެ އަމީރަކަށް އިސްވެވަޑައިގަތީ ހިޖުރައިން 333ވަނަ އަހަރު އެވެ. ހިޖުރައިން 332ވަނަ އަހަރު ނާޞިރު އައްދައުލާ އިޚްޝީދު ގެ ބަޔަކަށް ވެރިވިއެވެ. އަދި އެތާގެ ވެރިކަން އޭނާގެ ބޮޑުބޭބެގެ ދަރިކަލުން ޙުސައިން ބިން ސަޢީދު އަލްޙަމްދާނީ އަށް ދެއްވި އެވެ.

ހިޖުރައިން 335އާއި 345އާއި ދެމެދު ނާޞިރު އައްދައުލާ އާއި ބުވައިހީ ދައުލަތާއި ދެމެދު ހަމަނުޖެހުންތައް އުފެދިފައިވެއެވެ. މިހަމަނުޖެހުންތަކުގެ ތެރޭގައި މޫޞިލްގެ ބައެއް ބިންތައް ގެއްލިގެން ދިޔައެވެ. އެހިނދު އޭނާގެ އަޚް ސައިފު އައްދައުލާގެ ކިބައިން އެހީ ހޯއްދެވިއެވެ. ސައިފު އައްދައުލާ ބުވައިހީންނާއި ނާޞިރު އައްދައުލާ ޞުލްހަކުރެއްވިއެވެ.

ޙަލަބުގެ އަމީރު ސައިފު އައްދައުލާ މަޝްހޫރުވެފައިވަނީ ރޫމީންނާއި ދެކޮޅަށް ހިންގި ދިގު ހަގުރާމަތަކުގެ ސަބަބުންނެވެ. ހިޖުރައިން 337ވަނަ އަހަރު ސައިފު އައްދައުލާ ބޮޑު ލަޝްކަރަކާއި އެކު ރޫމީންގެ ރަށްތަކަށް އަރައި ގަތެވެ. އެފަހަރު ރޫމީންގެ އަތުން ބަލިވުމުން ރޫމީންގެ ސަބަބުން ޠަރްސޫސްގެ އަހުލުވެރިންނަށް އެތައް އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ހިޖުރައިން 339ވަނަ އަހަރު ރޫމީންގެ މައްޗަށް ސައިފު އައްދައުލާ ނަޞްރު ހޯއްދެވި އެވެ. ހިޖުރައިން 342ވަނަ އަހަރުވެސް ރޫމީންގެ ރަށްތަކާއި ހަމަލާ ދެއްވައި ސައިފު އައްދައުލާ ކާމިޔާބު ހޯއްދެވިއެވެ. ހިޖުރައިން 343ވަނަ އަހަރު ޤަސްޠަންޠީން ބިން ދިމިސްތަގު އައްރޫމީ އާއި ކުރިމަތިލައްވައި ބަލިކުރެއްވި އެވެ. އެއަށްފަހު ޒަބްޠަރާ އަދި މަލާޠިޔާ އަށް ވެރިވެ. ރޫމީންގެ އެތައް ބަޔަކު ހިފައި ހައްޔަރު ކުރެއްވި އެވެ. ހިޖުރައިން 345ވަނަ އަހަރާއި އަދި ހިޖުރައިން 349ވަނަ އަހަރު ވެސް ސައިފު އައްދައުލާ ރޫމީންގެ މައްޗަށް ކާމިޔާބު ހޯއްދެވި އެވެ.

ހިޖުރައިން 351ވަނަ އަހަރު ދިމިސްތަގު އައްރޫމީ ޙަލަބު އަށް ވަދެ ސައިފު އައްދައުލާ ގެ ގެއަށް ގަދަވެގަތެވެ. ސައިފު އައްދައުލާ ފިލިނަމަވެސް ބައެއް ތިމާގެ މީހުން ގަތުލުކުރެއްވި އެވެ. އަދި ގޭގައި ހުރި ހުރިހާ މުދަލެއް ދިމިސްތަގު އައްރޫމީ ނެންގެވިއެވެ. ހިޖުރައިން 356ވަނަ އަހަރު ސައިފު އައްދައުލާ އަވަހާރަވުމާއި އެކު އޭނާގެ ދަރިކަލުން ސަޢުދު އައްދައުލާ ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 381ވަނަ އަހަރު ސަޢުދު އަވަހާރަވުމުން އޭނާގެ ދަރިކަލުން އޭނާގެ ދަރިކަލުން ސަޢުދު އަބުލް ފަޟާއިލް ( ސަޢީދު އައްދައުލާ) ވެރިކަމަށް އިސްވިއެވެ. ހަމްދާނީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 394ވަނަ އަހަރު ސައީދު އައްދައުލާ އަވަހާރަވުމާއި ގުޅިގެންނެވެ.

6- ސާމާނީ ދައުލަތް

ސާމާނީ ދައުލަތް ނިސްބަތްވަނީ އުމަވީ ދައުލަތުގެ ފަހުކޮޅުގައި އިސްލާމްދީން ގަބޫލުކުރެއްވި ފާރިސީ ބަޔެއްގެ ތެރެއިން ސާމާން ކިޔާ މީހަކަށެވެ. ސާމާނީންގެ ދަރިކޮޅުގެ މީހުންގެ ކާފަ ''ސާމާންޚަޛާހް'' އަކީ ދަހާޤިނީން ގެ ބޭފުޅެކެވެ. އުމަވީ ދައުލަތުގެ ޚަލީފާ ޔަޒީދު ބިން ޢަބުދުލް މަލިކް ގެ ދުވަސްވަރު ސާމާނީންގެ ރަށް ދޫކޮށް ޚުރާސާންގެ ވެރިއަކަށް ހުންނެވި އަސަދު ބިން ޢަބުދުﷲ އަލްޤުސަރީ ގެ އަރިހަށް ވަޑައިގެންނެވި އެވެ. އެއަށްފަހު އިސްލާމްދީން ގަބޫލުކުރިއެވެ. އެއަށްފަހު އޭނާގެ ދަރިކަލަކަށް އަސަދު ގެ ނަންކިޔުއްވި އެވެ. އަސަދުގެ ދަރިންނަކީ ޚަލީފާ އަލްމައުމޫންގެ ދުވަސްވަރު ޒަޢީމުންނެވެ. މިގޮތުން އެދުވަސްވަރު ވެރިކަމަށް އިސްކުރެވުނު އަސަދުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ތެރޭގައި ފަރުޣާނާ ގެ ވެރިކަމަށް އިސްކުރެވުނު އަޙުމަދު ބިން އަސަދު، ސަމަރުގަންދު ގެ ވެރިކަމަށް އިސްކުރެވުނު ނޫޙު ބިން އަސަދު، ޝާޝް އަދި އަޝްރޯނާ ގެ ވެރިކަމަށް އިސްކުރެވުނު ޔަޙްޔާ ބިން އަސަދު، އަދި ހިޖުރައިން 204ވަނަ އަހަރު ހަރާތު ގެ ވެރިކަމަށް އިސްކުރެވުނު އިލްޔާސް ބިން އަސަދު ހިމެނެއެވެ.

ޠާހިރީ ދައުލަތުގެ ވެރިއެއްކަމުގައިވާ ޠާހިރު ބިން ޙުސައިންގެ އަތްދަށަށް ޚުރާސާން ދިއުމުން އަސަދު ބިން ސާމާންގެ ދަރިން އެމީހުންގެ އަތްދަށުގައި ހުރި ބިންތައް ދޫކޮށްލެއްވި އެވެ. ސާމާނީ ދައުލަތް އުފައްދާފައިވަނީ އަޙުމަދު ބިން އަސަދު ގެ ދަރިކޮޅުންނެވެ. ޠާހިރީ ދައުލަތް ވެއްޓުމުން ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔޭ ހިސާބުގެ ވެރިކަމަށް ނަޞްރު ބިން އަޙުމަދު ބިން އަސަދު އައްސާމާނީ އިސްވުމާއި އެކު ސާމާނީ ދައުލަތް އުފެދިގެން ދިޔައެވެ. އެއަށްފަހު ބުޚާރާގެ ވެރިކަމަށް އޭނާގެ އަޚް އިސްމާޢީލް ބިން އަހުމަދު ބިން އަސަދު އިސްކުރެއްވި އެވެ. އިސްމާޢީލް އެދުވަސްވަރު އެހިސާބުގެ މީސްތަކުންގެ މެދުގައި އޮތް ފިތުނަވެރިކަން ނިމުމަކަށް ގެނައެވެ. ހިޖުރައިން 062ވަނަ އަހަރު މަޝާޣިބީން ބަލިކުރެއްވި އެވެ.

ހިޖުރައިން 279ވަނަ އަހަރު ނަޞްރު ބިން އަހުމަދު އަވަހާރަވުމާއި ގުޅިގެން މުޅި ދައުލަތުގެ ވެރިކަމަށް އިސްމާޢީލް ބިން އަހުމަދު ބިން އަސަދު އިސްކުރެވުނެވެ. އެއަށްފަހު ހިޖުރައިން 295ވަނަ އަހަރު ބުޚާރާގައި ދުނިޔެ ދޫކޮށް ދިއުމާއި ހަމައަށް ވެރިކަމުގައި ހުންނެވި އެވެ.އެއަށްފަހު ވެރިކަމަށް އޭނާގެ ދަރިކަލުން އަހުމަދު ބިން އިސްމާޢީލް ބިން އަހުމަދު އިސްކުރެވުނެވެ. އަހުމަދުގެ ވެރިކަމުގައި ހިޖުރައިން 892ވަނަ އަހަރު ބޮޑުލަޝްކަރަކާއިގެން ވަޑައިގެން ސިޖިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

ހިޖުރައިން 301ވަނަ އަހަރު ނަޞްރު ބިން އަހުމަދު ވެރިކަމަށް އިސްކުރެވުނެވެ. ނަޞްރު ބިން އަޙުމަދު ގެ ވެރިކަމުގައި އޭނާގެ ބައްޕަގެ ބޮޑުބޭބެ އިސްޙާގު ބިން އަޙުމަދު ބިން އަސަދު އަދި އިލްޔާސް ބިން އިސްޙާގު ގުޅިގެން އިންގިލާބެއް ގެނައެވެ. ނަމަވެސް ނަޞްރު ބިން އަހުމަދު ގެ ލަޝްކަރުގެ ކުރިމަތީގައި އެމީހުން ބަލިވެގެން ދިޔައީ އެވެ. އަދި ނަޞްރު ބިން އަހުމަދުގެ ލަޝްކަރުން އިސްޙާގު އަސީރަކަށް ހައްދަވައި، ސަމަރުގަންދު އަށް ވެރިވި އެވެ. އިލްޔާސް ބިން އިސްޙާގު ފިލައިގެން ފަރުޣާނާ އަށް ދިޔައެވެ. އެއަށްފަހު ހިޖުރައިން 302ވަނަ އަހަރު މަންޞޫރު ބިން އިސްޙާގު އިންގިލާބެއް ގެނައެވެ. އަދި ނަޞްރު ބިން އަޙުމަދު ލަޝްކަރުން ބައެއް ކޮމާންޑަރުން މަންޞޫރު ގެ ލަޝްކަރާއި ގުޅި ސިޖިސްތާން އަދި ނައިސާޕޫރު އަށް ވެރިވި އެވެ. ހިޖުރައިން 306ވަނަ އަހަރާއި ހަމައަށް މަންޞޫރު ބިން އިސްޙާގު އާއި ނަޞްރު ބިން އަހުމަދު އާއި ދެމެދު ހަގުރާމަ ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އެއަހަރު ނަޞްރު ބިން އަހުމަދު މަންޞޫރުގެ ލަޝްކަރު ބަލިކުރައްވައި ސިޖިސްތާން އަދި ނައިސާޕޫރު އަލުން ނަޞްރު ބިން އަޙުމަދުގެ ބާރުގެ ދަށަށް ގެންނެވި އެވެ.

ހިޖުރައިން 310ވަނަ އަހަރު އިލްޔާސް ބިން އިސްޙާގު ނަޞްރު ބިން އަހުމަދު އާއި ހަގުރާމަކުރެއްވުމަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެފަހަރު ވެސް ބަލިވެގެން ހިޖުރައިން 312ވަނަ އަހަރު އަބުރާ ފަރުޣާނާ އަށް ދިޔައެވެ. އެއަށްފަހު ޢަލީ ބިން އިލްޔާސް އިންގިލާބެއް ގެނެސް ކަރްމާން އަށް ވެރިވި އެވެ. އޭގެ ފަހުން ނަޞްރު ބޮޑުލަޝްކަރެއް ފޮނުއްވައި ޢަލީ ބިން އިލްޔާސް ބަލިކުރައްވައި ކަރްމާން އަބުރާ ހޯއްދެވި އެވެ.

ހިޖުރައިން 331ވަނަ އަހަރު ނަޞްރު ބިން އަހުމަދު އަވަހާރަވުމުން އޭނާގެ ދަރިކަލުން ނޫޙު ބިން ނަޞްރު ވެރިކަމަށް އިސްވި އެވެ. ޚުރާސާން ގައި ބުވައިހީންނާއި ހަގުރާމަކޮށް ބަލިވިއެވެ. ނަމަވެސް ގެއްލިގެން ދިޔަ ބިންތައް ހިޖުރައިން 333ވަނަ އަހަރު އަބުރާ ހޯއްދެވި އެވެ.

ހިޖުރައިން 356ވަނަ އަހަރު މަންޞޫރު ބިން ނޫހު ވެރިކަމަށް އިސްވިއެވެ. މަންޞޫރު ބިން ނޫޙު އަވަހާރަވީ ހިޖުރައިން 366ވަނަ އަހަރު އެވެ. އެއަށްފަހު ވެރިކަމަށް ނޫޙު ބިން މަންޞޫރު އިސްކުރެވުނެވެ. ހިޖުރައިން 387ވަނަ އަހަރު ނޫޙު ބިން މަންޞޫރު އަވަހާރަވުމާއި ގުޅިގެން ވެރިކަމަށް އޭނާގެ ދަރިކަލުން އަލްމަންޞޫރު ބިން ނޫޙު އިސްކުރެވުނެވެ. އެފުރުސަތު ގެ ބޭނުންހިފައި ތުރުކީންގެ މީހުން ސަމަރުގަންދު އަށް ވެރިވި އެވެ. އަދި ބުޚާރާ އަށް ވެސް ވަދެގަތެވެ. އެހިނދު ޣަޒްނަވީ ދަރިކޮޅުގެ ފަރާތުން މަޙުމޫދު އަލްޣަޒްނަވީ ބުޚާރާ އަދި ނައިސާޕޫރު އަށް ވެރިވެގަތެވެ. އަދި ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔާ ހިސާބުން ވެސް ސާމާނީންގެ ބާރު ފުހެލިއެވެ.ހިޖުރައިން 391ވަނަ އަހަރު ވެރިކަމަށް އިސްމާޢީލް ބިން ނޫހު އިސްވި އެވެ. އަދި ހިޖުރައިން 395ވަނަ އަހަރު ސާމާނީ ދައުލަތް އެއްކޮށް ވެއްޓިގެން ދިއުމާއި ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. ދައުލަތް ވެއްޓިގެން ދިޔައީ އިސްމާޢީލް ބިން ނޫޙް ގަތުލުކުރެއްވުމާއި ގުޅިގެންނެވެ.

ސާމާނީ ދައުލަތުގެ ދުވަސްވަރު އެމީހުންގެ ވެރިކަން އޮތް ހިސާބުން އެތައް އިލްމުވެރިންނެއް އުފެދިގެން ނިކުމެފައި ވެއެވެ. އޭގެ ތެރޭގައި ބުޚާރީ، މުސްލިމް، ތިރުމިޛީ، ސިޖިސްތާނީ، އައްނިސާއީ، އަބާ ދާއޫދު، ފަދަ އިލްމުވެރިން ފާހަގަކުރެވެއެވެ. ބަހުގެ އިލްމުވެރިން، އަދީބުން، ޝާއިރުން، ފިހުގު އިލްމުވެރިން، ޑަކްޓަރުންނާއި، ފިލޯސަފަރުން، ގާރީންނާއި، ތާރީޚީ އެތައް އިލްމުވެރިންނެއް އެދުވަސްވަރު އުފެދިފައި ވެއެވެ.

7- ސަލާޖިޤީ ދައުލަތް

ސަލާޖިޤީންނަކީ ތުރުކީ ގަބީލާތަކެއް ގުޅިގެން އުފެދުނު ގުރޫޕެކެވެ. މިމީހުންނަކީ އިރުމަތީ ތުރުކީން ޗައިނާގެ ދެކުނަށް ހިޖުރަކުރި ބައެކެވެ. އެއީ ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔޭ ހިސާބާއި(ޓްރާންސްއޮކްސިއޭނާ)، ޚުރާސާން ގައި ދެމިތިބުމުގެ ބޭނުމު ގައެވެ. މިދައުލަތް ނިސްބަތްވަނީ ގަބީލާތަކުގެ މީހުން އެއްކޮށް ވެރިއަކަށް އިސްވެ ވަޑައިގެންނެވި ސަލްޖޫޤު ބިން ދައްޤާޤު އަށެވެ. ސާމާނީންނާއި ޣަޒްނަވީންގެ ދުވަސްވަރު ސަލާޖިޤީން ވެސް އިސްލާމްދީން ގަބޫލުކޮށް އިސްލާމްދީނަށް ވަނެވެ. ސާމާނީންނާއި ޣަޒްނަވީންނާއި ދެމެދު ހަމަނުޖެހުންތައް ހިގަންފެށި ހިނދު ސަލާޖިޤީން ތިބީ ސާމާނީންނާއި އެއްކޮޅަށެވެ. އަދި ޣަޒްނަވީންނާއި ދެކޮޅަށް ސާމާނީން ހިންގި ހަރަކާތް ތަކުގައި ސަލާޖިޤީން އެހީތެރިވެ ދީފައި ވެއެވެ. އެހެންކަމުން ސައިޙޫން ކޯރުގެ(އޮކްސަސް ކޯރު)ކައިރީގައި އޮތް ސާމާނީންގެ ބިންތަކުގައި އުޅުމުގެ ފުރުސަތު ސަލާޖިޤީންނަށް ލިބިގެން ދިޔައެވެ.

ހިޖުރައިން 389ވަނަ އަހަރު ޣަޒްނަވީންނާއި ހަގުރާމަކޮށް ސާމާނީން ބަލިވެ، ސާމާނީ ދައުލަތް ވެއްޓިގެން ދިއުމުން ސާމާނީންގެ ބިންތަކުގެ ތެރެއިން ސަލާޖިޤީން އުޅެމުން ދިޔަ ހިސާބު އެމީހުންނަށް ލިބިގެން ދިޔައެވެ. ސަލްޖޫޤު އަވަހާރަވުމާއި ގުޅިގެން ވެރިކަމަށް ދެން އިސްވީ އޭނާގެ ދަރިކަލުން އިސްރާއީލް އެވެ. ސަލާޖިޤީންގެ ބާރާއި ހައިބަތު ފެނި، ޣަޒްނަވީންގެ ރަސްގެފާނަކަށް ހުންނެވި މަހުމޫދު އަލްޣަޒްނަވީ ބިރުހީފުޅުވުމުން އިސްރާއީލް އަށް ދައުވަތު ދެއްވައި، އެދައުވަތު ގަބޫލުކޮށް ވަޑައިގަތުމުން ހިފަހައްޓައި ގަތުލު ކުރެއްވި

އެވެ. އެއަށްފަހު ސަލާޖިޤީންނާއި ހަމަލަދެއްވައި އެމީހުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލައި ބައިބައި ކުރެއްވުމަށް ހިޖުރައިން 418ވަނަ އަހަރު ޣަޒްނަވީން މަސައްކަތްކޮށްފައި ވެއެވެ.

މަހްމޫދު އަލްޣަޒްނަވީ އަވަހާރަވުމަށްފަހު ހިޖުރައިން 429ވަނަ އަހަރު ޣަޒްނަވީންނާއި ސަލާޖިޤީންނާއި ދެމެދު ''ސަރުޚަސް'' ހަގުރާމަ ކުރެވުނެވެ. މިހަގުރާމައިގައި ބައިވެރިވި ސަލާޖިޤީންގެ ލަޝްކަރުގެ ބޮޑުންނަށް ތިބީ އިސްރާއީލްގެ ކޮއްކޮ މީކާއީލްގެ ދެދަރިން ކަމުގައިވާ ޖަޢުފަރު ބެކް، އަދި ޠުޣްރަލް ބެކް އެވެ. އެހަގުރާމައިގައި ޣަޒްނަވީން ބަލިވުމާއި ގުޅިގެން ޠުޣްރަލް ބެކް ސަލާޖިޤީ ދައުލަތެއްގެ ގޮތުގައި އިޢުލާން ކުރެއްވި އެވެ. ހިޖުރައިން 432ވަނަ އަހަރު ޢައްބާސީ ދައުލަތުން ރަސްމީސިފައެއްގައި ސަލާޖިޤީ ދައުލަތް ގަބޫލުކުރި އެވެ. އެއަށްފަހު ސަލާޖިޤީ ދައުލަތް ފެތުރެން ފެށި އެވެ.

ޠުޣްރަލް ބެކް ނައިސަޕޫރު ގެ މައްޗަށް އަތްގަދަ ކޮށް، ޖަޢުފަރު ބެކް ޚުރާސާން އަށް ވެރިވެގަތެވެ. އެއަށް ފަހު ޠުޣްރަލް ބެކް ޖަރްޖާން އަދި ޠަބްރުސްތާން އަށް ވެދެވަޑައިގެންނެވި އެވެ. ހިޖުރައިން 442ވަނަ އަހަރު އަޞްފަހާން އަށް ވަދެވަޑައިގެން އެރަށް ދައުލަތުގެ ބޭސްއެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. ސަލާޖިޤީންގެ ނުފޫޒު އިތުރުވަމުން ދިޔަ ދުވަސްވަރު ޢައްބާސީންގެ މައްޗަށް ގަދަވެގަންނަށް މަސައްކަތް ކުރަމުން ދިޔަ ބުވައިހީންގެ ބާރުދިޔައީ ދުވަހެއް ދުވަހަކަށް ދަންވަމުންނެވެ. ބުވައިހީންގެ މަރުކަޒުތަކާއި ބިންތައް ސަލާޖިޤީންނަށް ވެރިވެގަތުމުގެ ފުރުޞަތު ލިބިގެންދިޔައީ ބުވައިހީ ދަރިކޮޅުގެ ވެރިއެއް ކަމުގައިވާ ޠަޣްޔާން އަލްބަސާސީރީ އާއި ކުރިމަތިލެއްވުމަށް ޢައްބާސީ ޚަލީފާ އަލްޤާއިމް ބިއަމްރިﷲ އެހީތެރިވެ ދިނުމުންނެވެ. މިގޮތުން ކުރިން ބުނި ޚަލީފާ ބަޣުދާދަށް ވަނުމުގެ ހުއްދަ ހިޖުރައިން 447ވަނަ އަހަރު ޠުޣްރަލް ބެކް އަށް ދެއްވި އެވެ.

ސަލާޖިޤީ ދައުލަތުން ހޯދައިފައިވާ ކާމިޔާބުތަކަށް ބަލާއިރު އެކިއެކިގޮތްގޮތުން އެކިފަހަރު މަތީން ޢައްބާސީ ދައުލަތަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރެވެއެވެ. ޝީއީންގެ ޖަމާއަތެއްކަމަށްވާ ބުވައިހީ ދަރިކޮޅުން އެކިފަހަރު ޢައްބާސީންނަށް ދިންހަމަލާތަކުން މިންޖުކުރުމުގައި ސަލާޖިޤީން ވަރަށް ފުޅާ ދައުރެއް އަދާކޮށްދީ ފައިވެއެވެ. ހަމަމިހެން ޤަރާމިޠީންނާއި ޒިންޖީންގެ އުދަގުލުން ޢައްބާސީން ހިމާޔަތްކުރުމުގައި ބައިވެރިވެފައި ވެއެވެ. މެދުތެރޭ އޭޝިޔާގެ ބައިތަކުގެ ތެރެއިން އަރްމީނިޔާ އަދި އާޒަރްބައިޖާން އަށް ސަލާޖިޤީ ދައުލަތުގެ ޙުދޫދު ފުޅާކުރެއްވި އެވެ. ހިޖުރައިން 463ވަނަ އަހަރު ރޫމީންނާއި ސަލާޖިޤީންނާއި ދެމެދު ކުރެވުނު ''މަލާޛުކަރުދު''ގެ ނަންދީފައިވާ ހަގުރާމައިގައި ސަލާޖިޤީންނަށް ވަރަށްބޮޑު ނަޞްރަކާއި ކާމިޔާބީ އެއް ލިބިގެން ގޮސްފައި ވެއެވެ. މިއީ އިސްލާމީ ތާރީޚްގައި ވެސް ހިގާދިޔަ ފާހަގަކޮށްލެވޭ ހަގުރާމައެކެވެ.

ސަލާޖިޤީ ދައުލަތުގެ ދުވަސްވަރު ޢިލްމީގޮތުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު އެއްދުވަސްވަރު ދައުލަތުގެ ވަޒީރުކަމުގައި ހުންނެވި ''ނިޡާމް އަލްމަލިކް'' އުފެއްދެވި މަދަރްސާތައް ފާހަގަކޮށްލެވެ އެވެ. ''މަދާރިސް އައްނިޡާމިއްޔާ''ގެ ނަންދީފައިވާ މީގެ ބައެއް މަދަރުސާތައް އަދި އަދަންދާންދެން ވެސް ބަޣުދާދު ގައި ހުރިކަމުގައި ބުނެވެއެވެ.

ހިގާދިޔަ ބައެއް ހާދިސާތައް ( ހިޖުރައިން 429ން 590އަށް )

- ހިޖުރައިން 429ވަނަ އަހަރު ''ސަރުޚަސް'' ހަގުރާމައިގައި ޣަޒްނަވީން ބަލިވުމާއި ގުޅިގެން ޠުޣްރަލް ބެކް ސަލާޖިޤީ ދައުލަތް އުފެދުކަން އިޢުލާންކުރެއްވި އެވެ. ހިޖުރައިން 432ވަނަ އަހަރު ޢައްބާސީ ދައުލަތުން ރަސްމީސިފައެއްގައި ސަލާޖިޤީ ދައުލަތް ގަބޫލުކުރި އެވެ.

- ހިޖުރައިން 442ވަނަ އަހަރު އަޞްފަހާން އަށް ވަދެވަޑައިގެން އެރަށް ދައުލަތުގެ ބޭސްއެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. ހިޖުރައިން 447ވަނަ އަހަރު ބަޣުދާދު އަށް ވަދެވަޑައިގެން އެތާގައި ތިބި ބުވައިހީން ބަލިކުރައްވައި އެތަނުގައި ސަލާޖިޤީންގެ ބާރު ހިންގަން ފެށި އެވެ.

- ހިޖުރައިން 463ވަނަ އަހަރު ރޫމީންނާއި ސަލާޖިޤީންނާއި ދެމެދު ކުރެވުނު ''މަލާޛުކަރުދު''ގެ ނަންދީފައިވާ ހަގުރާމައިގައި ސަލާޖިޤީންނަށް ވަރަށްބޮޑު ނަޞްރަކާއި ކާމިޔާބީ އެއް ލިބިގެން ގޮސްފައި ވެއެވެ. މިއީ އިސްލާމީ ތާރީޚްގައި ވެސް ހިގާދިޔަ ފާހަގަކޮށްލެވޭ ހަގުރާމައެކެވެ. އާޒަރުބައިޖާންގެ ބިމުގައި ހިގި މިހަގުރާމައިގައި ރޫމީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އެމީހުންގެ ރަސްކަލެއް ކަމުގައިވާ އަރުމާނޯސް އެވެ. ސަލާޖިޤީންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވީ އެދުވަސްވަރު ވެރިއެއްގެ ގޮތުގައި ހުންނެވި އަލްޕް އަރުސަލާން އެވެ.

- ހިޖުރައިން 465ވަނަ އަހަރު އަލްޕް އަރްސަލާން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން މަލިކްޝާހް ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 468ވަނަ އަހަރު ދައުލަތް އިތުރަށް ފުޅާވެގެން ދިޔައެވެ. އެއީ ދިމިޝްޤް، ޙިމްޞް އަދި ޙަލަބު އެމީހުންގެ ބާރުގެ ދަށަށް އައުމުންނެވެ. ހިޖުރައިން 482ވަނަ އަހަރު ބުޚާރީ، ސަމަރުޤަންދު އަދި ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔޭ ހިސާބު އެއްކޮށް ސަލާޖިޤީ ދައުލަތުގެ ބައެއް ގޮތުގައި ހިމެނިގެން ދިޔައެވެ.

- ހިޖުރައިން 485ވަނަ އަހަރު މަލިކްޝާހް އަވަހާރަވި އެވެ. ހަމައެއަހަރު ދައުލަތުގެ ވަޒީރު ނިޡާން އަލްމަލިކް އަވަހާރަވި އެވެ. މަލިކްޝާހް ގެ އުޅުމާއި ސުލޫކް ރަގަޅުކަމާއި، އަދުލުވެރިކަމުގެ ސަބަބަބުން ''އަދުލުވެރި ރަސްގެފާނު'' ގެ ލަގަބު ދެވިފައި ވެއެވެ. ހިޖުރައިން 487ވަނަ އަހަރު ސަލާޖިޤީ ދައުލަތުގެ ވެރިކަމަށް ބުރުކިޔާ ރޫގު ބިން މަލިކްޝާހް އިސްވި އެވެ. އެއީ ކޮއްކޮ މަހްމޫދު އާއި މެދު ހިގި ހަމަނުޖެހުންތަކުގައި މަޙްމޫދު ބަލިވުމުންނެވެ. މަޙްމޫދު ބޭނުންވީ އެދެބޭފުޅުންގެ މަންމަ ވެރިކަމަށް އިސްކުރުމަށެވެ. އެހަމަނުޖެހުންތަކުގައި ނާކާމިޔާބުވުމުން މަޙްމޫދު ވަޑައިގަތީ އަޞްފަހާން އަށެވެ. ބުރުކިޔާ ބަޣްދާދު ގައި ހުންނެވީ އެވެ.

- ހިޖުރައިން 492ވަނަ އަހަރު މުޙައްމަދު ބިން މަލިކްޝާހް ބާޠިނީންގެ ޖަމާޢަތަކާއި ހަގުރާމަ ކުރެއްވި އެވެ. އަދި ހިޖުރައިން 500ވަނަ އަހަރު ''އަޞްފަހާން ކޯއްޓޭ'' ސަލާޖިޤީންގެ ބާރުގެ ދަށަށް ގެނައެވެ. ހިޖުރައިން 507 ވަނަ އަހަރު ސަލާޖިޤީންގެ ރަސްކަލެއްކަމުގައިވާ ޣިޔާޘުއްދީން ބިން މުޙައްމަދު ބިން މަލިކްޝާހް ބޮޑު ލަޝްކަރެއް ޞަލީބީންނާއި ހަގުރާމަކުރެއްވުމަށް ފޮނުއްވި އެވެ. ''ޠަބްރިޔާ''އޭ ކިޔުނު ހިސާބުގައި ހިގުނު މިހަގުރާމައި ނަޞްރު ލިބުނީ މުސްލިމުންނަށް ނުވަތަ ސަލާޖިޤީންނަށެވެ.

- ހިޖުރައިން 509 ވަނަ އަހަރު މުޙައްމަދު އައްސަލްޖޫޤީ ގެ ވެރިކަމުގައި ޞަލީބީންނަށް ވަރުގަދަ ހަމަލާއެއް ސަލާޖިޤީން ދީފައި ވެއެވެ. ސަލާޖިޤީ ދައުލަތް ވެއްޓެން ދިމާވީ އެމީހުން އުފެއްދެވި ވަކިވަކި ބައިތަކަށް މީހުން ވެރިންގެ ގޮތުގައި ތިބުމަށް ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ. މިގޮތަށް ހެދުމުން އެތަނެއްގެ ވެރިއަކަށް ހުންނަ ކޮންމެ މީހަކުވެސް ބޭނުންވީ މުސްތަގިއްލު ވަކިވެރިކަމެއް އެތަނެއްގައި ގާއިމް ްކުރެއްވުމަށެވެ. ނަތީޖާއެއްގެ ގޮތުގައި ސަލާޖިޤީ ދައުލަތް ރޫޅި އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 590ވަނަ އަހަރު އެވެ.

8- ޞައްފާރީ ދައުލަތް

ޞައްފާރީ ދައުލަތުގެ ބާނީ އަކީ ޔައުޤޫބު ބިން އައްލައިޘް އައްޞައްފާރު އެވެ. ކުރިން ރަތުލޮއިން ތަކެތި ހަދައިގެން ވިއްކަން އުޅުމަށް ފަހު އެމަސައްކަތް ހުއްޓާލައްވައި އޭނާގެ ބޭބެ އަމްރޫ އާއި އެކު ސިފައިންގެ ލަޝްކަރުގެ ތެރެއަށް ވަދެވަޑައިގެންނެވި އެވެ. ޞާލިޙް ބިން ނަޟްރު އަލްކިނާނީ އިސްވެ ހުންނަވައިގެން ލަޝްކަރާއިގެން ޢައްބާސީ ދައުލަތުގެ ހިމާޔަތުގައި ޖިހާދުކުރަން ނިކުމެވަޑައިގެންނެވި އެވެ.

ޔައުޤޫބު ފާހަގަވެފައިވަނީ ކުޅަދާނަ ހަގުރާމަވެރި އެއްގެ ގޮތުގައެވެ. ޞާލިޙް އަލްކިނާނީ އަވަހާރަވުމަށް ފަހު ލަޝްކަރުގެ ވެރިއަކަށް ހުންނަވައިގެން ސިޖިސްތާން ގައި ތިބި އިދިކޮޅު ޖަމާޢަތްތަކާއި ހަގުރާމަ ކުރެއްވި އެވެ. ސިޖިސްތާން ގެ ވެރިއަކަށް އޭރު ހުންނެވި ޞާލިޙް ބިން ނަޞްރު ސިޖިސްތާން މިބުނި ޖަމާޢަތްތަކުގެ ދުއްތުރާތަކުން މިންޖުކުރެއްވުމަށް ބޭނުންވި ހިނދު ޔައުޤޫބު ސިފައިންގެ އިސްމީހަކަށް އިސްކުރި އެވެ. އެއަށްފަހު ހިޖުރައިން 252ވަނަ އަހަރު ދިރްހަމް ބިން ނަޞްރުގެ މައްޗަށް ކާމިޔާބު ހޯއްދެވި އެވެ. އެޖެހިގެން އައިއަހަރު މުޅި ސިޖިސްތާން ގެ ރައްޔިތުން ދަންނަ ބޭފުޅަކަށް ޔައުޤޫބު ވެގެންދިޔަ އެވެ.

ޠާހިރީންގެ އަމީރަކަށް ޚުރާސާންގައި ހުންނެވި މުޙައްމަދު ބިން ޠާހިރު ބިން އަޙުމަދު އަށް ޞައްފާރީންގެ ދަހިވެތިކަން އެގި ޚުރާސާން އަށް ހަމަލަދީފާނެ ކަމަށްޓަކައި، ''ކަރްމާން'' ސިޓީ ގެ ވެރިއަކަށް ޔައުޤޫބު އިސްކުރެއްވި އެވެ. އެކަމަކު ވެރިކަމަށް އިސްވުމަށް ފަހު ''ހަރާތު'' އަދި ''ބޫޝިންޖު'' އޭ ކިޔުނު ރަށްތަކަށް ހިޖުރައިން 253ވަނަ އަހަރު ހަމަލާދެއްވައި ޠާހިރީންގެ ލަޝްކަރު ބަލިކުރެއްވި އެވެ. އަދި ހިޖުރައިން 255ވަނަ އަހަރު މުޅި ކަރްމާން ސިޓީ އެއްކޮށް އަޅުވެތިކޮށް ސިޖިސްތާންގެ ބާރުގެ ދަށަށް ގެނައެވެ.

ފާރިސް އޭ ކިޔޭ ހިސާބަށް ވަޑައިގެން ވެރިއަކަށް ހުންނެވި އަލީ ބިން ޙުސައިން ވަކިކުރައްވައި އެހިސާބުގެ ވެރިރަށް ''ޝީރާޒް'' އަޅުވެތިކުރި އެވެ. ނަމަވެސް ފަހުން އެރަށް ދޫކޮށްލެއްވި އެވެ. އެއަށްފަހު އިރު އުތުރަށް ދަތުރުކުރައްވައި ''ބަލަޚް''،''ޠަޚާރިސްތާން''،''ކާބުލް'' އަޅުވެތި ކުރެއްވި އެވެ. އެއަށްފަހު ''ޠަބްރުސްތާން'' އަށް ވަޑައިގެން އެތާގެ ވެރިއަކަށް ހުންނެވި ޙަސަން ބިން ޒައިދު އަލްޢުލަވީ އާއި ހަގުރާމަ ކުރައްވައި ބަލިކުރެއްވި އެވެ.

ހިޖުރައިން 259ވަނަ އަހަރު ޔައުޤޫބު ބިން އައްލައިޘް ޠާހިރީންގެ މައިރަށެއް ކަމުގައިވާ ނައިސަޕޫރު އަޅުވެތި ކުރިއެވެ. ހިޖުރައިން 260ވަނަ އަހަރު ޠަބްރުސްތާން އަށް ވެދެވަޑައިގެން ވެރިއަކަށްހުރި ޙުސައިން ބިން ޒައިދު އައްޠާލިބީ ބަލިކުރެއްވި އެވެ. ހިޖުރައިން 261ވަނަ އަހަރު ''އަހްވާޒު'' އޭ ކިޔުނު ރަށަށް ވެދެވަޑައިގެންނެވި އެވެ. ހިޖުރައިން 262ވަނަ ޞައްފާރީންގެ ހަމަލާތައް ބަޣުދާދަށް އިތުރުކުރިއެވެ. ނަމަވެސް ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމުޢުތަމިދު އަލަﷲ ވަނީ ޞައްފާރީން ބަލިކުރައްވާ ފައެވެ. ހަމައެއަހަރު އަހްވާޒް އަދި ފާރިސް އަށް ވެރިވެވަޑައިގެންނެވި އެވެ.

ޔައުޤޫބު ބިން އައްލައިޘް އައްޞައްފާރު އަވަހާރަވީ ހިޖުރައިން 265ވަނަ އަހަރު އެވެ. އެއަށްފަހު ވެރިކަމަށް އިސްވީ އޭނާގެ ބޭބެ އަމުރޫ ބިން އައްލައިޘް އެވެ. އެހިނދު އައްބާސީންގެ ޚަލީފާގެ އަލްމުޢުތަމިދު ގެ ރުހުމާއި އެކު ޚުރާސާން، އަސްފަހާން، ފާރިސް، ސިންދު، ސިޖިސްތާން އަދި ކަރްމާން އަމްރޫ އާއި ހަވާލުކުރެވުނެވެ.ހިޖުރައިން 271ވަނަ އަހަރު ޚަލީފާ އެބުރި އައުމާއި އެކު އަމްރޫ ބިން އައްލައިޘް ވެރިކަމުން ދުރުކޮށް ޚުރާސާން ގެ ވެރިކަމަށް މުޙައްމަދު ބިން ޠާހިރު އިސްކުރެވުނެވެ.

ހިޖުރައިން 279ވަނަ އަހަރު އައްބާސީ ދައުލަތުގެ ޚަލީފާކަމަށް އަލްމުޢުތަޟިދު އިސްވުމާއި އެކު އަމްރުއަށް ވެރިކަމަށް އިސްވުމަށް ހުށަހެޅުނެވެ. ނަމަވެސް އެކަމަށް އިންކާރު ކުރެއްވި އެވެ. ހިޖުރައިން 287ވަނަ އަހަރު ސާމާނީންނާއި ހަގުރާމަކުރައްވައި ބަލިވެ، ހަގުރާމައިގެ އަސީރަކަށްވިއެވެ. އެއަށްފަހު ބަޣުދާދަށް ގެންދެވުނެވެ. އަމްރޫ ގަތުލުކުރެވުނީ ހިޖުރައިން 289ވަނަ އަހަރު ބަޣުދާދު ގައެވެ. އަމްރޫގެ ގަތުލާއި ގުޅިގެން ޖެހިގެން އައިއަހަރު ޞައްފާރީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައެވެ.

9- ޠޫލޫނީ ދައުލަތް

ޢައްބާސީ ދައުލަތާއި ވަކިން މުސްތަގިއްލު ވެރިކަމެއް މިޞްރުގައި ފުރަތަމަ ހިންގީ ޠޫލޫނީ ދައުލަތުން ކަމުގައި ބުނެވެއެވެ. އެދުވަސްވަރު ޠޫލޫނީން ޢައްބާސީ ދައުލަތަށް ތަބާވެފައިވަނީ ހަމައެކަނި ނަމެއްގައެވެ. މިޞްރާއި ޝާމްކަރަ ޠޫލޫނީންގެ ހިމާޔަތުގެ ދަށުގައި ބޭއްވުމަށް ދައުލަތުގެ ބާނީ އަޙުމަދު ބިން ޠޫލޫން މަސައްކަތްކޮށްފައި ވެއެވެ. ހިޖުރައިން 254ވަނަ އަހަރު މިޞްރުގެ ވެރިކަމަށް އިސްވި ދުވަހުން ފެށިގެން އަޙުމަދު ބިން ޠޫލޫން ވަނީ އެއީ ވަކިދައުލަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ވެރިކަމަށް ފަހު އޭރު ލިބެންހުރި އެންމެ ފަހުގެ ހަތިޔާރުތައް ބޭނުންކުރެވޭ ވަރުގަދަ ލަޝްކަރެއް އެކުލަވާ ލެއްވި އެވެ.

ޠޫލޫނީ ދައުލަތުގެ ވެރިރަށެއްގެ ގޮތުގައި ބޭއްވުމަށް އަޙުމަދު ބިން ޠޫލޫން ބިނާކުރެއްވި ރަށަކީ މިޞްރުގެ ފުސްޠާޠުގެ އުތުރުން އޮންނަ ''ޤަޠާއިޢު'' އޭ ކިޔޭ ރަށެވެ. އެއަށްފަހު އެރަށުގައި މިސްކިތަކާއި އެތައް ގަނޑުވަރު ތަކެއް ބިނާކުރެއްވި އެވެ. ބޮޑު ހޮސްޕިޓަލެއް ހެއްދެވުމުގެ އިތުރުން، ހަތިޔާރު، ކަރުދާސް، ސާބޯނި، އަދި ކާޕެޓް ފަދަ ބާވަތްތަކުގެ ތަކެތި އުފައްދާ ފެކްޓްރީ ތައް ހެއްދެވި އެވެ. އެދުވަސްވަރު މިދައުލަތުން ދަނޑުވެރިކަމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ކޯރު ހުރަސްކުރުމަށް ކުދިކުދި ފާލަން ތަކާއި، އަދި ދަނޑުތަކަށް ފެންފޯރުކޮށް ދިނުމަށް ކުދިކުދި ކޯރުތައް ނީލަކޯރާއި ގުޅޭގޮތަށް ހެއްދެވި އެވެ. އަދި ނީލަކޯރު ސާފުކުރުމުގެ މަސައްކަތް ކުރެއްވި އެވެ.

ކުރުގޮތަކަށް ބުނާނަމަ ޠޫލޫނީ ދައުލަތް ހަގީގީ ސިފައެއްގައި ދެމިއޮތީ ހަމައެކަނި އަޙުމަދު ބިން ޠޫލޫން ގެ ވެރިކަމުގައޭ ބުނެވިދާނެއެވެ. އެއީ އޭގެފަހުން ވެރިކަމަށް އިސްވި މީހުންނަށް ސިޔާސީ، އަސްކަރީ ނުވަތަ އެހެން އެއްވެސް މައިދާނެއްގައި ވެސް ދައުލަތަށް ކުރިއެރުމެއް ހޯދާދެވިފައި ނުވާތީ އެވެ. އަދި ފަސޭހަ ކަމާއި ދައުލަތް ވެއްޓިގެން ގޮސްފައި ވާތީ އެވެ.

ހިގާދިޔަ ބައެއް ހާދިސާތައް ( ހިޖުރައިން 254ން 292އަށް )

- ހިޖުރައިން 254ވަނަ އަހަރު އަޙުމަދު ބިން ޠޫލޫން މިޞްރަށް ވަޑައިގެން މިޞްރުގެ ވެރިކަމަށް އިސްވެ ވަޑައިގަތެވެ. އެއީ ތުރުކީންގެ އަސްކަރީ ކޮމާންޑަރު ''ބާކްބާކް''ގެ ބަދަލުގައެވެ. ހިޖުރައިން 256ވަނަ އަހަރު މިޞްރުގެ ވެރިކަމަށް އަހުމަދު ބިން ޠޫލޫންގެ ޅިޔަނެއް ކަމުގައިވާ ''ބާރުޖޯޚް'' އިސްކުރެވުނެވެ. ހިޖުރައިން 259 ވަނަ އަހަރު ބާރުޖޯޚް އަވަހާރަވި އިރު އަޙުމަދު ބިން ޠޫލޫން ވަނީ އޭނާގެ ބާރު މިޞްރުގެ ރަށްތައް ގަދަކޮށްފައެވެ. އެހެން ބާރުޖޯޚް އަވަހާރަވުމާއި އެކު ވެރިކަމަށް އިސްވެވަޑައިގަތެވެ.

- ހިޖުރައިން 263ވަނަ އަހަރު އޭރު މިޞްރުގައި ޠޫލޫނީންނާއި ވާދަކުރަން ތިބި ޚުއްރާޖުންގެ ވެރިޔާ ޝާމްކަރަ އަށް ވަޑައިގަތުމާއި އެކު މިޞްރުގެ މާލީ އިދާރާ އެއްކޮށް އަޙުމަދު ބިން ޠޫލޫން ގެ ބާރުގެ ދަށަށް އައެވެ. ހިޖުރައިން 265ވަނަ އަހަރު ޝާމްކަރައިގެ ވެރިއަކަށް ހުންނެވި ''މާޖޫރު''އޭ ކިޔޭ ބޭފުޅަކު އަވަހާރަވުމާއި ގުޅިގެން ޠޫލޫނީންގެ ވެރިކަން ޝާމްކަރައާއި ހަމައަށް ފުޅާވެގެންދިޔައެވެ. އެއީ އަޙުމަދު ބިން ޠޫލޫން އޭނާގެ ބާރުގެ ދަށަށް ޝާމްކަރައިގެ ހިސާބުތައް ގެނައުމާއި ގުޅިގެންނެވެ.

- ހިޖުރައިން 270ވަނަ އަހަރު އަޙުމަދު ބިން ޠޫލޫން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ޚުމާރަ ވައިހް ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 271ވަނަ އަހަރު ޢައްބާސީންގެ ޚަލީފާއަކަށް ހުންނެވި އަލްމުޢުތަމިދު ޚުމާރަ ވައިހް ވެރިކަމުން ދުރުކުރުމަށް ބޭނުންވެ ލަޝްކަރެއް ފޮނުއްވައި ދިމިޝްޤު ގައި ''ޠަވާޙީން'' ހަގުރާމަކުރައްވައި ކާމިޔާބު ހޯއްދެވި އެވެ. ހިޖުރައިން 273ވަނަ އަހަރު ޚުމާރަ ވައިހް ވެރިއަކަށް ހުންނަވައިގެން ދިމިޝަޤަށް ވަދެގަތެވެ. އެފަހަރު ދެފަރާތުން ބޭއްވި ވާހަކަތަކުގައި ޢައްބާސީ ދައުލަތުން ނިންމެވީ މިޞްރު 30އަހަރު ދުވަހުގެ މުއްދަތަށް ޚުމާރަ ވައިހް އާއި އޭނާގެ ދަރިފަސްކޮޅަށް ދިނުމަށެވެ.

- ހިޖުރައިން 278ވަނަ އަހަރު އައްބާސީ ދައުލަތުގެ ޚަލީފާ އަލްމުޢުތަމިދު އަވަހާރަވުމާއި ގުޅިގެން ޚަލީފާ ކަމަށް އަލްމުޢުތަޟިދު އިސްކުރެވުނެވެ. އަލްމުޢުތަޟިދު އިރާގުގެ މޫޞިލް އިން ފެށިގެން ބަރުގާ އާއި ދޭތެރޭގައި އޮތް ބިންތައް ޚުމާރަ ވައިހް އަށް ދެއްވުމަށް ނިންމެވި އެވެ. އެއަށްފަހު އަލްމުއުތަޟިދު އާއި ޚުމާރަ ވައިހްގެ ދަރިކަނބަލުން ޤަޠަރުއް ނަދާ އާއި ކައިވެނި ކުރެވުނެވެ. މިކައިވެނީގެ ހަފްލާއަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރުމާއި ގުޅިގެން މިޞްރު އަދި ޝާމްކަރައިގެ އިގްތިޞާދު ހީނަރުވެގެން ދިޔަކަމަށް ބުނެވެއެވެ.

- ހިޖުރައިން 282ވަނަ އަހަރު ޚުމާރަ ވައިހް އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ޖައިޝް އަބޫ އަލްޢަސާކިރު ވެރިކަމަށް އިސްކުރެވުނެވެ. ނަމަވެސް ރައްޔިތުން އޭނާއާއި ދެކޮޅަށް އިންގިލާބު ގެނައެވެ. އެއަށްފަހު ސިފައިން ހިޖުރައިން 283ވަނަ އަހަރު ދުނިޔެދޫކުރުމާއި ހަމައަށް ހުންނެވީ ޖަލުގައެވެ.

- ހިޖުރައިން 283ވަނަ އަހަރު ހާރޫން ބިން ޚުމާރަ ވައިހް އަށް މީސްތަކުން ބައިޢަތު ހިފުމާއި ގުޅިގެން ވެރިކަމަށް އިސްވެ ވަޑައިގަތެވެ. ޠޫލޫނީ ދައުލަތުން އެންމެ ފަހުން ޚަލީފާކުރެއްވީ ހާރޫން އެވެ. ހިޖުރައިން 292ވަނަ އަހަރު ޢައްބާސީ ދައުލަތުން ޠޫލޫނީ ދައުލަތުގެ ވެރިކަން ނެތިކޮށް މިޞްރާއި ޝާމްކަރައިގެ ހިސާބުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ނިންމެވި އެވެ. އަދި މުޙައްމަދު ބިން ސުލައިމާން އިސްވެ ހުންނަވައިގެން މިޞްރަށް ވަޑައިގެން ހަގުރާމަކުރައްވައި ޠޫލޫނީންގެ ލަޝްކަރު ބަލިކުރެއްވި އެވެ. އެހިނދު ''ޢައްބާސާ'' އޭ ކިޔުނު ރަށަށް ހާރޫން ފިލާވަޑައިގެން ރައްކާވެ ވަޑައިގަތެވެ. އެތާގައި ހާރޫން ގަތުލުކުރެއްވީ އޭނާގެ ބޮޑުބޭބޭފުޅު ޝައިބާން އެވެ. ހާރޫން ގަތުލުކުރުމާއި އެކު ޠޫލޫނީ ދައުލަތް ވެއްޓިގެން ދިޔައީ އެވެ.

10- ޣަޒްނަވީ ދައުލަތް

ޣަޒްނަވީ ދައުލަތުގެ ބާނީ އަކީ ތުރުކީންގެ ބޮޑެއް ކަމުގައިވާ ''ސެބްކްޓެކީން'' އޭ ކިޔޭ ބޭފުޅެކެވެ. އެބޭފުޅާ އަކީ ސާމާނީން ''އަލްޕެކްޓީން''ގެ ސިފައިންގެ ތެރެއިން ''ހުރާތު''އޭ ކިޔުނު ރަށުގެ ވެރިއަކަށް ކަނޑައެޅުއްވި ބޭފުޅެކެވެ. އެއަށްފަހު ''ހުރާތު''އިން ''ޣަޒްނާ'' އަށް ސެބްކްޓެކީން ވަޑައިގެންނެވި އެވެ. ޣަޒްނަވީން އޭ ކިޔެނީ މިބުނި ރަށް ޣަޒްނާ އަށް ނިސްބަތް ކޮށެވެ. ހިޖުރައިން 353ވަނަ އަހަރު ޕެކްޓީން އަވަހާރަވުމާއި ގުޅިގެން އޭނާ ދަރިކަލުން އިސްޙާގު އިސްކުރެވުނެވެ. އޭގެ ދެއަހަރު ފަހުން އިސްޙާގު އަވަހާރަވުމުން ސެބްކްޓެކީން ހިޖުރައިން 366ވަނަ އަހަރު ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 366ވަނަ އަހަރު ބެލެވެނީ ޣަޒްނަވީ ދައުލަތުގެ ހަގީގީ ފެށުން ކަމުގައެވެ. ވެރިކަމަށް އިސްވުމަށް ފަހު ސެބްކްޓެކީން ދައުލަތުގެ ހުދޫދު ބޮޑުކުރެއްވުމަށް މަސައްކަތް ފެއްޓެވި އެވެ. މިގޮތުން ''ކާބުލް'' އަދި ''ބަސްތު''އާއި، އިންޑިޔާގެ ފަރުބަދަ މަތީ ބައެއް ހިސާބުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނެވި އެވެ.

ހިޖުރައިން 388ވަނަ އަހަރު ސެބްކްޓެކީން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން މަޙްމޫދު ބިން ސެބްކްޓެކީން ވެރިކަމަށް އިސްކުރެވުނެވެ. އެބޭފުޅާ މަޝްހޫރުވެފައިވަނީ މަޙްމޫދު އަލްޣަޒްނަވީ ގެ ނަމުންނެވެ. ޣަޒްނާ ގައި އޮތީ ވަކި މުސްތަގިއްލު ވެރިކަމެއް ކަން އިޢުލާންކޮށް، ޢައްބާސީ ދައުލަތުން ޣަޒްނަވީ ދައުލަތް ރަސްމީކޮށް ގަބޫލުކުރި އެވެ. އޭރު ޢައްބާސީ ދައުލަތުގެ ޚަލީފާއަކަށް ހުންނެވި އަލްޤާދިރު ބިﷲ މަޙްމޫދު ގެ ލަގަބެއްގޮތުގައި ''ޔަމީން އައްދައުލާ'' އޭ ކިޔުއްވި އެވެ.

މަޙުމޫދު އަލްޣަޒްނަވީ ވެރިކަން ހިންގި ދުވަސްވަރު ބެލެވެނީ ޣަޒްނަވީ ދައުލަތުގެ ރަންޒަމާން ކަމުގައެވެ. ދައުލަތުގެ ޙުދޫދު ފުޅާކޮށް އިންޑިޔާގައި އިސްލާމީ ރަސްކަމެއް ގާއިމްކުރެއްވި އެވެ. މަޙްމޫދު އިންޑިޔާގެ ރަށްތައް ފަތަހަކޮށް މިނިވަންކުރުމަށްޓަކައި 52އަހަރު ޖިހާދުކޮށް ހަގުރާމަ ކުރެއްވި އެވެ. މަޙްމޫދު އަވަހާރަވީ ހިޖުރައިން 421ވަނަ އަހަރު އެވެ.

މަޙްމޫދު އަލްޣަޒްނަވީ އަށްފަހު ދެން ވެރިކަމަށް އިސްކުރެވުނު ރަސްރަސްކަލުންނަކީ ޖިހާދުކުރުމުގައި ހަރަކާތްތެރި ވެފައިވާ ބައެއްނޫނެވެ. އެހެންކަމުން އެދުވަސްވަރު ސަލާޖިޤީންނާއި ދެމެދު ހިނގި ކުރިމަތިލުން ތަކުގައި ވަރަށް ގިނަ ފަހަރު ބަލިވެފައި ވެއެވެ. ހަމަމިހެން ޣޫރީންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ނާކާމިޔާބު ލިބިފައިވަނީ ޣަޒްނަވީ ދައުލަތަށެވެ. ހިޖުރައިން 547ވަނަ އަހަރު ޣޫރީން ޣަޒްނާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ދައުލަތުގެ ފަހުކޮޅު އިންޑިޔާގައި ވެސް ތަފާތު ގެއްލުންތަކާއި ދައުލަތަށް ކުރިމަތި ލާން ޖެހުނެވެ. ޣަޒްނަވީ ދައުލަތުގެ މައްޗަށް ޣޫރީން އަތްގަދަކޮށް ބާރުގަދަކުރުމުގެ ސަބަބުން ޣަޒްނަވީ ދައުލަތް އެއްކޮށް ވެއްޓިގެންދިޔައީ ހިޖުރައިން 583ވަނަ އަހަރު އެވެ.

ހިގާދިޔަ ބައެއް ހާދިސާތައް ( ހިޖުރައިން 366ން 583އަށް )

- ހިޖުރައިން 366ވަނަ އަހަރު ބެލެވެނީ ޣަޒްނަވީ ދައުލަތުގެ ހަގީގީ ފެށުން ކަމުގައެވެ. ވެރިކަމަށް އިސްވުމަށް ފަހު ސެބްކްޓެކީން ދައުލަތުގެ ހުދޫދު ބޮޑުކުރެއްވުމަށް މަސައްކަތް ފެއްޓެވި އެވެ. މިގޮތުން ''ކާބުލް'' އަދި ''ބަސްތު''އާއި، އިންޑިޔާގެ ފަރުބަދަ މަތީ ބައެއް ހިސާބުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނެވި އެވެ.

- ހިޖުރައިން 369ވަނަ އަހަރު އިންޑިޔާ ''ޖީބާލް'' އޭކިޔުނު ރަސްކަން ހިންގަމުން އައި މީހުންނާއި ދެމެދު ވަރުގަދަ ހަގުރާމައެއް ޣަޒްނަވީ ދައުލަތުން ކުރިއެވެ. މިހަގުރާމައިގައި ކާމިޔާބު ލިބުނީ ޣަޒްނަވީ ދައުލަތަށެވެ. އެއަށް ސެބްކްޓެކީން ''ލަމްޣާން'' އަށް ވަޑައިގެން އެތަނުގައިވާ ބުދުދީންގެ ބުދުތައް ހަލާކުކޮށް ލެއްވި އެވެ.

- ހިޖުރައިން 388ވަނަ އަހަރު ސެބްކްޓެކީން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން މަޙްމޫދު ބިން ސެބްކްޓެކީން ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 389ވަނަ އަހަރު އައްބާސީ ދައުލަތުގެ ފަރާތުން ޚަލީފާ އަލްޤާދިރު ބިﷲ ޣަޒްނަވީ ދައުލަތް ރަސްމީކޮށް ގަބޫލުކުރި އެވެ.އެއަށްފަހު އިންޑިޔާގެ ރަށްތައް ފަތަހަކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. މިގޮތުން އިންޑިޔާގެ އުތުރުގައި ހިޖުރައިން 390ވަނަ އަހަރު އޭރު އެހިސާބުގައި ރަސްކަލަކަށް ހުންނެވި ''ޖީބާލް ރާޖާ'' އާއި ހަގުރާމަކުރައްވައި، އެރަސްގެފާނު ހަގުރާމައިގެ އަސީރަކަށް ހައްދެވުމަށް ފަހު ފަހުން ދޫކޮށްލެއްވިއެވެ. ޖީބާލް ރާޖާ އަމިއްލައަށް ހަށިގަނޑުގައި އަލިފާން ޖަހައި މަރުވެ ދިއުމުން ވެރިކަމަށް އިސްވީ އޭނާގެ ދަރިކަލުން ''އަނަންޑާ ބާލް '' އެވެ.

- ހިޖުރައިން 393ވަނަ އަހަރު މަޙްމޫދު އަލްޣަޒްނަވީ ސިޖިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ހިޖުރައިން 395ވަނަ އަހަރު ''އަނަންޑާ ބާލް''އާއި ހަގުރާމަކުރައްވައި އެމީހުންގެ ވެރިކަން އޮތް ޕަންޖާބު ގެ ހުރިހާ ހިސާބުތަކެއް ޣަޒުނަވީ ދައުލަތުގެ ބާރުގެ ދަށަށް ގެނައެވެ. ހިޖުރައިން 397ވަނަ އަހަރު ''ޖީބާލް''ގެ ރަސްކަން އެއްކޮށް ނިމުމަކަށް އައުމާއި ގުޅިގެން މުޅި އިންޑިޔާހެން ޣަޒުނަވީ ދައުލަތުގެ ބާރުގެ ދަށަށް އައެވެ.

- ހިޖުރައިން 408ވަނަ އަހަރު މަޙްމޫދު ކަޝްމީރު ފަތަހަކުރައްވައި އެތާގެ ރައްޔިތުންނަށް އިސްލާމްދީނަށް ގޮވާލެއްވި އެވެ. ހިޖުރައިން 410ވަނަ އަހަރު ''ޣޫރު''ގެ ރަށްތައް ވެސް މަޙްމޫދު ފަތަހަ ކުރެއްވި އެވެ. އަދި ޣޫރުގެ އަހުލުވެރިން އިސްލާމްދީން ގަބޫލުކުރި ހިނދު އިލްމުވެރިންނާއި ދީނަށްގޮވާލާ މީހުން ޣޫރުގެ ރަށްތަކަށް ފޮނުއްވި އެވެ. ހިޖުރައިން 416ވަނަ އަހަރު އިންޑިޔާގެ އުތުރުގައިވާ ''ގުޖުރާތު'' އޭ ކިޔުނު ހިސާބުގެ ރަށްތައް ފަތަހަކުރެއްވިއެވެ. ވަރުގަދަ ހަގުރާމައިގެ ކުރިމަތިލުމަށް ފަހު މުސްލިމުން އެހިސާބުގައި ހުރި ހިންދީންގެ ބުދުފައްޅިއެއް ހަލާކުކޮށް އަންދާލި އެވެ. ''ސިމްނާތު''އޭ ކިޔޭ މިފައްޅި އަކީ އޭރު އިންޑިޔާގައި ހުރި ހިންދީންގެ ބުދަށްއަޅުކަންކުރާ އެންމެ ބޮޑުފައްޅި ކަމުގައި ބުނެވެއެވެ.

- ހިޖުރައިން 412ވަނަ އަހަރު މަޙްމޫދު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން މަސްޢޫދު ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 422ވަނަ އަހަރު މަސްޢޫދު ''މަކްރާން'' އޭ ކިޔޭ ރަށް އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ހިޖުރައިން 429ވަނަ އަހަރު ސަލާޖިޤީންނާއި އެކު ކުރި ''ސަރުޚަސް'' ހަގުރާމައިގައި ޣަޒްނަވީން ބަލިވެގެން ދިޔައެވެ. އެއަށްފަހު މަޑުމަޑު ދައުލަތް ނިކަމެތިވަމުން ގޮސް އެއްކޮށް ޣަޒްނަވީ ދައުލަތް ވެއްޓިގެން ދިޔައީ ހިޖުރައިން 583ވަނަ އަހަރު އެވެ.

11- ފާޠިމީ ދައުލަތް

ފާޠިމީ ދައުލަތް އުފެދުނީ ތޫނިސް، އަލްޖީރިއާ އަދި މަޣުރިބުން ބައެއްގައެވެ. އެއީ މިބުނި ހިސާބުތަކުގައި ޝީޢީންގެ ބާރު ގަދަވުމުގެ ސަބަބުންނެވެ. ފުރަތަމަ ދައުލަތް އުފެދުނީ ތޫނިސްގެ ޤައިރަވާން ގައެވެ. އެއީ ޤައިރަވާން އޮންނަ ހިސާބުގެ ބޮޑުބައެއް ދައުލަތް އުފެއްދެވި ނުވަތަ ބާނީ ޢުބައިދުﷲ އަލްމަހްދީ ގެ އަތްދަށަށް އައުމާއި ގުޅިގެންނެވެ. ކުރީކޮޅު ދައުލަތުގެ ބާނީ ޢުބައިދުﷲ އަލްމަހްދީ އަށް ނިސްބަތްކޮށް ''ޢުބައިދީ'' ދައުލަތޭ ވެސް ކިޔުނެވެ. ފާޠިމީ ދައުލަތޭ ކިޔަން ފެށުނީ ދައުލަތުގެ ވެރިކަން މަޣުރިބުން މިޞްރަށް ބަދަލުކުރުމަށް ފަހުގައެވެ.

ޢުބައިދުގެ ދަރިކޮޅުގެ މީހުންގެ ނަސަބާއި މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. ބައެއް ތާރީޚް އިލްމުވެރިން ވިދާޅުވާގޮތުގައި އެދަރިކޮޅުގެ މީހުން ނިސްބަތްވަނީ އައްސައްޔިދާ ފާޠިމަތު އައްޒަހުރާއު ރަޟިޔަﷲ އަންހާ އަށެވެ. ނުވަތަ ފާޠިމަތު ގެ ފާނަށެވެ. ފާޠިމީ ދައުލަތޭ ކިޔެނީ މިސަބަބާއި ހުރެ ކަމުގައި ބުނެވެއެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވާގޮތުގައި އެދަރިކޮޅުގެ މީހުން ނިސްބަތް ވަނީ ''އިސްމާޢީލިއްޔާ'' އޭ ކިޔޭ ޝީޢީ ބައިގަނޑަކަށް ނުވަތަ ޖަމާއަތަކަށެވެ. ހަމަމިހެން ވަރަށްގިނަ ތާރީޚީ އިލްމުވެރިން ޢުބައިދުﷲ އަލްމަހުދީ އަކީ ޔަހޫދީ އަސްލުން އައިސްފައިވާ މީހެއްކަމުގައި ވިދާޅުވެ އެވެ. މީގެ ދަލީލަކަށް ވިދާޅުވަނީ އަންނަ ވާހަކައެވެ. އެއީ ޙުސައިން ބިން ޢަބުދުﷲ ޔަހޫދީ އަންހެނަކާއި ކައިވެނި ކުރެއްވި އިރު އެއަންހެންމީހާ ކުރިން ކައިވެނި ކުރިމީހާ ގެ ކިބައިން ލިބުނު ފިރިހެން ދަރިއެއް ހުއްޓެވެ. މިކުއްޖާއަކީ ޔަހޫދީއަކަށް ކަމުގައިވަނިކޮށް ޙުސައިން އެކުއްޖާ ބަލައި ބޮޑުކޮށް ޝީޢީ އުސޫލްތައް ދަސްކޮށް ދެއްވި އެވެ. މިކުއްޖާ ބޮޑުވެ ފުރިހަމަވުމުން ނަމަކަށް ޢުބައިދުﷲ އަލްމަހްދީ އޭ ކިޔައި ނަންދެވުނީ ކަމުގައި ވެއެވެ.

ކުރުގޮތަކަށް ބުނާނަމަ ޢުބައިދީ ދަރިކޮޅުގެ މީހުންނަކީ ފިކުރާއި އަގީދާ އިސްލާމީ އުސޫލުތަކުން އެއްކިބާ ވެފައިވާ ޝީޢީންގެ ބައެކެވެ. އެމީހުންގެ ވެރިކަންހިންގި ހިސާބުތަކާއި ރަށްތަކުގައި އެކިއެކި ބިދުޢަތަކާއި ޚުރާފީކަންތައްތައް ފަތުރާފައި ވެއެވެ. ފާޠިމީ ދައުލަތުގެ އެންމެ ނުރަގަޅު ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެމީހުންގެ ވެރިކަމުގައި ޔަހޫދީންނާއި ނަޞާރާއިންނާއި އޮތް ގާތްގުޅުމާއި، އެމީހުންނަށް ކުރާ އިތުބާރު ބޮޑުކަމެކެވެ. ޚާއްޞަކޮށް ޢަލްޢަޒީޒު ބިﷲގެ ވެރިކަމުގައި ދައުލަތުގެ ބޮޑެތި މަގާމްތަކަށް ޔަހޫދީންނާއި ނަޞާރާއިން އިސްކޮށްފައި ވެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އިސްކުރެވުނު ފާހަގަކޮށްލެވޭ ވަޒީރުންގެ ތެރޭގައި ޔައުޤޫބު ބިން ކަލްސް އަދި ޢީސާ ބިން ނުސްޠޫރަސް އަލްކާތިބް ހިމެނެއެވެ.

ޢުބައިދުﷲ އަލްމަހްދީ ޤައިރަވާން ގައި ފާޠިމީ ދައުލަތް އުފައްދައި ވެރިކަމަށް އިސްވުމަށް ފަހު އުތުރު އެފްރިކާގެ އެކި ހިސާބުތަކަށް އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އެއީ އެދުވަސްވަރު މިބުނި ހިސާބުތަކުގައި އޮތް ދައުލަތްތައް ނިކަމެތި ވެފައި އޮތުމާއި އެކު ފަސޭހަ ކަމަކަށް ވިއެވެ. މިގޮތުން ބަލިކުރެއްވި ދައުލަތްތަކުގެ ތެރޭގައި ތޫނިސްގައި އޮތް އަޣާލިބީ ދައުލަތް، މަޣުރިބު ގައި އޮތް އިދްރީސީ ދައުލަތް، އަދި ޖަޒާއިރުގައި އޮތް ރުސްތުމީ ދައުލަތް ހިމެނެއެވެ. މިދައުލަތްތައް ބަލިކުރެއްވުމަށް ފަހު އެހިސާބުތައް ފާޠިމީގެ ދައުލަތުގެ ބާރުގެ ދަށަށް ގެނައެވެ.

ހިޖުރައިން 303ވަނަ އަހަރު ޢުބައިދުﷲ އަލްމަހްދީ ''މަހްދިޔާ'' އޭ ކިޔުނު ރަށް ބިނާކުރައްވައި އެއީ ފާޠިމީ ދައުލަތުގެ ވެރިރަށް ގޮތުގައި ހަމަޖެއްސެވި އެވެ. އުތުރު އެފްރިކާގެ ހިސާބުތަކުގައި ވެރިކަން ހިންގި އިރު ތަފާތު 4 ބޭފުޅަކު ދައުލަތުގެ ވެރިކަން ހިންގަވާފައި ވެއެވެ. އެއީ ހިޖުރައިން 297ން 322އަށް ވެރިކަން ކުރެއްވި ޢުބައިދުﷲ އަލްމަހްދީ އާއި، ހިޖުރައިން 322ން 334އަށް ވެރިކަން ކުރެއްވި އަބުލްގާސިމް އަލްގާއިމް ބިން އަލްމަހްދީ އާއި، ހިޖުރައިން 334ން 341އަށް ވެރިކަން ކުރެއްވި އަލްމަންޞޫރު ބިން އަލްގާއިމް އާއި، އަދި ހިޖުރައިން 341ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގަތް އަލްމުޢިއްޒު ލިދީނިﷲ އަލްފާޠިމީ ހިމެނެއެވެ.

އަލްމުޢިއްޒު ގެ ވެރިކަމުގައި ހިޖުރައިން 362ވަނަ އަހަރު ފާޠިމީ ދައުލަތުގެ ވެރިކަން މިޞްރަށް ބަދަލުކުރެވުނެވެ. ދައުލަތް އުފެއްދުމަށްޓަކައި ކުރީކޮޅު ޝީޢީ ކިތައްމެ މަސައްކަތެއް ކޮށްފައި ވީ ނަމަވެސް އުތުރު އެފްރިކާގެ ހިސާބުތަކުގައި ޝީޢީ ހަރަކާތްތައް ފާޠިމީ ދައުލަތުގެ ވެރިކަން މާބޮޑަކަށް ހިންގިފައެއް ނުވެއެވެ. އެއީ އެދުވަސްވަރު ދައުލަތާއި ދެކޮޅަށް ތަފާތު އިންގިލާބުތައް ގެންނަށް މަސައްކަތް ކޮށްފައިވާތީ އާއި އަދި އެމީހުންގެ މަޒުހަބަށް ހުރި އަމިއްލަ އެދުންބޮޑުކަމުގެ ސަބަބުން މީސްތަކުން އެމީހުން ނަފްރަތު ކުރަމުން ގެންދިއުމާއި ގުޅިގެންނެވެ. މިޞްރަށް ދައުލަތުގެ ވެރިކަން ބަދަލުކުރަން ޖެހުނު ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވެއެވެ.

މިޞްރަށް ވެރިކަން ބަދަލުކުރުމަށް ފަހު ވެރިކަންކުރި ދިގުމުއްދަތުގެ ( ހިޖުރައިން 358ން 567އަށް ) ގެ ތެރޭގައި ވެސް ޝީޢީ ހަރަކާތްތައް މިޞްރުގައި މާބޮޑަށް ފެތުރިފައެއް ނުވެއެވެ. އަލްމުޢިއްޒު މިޞްރަށް ވަޑައިގަތުމުގެ ކުރިން ހިޖުރައިން 358ވަނަ އަހަރު ޖައުހަރު އައްޞަޤައްލީ މިޞްރުގައި ޝީޢީންގެ ވެރިކަމެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވެއެވެ.

މިޞްރުގައި ފާޠިމީންގެ ވެރިރަށެއްގެ ގޮތުގައި މަންޞޫރިއްޔާ އޭ ކިޔުނު ރަށް ހަމަޖެއްސި އެވެ. މަންޞޫރިއްޔާ ބިނާކުރައްވަން ފެއްޓެވީ ހިޖުރައިން 358ހާ ތާގައި ޖައުހަރު އައްޞަޤައްލީ އެވެ. ހިޖުރައިން 362ވަނަ އަހަރު އަލްމުޢިއްޒު މިޞްރަށް ވަޑައިގަތުމަށް ފަހު މަންޞޫރިއްޔާ އަށް''އަލްގާހިރާ އަލްމުޢިއްޒިއްޔާ'' އޭ ކިޔައި ނަންދިނެވެ. ޖައުހަރު އައްޞަޤައްލީ ބިނާކުރެއްވި އަލްއަޒުހަރު މިސްކިތުގައި ފުރަތަމަ ފަހަރަށް ނަމާދުކުރެވުނީ ހިޖުރައިން 361ވަނަ އަހަރުގެ ރަމަޟާން މަހުގެ 7ވަނަ ދުވަހު އެވެ. ފާޠިމީންގެ ވެރިކަމުގައި އިމާރާތްތަކާއި ތަންތަން ބިނާކުރުމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދީފައި ވެއެވެ. ޖައުހަރު އައްޞަޤައްލީ ގާހިރާގެ ވަށައިގެން ބޮޑުފާރެއް ރާނާފައި ވަނިކޮށް ފަހުން ދައުލަތަށް އިސްވި ވަޒީރެއް ކަމުގައިވާ ބަދުރު އަލްޖަމާލީ ކުރިން ބުނި ފާރުގެ ބޭރުން އެހެން ފާރެއް ލިއެވެ. އަދި އޭގައި 3ދޮރާށި ކެނޑި އެވެ. އެއީ ''ފުތޫޙު ދޮރާށި''، ''ނަޞްރު ދޮރާށި''، އަދި ''ޒުވައިލާ ދޮރާށި'' މި 3 ދޮރާއްޓެވެ. މީގެ އިތުރުން ވެސް ފާޠިމީ ދައުލަތުގެ ވެރިކަން ކުރެއްވި އެކިއެކި ޚަލީފާތަކާއި، ވަޒީރުންގެ ނަންނަމަށް ނިސްބަތްކޮށް އެތައް މިސްކިތްތަކެއް ބިނާކުރެވުނު އެވެ. މިގޮތުން ފާހަގަކޮށްލެވޭ މިސްކިތްތަކުގެ ތެރޭގައި ''ޖާމިޢު އައްޡާހިރު'' އަދި ''ޖާމިޢު އަލްޙާކިމް ބިއަމްރިﷲ'' ފަަދަ މިސްކިތްތައް ހިމެނެއެވެ. މިޞްރުގައި ހުރި ފާޠިމީ ދައުލަތުގެ އަސަރު ދައްކައިދޭ އެންމެ ރަގަޅު ހެއްކަކީ އެއްހާސް އަހަރަށްވުރެ ގިނަދުވަސްވެފައިވާ އަޒުހަރު މިސްކިތެވެ.

ހިގާދިޔަ ބައެއް ހާދިސާތައް

- ހިޖުރައިން 297ވަނަ އަހަރު ފާޠިމީ ދައުލަތް ޢުބައިދުﷲ އަލްމަހްދީ އިސްވެ ހުންނަވައިގެން އުފެއްދެވި އެވެ. ހިޖުރައިން 301ވަނަ އަހަރު ޢުބައިދުﷲ އަލްމަހްދީ ވެރިއަކަށް ހުންނަވައިގެން ލަޝްކަރާއިގެން މިޞްރު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މިޞްރުގެ ފުސްޠާޠު އަށް ވަޑައިގަތެވެ. އެއަށްފަހު އިސްކަންދަރިއްޔާ އަށް ވަޑައިގަތެވެ. އެތަނުން އޭރު މިޞްރުގައި ވެރިކަން ހިންގަމުން އައި ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމުޤްތަދިރު ގެ ލަޝްކަރާއި ބައްދަލުވެ ދެފަރާތުގެ ދެމެދުގައި ހަގުރާމަ ހިގިއެވެ. މިހަގުރާމައިން އަލްމަހްދީ ގެ ލަޝްކަރު ބަލިވުމުން އެބުރި މަޣުރިބަށް ވަޑައިގަތެވެ.

- ހިޖުރައިން 306ވަނަ އަހަރު ޢުބައިދީންގެ ލަޝްކަރެއް މިޞްރަށް ދިއުމަށްފަހު ''ޞަޢީދު'' އޭ ކިޔުނު ހިސާބު ( ގާހިރާގެ ދެކުނަށް އޮންނަ ސިޓީތައް ހިމެނޭ ހިސާބު ) އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ނަމަވެސް އޭގެ ފަހުން ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމުޤްތަދިރުގެ ލަޝްކަރުން ޢުބައިދީންގެ ލަޝްކަރު ބަލިކުރައްވައި އެބުރި މަޣުރިބަށް ދިއުމަށް އެމީހުންނަށް މަޖުބޫރު ކުރުވިއެވެ.

- ހިޖުރައިން 322ވަނަ އަހަރު ޢުބައިދުﷲ އަލްމަހްދީ އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ނިޒާރު އަބޫ އަލްޤާއިމް ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 323ވަނަ އަހަރު އަބޫ އަލްޤާއިމްގެ ލަޝްކަރުން ''ޞަޤްލިއްޔާ''ގައި އޮންނަ ''ސަރުދީނާ''އޭ ކިޔުނު ރަށް ފަތަހަކުރި އެވެ. ހިޖުރައިން 330ވަނަ އަހަރު ލީބިޔާގެ ޓްރިޕޮލީ ނުވަތަ ޠަރާބުލުސް ގައި ޢުބައިދީންނާއި ދެކޮޅަށް ޚަވާރިޖުންގެ ބައެއްކަމުގައިވާ އަބާޟީން އިންގިލާބެއް ގެނައެވެ. ނަމަވެސް ޚަލީފާ އަބޫ އަލްޤާއިމް ކަނޑުގެ ލަޝްކަރެއް ފޮނުއްވައި އެއިންގިލާބު ރޫޅާލައި ނާކާމިޔާބު ކޮށްލިއެވެ.

- ހިޖުރައިން 316-333ވަނަ އަހަރާއި ދެމެދުގެ ތެރޭގައި ފާޠިމީ ދައުލަތް ދެންމެ ދެންމެ ނެތިހިގައިދާނެ ހެން ވެސް ހީވިއެވެ. އެއީ ޚަވާރިޖުންގެ ތެރެއިން އަބޫ ޔަޒީދު މުޚްލިފް ބިން ކައިދާދު އިސްވެ ހުންނަވައިގެން އަނެއްކާ ވެސް ފާޠިމީންނާއި ދެކޮޅަށް ''އައުރާސް'' އޭ ކިޔޭ ހިސާބުގައި އިންގިލާބެއް ގެނައުމުންނެވެ. އަބޫ އަލްޤާއިމް މިބުނި ހިސާބަށް ފޮނުވި ލަޝްކަރު އަބޫ ޔަޒީދު ގެ ލަޝްކަރާއިގެން ހަގުރާމަކޮށް ބަލިވެގެން ދިޔައެވެ. އަބޫ ޔަޒީދު ގެ އަތްދަށަށް ކުރިން ބުނި ހިސާބު ގެނައުމަށް ފަހު ދެން ދަތުރުކުރެއްވީ ޤައިރަވާން އަށެވެ. އެހިނދު އަބޫ އަލްޤާއިމް މަހްދިއްޔާ އަށް ފިލައިގެން ވަޑައިގެންނެވި އެވެ. އެއަށްފަހު ދެފަރާތުގެ ލަޝްކަރުތަކުގެ މެދުގައި އަނެއްކާ ވެސް ބޮޑު ހަގުރާމައެއް ހިނގިއެވެ. މިހަގުރާމައިން ވެސް ބަލިވުމުން ފިލާ ވަޑައިގެންނެވި އެވެ. އެއަށްފަހު ބާރު ގަދަކުރައްވައި އަބޫ ޔަޒީދު ގެ އަތްދަށުގައި އޮތް ހިސާބުތައް އަބުރާ ފާޠިމީންގެ ބާރުގެ ދަށަށް ގެންނެވި އެވެ.

- ހިޖުރައިން 334ވަނަ އަހަރު އަލްޤާއިމް އަވަހާރަވެ ވަޑައިގަތުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަލްމަންޞޫރު ވެރިކަމަށް އިސްކުރެވުނެވެ. އަލްމަންޞޫރު ބިން އަލްޤާއިމް އަކީ އަނިޔާވެރި، ނަބިއްޔުންނާއި، ޞަޙާބީންނަށް އެއްޗެތި ގޮވައި ހެދި މީހެކެވެ. ތަފާތު ގިނަ ބިދުޢަތަކާއި، ޚުރާފީ ކަންތައްތައް ފެތުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. ހިޖުރައިން 341ވަނަ އަހަރު އަލްމަންޞޫރު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަލްމުޢިއްޒު ލިދީނިﷲ ވެރިކަމަށް އިސްކުރެވުނެވެ. ބައްޕާފުޅާއި ޚިލާފަށް އަލްމުޢިއްޒު ވެފައިވަނީ ޚުލްގު ހެޔޮ އުޅުން ހުރި ބޭފުޅެއް ކަމުގައެވެ. ވަރަށްގިނަ ބިދުޢަތައް ހުއްޓުވުމަކަށް ގެނައެވެ.

- ހިޖުރައިން 356ވަނަ އަހަރު މިޞްރުގެ ސިފައިންގެ ބައެއް ވެރިންނާއި ރައްޔިތުން އޭރު މިޞްރަށް އުޅެމުން ދިޔަ ޤަރާމިޠީން ގެ ކިބައިން މިޞްރު ސަލާމަތްކޮށް މިޞްރުގެ ވެރިއަކަށް ވުމަށް އަލްމުޢިއްޒު ލިދީނިﷲ ގެ ކިބައިން އެދިވަޑައިގަތެވެ. އެހިނދު އަލްމުޢިއްޒު ޖައުހަރު އައްޞަޤައްލީ ވެރިއަކަށް އިސްކުރައްވައިގެން މިޞްރަށް ލަޝްކަރެއް ފޮނުއްވައި ކާމިޔާބު ހޯއްދެވި އެވެ.

- ހިޖުރައިން 358ވަނަ އަހަރު ޖައުހަރު ''އަލްމަންޞޫރިއްޔާ'' ކިޔޭ ރަށް ބިނާކުރުމުގެ މަސައްކަތް ފެށި އެވެ. ފަހުން މިރަށުގެ ނަން އަލްމުޢިއްޒު ވަނީ ހިޖުރައިން 362ވަނަ އަހަރު ''ގާހިރާ'' އަށް ބަދަލުކޮށް ފައެވެ. ހިޖުރައިން 359ވަނަ އަހަރު އަލްއަޒުހަރު މިސްކިތް ބިނާކުރުމުގެ މަސައްކަތް ޖައުހަރު އައްޞަޤައްލީ ފެއްޓެވި އެވެ.

- ހިޖުރައިން 365ވަނަ އަހަރު އަލްމުޢިއްޒު އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ނިޒާރު އަބޫ މަންޞޫރު ވެރިކަމަށް އިސްކުރެވުނެވެ. އޭނާގެ ލަގަބަކީ ''އަލްޢަޒީޒް ބިﷲ'' އެވެ. އޭނާގެ ވެރިކަމުގައި ކޮށްފައިވާ އެންމެ ނުރަގަޅު ކަމަކީ ދައުލަތް ހިންގުން ޔަހޫދީ ވަޒީރެއްކަމުގައިވާ ޔައުގޫބު ބިން ކަލްސް އާއި ޙަވާލުކުރުމެވެ. ހަމަމިއަހަރުގެ ތެރޭގައި ދައުލަތުގެ ޙުދޫދު ހިޖާޒްކަރައާއި ޝާމްކަރަ އަށް ފުޅާވެގެން ދިޔައެވެ. އެއީ މައްކާ ހިޞާރުކުރުމަށް ފަހުގައެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރު މިޞްރުގައި ޔަހޫދީ އަދި ނަޞާރާއިންގެ އެތައް ވަޒީރުންނެއް ވެރިކަން ހިންގާފައި ވެއެވެ. ބުނެވޭގޮތުގައި މުސްލިމުންނަށްވުރެ އޭނާ ޔަހޫދީންނާއި ނަޞާރާއިންނަށް މާއިތުބާރު ކުރެއެވެ. ހަމަމިހެން ނަޞާރާ ދެއަންހެނުންނާއި ވެސް ކައިވެނި ބައްލަވައިގެންފައި ވެއެވެ.

- ހިޖުރައިން 387ވަނަ އަހަރު އަލްޢަޒީޒް ބިﷲ އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން އަބޫ ޢަލީ މަންޞޫރު ވެރިކަމަށް އިސްކުރެވުނެވެ. އަދި އޭނާ އަށް ލަގަބެއްގެ ގޮތުގައި ''އަލްޙާކިމް ބިއަމްރިﷲ'' ކަނޑައެޅުނެވެ. ހިޖުރައިން 411ވަނަ އަހަރު އޭނާ ގަތުލުކުރެވުނެވެ. ހިޖުރައިން 411ން 427އަށް ދައުލަތުގެ ވެރިކަން ކޮށްފައިވަނީ އައްޡާހިރު ބިން އަލްޙާކިމް އެވެ. އޭރު އައްޡާހިރު ގެ އުމުރުފުޅު ހަގުކަމުން ވެރިކަންހިންގުމުގައި އިދާރީގޮތުން ކުރަން ޖެހޭ ހުރިހާކަމެއް ކޮށްފައިވަނީ އޭނާގެ ބޮޑުދައިތާ ފުޅު ސިއްތުލް މަލިކް އެވެ. އައްޡާހިރު އަވަހާރަވުމަށް ފަހު ދައުލަތުގެ ވެރިކަން ވެރިންގެ އަތްދަށުން ވަޒީރުންގެ އަތްމައްޗަށް ދިޔައެވެ. އެހެންކަމުން ހަމަނުޖެހުންތަކާއި ގަނޑުބަނޑު ތައް މުޅި ދައުލަތުގެ ތެރޭގައި އާންމުވެގެން ދިޔަ އެވެ. ޚާއްޞަކޮށް މަޣުރިބުގައިވާ ފާޠިމީންގެ ބިންތަކަށް މުރާބިޠީން ވެރިވުމަށް ފަހު ފާޠިމީންގެ ބާރު މަޑުމަޑުން ނެތެން ފެށިއެވެ.

- ހިޖުރައިން 466ވަނަ އަހަރު އަލްމުސްތަންޞިރު ގެ ވެރިކަމުގައި ފާޠިމީ ދައުލަތުގެ ވެރިކަން މަޑުމަޑުން ނިކަމެތިވާން ފެށި އެވެ. ޝާމްކަރަ އާއި، ޙިޖާޒު ކަރައިން ފައިބައި މަޣުރިބު ގައި އޮތް ވެރިކަން ނެތި ދިޔައެވެ. މަޣުރިބުގައި އޮތް ވެރިކަން ނެތިދިޔައީ މުރާބިޠީން އެތަނަށް ބާރުގަދަވެ ވެރިވެ ގަތުމުންނެވެ.

- ހިޖުރައިން 562ވަނަ އަހަރު ޞަލީބީން މިޞްރަށް ވެރިވެ ގަތުމަށް މަސައްކަތްފެށި އެވެ. އެހިނދު އާލްޒަންކީ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ނޫރުއްދީން ބިން މަޙުމޫދު ގެ ކިބައިން އެހީއަށް އެދިވަޑައި ގަތުމުން އަސަދުއްދީން ޝީރަކޫހް އަދި ޞަލާޙުއްދީން އަލްއައްޔޫބީ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް އުފައްދަވައި މިޞްރަށް ފޮނުއްވި އެވެ. އިސްކަންދަރިއްޔާ އަށް ވެދެވަޑައިގެން އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންނަވައި ޞަލާޙުއްދީން އަލްއައްޔޫބީ އާއި ޙަވާލު ކުރައްވައި ''ޞަޢީދު''ގެ ރަށްތަކަށް ވަޑައިގެންނެވި އެވެ. ޞަލީބީން އިސްކަންދަރިއްޔާ ޙިޞާރުކޮށްފައި ވަނިކޮށް އަސަދުއްދީން ޞައީދު އިން އެބުރިވަޑައިގެން ޞަލީބީންނާއި ބޭއްވި ވާހަކަދެއްކުން ތަކުގައި ޞަލީބީން އެއްކޮށް މިޞްރުގެ ބިމުން ފޭބުމަށް އެއްބަސްވެ އެންމެފަހުން އެއްކޮށް ޞަލީބީން މިޞްރުން ފައިބައިގެން ދިޔައެވެ.

- ހިޖުރައިން 564ވަނަ އަހަރު ޞަލީބީން މިޞްރަށް ހަމަލަދޭ މިންވަރު އިތުރުވުމާއި ގުޅިގެން އަސަދުއްދީން އަދި ޞަލާޙުއްދީން އަލްއައްޔޫބީ މިޞްރަށް އަނެއްކާ ވެސް ވަޑައިގެންނެވި އެވެ. ޞަލީބީން ބަލިކުރައްވައި ގާހިރާއަށް ވެދެވަޑައިގެން ފާޠިމީންގެ ވަޒީރަކަށް ހުންނެވި ޝާވިރް ގަތުލުކުރައްވައި އަސަދުއްދީން ވެރިކަމަށް އިސްވެ ވަޑައިގަތެވެ.

- ހިޖުރައިން 565ވަނަ އަހަރު އަސަދުއްދީން އަވަހާރަވުމާއި ގުޅިގެން ޞަލާޙުއްދީން އަލްއައްޔޫބީ ވެރިކަމަށް އިސްވެ ވަޑައިގަތެވެ. ފާޠިމީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައީ އެދައުލަތުން ވެރިކަން ކުރެއްވި އެންމެ ފަހު ޚަލީފާ އަލްޢާޟިދު ހިޖުރައިން 765ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެންނެވެ. އެހިސާބުން މިޞްރާއި ޝާމްކަރައިގައި އައްޔޫބީ ދައުލަތުގެ ޒަމާން ފެށިގެން ދިޔައެވެ.

12- މުރާބިޠީންގެ ދައުލަތް

މުރާބިޠީންގެ ދައުލަތް އުފެދުނީ ހިޖުރައިން 5ވަނަ ގަރުނުގައި މަޣުރިބުގެ އިމުން ބޭރުގައިވާ އުތުރު އެފްރިކާގެ ހިސާބެއްގައެވެ. މިދައުލަތް އުފެއްދީ މަޣުރިބުގެ މައި ގަބީލާތަކުގެ ތެރެއިން ''ޖަދާލާ'' އޭ ކިޔުނު ގަބީލާގެ ގޮތްޕެއް ކަމުގައިވާ ''ޞަންހާޖާ'' ގަބީލާއިންނެވެ. ޖަދާލާ ގަބީލާގެ ރައީސްކަމުގައި އެދުވަސްވަރު ހުންނެވި ޔަޙްޔާ ބިން އިބްރާހީމް ބިން ޣަރުޤޫތު އަލްޖަދާލީ އެއްފަހަރު ހައްޖަށް ވަޑައިގެން އެތަނުން ދިމާވި އިސްލާމް ދީނަށް ގޮވާލާ އުޅުއްވި ބޭފުޅެއްގެ އަރިހުން ޞަންހާޖާ ގަބީލާގެ އަހުލުވެރިންނަށް އިސްލާމްދީން އުގަންނައި ދެއްވުމަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވި އެވެ. މިބުނި ބޭފުޅާއަށް ކިޔާ ނަމަކީ ޢަބުދުﷲ ބިން ޔާސީން އެވެ.

މިގޮތުން ޢަބުދުﷲ ބިން ޔާސީން ޞަންހާޖާ ގަބީލާގެ މީހުން އުޅޭ އެކިހިސާބުތަކަށް ވަޑައިގެން އިސްލާމް ދީން އުގަންނައި ދެއްވުމަށް މަސައްކަތްކުރެއްވި އެވެ. ޚާއްޞަކޮށް ''ލަމްތޫނާ''އޭ ކިޔުނު ގަބީލާ އިން ވަރަށް ހޫނު ތަރުހީބަކާއި ކާމިޔާބެއް ލިބިގެންދިޔަ އެވެ.ނަތީޖާއެއްގެ ގޮތުން ''މުރާބިޠީން'' ކިޔާ ޖަމާއަތެއް އުފެއްދެވި އެވެ. މިބުނި ޖަމާޢަތުގެ މައިގަނޑު ބޭނުމަކީ ﷲގެ މަގުގައި ޖިހާދުކުރުން ކަމުގައި ނިންމި އެވެ. ހިޖުރައިން 447ން ފެށިގެން މުރާބިޠީން ﷲގެ މަގުގައި ޖިހާދުކުރަން ފެއްޓެވި އެވެ. މިގޮތުން އަބީ ބަކުރު ބިން ޢުމަރު ގެ ވެރިކަމުގެ ދަށުގައި މަޣުރިބުގެ ބައެއް ރަށްތައް ފަތަހަކުރެއްވި އެވެ. އަބީބަކުރު ބިން ޢުމަރުގެ ބޮޑުބޭބެ ގެ ދަރިކަލުން ޔޫސުފު ބިން ތާޝްފީން ވެސް ޢަބުދުﷲ ބިން ޔާސީން އާއި އެކު ހަގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މުރާބިޠީންގެ ދައުލަތުގެ ހަގީގީ ސިފައެއްގައި އުފެދުނީ ހިޖުރައިން 461ވަނަ އަހަރު ކަމުގައި ބެލެވެއެވެ. އެއީ އެއަހަރުގެ ތެރޭގައި ''ޒަނާތާ'' އޭ ކިޔުނު ގަބީލާގެ މައްޗަށްވެރިވެ، ''ތާފީލްޓް''އޭ ކިޔުނު ހިސާބު އެމީހުންގެ ބާރުގެ ދަށަށް ގެނައުމުންނެވެ. ހަމަ މިއަހަރުގެ ތެރޭގައި ދައުލަތުގެ ސިޔާސީ އަދި އަސްކަރީ އަސާސް ކަނޑައެޅުއްވި އެވެ. މަޣުރިބު މަޝްހޫރު ''މަރާކިޝް'' އޭ ކިޔުނު ރަށް ބިނާކުރެއްވި އެވެ. ހަމަ މިއަހަރުގެ ތެރޭގައި އަބޫ ބަކުރު ބިން ޢުމަރު ޖިހާދުކުރައްވަމުން ޞަޙަރާތަކުގެ ތެރެއަށް ވެދެވަޑައިގެންނެވި އެވެ. މިގޮތަށް ވަޑައިގެންނެވުމުން މަރާކިޝްގައި ދައުލަތް ހިންގެވުމަށް ހުންނެވީ އޭނާގެ ބޮޑުބޭބެގެ ދަރިކަލުން ޔޫސުފް ބިން ތާޝްފީން އެވެ. އެދުވަހުން ފެށިގެން މުރާބިޠީންގެ ހަރަކާތްތައް ހިންގަމުން އައީ ޔޫސުފު ބިން ތާޝްފީން އިސްވެ ހުންނަވައިގެންނެވެ. އެގޮތުން މަޣުރިބުގައި ވަރުގަދަ ދައުލަތެއް އުފެއްދެވިއެވެ.

މިބުނި ދައުލަތް އުފެއްދެވުމަށް ފަހު ހިޖުރައިން 479ވަނަ އަހަރު ސްޕޭންގެ ''އިޝްބީލިޔާ''ގެ ވެރިއަކަށް ހުންނެވި އަލްމުޢުތަމިދު ބިން ޢިބާދު ސްޕޭން ނަޞާރާއިން ގެ އަތްދަށުން ހިމާޔަތްކުރަން ބޭނުންވެ އެހީއަށް އެދިވަޑައިގަތުމާއި ގުޅިގެން ޔޫސުފު ބިން ތާޝްފީން ސްޕޭން އަށް ވަޑައިގެންނެވި އެވެ. އެއަހަރު ރަޖަބު މަހުގެ 12ވަނަ ދުވަހު ''ޒައްލާޤާ''ގެ ނަމުން ނަންދެވުނު ހަގުރާމަ ކުރައްވައި ޔޫސުފް ބިން ތާޝްފީންގެ ލަޝްކަރަށް ކާމިޔާބު ލިބިގެން ދިޔައެވެ. އެއަށް ފަހު މަޣުރިބަށް ވަޑައިގެންނެވި އެވެ. މިހަގުރާމައާއި ގުޅިގެން އޭރު ސްޕޭންގައި އުފެދިފައިއޮތް ''މުލޫކު އައްޠަވާއިފްގެ ދައުލަތް'' ތަކުގެ ވެރިން ޔޫސުފް ބިން ތާޝްފީން އާއި ރުހިވަޑައިގެން ހަގުރާމައިގެ ޣަނީމާ މުދާތައް ޔޫސުފް އަށް ދޫކޮށްލެއްވި އެވެ. އަދި ނަޞާރާއިންނާއި ކުރިމަތި ލެއްވުމަށް އެމީހުންނާއި ބައިވެރިވެ ވަޑައިގެންނެވުމަށް އެދިލެއްވި އެވެ.

އަލްމުޢުތަމިދު ބިން ޢިބާދު މަޣުރިބަށް ވަޑައިގެން ދެވަނަ ފަހަރަށް ޔޫސުފް ބިން ތާޝްފީންގެ އަރިހުން އެހީ އަށް އެދިވަޑައިގެންނެވި އެވެ. އަދި ޔޫސުފް ސްޕޭންއަށް ވަޑައިގެންނެވި އެވެ. އެފަހަރު ''މުލޫކް އައްޠަވާއިފް'' ގެ ވެރިންގެ ތެރެއިން އިޝްބީލިޔާގެ ވެރިއަކަށް ހުންނެވި އަލްމުޢުތަމިދު ބިން ޢިބާދު އަދި މަރްސިޔާ ގެ ވެރިއަކަށް ހުންނެވި އިބްނު ޢަބުދުލް ޢަޒީޒް ފިޔަވައި އެހެން ބޭފުޅަކު ވަޑައެއް ނުގަންނަވައެވެ. ނަޞާރާއިންގެ ދުއްތުރާތަކުން އެފަހަރު ސްޕޭންގައި ތިބި މުސްލިމުން ހިމާޔަތް ކުރެއްވުމަށްފަހު ޔޫސުފް ބިން ތާޝްފީން މަޣުރިބަށް ވަޑައިގެންނެވި އެވެ.

ހިޖުރައިން 483ވަނަ އަހަރު ޔޫސުފް ބިން ތާޝްފީން 3ވަނަ ފަހަރަށް ސްޕޭން އަށް ވަޑައިގެންނެވި އެވެ. އެއީ ''ޠުލައިޠިލާ'' އޭ ކިޔޭ ރަށް ފަތަހަކުރެއްވުމަށް ޓަކައެވެ. އެފަހަރު ''މުލޫކް އައްޠަވާއިފް''ގެ ވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ޔޫސުފް އަށް އެހީތެރިވުމަށް ވަޑައިގެންފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެރަށް ފަތަހަ ނުކުރެވި ބަލިވެގެން ދިޔައެވެ. އެއަށްފަހު ''މުލޫކް އައްޠަވާއިފް''ގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ''ޣަރުނާޠާ'' ޔޫސުފް ބިން ތާޝްފީން ގެ ބާރުގެ ދަށަށް ގެންނަވައި އެއީ މުރާބިޠީންގެ މަރުކަޒެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. އަދި ޣަރުނާޠާ ގެ ވެރިއަކަށް ސައިރީ ބިން އަބީ ބަކުރު ކަނޑައަޅުއްވައި ޔޫސުފު މަޣުރިބަށް ވަޑައިގެންނެވި އެވެ. އެކަމަކު އޭގެ ކުރިން ސައިރީގެ ކިބައިން މުލޫކު އައްޠަވާއިފް ގައި ހިމެނޭ އެހެން ކުދިކުދި ދައުލަތްތައް ވެސް މުރާބިޠީންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި އެވެ.

ހިޖުރައިން 500ވަނަ އަހަރު ޔޫސުފް ބިން ތާޝްފީން އަވަހާރަވުމާއި ގުޅިގެން އޭނާގެ ދަރިކަލުން ޢަލީ ބިން ޔޫސުފު ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު ހިޖުރައިން 537ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުންނެވީ ޢަލީ ބިން ޔޫސުފު އެވެ. ޢަލީ ބިން ޔޫސުފު ގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ދައުލަތް ނިކަމެތިވެ ބާރު ދަށްވާން ފެށިއެވެ. އެއީ އެދުވަސްވަރު އުފެދިފައިވާ ''މުވައްހިދީން''ގެ ދައުލަތުގެ ވެރިން ވެރިކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަން ފެށުމުންނެވެ.

މުރާބިޠީންގެ ދައުލަތް ވެއްޓިގެން ދިޔައީ ހިޖުރައިން 541ވަނަ އަހަރު އިސްޙާގު ބިން ޢަލީ ވެރިކަމުގައި ހުންނަވަނިކޮށެވެ. އެއީ ''މުވައްޙިދީން''ގެ ދައުލަތުން މުރާބިޠީންގެ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ބިންތަކާއި ތަންތަނަށް ވެރިވެ ގަތުމުންނެވެ. މުރާބިޠީންގެ ދައުލަތުގެ ވެރިކަން ޖުމުލަ 6 ބޭފުޅަކު ކޮށްފައި ވެއެވެ. ވެރިކަންކުރެއްވި ބޭފުޅުންނާއި ދެމިހުންނެވި މުއްދަތު ތިރީގައި މިވަނީ އެވެ.

ވެރިކަންކުރެއްވި ބޭފުޅުންގެ ނަން

ވެރިކަން ކުރެއްވި މުއްދަތު

1

އަބޫ ބަކުރު ބިން ޢުމަރު

448ން 480އަށް

2

ޔޫސުފް ބިން ތާޝްފީން

480ން 500އަށް

3

ޢަލީ ބިން ޔޫސުފް

500ން 537އަށް

4

ތާޝްފީން ބިން ޢަލީ

537ން 541އަށް

5

އިބްރާހީމް ބިން ތާޝްފީން

541ގައި ( އަވަހަރާވުން)

6

އިސްޙާގް ބިން ޢަލީ

541ގައި

މުލޫކު އައްޠަވާއިފްގެ ދައުލަތްތައް

މުލޫކު އައްޠަވާއިފް ގެ ވެރިކަން ފެށުނީ ސްޕޭންގައި ހިޖުރައިން 422ވަނަ އަހަރު އެވެ. އެއީ މުލޫކު އައްޠަވާއިފްގެ ވަޒީރެއްކަމުގައިވާ އަބުލް ޙަޒަމް ބިން ޖަހޫރު އޭގެ ކުރިން ސްޕޭންގައި އުފެދިފައިއޮތް އުމަވީންގެ ދައުލަތް ވެއްޓުނުކަން އިއުލާން ކުރުމާއި ގުޅިގެންނެވެ. މިކަން އިޢުލާންކުރުމާއި ގުޅިގެން ސްޕޭންގެ އެކިއެކި ހިސާބު ތަކުގައި ވެރިންގެ ގޮތުގައި ތިބި ބޭފުޅުން އެބޭފުޅުންގެ ބާރުގެ ދަށުގައިވާ ރަށްތަކާއި އަވަށްތަކުގައި ވަކިވަކި ކުދި ދައުލަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. މިގޮތުން ކޮންމެ ހިސާބަކުން ވެސް ވެރިކަން ހިންގާނެ އާއިލާތަކެއް ކަނޑައެޅުނެވެ. ތަފާތު 20އާއިލާއަކުން މިބުނި އުސޫލުން ވެރިކަން އެކިއެކި ހިސާބު ތަކުގައި ހިންގާފައި ވެއެވެ. އެއުސޫލުގެ ދަށުން އުފެދުނު ދައުލަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދައުލަތް ތަކާއި އެދައުލަތްތައް ދެމިއޮތް މުއްދަތު ތިރީގައި މިވަނީ އެވެ.

ވެރިކަން ކުރި ދަރިފަސްކޮޅު ގެ ނަން

ވެރިކަންހިންގި ރަށް

ވެރިކަންހިންގި މުއްދަތު(ހިޖުރީ)

ޢައްބާދު ދަރިކޮޅުގެ ދައުލަތް

އިޝްބީލިޔާ

414ން 484އަށް

ޖަހޫރު ދަރިކޮޅުގެ ދައުލަތް

ޤުރުޠަބާ

422ން 449އަށް

ޙައްމޫދު ދަރިކޮޅުގެ ދައުލަތް

މާލިގާ

407ން 449އަށް

ޒީރީ ދަރިކޮޅުގެ ދައުލަތް

ޣަރުނާޠާ

403ން 483އަށް

ހޫދު ދަރިކޮޅުގެ ދައުލަތް

ސަރުގަސްޠާ

410ން 536އަށް

ރަޒީން ދަރިކޮޅުގެ ދައުލަތް

ސަހްލާ

402ން 497އަށް

ޛިއްނޫނު ދަރިކޮޅުގެ ދައުލަތް

ޠުލައިޠިލާ

400ން 478އަށް

އަފްޠަސް ދަރިކޮޅުގެ ދައުލަތް

ޠަލްޔޫސް

413ން 487އަށް

މިދައުލަތްތަކުގެ ދުވަސްވަރު އެންމެ ފާހަގަކުރެވުނު އެއްކަމަކީ ހަމަނުޖެހުންތަކާއި ފިތުނު ފަސާދަ ގިނަކަމެވެ. އެކަމުގެ ސަބަބުން ސްޕޭންގައި ނަޞާރާއިންގެ ބާރު ވަރުގަދަ ކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. ޚާއްޞަ ކޮށް ބައެއް ދައުލަތްތަކުން އަނެއްބައި ދައުލަތްތަކާއި ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކާއި ބައިބައިވުންތައް އުފެއްދުމުގައި ނަޞާރާއިންގެ އެހީ ހޯދާފައިވެއެވެ.

މުލޫކު އައްޠަވާއިފްގެ ގިނަދައުލަތްތަކުގެ ވެރިން ސްޕޭން ކުރިއެރުވުމަށް ނުވަތަ އެދައުލަތެއް ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އެންމެ ފާހަގަކޮށްލެވޭ ދައުލަތަކީ ވެސް އިޝްބީލިޔާގައި މުޙައްމަދު ބިން ޢައްބާދު އުފެއްދެވި ޢައްބާދު ދަރިކޮޅުގެ ދައުލަތެވެ. މިއީ މުލޫކު އައްޠަވާއިފްގެ ދައުލަތް ތަކުގެ ތެރެއިން އެންމެ ބޮޑު ދައުލަތް ވެސް މެއެވެ. ޢައްބާދު ދަރިކޮޅުގެ މީހުން ސްޕޭންގައި މުސްލިމުންގެ ބާރު ގަދަކޮށް ނަޞާރާއިންނާއި ދެކޮޅަށް މަސައްކަތް ކޮށްފައި ވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.