އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި އުފެދިފައިވާ ބައެއް ވަކިދައުލަތްތައް

ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި އުފެދިފައިވާ ބައެއް ވަކިދައުލަތްތައް

1abbasi-sarkar-3- ޣޫރީ ދައުލަތް

ޣޫރީންނަކީ ޣޫރިސްތާން އޭ ފަރުބަދަ މަތީ ހިސާބެއްގައި ދިރިއުޅުނު ބައެކެވެ. ޣޫރިސްތާން އޮންނަނީ ޣަޒްނާ އާއ ހުރާތުއާއި ދެމެދުގައެވެ. އެމީހުންނަކީ ޣަޒްނަވީ ދައުލަތުގެ ރަސްގެފާނު މަހުމޫދު އަލްޣަޒްނަވީ އަށް އިޚްލާސްތެރި ބައެކެވެ. ޣޫރީ ދައުލަތުގެ ބާނީ އަކީ ޙުސައިން ބިން ޙަސަން އެވެ. ލަގަބަކީ ޢަލާއުއްދީން އެވެ. އަލާއުއްދީން ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރައްވައި ޣަޒްނާ އާއި ދިމާލަށް ދަތުރުކުރެއްވި އެވެ. އެއީ ޣަޒްނާ ގެ ވެރިއަކަށް ބަހްރާމް ޝާހް ބިން މަސްޢޫދު އަލްޣަޒްނަވީ ހުންނަވަނިކޮށެވެ. އެރަށަށް ވެރިވީ ހިޖުރައިން 547ވަނަ އަހަރު އެވެ. ނަމަވެސް އަލާއުއްދީންގެ ނާއިބަކަށް ޣަޒްނާގައި ހުންނެވި ބޭފުޅާ ގަތުލުކޮށް އަލުން ބަހްރާމް ޝާހް ޣަޒްނާ އޭނާގެ ބާރުގެ ދަށަށް ގެންނެވި އެވެ. މިކަން އަލާއުއްދީން އަށް އެގުނު ހިނދު އަލުން ޣަޒްނާ އަށް ވަޑައިގެން ޣަޒްނާ ޣޫރީންގެ ބާރުގެ ދަށަށް ގެންނެވި އެވެ. އެހިނދު ޚަސްރޫ ބިން ބަހްރާމް ޝާން އިންޑިޔާ އަށް ފިލައިގެން ވަޑައިގެންނެވި އެވެ.

ހިޖުރައިން 567ވަނަ އަހަރު އަލާއުއްދީން އަވަހާރަވުމުން ވެރިއަކަށް ޣިޔާޘުއްދީން އިސްކުރެވުނެވެ. ޣިޔާޘުއްދީން އޭނާގެ އަޚް ޝިހާބުއްދީންގެ އެހީއާއި އެކު ޣޫރީންގެ ވެރިކަން ޣަޒްނާގައި ހިންގަން ފެށިއެވެ. ޚަސްރޫ ބިން ބަހްރާމް އިންޑިޔާ އަށް ވަޑައިގަތުމުން ލާހޫރު ޣަޒްނަވީންގެ ވެރިރަށަކަށް ހެއްދެވިއެވެ. ހިޖުރައިން 555ވަނަ އަހަރު ޣަޒްނަވީންގެ އެންމެ ފަހު ވެރިއެއްގެ ގޮތުން ޚަސްރޫ ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 582ވަނަ އަހަރު ޣިޔާޘުއްދީން އޭނާގެ އަޚް ޝިހާބުއްދީން އިންޑިޔާ އަށް ފޮނުއްވި އެވެ. އަދި ލާހޫރު އަށް ވެރިވެ ގަތެވެ. އަދި ޚަސްރޫ ހިފައި ހައްޔަރު ކުރެއްވި އެވެ. އެހިސާބުން ޣަޒްނަވީ ދައުލަތް ވެއްޓިގެން ދިޔައެވެ. އެއާއި އެކު ޣަޒްނާ އަދި އިންޑިޔާގައި ޣޫރީންގެ ވެރިކަން ފެށިގެން ދިޔައެވެ.

އިންޑިޔާގައި ޣޫރީންގެ ވެރިއަކަށް ހުންނެވީ ޝިހާބުއްދީން އެވެ. ލާހޫރު ޣޫރީންގެ ވެރިރަށަކަށް ހެދުމަށްފަހު ދައުލަތް ފުޅާކުރުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ''މޯލްޓާން'' އަށް ހިޖުރައިން 572ވަނަ އަހަރު ވެރިވިއެވެ. އެއީ އޭރު ގަރާމިޠީންގެ އަތްދަށުގައި އޮތް ތަނެކެވެ. ހިޖުރައިން 587ވަނަ އަހަރު ހިންދީންގެ ލަޝްކަރުން ޝިހާބުއްދީން ހަގުރާމަ ފެށިއެވެ. މިހަގުރާމަކުރެވުނީ ޝަރަސްވަތީ ކޯރުގެ އައްސޭރިން ދިއްލީގައި އޮންނަ ޓްރެވާރީ ކިޔާ ހިސާބެއްގައެވެ. މިހަމަލާއިން ޝިހާބުއްދީން ގަތުލުނުވެ ސަލާމަތްވީ ކިރިޔާއެވެ. އެއީ ހިންދީންގެ ލަޝްކަރު ބޮޑުކަމުންނެވެ. ހިންދީންގެ ލަޝްކަރުގެ ބޮޑަކަށް ހުރީ ރާޖާބަޓްހޯރާ ކިޔާ މީހެކެވެ.

މިހަމަލާއަށް ފަހު ޝިހާބުއްދީން އޭގެ ބަދަލު ހިފުމަށް އަޒުމްކަނޑައެޅިއެވެ. ހިޖުރައިން 588ވަނަ އަހަރު ޝިހާބުއްދީން ވަރުގަދަ ލަޝްކަރެއް ގޮވައިގެން ވަޑައިގެން ކުރިން ބުނި ހިސާބުގައި ހިންދީންނާއި ހަގުރާމަކޮށް ކާމިޔާބު ހޯއްދެވި އެވެ. ހިންދީންގެ ބޮޑަކަށް ހުންނެވި އަޖްމީރު ރަސްކަލުން އަސީރަކަށް ހައްދަވައި ފަހުން ގަތުލުކުރެއްވި އެވެ. ހިޖުރައިން 589ވަނަ އަހަރު ޝިހާބުއްދީން އޭނާގެ ވެރިކަމުގެ ނާއިބަކަށް ގުތުބު އައިބަކް އިސްކުރުމަށް ފަހު ޣަޒްނާ އަށް ވަޑައިގެންނެވި އެވެ. އެހިނދު ގުތުބު ދިއްލީ އަށް ވަދެ އެރަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ.

ހިޖުރައިން 590ވަނަ އަހަރު ޝިހާބުއްދީން އެބުރި އިންޑިޔާ އަށް ވަޑައިގެންނެވި އެވެ. އެއަށްފަހު ގަނޫޖު އޭ ކިޔޭ ރަށް ފަތަހަކޮށް ވަރަށް ގިނަ ޣަނީމާ ލިބިގެން ދިޔައެވެ. ބަނާރަސްގެ ރަސްގެފާނު ވަރުގަދަ ލަޝްކަރެއްގެ އެހީގައި މުސްލިމުންނާއި ހަގުރާމަ އަށް ކުރިމަތި ލިއެވެ. ނަމަވެސް ނަޞްރު ލިބުނީ މުސްލިމުންނަށެވެ. އެއަށްފަހު ޝިހާބުއްދީން ބަނާރަސް އަށް ވަދެ އެތަނުން ލިބުނު ޣަނީމާ މުދާތައް ޣަޒްނާ އަށް ގެންދިޔައެވެ.

ހިޖުރައިން 599ވަނަ އަހަރު ޣިޔާޘުއްދީން އަވަހާރަވުމުން ޣޫރީ ދައުލަތުގެ ވެރިކަމަށް ޝިހާބުއްދީން އިސްވި އެވެ. ޝިހާބުއްދީން އަވަހާރަވެފައިވަނީ އިންޑިޔާއިން ޣަޒްނާ އަށް ދަތުރުކުރައްވަނިކޮށް ގޮތްނޭގޭ ބަޔަކު ދިން ހަމަލާއެއްގައި އޭނާ ފޭލިގޭގައި ހުންނަވަނިކޮށެވެ. ޝިހާބުއްދީން އަވަހާރަ ވުމާއި އެކު ޣޫރީންގެ ދައުލަތް ނިމުމަކަށް އައީ އެވެ. އެއާއި އެކު މަމާލިކުން ގެ ބާރު އިންޑިޔާގައި ހިގަންފެށިއެވެ.

2- މަމާލިކުންގެ ދައުލަތް

މަމާލިކުންނާއި ތަފާތު ނަސްލުތަކާއި ތަފާތު ދަރިކޮޅުތަކާއި އަދި ތަފާތު ހިސާބުތައް ގުޅިގެން އުފެދިފައިވާ ބަޔެކެވެ. އޭގެތެރޭގައި ހިމެނެނީ ތުރުކިސްތާންގެ ރަށްތައް، ގަރަމް ޕެނިންސޫލާ، ގައުގާޒުގެ ރަށްތައް، އަދި ކޯރުގެ ފަހަތުގައިވާ ރަށްތަކޭ ކިޔޭ ހިސާބު އެވެ. މަމާލިކުންގެ ވެރިކަން މިޞްރާއި ޝާމްކަރައިގެ ހިސާބުތަކުަގައި ފެށުނީ އައްޔޫބީ ދައުލަތުން އެންމެ ފަހުން ވެރިކަން ކުރެއްވި ތޫރާން ޝާހް މަމާލިކުން ގަތުލުކުރެއްވުމުންނެވެ. އެއީ ހިޖުރައިން 648ވަނަ އަހަރު އެވެ.

މަމާލިކުންގެ ދުވަސްވަރު ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު އިމާރާތް ކުރުމުގެ ފަންނުގައި ވަރަށް ބޮޑެތި ކާމިޔާބުތައް ހޯއްދަވާފައި ވެއެވެ. މިގޮތުން މިޞްރުގައި ހުރި މަމާލިކުންގެ ދުވަސްވަރު ބިނާކޮށްފައިވާ ތަންތަނުގެ ތެރޭގައި ''މަސްޖިދު އައްޡާހިރު ބައިބަރަސް''، ''މަސްޖިދު އައްސުލްޠާން ހަސަން''، ''މަސްޖިދު ގާއިތުބާއި''، އިސްކަންދަރިއްޔާގައި ހުންނަ ''ގާއިތުބާއި ކޯއްޓޭ'' ފަދަ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ވަރަށް ގިނަ މަދަރްސާތަކާއި، ހަސްފަތާލުތައް ވެސް އުފެއްދެވިއެވެ.

ތަފާތު އިލްމުތަކުގައި ވެސް އެދުވަސްވަރު މަމާލިކުން ކުރި ހޯދާފައި ވެއެވެ. ބޭސްވެރިކަމުގެ ދާއިރާ އަށް ބަލާއިރު ސޫރިޔާގެ ޑޮކްޓަރ އިބްން އަބީ އަޞީބަޢާ ފާހަގަކުރެވެއެވެ. އަޞީބަޢާ ބޭސްވެރިކަން އުގެނިފައިވަނީ މިޞްރުގެ ގާހިރާގެ ނާޞިރީ އޭ ކިޔޭ ހޮސްޕިޓަލަކުންނެވެ. ތާރީޚީ އިލްމަށް ބަލާއިރު ''ވަފިއްޔާތުލް އަޢުޔާން'' އޭ ކިޔޭ ފޮތް ލިޔުއްވި އަލްއިމާމް އަޙުމަދު ބިން ޚަލްކާން ފާހަގަކޮށްލެވެއެވެ.

މަމާލިކުންގެ ދުވަސްވަރު އުފެދުނު ދީނީ އިލްމުވެރިންނަށް ބަލާއިރު އަލްއިމާމް އަހުމަދު ބިން އަބުދުލް ޙަލީމް(އިބްނި ތައިމާ)، އަލްއިމާމް އިބްނު ހަޖަރު އަލްއަސްގަލާނީ، އަލްއިމާމް ޖަލާލުއްދީން އައްސުޔޫތީ، ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.

މަމާލިކުންގެ ދައުލަތް ވެއްޓެން ދިމާވި ބައެއް ސަބަބުތަކުގެ ތެރޭގައި އުޘްމާނީ ދައުލަތް އުފެދުން، ޢުޘްމާނީންގެ ރަސްކަލެއް ކަމުގައިވާ ސަލީމް އަލްއައްވަލް މިޞްރަށް ވަދެގަތުން، މަމާލިކުން އެކިބައިތަކަށް ބެހިފައިއޮތުން، އަދި ދައުލަތުގެ އެތެރޭގައި ހިގާފައިވާ ހަމަނުޖެހުންތައް ހިމެނެއެވެ. ހިޖުރައިން 922ވަނަ އަހަރު އުޘްމާނީންގެ ރަސްގެފާނު ސަލީމް މިޞްރަށް ވަދެ، ''މަރަޖް ދާބިގް'' އޭ ކިޔުނު ހަގުރާމަ ކުރެއްވި އެވެ. އަދި މަމާލިކުންގެ އެންމެ ފަހު ރަސްކަލުން ތޫމާން ބާއީ ހިޖުރައިން 923ވަނަ އަހަރު ގަތުލު ކުރެއްވި އެވެ. އެއާއި އެކު މިޞްރާއި ޝާމްކަރައިގެ ބިންތަކުގައި އުޘްމާނީ ދައުލަތުގެ ބާރު ހިންގަން ފެށިއެވެ.

ހިގާދިޔަ ބައެއް ހާދިސާތައް

- ހިޖުރައިން 648ވަނަ އަހަރު ބެލެވެނީ މަމާލިކުންގެ ދައުލަތުގެ ވެރިކަން ފެށުނު އަހަރު ކަމުގައެވެ. އެއީ އައްޔޫބީންގެ އެންމެ ފަހުން ވެރިކަން ކުރެއްވި ތޫރާން ޝާހް ގަތުލުކުރައްވައި އޭނާގެ މަންމަ ޝަޖަރު އައްދުއްރު މަމާލިކުންނާއި ގުޅުމުންނެވެ. އަދި ޝަޖަރު އައްދުއްރު ވަގުތީގޮތުން ވެރިކަމަށް އިސްވިއެވެ. އެއަށް ފަހު އިއްޒުއްދީން އައިބަކް އާއި ކައިވެނި ބައްލަވައިގަތެވެ. ނަމަވެސް އިއްޒުއްދީން އައިބަކް ވެރިކަމަށް ދަހިވެ ޝަޖަރު އައްދުއްރު ގަތުލުކުރެއްވި އެވެ.

- ހިޖުރައިން 657ވަނަ އަހަރު އިއްޒުއްދީން އައިބަކް ގަތުލުކޮށް ސައިފުއްދީން ގަޠަޒް ވެރިކަމަށް އިސްވިއެވެ. ހިޖުރައިން 658ވަނަ އަހަރު ތަތާރުން މިޞްރަށް ވަދެ މަމާލިކުންނާއި ދެކޮޅަށް އައިނު ޖާލޫތު ގެ ނަންދީފއިވާ ހަގުރާމަ ކުރިއެވެ. ހިޖުރައިން 664ވަނަ އަހަރު އައްޡާހިރު ބައިބަރަސް ޝާމްގެ ރަށްތަކުގެ ތެރެއިން އަރްސޫފް އަދި ގައިސާރިއްޔާ އަށް ވެރިވި އެވެ. އެތަންތަން ހިފުމަށް ދިޔަ މަގުމަތީ ބޮޑެތި މުންނާރު ނުވަތަ ޓަވަރުތަކާއި ކޯއްޓޭތައް ބިނާކުރެއްވި އެވެ.

- ހިޖުރައިން 669ވަނަ އަހަރު އައްޡާހިރު ބައިބަރަސް ޓްރިޕޮލީ އަށް ހަމާދެއްވައި އަކްރާދު ކޯއްޓޭ އަށް ވެރިވެގަތެވެ. ހިޖުރައިން 675ވަނަ އަހަރު ކުޑައޭޝިއާ އޭ ކިޔޭ ހިސާބަށް ދަތުރުކުރައްވި މަގުމަތީ ތަތާރުންގެ ބަޔަކާއި ހަގުރާމަކޮށް ބަލިކުރެއްވި އެވެ. ހިޖުރައިން 676ވަނަ އަހަރު ބައިބަރަސް އަވަހާރަވުމުން ގަލާއޫން ވެރިކަމަށް އިސްވިއެވެ.

- ހިޖުރައިން 684ވަނަ އަހަރު ގަލާއޫން މަރުގަބު އާއި އެރަށުގެ ވަށައިގެންވާ ހިސާބުތަކަށް ވެރިވި އެވެ. އެއަށްފަހު ހިޖުރައިން 688ވަނަ އަހަރު ގަލާއޫން ދިމިޝްގު އަދި ޓްރިޕޮލީ އަށް ވަޑައިގެން އެތަންތަން ފަތަހަ ކުރެއްވި އެވެ. ހިޖުރައިން 689ވަނަ އަހަރު ގަލާއޫން އަވަހާރަވުމުން އޭނާގެ ދަރިކަލުން އަޝްރަފު ޞަލާޙުއްދީން ޚަލީލް ވެރިކަމަށް އިސްވި އެވެ. ހިޖުރައިން 690ވަނަ އަހަރު އަޝްރަފު ބައިރޫތު، އަކާ އަދި އެހެން ބައެއް ރަށްތައް މަމާލިކުންގެ ބާރުގެ ދަށަށް ގެނައެވެ.

- ހިޖުރައިން 702ވަނަ އަހަރު ނާޞިރު ގަލާއޫންގެ ވެރިކަމުގައި ތަތާރުން ޝާމްގެ ރަށްތަކަށް ވަންނަން އުޅޭ ޚަބަރު ލިބުމުން މިޞްރުން ޝާމްކަރައަށް ތަތާރުންނާއި ހަގުރާމަކުރުމަށް ވަޑައިގެންނެވި އެވެ. އަދި ދެލަޝްކަރުގެ ދެމެދުގައި ޝަގްޙަބު އޭ ކިޔޭ ހަގުރާމަ ހިގައި ތަތާރުން ބަލިވެގެން ދިޔައެވެ. ހިޖުރައިން 741ވަނަ އަހަރު ނާޞިރު ގަލާއޫން އަވަހާރަވުމުން ވެރިކަމަށް އަލްމަންޞޫރު ސައިފުއްދީން އަބޫބަކުރު އިސްކުރެވުނެވެ. ނަމަވެސް ފަހުން އަބޫބަކުރު ވަކިކޮށް އޭނާގެ އަޚް އަލްއަޝްރަފް އަލާއުއްދީން ވެރިކަމަށް އިސްކުރެވުނެވެ.

- ހިޖުރައިން 785ވަނަ އަހަރު ވެރިކަމަށް އައްޡާހިރު ބަރުގޫގު އިސްކުރެވުނެވެ. ހިޖުރައިން 829ވަނަ އަހަރު އަޝްރަފް ބާރަސްބާއީ ސައިޕްރަސް އާއި ހަމަލަދެއްވައި އެރަށް ފަތަހަކުރެއްވިއެވެ. ހިޖުރައިން 872ވަނަ އަހަރު އަޝްރަފް ގާއިތުބާއި ވެރިކަމަށް އިސްކުރެވުނެވެ. ހިޖުރައިން 906ވަނަ އަހަރު ވެރިކަމަށް ގާންޞޫހް އަލްޣޫރީ އިސްކުރެވުނެވެ. އެއީ އެއަށްފަހު އެންމެ ފަހު ރަސްކަލުން ތޫމާން ބާއީ ހިޖުރައިން 915ވަނަ އަހަރު ވެރިކަމަށް އިސްވި އެވެ. މަމާލިކުންގެ ދައުލަތް ވެއްޓިގެން ދިޔައީ ޢުޘްމާނީން ހިޖުރައިން 923ވަނަ އަހަރު ތޫމާން ބާއީ ގަތުލުކުރެއްވުމުންނެވެ.

3- މުވައްޙިދީންގެ ދައުލަތް

މުވައްޙިދީންގެ ދައުލަތް ފެށިފައިވަނީ ހިޖުރައިން 514ވަނަ އަހަރު އެވެ. މިދައުލަތުގެ ބާނީ އަކީ މުހައްމަދު ބިން ތޫމަރަތު އެވެ. އެއީ މޮރޮކޯގައި އުޅުނު ހިރްޣާ އޭ ކިޔޭ ގަބީލާ އަކަށް ނިސްބަތްވާމީހެކެވެ. މުހައްމަދު ބިން ތޫމަރަތު ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައި ''ބުޙައިރާ''ގެ ނަންދީފައިވާ ހަގުރާމަކުރުމަށް މުރާބިޠީންނާއި ކުރިމަތި ލިއެވެ. މިހަގުރާމައިގައި މުރާބިޠީންގެ ލަޝްކަރު ވަނީ މުވައްޙިދީންގެ މައްޗަށް ނަޞްރު ހޯދާފައެވެ. ހިޖުރައިން 542ވަނަ އަހަރު މުހައްމަދު ބިން ތޫމަރުތު އަވަހާރަވުމާއި ގުޅިގެން ޢަބުދުލް މުއުމިން ބިން ޢަލީ ވެރިކަމަށް އިސްކުރެވުނެވެ.

އަބުދުލް މުއުމިން މުވައްހިދީންގެ ބާރު ގަދަކުރައްވައި، ދައުލަތް ހަގީގީ ސިފައެއްގައި އުފެއްދުމުގެ މަސައްކަތް ފެށިއެވެ. 4 މަރުހަލާއަކަށް ބެހިފައިވާ މިމަސައްކަތުގެ ފުރަތަމަ މަރުހަލާގައި މަޣްރިބުގެ މަރާކިޝްއާއި އެރަށުގެ ވަށައިގެންވާ ހިސާބުތަކަށް ވެރިވިއެވެ. މިމަރުހަލާ ނިމުނީ ހިޖުރައިން 540ވަނަ އަހަރު އެވެ. ދެވަނަ މަރުހަލާގައި ފާސް(ފޭޒް) ސިޓީ އާއި މަޣްރިބުގެ އެހެން ހިސާބުތަކަށް ވެރިވިއެވެ. މިމަރުހަލާ ނިމިފައިވަނީ ހިޖުރައިން 542ވަނަ އަހަރު އެވެ. 3ވަނަ މަރުހަލާގައި ތިލްމިސާން އަދި ޖަޒާއިރު ފަތަހަ ކުރެއްވި އެވެ، މިމަރުހަލާ ނިމުނީ ހިޖުރައިން 548ވަނަ އަހަރު އެވެ. 4 ވަނަ މަރުހަލާގައި ޓްރިޕޮލީ އާއި އަދި އެފްރިކާގެ އައްސޭރީގައިވާ އެހެންބައެއް ހިސާބުތަކަށް ވެރިވިއެވެ. މިމަރުހަލާ ނިމިފައިވަނީ ހިޖުރައިން 555ވަނަ އަހަރުއެވެ.

ހިޖުރައިން 580ވަނަ އަހަރު ޔޫސުފް ބިން އަބުދުލް މުއުމިން ލަޝްކަރާއިގެން ސްޕޭން އަށް ވަޑައިގެން އަޝްބޯނާ ފަތަހަކުރެއްވިއެވެ. ސްޕޭނުން އެބުރި މަޣްރިބަށް ވަޑައިގެން މަގުމަތީގައި ޔޫސުފް އަވަހާރަވިއެވެ. ހިޖުރައިން 3ޝައުބާން 593ގައި މުސްލިމުންނާއި ނަޞާރާއިންނާއި ދެމެދު ''އަރަކް ހަގުރާމަ'' ހިނގިއެވެ. އަދި މުސްލިމުންނަށް ނަޞްރު ލިބިގެންދިޔައެވެ.

ހިޖުރައިން 595ވަނަ އަހަރު ޔައުގޫބު ބިން ޔޫސުފް އަވަހާރަވުމުން ވެރިކަމަށް އޭނާގެ ދަރިކަލުން މުހައްމަދު އިސްކުރެއްވިއެވެ. މުހައްމަދު ގެ ލަގަބަކީ އައްނާޞިރު ލިދީނިﷲ އެވެ. ހިޖުރައިން 609ވަނަ އަހަރު އައްނާޞިރު ލިދީނިﷲ ސަލްޕަޓްރާ ކިއްލާ ހިސާރު ކުރެއްވިއެވެ. ހިޖުރައިން 610ވަނަ އަހަރު އައްނާޞިރު ލިދީނިﷲ އަވަހާރަވުމުން ދައުލަތުގެ ބާރު މަޑުމަޑުން ނެތެން ފެށިއެވެ. ދައުލަތް ވެއްޓެން ދިމާވި ސަބަބުތަކުގެ ތެރޭގައި ނަޞާރާއިންނާއި ކުރި އިގާބު ހަގުރާމައިން ބަލިވުން، އަދި ދައުލަތުގެ އެތެރޭގައި އުފެދުނު ހަމަނުޖެހުންތައް ހިމެނެއެވެ.

ހިޖުރައިން 640ވަނަ އަހަރު ވެރިކަމަށް އަލީ ބިން އިދްރީސް އިސްކުރެވުނެވެ. އެއަށްފަހު އުމަރު ބިން އިސްހާގު އިސްކުރެވުނެވެ. އެދުވަސްވަރު ނަޞާރާއިން އިޝްބީލިޔާ އަށް ވެރިވި އެވެ. އެއަށްފަހު އިދްރީސް ބިން މުހައްމަދު މަރާކިޝްގެ ވެރިކަމަށް އިސްވިއެވެ. މުވައްހިދީންގެ ދައުލަތް ވެއްޓިގެން ދިޔައީ ހިޖުރައިން 667ވަނަ އަހަރު ބަނޫ މަރީންގެ މީހުން އިދްރީސް ބިން މުހައްމަދު ގަތުލުކުރެއްވުމުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.