ހުކުރު20181116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ބުޚާރީ .. އަބަދަށް ދެމިހުންނާނެ ނަމެއް

ބުޚާރީ .. އަބަދަށް ދެމިހުންނާނެ ނަމެއް

bukhaareeޙަދީޘް ޢިލްމުގައި އެންމެ އަރާހުންނެވި ޢިލްމުވެރިއަކީ އަލްއިމާމް ބުޚާރީ ކަމީ، ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާން ނަގާފައި ދެން އޮތް އެންމެ ޞައްޙަކަން ބޮޑު ފޮތަކީ ބުޚާރީ އެއްކޮށް ލިއުއްވާފައިވާ ''އަލްޖާމިޢު އައްޞަޙީޙް'' ކަން، މި އުއްމަތުގެ އެންމެންވެސް އެއްބަސްވެ އިޖްމާޢުވެއެވެ. އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް އެއްކޮށް ޖަމާ ކުރުމުގައި މުޅި އުމުރުގެ ދުވަސްތައް ހޭދަ ކޮށްލެއްވި، ބުޚާރާގެ މި ޢިލްމުވެރިޔާގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވައިލެވޭތޯ މި މަޒްމޫނުގައި ބަލާލާނަމެވެ.

އުފަންވެ ވަޑައިގަތުން

 

ބުޚާރާ އޭ ކިއުނު ރަށެއްގައި ''މުޙައްމަދު ބިން އިސްމާޢީލް އަލްބުޚާރީ'' އުފަންވެވަޑައިގަތީ 13 ޝައްވާލް 194ހ / 4 އޯގަސްޓް 810މ ވަނަ އަހަރުގެ ހުކުރުނަމާދުގެ ފަހުވަގުތެއްގައެވެ. އެ ދުވަސްވަރު ބުޚާރާ ވެފައިވަނީ ތަފާރު ޢިލްމުގެ މަރުކަޒެއްކަމުގައެވެ. އިމާމް ބުޚާރީ އުފަންވެވަޑައިގެންފައިވަނީ، ރަނގަޅު، ތަނަވަސް، ދީންވެރި ޢާއިލާއަކަށެވެ. ވަރަށް ތުއްޕުޅުއިރު ބައްޕަ އަވަހާރަވުމުން އިމާމް ބުޚާރީ ބޮޑުފުޅުވީ ޔަތީމު ކުއްޖެއްގެ ގަޮތުގައެވެ. ނަމަވެސް މިކަން، އިމާމް ބުޚާރީގެ މުސްތަޤްބަލަށް އެޅުނު ހުރަހެއް ކަމުގައި އެކަލޭގެފާނުގެ މަންމާފުޅު ނުހެއްދެވިއެވެ.

ރަނގަޅު ތަރުބިއްޔަތެއް ކުރައްވައި، ހެޔޮކަންތަކަށް ލޯބިޖައްސުވައި ފުރިހަމަ ތަޢުލީމު އުގަންނަވައި ދެއްވިއެވެ. އަދި ޤުރުއާން ދަސްކުރެއްވީމައި، ޙަދީޘް ޢިލްމުގެ މަޖްލިސްތަކަށް ދާން ބުޚާރީ ފެއްޓެވިއެވެ.

އެންމެ ހަގު އުމުރުގައިވެސް ޙަދީޘް ޢިލްމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ބުޚާރީ ދެއްވިއެވެ. ޢުމުރުން 16 އަހަރު ނުފުރެނީސް އިބްނު އަލްމުބާރަކް، ވަކީޢް ގެ ޙަދީޘް ފޮތްތައް ބުޚާރީ ހިތުދަސް ކުރެއްވިއެވެ. މި ކަމުގައި ބުޚާރީގެ ތޫނުފިލިކަމާއި، ހަނދާން ގަދަކަން އެހީތެރިވެދިނެވެ.

ޙަދީޘް ހޯއްދެވުމަށް ދަތުރުކުރެއްވުން

ޢުމުރުން އެންމެ ސޯޅަ އަހަރުގައި ބުޚާރީ، ޙަދީޘް ހޯއްދެވުމައްޓަކައި ރަށުންބޭރަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެގޮތުން މަންމައާއި ކޮއްކޮ ގޮވައިގެން ޙައްޖަށް ވަޑައިގެންފައި، ބުޚާރީ އެބުރިނައިސް މައްކާގައި މަޑުކޮށްލެއްވިއެވެ. މައްކާ މަދީނާގެ ޙަދީޘް ޢިިލްމުވެރިންގެ ކިބައިން ޢިލްމު ހޯއްދެވުމުގައި ހަ އަހަރު ދުވަސް ބުޚާރީ ހޭދަ ކުރެއްވުމަށްފަހު، އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ޙަދީޘް ޖަމަޢު ކުރެއްވިއެވެ. މައްކާ، މަދީނާ، ބަޞަރާ، ކޫފާ، ދިމިޝްޤު، ޢަސްޤަލާން، ނީސާބޫރް، މިޞްރަށް ބުޚާރީ ދަތުރުކުރެއްވިއެވެ. މީގެ ތެރޭގައި އެއްފަހަރަށްވުރެ ގިނައިން ވަޑައިގެންނެވި ތަންތަންވެސް ހިމެނެއެވެ.

އެދުރުބޭކަލުން

ތަފާތު ތަންތަނަށް ދަތުރުކޮށް ޢިލްމު ހޯއްދެވި ބޭކަލެއްގެ، އެދުރުބޭކަލުންގެ ޢަދަދު އެއްހާހަށްވުރެ ގިނަވުމުން ހައިރާންވާކަށް ނުޖެހެއެވެ. އެދުރު ބޭކަލެއްގެފަރާތުން އަޑު އިވޭ ކޮންމެ އެއްޗެއް، ނެންގެވުމުގެ ބަދަލުގައި، އެ ޙަދީޘެއްގެ ރާވީންނާއި، ތާރީޚާއި، ރާވީންގެ ސީދާ ކަމަށް ބައްލަވައެވެ. ބުޚާރީ ޙަދީޘް ހޯއްދެވި މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި އަޙްމަދު ބިން ޙަންބަލް، ޔަޙްޔާ ބިން މުޢީން، އިސްޙާޤު ބިން ރާހަވީ، ޢަލީ ބިން އަލްމަދީނީ، ޤުޠައިބާ ބިން ސަޢީދް، އަބޫ ޙާތިމް އައްރާޒީ ހިމެނިވަޑައިގަންނަވައެވެ.

ގިނަ އަހަރުތަކެއް ރަށުން ބޭރުގައި ހޭދަ ކުރެއްވުމަށް ފަހު އެބުރި ވަޑައިގެން، ނީސާބޫރުގައި މަޑުކުރެއްވުމުން، އެ ރަށުބައެއް ޢިލްމުވެރިން، ބުޚާރީއަށް މާބޮޑު އިޙްތިރާމެއް ލިބޭ ތަން ފެނުމުން ވެރިންނަށް ޝަކުވާކޮށް، އެތައް ތުހުމަތުތަކެއް އިސްތަށިފުޅުގައި އެޅުވިއެވެ. ނަތީޖާއަކަށްވީ ނީސާބޫރު ދޫކުރައްވައި އަމިއްލަ ރަށް ބުޚާރާ އަށް ވަޑައިގަތުމެވެ. ބުޚާރާއަށް ވަޑައިގަތުމުން ބަޠަލެއްގެ މަޤާމު ދެވުނެވެ. މާކަ ގިނަދުވަސްތަކެއް ނުވަނީސް، ބުޚާރާގެ އަމީރަށް ޙަދީޘް މަޖްލިސްތަކެއް ބާއްވަދިނުމަށް، ގަނޑުވަރަށް ވަޑައިގަންނަވަން އަމީރު އެދިވަޑައިގަތެވެ. މި ވާހަކައާއިގެން އައި މީހާ ކައިރީ ބުޚާރީ ދެއްވި ޖަވާބުން، ޢިލްމަށް ކުރައްވާ ޤަދަރާއި އިޙްތިރާމް ހާމަވެއެވެ. ބުޚާރީ ވިދާޅުވީ: ''އަހަރެން ޢިލުމު ނިކަމެތި ނުކުރާކަން ދަންނަވާށެވެ. އަދި އަހަރެން ޢިލްމު ހިފައިގެން ވެރިންގެ ގަނޑުވަރުތަކުގެ ދޮރޯށި ކައިރިއަކަށްވެސް ނުދަމެވެ. އަމީރު އެ ޢިލްމު ބޭނުންނަމަ، އަހަރެން މިސްކިތުގައި ނުވަތަ ގޭގައި ޢިލްމީ މަޖްލިސް ބާއްވާއިރު ވަޑައިގަންނަވާށެވެ. މިވާހަކަ ކަމުނުގޮސްފިނަމަ، ތިޔައީ ވެރިއާއެވެ. އަހަރެން ޢިލްމީ މަޖްލިސް ބޭއްވުން މަނާ ކުރާށެވެ. އޭރަށް ޤިޔާމަތް ދުވަހުން، އަހަރެން ޢިލްމު ނުފޮރުވާކަމަށް ޢުޒުރެއް އޮންނާނެއެވެ.''

މި ބީދައިން ޖަވާބުލިބުމުން އަމީރު ހިތްޕުޅާހަމަނުވެގެން، މީހުންލައްވައި ބުޚާރީ އަށް ގޯނާކުރުވައި އެންމެ ފަހުން ރަށުން ބޭރުކޮށްލެއްވިއެވެ. ދެން ބުޚާރީ ވަޑައިގަތީ ސަމަރުޤަންދުގެ ޚަރްތަންކް ކިއުނު ރަށަށެވެ. އަދި އަވަހާރަފުޅު ވަންދެން އެތާގައި ހުންނެވިއެވެ.

ލިއުއްވި ފޮތްތައް

ޢުމުރުފުޅުން އެންމެ 18 އަހަރުގައި ފޮތް ލިއުއްވަން ފެއްޓެވި ބުޚާރީ ވިއްސަށްވުރެ ގިނަ ފޮތް ލިއުއްވާފައިވެއެވެ. އޭގެތެރޭގައި :

* އަލްޖާމިޢު އައްޞަޙީޙް އަލްމުސްނަދު މިން ޙަދީޘި ރަސޫލު ﷲ ވަ ސުނަނިހީ ވަ އައްޔާމިހީ (މަޝްހޫރު ވެފައިވަނީ އަލްޖާމިޢު އައްޞަޙީޙް ގެ ނަމުން)

* އަލްއަދަބުލް މުފްރަދު

* އައްތާރީޚުލް ކަބީރު (ޙަދީޘް ރިވާކުރައްވާ ބޭކަލުންގެ ނަންފުޅު އަލިފްބާ ތަރުތީބުން އެއްކޮށް ޖަމާކޮށްފައިވާ ފޮތެއް)

* އައްތާރީޚުއް ޞަޣީރް : (ރަސޫލާ އާއި ޞަޙާބީންގެ ތާރީޚް ، އަދި 652- ހ ، އާއި ހަމައަށް ތިއްބެވި ރާވީންގެ ތާރީޚް)

* ޚަލްޤު އަފްޢާލުލް ޢިބާދު

* ރަފްޢުލް ޔަދައިނި ފިއްޞަލާތި (ނަމާދުގައި ދެއަތް އުފުލުން)

* އަލްކުނާ

* ތަފްސީރުލް ކަބީރު

ޞަޙީޙުލް ބުޚާރީ

އެފޮތެއް ލިއުވުމުގައި ސޯޅަ އަހަރުގެ ބުރަމަސައްކަތާއި ދިގު ދަތުރުތަކެއް، ބުޚާރީ ހޭދަކުރެއްވި ''ޞަޙީޙުލް ބުޚާރީ '' އަކީ ކީރިތި ރަސޫލާގެ ޙަދީޘުފުޅުތައް ލިޔެވިފައިވާ އެންމެ މަޝްހޫރު އެންމެ ޞައްޙަކަން ބޮޑު ފޮތެވެ. އެކިގޮތްގޮތުން އެއްކުރެއްވި ހަސަތޭކަ ހާސް، ޙަދީޘުގެ ތެރެއިން ބުޚާރީ މި ފޮތުގައި ލިއުއްވާފައިވަނީ 7275 ޙަދީޘެވެ. ބައެއް ޢިލްމުވެރިން ގުނުއްވާ ގޮތުން އޭގައި ވަނީ 7124 ޙަދީޘެވެ. އަދި ތަކުރާރު ޙަދީޘް ނުހިމަނައިފިނަމަ، މި ޢަދަދު މިއަށްވުރެ މާބޮޑުތަން އުނިވާނެއެވެ. ޙަދީޘް ފޮތުގައި ލިއުވުމުގެ ކުރިން، އެތައްގޮތަކުން ބުޚާރީ، އެ ޙަދީޘެއްގެ ތެދުދޮގު ބެއްލެވިއެވެ. ޙަދީޘް ޤަބޫލު ކުރެއްވުމެގެ ޝަރުޠުތަކުގެ ތެރޭގައި ރިވާ ކުރާމީހާ، ރިވާކުރެވޭމީހާއާއި އެއްދުވަސްވަރެއްގައި އުޅުމާއި، ރިވާ ކުރާމީހާ ރިވާކުރެވޭމީހާގެ ކިބައިން ޙަދީޘް އަޑުއިވުމާއި، އޭނާގެ ތެދުވެރިކަމާއި، ތަޤުވާވެރިކަން، ޢިލްމުވެރިކަމަށް މަޝހޫރުވުން ހިމެނެއެވެ. އަދި ކޮންމެ ޙަދީޘެއްވެސް ފޮތުގައި ލިއުވުމުގެ ކުރިން، ޠާހިރުވެގެން ދެ ރަކުޢަތް ނަމާދެއް ކުރައްވާކަމަށް ވެއެވެ. އަދި މިހާރު އަޅުގަނޑުމެންނަށް މި ފެންނަން އޮތްގޮތަށް، އެފޮތް ލިއުއްވެވުނީ ތިން ފަހަރުމަތިން ފޮތް ލިއުވައިގެންނެވެ.

އަވަހާރަ ވުން

ޙަދީޘް ޢިލްމުވެރިއަކަށް ދެވޭ އެންމެ މަތީ ދަރަޖަ ކަމުގައިވާ އަމީރުލް މުއުމިނީން ގެ ދަރަޖަ ދެވިފައިވާ އިމާމް ބުޚާރީ، ޚަރުތަންކު ގައި ހުންނަވަނިކޮށް 30 ރަމަޟާން 256ހ ގައި އަވަހާރަވި އިރު އުމުރުފުޅަކީ 62 އަހަރުފުޅެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.