އާދީއްތަ20200712

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އެންމެ ރީތި ވާހަކަ (ތިންވަނަ ބައި)

އެންމެ ރީތި ވާހަކަ (ތިންވަނަ ބައި)

qis11ޒުލައިޚާއަށް މިވާހަކަތައް އިވިވަޑައިގަތުމުން ޠަބީޢީގޮތުން އެކަމަނާގެ ހިތްޕުޅު ނުތަނަވަސްވެގެންދިޔައެވެ. އެކަމަނާއަށް ޔަޤީންވާ ގޮތުގައި ޔޫސުފްގެފާނުހާ ރީތި ފިރިހެނެއްގެ އަވާގައި އަންހެނަކު ނުޖެހި ނުދާނެއެވެ. އެކަމުގައި އެކަމަނާއެއް އަދި ކިއެއްތަ؟ ކޮއިލުތެރޭ ބޭކަނބަލެއް ތަފާތެއް ނުވާނެއެވެ. އެކަލޭގެފާނުގެ ރީތިކަމުގެ ކުރިމަތީގައި އެކަމަނާގެ ނިކަމެތިކަންހުރި މިންވަރު އެއަންހެނުންނަށް އަނގައިދެއްވުމަށްޓަކައި އެކަމަނާ ރޭއްވެވީ އެކަމަނާއަށް ކުރިމަތިވި ފިތުނަވެރިކަން އެއަންހެނުންނަށްވެސް ކުރިމަތި ކުރުވާށެވެ.

އެކަމަނާ އެމީހުންނަށް ވަރުގަދަވެގެންވާ ޖާފަތަކަށް ދަޢުވަތުދެއްވިއެވެ. އެއްވެސް އަންހެނަކު އިސްވަޒީރުގެ އަނބިކަމަނާއާ އެއްސުފުރާއެއްގައި ކެއުމުގެ ޝަރަފު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ދެކުނުގޮތުގައި މިއީ ޔޫސުފްގެފާނާ ސީދާ ބައްދަލުކޮށްލުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ. ދައުލަތުގެ ވަޒީރުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޒުލައިޚާގެ ގާތް އެކުވެރިންވެސް އެކަމަނާގެ އަރިހުގައި ސަމާސާކުރައްވަމުން، ޔޫސުފްގެފާނު އެކަނބަލުންނަށް ތަޢާރަފުކޮށްދޭ ގޮތުގެ މަތިންނޫނީ އެޖާފަތަށް ވަޑައިނުގްނަވާނޭކަމަށް ވިދާޅުވިއެވެ.

ދަޢުވަތު ދެވުނީ ހަމައެކަނި އަންހެނުންނަށެވެ. ޖާފަތް ފެށިއްޖެއެވެ. މަޖަލާއި ހުނުންވަނީ ގަނޑުވަރު ގުގުމާލާފައެވެ. ދަޢުވަތު ދެވިފައިވާ އަންހެނުން ތިބީ ޔޫސުފްގެފާނުގެ ވާހަކަދައްކާ ހިތްވެފައެވެ. ނަމަވެސް އެއީ މިފަދަ މެހެފިލްތަކުގެ އަދަބާއި ޚިލާފުކަމަކަށްވާނެތީ ހަނުން ތިބީއެވެ. މިސަބަބަށްޓަކައި ޒުލައިޚާ ޔޫސުފްގެފާނުގެ ވާހަކަ ފެއްޓެވުމުން އެމީހުން ހައިރާންވިއެއެވެ. އެކަމަނާ ވިދާޅުވިއެވެ. "އަޅުގަނޑު ޒުވާން އިބްރީ ފިރިހެން އަޅު، ޔޫސުފްދެކެ ލޯބިވާކަމަށް ބަޔަކު ވާހަކަދައްކާތީ އަހައިފީމެވެ." ކުއްލިއަކަށް ހުނުމާއި މަޖަލުގެ އަޑު ކެނޑިގެން ހިންގައްޖެއެވެ. ކެއުމުގައާއި ސަލާން ގަލާންކުރުމުގައި ހަރަކާތްކުރެވި ކުރެވި ހުރި އަތްތައް ހުއްޓި، ކޮޅު ކޮޅަށް ބަލަމުންދިޔަ ލޯތައް އިސްވަޒީރުގެ އަނބިކަމަނާއަށް އަމާޒުވެއްޖެއެވެ. މެހެމާނުން ކެއުމަށް މޭވާ ގެނެސްދިނުމަށް ގަނޑުވަރުގެ ޚާދިމުންނަށް އަމުރުކުރައްވުމުން ޒުލައިޚާ ވިދާޅުވިއެވެ. "އަޅުގަނޑު އިޢުތިރާފްވަމެވެ. އެއީ ޗާލު ޒުވާނެކެވެ. އަދި އޭނާދެކެ އަޅުގަނޑު ލޯބިވާކަމަށް އިންކާރެއް ނުކުރަމެވެ. އަދި ކިއެއްތަ؟ އޭނާދެކެ ލޯބިން އަޅުގަނޑު އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ."

އިސްވަޒީރުގެ އަނބިކަމަނާގެ ވާހަކަފުޅުގެ ފަހުބައިގައި މިއައި އިޢުތިރާފުގެ ސަބަބުން ހައިރާނުން އަނގަތައްހުޅުވި އެކަނބަލުންގެ ހިތްތަކަށްވެރިވެފައިވާ ނުތަނަވަސްކަންވެސް ފިލައިގެން ހިނގައްޖެއެވެ. މެހެމާނުން ކައި ނިންމުމަށްފަހު އަނގަ ފޮނިކޮށްލުމުގެ ގޮތުން ގެނެސްދެވިފައިވާ އެކި ކުލަކުލައިގެ މޭވާތަކަށް ތޫނު ވަޅިތަކުން އިންޞާފުކުރަން ފަށައިފިއެވެ. މިދަނޑިވަޅުގައި ޒުލައިޚާ ޔޫސުފްގެފާނަށް މެހެމާނުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމަށް ވިދާޅުވިއެވެ. ޔޫސުފްގެފާނު ޖާފަތް ހިންގަމުންދިޔަ މާލަމަށް ވެދެވަޑައިގަތީ ނުހަނު ރިވެތިކޮށެވެ. އޭރު އެކަލޭގެފާނު ހުންނެވީ އިސްޖައްސަވައިގެނެވެ. ޒުލައިޚާ އެކަލޭގެފާނަށް ނަމުން މުޚާޠަބުކުރެއްވުމުން އެކަލޭގެފާނުގެ ނަޔާ މޫނުފުޅު އުފުއްލަވާލެއްވިއެވެ. މެހެމާނުން ދިޔައީ ހައިރާންވެ ތަރިލައިގެންނެވެ. އެކަލޭގެފާނުގެ މޫނުފުޅުވަނީ އުޖާލާވެގެންނެވެ. އެނިއަނެތި މޫނުފުޅުގައިވަނީ ފިރިހެންވަންތަކަމުގެ އެފަދަ މާދިރީއެއްނުވާފަދަ ރީތިކަމުގެ ވިދުވަރެވެ. އެޠާހިރު މޫނުފުޅަށް ބަލައިފި އިންސާނެއްގެ ރޫހަށް ދާންދެން ތަސައްލީ ލިބޭފަދަ މަޢުޞޫމްކަމެއް އެކީރިތި މޫނުފުޅުން ފާޅުވޭވޭ ހުއްޓެވެ.

އެއަންހެނުންގެ ލޯތައް އަމާޒުވެފައިވަނީ ޔޫސުފްގެފާނަށެވެ. އެމީހުން ހައިރާންވެ އާޝޯޚުވިއެވެ. އެމީހުންނަށް އެމީހުންގެ އަތްތަކުގައިވާ ވަޅިތަކުގެ ތޫނު މިޔަތަކާއި މެދު ސަމާލުވާންވެސް ހަނދާނެއްނެތެވެ. އަދި މޭވާތަކާއެކު އަތްތައްވެސް ކޮށެމުންދިޔައިރު ރޭކާވެސް ނުލިއެވެ. ޔޫސުފްގެފާނަށް ގެއްލިފައިތިބިވަރުން ތަދު އިޙްސާސުވުމުންވެސްވަނީ މަޙްރޫމްވެފައެވެ. އެއަންހެންތަކުންގެ ޟަމީރުތައް ޚުދު އެމީހުންގެ މާއްދީ ހަށިތަކަށް އެނގުމަކައިނުލާ އެންމެހާ ހިއްސުތަކައިގެން އެ ހައިރާން ކުރަނިވި ޢަޖައިބުގެ "ސިހުރުގެ" ތެރެއަށް ވާފިއްލުނީއެވެ. އެތަނުން އެއް އަންހެނަކަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "ﷲ ގެ ހުސްޠާހިރުވަންކަމާއެވެ!" "މިއީއަކީ އާދަމުގެ ދަރިއެއްވާ ނޫނެވެ!" އެހެން އަންހެނަކު ބޯ ރީތިކޮށްލަމުން ބުނާ އަޑު އިވެއެވެ. "މިއީ ހަމަކަށަވަރުން، މާތްވެގެންވާ މަލާއިކަތަކު ކަމުގައި ނޫނީ ނުވާނެއެވެ." އެއިގެ ތެރެއިން އަންހެނަކު އިތުރުކޮށްލިއެވެ.

މިހުރިހާ ކަމެއް ބައްލަވަން ހުންނަވާފައި ޒުލައިޚާ ވިދާޅުވިއެވެ. "ތިޔަކަނބަލުން އަޅުގަނޑަށް މަލާމަތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. އަޅުގަނޑު އޭނާގެ ކިބައިން ނުބައި ކަންތަކަށް އެދުނީމެވެ. އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. ތިޔަ ކަނބަލުންވެސް ތިޔަވަނީ އެޔޫސުފްގެ ޖާދޫގައި ޖެހިފައެވެ. ތިޔަކަނބަލުންގެ އަތްތަކަށް ވެފައިވާ ގޮތް ނިކަން ބައްލަވާށެވެ." ދެން އެއަށްފަހު އެއެންމެންގެ ކުރިމަތީގައި ޔޫސުފްގެފާނަށް އިންޒާރެއްގެ ގޮތުން ވިދާޅުވިއެވެ. "އަޅުގަނޑު އޭނާއަށް އަމުރުކުރާ ކަންތައް ނުކޮށްފިނަމަ، ޖަލުގައި އޭނާ ހައްޔަރުކުރެވޭނެއެވެ. އަދި އޭނާ ވާންޖެހޭނީ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ."

އެހިނދު ޔޫސުފްގެފާނު އެކަލޭގެފާނުގެ ދީލަތިވަންތަ ރަސްކަލާނގެއަށް ކުއްތަންވެ ވަޑައިގެން ދުޢާކުރެއްވިއެވެ. "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ ކުރުމަށް އެމީހުން އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، މިއަޅާއަށް ލޮބިވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެމީހުންގެ މަކަރުވެރިކަން މިއަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، މިއަޅާ އެމީހުންނަށް ލެނބިގެން ހިނގައިދާނެއެވެ. އަދި ޖާހިލުންގެ ތެރެއިން މިއަޅާ ވެދާނެއެވެ." އެކަލޭގެފާނުގެ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އެކަލާނގެ އަޅާގެ މިދުޢާ އިޖާބަކުރެއްވިއެވެ.

އެރޭ ޒުލައިޚާ އެކަމަނާގެ ފިރިކަލުންނަށް އެކަމަނާގެ އަބުރު ރައްކާތެރިކުރެވޭނެ ހަމައެކަނި ގޮތަކީ ޔޫސުފްގެފާނު ޖަލަށްލުންކަމުގައި ވިސްނައިދެއްވިއެވެ. އެހެންނޫންނަމަ އެކަމަނާއަކަށް އެކަމަނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެއްވޭނެ ކަމަށާއި އެމަނިކުފާނުގެ ޢިއްޒަތް ރައްކާތެރިނުކޮށްދެއްވޭނެ ކަމަށެވެ. އިސް ވަޒީރަށް ޔޫސުފްގެފާނަކީ މަޢުޞޫމް ބޭކަލެއްކަން އެނގިވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނަކީ އަބުރުވެރި ޒުވާން ބޭކަލެއްކަމާއި ވަފާތެރި ޚާދިމެއްކަން އެނގިވަޑައިގަންނަވައެވެ. އަދި މިސަބަބުތަކަށްޓަކައި އެމަނިކުފާނު އެކަލޭގެފާނަށް ލޯބިކުރައްވައެވެ. މަޢުޞޫމް މީހަކު ހުރަގެޖެއްސެވުމަކީ[1] އެމަނިކުފާނަށް ނިންމަވަންޖެހުނު ފަސޭހަ ނިންމެވުމެއް ނޫނެވެ. ނަމަވެސް މިކަމުގައި އެމަނިކުފާނަށް އިތުރު މާގިނަ ގޮތްތަކެއް ފެނިވަޑައެއް ނުގެންނެވިއެވެ. ޒުލައިޚާގެ ލޯމަތިން ޔޫސުފްގެފާނު ގެއްލިއްޖެނަމަ އެކަލޭގެފާނުގެ އަބުރުވެސް ރައްކާކުރެވޭނެކަމަށް އެމަނިކުފާނަށް ވިސްނިވަޑައިގަތެވެ. ކޮންމެއަކަސް، އެރޭ ބުރަ ހިތްޕުޅަކާއެކު އިސްވަޒީރު ޔޫސުފްގެފާނު ހުރެގެއަށް ފޮނުއްވާލެއްވިއެވެ.

ހުރަގެ ވެގެންދިޔައީ ޔޫސުފްގެފާނުގެ ތިންވަނަ އިމްތިޙާނަށެވެ. އެކަލޭގެފާނު ހުރަގޭގައި ހުންނެވި މުއްދަތުގެ ތެރޭގައި މާތް ﷲ ޔަޢުޤޫބްގެފާނުގެ ނިމްތުން ބައެއް ހިންމަވައިދެއްވާ އެކަލާނގެ އަޅާއަށް ޢިނާޔަތްތެރިވެ ވޮޑިގެންނެވިއެވެ. ޔޫސުފްގެފާނަށް ހުވަފެން ތަޢުބީރުކުރައްވަން ދަސްކޮށްދެއްވިއެވެ. އެކަލޭގެފާނާ އެކުއެކީހެން އިތުރު ދެމީހަކު ހުރަގެޖެހުނެވެ. އެކަކީ ރަސްގެފާނަށް ރާފޮދު އަރުވާ މީހާއެވެ. އަނެކަކީ ރަސްގެފާނުގެ ކައްކާއެވެ. ދެމީހުންނަށްވެސް ޔޫސުފްގެފާނުގެ މޫރިތި މޫނުފުޅުން ތަޤްވާވެރިކަމުގެ ނޫރު ވިދާތަން ފެނުނެވެ. އެމީހުންނަށް އެކަލޭގެފާނަކީ އާދައިގެ ކުށްވެރިއެއްނޫންކަން އިޙްސާސްކުރެވުނެވެ. އެހެންވީމައިވެސްކަންނޭނގެއެވެ. ދެމީހުންގެ ސިކުނޑިއަށް އުނދަގުކުރަމުންދާ ކަމެއްގައި އެކަލޭގެފާނުގެ ލަފާފުޅަކަށް އެދުނެވެ. އޭގެ ދެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅުންހުރި އާދަޔާ ޚިލާފު ހުވަފެނެއް ދެމީހުންނަށްވެސް ފެނިއްޖެއެވެ. ކައްކާއަށް ފެނުނީ އޭނާގެ ބޯމަތީގައި، ދޮލަނގެއްގައި ރޮށިތަކެއް އުފުލާތަނެވެ. ދެން ދޫނިތައް އައިސް އެއިން ކޮށައި ކައިހަދައެވެ. ރާ އަރުވާ މީހާއަށް ފެނުނީ ރަސްގެފާނަށް ރާ އަރުވާ ތަނެވެ. ނަމަވެސް މިހެންވާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ދެމީހުން ހުރަގެޖެހުނީ ރަސްގެފާނަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައެވެ. ކައްކާއަށް ބޯމައްޗަށް ރޮށިތަކެއް ލައިގެން ހިނގިދާނެހެއްޔެވެ؟ ރާއަރުވާ މީހާއަށް ރަސްގެފާނަށް ރާއަރުވަން، ކިއެއްތަ؟ އަރިސްވެސް ވެވިދާނެ ހެއްޔެވެ؟ އެއިން އެކަކަށްވެސް މިއަނދިރި ހުރަގެއިން ސަލާމަތްވެވިދާނޭކަމުގެ އުންމީދެއް ނެތެވެ.  އޭގެ ދެމީހުންވެސް ޔޫސުފްގެފާނުގެ އަރިހަށް މިދެހުވަފެނުގެ ތަޢުބީރު އަދައިގެން ދިޔައެވެ.

ޔޫސުފްގެފާނު ފުރުޞަތުގެ ބޭނުން ހިއްޕަވާ އެއިގެ ދެމީހުންނަށް ދީނަށް ގޮވާލެއްވިއެވެ. އަދި އެމީހުންގެ ޝައުޤުވަރިކަން އަތުލެއްވުމަށް ވިދާޅުވިއެވެ. "އަހަރެންތިޔަ ދެމީހުންނަށް އެތަޢުބީރު ކިޔައިދިނުމުގެ ކުރިޔަކުން ތިޔައިގެ ދެމީހުންގެ ކޮއްތެއް ނާންނާނެއެވެ." އަދި އެއަށްފަހު މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވަމުން ވިދާޅުވިއެވެ. "ﷲ އަށް އީމާންނުވާ ބަޔެއްގެ ދީން، އަހަރެން ދޫކޮށްލައިފީމެވެ. އަދި އެމީހުންނީ އާޚިރަތަށް ކާފިރުވެގެންވާ ބަޔެކެވެ." އަދި އެއަށްފަހު އެކަލޭގެފާނުގެ ތަޢާރަފެއް ދެއްވިއެވެ. "އަދި އަހަރެންގެ ކާބަފައިކަލުން އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބްގެ ދީނަށް އަހަރެން ތަބާވީމެވެ. ﷲ އަށް އެއްވެސް ޝަރީކަކުރުމަކީ އަހަރެމެންނަށް އޮތްކަމެއް ނޫނެވެ. އެއީ އަހަރެމެންނަށާއި މީސްތަކުންނަށް ﷲ ދެއްވި ފަޟްލަވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަ މީހުން އެކަލާނގެއަށް ޝުކުރެއްނުކުރެއެވެ." މިހުރިހާ ވާހަކައެއް ދެއްކެވުމަށްފަހު ސީދާ ސީދާ އޭގެ ދެމީހުންނާ ސުވާލުކުރެއްވިއެވެ. "އޭޖަލުގެ ދެއެކުވެރިންނޭވެ! ރަނގަޅީ، ވަކިވަކިވެގެންވާ ކަލާނގެ ތަކެއްތަ؟ ނުވަތަ އެއްކައުވަންތަ، އެންމެ ބާރުވެރިވަންތަ ﷲ ހެއްޔެވެ؟" އަދި އޭގެ ދެމީހުންނާއި އޭގެ ދެމީހުންގެ ޤައުމުގެ މީހުންގެ ޙާލަތާ ބެހޭގޮތުން ޚަބަރުދެއްވިއެވެ. "ތިމީހުންނާއި ތިމީހުންގެ ކާބަފައިން އެ އެއްޗިސަށް ނަންދީފައިވާ އެއްޗެހިތަކަކަށް މެނުވީ، ﷲ ފިޔަވައި ތިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗިއްސަށް އަޅުކަންކުރުމަށް އެއްވެސް ޙުއްޖަތެއް މާތް ﷲ ބާވައެއްނުލައްވައެވެ. ﷲ އަށް މެނުވީ ޙުކުމްކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ނޫނީ ތިޔަބައިމީހުން އަޅުކަންނުކުރުމަށް އެކަލާނގެވަނީ އަމުރުކުރައްވާފައެވެ. އެއީ ޙައްޤު ތެދު ދީނެވެ. އެހެނެއްކަމަކު، މީސްތަކުންގެ ތެރެއިން ގިނަމީހުން އެކަމެއް ނުދަނެއެވެ."

އޭގެ ދެމީހުންނަށް މާތް ﷲ ގެ މަގަށް ދަޢުވަތު ދެއްވުމަށްފަހު އެމީހުންގެ ހުވަފެނުގެ ތަޢުބީރު ވިދާޅުވެދެއްވިއެވެ. "އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ތިޔަ ދެމީހުންކުރެ، ރާ އަރުވާ މީހާ ދަންނާށެވެ! ތިބާގެ ސާހިބުމީހާ، ރަސްގެފާނަށް، ތިބާ ރާ އަރުވާނެއެވެ. އަދި ކައްކާ ދަންނާށެވެ! ތިބާ ޞަލީބަށް އެރުވޭނެއެވެ. ދެން ތިބާގެ ބޮލުން ދޫނިތައް ކޮށައި ކާނެއެވެ. ތިޔައިގެ ދެމީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ އެގޮތަށް ނިޔާ ކުރައްވާފައެވެ."

މާގިނަ ވަގުތުތަކެއް ނުހިނގައެވެ. ޔޫސުފްގެފާނު ވިދާޅުވި ގޮތަށް ކަންވެ ނިމިއްޖެއެވެ. ކައްކާ ޞަލީބަށް އެރުވި މަރާލެވިއްޖެއެވެ. އަދި ރާ އަރުވާ މީހާ މިނިވަންވެ ހުރަގެއިން ނުކުތުމުގެ ވަގުތު ކުޑަތަންވަނީއެވެ. ޔޫސުފްގެފާނު އެހިނދު އޭނާއަށް ވިދާޅުވިއެވެ. "އަހަރެންގެ މަތިން ހަނދާން ނައްތާ ނުލައްޗެވެ. ތިބާގެ ސާހިބާ، ރަސްގެފާނުގެ އަރިހުގައި ޖަލުގައި ޔޫސުފް ނަމަކަށްކިޔޭ މަޢުޞޫމް ނަފުސެއްވާ ވާހަކަ ދަންނަވާލަ ދޭށެވެ. އަހަރެންގެ ވާހަކަ ތިބާގެ ސާހިބުމީހާ، ރަސްގެފާނުގެ އަރިހުގައި ކިޔައިދޭށެވެ."

ޝައިޠާނާ މަސައްކަތްކުރަނީ މާތް ﷲ އާ މެދު މީހުން ނާއުންމީދު ކުރުވާށެވެ. އެކަލާނގެ ވަޢުދުފުޅުތައް ނުފުއްދަވާ ކަމަށް ދައްކާ އޭނާގެ އަމިއްލަ ބިލާހުތަކެއް ދައްކާށެވެ. މިގޮތުން މިކަމުގެ ތެރެއަށްވެސް އޭނާ އޭނާގެ ނުބައި ޒަހަރު ފާއްދާލިއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ މަތިން ހަނދުމަނެތިކޮށް އެކަލާނގެ ފިޔަވައި އެހެންމީހުންގެ ކިބައިން މަދަދަށް އެދިވަޑައިގަތުމަށް ވަސްވާސްދިނެވެ. އަދި އެންމެ ފަހުން ރާ އަރުވާ މީހާގެ ގާތުގައި އެފަދައިން ވިދާޅުވެ އެހީއަށް އެދިވަޑައިގަތް ހިނދު ޝައިޠާނާ ރާއަރުވާ މީހާ މިނިވަންވެ ރަސްގެފާނުގެ ޚިދުމަތަށް އަނބުރާ ރުޖޫޢަވުމުން ޔޫސުފްގެފާނުގެ މަތިން ހަނދުމަނެތިކޮށްލިއެވެ. ޝައިޠާނާގެ ނިސްބަތުގައި މިކަންވެސް މި ހިނގާދިޔައީ ވަކި އާމަގަކުންނޫނެވެ. އޭނާގެ ރޭވުން ހުންނާނީ މިބީދައިންނެވެ. އެއީ ހަމަ ނުބައި ހިޔަޅެކެވެ. މިކަމުގެ ސަބަބުން ޔޫސުފްގެފާނަށް ޖަލުގައި އިތުރަށް އަހަރުތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ.

މާތް ﷲ އަކީ ޢަޖައިބެއްފަދަ ފަރާތެކެވެ. އަޅުން އިސްކޮށްދެއްވުމަށް އެދޭ ކަންކަން ފަސްކުރައްވައި އަދި ބައެއްފަހަރު އެކަންކަން ނުކޮށްދެއްވާ ދޫކޮށްލައްވައެވެ. އަދި ފަސްކުރެއްވުމަށް އެދޭ ކަންކަން އިސްކުރައްވައި އަވަހަށް ހިންމަވާދެއްވައެވެ. ބޭރުފުށަށް ބަލާބެލުމަށް މިއީ އަނިޔާވެރި ގޮތެކެވެ. ނަމަވެސް މާތް ﷲ އަކީ އަނިޔާވެރި ފަރާތެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟އެއިންކޮންމެ ކަމެއްގައިވެސް ލެވިގެން ވަނީ އިންސާނީ ކުޅެދުންތެރިކަމަށް ފެންމަތިކުރެއްވިގެންނުވާ މަތިވެރި އިލާހީ ޙިކުމަތުގެ ދާފަރާއެކެވެ. ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް ހުރިހާ ކަމެއް ދެނެވޮޑިގެންވާ ޢަލީމްވަންތަ ކަލާނގެ ވޮޑިގެންވެއެވެ. އެކަލާނގެ ފަސްކުރައްވަން އިރާދަކުރައްވާފައިވާ ކަމެއް އިސްކުރައްވައިފިނަމަ ވާނޭ ގޮތް މޮޅަށް ދެނެވޮޑިގެންވެއެވެ. ހަމައެފަދައިން އިސްކުރައްވަން އިރާދަކުރައްވާފައިވާ ކަމެއް ފަސްކުރައްވައިފިނަމަ ވާނޭ ގޮތް މޮޅަށް ދެނެވޮޑިގަންނަވައެވެ. ކަންމިހެން އޮތްއިރު ދިމާވާ ކުދިކުދި ކަންކަމާހެދި މި ބާރުވެތި އަދި އެހާމެ އޯގާވަންތަ ރަސްކަލާނގެއާމެދު ނާއުންމީދު ވާންވެއްޖެނަމަ ސަލާމާތެއް ކޮބައި ހެއްޔެވެ؟

ޔޫސުފްގެފާނާމެދުވެސް ވީ އެފަދަ ގޮތެކެވެ. އެކަލޭގެފާނު އެދިވަޑައިގަތީ ވީހާވެސް އަވަހަށް އެއަނދިރި ހުރަގެއިން، އެކުރިމަތިވެފައިވާ އަނިޔާއިން މިންޖުކުރެއްވުމެވެ. ނަމަވެސް މާތް ﷲ އެކަން ފަސްކުރައްވައި އެކަލޭގެފާނު އިތުރަށް އިމްތިޙާނުކުރެއްވިއެވެ. އެކަލޭގެފާނު އެއިމްތިޙާނަށް ކުރިމަތިލެއްވީ ކެތްތެރިކަމާއެކުއެވެ. އެ ހިތްދަތި އަހަރުތައް ހޭދަކުރެއްވީ މާތް ﷲ ހަނދުމަކޮށް އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައެވެ. މާތް ﷲ އަކީ ޢަޖައިބެއްފަދަ ފަރާތެކެވެ. ކަމެއް ވުމަށް އެންމެ އެކަށޭނަ ތަނަކާއި ވަގުތަކާއި ޙާލަތު އައިސް ޖެހުމުން އެކަމެއް ވުމަށް އިރާދަކުރައްވައެވެ. އެކަލާނގެ "ވާށޭ"ގެ ނިޔާފުޅު އިއްވެވުމާއެކު ލަހެއް ފަހެއް ނުވެ ސަބަބުތައް މެދުވެރިވެ، ތަރުތީބުވެ އެކަމެއް ހިނގަންފަށައެވެ.

ރަސްކަމުގެ ގަނޑުވަރުގައި ވަނީ ރޭގަނޑުގެ އަނދިރިކަމުގެ ފޭރާން ލެވިފައެވެ. ފައިހިލަވަޅުއޮބައި މުޅި ގަނޑުވަރުވެސް ވަނީ ހިމޭންވެފައެވެ. މިހިމޭންކަން ފޫ އަޅުވާލީ ރަސްގެފާނުގެ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުން އިވުނު ހަޅޭކުގެ އަޑެވެ. ޚާދިމަކު އަވަހަށް ކޮޓަރިކޮޅު ހުޅުވާލާ އެތެރެއަށް ވަދެ ބަލައިލިއެވެ. ކަމަކުދާކަށްނެތެވެ. ރަސްގެފާނުވަނީ ދާހިއްލައި ގުނބު ހިލިފައެވެ.[2] ޝާހީ މޫނުފުޅުމައްޗަށް ވަނީ ނުތަނަވަސްކަންވެރިވެ ރޫގިނަވެފައެވެ. ވަގުތުން ޚާދިމަށް ޝާހީ ފަންޑިތަވެރިންނާއި ކާހިނުންނާއި ވަޒީރުން އެއްކުރުމަށް އެންގެވިއެވެ.

ރަސްގެފާނު ރަސްކަމުގެ ކޮއިލުގެ ތެރެއަށް ވެދެވަޑައިގެންނެވިއިރު ދަރުބާރުވަނީ ވިދާޅުވި ފަދައިން ޤާއިމްކުރެވިފައެވެ. އެމަނިކުފާނު ތަޚުތުގައި އިށީނދެވަޑައިގެން ވާހަކަ ފެއްޓެވިއެވެ. "ރޭގައި ތިމަންރަސްގެފާނަށް ނުތަނަވަސްކުރުވާފަދަ ހުވަފެންފުޅެއް ފެނިއްޖެއެވެ. ތިމަން ރަސްގެފާނަށް ފެނިވަޑައިގަތީ ތިމަންރަސްގެފާނު ނީލަ ކޯރުގެ އައްސޭރިގައި ހުންނަވަނިކޮށެވެ. އޭރު ނީލަ ކޯރުގެ ފެންގަނޑު ހިނދެނީއެވެ. އަދި ހިނދެމުންގޮސް ކޯރު ޗަކަސްވެ ކޯރުގެ މަސްތައް ޗަކަގަނޑުގެ ތެރޭގައި ފުމެ ތެޅެން ފަށައިފިއެވެ. ދެން އެކޯރުން ފަލަ ހަތް ގެރިއާއިއެއެއްޗެހީގެ ފަހަތުން ހަތް އަނަރޫފަ ގެރި ނުކުތެވެ. އެހަތް އަނަރޫފަ ގެރި އެހަތްފަލަ ގެރި ކާލިއެވެ. ތިމަންރަސްގެފާނަށް އެތަން ފެނިވަޑައިގަތުމުން ބިރުފުޅުގަތީމެވެ. ދެން ފެނުނީ ހަތް ރޯ ކުރާގަނޑު ކޯރުގެ އައްސޭރިގައި ހެދި ކޯރުގެ ޗަކަގަނޑުގެ ތެރެއަށް އެއެއްޗެހި ގެއްލުނުތަނެވެ. ދެން ހަމައެތަނުން ހަތް ހިކި ކުރާގަނޑު ނުކުތެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުންނީ ހުވަފެން ތަޢުބީރުކުރާ ބަޔަކު ކަމުގައިވާނަމަ، ތިމަންރަސްގެފާނުގެ މިހުވަފެންފުޅާމެދުގައި، ތިމަންރަސްގެފާނަށް އޮޅުންފިލުވައިދޭށެވެ."

"ތިޔައީ ހުވަފެނުގެ ހާސަރެކެވެ. ތިޔަހެން ވެދާނެތޯއެވެ؟ތިޔައީ ބިރުވެރި ހުވަފެންފުޅެކެވެ." ފަންޑިތަވެރިން ނިންމިއެވެ.

"ފަހަރެއްގައި މަނިކުފާނު ރޭގަނޑު މާގިނައިން ފަރިއްކުޅުއްވީކަމަށް ވެދާނެއެވެ." ކާހިނުން ދެންނެވިއެވެ.

"ފަހަރެއްގައި މަނިކުފާނު އަވަހާރަފުޅުލެއްޕެވީ ރަޖާނާޅުއްވާ ކަމުގައިވާތީ ރޭގަނޑުގެ ފިނި މާބޮޑުވީކަމަށް ވެދާނެނޫންތޯއެވެ؟" އިސް ވަޒީރު ސުވާލުކުރެއްވިއެވެ.

ޝާހީ މުނިފޫހިފިލުވައިދޭ މީހާ މަޖަލަކަށް ބުންޏެވެ. "ރަސްގެފާނު މުސްކުޅިފުޅުވަމުންދާތީ ފެންނަ ހުވަފެންފުޅުތައްވެސް އޮޅުންބޮޅުންވަނީއެވެ."

އެހުރިހާ އެންމެނަށްވެސް އިއްތިފާޤުވެވުނީ އެއީ ތާކުންތާކު ނުޖެހޭ ބިރުވެހި ހުވަފެންފުޅެއް ކަމަށެވެ.

މިޚަބަރު ރަސްގެފާނުގެ ރާއަރުވާ މީހާއަށް އިވިއްޖެއެވެ. މިވާހަކަ އިވުމުން އޭނާގެ ހަނދާނަށް އައީ އޭނާ ހުރަގޭގައި ހޭދަކުރި ދުވަސްތަކުގައި ފެނުނު ހުވަފެނެވެ. އަދި އެހުވަފެނާއި ރަސްގެފާނަށް މިފެނިވަޑައިގަތް ހުވަފެންފުޅާ ހުރި އެއްގޮތްކަން ފާހަގަކުރެވުނެވެ. އޭނާގެ ހުވަފެން ތަޢުބީރު ކޮށްދެވުނުފަދައިން އެއިބްރީ ޔޫސުފަށް މިހުވަފެންފުޅު ތަޢުބީރުކުރެވިދާނެބާއެވެ؟ އެއީ އާދައިގެ އިންސާނެއް ނޫނެވެ. މިދުނިޔޭގައި މިޢަޖާއިބެއްފަދަ ހުވަފެންފުޅު ތަޢުބީރުކުރެވޭނެ މީހަކު ހުރި ނަމަ އެމީހަކަށްވާނީ އެޔޫސުފެވެ.

ރާއަރުވާ މީހާ އަވަސްއަވަހަށް ރަސްގެފާނުގެ އަރިހަށްގޮސް ކުރުނީސްކޮށްފައި ޔޫސުފްގެފާނުންގެ ވާހަކަ ކިޔައިދިނެވެ. އަދި ނިންމާލަމުން ދެންނެވިއެވެ. "އޭނާވަނީ މާތް މަނިކުފާނުގެ އަރިހުގައި އޭނާގެ ވާހަކަ ދަންނަވާލަދިނުމަށް އަޅުގަނޑުގެ ކިބައިން އެދިފައެވެ. ނަމަވެސް އަޅުގަނޑު ހަނދާން ނެތުނީއެވެ." ރަސްގެފާނު ޔޫސުފްގެފާނުގެ އަރިހަށް މިހުވަފެންފުޅާ ބެހޭގޮތުން ސުވާލުކުރުމަށް ރާއަރުވާ މީހާ ފޮނުއްވިއެވެ.

 

(ނުނިމޭ)[1] ހުރަގެޖެހުން: ހުރަގެއަށް ލުން، ޖަލަށްލުން.

[2] ގުނބުހިލުން: ވަރުބަލިވެ މާނޭވާ ލެވުން.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.