ބުދަ20200603

އާކުރެވުނީ: 08:43:52

ޙަނަފީ މަޒުހަބު: ފެށުން

hanafy-1އިސްލާމީ ތަޝްރީޢު[1] އުފެދި، ތަރައްޤީ ވެގެން އައި އަމުމަށް ނަޒަރު ހިންގާލައިފިނަމަ،އެތަކެއް ހަރުފަތްތަކެއް ކަނޑައްތުކޮށްފައިވާކަން އެނގި ހާމަވެގެންދާނެއެވެ. މި ދެންނެވި އެކި މަރުޙަލާތަކުގައި، ފިޤުހު ޢިލްމުގައި ފުންނާބު އުސް އެތަކެއް ބޭކަލުންނެއް ވަނީ އުފެދިފައެވެ. އިމާމުންނާއި ބޮޑެތި ފިޤުހު ޢިލްވެރިންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

އިސްލާމީ ފިޤުހު ފުޅާވެފުރިހަމަވުމުގައި މި ޢިލްމުވެރިން ވަނީ ވަރަށް ފާޅުކަންބޮޑު ދައުރެއް އަދާކޮށްފައެވެ.

އިސްލާމީ ފިޤުހު އުފެދި އެކަށައެޅިގެންދިޔަ ތަފާތު މަރުޙަލާތަކުގެ ތެރޭގައި، އުޅުއްވި ފިޤުހު ޢިލްމުވެރިންގެ ތެރެއިން މި ޢިލްމުގައި ވަރަށް ވަރުގަދަ 13 ޢިލްމުވެރިއެއް ތަޝްރީޢީތާރީޚުގެ[2] ބޭފުޅުން ފާހަގަ ކުރައްވައެވެ. މި ބޭބޭކަލުން ދީނުގެ މަޞްދަރުތަކުން ޙުކުމްތައް ނެރުމުގެ މަގުތައް އެކަށައެޅުއްވިއެވެ.  އަދި އެބޭބޭކަލުންގެ ޢިލްމީ މަސައްކަތްޕުޅުތަކުގައާއި އެބޭކަލުންގެ ދަރިދަރިވަރުންގެ އަތްޕުޅުތަކުން އެހަމަތަކާއި ގޮތްތަށް ލިޔެވި ރައްކާކުރެވެމުން ދިޔައެވެ.އަދި އާންމުން އެ ރައުޔުތަކަށް ތަބާވަމުން ދިޔައެވެ. އެހެންކަމުން އިސްލާމީ މުޖުތަޢު، މި ބޭކަލުންނީ އިމާމުންތަކެއް ކަމުގައި ބަލައިގަތެވެ. އަދި އެއީ މީސްތަކުންނަށް ނަމޫނާތަކެއްކަމުގައި ވިއެވެ. މި ގޮތުން ފާހަގަކުރެވިގެން ދިޔަ އިމާމްވެރި ބޭކަލުން އުޅުއްވާފައިވަނީ ދުނިޔޭގެ އެކިހިސާބުތަކުގައެވެ. ސުފްޔާން ބިން ޢުޔައިނާ އުޅުއްވީ މައްކާގައެވެ. އަނަސް ބިން މާލިކް މަދީނާގައެވެ. ޙަސަނުލްބަޞަރީ ޢިރާޤުގެ ބަޞަރާގައެވެ. އަބޫޙަނީފާ އާއި ސުފްޔާނުއްޘައުރީ ޢިރާޤު ގެ ކޫފާގައެވެ. އިމާމް އައުޒާޢީ ޝާމްގައެވެ. އަދި އިމާމް ޝާފިޢީ[3] އާއި ލައިޘް ބިން ސަޢުދު މިޞްރުގައެވެ. އަދި ނައިސާބޫރުގައި އިސްޙާޤުބުނު ރާހަވައިހް، ބަޣްދާދުގައި އަބޫ ޘައުރު، އަޙްމަދު ބުނު ޙަންބަލް، ދާވޫދު އައްޡާހިރީ އަދި އިބްނު ޖަރީރު އައްޠަބަރީ ފަދަ ބޭފުޅުން އުފެދިގެން ދިޔައެވެ.

ކުރިން ވެސް ދެންނެވުނު ފަދައިން، މި ބޭފުޅުންގެ ޢިލްމީ ޚިދުމަތްތަކުގެ ތަނަވަސްކަމުން،ފިޤުހީ އެތަކެއް މަޒުހަބު[4]ތަކެއް އުފެދި، އެ މަޒުހަބުތައް، އެ މަޒުހަބުތަކުގެ މުއައްސިސުންނަށް ނިސްބަތްކުރެވިގެން ދިޔައެވެ. އަދި މަޒުހަބުތަކުގައި އެބޭކަލުން އިޖުތިހާދުކުރެއްވި ދާއިރާތަކާއި، ޝަރީޢަތުގެ މަޞްދަރުތަކުން ޙުކުމްތައް ނަންގަވައި އިސްތިންބާޠުކުރެއްވި[5] ގޮތްތަކާއި، ޙުކުމްތައް ނުވަތަ މައްސަލަތައް ބައިބަޔަށް ބައްސަވާލެއްވިގޮތުގެ އާންމު ޤަވާޢިދުތައް ހިމެނިގެން ދިޔައެވެ.

ޙަޤީޤަތުގައި، މި ދެންނެވި މަޒުހަބުތައް ގިނަވެގެން ދިޔުމަކީ އިސްލާމީ ތަޝްރީޢާއި އޭގެ ފިކުރު ގެއްލި ބެހިގެން ނުވަތަ ބައިބައި ވެގެން ދިޔުން ކަމުގައި ނުވަތަ އިސްލާމްދީނާއި ގުޅުމެއްނުވާ އާ ކަންތައްތަކެއް އުފެދިގެންދިޔުން ކަމުގައި ނުދެންނެވޭނެއެވެ. އަދި ކީއްތޯއެވެ. އެއިން ކޮންމެ ބޭކަލެއްގެ ބަސްފުޅަކީ ވެސް ހަމަ ދީނުގެ ބަހެވެ. ސަބަބަކީ އެއިން ކޮންމެ ރައުޔެއްވެސް ބިނާވެފައި އޮތީ އެޔަށް ބާރުދޭ ޝަރުޢީ ދަލީލެއް ނުވަތަ ދަލީލުތަކެއްގެ މައްޗަށެވެ. އަދި ހަމައެފައިން އެއީ އިސްލާމީ ޝަރީޢާ ފަހުމްވުމާއި އޭގެ މަޤްޞަދުތައް ދެނެގަތުމުގެ އަސްލު މަންހަޖުތަކެއް ކަމުގައި ވެގެން ދިޔައެވެ. އެހެންކަމުން އެ ތަފާތަކީ ނައްޞުތައް ތަފްސީރުކުރުމުގެ ޙަޤީޤީ ހަމަތަކާއި އޭގެ ރޫޙު ފާޅުވެގެން ދާންއޮތް އަސްލު މަގު ކަމުގައި ވެސް ދެންނެވިދާނެއެވެ.

މީގެ ތެރެއިން ބައެއް މަޒުހަބުތަކަށް ޢާންމުން ތަބާވުން ބޮޑުކުރައްވައި ބިމުގައި ފަތުރައްވަވައި، އެ މަޒުހަބުތައް ދެމިއޮތުމަށް އެކަލާނގެ ވަނީ އިރާދަކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް މަޒުހަބުތަކުގައި އެ މަޒުހަބުތައް ދެމިއޮތުމަށާއި، ފެތުރިގެން ދިއުމަށް ބޭނުންވާ ސިފަތައް ނެތަތީވެ އަދި އެޔަށް ތަބާވާނެ މާގިނަ ބަޔަކު ނެތުމުގެ ސަބަބުން އެހާ ފާޅުވެގެން ނުދިޔައެވެ. އެހެނީ އެ މަޒުހަބުތަކަށް ނިސްބަތްކުރެވޭނެ ފަދައިން އިސްލާމީ ޝަރީޢަތުގެ ވަށާޖެހިފައިވާ އޮނިގަނޑު މުޅިން ފުރިހަމަޔަށް ނަގުލުވެފައެއް ނެތެވެ. އަދި މި މަޒުހަބުތަކުގެ ރައުޔުތައް ވެސް ބައެއްކަހަލަ ޚިލާފީ ހިމުން މައްސަލަތަކުގެ ތެރެއިން ނޫނީ ފާޅުވެ، ފެންނާކަށް ނެތެވެ.

އިސްލާމީ ތަޝްރީޢު ފާޅުވެގެން ދިޔުމުގައި މިހާ ފާޅުކަންބޮޑު އަދި އެހާމެ ބޭނުންތެރި އެއްޗެއްކަމުގައި މިދެންނެވި މަޒުހަބުތަކުގެ ދައުރު ވަނީ ވެގެންގޮސްފައެވެ. އެހެންކަމުންއެ މަޒުހަބުތަކުގެ ތެރެއިން މިއަދާއި ހަމަޔަށް އުވިގެން ނުގޮސް ހުރި މަޒުހަބުތަކާއި މެދު އަލިއަޅުވާލުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. އެހެނީ އެ މަޒުހަބުތަކަކީ އޭގެ މަންހަޖުތަކުގެ އަލީގައި އެތަކެއް ބަޔަކު ދުނިޔެވީ ކުރިއެރުމާ އުޚްރަވީ ބާއްޖަވެރިކަމާ ދިމާއަށް ހިނގަމުންގެންދާ އަލިގަދަ ފާނޫޒުތަކެއް ކަމުގައި ވާތީއެވެ.

ޙަނަފީ މަޒުހަބު

ޙަނަފީ މަޒުހަބަކީ، ސުންނީ[6] މަޝްހޫރު ހަތަރު މަޒުހަބުތަކުގެ ތެރެއިން އެންމެ ދުވަސްވީ މަޒުހަބެވެ. މި މަޒުހަބު ނިސްބަތްވަނީ އަލްއިމާމް އަބޫ ޙަނީފާ އައްނުޢްމާނީ ބިން ޘާބިތު ބިން ޒޫޠީ އަށެވެ. އެކަލޭގެފާނުގެ އަޞްލު ގޮސް ނިމެނީ ނުވަތަ ނިސްބަތް ވަނީ ފާރިސްކަރައަށެވެ. އަބޫ ޙަނީފާ އަދި އެކަލޭގެފާނުގެ ބައްޕާފުޅު ވެސް އަޅުވެތިވެ މިނިވަން ކުރެވުނުވެއެވެ. ބުނެވޭ ގޮތުން އެކަލޭގެފާނަކީ ޢަރަތްބެކެވެ. އެހެނަސް އެކަލޭގެފާނުގެ ކާފަދަރިކަލުންގެ ވިދާޅުވުމާއި އެކަން ޚިލާފުވާތީ އެއީ ބަލިކަށި ރައުޔެއް ކަމުގައި ވަނީ ބެލެވިފައެވެ. އިމާމް އަބޫޙަނީފާ އުފެންވަޑައިގެންފައިވަނީ ކޫފާގައެވެ. އެއީ ހިޖުރައިން 80 ވަނައަހަރުއެވެ. އަދި އަވަހާރަވެފައި ވަނީ ހިޖުރައިން 150 ވަނަ އަހަރުގައެވެ.

އަބޫ ޙަނީފާ ބެލެވިފައިވަނީ ތާބިޢީބޭކަލެއް ކަމުގައެވެ. އެހެނީ އެކަލޭގެފާނު ވަނީ ބައެއް ޞަޙާބީންކަމުގައިވާ އަނަސް ބުނު މާލިކާއި، ޢަބްދުﷲ ބުނު އަބީ އައުފާ އާއި، ސަހްލުބުނު ސަޢުދު އައްސާޢީދީ އަދި އަބޫ ޠުފައިލް ޢާމިރު ބުނު ވާއިލާއި ބައްދަލުވެ މި ބޭބޭކަލުންގެ އަރިހުން ރިވާކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅުކަމުގައިވާ ޘާބިތުއަށްވަނީ ޢަލީ ބިން އަބީ ޠާލިބާއި ބައްދަލުވެވިފައެވެ. ޢަލީގެފާނުވަނީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ.

އިމާމް އަބޫ ޙަނީފާ ބޮޑުފުޅުވެފައިވަނީ ކޫފާގެ ވިޔަފާރި ޢާއިލާއެއްގެ ތެރޭގައެވެ. އެއީ ފޮތީގެ ފެންވަރު ރަނގަޅު ބާވަތެއް ކަމުގައިވާ ޚައްޒުގެ ވިޔަފާރި ކުރެއްވި ޢާއިލާއެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އިމާމް ޢަލީގެފާނާއި ބައްދަލުވީއްސުރެ އެ ޢާއިލާގެ ތެރޭގައި ފެތުރިގެންދިޔަ އިސްލާމް ދީން ފަހުމްވުމުގެ ބަރަކާތް، އިމާމް އަބޫ ޙަނީފާއަށް ވަނީ ލިބިވަޑައިގެންފައެވެ.

އަބޫ ޙަނީފާގެ ޙަޔާތްޕުޅުގެ ކުރީކޮޅު ހޭދަކުރެއްވީ އޭރުގެ އެހެނިހެން ދީންވެރި ޞާލިޙުންނެކޭ ވެސް އެއްފަދައިން ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމުގައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމަށްފަހު ސުންނަތުގެ ފޮތްތައް ދިރާސާކުރައްވަން ފެއްޓެވިއެވެ. އަދި ޢަރަބި ބަހާއި އަދަބިއްޔާތުން ވެސް މިންވަރެއް އުނގެނިވަޑައިގަތެވެ. އޭގެ ތެރޭގައި އަދަބިއްޔާތުގެ އެއް ބައި ކަމުގައިވާ ޅެންހެއްދެވުން ވެސް ހިމެނެއެވެ. ޢަޤީދާ އާއި ގުޅުންހުރި މައްސަލަތަކުގައި ތަފާތު އެކި ބާވަތްތަކުގެ، ޢަޤީދާގެ ގޮތުން ތަފާތު، ފިރުޤާ ތަކުގެ އަހުލުވެރިންނާއި ޖަދަލުކުރައްވައި ހެއްދެވިއެވެ. އެގޮތުގެމަތިން މިފަދަ ބަޙުސްތަކަށް ބައެއް ފަހަރު ބަޞަރާއަށް ދަތުރު ކުރައްވާ، އެބަހުސްތަކުގައި މަޝްޣޫލުވެ، އެތާނގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވައެވެ. ދެން އެޔަށްފަހު ފިޤުހު ޢިލްމުގެ ތެރެއަށް ވަދެވަޑައިގަތެވެ.

ޙަޔާތުގެ ކުރީކޮޅުގައި އެކަލޭގެފާނު އުޅުއްވީ ޢާއިލާއިން ކުރައްވަމުން ގެންގެންދިޔަ، ޢާއިލާއަށް އާމްދަނީ ލިބޭ ވަސީލަތް ކަމުގައިވާ ވިޔަފާރިކުރެއްވުމުގައެވެ. އެކަލޭގެފާނުގެ ހުސްވަގުތުތައް، މާ ބޮޑަކަށް އެހެނިހެން ޢިލްމުވެރިންނާއި ތަފާތެއް ނުވެއެވެ.

ވިޔަފާރީގެ ތެރޭގައި އެކަލޭގެފާނު އުޅުއްވުމުގެ ސަބަބުން އޭގެ އަސަރު ދެ ގޮތަށް އެކަލޭގެފާނުގެ ފިޤުހުން ފާޅުވެގެން ދިޔައެވެ. އެއްކަމަކީ ގަނެވިއްކުމާއި، މާރުކުރުމާއި، ސަލަމް[7] ފަދަ މުޢާމަލާތްތަކާއި އެކަމާއި ގުޅުން ހުރި އެހެނިހެން ކަންކަން ތަޖުރިބާގެ އަލީގައި ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމުން، އެކަމުގައި ފާޅުކުރައްވާ ރައުޔުތައް ތަނަވަސްވެފައިވުމެވެ. ދެވަނަ ކަމަކީ އެކަލޭގެފާނަކީ ވިޔަފާރިވެރި ފުދުންތެރި ބޭކަލަކަށްވުމުން ވެރިންގެ ދުއްތުރާތަކާއި ކުރިމަތިވެވަޑައިގަތުން މަދުވުމާއި މަޤާމުގެ އެދުންވެރިކަން އެއްގޮތަކަށް ވެސް އެކަލޭގެފާނުގެ ކިބައިގައި ނެތުމެވެ.

(ނުނިމޭ)

 


[1] އިސްލާމީ ފިޤުހާއި އޭގެ އުސޫލުތަކާއި އެ ޢިލްމާއި ގުޅުންހުރި ޢިލްމުތައް.

[2] އިސްލާމީ ފިޤުހާއި އޭގެ އުސޫލުތައް ތަރައްޤީވަމުން އައި ގޮތް ދިރާސާކުރައްވާ ބޭފުޅުން.

[3] އިމާމް ޝާފިޢީ ގެ ޙަޔާތްޕުޅުން ބޮޑުބައެއް މައްކާމަދީނާގައްޔާއި ޢިރާޤުގައި ހޭދަކުރައްވާފައިވެއެވެ. މިޞްރުގައި އުޅުއްވީ ޙަޔާތުގެ އެންމެ ފަހު ހަތަރު އަހަރުގައި ނަމަވިޔަސް ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑެތި މަސައްކަތްތައް ކުރެވި، ޝާފިޢީ މަޒުހަބު އޭގެ ޙަޤީޤީ ސިފައިގައި އެކުލަވާލެވުނީ މިޞްރުގައެވެ. ތާރީޚުއްތަޝްރީޢުގެ ޢިބާރާތުން ނަމަ ޝާފިޢީގެ އައު މަޒުހަބު އެކުލަވާލެވުނީ މިޞްރުގައެވެ.

[4] މަޒުހަބު: ހ.މީހަކު ނުވަތަ ބަޔަކު ތަބާވާ ގޮތް، އާންމުކޮށް މިބަސް ބޭނުންކުރެވެނީ ދީނާ ގުޅުވައިގެންނެވެ. –-ދެވެހިބަސްފޮތް- ށ. ޝަރީޢަތުގެ ތަފްސީލު ދަލީލުތަކުން ޝަރުޢީ ޢަމަލީ ޙުކުމްތައް ނެގުމުގެ ވަކި ޚާއްސަ ހަމަތަކާއި މަގު.

[5] އިސްތިންބާޠުކުރުން: އިސްޠިންބާޠުކުރުމަކީ ފިޤުހު ޢިލްމުގައި އެކަށައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ޝަރީޢަތުގެ މަޞްދަރުތަކުން ދީނުގެ ޙުކުމްތައް ނެރުމެވެ.

[6] އަހުލުއްސުންނާ ވަލްޖަމާޢަތަށް ނިސްބަތްކުރެވޭ!

[7] ފަހަށްވިއްކުމަކީ ފަހުން މުދާދޭ ދޭ ގޮތަށް ކުރިޔާލައި އަގުނެގައިގެން ކުރާ އަޤުދު.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.