ބުދަ20201118

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޙަނަފީ މަޒުހަބު: ކުރިމަތިކުރެވުނު ފާޑުކިޔުންތަކާއި އޭގެ ރައްދު (2)

ޙަނަފީ މަޒުހަބު: ކުރިމަތިކުރެވުނު ފާޑުކިޔުންތަކާއި އޭގެ ރައްދު (2)

hanafy 4-2ޢިލްމީ ގޮތުން އަބޫ ޙަނީފާ ހޯއްދަވާފައިވާ މަޝްހޫރުކަމާއި، ޢިލްމީ މަތީ ދަރަޖައިގެ ސަބަބަން ، އެ ކަލޭގެފާނަށްވުރެ ފަހުގެ ކޫފާގެ ބައެއް ފިޤުހުވެރިން އެކަލޭގެފާނަށް ހަސަދަ ލިއެވެ. މި ގޮތުން އެކަލޭގެފާނުގެ ރައުޔުތައް ބިނާވެފައި ހުރީ އަމިއްލަ ޚިޔާލާއި، ހަވާނަފުސުގެ މައްޗަށް ކަމުގައި ބުނެ ވާހަކަތައް ފެތުރިއެވެ.

އަދި މާތް ނަބިއްޔާގެ ޞައްޙަ ސުންނަތަށް ޢަމަލުކުރެއްވުން ދޫކޮށްލައްވާފައިވާ ކަމަށާއި އޭގެ މައްޗަށް ޤިޔާސާއި އިސްތިޙްސާން އިސްކުރައްވާފައިވާ ކަމުގެ ތުހުމަތުގެ އިނގިލިތައް ވެސް އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކާ ދިމާއަށް ދިއްކުރެވުނެވެ.

މި ކަމުގައި އެކަލޭގެފާނާއި ދެކޮޅަށް، ހަދީސްގެ ބައެއް ޢިލްމުވެރިން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ސުންނަތުން ޞައްޙަ ސަނަދުން ސާބިތުވާ ދުއިސައްތަ އެތައް މައްސަލައެއް ހޯއްދަވައި، އޭގައި އިދިކޮޅަށް ރައުޔު ނެރުއްވާފައިވާ ކަމުގައި މި ބޭފުޅުން ވިދާޅުވެއެވެ. އަދި މި މޭރުމުން އެކަލޭގެފާނާއި ދެކޮޅުހައްދަވަމުން، އެކަލޭގެފާނުގެ މަޒުހަބަކީ ފާރިސީ ފަލްސަފާވެރިކަމެއް ކަމަށާއި، ފިޤުހުގެ އަސްލަކީ ސަމާވީ ޝަރީޢަތެއް ނަމަވެސް އެކަލޭގެފާނު އަމިއްލަފުޅަށް ޚިޔާލުތަކާއި ވާހަކަތަކުގެ މައްޗަށް ބިނާކުރައްވައި ހައްދަވާފައިވާ އެއްޗަކަށް އެ ފިޤުހު ބަދަލުކުރައްވާފައިވާ ކަމުގެ ތުހުމަތުތައް ވެސް ކުރިމަތިކުރިއެވެ.

ހަދީސުން ނަންގަވާފައިވާ މިނަވްރު މަދު ކަމަށާއި، އެންމެ ސަތާރަ ހަދީސް ނޫނީ އެކަލޭގެފާނު ރިވާ ނުކުރައްވާ ކަމަށާއި، ވަކި ޚާއްޞަ އުޞޫލެއްގެ ގޮތުގައި ޙީލަތް ނުވަތަ މަކަރު ނަންގަވާފައިވާ ކަމަށާއި، ދީނީ ކަންކަމުގައި އެންމެ ފުރަތަމަ ޙީލަތް ބޭނުންކުރެއްވީ އެކަލޭގެފާނު ކަމަށާއި، އެކަލޭގެފާނަކީ ޙީލަތާއި މަކަރުވެރިންގެ އިމާމް ކަމުގައި ބުނެ،  އެ ނަން އެކަލޭގެފާނަށް ނިސްބަތް ކުރިއެވެ. އަދި އޭގެ މައްޗަށް ބިނާކުރައްވާ ފޮތެއް އެކުލަވާލާފައިވާ ކަމަށާއި، އަދި އެކަމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ނަފީ ކުރާކަމެއް ކަމަށާއި އޭގެ ސަބަބުން ޙަރާމްކަންކަން ހުއްދަވެ، ހުއްދަކަންކަން ޙަރާމްވެ، ތަކުލީފު ދޫކޮށްލުން ހިމެނެއެވެ. އަދި މިއީ ﷲ ތަޢާލާގެ ދީން ފަސާދަކުރުން ކަމުގައި ބުނެވި، އެކަލޭގެފާނާއި އެކަށިގެންނުވާ އެތަކެއް ބަސްތަކެއް އެކަލޭގެފާނަށް މިބައިމީހުން ރައްދުކުރިއެވެ.

އަބޫ ޙަނީފާގެ މަޒުހަބަކީ ފާރިސީ ފަލްސަފާވެރިކަމެއް ކަމުގައި ބުނެވިފައިވާ ބުނުމުގެ ރައްދެއްގެ ގޮތުން އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ މި ބުނުމަކީ ޙަޤީޤަތާއި ވަރަށް ދުރު ބުނުމެއް ކަމުގައެވެ. އެހެނީ ޙުކުމްތައް އިސްތިންބާޠުކުރުމުގައި، އަބޫ ޙަނީފާގެ މަންހަޖު، އެހެނިހެން އިމާމުން، ނުވަތަ މުޖުތަހިދުން ގެންގުޅުއްވި މަންހަޖުން ބޭރުވެފައި ނުވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން އިމާމް އަބޫ ޙަނީފާ ވިދާޅުވެފައި ވެއެވެ. "ﷲ ތަޢާލާގެ ފޮތުގައި، އެކަމެއްގައި ނައްޞެއް އޮއްވައި ނުވަތަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައި ނުވަތަ ޞަޙާބީން އެކަމެއްގައި އިޖުމާޢު ވެފައިވާ ކަމެއްގައި، އެއްވެސް މީހަކަށް، އެމީހެއްގެ އަމިއްލަ ރައުޔެއް ނުނެރެވޭނެއެވެ. އެހެނަސް ޚިލާފު އުފެދިފައިވާ ކަންކަމުގައި އެބޭކަލުންގެ ވިދާޅުވުންތަކުން، ﷲ ތަޢާލާގެ ފޮތާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތާއި އެއްގޮތް ކަންކަމުގައި ތިމަންކަލޭގެފާނު އިޖުތިހާދެއް ނުކުރަމެވެ. އެނޫން ކަންކަމުގައި، އޭގެ އިޚްތިލާފު ދަނެ ޤިޔާސްކޮށް އިޖުތިހާދުކުރުމަކީ ފިޤުހު ފުޅާވެގެންދާ  ކަމެކެވެ." އަދި ހަމައެފައިން އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި އެހެނިހެން ޢިލްމުވެރިންގެ ވިދާޅުވުންތައް ވެސް އެކަލޭގެފާނުގެ މަޒުހަބާއިމެދު އިސްވެ ދެންނެވި ފަރާތްތަކުން، ދައްކަވާފައިވާ ނޭކަށޭ ވާހަކަތަކުން ނިކަން ރީއްޗަށް ބަރީއަކޮށް ދެއެވެ.

ޢަބްދުﷲ ބުނުލްމުބާރަކް ގެ އަރިހުން ރިވާވެގެންވެއެވެ. "ﷲ ތަޢާލާގެ ފޮތާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ޙުއްޖަތެއް ނެތި އަބޫ ޙަނީފާ ވާހަކަ ދައްކަވާފައި ނުވެއެވެ."

އަދި އަލްފުޟައިލް ބުނު ޢިޔާޟްގެ އަރިހުން ރިވާވެގެން ވެއެވެ. " މައްސަލައެއްގައި އެކަލޭގެފާނަށް އިހަށް ފެނިވަޑައިގެންފައިނުވާ ޞައްޙަ ހަދީސެއް އަބޫ ޙާނީފާގެ އަރިހަށް ހުށަހެޅިއްޖެ ނަމަ، އެކަލޭގެފާނު އެޔަށް ތަބާވެވަޑައިގަންނަވައެވެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ އަރިހުން ވިދާޅުވުމެއް ރިވާވެފައި އޮތް ކަމެއް ކަމުގައި ވީނަމަ ވެސް އެޔަށް ތަބާވެވަޑައިގަންވައެވެ. އެހެން ނޫން ކަމުގައި ވާނަމަ ޤިޔާސްކުރައްވައެވެ. އަދި ކިއެއްހެއްޔެވެ. ޤިޔާސް ކުރެއްވުމުގައި ނިކަން ރަނގަޅަށް އެކަން ކުރައްވައެވެ."

އިމާމް އަބޫ ޙަނީފާ ސުންނަތަށް ޢަމަލު ނުކުރައްވާ ކަމުގައި ދެކެވިފައިވާ ބުހުތާނު ވާހަކައާއި ބެހޭގޮތުން ދެންނެވެން އޮތީ، އެ ޒަމާނުގައި ކޮންމެ ބޭފުޅަކުން ވެސް ޢިލްމު ހޯއްދަވަނީ އޭރަކު ތިއްބެވި އެންމެ މޮޅެތި އެންމެ މަޝްހޫރު ޢިލްމުވެރިންގެ އަރިހުން ކަމުގައެވެ. އެބޭފުޅުންނަކީ ﷲ ތަޢާލާގެ ފޮތާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ ޢިލްމަށް ވެސް އެންމެ މޮޅެތި ބޭފުޅުން ކަމުވެއެވެ. އަބޫ ޙަނީފާގެ އުނގަންނަވާދެއްވުމުގެ މައްޗަށް ދަސްވެނިވެ ވަޑައިގަތް ބޭކަލުން ކަމުގައިވާ އަބޫ ޔޫސުފާއި ، ޒުފަރު ބުނުލްހުޒައިލް ފަދަ ބޭފުޅުން، އެކަލޭގެފާނަކީ މި ދެންނެވި ދެ ޢިލްމަށް ދެރަ ބޭފުޅެއްކަމުގައި ނުވަތަ އެ ދެޢިލްމު ދެނެވަޑައިނުގަންނަވާ ބޭފުޅެއްކަމުގައި ވީ ނަމަ އެކަލޭގެފާނަށް ތަބާވެ ވަޑައިނުގަތީހެވެ. އެހެނީ އެހެނިހެން އިމާމުންނާ ޙިއްސާވެވަޑައިގެން ނެރުއްވާފައިވާ ޙަދީސްތަކުގެ އިތުރަށް އެކަލޭގެފާނު އަމިއްލަފުޅަށްވެސް 215 ހަދީސް ނެރުއްވާފައިވާކަން ޞައްޙަ ރިވާޔަތްތަކުން ސާބިތުވެއެވެ. އެކަލޭގެ ފާނަށް ނިސްބަތްވާ މުސްނަދުގެ ނަމާދުގެ ބާބުގައި އެކަނި ވެސް 218 ހަދީސް ވެއެވެ. ހިޖުރައިން 665 ގައި އަވަހާރަވެވަޑައިގަތް އަބުލް މުއައްޔިދު މުޙަންމަދު ބުނު މަޙްމޫދުލްޚަވާރިޒްމީ އަބޫ ޙަނީފާގެ ހަދީސްތަކުގެ މައްޗަށް އެކުލެވޭ މުސްނަދެއް އެކުލަވާލެއްވި އެވެ. 800 އެތަކެއް ސޮފުހާ ގެ މައްޗަށް އެކުލެވޭ އެ ފޮތް ހިޖުރައިން 1326 ވަނަ އަހަރު މިޞްރުގައި ޗާޕް ކުރެވިފައި ވެެއެވެ.

ދީނީ ކަންކަމުގައި އެކަލޭގެފާނު، ޙީލަތްހައްދަވާފައިވާ ކަމާއި، ވަކި ޚާއްޞަ އުޞޫލެއްގެ ގޮތުގައި ޙީލަތް ނަންގަވާފައިވާ ކަމާއި މެދު ދެންނެވޭނީ، އިސްލާމްދީނުގައި، އޭގެ ހުއްދަ ބާވަތަކާއި ހުއްދަ ނޫން ބާވަތެއް ވާ ކަމުގައެވެ. އެއް ބާވަތަކީ ދީނީ ކަމެއްގައި މީހަކު، ނުރަނގަނޅު ކަމެއްގެ ތެރޭގައި ވުމެވެ. އެ ޙާލަތުގައި އެކަމަކުން އޭނާ ސަލާމަތްކުރުމަކީ ޙަރާމްކަމަކަށް އަރައި ނުގަނެވޭ ކަމެއް ކަމުގައި ވާނަމަ ހުއްދަކަމެކެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމީ، އެ ހައްލަކަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިފައި ނެތް ކަމަކަށް ވާސިލުވުމަށްޓަކައި ހީލަތް ނުވަތަ އުކުޅު ބޭނުންކުރުމެވެ. ނުވަތަ އެކަމެއް ނައްތާލުމުގައި ނުކުޅެދިފައިވާ އަނިޔާވެރިކަމެއް ނައްތާލުމަށްޓަކައި ޙީލަތް ބޭނުން ކުރުމެވެ. އެއީ ހުއްދަ އެހެން މަގަކުންނެވެ.

ދެވަނަ ގޮތަކީ ހުއްދަ ނޫންގޮތެވެ. އެގޮތަކީ ޝަރުޢީ އަޞްލެއް މުގުރާލުން ނުވަތަ ޝަރުޢީ މަސްލަހަތަކާއި ފުށުއަރާ ކަންކަމެވެ. އޭގެ މިސާލަކީ ޙައްޤެއް ނައްތާލުމަށް ނުވަތަ ވާޖިބުކަމެއް ބާޠިލުކޮށްލުމަށްޓަކައި، ޙަރާމްކަމަކަށް އަރައިގަތުމަށްޓަކައި ހެދޭ ޙީލަތެވެ. އެގޮތުން ބަލާއިރު މުސްލިމް އަންހެނަކު އޭނާގެ މުސްލިމް ފިރިމީހާގެ ކިބައިން އެދިއެދިވެސް ވަރިނުކުރުމުގެ ސަބަބުން، މުރުތައްދުވުން ފަދަ[1] އަދި ޒަކާތްދެއްކުމުން އެކަހެރިވެގަތުމަށްޓަކައި ، ގޮވާމުގެ މަދު މިންވަރެއް ފަޤީރަކަށް ދިނުމަށްފަހު އޭނާގެ އަތުން އަލުން އެ  ތަކެތި ގަތުންފަދަ ޙީލަތް ހިމެނެއެވެ.

އިސްވެ ދެންނެވުނު ދެބާވަތުގެ ތެރެއިން ފުރަތަމަ ބާވަތަކީ ހުއްދަ ބާވަތެކެވެ. އަދި ކީއްހެއްޔެވެ. ބައެއް ޙާލަތްތަކުގައި އެއީ މަންދޫބު ކަމެކެވެ. އެހެނަސް ދެވަނަ ބާވަތަކީ ޙަރާމް ބާވަތެވެ. މި ދެބާވަތުގެ ތެރެއިން ހުއްދަ ބާވަތުގެ ޙީލަތް މެނުވި އަބޫ ޙަނީފާގެ އަރިހުން އައިސްފައި ނުވެއެވެ. ފަހުން މި ދެންނެވި ޙަރާމް ބާވަތުން އެންމެ ޙީލަތެއް ވެސް އެކަލޭގެފާނުގެ އަރިހުން އައިސްފައި ނުވެއެވެ. ޙަނަފީ މަޒުހަބުގެ ބައެއް ފޮތްތަކުގައި އައިސްފައިވާ މިފަދަ ބައެއް ޙީލަތްތަކަކީ، މި ކަމުގައި އެކަލޭގެފާނު ގެންގުޅުއްވާފައިވާ މަންހަޖާއި އެއްގޮތަށް ޢަމަލުކުރައްވާފައި ނުވާ، އެ މަޒުހަބުގެ، ފަހުގެ ބައެއް ޢިލްމުވެރިންގެ ފަތުވާ ތެކެވެ. އެ ސަބަބަށްޓަކައި އެ ބޭކަލުންނަށް ހެއްދެވިފައިވާ ބައެއް ގޯސްތައް އެކަލޭގެފާނަށް ނިސްބަތްކުރެއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ހަމަ އެފަދައިން މިފަދަ ޙީލަތްތަކުގެ މައްޗަށް އެކުލެވޭ ފޮތެއް އެކަލޭގެފާނު އެކުލަވާލެއްވި ކަމުގައި ދެކެވޭ ވާހަކަތަކުގެ ތެދުކަން ސާބިތުކުރެވޭ ވަރަށް އެކަމުގައި އައިސްފައިވާ ރިވާޔަތްތައް ޞައްޙައެއް ނޫނެވެ. އަދި މި ރިވާޔަތްތަކުގައި ފުށުއެރުންތައް  ވެސް އެބަހުއްޓެވެ.

(ނުނިމޭ)

 


 

1 ސަބަބަކީ މުރުތައްދުވުމުގެ ސަބަބުން ދެމަފިރިން ދުރުކުރަންޖެހޭތީއެވެ. ﷲ ތަޢާލާ އަޅަމެން މުރުތައްދުވުމުން ދުރުކުރައްވައި ، ރައްކާތެރި ކުރައްވާށިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.