ހޮނިހިރު20200919

އާކުރެވުނީ: 08:43:52

ސުންނަތުގެ ނަޞްރުވެރިޔާ 1

sunnathuge-nasruveriyaa-1މިވާހަކައަކީ ވަރަށް އަސަރުކުރުވަނިވި ވާހަކައެކެވެ. ވާހަކައަކީ ޢިބުރަތްތެރި ވާހަކައެކެވެ. އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޝަހީދުންގެ ވާހަކަތަކަށް ފަހުގައި މިހައި އަސަރުހުރި ޢިބުރަތްތެރި ވާހަކައެއް އަޅުގަނޑު ނުދަންނަމެވެ.

އަވަސް ގޮތަކަށް މުޤައްދިމާއެއް އަޅާލުމެއްނެތި، މިވާހަކައާއިގެން ކުރިއަށް ދިއުމީ އަޅުގަނޑަށް އެކަށީގެންވާކަމެއް ނޫނެވެ.

ޢިއްޒަތްތެރިންނޭވެ. އަޅުގަނޑުމެންގެ ލިޔެވިފައިވާ ތާރީޚަކީ ރަސްކަމުގެ ތާރީޚެވެ. ރައްޔިތުންގެ ކެއުމާއި ބުއިމާއި އާދަތަކާއި ޤަބޫލުކުރުންތަކާއި އުފާކުޅަކަންކަމާއި ހިތާމަކުރި ކަންކަން ލިޔެވިފައިނެތެވެ. ފިކުރުގެ ތާރީޚުތޯއެވެ؟ އަދި އަމުދުން ލިޔެވިފައިނެތެވެ. އަޅުގަނޑު ލިޔަން މިއުޅޭ ދުވަސްވަރުގައި ފިކުރުގެ ޙާލަތު ލިޔެވުނު ނަމަ، ފިކުރަށް ޖުމްލަ ދެފަރާތެއް ފެނިވަޑައިގަތީހެވެ.

ދުވަސްވަރަކީ ޢައްބާސީ ޚިލާފަތުގެ ރަން ދުވަސްތަކެވެ. ފިކުރުގެ ދެފަރާތަކީ ނައްޞުގައި ހިފަހައްޓައި އޭގެ ބޭރުފުށަށް އީމާންވެ، ސިކުނޑިން ޤިޔާސްކުރުން، ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދޫކޮށްލައިފައިވާ ފިކުރީ ވިސްނުމަކާއި، ވިސްނުމާއި ހޯދުމާއި ޤިޔާސްކުރުމުގައި ބުއްދި އެކީ ދޫކޮށް ބާރުވެރިކުރުވާފައިވާ ފިކުރީ ވިސްނުމެކެވެ. ފުރަތަމަ ފިކުރުގެ ރާއިދުންނަކީ، ޙަދީސުގެ އަހުލުވެރިންނެވެ. އެބޭފުޅުންގެ ފަހަތުގައި ޢާންމުންގެ ގިނަ މީސްތަކުން ތިބޫއެވެ. ދެވަނަ ވިސްނުމުގެ އަހުލުވެރިންނަކީ މުޢުތަޒިލާއިންނާއި އެހެނިހެން ފަންނުތަކުގެ ޢިލްމުވެރިންނެވެ. ދެލަޝްކަރުގެ ދެމެދުގައި ކުރެވޭ ހަނގުރާމައަކީ ފިކުރީ ހަނގުރާމައެކެވެ. އެހަނގުރާމައިގެ މައިދާނަކީ މިސްކިތްތަކާއި ދަރުސްދޭ މަޖިލިސްތަކެވެ. ހަތިޔާރަކީ ޙުއްޖަތްތަކާއި ބުރުހާނެވެ. ޚަލީފާ މައުމޫނު، ވެރިކަމުގެ ޝާނާއި ޝައުކަތާ ޙަވާލުވެވަޑައިގަންނަވަންދެނެވެ. ދެން ފެނުނީ ދެވަނަ ފިކުރާގެ ޒަޢީމު ޚަލީފާގެ އަރިސް ބޭފުޅެއްކަމުގައި ހިމެނުނުތަނެވެ. އަދި ދައުލަތުން ރައްޔިތުންގެ މައްޗަށް ދެވަނަ ފިކުރާ މަޖުބޫރުކުރުވި މަންޒަރެވެ. އެހެސާބުން އަޅުގަނޑުމެންގެ ތާރީޚުގައި މިޙުނާގެ ގޮތުގައި މަޝްހޫރުވި ދަތިކަން އުންމަތަށް ޖެހުނެވެ. މިޙްނާގެ މާނައަކީ އިމްތިޙާނެވެ.

މިޙުނާގެ ވާހަކަތައް ކިޔައިލާ ކޮންމެ ފަހަރަކު އަޅުގަނޑަށް ތިންކަމެއް ފެނި، އެންމެ މަތީ ދަރަޖައިގެ ޢަޖައިބުވުމަކުން ހައިރާންވެ އަޖައިބުވާން ޖެހިދެއެވެ.

މިތިންކަމުގެ ތެރެއިން ފުރަތަމަކަމަކީ މުޢުތަޒިލާގެ ވިސްނުންތޫނުކަމާއި ބަހަށް ކުޅަދާނަވުމާއި، އުނގެނި ދަސްކުރުމުގެ ތަނަވަސްކަމާއެކު، އަދި އެއުރެންގެ ޒަޢީމު އިބްނު އަބީދުއާބުގެ ވިސްނުންފުޅުގެ ތޫނުކަމާއި ފިކުރުގެ ތަނަވަސްކަމާއެކު، މީސްތަކުންގެ މެދުގައި އެއުރެންގެ ރައުޔަ ގަދަކަމުން ފެތުރުމަށް ރުހެވުނީ ކިހިނަކުން ހެއްޔެވެ؟ އެއުރެންގެ ހަރުދަނާ ބުއްދިތައް އެކަމަށް ޖާގަ ދިނީ ކިހިނަކުންތޯއެވެ؟

ދެވަނަކަމަކަށް ޢައްބާސީ ރަސްރަސްކަލުންކުރެ އެންމެ ވިސްނުންފުޅު ތޫނު، ޒަމާނުގެ ޢިލްމުތަކުގެ ތެރެއިން ނަކަލުވެގެން އައި ޢިލްމުތަކަށާއި، ތަރުޖަމާ ކުރެވުނު ޢިލްމުތަކަށް އެންމެ ކުޅަދާނަ ބޭފުޅާކަމުގައި ވެހުންނަވައި، ޚަލީފާ މައުމޫނު، މީސްތަކުންގެ މައްޗަށް ގަދަކަމުން ފިކުރެއް މަތިކުރެވިދާނެކަމަށް ހީފުޅުކުރެވުނީ ކިހިނަކުން ހެއްޔެވެ؟ އަދި ފިކުރީ މިނިވަންކަމުގެ މައްޗަށް ޢުދުވާނެއް ހިންގެވުމަށް ރުހިވަޑައިގަތީ ކިހިނަކުންހެއްޔެވެ؟ ރަސްކަލަކަށް މީސްތަކުން އެބައިމީހުންގެ ގެތަކުން ނުކުތުމަށް މަޖުބޫރުކުރެވިދާނެއެވެ. ނުވަތަ އެބައިމީހުންގެ ހެދުންތައް ބަދަލުކުރުމަށް މަޖުބޫރުކުރެވިދާނެއެވެ. އެކަމަކު ހިތުގެ އަޑިން ޤަބޫލުކޮށްފައިވާ ހަމަތަކަކުން ނުކުމެ، ފިކުރު ބަދަލުކުރުމަށް މަޖުބޫރެއްނުކުރެވޭނެއެވެ.

ތިންވަނަކަމަށް ފާހަގަވީ މިހައިބޮޑު ކޯޅުމެއް އުފެދުނު މައްސަލައަކީ މިވަރުގެ ސަމާލުކަމެއް ބޭނުންވާ މައްސަލައެއް ނޫންކަމުގައިވުމެވެ. އެއީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްވެސްނޫނެވެ. އަދި އެކަމެއ ހޯދައި ބެލުމަށް މާތްﷲ އަމުރުކުރެއްވި ކަންކަމުގެ ތެރެއިން ކަމެއްވެސް ނޫނެވެ. އެމައްސަލައަކީ ޤުރުއާނަކީ މާތްﷲގެ މަޚުލޫޤެއްތޯ ނުވަތަ ނޫންތޯ ކުރެވުނު ސުވާލެވެ.

މިޙުނާ ފެށިގެންއައީ ޚުރާސާންގެ ބިމުން މައުމޫނުގެ ސިޓީއެއް ބަޣުދާދުގައި ހުރި މައުމޫން އިސްކުޅަ އަމީރަށް އައުމުންނެވެ. އެސިޓީގައިވަނީ ޤާޟީންނާއި ޢިލްމުވެރިން ޖަމާކުރުމަށެވެ. އަދި އެއުރެން ކުރެން ޤުރުއާނާމެދު އެއީ މަޚުލޫޤެއްކަމުގައި ބުނުމަށް އެދުމަށެވެ. އެފަދައިން ނުބުނެއްޖެ މީހަކު މަޤާމުން ވަކިކުރުމަށެވެ. އެއިން އެއްވެސް ބޭފުޅަކީ އެރައުޔައަށް ތަބާވެވަޑައިގަންނަވާ ބޭފުޅުން ތަކެއް ނޫނެވެ. އެހެނަސް އިންސާނީ ބަލިކަށިކަމާއި މަޤާމަށް ލޯބިކުރައްވާ މިންވަރުގެ ސަބަބުން އެގޮތާ އެއްބަސްވެވަޑައިގަތީއެވެ.

އެއަށްފަހު މީސްތަކުންގެ ތެރޭގައި އެންމެ ބޮޑެތި މުޙައްދިސުންގެ ގޮތުގައި މަޝްހޫރުވެވަޑައިގަތް ބޭފުޅުންނަށް އެރައުޔަ ހުށަހަޅުއްވައިފިއެވެ. އެބޭކަލުން ދެކޮޅު ހައްދަވައިފިއެވެ. އެހިސާބުން މައުމޫން ބާރުގެ ބޭނުންކުރެއްވީކީ ނޫނެވެ. އެހެންނަމަވެސް އެއުރެންގެ ބަލިފައިކަމުގައިވާ ނުކުތާގައި ހިއްޕެވީއެވެ. އެއީ މިޒަމާނުގެ ގިނަ ޢިލްމުވެރިންގެވެސް ބަލިފައެވެ. އެބޭކަލުންގެ ބަސްފުޅުތަކާއި ޢމަލުތަކާ ފުށުއަރާ އެރުމެވެ. ނުޙައްޤުން ހޯއްދެވި ފައިސާއެވެ. ޒާތީ ސިޔަރަތުގައި ޖެހިފައިހުރި ދަމިލައެވެ. މިފަޟީޙަތްތައް ފާޅުކުރައްވާނެކަމަށް އިންޒާރުދެއްވުމުން ބިރުން ގިނަ ބޭކަލުން އެއްބަސްވެވަޑައިގެންފޫއެވެ.

ބާކީ ތިއްބެވީ އެންމެ ހަތަރު ބޭކަލުންނެވެ. އެއިން ބޭކަލެއްގެ ފަސްމަންޒަރު ކިލަނބުވެފައިނެތީތީ އެގޮތުން އިންޒާރު ދެއްވައިގެން ކަމެއް ނުވިއެވެ. ދެން އަދަބު ދެއްވަން ފެއްޓެވީއެވެ. ހަރުކަށި އަދަބުތަކެވެ. އަނިޔާއެވެ. ޖަލުތަކުގައި ދަގަނޑުގެ ހިލަހިލާތަކުން އެބޭފުޅުން ކަސްތޮޅު އެޅުވުނެވެ. އެކި ޒާތްޒާތުގެ ވޭން ދެނެވި ޢަޒާބުތައް ދެވުނެވެ. އެންމެ ފަހުން އެއިގެ ތެރެއިން ދެބޭފުޅުން އެރައުޔައާ އެއްބަސްވެވަޑައިގެންފިއެވެ. ބާކީ ތިއްބެވީ އަޙްމަދު ބިން ޙަންބަލްއާއި މުޙައްމަދުބިން ނޫޙެވެ. އެހިސާބުން މައުމޫން އަމުރުކުރެއްވީ އެދެބޭކަލުން އޭނާގެ އަރިހަށް ޙާޟިރުކުރުމަށެވެ. ޚުރާސާންގެ ބިމަށެވެ. (ޚުރާސާނަކީ އަފްޣާނުގެ ރަށެކެވެ.)

އެބޭކަލުން ޚުރާސާނަށް ފޯރާވަޑައިގަތުމުގެ ކުރިން މައުމޫނު ނިޔައުވެއްޖެއެވެ. އަދި ދަތުރުގެ މަގުމަތީގައި އުސްތާޛު އިބްނު ނޫޙު މާތްﷲގެ ޙަޟްރަތަށް ދަތުރުކުރައްވައިފިއެވެ. ބާކީ ހުންނެވީ އިމާމް އަޙްމަދު ގިނިކަންޏާއެވެ.

އިހުގައި ޢިލްމުވެރިންކުރެ ގިނަ ބޭކަލުންނާއި ޢާންމުންގެ ބޮޑު ބައިގަނޑު ހިމެނުނީ މުޙައްދިސުންނާއެކުގައެވެ. އެހެނަސް މައުމޫނު (ވެރިކަން) އަނެއް ލަޝްކަރާ (މުޢުތަޒިލާއިންގެ ލަޝްކަރާ)، ބާރާއި މުދަލާއެކު، ގުޅިވަޑައިގަތުމުން، އޭނާގެ ފަހަތުން އެދުންވެރިކަމުގައި ނުވަތަ ބިރުން ޢިލްމުވެރިންކުރެ ގިނަ ބަޔަކު ދެވަނަ ލަޝްކަރާ ގުޅުނީއެވެ. ސާބިތުކަންމަތީ ބާކީވެވަޑައިގެން ގިނިކަންޏާ ހުންނެވީ އިމާމް އަޙްމަދެވެ. ބޮޑުވެގެންވީ ލަޝްކަރެއްގެ މޫނުމައްޗަކީ އެކަލޭގެފާނު ކަމުގައިވެއްޖެއެވެ. ހަމައެކަނި އެކަލޭގެފާނެވެ. މަސްރަޙުގައި ތެދުވެވަޑައިގެން ހުންނެވިއެވެ. ހުރިހާ އަލިކަމެއް އެކަލޭގެފާނުގެ މައްޗަށް އެޅިގެން ދިޔައެވެ. ހުރިހާ ނަޒަރެއް އެކަލޭގެފާނާ ދިމާލަށް ހުއްޓުނެވެ. އެކަލޭގެފާނާ ދެކޮޅަށް ތެދުވެވަޑައިގަތީ ޚަލީފާއެވެ. އެޚަލީފާގެ އަރިހުގައިވީ ވެރިންނާއި ޚަޒާނާތަކާއި ބާރުވެރިކަމާއެކުގައެވެ. މުޙައްދިސުންގެ ލަޝްކަރަށް ނަޞްރު ލިބުން އެކަލޭގެފާނުގެ ސާބިތުކަމުގެ މައްޗަށް ހުއްޓިއްޖެއެވެ. އެކަލޭގެފާނު ބަލިކޮށްލެވިއްޖެނަމަ، މުޙައްދިސުންގެ ލަޝްކަރު އެކީ ހަލާކުވެ، މުޢުތަޒިލީންނަށް ބާރުވެރިކަން ލިބިދާނެއެވެ.

ޢާންމު ރައްޔިތުން ދަންނައެވެ. އެއުރެން ތިބީ، ކޮންމެ ޒަމާނެއްގައިވެސް ޢާންމުން ތިބޭ ގޮތުގެ މަތީގައެވެ. ހިތްތައްވަނީ ޙައްޤުގެ ޢިލްމުވެރިންނާ އެކީގައެވެ. އެކަމަކު ކަނޑިތައްވަނީ ބާޠިލުގެ އަމީރުންނާއެކުގައެވެ.

ދެންވެރިކަމަށް ވަޑައިގަތީ މުޢުތަޞިމެވެ. އޭނާއަކީ ހަށިގަނޑުން ވަރުގަދަ މީހެކެވެ. ސިންގާއަކާ ބަނޑު މުސާރައަށް ހިއްޕަވައިން ކުރިހޯއްދެވުމީ އުދަގޫކަމެއް ނޫނެވެ. އެކަމަކު ޢިލްމުގައި ބަލިކަށި މީހެކެވެ. އެއްވެސް މީހަކާ ޖަދަލުކޮށް ކުރި ހޯދުމީ އޭނާއަށް ކުރެއްވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ އަޚު މައުމޫނަށް ނުލާހިކު ލޯބިކުރެއްވިއެވެ. އަދި މައުމޫނަކީ އެންމެ މަތީ މިސާލުކަމުގައި ދެކުނެވެ. މައުމޫނު ހިންގެވި މަގުގައި ހިންގަވަން ފެއްޓެވިއެވެ. އެހެނަސް އެކަމުގައި ހަރުކަށިވިއެވެ. އަދި އިންތައް ފަހަނައަޅައި ހިނގައްޖެއެވެ.

މަޞްދަރު: رجال من التاريخ / މުޖައްލަދު: 1 / ޞަފްޙާ 133-135

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.