ހޮނިހިރު20181110

އާކުރެވުނީ: 08:43:52

އުމަވީ ދައުލަތް: ފެށުން

umavee1އުމަވީ ދައުލަތް ނިސްބަތްވަނީ އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އަށެވެ.އުމައްޔާ އަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމައްޔާނުވަތަ އުމަވީ ދަރިކޮޅުގެ މީހުން ހިމެނެނީ އެންމެފަހުން އިސްލާމްދީން އިޚްތިޔާރުކުރި މީހުންގެ ތެރޭގައެވެ. އެދަރިކޮޅުގެ މީހުން އިސްލާމްދީނަށް ވަންނަށްފެށީ މައްކާ ފަތަހަ ކުރެއްވުމުގެ ތެރޭގައި އަބޫ ސުފްޔާން އިސްލާމްވެ ވަޑައިގަތުމުންނެވެ. އެކަމަކު އުމަވީ ދަރިކޮޅުމީހުން އިސްލާމްދީނަށް ވަނުމަށް ފަހު ބޮޑެތި ޚިދުމަތްތައް އިސްލާމްދީނަށް ކޮށްދީފައިވެއެވެ.

އިސްލާމްދީނުގެ ދިފާޢުގައި ކޮށްފައިވާ ހަނގުރާމަތަކާއި ކުރިމަތިލުންތަކުގައި ބައިވެރިވެފައިވެއެވެ. މިގޮތުން މުރުތައްދުވީމީހުންނާއި ދެކޮޅަށް ކުރެވުނު ހަގުރާމައިގައި އުމަވީދަރިކޮޅުގެ މީހުން މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. ހަމަމިހެން އަރަބިރަށްތަކުން ބޭރަށް އިސްލާމްދީން ފެތުރުމަށް ވެސް އުމަވީ ދައުލަތުގެ ދުވަސްވަރު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އުމަވީ ދައުލަތުގެ އުފެދުނު ގޮތުގެ ވާހަކައަކީ އިސްލާމީތާރީޚުގައި ހިގާދިޔަ މަޝްހޫރު ވާހަކަ އެކެވެ. މިވާހަކައިގެ ފެށުން ގުޅެނީ އިސްލާމުންގެ ހަތަރުވަނަ ޚަލީފާ ޢަލީގެ ފާނު އާއި މުޢާވިޔަތު ބިން އަބީ ސުފުޔާން އާއި ދެމެދު އުފެދުނު ވަރުގަދަ ފިތުނައާއެވެ. އެހެނީ ޢަލީގެ ފާނު ޚަލީފާ ކަމަށް އިސްކުޅައުމަށް ހުށަހެޅުނު ހިނދު މުޢާވިޔަތުގެ ފާނު އެކަމާއި ތަޢާރަޟުކޮށް އިދިކޮޅުހެއްދެވިއެވެ.

މިގޮތުން އުފެދުނު ފިތުނަވެރިކަން ދެފަރާތުގެ ދެމެދުގައި ޢަލީގެ ފާނު އަވަހާރަވަންދެން ދެމިއޮތެވެ. އެފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނައަހަރުގެ ރަމަޟާން މަހުގެ 17ވަނަދުވަހު ޢަލީގެ ފާނު ގަތުލުކުރުމުންނެވެ.

އުމަވީ ދައުލަތުގެ ފުރިހަމަސިފައިގައި އުފެދުނީ ހިޖުރައިން 41ވަނައަހަރުގައެވެ. އެއީ އެއަހަރުގެ ރަބީޢުލް އައްވަލު މަހުގެ 25ވަނަ ދުވަހު ޢިރާޤުގެ ބަޞަރާގައި ޢަލީގެ ފާނުގެ ދެދަރިކަލުންކަމުގައިވާ ޙަސަނުގެ ފާނުއާއި ޙުސައިނުގެ ފާނު މުޢާވިޔަތު ބިން އަބީ ސުފުޔާންއަށް ބައިޢަތު ހިއްޕެވުމުންނެވެ. މިއަހަރަށް ''ޢާމުލް ޖަމާޢާ''އޭ ކިޔައެވެ.

އެދުވަހުން ފެށިގެން އުމަވީ ދައުލަތް ކުރިއަރަންފެށިއެވެ. އުމަވީ ދައުލަތުގައި ޚަލީފާކަން 14ބޭކަލުން ކޮށްފައިވެއެވެ. އެއީ:

1- މުޢާވިޔަތު ބިން އަބީ ސުފުޔާން ރަޟިޔަﷲ ޢަންހު
2- ޔަޒީދު ބިން މުޢާވިޔަތު
3- މުޢާވިޔަތު ބިން ޔަޒީދު

އިސްވެ ބަޔާންކުރެވުނު 3ބޭކަލުންނަކީ އުމަވީދައުލަތުގައި އެންމެ ފުރަތަމަ ޚަލީފާކަން ކުރެއްވި 3ބޭކަލުންނެވެ. މުޢާވިޔަތުގެ ފާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަން 24 އަހަރު ވަންދެން ހިންގެވީ މި 3ބޭކަލުންނެވެ. އެއީ ހިޖުރައިން 41ވަނަ އަހަރުން ފެށިގެން ހިޖުރައިން 64ވަނަ އަހަރުގެ ނިޔަލަށެވެ. އެއަށްފަހު ދެންވެރިކަމަށް އައީ މަރުވާންގެ ދަރިކޮޅުގެ ބޭކަލުންނެވެ. މަރުވާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަން 67އަހަރު ވަންދެން ކޮށްފައިވެއެވެ. އެއީ ހިޖުރައިން 64ވަނަ އަހަރުން ފެށިގެން ހިޖުރައިން 132ވަނަ އަހަރުގެ ނިޔަލަށެވެ. އާދެ އުމަވީ ދައުލަތުގެ ނިމުމާއި ހަމައަށެވެ.

މަރުވާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަމަށް އިސްވެވަޑައިގެންނެވި ބޭފުޅުން ތިރީގައި މިވަނީއެވެ.

1- މަރުވާން ބިން ހަކަމް

2- ޢަބުދުލް މަލިކް ބިން މަރުވާން

3- އަލްވަލީދު ބިން ޢަބުދުލް މަލިކް

4- ސުލައިމާން ބިން ޢަބުދުލް މަލިކް

5- ޢުމަރު ބިން ޢަބުދުލް ޢަޒީޒު

6- ޔަޒީދު ބިން ޢަބުދުލް މަލިކް

7- ހިޝާމު ބިން ޢަބުދުލް މަލިކް

8- ވަލީދު ބިން ޔަޒީދު ބިން ޢަބުދުލް މަލިކް

9- ޔަޒީދު ބިން ވަލީދު ބިން ޢަބުދުލް މަލިކް

10- އިބްރާހީމް ބިން ވަލީދު ބިން ޢަބުދުލް މަލިކް

11- މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ހަކަމް

އިސްވެ ބަޔާންކުރެވުނު ޚަލީފާއިންގެ އިތުރުން އުމަވީ ދައުލަތުގެ ދުވަސްވަރުގެ ތެރޭގައި ހިޖުރައިން 64ން 73އަށް ޢަބުދުﷲބިން ޒުބައިރު ބިން ޢައްވާމް ވަނީ އިރާޤާއި، ޔަމަން އަދި ހިޖާޒުކަރައިގެ ވެރިކަން ކުރައްވާފައެވެ. ޢަބުދުﷲ ބިން ޒުބައިރު އަކީ އުމަވީ ދައުލަތުގެ ވެރިކަން ހިންގެވި ދެއާއިލާއިން ކުރެ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއްނޫނެވެ. އެހެންނަމަވެސް ކުރިން ބުނި މުއްދަތުގެ ތެރޭގައި ޖުމުލަ 9އަހަރު ވެރިކަމުގައި ދެމިހުންނެވިއެވެ.

އުމަވީ ދައުލަތުގެ ވެރިކަން ގާތްގަނޑަކަށް ގަރުނަކާއި ގާތްކުރަންދެން ދެމިއޮތެވެ. ޖުމުލަ 91އަހަރު ވަންދެން އުމަވީ ދައުލަތުގެ ވެރިކަން ދެމިއޮތެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރާއި ޚިލާފަށް އުމަވީ ދައުލަތުގެ ދުވަސްވަރު ތަފާތު ފިކްރީ ހަރަކާތްތައް ހިންގާ ޖަމާއަތްތައް އުފެދިގެން ދިޔައެވެ. އޭގެ ތެރޭގައި ޝިޔަޢީންނާއި، ޚަވާރިޖުން ފަދަ ޖަމާޢަތްތައް ހިމެނެއެވެ.

އުމަވީ ދައުލަތުގެ ތާރީޚަށް ބަލާއިރު އެދުވަސްވަރު އިސްލާމީ ތާރީޚުގައި އެތައް ''ފުތޫޙާތު'' ތަކެއް ހިގައިފައިވެއެވެ. އުމަވީ ދައުލަތުގެ ދުވަސްވަރު އިސްލާމްދީން ޔޫރަޕާއި، އެފްރިކާ އަދި އޭޝިޔާއަށް ފެތުރިގެންދިޔަ އެވެ.

އޭޝިޔާއަށް ބަލާއިރު މުޙައްމަދު ބިން ގާސިމް އައްޘަގަފީގެ ވެރިކަމުގެ ދަށުން ކާބުލްއާއި، ސިންދުގެ ރަށްތައް ފަތަހަ ކުރެއްވިއެވެ. ޤުޠައިބާ ބިން މުސްލިމްގެ ވެރިކަމުގެ ދަށުން ސަމަރުގަންދު، ބުޚާރީ، ޚަވާރިޒަމް، އަދި ޠަޝްޤަންދު ފަދަ ރަށްތައް ފަތަހަ ކުރެއްވި އެވެ. ޤުޠައިބާ ބިން މުސްލިމް އޭނާގެ ލަޝްކަރާއިގެން ސީނުކަރަ (ޗައިނާ) އަށް ވަޑައިގެން އެތާގެ ރަސްގެފާނުއާއި ވާހަކަ ދައްކައިގެން ކޮންމެ އަހަރަކު މުސްލިމުންނަށް ޖިޒީ ދެއްވުމަށް ހަމަޖެއްސެވިއެވެ.

ޔޫރަޕަށް ބަލާއިރު ޠާރިޤު ބިން ޒިޔާދުގެ ވެރިކަމުގެ ދަށުގައި މުސްލިމުންގެ ލަޝްކަރު ސްޕެއިން އަށް ވާސިލްވެ، ''ވާދީ ލަކަތު''އޭ ކިޔުނު ހަގުރާމައިގައި އަންދަލުސްއާއި ޤުރުޠުބާ ފަތަހަ ކުރެއްވިއެވެ. އެއަށްފަހު މޫސާ ބިން ނަޞީރުގެ ވެރިކަމުގެ ދަށުގައި އަޝްބީލިއްޔާ ފަތަހަ ކުރެއްވިއެވެ. ''ބަލާޠުއް ޝުހަދާއު'' އޭ ކިޔުނު ހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވި ޢަބުދުއްރަޙުމާނުލް ޣާފިޤީ އަވަހާރަވުމަށް ފަހު ވެސް ޔޫރަޕުގައި ކުރިއަށް ދިޔަ އިސްލާމީ ފުތޫހާތު ތަކަށް ބަދަލެއް ނާދެއެވެ، އެއަށް ފަހު ވެސް ފްރާންސް އާއި ސްވިޒްލޭންޑްގެ ބައެއް ބިންތައް ފަތަހަކޮށް އެބިންތަކަށް މުސްލިމުން ވެރިވިއެވެ.

އެފްރިކާއަށް ނިސްބަތްކުރާ އިރު ޢުޤުބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން އުތުރު އެފްރިކާގެ ހުރިހާ ހިސާބުތަކެއް ފަތަހަކޮށް، އެފްރިކާގެ ހުޅަގުބިތުގައި އެޓްލާންޓިކް ކަނޑުގެ އައްސޭރި ފަށުގައިވާ ބިންތައް ވެސް ފަތަހަކުރެއްވިއެވެ. ޢުޤުބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން ހިގާ ދިޔަ މުހިއްމު ހަގުރާމަ ތަކުގެ ތެރެއިން ''ޤައިރަވާން''ގައި ހިގާދިޔަ ''މަމްސް'' އޭ ކިޔުނު ހަގުރާމަ ފާހަގަކޮށްލެވެއެވެ.

މިބުނި ފުތޫހާތުތައް ނުވަތަ ހަގުރާމަތަކަކީ ހަގުރާމައެއްގެ ޒާތުގައި ބިން ނުވަތަ މުދާތަކެއް ހޯދުމުގެ ބޭނުމުގައި ކުރެވުނު ހަގުރާމަތަކެއް ނޫނެވެ. އެކަމަކު އެއީ އިސްލާމީ ރޫހުގައި އިސްލާމްދީނަށްޓަކައި އެދީނުގެ ނަން މަތިވެރިކޮށް އެދީން ފެތުރުމަށް ކުރެވުނު އަދުލުވެރި ހަގުރާމަތަކެކެވެ.

އުމަވީ ދައުލަތުގެ ދުވަސްވަރު މުސްލިމުން ކާމިޔާބު ހޯދީ ހަމައެކަނި އަސްކަރީ ހަގުރާމަތަކުގައެއް ނޫނެވެ. އިސްލާމްދީނަކީ ހުރިހާ ދާއިރާއެއް ޝާމިލްވާ ގޮތަށް މަސައްކަތް ކުރުމަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނަށްޓަކައި ޖިހާދުކުރުމަކީ މާތްމަތިވެރި، އަމަލަކަށް ވީހިނދު އިލްމަށް ވެސް ޚާއްޞަ މަގާމެއް އިސްލާމްދީނުގައި ދެވިފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ޚާއްޞަކޮށް އުމަވީން އިލްމް ފެތުރުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން އެދުވަސްވަރު އިލްމީ މަރުކަޒުތައް މައްކާ،މަދީނާ، ބަޞަރާ، ކޫފާ، ދިމިޝްޤު، އިސްކަންދަރިއްޔާ، އަދި ފުސްޠާޠު ފަދަ ރަށްތަކުގައި ގާއިމް ކުރެއްވިއެވެ.

މިގޮތުން ޤުރުއާނުގެ އިލްމު މައްކާއާއި މަދީނާއިން ފާޅުވިއެވެ. އަދި އަރަބި ބަހުގެ ގަވާޢިދު އުފެދިގެން އައީ ވެސް މައްކާއާއި މަދީނާއިންނެވެ. އެންމެ ފުރަތަމަ ޢަރަބި ބަހުގެ އިލްމްގެ ގަވާއިދުތައް އެކުލަވާލީ އުމަވީ ދައުލަތުގެ ދުވަސްވަރުގެ އަބުލް އަސްވަދުއް ދުއަލީ އެވެ. އެއަށް ފަހު ބަޞަރާގައި މިބުނި ޢިލްމް ކުރިއަށް ގެންދެވުމުގައި ނުވަތަ ފެތުރެއްވުމުގައި ޔަހުޔާ ބިން ޔައުމުރު އައްނަޙްވީ، އަދި ޚަލީލު ބިން އަޙުމަދު އަލް ފަރާހީދީ ހަރަކާތްތެރި ވެފައިވެއެވެ.

ޙަދީޘްގެ ޢިލްމް ބަލަހައްޓައި ދެމެހެއްޓުމުގައި މާލިކް ބިން އަނަސް އާއި މުޙައްމަދު ބިން މުސްލިމް ޝިހާބުއްދީން އައްޒަހްރީ ހަރަކާތްތެރިވެފައިވެއެވެ، މިބުނި މީހުންނަކީ އަބީ ސަޢީދުލް ޚަދްރީ އާއި ، އަބޫ ހުރައިރާގެ އަރިހުން ހަދީޘްގެ ޢިލްމު ލިބިގަނެގެން ތިބި ބޭފުޅުންނެވެ.

ތަފުސީރުގެ އިލްމަށް ބަލާއިރު ޢަބުދުﷲ ބިން ޢައްބާސް، ސަޢީދު ބިން ޖަބީރު، މުޖާހިދު ބިން ޖަބީރު، ޢިކްރިމާ ބިން ޢަބުދުﷲ، ޠާއޫސް ބިން ކައިސާން، ޢަޠާއު ބިން އަބީ ރިބާޙު، އަދި މުޙައްމަދު ބިން ކަޢުބު ބިން އަލް ޤުރަޟީ ފަދަ ބޭފުޅުން ފާހަގަ ކޮށްލެވެއެވެ.

ދީނީ އިލްމުގެ އިތުރުން އެހެނިހެން އިލްމުތަކަށް ސަމާލުކަމެއް އުމަވީންގެ ދުވަސްވަރު ދީފައިވެއެވެ. އެދުވަސްވަރު ވަހްބާ ބިން މުނައްބަހް، ޢުރުވަތު ބިން ޒުބައިރު ބިން ޢައްވާމް، އަދި މުޙައްމަދު ބިން ޝިހާބު އައްޒުހަރީ ފަދަ ބޭބޭފުޅުން ތާރީޚުގެ އިލްމް ދެމެހެއްޓުމުގައި މަސައްކަތް ކުރެއްވިއެވެ.

ކެމިސްޓްރީގެ އިލްމް ނުވަތަ ކީމިޔާ އޭގެ އިލްމީ މަފުހޫމްގައި ފާހަގަވެގެން ދިޔައެވެ. ކެމިސްޓްރީގެ އިލްމް ފާޅުކުރެއްވުމުގައި އުމަވީންގެ އަމީރެއްކަމުގައިވާ ޚާލިދު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާން މުހިއްމު ދައުރެއް ކުޅެފައިވެއެވެ. އިސްކަންދަރިއްޔާ އާއި ޖިދީސާޕޫރު ފަދަ ރަށްތައް ކެމިސްޓްރީގެ އިލްމުގައި ކުރިއަރައި ދިޔައެވެ.

ދިމިޝްޤު އަދި އިސްކަންދަރިއްޔާގައި ތަރުޖަމާގެ ޢިލްމް ކުރިއަރައި ދިޔައެވެ. އެދުވަސްވަރު މަޝހޫރު ތަރުޖަމާކުރައްވާ ބޭފުޅުންގެ ތެރޭގައި ޙައްސާން ބިން އަބީ ސިނާން ފާހަގަކޮށް ލެވެއެވެ. ޙައްސާނު ބިން އަބީ ސިނާން އަކީ އަރަބިބަހާއި ފާރިސީބަސް އަދި ސިރިޔާނީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

އިލްމުގެ އިތުރުން ވެސް ވަރަށް ގިނަކަންތައްތަކަށް އުމަވީ ދައުލަތުގެ ދުވަސްވަރު އަހައްމިއްޔަތު ކަން ދީފައިވެއެވެ. އޭގެތެރޭގައި ސިފައިންގެ އެކި ބައިތައް އުފެއްދެވުމާއި، އާގުބޯޓު އުފެއްދުމާއި، ކަރުދާސް އުފެއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕޯސްޓްގެ ނިޒާމް ގާއިމުކުރައްވައި ތައްގަނޑުގެ ބޭނުންކުރަން ފެށިއެވެ.

ވަރަށް ގިނަ ފަންނުތައް ވެސް އުމަވީ ދައުލަތުގެ ދުވަސްވަރު ކުރިއަރައިގެން ގޮސްފައި ވެއެވެ. ލަކުނޑިއާއި ފޭރާމުގެ ކުރެހުން އެޅުމުގެ ފަންނު އުމަވީންގެ ދުވަސްވަރު ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައިވެއެވެ. މިސްކިތްތަކުގެ މުންނާރުތަކާއި ތަބުތަކުން ފެށިގެން ގޮސް ރަށްތަކުގެ ގޭޓްތަކާއި، ބަގީޗާތަކުގެ ގޭޓުތަކުން ވެސް މިބުނި ފަންނުގެ އަސަރު ފެންނަށް އެބަހުއްޓެވެ. ''ރަހާ'' އަދި ''ޙަލްބު'' ފަދަ ރަށްތަކަކީ މިކަމުގެ އަސަރު ފެންނަށް ހުރި ނަމޫނާ ރަށްތަކެވެ. ގުދުސްގައިވާ މަސްޖިދުލް އަޤްޞާގެ ލަނކުޑި ތަބުތަކުން މިކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ. ތޫނިސްގައި ޙައްސާން ބިން ނުޢުމާން ބިނާކުރެއްވި ޒައިތޫނާ އޭ ކިޔުނު މިސްކިތުން ވެސް މިފަންނުތަކުގެ އަސަރު އަދި ވެސް ފެންނަށް އެބަހުއްޓެވެ. ހަމަމިހެން ޤައިރަވާންގެ ބޮޑު މިސްކިތުގެ މުންނާރަކީ މިހާރު ފެންނަށް ހުރި މިފަދަ ފަންނުތައް ދޭހަކޮށްދޭ ރަގަޅު ނަމޫނާއެކެވެ.

 

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.