އާދީއްތަ20200531

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް އުމަވީ ދައުލަތުގެ ދުވަސްވަރު ފާހަގަކުރެވޭ ބައެއް ރަށްތައް

އުމަވީ ދައުލަތުގެ ދުވަސްވަރު ފާހަގަކުރެވޭ ބައެއް ރަށްތައް

umavee-rahtha1- މައްކާ ( ސައޫދީ އަރަބިއްޔާ ) މުސްލިމުންގެ އެންމެ މުޤައްދަސް އެއްރަށްކަމުގައިވާ މައްކާ އޮންނަނީ ސަޢޫދީ އަރަބިއްޔާގައެވެ. ޙިޖާޒުގެ ވެރިރަށްކަމުގައިވާ މައްކަތުލް މުކައްރަމާ ނުވަތަ މައްކާގެ ނަން ކީރިތި ގުރުއާނުގައި ''ބައްކާ'' އަދި ''އުއްމުލް ޤުރާ'' މިދެގޮތަށް ބަޔާންކުރައްވާފައި ވެއެވެ.

- ރަތްކަނޑާއި 80ކިލޯމީޓަރ ދުރުމިނުގައި އޮންނަ މައްކާގައި ގާތްގަނޑަކަށް 400 ހާސް މީހުން ދިރިއުޅެއެވެ. ހައްޖުމު މޫސުމުގައި ގާތްގަނޑަކަށް ދޮޅުމިލިޔަން މުސްލިމުން މައްކާގެ ބިމަށް އެއްވާ ކަމުގައި ބުނެވެއެވެ. މިއީ އަރަބިންގެ ޘަޤާފީ އަދި ވިޔަފާރީގެ މުހިއްމު މަރުކަޒެކެވެ.

- މައްކާ އަށް ވާރޭ ވެހެނީ ވަރަށް މަދުންނެވެ. އެއްގޮތަކަށް ވެސް ވާރޭ ނުވެހި 4 އަހަރު ފާއިތުވެފައި ވެސް އެބަހުރިއެވެ. ބައެއް ފިނިމޫސުން ތަކުގައި ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ.

- މައްކާއަކީ އެންމެ ގަދީމީ އެއްރަށެވެ. މައްކާގެ ތާރީޚަށް ބަލާއިރު އާދަމްގެ ފާނު މައްކާ ވަޑައިގެންނެވި ކަމަށް ބުނެވެއެވެ. އިބްރާހީމްގެ ފާނު ދިރިއުޅުއްވީ މައްކާގައެވެ. ދަރިކަލުން އިސްމާޢީލްގެ ފާނާއި އެކު މައްކާގައި ގެފުޅު ނުވަތަ ''ކައުބަތުﷲ'' ބިނާކުރެއްވުމަށް މާތް ﷲ އަމުރުކުރެއްވިއެވެ.

- އިސްލާމްދީން މައްކާއިން ޝާމްގެ ރަށްތަކާއި، މަޣުރިބު، މިޞްރު، އަދި އެހެނިހެން ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

- ކީރިތި ރަސޫލާ މުޝްރިކުންގެ އުދަގޫ ތަކުގެ ސަބަބުން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވި އެވެ. އެއަށް ފަހު ހިޖުރައިން 8ވަނަ އަހަރުގައި އެބުރި މައްކާއަށް ވަޑައިގެން މައްކާ ފަތަހަ ކުރެއްވިއެވެ.

- މީލާދީން 1917 ވަނަ އަހަރުގައި އޭރު މައްކާގެ އަމީރު ''ޙުސައިން ބިން ޢަލީ'' މިނިވަންކަން މައްކާގައި އިޢުލާންކުރެއްވިއެވެ. އެއަށް ފަހު ''ސުޢޫދު ދަރިކޮޅު''ގެ ދައުރު މައްކާގައި ފެށިގެން އައެވެ. އެއާއެކު މިހާރުވެސް ސައޫދީ އަރަބިއްޔާގައި އޮތް ރަސްކަން އިޢުލާންކުރެވިގެން ދިޔައެވެ.

މައްކާގެ މުހިއްމު ބައެއް އާޘާރުތައް:

1- މަސްޖިދުލް ޙަރާމް

ކަޢުބަތުﷲ ގެފުޅު ހުންނަނީ މިމިސްކިތުގެ ތެރޭގައެވެ. މިސްކިތުގެ އެއްކަނެއްގައި ހަޖަރުލް އަސްވަދު ވެއެވެ. މިސްކިތުގެ އިރުމަތީ ފަރާތުގައި ޒަމްޒަމް ފެންވަޅާއި، ''ޤުއްބާ އަލްއައްބާސް'' ވެއެވެ. މަސްޖިދުލް ހަރާމް ބިނާކުރެއްވުމަށް ފަހު މިއަދާއި ހަމައަށް އެތައްފަހަރަކު މިސްކިތުގެ ޖާގަ ބޮޑުކުރެވިފައިވެއެވެ. މިހާރު މިސްކިތުގެ އުސްމިނުގައި 24މީޓަރު ހުރެއެވެ.

2- ކަޢުބާ ނުވަތަ ގެފުޅު

ގެފުޅު ހުންނަނީ މަސްޖިދުލް ޙަރާމްގެ މެދުގައެވެ. ދިގުމިނުގައި 40ފޫޓު، ފުޅާމިނުގައި 35ފޫޓު ހުންނަ ގެފުޅުގެ އުސްމިނުގައި 50ފޫޓު ހުރެއެވެ. ކައުބާ ނުވަތަ ގެފުޅު ބިނާކުރެއްވީ އިބްރާހީމްގެ ފާނުއާއި ދަރިކަލުން އިސްމާޢީލް ގެ ފާނުއެވެ.

3- އިބްރާހީމްގެ ފާނުގެ މަގާމުކޮޅު

މިމަގާމުކޮޅު ހުންނަނީ މަސްޖިދުލް ހަރާމްގެ ތެރޭގައި ގެފުޅާއި ކައިރި ހިސާބެއްގައެވެ. މިތަން ހަދާފައިވަނީ މުޅިން ރަން ބޭނުންކޮށްގެންނެވެ.

4- އަރަފާތު ފަރުބަދަ

އަރަފާތު ދުވަހު ހައްޖުވެރިން މަޑުކޮށްތިބެނީ މިފަރުބަދައާއި އަދި އޭގެ ވަށައިގެންވީ ބިމުގައެވެ. އަރަފާތުގެ ބިމުގައި މަޑުކޮށްލުމަކީ ހައްޖުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.

5- ޙިރާއު ފަރުބަދައިގެ ހޮހަޅަ

ފާޅުގައި އިސްލާމްދީނަށް ގޮވާލެއްވުމަށް ފެއްޓެވުމުގެ ކުރިން ކީރިތި ރަސޫލާ ގިނިކަންޏާއި މިހޮހަޅައިގައި އަޅުކަންކުރެއްވުމުގައި ހޭދަކުރެއްވިއެވެ.

6- ޘައުރު ފަރުބަދައިގެ ހޮހަޅަ

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީގައި އަބޫބަކުރުގެ ފާނުއާއި އެކު މުޝްރިކުންނަށް ފިލާވަޑައިގަތުމުގެ ގޮތުން މަޑުކޮށްލެއްވީ މިހޮހަޅައިގެ ތެރޭގައެވެ.

2- މަދީނާ ( ސައޫދީ އަރަބިއްޔާ )

- މަދީނާއަކީ ވެސް ސައުދީ އަރަބިއްޔާގައިވާ މުސްލިމުންގެ މުގައްދަސް ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މަދީނާ އޮންނަނީ ކަނޑުގެ ސަތަހައަށް ވުރެ 600މީޓަރު އުހުގައެވެ.

- މަދީނާއަށް އިސްލާމްދީން ވާސިލްވީ ކީރިތި ރަސޫލާގެ ދުވަސްވަރު ''މުޞްޢަބު ބިން ޢުމައިރު'' އިސްލާމީ ފުރަތަމަ ސަފީރުގެ ގޮތުގައި މަދީނާއަށް ވަޑައިގަތް މަދީނާގެ އަހުލުވެރިންނަށް އިސްލާމްދީނަށް ވަނުމަށް ގޮވާލުމުންނެވެ. އެހިނދު މަދީނާގެ ވަރަށް ގިނަބަޔަކު އިސްލާމްދީން ޚިޔާރުކުރި އެވެ.

- ކީރިތި ރަސޫލާގެ އަމުރު ފުޅަށް މީލާދީން 622 ވަނަ އަހަރު ވަރަށް ގިނަ ޞަޙާބީން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އެއީ މުޝްރިކުންގެ އުދަގޫތަކާއި، އަނިޔާތަކުގެ ސަބަބުން މައްކާގައި މުސްލިމުންނަށް އުޅެން ދަތިވުމުންނެވެ. އޭގެ 10ދުވަސް ފަހުން ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެއީ މީލާދީން 622ވަނަ އަހަރުގެ ޖުލައި މަހުގެ 2 ދުވަހުއެވެ. ކީރިތި ރަސޫލާ ފުރަތަމަ މަޑުކޮށްލެއްވީ މަދީނާގެ ރަށްބޭރުގައި އޮންނަ އަވަށެއްކަމުގައިވާ ''ޤުބާއު'' ގައެވެ. ޤުބާއު ގައި 5ދުވަހު މަޑުކޮށްލެއްވުމަށް ފަހު މަދީނާގެ މީހުންއުޅޭ ހިސާބަށް ވަޑައިގަތެވެ. މަދީނާގެ އަހުލުވެރިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ކީރިތި ރަސޫލާއަށް އެދުވަހު ލިބިވަޑައިގެންނެވިއެވެ. މަދީނާގައި ކީރިތި ރަސޫލާ މަޑުކޮށްލެއްވީ ''އަބީ އައްޔޫބުލް އަންޞާރީ''ގެ ގެކޮޅުގައެވެ.

- ކީރިތި ރަސޫލާގެ ދުވަސްވަރު ހިގި ބައެއް ހަގުރާމަ ތަކުގެ ތެރެއިން ބަދުރު، އުޙުދު، އަދި ޚަންދަޤު ހަގުރާމަ ފަދަ ހަގުރާމަ ތަކަށް މުސްލިމުންގެ ލަޝްކަރު ނިކުމެފައިވަނީ މަދީނާއިންނެވެ.

- 4ޚަލީފާއިންގެ ޚަލީފާ ކަމުގެ ދުވަސްވަރު އިސްލާމީ ދައުލަތުގެ ވެރިކަން ހިންގީ މަދީނާގައެވެ. ނަމަވެސް އުމަވީ ދައުލަތް އުފެދުމަށް ފަހު މުޢާވިޔަތު ބިން އަބީ ސުފްޔާން އިސްލާމީ ޚިލާފަތު ޝާމުކަރަ އަށް ބަދަލު ކުރެއްވިއެވެ.

- މަދީނާގައިވާ މަސްޖިދުއް ނަބަވީ އަށް ވަނީ އިސްލާމީ އެކި ދައުލަތްތަކުގެ ވެރިކަމުގައި ތަފާތު ބަދަލުތައް އައިސްފައެވެ. މިގޮތުން އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 91 ވަނަ އަހަރު މަސްޖިދުއް ނަބަވީ ބޮޑުކުރެވިފައި ވެއެވެ. އެފަހަރު ދެކުނުފަރާތަށް 83މީޓަރު، އުތުރު ފަރާތަށް 67.5މީޓަރު އަދި އިރުމައްޗާއި ހުޅަގު ފަރާތުންކުރެ ކޮންމެ ފަރާތަކަށް 100މީޓަރު އިތުރު ކުރެވުނެވެ.

- ޢައްބާސީ ދައުލަތުގެ ދުވަސްވަރު ޚަލީފާ ''މަހުދީ''ގެ ވެރިކަމުގައި އުތުރުފަރާތަށް 27.5މީޓަރު އިތުރު ކުރެވުނެވެ.

- ހިޖުރައިން 654ވަނަ އަހަރު މަސްޖިދުއް ނަބަވީގައި އަލިފާނުގެ ހާދިސާއެއް ހިގާފައިވެއެވެ. ބުނެވޭގޮތުގައި އެފަހަރުގެ މިސްކިތުގެ ވަރަށް ބޮޑުބައެއް އަދައިގެން ގޮސްފައިވެއެވެ.

- މިޞްރުގެ ވެރިކަމަށް ''އައްޡާހިރު ބައިބަރަސް'' އިސްވުމަށް ފަހު މިސްރުންނާއި އިސްލާމީ ދުނިޔެއިން ފަންނީ މީހުން މަސްޖިދުއްނަބަވީ މަރާމާތުކޮށް އަލުން ބިނާކުރުމަށް ފޮނުއްވިއެވެ.

- ހިޖުރައިން 886ވަނަ އަހަރުވެސް މަސްޖިދުއްނަބަވީ ގައި ހުޅުރޯވެ، މިންބަރާއި، ބައެއް ފޮތްތަކާއި މުސްހަފުތައް އަދައިގެން ގޮސްފައިވެއެވެ.

- ހިޖުރައިން 888ވަނަ އަހަރު މިސްރުގެ ވެރިއަކަށް ހުންނެވި ''ޤައިތުބާއީ'' އަލްއަމީރު ''ސަންގަރު އަލް ޖަމާލީ'' މަދީނާއަށް ފަންނީ މީހުންނާއި، ތަކެއްޗާއި އެކު މަސްޖިދުއް ނަބަވީ މަރާމާތުކުރުމަށް ފޮނުއްވެވިއެވެ. އެފަހަރު ކީރިތި ރަސޫލާގެ ކޮޓަރިކޮޅުގެ މަތީގައި ފުރަތަމަ ފަހަރަށް ގުއްބު ހެދުނެވެ. އެފަހަރު ބޮޑުކޮށް ނިމުނު އިރު މިސްކިތުގެ ބޮޑުމިނުގައި 9010 އަކަމީޓަރު ހުއްޓެވެ.

- އުޘްމާނީ ޚިލާފަތުގައި ވެސް މަސްޖިދުއް ނަބަވީ ބޮޑުކުރެވިފައިވެއެވެ. އެފަހަރު އިތުރުކުރެވުނު ބަޔާއި އޭރު މިސްކިތުގެ ބޮޑުމިނުގައި   10303 އަކަމީޓަރު ހުއްޓެވެ.

- ހިޖުރައިން 1370ވަނަ އަހަރުގެ ޝައްވާލު މަހުގައި އޭރުގެ ސައޫދީ ރަސްކަމުގައި ހުންނެވި ''ޢަބުދުލް ޢަޒީޒު އާލް ސުޢޫދު'' ގެ ވެރިކަމުގައި މަސްޖިދުއް ނަބަވީ ބޮޑުކުރުމުގެ މަސައްކަތް ކުރެވުނެވެ. އެފަހަރު 12271މީޓަރުގެ ބޮޑުމިން މަސްޖިދުއް ނަބަވީ އަށް އިތުރުކުރެވުނެވެ.

- ހިޖުރައިން 1406 ވަނަ އަހަރު ''ފަހުދު ބިން އަބުދުލް ޢަޒީޒު އާލް ސުޢޫދުު''ގެ ވެރިކަމުގައި މަސްޖިދުއް ނަބަވީ އަށް 000،82 އަކަމީޓަރުގެ ބޮޑުމިން އިތުރު ކުރެވުނެވެ.

 މަދީނާގައިވާ މުހިއްމު އާޘާރުތައް:

1- ޤުބާ މިސްކިތް

މިއީ ކީރިތި ރަސޫލާ އެންމެ ފުރަތަމަ ބިނާކުރެއްވި މިސްކިތެވެ. މިމިސްކިތް ބިނާކުރެއްވީ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީގައި ޤުބާގައި މަޑުކޮށްލި ދުވަސްތަކުގެ ތެރޭގައެވެ.

2- މަސްޖިދުއް ނަބަވީ

މަސްޖިދުއް ނަބަވީ ބިނާކުރެއްވީ ކީރިތި ރަސޫލާއެވެ. ކީރިތި ރަސޫލާގެ އިތުރުން އަބޫބަކުރުގެ ފާނުއާއި ، ޢުމަރުގެ ފާނު ފަސްދާނުފުޅު ވެޑުވިފައިވަނީ މިމިސްކިތުގެ ތެރޭގައެވެ.

3- ބަޤީޢު

މިއީ ވަރަށް ގިނަ އަޞްޙާބީން ފަސްދާނު ލެވިފައިވާ ތަނެކެވެ.

3- ކޫފާ ( އިރާގު )

- ކޫފާ އޮންނަނީ އިރާގުގައިވާ ފުރާތު ކޯރުގެ އައްސޭރީގައެވެ. ކޫފާގެ އުތުރުން އޮންނަނީ އިރާގުގެ ވެރިރަށް ބަޣުދާދު އެވެ. އިރުދެކުނުން އޮންނަނީ ބަޞަރާ އެވެ.

- ކޫފާ ބިނާކުރެވުނީ ހިޖުރައިން 17ވަނަ އަހަރުގައެވެ. މިރަށް ބިނާކުރެއްވީ އުމަރުގެ ފާނުގެ އަމުރުފުޅަށް ސަޢުދު ބިން އަބީ ވައްޤާޞް އެވެ.

- ފާރިސްކަރައިގެ ރަށްތަކާއި. ''ޚަރާސާން'' ފަދަ ރަށްތައް ފަތަހަކުރެއްވުމަށް އިސްލާމީ ލަޝްކަރު ނިކުމެފައިވަނީ ކޫފާގެ ބިމުންނެވެ.

- ހިޖުރައިން 75ވަނަ އަހަރު ''ޙުއްޖާޖު ބިން ޔޫސުފު އައްޘަޤަފީ'' އިރާގުގެ ވެރިކަމަށް އިސްވުމަށް ފަހު ކޫފާއާއި، ބަޞަރާ ކައިރީގައި ހަގުރާމައިގައި ބޭނުންކުރެވޭ ބޭސްއެއްގެ ގޮތުގައި ''ވާސިޠު'' އޭ ކިޔޭ ރަށެއް ބިނާކުރެއްވި އެވެ.

- ކޫފާ ވަނީ ފިޤުހު އިލްމުގައި ކުރިއަރައިގެން ގޮސްފައެވެ. އަލް އިމާމް އަބޫ ޙަނީފާ އައްނުޢުމާން އަކީ ކޫފާގެ ފިޤުހު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

- ކޫފާގެ އާޘާރުތަކުގެ ތެރެއިން މިހާރު ފެންނަށް ހުރީ ހިޖުރައިން 17ވަނަ އަހަރު ބިނާކުރެވުނު ''އަލް މަސްޖިދުލް ޖާމިޢު'' އެވެ.

4- ބަޞަރާ ( އިރާގު )

- ބަޞަރާ އޮންނަނީ އިރާގުގައި ވެރިރަށް ބަޣުދާދު އާއި 300މޭލު ދުރުމިނުގައި ފުރާތު ކޯރާއި، ދިޖުލާ ކޯރުގެ އައްސޭރި އަށް ވާގޮތަށެވެ.

- ބަޞަރާ ބިނާކުރެއްވީ އުމަރުގެ ފާނުގެ އަމުރުފުޅަށް ހިޖުރައިން 16ވަނަ އަހަރުގައި ''ޢުތުބާ ބިން ޣަޒުވާން'' އެވެ.

- ޢުމަރުގެ ފާނުގެ ޚިލާފަތުގައި ޢުތުބާ ބިން ޣަޒުވާން އަވަހާރަވުމުން ދެން ވެރިކަމަށް އިސްކުރެއްވީ ''އަލްމުޣީރާ ބިން ޝުޢުބާ'' އެވެ. އެއަށް މުޣީރާ ވެރިކަމުން ދުރުކޮށް ''އަބޫ މޫސާ އަލްއަޝްޢަރީ'' ވެރިކަމަށް އިސްކުރެއްވިއެވެ.

- ޢުޘްމާނުގެ ފާނުގެ ޚިލާފަތުގައި ''އަބޫ މޫސާ އަލްއަޝްޢަރީ'' ބަޞަރާގެ ވެރިކަމުން ދުރުކޮށް އެމަގާމަށް އުޘްމާނުގެ ފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ''ޢަބުދުﷲ ބިން ޢާމިރު'' އިސްކުރެއްވިއެވެ.

- އުމަވީ ދައުލަތުގެ ދުވަސްވަރުގައި ވެސް ބަޞަރާއަށް ޚާއްސަ އަހައްމިއްޔަތެއް އެކި ޚަލީފާއިން ދެއްވާފައި ވެއެވެ. އެއީ ބަޞަރާ އޮންނަ ތަނުގެ ގޮތުންނެވެ.

- ޢައްބާސީ ދައުލަތުގެ ދުވަސްވަރު ވިޔަފާރީގެ މުހިއްމު މަރުކަޒެއްގެ ގޮތުގައި ބަޞަރާ ވިއެވެ.

- ބަޞަރާގެ ތާރީޚުގައި އެކި ދުވަސްވަރު ބަޞަރާއަށް އިންގިލާބުތައް ގެނެވިފައިވެއެވެ. މިގޮތުން ހިޖުރައިން 257ވަނަ އަހަރު ގެނެވުނު ''ޒަންޖު އިންގިލާބު'' އާއި، ހިޖުރައިން 311ވަނަ އަހަރު ''ޤަރާމިޠާ'' އިން ބަޞަރާއަށް ދިން ހަމަލަ ފާހަގަކޮށްލެވެއެވެ.

- ހިޖުރައިން 656ވަނަ އަހަރު ''މުޣޫލު'' ބަޞަރާއަށް ހަމަލާދީ އިމާރާތްތައް ހަލާކުކޮށް އަންދާލި އެވެ.

- ހިޖުރައިން 941 ވަނަ އަހަރު ތުރުކީންގެ އަތްދަށަށް ބަޞަރާ ދިޔައެވެ. އެއަށް ފަހު ހިޖުރައިން 1190ވަނަ އަހަރު ފާރިސީންގެ އަތްދަށަށް ބަޞަރާ ދިޔައެވެ.

- ހިޖުރައިން 1193 ވަނަ އަހަރު ފާރިސީން ބަޞަރާއިން ބޭރުކޮށްލެވުނެވެ. އެއަށް ފަހު ފުރަތަމަ ބޮޑު ހަގުރާމައާއި ޖެހެންދެން ބަޞަރާ އޮތީ ތުރުކީންގެ ބާރުގެ ދަށުގައެވެ.

- ފުރަތަމަ ބޮޑުހަގުރާމައިގެ ކުރީކޮޅު ބަޞަރާއަށް އިގިރޭސީން ވެރިވިއެވެ. ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު ހަގުރާމައިގެ ބޭސްއެއްގެ ގޮތުގައި ބަޞަރާ ބޭނުންކުރެވުނެވެ. ރޫސީވިލާތަށް ޕެޓްރޯލް އެދުވަސްވަރު ފޮނުވުނީ ބަޞަރާ އިންނެވެ.

- ބަޞަރާގައި ވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ހިޖުރައިން 16ވަނަ އަހަރު ބިނާކުރެވުނު ''މަސްޖިދު އަބޫ މޫސާ އަލްއަޝްޢަރީ'' އާއި ، ބަޞަރާގައިވާ އެންމެ ބޮޑުމިސްކިތް ''ޖާމިޢުލް މަޤާމު'' ފާހަގަކުރެވެއެވެ.

5- ޤުދުސް ( ފަލަސްތީނު )

- ޤުދުސް އޮންނަނީ ފަލަސްތީނުގައެވެ. ވަށައިގެން ވާދީތައް ވާ ޤުދުސްގެ ބޮޑުމިނުގައި 19.331 އަކަކިލޯމީޓަރު ހުރެއެވެ.

- ޤުދުސް އަށް ''އައުރު ޝަލީމް'' އޭ ވެސް ކިޔެއެވެ. މީލާދީގެ 1000އަހަރު ކުރިން ދާއޫދުގެ ފާނު ޤުދުސްއަށް ވެދެވަޑައިގަތެވެ. މީލާދީގެ 975 އަހަރު ކުރިން ސުލައިމާނުގެ ފާނުގެ ''ހައިކަލް'' ޤުދުސްގައި ބިނާކުރެއްވިއެވެ. އެއާގުޅިގެން ''މަދީނަތުލް މުޤައްދަސާ'' އޭ ކިޔުނެވެ.

- ޤުދުސް ފަތަހަ ކުރެއްވީ ހިޖުރައިން 16ވަނަ އަހަރުގައި ޢުމަރުގެ ފާނުއެވެ.

- އުމަވީންނާއި، ޢައްބާސީންނާއި، އަދި ފާޠިމީންގެ ދުވަސްވަރު ޤުދުސްއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މިސްކިތްތައް ބިނާކުރެއްވިއެވެ.

- މީލާދީން 1099 ވަނަ އަހަރުގައި ޤުދުސް ޞަލީބީންގެ އަތްދަށަށް ދިޔައެވެ. އެއަށްފަހު މީލާދީން 1187ވަނަ އަހަރު ޞަލާހުއްދީނުލް އައްޔޫބީ ޤުދުސް ''ޙިއްޠީން'' ހަގުރާމައިގައި މިނިވަންކުރަންދެން ޤުދުސް އޮތީ ޞަލީބީންގެ ބާރުގެ ދަށުގައެވެ.

- މީލާދީން 1262ވަނަ އަހަރު މިސްރުގެ ވެރިކަމުގައި ހުންނެވި ''ބައިބަރަސް'' ޤުދުސްއަށް ވަޑައިގެންނެވި އެވެ.

- ޝާމްކަރައިގައި ކުރެވުނު ''މަރަޖު ދާބިޤު'' އޭ ކިޔުނު ހަގުރާމައަށް ފަހު ޤުދުސް ޢުޘްމާނީންގެ އަތްދަށަށް ދިޔައެވެ. ޢުޘްމާނީންގެ ދުވަސްވަރު ޤުދުސްއަކީ މުހިއްމު ރަށެއްކަމުގައި ބެލެވުނެވެ.

- ޔޫރަޕުގެ ގައުމުތަކުން ޔަހޫދީންނަށް ޤުދުސްއަށް ހިޖުރަކުރުމަށް އެހީތެރިވެދިނެވެ. ނަމަވެސް ޢުޘްމާނީން އެކަމާއި ދެކޮޅުހައްދަވައި، ޤުދުސްއަށް ޔަހޫދީން ހިޖުރަކުރުން މަނާކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އޭރު ގުދުސްގައި ތިބި ޔަހޫދީންތައް ޤުދުސް އިން ފައްސާ ބޭރުކޮށްލެވުނެވެ.

- މީލާދީން 1918ގައި ފުރަތަމަ ބޮޑުހަގުރާމަ ނިމުމަށްފަހު ޤުދުސްއާއި، ފަލަސްތީނުގެ އެހެން ރަށްތައް ދިޔައީ އިގިރޭސީންގެ އަތްދަށަށެވެ. އެއާއި ގުޅިގެން ޤުދުސްއާއި ފަލަސްތީނުގެ ރަށްތަކަށް ޔަހޫދީން ހިޖުރަ ކުރާ މިންވަރު އިތުރުވެގެން ދިޔައެވެ.

- 1948ގައި ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރިއެވެ. އެއާއި ވިދިގެން ޤުދުސް ދެބަޔަކަށް ބަހާލެވުނެވެ.

- 1967ގައި މުޅި ޤުދުސް އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ދިޔައެވެ.

- ޤުދުސްގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި މުސްލިމުންގެ ފުރަތަމަ ޤިބުލާކަމުގައިވާ މަސްޖިދުލް އަޤްޞާއާއި، އުމަވީ ދައުލަތުގެ ޚަލީފާ ޢަބުދުލް މަލިކް ބިން މަރުވާން ބިނާކުރުމަށް އަމުރުކުރެއްވި '' މަސްޖިދު ޤުއްބަތިއް ޞަޚްރާއު''އާއި، މީލާދީން 1517ވަނަ އަހަރު ބިނާކުރެވުނު ''މަސްޖިދު އައްޠޫރު'' އާއި، ''އަލް އަފުޟުލް ބިން ޞަލާޙުއްދީނުލް އައްޔޫބީ'' ބިނާކުރެއްވި ''މަސްޖިދުލް ޢުމްރީ'' ހިމެނެއެވެ. މީގެ އިތުރުން ބައެއް ޞަޙާބީންނާއި ތާބިޢީން އަދި ކުރީގެ ބައެއް ޢިލްމު ވެރިން ފަސްދާނު ލެވިފައި ވަނީ ޤުދުސްގެ ބިމުގައެވެ.

6- ޚަލީލު ( ފަލަސްތީނު )

- ޚަލީލު އޮންނަނީ ފަލަސްތީނުގައި ޤުދުސްގެ ހުޅަގުން 30ކިލޯމީޓަރު ދުރުމިނުގައި އަދި ދެކުނުން ބައިތު ލަހުމް އާއި 22ކިލޯމީޓަރު ދުރުގައެވެ.

- ޚަލީލުގެ ނަން ނެގިފައިވަނީ އިބްރާހީމްގެ ފާނުގެ ސިފަފަޅު ''ޚަލީލު އައްރަޙުމާން''އާއި ގުޅުވައިގެން ކަމުގައި ބުނެވެއެވެ. މީލާދީގެ 1700 އަހަރުކުރިން އިބްރާހީމްގެ ފާނު ޚަލީލުއަށް ވަޑައިގަތެވެ. ޚަލީލު އަށް ކުރިން ''އަރުބަޢު''އޭ ވެސް ކިޔައި އުޅުނެވެ. އެއީ ޚަލީލުގެ ބާނީ ''އަރުބަޢުލް ޢަރަބީ އަލްކަންޢާނީ''އަށް ނިސްބަތްކޮށެވެ.

- އިބްރާހީމްގެ ފާނުގެ އަނބިކަބަލުން ސާރާ އާއި، ދެދަރިކަލުން ކަމުގައިވާ އިސްހާގު ގެ ފާނު އާއި، ޔަޢުޤޫބު ގެ ފާނުއާއި، އެބޭކަލުންގެ އަނބިކަބަލުން ވެސް ފަސްދާނުފުޅުވެޑުވިފައިވަނީ ޚަލީލުގެ ބިމުގައެވެ.

- ރޫމާނީންގެ ދުވަސްވަރު އިބްރާހީމްގެ ފާނުއާއި އޭނާގެ އާއިލާގެ ބޭފުޅުން ފަސްދާނުފުޅު ވެޑުވިފައިވާ މަޤްބަރާގައި ފައްޅިއެއް ބިނާކުރެވުނެވެ. ފަހުން މީލާދީން 614ވަނަ އަހަރު ފާރިސީން އެފައްޅި ހަލާކުކޮށް ނައްތާލިއެވެ.

- މީލާދީން 1099ވަނަ އަހަރު ޚަލީލު ޞަލީބީހަގުރާމައިގެ ތެރޭގައި ''ފަރަންޖާ''އިންގެ އަތްދަށަށް ދިޔައެވެ. އެއަށްފަހު ޞަލީބީންގެ އަތްދަށުން މީލާދީން 1187ވަނަ އަހަރު ޞަލާޙުއްދީނުލް އައްޔޫބީ ޚަލީލު މިނިވަން ކުރެއްވިއެވެ.

- 3ގަރުނަށް ދެމިގެންދިޔަ މަމާލިކުންގެ ވެރިކަމުގައި ވެސް ޚަލީލު އަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

- މީލާދީން 1517ވަނަ އަހަރު އުޘްމާނީން ޝާމް އާއި ޚަލީލު އަޅުވެތި ކުރިއެވެ. އެއަށް ފަހު 4ގަރުނު ވަންދެން ޚަލީލު އޮތީ އުޘްމާނީންގެ ބާރުގެ ދަށުގައެވެ.

- އުޘްމާނީންގެ އަތުން ޚަލީލު ބީވެގެންދިޔައީ ފުރަތަމަ ބޮޑުހަގުރާމައިގެ ދުވަސްވަރު އިގިރޭސީން ފަލަސްތީނު އަޅުވެތިކުރުމުންނެވެ.

- 1948ގައި ޔަހޫދީ ދައުލަތެއް ފަލަސްތީނުގެ ބިމުގައި އިޢުލާންކުރުމަށްފަހު ޚަލީލުގެ ބޮޑުބައެއް ޔަހޫދީންގެ ބާރުގެ ދަށަށް ދިޔައެވެ.

- 1967ގައި ޚަލީލުއާއި އެރަށުގެ ވަށައިގެންވާ ކުދިބޮޑު ހުރިހާ ރަށެއް ޔަހޫދީންގެ އަތްދަށަށް ދިޔައެވެ.

- ޚަލީލުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ''މަސްޖިދުލް ޙަރަމް އަލްއިބްރާހީމީ''އާއި، އިބްރާހީމްގެ ފާންއާއި، އޭނާގެ އާއިލާގެ ބޭބޭފުޅުން ފަސްދާނުވެޑުވިފައިވާ މަޤުބަރާ ހިމެނެއެވެ.

7- އިސްކަންދަރިއްޔާ ( މިސްރު )

- އިސްކަންދަރިއްޔާ އޮންނަނީ މެދުތެރޭ ކަނޑުގެ އައްސޭރިއަށް ވާގޮތަށް މިޞްރުގެ ބިމުގައެވެ.

- މުސްލިމުން އިސްކަންދަރިއްޔާ ފަތަހަ ކުރީ އަމުރުބުނުލް ޢާޞް ވެރިއަކަށް ހުންނަވައިގެން މިސްރު ފަތަހަކުރެއްވުަމަށް ކުރެއްވި މަސައްކަތުގެ ތެރޭގައެވެ. މިގޮތުން ބާބިލިޔޫން ފަތަހަ ކުރެއްވުމަށް ފަހު އިސްކަންދަރިއްޔާ ހިޖުރައިން 20ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެތެރޭގައި ޙިޞާރު ކުރިއެވެ. އޭގެ 14މަސް ފަހުން ހިޖުރައިން 21 ވަނަ އަހަރުގެ ތެރޭގައި އިސްކަންދަރިއްޔާ މުސްލިމުން ފަތަހަ ކުރިއެވެ.

- އެކިދައުރުތަކުގައި އިސްކަންދަރިއްޔާއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މިގޮތުން އިސްކަންދަރިއްޔާގައި މިސްކިތްތައް އެކި ދުވަސްވަރު ވަނީ ބިނާކުރެވިފައެވެ.

- ކަނޑުގެ އައްސޭރީގައިވާ ރަށަކަށް ވުމާއި އެކު ބޯޓުތައް ބަނުމަށް ޚާއްޞަ ތަނެއް އިސްކަންދަރިއްޔާ ގައި ތައްޔާރުކުރެވުނެވެ.

- ޞަލާހުއްދީނުލް އައްޔޫބީގެ ވެރިކަމުގައި އެއްގަމާއި ކަނޑުގެ މަގުން އިސްކަންދަރިއްޔާ ދިފާއުކުރުމަށް އެތައްކަމެއް ކުރެވުނެވެ. މިގޮތުން ކޯއްޓޭތަކާއި، ފާރުތައް ހެދުނެވެ. އަދި އިސްކަންދަރިއްޔާގެ އިމާރާތްތައް ބިނާކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

- މުސްލިމުން މިސްރު ފަތަހަކުރުމުގެ ކުރިން އިސްކަންދަރިއްޔާ އަކީ ރޯމަނުންނާއި، ގްރީކު ޘަޤާފަތުގެ އެންމެ ބޮޑު އެއްމަރުކަޒެވެ.

- އިސްކަންދަރިއްޔާގައި ހުރި އާޘާރުތަކުގެ ތެރޭގައި އެކި ދުވަސްވަރު ބިނާކުރެވިފައިވާ މަދަރުސާތަކާއި، ދޮރާށިތަކާއި، ޓަވަރުތަކާއި، މިސްކިތްތަކާއި ، ގަނޑުވަރުތައް ހިމެނެއެވެ.

8- ފުސްޠާޠު ( މިސްރު )

- ފުސްޠާޠު އޮންނަނީ މިޞްރުގައި ވެރިރަށް ޤާހިރާގެ ރަށްބޭރުގައެވެ. ފުސްޠާޠުގެ އިރާއި އުތުރުން ވަނީ މުޤައްޠަމް ފަރުބަދަ އެވެ. ހުޅަގަށް އޮންނަނީ ނީލަކޯރެވެ.

- ހިޖުރައިން 21 ވަނަ އަހަރު ޢަމުރުބުނުލް ޢާޞް މިޞްރު ފަތަހަކުރެއްވުމަށް ފަހު ވެރިކަންކުރާނޭ ރަށެއް ހެދުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ވެރިރަށެއްގެ ގޮތުގައި ފުސްޠާޠު ކަނޑައަޅުއްވައި އެރަށް ބިނާކުރެއްވި އެވެ.

- ފުސްޠާޠު ވެފައިވަނީ މިސްރުގެ ވެރިން އެކި ދުވަސްވަރު ހޭދަކުރައްވާ ނުވަތަ ދިރިއުޅުއްވާ ތަނެއްގެ ގޮތުގައެވެ. ހިޖުރައިން 133ވަނަ އަހަރު އައްބާޞީ ދައުލަތް ފެށިގެން އައި ދުވަސްވަރު ފުސްޠާޠުގައި ''ޢަސްކަރު'' ނުވަތަ ''ކޭމްޕް''އެއް ފުސްޠާޠު ގައި ބިނާކުރެވުނެވެ. އައްބާސީ ދައުލަތުގެ ޚަލީފާއިން ދިރިއުޅުއްވީ މިބުނި ޢަސްކަރުގައެވެ. ނަމަވެސް އަހުމަދު ބިން ޠޫލޫން ''ޤަޠާއިޢު'' އޭ ކިޔޭ ރަށް ހިޖުރައިން 256ވަނަ އަހަރު ބިނާކުރެއްވުމަށް ފަހު ޠޫލޫންގެ ޒަމާން ނިމެންދެން ވެރިންތައް ހޭދަކުރެއްވީ މިބުނިރަށް ''ޤަޠާއިޢު'' ގައެވެ.

- އެއަށްފަހު ފާތިމީ ދައުލަތުގެ ދުވަސްވަރު ޖައުހަރު އައްޞަޤުލީ ޤާހިރާ ބިނާކުރަންދެން މިސްރުގެ ވެރިކަމަށް އިސްވި ބޭފުޅުން އުޅުއްވަމުން އައިސްފައިވަނީ ފުސްޠާޠުގައި ބިނާކުރެވުނު ޢަސްކަރު ގައެވެ.

- ފުސްޠާޠުގައި މިހާރު ހުރި އެންމެ ފާހަގަކޮށްލެވޭ އާޘާރީ ތަނަކީ ޢަމުރުބުނުލް ޢާޞް ގެ މިސްކިތެވެ. މިޞްރުގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިމިސްކިތް ބިނާކުރެއްވީ ޢަމުރުބުނުލް ޢާޞް ހިޖުރައިން 12ވަނަ އަހަރުގައެވެ. މިމިސްކިތަށް ''ތާޖުލް ޖަވާމިޢު'' އަދި ''ޖާމިޢުލް ޢަތީޤު'' އޭ ވެސް ކިޔައެވެ.

9- ދިމިޝްޤު ( ސޫރިޔާ )

- ދިމިޝްޤު އޮންނަނީ ސޫރިޔާގެ ހުޅަގު ދެކުނު ބިތުގައެވެ. ކަނޑުގެ ސަތަހައަށްވުރެ 2130 ފޫޓު މަތީގައި އޮންނަ މިރަށަކީ މިހާރު ސޫރިޔާގެ ވެރިރަށެވެ.

- ދިމިޝްޤު އަކީ އެންމެ ދުވަސްވީ އެއްރަށް ކަމުގައި ބެލެވެއެވެ. މީލާދީގެ 732 އަހަރު ކުރިން ''އާޝޫރީން''ގެ ބާރުދަށަށް ދިމިޝްގު ދިޔައެވެ. އެއީ އެދުވަސްވަރު ދިމިޝްޤު ގައި އޮތް ''އާރާމިޔާ'' އިންގެ ރަސްކަން ވެއްޓުމަށް ފަހުގައެވެ.

- މީލާދީގެ 64އަހަރު ކުރިން ރޯމަނުން ދިމިޝްގަށް ވެރިވުމާއި އެކު ކްރިސްޓިއަން ދީން ދިމިޝްޤު ގައި ފެތުރިގެން ދިޔައެވެ.

- ހިޖުރައިން 14ވަނަ އަހަރު މުސްލިމުން ދިމިޝްގު ފަތަހަ ކުރިއެވެ. އެއަށް ފަހު މުޢާވިޔަތު ބިން އަބީ ސުފުޔާން ވެރިއަކަށް ހުންނަވައިގެން ދިމިޝްގު އިމާރާތްކުރެއްވުމުގެ މަސައްކަތް ފެށުނެވެ. މިމަސައްކަތަށް 20އަހަރު ނެގިކަމުގައި ބުނެވެއެވެ.

- އުމަވީ ދައުލަތުގެ ދުވަސްވަރު ވެރިރަށެއްގެ ގޮތުގައި ދިމިޝްގު ބޭނުން ކުރެވުނެވެ.

- އުމަވީންނާއި، އައްބާސީންގެ ދުވަސްވަރަށްފަހު ޠޫލުންނާއި، ފާތިމީންގެ ބާރުގެ ދަށުގައި ވެސް ދިމިޝްގު އޮތެވެ. މީލާދީން 1260ވަނަ އަހަރު ޢުޘްމާނީން ދިމިޝްގު އަޅުވެތިކުރުމާއި އެކު ދިމިޝްގު އެމީހުންގެ ބާރުގެ ދަށަށް ދިޔައެވެ.

- ޢުޘްމާނީންގެ ބާރުގެ ދަށުގައި މީލާދީން 1918ވަނަ އަހަރާއި ޖެހެންދެން ދިމިޝްގު ދެމިއޮތެވެ.

- 1920ވަނަ އަހަރު ފަރަންސޭސިން ދިމިޝްގު އަޅުވެތި ކުރުމަށް ފަހު ސޫރިޔާއިން މިނިވަންކަން އިޢުލާން ކުރަންދެން ދިމިޝްގު އޮތީ ފްރާންސްގެ ބާރުގެ ދަށުގައެވެ. ފްރާންސް ސިފައިން އެއްކޮށް ދިމިޝްގުއިން ފައިބައިގެން ދިޔައީ 1946 ވަނަ އަހަރުގެ ތެރޭގައި ސީރިޔާ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެންނެވެ.

- ދިމިޝްގުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ''އުމަވީ''، ''އައްސުލްޠާނު ސަލީމު''، ''ސުލައިމާނިއްޔާ''، ''ބާޝޫރާ''، ސަޤީފާ''، މިނަންތައް ދެވިފައިވާ މިސްކިތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ފައްޅިތަކާއި، ބާޒާރު ތަކަކީ ވެސް ފާހަގަކޮށްލެވޭނެ އާޘާރުތަކެވެ.

10- ޙަލަބު ( ސޫރިޔާ )

- ސޫރިޔާގެ ބޮޑެތި ރަށްތަކުގެ ތެރޭގައި ގުނާލެވޭ ޙަލަބު އޮންނަނީ ސޫރިޔާގެ އުތުރުގައެވެ. މިރަށަށް ''އައް ޝުހަބާއު'' އޭ ވެސް ކިޔައެވެ.

- މީލާދީގެ ކުރިން ''ޔަމުހާދު'' ދަރިކޮޅުގެ ރަސްކަމުގައި ވެރިރަށެއްގެ ގޮތުގައި ޙަލަބު ބޭނުންކުރެވުނެވެ. އެއަށް ފަހު އައި އެކި ދައުލަތްތަކުގެ ބާރުގެ ދަށުގައި ޙަލަބު ދެމިއޮތެވެ. މިގޮތުން އާޝޫރީންނާއި، ގްރީކުންނާއި، ރޯމަނުން އަދި ފާރިސީންގެ ބާރުގެ ދަށަށް ޙަލަބު ގޮސްފައިވެއެވެ.

- މުސްލިމުން ޙަލަބު ފަތަހަކުރީ މީލާދީން 637 ވަނަ އަހަރުގައެވެ.

- މީލާދީން 944ވަނަ އަހަރު ''ޙަމްދާނީން''ގެ ވެރިރަށުގެ ގޮތުގައި ޙަލަބު ހަމަޖެއްސިއެވެ. އެއަށްފަހު މީލާދީން 962ވަނަ އަހަރު ''ބީޒަންޠީން'' ޙަލަބު އަޅުވެތިކުރިއެވެ.

- މީލާދީން 1260ވަނަ އަހަރު ''ޢައިނު ޖާލޫތު'' ހަގުރާމައިގައި މަމާލިކުން ޙަލަބު އަޅުވެތިކުރިއެވެ.

- މީލާދީން 1516ވަނަ އަހަރުން ފެށިގެން 1918ވަނަ އަހަރާއި ހަމައަށް ޙަލަބު އޮތީ އުޘްމާނީންގެ ބާރުގެ ދަށުގައެވެ. 1918ވަނަ އަހަރު ފްރާންސް ޙަލަބު އަޅުވެތިކުރުމަށް ފަހު ސީރިޔާ މިނިވަންކަން އިޢުލާން ކުރަންދެން ޙަލަބު އޮތީ ފްރާންސްގެ ބާރުގެ ދަށުގައެވެ. ސީރިޔާ އިން މިނިވަންކަން އިޢުލާން ކުރީ 1946ވަނަ އަހަރުގެ ތެރޭގައެވެ.

- ޙަލަބުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ''ޙަލަބު ސިޓަޑެލް''އާއި، ބައެއް މިސްކިތްތައް ހިމެނެއެވެ.

11- ޤުރުޠުބާ ( ސްޕޭން )

- ޤުރުޠުބާ އޮންނަނީ ސްޕޭންގައި ނުވަތަ އަންދަލުސް ގައެވެ. ކުރިން ސްޕޭންގެ ވެރިރަށަކީ މިއީ އެވެ.

- މުސްލިމުން ސްޕޭން ފަތަހަ ކުރީ އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި ހިޖުރައިން 92ވަނަ އަހަރު ޠާރިޤު ބިން ޒިޔާދު މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނަވައިގެންނެވެ.

- ހިޖުރައިން 132ވަނަ އުމަވީ ދައުލަތް ވެއްޓުމުން ދެން ޤުރުޠުބާ ދިޔައީ ޢައްބާސީންގެ ބާރުގެ ދަށަށެވެ.

- ޤުރުޠުބާގެ ވެރިކަން އެކިފަހަރުމަތިން އެކިދައުލަތްތަކުގެ މީހުން ކޮށްފައިވެއެވެ. މިގޮތުން ހިޖުރައިން 138ވަނަ އަހަރު ޢަބުދުއް ރަޙުމާން ބިން އައްދާޚިލް ވެރިކަމަށް އިސްވިއެވެ. އެއަށްފަހުން އޭނާގެ ދަރިކަލުން ހިޝާމް ބިން ޢަބުދުއް ރަހުމާން ބިން އައްދާޚިލްއާއި، ކާފަ ދަރިކަލުން ޢަބުދުއް ރަހުމާން ބިން ހިޝާމް ވެސް ޤުރުޠުބާގެ ވެރިއެއްގެ ގޮތުގައި ހުންނަވާފައި ވެއެވެ.

- ޢަބުދުއް ރަހުމާން ބިން ހިޝާމްގެ ދުވަސްވަރު އޭރު ޤުރުޠުބާގައި ތިބި ނަޞާރާއިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިސްލާމްދީނަށް ވަނެވެ.

- ޢަބުދުއްރަހުމާން އައްނާޞިރު ޤުރުޠުބާގެ ވެރިކަމުގައި ދެމިހުންނެވި ދުވަސްވަރު ''ޒަހުރާއު'' އޭ ކިޔުނު ގަނޑުވަރު ބިނާކުރެއްވި އެވެ.

- ޢަބުދުއް ރަހުމާން އައްނާޞިރު އަވަހާރަ ވުމަށް ފަހު ދެން ވެރިކަމަށް އިސްވީ އަލްމަންޞޫރު ބިން އަބީ ޢާމިރު އެވެ. އެއަށްފަހު އަލްމަންޞޫރުގެ ދަރިކަލުން ވެރިކަމަށް އެރުމާއި އެކު ބައިބަޔަށް ޤުރުޠުބާގެ އަހުލު ވެރިން ބެހިގެންދިޔައެވެ. މިގޮތުން އުފެދުނު ބައިބައިވުމާއި ފިތުނަވެރިކަން ވެގެން ދިޔައީ މުސްލިމުންގެ އަތުން އަންދަލުސް ގެއްލިގެން ދިއުމުގެ ސަބަބު ކަމުގައެވެ.

- މިގޮތުން އުފެދުނު ޖަމާއަތްތަކުގެ ތެރެއިން ''އަލްމުޢުތަމިދު އިބްނި ޢައްބާދު'ގެ ވެރިކަމުގައި ނަޞާރާއިންގެ ފިއްތުންތައް ބޮޑުވުމުން ''ޔޫސުފު ބިން ތާޝްފީން''ގެ ކިބައިން އެހީއަށް އެދިވަޑައިގަތެވެ. ޔޫސުފު ބިން ތާޝްފީން ''ޒަލާޤާ''އޭ ކިޔުނު ހަގުރާމައިގައި ނަޞާރާއިންގެ މައްޗަށް ކާމިޔާބު ހޯއްދަވައި އަންދަލުސް ދެވަނަ ފަހަރަށް ''ތައުޙީދު'' ކުރެއްވިއެވެ.

- ''މުވައްޙިދީން''ގެ ދައުލަތް މަޣުރިބުގައި ފާޅުވެ، ''މުރާބިޠީން''އާއި ދެމެދު ޚިލާފު އުފެދި، ''މުރާބިޠީން'' ބަލިވެގެން ދިއުމުން ދެވަނަ ފަހަރަށް އަންދަލުސް އެކިއެކި ޖަމާއަތް ނުވަތަ ބައިތަކަށް ބެހިގެންދިޔައެވެ.

- ''މުވައްހިދީން'' ދައުލަތުގެ ބާނީ ''ޢަބުދުލް މުއުމިން ބިން ޢަލީ''ގެ އެހީއާއި އެކު ނަޞާރާ އިންގެ ބާރުގެ ދަށުގައި އޭރު އޮތް ބައެއް ރަށްތައް އަންދަލުސްގެ ރައްޔިތުން ހިޖުރައިން 544ވަނަ އަހަރު އަބުރާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

- މުސްލިމުންގެ އަތުން އެއްކޮށް ބީވެގެން ދިޔައީ ހިޖުރައިން 897ވަނަ އަހަރު ''އަބޫ ޢަބުދުﷲ އަލް އަޙުމަރު''ގެ ވެރިކަން ވެއްޓުމާއި ގުޅިގެންނެވެ.

- ޤުރުޠުބާގައިވާ ފާހަގަކޮށްލެވޭ އާޘާރުތަކުގެ ތެރޭގައި ބައެއް މިސްކިތްތަކާއި، ގަނޑުވަރުތަކާއި، ބަގީޗާތަކާއި އަދި ޤުރުޠުބާ ކޯރު ހިމެނެއެވެ.

12- އަޝްބީލިޔާ ( ސްޕޭން )

- އަޝްބީލިޔާ އޮންނަނީ އަންދަލުސް ނުވަތަ ސްޕޭން ގައެވެ. ކަނޑުގެ ސަތަހައަށް ވުރެ 45ފޫޓް މަތީގައި އޮންނަ މިރަށުގެ ޖައްވަކީ ހޫނު ޖައްވެކެވެ.

- މުސްލިމުން އަޝްބީލިޔާ ފަތަހަކުރީ ހިޖުރައިން 94ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައި މޫސާ ބިން ނަސީރު ވެރިއަކަށް ހުންނަވައިގެންނެވެ. އެއީ މީލާދީން 713ވަނަ އަހަރުގައެވެ. ފަތަހަކުރިތާ އެއް މަސް ފަހުން އެރަށުގެ ފުރަތަމަ ވެރިއެއްގެ ގޮތުގައި ''ޢީސާ ބިން ޢަބުދުﷲ އައްޠަވީލް'' ކަނޑައެޅުއްވިއެވެ.

- ހިޖުރައިން 95ވަނަ އަހަރު ''ޢަބުދުލް ޢަޒީޒު ބިން މޫސާ ބިން ނަޞީރު'' ސްޕޭންގެ ވެރިއަކަށް އިސް ކުރެއްވުމާއި އެކު ''އަޝްބީލިޔާ'' ސްޕޭންގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސެވިއެވެ.

- ހިޖުރައިން 97ވަނަ އަހަރު އަޝްބީލިޔާ ގައި ''ޢަބުދުލް އަޒީޒު ބިން މޫސާ ބިން ނަޞީރު'' ޤަތުލުކުރެއްވުމާއި ގުޅިގެން ސްޕޭންގެ ވެރިކަމަށް ''އައްޔޫބު ބިން ޙަބީބު ބިން އައްލަޚުމީ'' އިސްކުރެވުނެވެ. އެއަށް ފަހު ސްޕޭންގެ ވެރިކަން ''ޤުރުޠުބާ''އަށް ބަދަލުކުރެއްވިއެވެ.

- ހިޖުރައިން 214ވަނަ އަހަރު އަޝްބީލިޔާ ގައި ޢަބުދުއް ރަޙުމާނު އަލްއައުސަތު ފުރަތަމަ ފަހަރަށް މިސްކިތެއް ބިނާކުރެއްވިއެވެ. މިމިސްކިތުގެ ނަމަކީ ''މަސްޖިދު މުޙައްމަދު ބިން ޢުމަރު ބިން ޢައްދީސް'' އެވެ.

- ހިޖުރައިން 226ވަނަ އަހަރު ''ނޫރުމާން''އިން އަޝްބީލިޔާ އަށް އަރައި އެރަށުގެ މިސްކިތް އަންދާލިއެވެ. ނަމަވެސް އަންދަލުސްގެ ލަޝްކަރުން ''ނޫރުމާން''އިންނާއި ހަގުރާމަ ކުރައްވައި ބަލިކުރެއްވިއެވެ. މިހާދިސާ ހިގީ އަޝްބީލިޔާގެ އުތުރުގައި އޮންނަ ''ޠަލްޔާޠާ'' ކިޔޭ ހިސާބެއްގައެވެ.

- ހިޖުރައިން 231ވަނަ އަހަރުގައި އަޝްބީލިޔާގެ ފުރަތަމަ ފާރު ބިނާކުރެވުނުއެވެ. ހަމަ އެއަހަރު ''ދާރު އައްޞިނާޢާ'' ވެސް ބިނާކުރެވުނެވެ.

- ހިޖުރައިން 300ވަނަ އަހަރުގައި ''ބަނީ ހުއްޖާޖު''ން އަދި ''ބަނީ ޚުލްދޫން''އިން ގެންނަށް އުޅުނު އިންގިލާބު ''ޢަބުދުއް ރަޙުމާން ބިން ނާޞިރު'' ވެރިއަކަށް ހުންނަވައިގެން ނިމުމަކަށް ގެންނެވިއެވެ.

- ހިޖުރައިން 301ވަނަ އަހަރު އަޝްބީލިޔާގެ ފާރު ތަޅާލެވުނެވެ. އަދި ''އިމާރާ''އޭ ކިޔުނު ގަނޑުވަރު ބިނާ ކުރެއްވިއެވެ.

- ހިޖުރައިން 414ވަނަ އަހަރު ''މުޙައްމަދު ބިން ޢައްބާދު'' އަޝްބީލިޔާގެ ވެރިކަމަށް އެރުން ވެގެން ދިޔައީ ''ބަނީ ޢައްބާދު''އޭ ކިޔުނު ދައުލަތުގެ ފެށުންކަމުގައެވެ.

- ހިޖުރައިން 448 ވަނަ އަހަރު އަޝްބީލިޔާއާއި ޤުރުޠުބާ ''މުރާބިޠީން''ގެ އަތްދަށަށް ދިޔައެވެ. އެއަށް ފަހު އަޝްބީލިޔާގެ ވެރިކަމަށް މުރާބިޠީންގެ ކޮމާންޑަރ ''ސައިރު ބިން އަބީ ބަކުރު'' އިސްވެވަޑައިގަތެވެ. އެއަށް ފަހު ''ބަނީ ޢައްބާދުގެ ގަނޑުވަރު'' ސުންނާފަތިކޮށް ނައްތާލެވުނެވެ.

- ހިޖުރައިން 549ވަނަ އަހަރު ''މުރާބިޠީން''ގެ ވެރިކަން ނިމުމަށްއައެވެ. އެއީ ''މުވައްޙިދު''ންގެ ކޮމާންޑަރ ''ބުއްރާޒު ބިން މުޙައްމަދު ބިން އަލްމަސޫފީ'' އަޝްބީލިޔާގެ ވެރިކަމަށް އިސްވެވަޑައިގަތުމުންނެވެ.

- ހިޖުރައިން 580ވަނަ އަހަރުގައި ''އަބޫ ޔަޢުޤޫބު ޔޫސުފް'' އަޝްބީލިޔާގައި ޕޯޗުގީޒުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް ތައްޔާރުވެވަޑައިގަތެވެ. ޕޯޗުގީޒުގައި ކުރެވުނު ''ޝަފްތަރައިން'' ހަގުރާމައިގައި ''އަބޫ ޔަޢުޤޫބު ޔޫސުފް'' ޝަހީދުވެވަޑައިގަތެވެ. އެއަށްފަހު ވެރިކަމަށް އިސްވެވަޑައިގަތީ ދަރިކަލުން ''ޔަޢުޤޫބު'' އެވެ.

- ހިޖުރައިން 646ވަނަ އަހަރުގެ ޝައުބާންމަހުގެ ތެރޭގައި ''ފަރުޑިނާންޑް 3'' އަޝްބީލިޔާ ހިޞާރުކޮށް އޭގެ 1އަހަރާއި 5މަސް ފަހުން އަޝްބީލިޔާއަށް ވެރިވިއެވެ.މުސްލިމުންގެ އަތުން އެއްކޮށް އަޝްބީލިޔާ ބީވެގެން ދިޔައީ ހިޖުރައިން 647 ވަނަ އަހަރުގައެވެ.

 އަޝްބީލިޔާގެ ބައެއް އާޘާރުތައް:

1- މުހައްމަދު ބިން ޢުމަރު ބިން ޢައްދީސް މިސްކިތް: މިމިސްކިތް ހުރިތާގައި މިހާރު ހުންނަނީ ''ސަލްފަޑޯރ''އޭ ކިޔޭ ފައްޅިއެކެވެ.

2- ''ދާރު އައްޞިނާޢާ'': މިތަނަށް މިހާރު ކިޔަނީ ސިނާސް ހައުސް އެވެ.

3- ރަނުގެ ބުރުޖު: މިތަން ބިނާކުރެއްވީ އަޝްބީލިޔާގެ ވެރިއެއްގެ ގޮތުގައި އެއްދުވަސްވަރެއްގައި ހުރި ''އަބުލް ޢަލާއު އިދްރީސް'' އެވެ.

4- ''ބުޙައިރާ'' ގަނޑުވަރާއި ބަގީޗާ" މިތަން ބިނާކުރެއްވީ ''އަބީ ޔޫސުފް ޔައުޤޫބު'' އެވެ.

31- ޤައިރަވާން ( ޓިއުނީޝިއާ )

- ޤައިރަވާން އޮންނަނީ ޓިއުނީޝިއާގެ ސަހަރާގެ ތެރޭގައެވެ. މިއީ ކުރިން ޓިއުނީޝިއާގެ ވެރިރަށެވެ.

- ޤައިރަވާން ފަތަހަ ކުރެއްވީ ޢުޤުބާ ބިން ނާފިޢު ހިޖުރައިން 49ވަނަ އަހަރުގެ ތެރޭގައެވެ. މަޣުރިބުގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޚިޔާރު ކުރީ ޤައިރަވާންގެ އަހުލުވެރިންނެވެ.

- ހިޖުރައިން 148ން 296އަށް ''އަޣާލިބާ''އޭ ކިޔުނު ދައުލަތުގެ ދުވަސްވަރުގައި ވެރިރަށެއްގެ ގޮތުގައި ޤައިރަވާން ބޭނުންކުރެވުނެވެ.

- ހިޖުރައިން 308ވަނަ އަހަރު ފާތިމީންގެ ދުވަސްވަރު ވެރިކަން ޤައިރަވާން އިން ''މަހުދިޔާ'' އޭ ކިޔުނު ރަށަކަށް ބަދަލުކުރެވުނެވެ.

- ފްރާންސްގެ އަޅުވެތިކަމުގެ ދަށުގައި 75 އަހަރު ޤައިރަވާން ދެމިއޮތެވެ.

- ޓިއުނީޝިއާ މިނިވަންވުމާއި ގުޅިގެން އާވެރިރަށުގެ ގޮތުގައި ތޫނިސް އޭ ކިޔުނު ރަށް ހަމަޖެއްސުމުން ޤައިރަވާން އިން ވެރިކަން ތޫނިސް އަށް އެއްކޮށް ބަދަލުކުރެވުނެވެ.

- ޤައިރަވާން ހުރި މުހިއްމު އާޘާރުތަކުގެ ތެރޭގައި ޢުޤުބާ ބިން ނާފިޢު މީލާދީން 670ވަނަ އަހަރު ބިނާކުރެއްވި ''މަސްޖިދުލް ޤައިރަވާން''އާއި، ''ބުރޫޠާ''އޭ ކިޔޭ ވަޅާއި، އަދި ބައެއް މިސްކިތްތައް ހިމެނެއެވެ.


 

 

* ގުޅުންހުރި ލިޔުންތައް:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.