ހޮނިހިރު20201128

އާކުރެވުނީ: 08:43:52

ޔޫސުފް އަލްޤަރަޟާވީ (1)

Qaradawi01އެއީ، މިފަހުގެ ތާރީޚެއްގައި މުސްލިމު އުއްމަތް އެފަދަ ދެވަނައެއް ދެކެފައިނުވާފަދަ ބޮޑު ޢިލްމުވެރިއެކެވެ. އުޞޫލީ މުޖުތަހިދެކެވެ. އުއްމަތަށް ދިރުންގެނުވި މުޖައްދިދެކެވެ. ތަފްސީރާއި ޙަދީޘް ގެ ޢިލްމުވެރިއެކެވެ. އިކޮނޮމިސްޓެކެވެ. ތަރުބަވީ ބައްޕައެކެވެ. ޙައްޤު ބަސް ވިދާޅުވުމުގައި ފަސްނުޖެހޭ ދީނުގެ ދިފާޢުގައި ޖިހާދުކުރައްވާ މުޖާހިދެކެވެ. އަޑުއަހާމީހުންގެ ސިކުނޑިތަކަށް ވިސްނޭ މޭރުމުން ވާހަކަދައްކަވާ، ބުއްދީގެ ހަމަތަކުގެ މަތީ ބަސްމަގު ތަރުތީބު ކުރައްވާ މޮޅު ޚަޠީބެކެވެ. ޙުއްޖަތާއި ޙިކުމަތާއެކު އިސްލާމްދީނަށް ގޮވާލައްވާ ދާޢީއެކެވެ.

އެއީ އެތައް ފޮތެއް ލިޔުއްވާފައިވާ މޮޅު ލިޔުންތެރިއެކެވެ. އެއީ ޔަހޫދީ ދައުލަތާއި މުސްލިމުންގެ ދުޝްމަނުން އެންމެ ބޮޑަށް ޖެހިލުންވާ އެންމެ ބިރުގަންނަ މުސްލިމު ޢިލްމުވެރިއާއެވެ. ޙައްޤު ބަޔާންކުރަންޖެހޭ ވަގުތު ލޭގެ ގުޅުމަކަށް ގޭގެ ގުޅުމަކަށް ނުބައްލަވައި، ވެރިއަކު ދީފާނެ އަދަބަކަށް ބިރެއްނެތި ބަސްވިދާޅުވާ ހިތްވަރުގަދަ ނާދިރު ޢިލްމުވެރިއެކެވެ. ވެރިން ނުރުހޭ ގޮތަށް އުޅުއްވާތީ ޖަލަށްލެވި އަނިޔާ ލިބިފައިވާ މުޞްލިޙެކެވެ. އުފަން ޤައުމުގައިހުރެ ޙައްޤު ބަޔާން ކުރުމަށް ނުކުޅެދޭ ދަރަޖައަށް ދިއުމުން، ލޯބިވާ ވަޠަން ދޫކުރައްވައި ދީނައިގެން ހިޖުރަ ކުރައްވާފައިވާ މުހާޖިރެކެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މުސްލިމުންގެ ޙާލަތު ބައްލަވައި، އެމީހުންގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ ޢާމުންނާއި ގުޅުންބޮޑު، އާދައިގެ ދިރިއުޅުއްވުމަށް ލޯބިކުރައްވާ ޒާހިދު، ތަވާޟުޢުވެރި ބޭކަލެކެވެ. ފިޤްހީ ވަކި މަޛްހަބަކަށް ތަޢައްޞުބުނުވާ ފަޤީހެކެވެ. ޤުރްއާނާއި ސުންނަތުގެ އިންތައް ފަހަނަ އަޅައި ނުގޮސް، ޒަމާނާއި، މަކާނާއި، ޙާލަތާއި، މީސްތަކުންގެ މަޞްލަޙަތުތަކަށް ރިޢާޔަތް ކުރައްވައިގެން ފަތުވާ ދެއްވާ ތަފާތު މައިދާންތަކަށް ލޯހުޅުވިފައިވާ މުފްތީއެކެވެ.

އެއީ، ވެރިއެއްގެ ރުހުން ހޯދުމުގެ ބޭނުންފުޅުގައި، ދީނުގެ އަޞްލުތައް މުގުރައި ޝަރްޢީ އުސޫލުތައް ފަހަނަ އަޅައިގޮސް ފަތުވާ ދެއްވާ ބޭފުޅެއް ނޫނެވެ. އައުލަވިއްޔަތު އޮޅުވާލައި، އެންމެ މުހިންމު ކަންތައްތައް އެއްކިބާ ކުރެއްވުމަށްފަހު، ފަރްޢީ މައްސަލަތައް ނަންގަވައިގެން ބަހުސްކުރެއްވުމުގައި ވަގުތު ބޭކާރު ކުރައްވަން އެދިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އުއްމަތުގެ ބޮޑެތި ޤަޟިއްޔާތަކައިގެން މެންދުރާއި މެންދަމު މަޝްޣޫލުވެ އުޅުއްވާ، ޒިންމާތައް ގިނަ މުރުޝިދެކެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެމީހެއްގެ އަރިހުން އެދުރުވި އެތައް ހާސް ދަރިވަރުންނެއް ތިބި، އެ ދަރިވަރުންގެ ލޯބި ލިބިފައިވާ އުސްތާޛެކެވެ. ހިތްތަކާއި ކުޅެލައި، ޖޯޝު ގެނުވާ އެތައް ޅެންތަކެއް ހައްދަވާފައިވާ ކުޅަދާނަ ޝާޢިރެކެވެ. ޢިލްމުގެ މައިދާނުގައި ޙަޤީޤަތް ހޯދުމެއްނެތި ކުރީގެ ޢިލްމުވެރިން ނަކަލުކުރައްވާ ޢިލްމުވެރިއެއް ނޫނެވެ. ފިޤުހުގައި މެދުމިންގަނޑު ހިފަހައްޓަވައި މެދުމިނުގެ އުސޫލު ފެތުރުމަށް ގިނަގުނަ މަސައްކަތް ކުރައްވާ ޢާލިމެކެވެ. އިސްލާމީ ފިޤުހާއި އިސްލާމީ ޙަޟާރަތުގެ އަޞާލަތު ހާމަކުރައްވަން މަސައްކަތް ކުރައްވާ، ހުޅަނގުގެ މާއްދީ ތަރައްޤީގެ އަވާގައި ޖެހިފައި ނުވާ މުފައްކިރެކެވެ. ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވީނަމަވެސް، ޒުވާނުންނަށްވުރެ ޢަޒުމާއި ޖޯޝާއި ހިތްވަރުގަދަ، ވަރުގަދަ ފިރިހެނެކެވެ. އެމީހެއްގެ ނަމުގެ ކުރިއަށް "ފަޟީލަތުއްޝައިޚް" ކިޔުމަކުން ނުފުދޭނެމީހެކެވެ. "އަލްއުސްތާޛު" ކިޔުމަކުން ނުފުދޭނެއެވެ. " ޑޮކްޓަރ" ކިޔުމަކުން ނުފުދޭނެއެވެ. "އަލްއިމާމް" ކިޔުމަކުން ނުފުދޭނެއެވެ. މިހުރިހައި ސިފަތައް އެކުގައި ކިޔުމަކުންވެސް ނުފުދޭނެއެވެ. މިލިޔުމުގެ ސުރުހީގައި ވާފަދައިން އެއީ ހަމަ " ޔޫސުފް އަލްޤަަރަޟާވީ" އެވެ. މިނަމުގެ ކުރިއަށް ހަމައެކަނި ދެތިން ސިފައެއް އިތުރު ކުރުމަކީ އޭނާއަށް ދެވޭ ޝަރަފެއް ނޫނެވެ. އެއީ ކުރެވޭ އުނިކަމެކެވެ.

ޢާއިލާ
ޔޫސުފް އަލްޤަރަޟާވީ އަކީ މިޞްރުގެ ފަޤީރު ދެމަފިރިއަކަށް ލިބުނު ހަމަ އެކަނި ދަރިފުޅެވެ. ޤަަރަޟާވީ ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 09 ސެޕްޓެމްބަރ 1926 (މިހާރު ޢުމުރުން 85 އަހަރު) މިޞްރުގެ އަލްޣަރްބިއްޔާ މުޙާފަޘާގެ އަލްމަޙައްލާ އަލްކުބްރާ ގެ ޞަފްޠު ތުރާބު އަށެވެ. ކުޑައިރު ބައްޕާފުޅު ނިޔާވުމުން ޔަތީމެއްގެ ގޮތުގައި ބޮޑުފުޅުވި ޤަރަޟާވީ ގެ ބެލެނިވެރިކަމާއި ހަވާލުވީ ބޮޑުބޭބޭފުޅެވެ. ޤަރަޟާވީ 2 ކައިވެންޏެއް ކުރައްވާފައި ވެއެވެ. ފުރަތަމަ ކައިވެނި ކުރެއްވީ "އިސްޢާދު ޢަބްދުލްޖައްވާދު" އާއެވެ. އެއީ މިޞްރުގެ ބޭކަނބަލެކެވެ. އެކައިވެނިން ހަތަރު އަންހެން ބޭފުޅުން( އިލްހާމް، ސިހާމް، ޢުލާ، އަސްމާ ) އަދި ތިން ފިރިހެން ބޭފުޅުން ( މުޙައްމަދު، ޢަބްދުއްރަޙްމާން، އުސާމާ ) ލިބިވަޑައިގަތެވެ. ދެވަނަ އަށް ކައިވެނި ކުރެއްވީ އަލްޖަޒާއިރުގެ މަޝްހޫރު ޢިލްމުވެރިއެއްގެ ދަރިކަނބަލުން "އަސްމާ" އާއެވެ. އެކައިވެނިން ދަރިއަކު ލިބިއެއް ނުލައްވައެވެ.

ތަޢުލީމު
މުސްލިމުންގެ މަޝްހޫރު ގިނަ ޢިލްމުވެރިން ފަދައިން ޤަރަޟާވީ އަކީވެސް ޢުމުރުން ދިހަ އަހަރު ފުރުމުގެ ކުރިން ކީރިތި ޤުރްއާން ހިތުން ދަސްކުރައްވާފައިވާ ބޭފުޅެކެވެ. ނިޒާމީ ތަޢުލީމު އުނގެނިވަޑައިގަތީ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. ސާނަވީ އިމްތިޙާނުގައި މުޅި މިޞްރުން އެއީ ދެވަނަ ދަރިވަރެވެ. އެއަށްފަހު އަޒްހަރުގެ އުޞޫލުއްދީން ކުއްލިއްޔާއިން 1953 ގައި ފުރަތަމަ ޑިގްރީ ހެއްދެވިއެވެ. އެއަށްފަހު 1954 ގައި ކިޔަވައިދިނުމުގެ އިޖާޒަތު(ހުއްދަ) ހޯއްދެވިއެވެ. އަދި 1958 ގައި ބަހާއި އަދަބުގެ ދާއިރާއިން މަތީ ޑިޕްލޮމާއެއް ހޯއްދެވިއެވެ. މާސްޓަރ ޑިގްރީ ހެއްދެވީ 1960 ގައެވެ. ޕީ.އެޗް.ޑީ އަށް ކިޔަވާ ވިދާޅުވީ 1973 ގައެވެ. ޤަރަޟާވީގެ ޢިލްމީ، ފިކުރީ ސިކުނޑިފުޅަށް އެންމެ ބޮޑަށް ފޯރާފައިވަނީ ޙުއްޖަތުލްއިސްލާމް އަބޫޙާމިދިލްޣަޒާލީ، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އިމާމު ޙަސަން އަލްބައްނާ، އަދި ޝައިޚް މުޙައްމަދު އަލްޣަޒާލީ، އަދި ޢައްލާމާ އަބުލްޙަސަން އަންނަދަވީ ގެ އަސަރެވެ.

ޤަަރަޟާވީގެ ޙަޔާތްޕުޅުން މުހިއްމު ޙާދިސާތަކެއް

- ޢުމުރުފުޅުން 2 އަހަރުގައި ބައްޕާފުޅު ނިޔާވުން.
- "އަލްއިޚްވާނު އަލްމުސްލިމޫން" އާއި ގުޅިވަޑައިގެންފައިވާތީ އެތައްފަހަރަކު ޖަލަށްލުން.
  ފުރަތަމަ ޖަލަށް ލެވުނީ މިޞްރުގެ ރަސްކަމުގެ ދުވަސްވަރު 1949ގައި.
   އަދި ޖަމާލު ޢަބްދުއްނާޞިރުގެ ވެރިކަމުގައި 3 ފަހަރެއްގެ މަތިން ބަންދުކުރެވުނު. (ފުރަތަމަ 1954 ޖެނުއަރީގައި، ދެވަނަ ފަހަރު ހަމަ އެއަހަރުގެ ނޮވެމްބަރ މަހު، އެފަހަރު 20 މަސްދުވަހު ޖަލުގައި ހޭދަކުރެއްވި، އަދި އޭގެ ފަހުން 3ވަނަ ފަހަރަކުވެސް ޖަލަށް ލެވިފައިވޭ)

- 1961 ގައި ޤަޠަރަށް ވަޑައިގަތުން.
- ޤަޠަރުގައި "المعهد الديني" އުފައްދަވައި ހިންގަވަން ފެއްޓެވުން.
- ޤަޠަރުގެ ސިޓިޒަންޝިޕް ލިބިވަޑައިގަތުން.
- 1977 ގައި ޤަޠަރު ޔުނިވަރސިޓީގައި "كلية الشريعة والدراسات الإسلامية" އުފެއްދެވުން.
- އަލްޖަޒާއިރުގެ އިސްލާމީ ޔުނިވަރސިޓީތަކާއި މަޢުހަދުތައް ޢިލްމީގޮތުން ވަރުގަދަ ކުރުމަށް 1990 ގައި އެޤައުމަށް ވަޑައިގަތުން.
- އަލްއިޚްވާން އަލްމުސްލިމޫން ގެ ޙަރަކާތްތެރިންގެ އަހަރީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިންނެވުން.
- ޤަޠަރު ޔުނިވަރސިޓީގައި "مركز بحوث السنة والسيرة النبوية" ގެ މުދީރު ކަމާއި  ހަވާލުވެވަޑައިގެންނެވުން.
- އަލްއިޚްވާން އަލްމުސްލިމޫން ގެ މުރުޝިދުކަން އެތައްފަހަރަކު ހުށަހަޅައި ޤަބޫލު ނުކުރެއްވުން.

ފުރުއްވި/ފުރުއްވަމުން ގެންދަވާ މަޤާމުތައް

01. މުސްލިމް ޢިލްމުވެރިންގެ އިއްތިޙާދުގެ ރައީސް
02. ޔޫރަޕުގެ ފަތުވާއާއި ބަހުސް މަޖްލިސްގެ ރައީސް
03. މިޞްރުގެ އިސްލާމިކް ރިސާޗް އެކަޑެމީ ގެ މެންބަރު
04. "އިސްލާމްއޮންލައިން.ނެޓް" ހިންގާ ޤަޠަރުގެ އަލްބަލާޣު ޖަމުޢިއްޔާގެ ކުރީގެ ރައީސް
05. ރާބިޠާ ގެ ފިޤުހު އެކަޑެމީގެ މެންބަރު
06. އިސްލާމީ އެތައް ބޭންކެއްގެ ސުޕަވައިޒަރީ ބޯޑުގެ ރައީސް، އަދި މެންބަރު
07. އެފްރިކާގެ އިސްލާމިކް ކާލް އޯގަނައިޒޭޝަން ގެ ބޯޑް މެންބަރު
08. ކުވައިތުގެ، ޒަކާތާއިބެހޭ ބައިނަލްއަޤުވާމީ މުއައްސަސާގެ ނައިބު ރައީސް
09. އޮކްސްފޯޑް ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް ގެ ބޯޑު މެންބަރު
10. ޤަޠަރުގެ "المعهد الديني" ގެ ކުރީގެ މުދީރު
11. ޤަޠަރު ޔުނިވަރސިޓީގެ "كلية الشريعة والدراسات الإسلامية" ގެ ކުރީގެ ޢަމީދު
12. އަލްޖީރިއާގެ އިސްލާމީ ޔުނިވަރސިޓީތަކާއި މަޢުހަދުތަކުގެ މަޖްލިސްތަކުގެ ކުރީގެ ރައީސް
13. ޤަޠަރު ޔުނިވަރސިޓީގެ "مركز بحوث السنة والسيرة النبوية" ގެ މުދީރު

ޤަރަޟާވީއަށް އެރުވިފައިވާ ޝަރަފުވެރިކަން

01. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު ގެ އިނާމު - އިސްލާމީ އިޤްތިޞާދުގެ ދާއިރާއިން
02. މަލިކު ފައިޞަލް ގެ އިނާމު - ދިރާސާތު އިސްލާމިއްޔާ ގެ ދާއިރާއިން ( އައްޝައިޚް މުޙައްމަދު އަލްޣަޒާލީ އާއި އެކުގައި)
03. މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ އިނާމު - ޢިލްމީގޮތުން ފާހަގަކޮށްލެވޭ ޚިދުމަތްކުރުމުގެ ދާއިރާއިން
04. ބުރުނާއީ ރަސްގެފާނު ޙަސަން އަލްބުލްޤިޔާ ގެ އިނާމު – އިސްލާމީ ފިޤުހުގެ ދާއިރާއިން
05. ސުލްޠާން އަލްޢުވައިސް ގެ އިނާމު- ޢިލްމީ އަދި ސަޤާފީ އަރުތައިގެ ދާއިރާއިން
06. ޤުރްއާނަށް ޚިދުމަތްކުރާ ފަރާތްތަކަށް ދުބާއީން ދޭ އިނާމު- އަހަރުގެ ޝަޚްޞިއްޔަތު ގެ ގޮތުގައި
07. ޤަޠަރު ސްޓޭޓް ގެ ޝަރަފުވެރިކަމުގެ އިނާމު- ދިރާސާތު އަލްއިސްލާމިއްޔާގެ ދާއިރާއިން
08. މެލޭޝިޔާ ސަރުކާރުގެ އަލްހިޖުރާ އައްނަބަވިއްޔާ އިނާމު
09. އުރްދުން ގެ ރަސްގެފާނު ޢަބްދުﷲ ގެ " އެންމެ މަތީ ދަރަޖައިގެ އިސްތިޤުލާލު މެޑަލް"

މީގެ އިތުރަށް 2008 ވަނަ އަހަރު ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެމެރިކާގެ ފޮރިންޕޮލިސީ މަޖައްލާއިން ހޮވި މުޅި ދުނިޔޭގައިތިބި އެންމެ ނުފޫޒުގަދަ މުފައްކިރުންގެ ތެރޭގައި 3 ވަނަ ލިބިފައިވަނީ ޤަރަޟާވީއަށެވެ. އެވޯޓުގައި އެއްވަނައަށް ހޮވުނީ ތުރުކީގެ މަޝްހޫރު މުފައްކިރު ފަތުޙުﷲ ޣޫލިން އެވެ. ދެވަނަ އަށް ހޮވުނީވެސް އިސްލާމީ ޝަޚްޞިއްޔަތެއްކަމުގައިވާ ބަނގުލަދޭޝް ގެ މަޝްހޫރު އެކޮނޮމިސްޓް މުޙައްމަދު ޔޫނުސް އެވެ.

-ނުނިމޭ-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.