ހޮނިހިރު20171216

އާކުރެވުނީ: 09:46:14

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަދުރަސީ އިނގިރޭސި ބަސް ދަސްކުރުމަށް ޢަމަލީގޮތުން އަމިއްލަޔަށް ކުރެވިދާނެ ބައެއް ކަންތައް

އިނގިރޭސި ބަސް ދަސްކުރުމަށް ޢަމަލީގޮތުން އަމިއްލަޔަށް ކުރެވިދާނެ ބައެއް ކަންތައް

engireysi_ugenunފެށުން

އިނގިރޭސި ބަހަކީ، މިވަގުތު ދުނިޔޭގައި އޮތް، ބައިނަލްއަޤްވާމީ ގޮތުން އެންމެ ނުފޫޒުގަދަ ބަހެވެ. ސައިންސާއި ޓެކްނޮލޮޖީ، މަތީ ތަޢުލީމު، ވިޔަފާރި އާއި އިޤްތިޞާދު، ދަތުރު ފަތުރާއި މުވާސަލާތު، ޚަބަރު ފަތުރާ ވަޞީލަތްތަކާއި އިންޓަނެޓް، މުނިފޫހި ފިލުވުމުގެ ދާއިރާ، މިޔުޒިކާއި ލަވަ، އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ މަސްރަޙުވެސް މިޒަމާނަށް އައިއިރު ބައްޓަން ވެފައި މިވަނީ އިނގިރޭސި ބަހުގެ ތަރަހައިގެ މައްޗަށެވެ. މިސަބަބަށްޓަކައި، އިނގިރޭސި ބަސް ވެފައި މިވަނީ، 'ބައިނަލްއަޤްޥާމީ ބަހެއް' International language)) ކަމުގައެވެ.

އެހެން ކަމުން، ވަރަށް ގިނަ އިނގިރޭސި ބަސް ނޫން ބަސްބަހުން ވާހަކަ ދައްކާ ޤައުމު ތަކެއްގައިވެސް އިނގިރޭސި ބަސް މިހާރު ދަނީ 'ދެވަނަ ބަހެއް' second language) ގެ ގޮތުގައި ކިޔަވައި ދެމުންނެވެ (މިސާލަކަށް: އިންޑިޔާގައި). ނުވަތަ، 'ބިދޭސީ ބަހެއް' (foreign language) ގެގޮތުގައި އުނގަންނައި ދެމުންނެވެ (މިސާލަކަށް: އިޓަލީވިލާތުގައި). އަދި، އަނެއްބައި ޤައުމުތަކެއްގައި، އެންމެ ކުޑަމިނުން 'އިތުރު ބަހެއް' additional / auxilliary language) ގެގޮތުގައި ކިޔަވައިދެމުންނެވެ (މިސާލަކަށް: އިންޑޮނޭޝިޔާގައި).

މިގޮތުން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް، އިނގިރޭސި ބަސް އެބަ ކިޔަވައި ދެވެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ގިނަ ކިޔަވާކުދީންނަށް އިނގިރޭސި ބަސް މިވަނީ، ވަރަށް އުނދަގޫ 'މާއްދާ' އަކަށެވެ. މިކަން މިހެން ވާން ދިމާވާ ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި، ސްކޫލުތަކުގައި އިނގިރޭސި ބަސް ކިޔަވައިދެވޭ ގޮތް ހިމެނެއެވެ.

ނަމަވެސް، މިފަހަރުގެ މިލިޔުމުގައި، ބަލާލަން ޤަސްދުކުރަނީ، އިނގިރޭސި ބަސް ސްކޫލުތަކުގައި ކޮންމެ ގޮތަކަށް ކިޔަވައިދެވުނު ކަމުގައި ވިޔަސް، ކިޔަވާ ކުއްޖެއްގެ ޙައިސިއްޔަތުން އެކުއްޖެއްގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް އެކުއްޖަކަށް އަމިއްލަޔަށް ކުރެވިދާނެ ބައެއް ކަންކަމެވެ. މިކަންކަމުގެ އިތުރުން ކުރެވިދާނެ ކަންތައްތައް ބައިވަރުމެއެވެ. ނަމަވެސް، މިލިޔުމުގައި ހިމަނާލާފައި މިވާ ކަންތައްތަކަކީ، ކިޔަވާކުއްޖެއްގެ ޙައިސިއްޔަތުން، އަޅުގަނޑުކުރި އަމިއްލަ ތަޖުރިބާއިން ކާމިޔާބުކަމަށް އަޅުގަނޑަށް ފެނުނު ކަންކަމެވެ. މިގޮތުން، އިނގިރޭސި ބަސް ދަސްކުރަން ފެށުމުގެ ކުރިން ވިސްނާލަން ޖެހޭ ބައެއް ކަންކަން އިހަށް ދަންނަވާލާނަމެވެ.

އިނގިރޭސި ބަސް ދަސްކުރުމުގައި ވިސްނަންވީ ބައެއް ކަންތައް

އިނގިރޭސި ބަސް ދަސްކުރަން ފަށާއިރު، ހަނދާން ކޮށްލަންޖެހޭ ދެތިން ކަމެއް އެބައޮތެވެ. އެއްކަމަކީ، ޙަޤީޤަތުގައި، އިނގިރޭސި ބަހަކީ، އެބަސް ދަސްކުރާ ގިނަ ބަޔަކަށް އުނދަގޫ ބަހެއްކަމެވެ. މިއީ ހަމައެކަނި، އަޅުގަނޑުމެންނަށް އެކަނި އުނދަގޫ ބަހެއް ނޫންކަމެވެ. މީގެ މާނައަކީ، އިނގިރޭސި ބަހަކީ، ގަދަ އަޅައި މަސައްކަތް ނުކޮށް ފުރިހަމަޔަށް ދަސްކުރެވޭނެ ބަހެއް ނޫނެވެ. އަދި އެކަމަށް ވަގުތުވެސް ބޭނުން ވާނެއެވެ. އެއީ، ތިން މަސްދުވަހުން، ނުވަތަ އަހަރު ދުވަހަކުން އެދެވޭ ފެންވަރަށް ކާމިޔާބު ކުރެވިދާނެ ލަނޑުދަނޑިއެއް ނޫނެވެ. ބައެއް ފަހަރު ތިން އަހަރު ދުވަސް ވެސް އެކަމަށް ނަގާފާނެއެވެ. އަދި އެއަށްވުރެ ގިނަ ދުވަސް ވެސް ނަގާފާނެއެވެ. އަދި ވަރަށް އަވަހަށް އެކަން ޙާޞިލްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެނީ، އެކަން ބިނާވެފައި އޮންނަނީ، އެބަސް ދަސްކުރުމަށް އެކުއްޖެއްގެ ކިބާގައި ހުންނަ ޝަޥްޤުވެރިކަމަކާއި، އެކުއްޖަކު އެކަމަށް ހިންމަތާއި އެކު ކުރާ މިންނަތެއްގެ މައްޗަށެވެ. އަދި އެކަމަށް ހޭދަކުރާ ވަގުތުގެ މިންވަރަށެވެ. އިނގިރޭސި ބަހަކީ، އަޅުގަނޑުމެންގެ މާދަރީ ބަހެއް ނޫނެވެ. އެހެން ކަމުން، އެބަސް ދަސްކުރަން ބޭނުންނަމަ، ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވާނެއެވެ. އަދި، އިނގިރޭސި ބަހަކީ، ބައިނަލްއަޤްޥާމީ ބާޒާރުގައި އަގުބޮޑު ބަހެކެވެ. އެހެން ކަމުން، އެބަސް 'ގަތުމަށް' ދައްކަން ޖެހޭ އަގުވެސް ބޮޑުވާނެކަން ހަނދާން ކުރާށެވެ.

މިއަށްފަހު، ދެން ވިސްނަންވީ ކަމަކީ، އިނގިރޭސި ބަހަކީ، 'ބަހެއް' ކަމެވެ. އެއީ، ސްކޫލުގައި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިން ނަމަވެސް، ބަހެކެވެ. އެ 'މާއްދާ' އަށް ކިޔަނީވެސް، އިނގިރޭސި ބަސް ނޫންހެއްޔެވެ؟ އެހެން ވީމައި، އެބަސް ދަސްކުރުމަށްޓަކައި ބޭނުންކުރަންޖެހޭނީ، ބަސް ދަސްކުރުމަށް ބޭނުންކުރާ އުކުޅުތަކެވެ. ވަކި މާއްދާއެއް އުނގެނުމަށް ބޭނުން ކުރާ ގޮތްތަކެއް ނޫނެވެ. މިވިސްނުން ގެންގުޅެވޭނަމަ، ބަސް ދަސްކުރުމަށް އޮންނަ ޝަޥްޤުވެރިކަން ވެސް އިތުރުވާނެއެވެ. މިލިޔުން ފަށަމުން ދެންނެވި ފަދައިން އިނގިރޭސި ބަހާއިމެދު ވިސްނުން ގެންގުޅޭށެވެ. އެއީ، ބައިނަލްއަޤްޥާމީ މަސްރަޙުގައި މުހިއްމު ބަހެއްކަން ހަނދާން ބަހައްޓައިގެން އެބަސް ދަސްކުރުމަށް މަސައްކަތްކުރާށެވެ.

މިގޮތުން، ބަހެއް ދަސްކުރުމަށް މަސައްކަތްކުރާއިރު، އެބަހެއްގެ އަސާސީ ހުނަރުތައް ދަސްކުރުމަށް އިސްކަންދޭން ވާނެއެވެ. އެއީ، އަޑުއެހުން، ކިޔުން، ލިޔުން، އަދި ވާހަކަދެއްކުން، މި ހަތަރު ހުނަރެވެ. އެހެނީ، ބަހަކީ، މި ހުނަރުތަކުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. އެއިން ބައެއް ހުނަރު ދޫކޮށް ލައި، އަނެއްބައި ހުނަރުތައް ހޯދުމަށް މަސައްކަތްކުރުމަކުން، ޙަޤީޤަތުގައި ބަހެއް ދަސްވީކަމަކަށް ނުވާނެއެވެ. އެއީ، އެހުނަރުތަކަކީ، އެކަތި އަނެކެއްޗާއި ގުޅިލާމެހިފައިވާ ވަކިނުކުރުވޭނެ ހުނަރުތަކެކެވެ. އަދި، މިދެންނެވި ހުނަރުތައް ގުޅުވައިދޭ މެދުވެރިން ކަމުގައިވާ ބަހުގެ ޤަވާއިދާއި، ބަސްކޮށާރަކީ ވެސް، އެބަހެއް ދަސްކުރުމުގައި އިހުމާލު ނުކުރެވޭނެ ދެ ބަހާއެވެ.

އެހެންކަމުން، މިލިޔުމުގައި މިދެންނެވި ހުނަރުތައް ވަކި ބައިތަކެއްގެ ގޮތުގައި ހުށަހެޅޭތޯ ބަލާފައި ވީ ނަމަވެސް، އެހުރިހާ ހުނަރުތަކަކީ ވެސް، 'މަސްހުނި' ބަހާތަކެއްކަން ހަނދާން ބެހެއްޓުން ހުއްޓެވެ.

ދެން އަސްލު މައުޟޫޢު އާއިގެން، އާދެ، އިނގިރޭސި ބަސް ދަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ކުރިޔަށް ދާނަމެވެ.

އިނގިރޭސި ބަސް ދަސްކުރުމަށްކުރެވިދާނެ ކަންތައްތައް

ބަހުގެ ޤަޥާޢިދު

ޚާއްޞަކޮށް އިނގިރޭސި ބަސް ދަސްކުރުމަށް ފަށައިގަންނަ ދުވަސްވަރު، ބަހުގެ އަސާސީ ބައެއް ބައިތައް ދަސްކުރަން ޖެހޭނެއެވެ. މިގޮތުން، ކޮންމެހެންވެސް އަސާސީ ޤަޥާޢިދު ނުވަތަ ބަހުގެ ހަމަތައް ދަސްކުރުން މުހިއްމެވެ. އަސާސީ ޖުމުލަހެދުން ނުވަތަ ޖުމުލަހެދުމުގެ އޮނިގަނޑު (sentence structure)، ޒަމާންތައް (tenses) އަދި، ނަންއިތުރު، ކަންއިތުރު ފަދަ ބަހުގެ ނުވަތަ ޢިބާރާތްކުރުމުގެ ބައިތަކަށް (parts of speech) އިސްކަން ދޭންވާނެއެވެ. މިކަން ކުރުމަށްޓަކައި މުދައްރިސެއްގެ އެހީ ނޫންނަމަ އިނގިރޭސި ބަސް ދަންނަ ރައްޓެއްސެއްގެ އެހީ ހޯދިދާނެއެވެ. އަދި، އަމިއްލަޔަށް ވެސް މިކަން ކުރެވިދާނެއެވެ. ބޭނުންވާނީ، ރަގަޅު ޤަވާއިދު ފޮތެކެވެ. އަމިއްލަޔަށް ކިޔަވާ ކުދިންނަށް ޚާއްޞަކޮށްފައި ހުންނަ ވައްތަރުގެ ފޮތެކެވެ. މިބާވަތުގެ ފޮތް ބާޒާރުން ލިބެން ހުންނާނެއެވެ. ނަމަވެސް، ފޮތަކުން ދަސްކުރެވޭނީ، ކޮންމެވެސް ވަރަކަށް އިނގިރޭސި ވެސް އެނގިގެންނެވެ. އެހެނީ، ދިވެހި-އިނގިރޭސިން ހުންނަ ޤަވާއިދު ފޮތްފޮތެއް އަދި ނުހުންނާތީ އެވެ.

އަޑުއެހުން

ބަހުގެ ހަމަތައް ދަސްކުރުމާއިއެކު، ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ އަނެއްކަމަކީ، އިނގިރޭސި ބަހުން ދެކެވޭ ވާހަކަ އަޑުއެހުމެވެ. އެހެނީ، ކުއްޖަކު ދުނިޔެއަށް އުފަންވުމަށް ފަހު، އެކުއްޖާ ފުރަތަމަ ކުރާ ކަމަކީ، ވަށައިގެން އިވޭ އަޑުތަކަށް ސަމާލުކަން ދިނުމެވެ. އެގޮތުން، އެކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ އަދި އެކުއްޖަކާއި އެންމެ ގާތްބަޔަކު ވާހަކަދައްކާ ބަސް އެކުއްޖަކަށް އަޑުއިވެއެވެ. އެއީ، އެކުއްޖަކު އެބަސް ދަސްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އަޅުގަނޑުވެސް އެއްބަހެވެ. ކުރިންވެސް ދެންނެވުނު ފަދައިން، އިނގިރޭސި ބަހަކީ، އަޅުގަނޑުމެންގެ މާދަރީ ބަހެއް ނޫނެވެ. އެހެންކަމުން، ކުޑަކުއްޖަކު މާދަރީބަސް ދަސްކުރާގޮތް ނުވަތަ 'ލިބިގަންނަ' ގޮތާއި (language acquisition) އަޅުގަނޑުމެން އިނގިރޭސި ބަސް ދަސްކުރާގޮތާއި (language learning) ވަރަށް ތަފާތުވާނެއެވެ. ނަމަވެސް، ދިރާސާތައްވެސް ދައްކާގޮތުން، އަޑުއެހުމަކީ، އޭގެ ޒާތުގައި ބަސް ދަސްވުމަށް ވަރަށް ބޮޑު އެހީއަކަށް ވާކަމެވެ. އަދި، އެއީ، އެންމެ ފަސޭހައިން ކުރެވޭނެ ކަންތައްވެސް މެއެވެ. އެހެންކަމުން، ބަހެއް ދަސްކުރަން ފަށާ މީހެއްގެ ޙައިޞިއްޔަތުން ފުރަތަމަ ކަމަކަށް ކުރަން އެންމެ ރަގަޅުކަމަކީ، އެބަހަކުން ދައްކާ ވާހަކަ އަޑުއެހުމެވެ. އެވާހަކަތަކުން އަޑުއިވޭ ހުރިހާ އެއްޗެއް ފަހުމް ނުވިކަމުގައިވިޔަސް ވެސް މެއެވެ. މިގޮތުން ތަފާތު ބާވަތް ބާވަތުގެ 'ދެކެވޭ ވާހަކަ' އަޑު އެހިދާނެއެވެ. ޢިޖުތިމާޢީ ގުޅުންތަކުގައި ދޭދޭ މީހުން ދައްކާ ވާހަކައެވެ. އަދި، ޚަބަރާއި މަޢުލޫމާތު ފޯރުކުރުމަށް ދެކެވޭ ވާހަކަވެސް މެއެވެ. މުހިއްމީ ވީހާވެސް ގިނަ ބާވަތް ތަކެއްގެ 'ވާހަކަ' އެޑުއެހުމެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ޢާއްމު ދިރިއުޅުމުގެ ބޭނުންތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކާ (ގިނަ) ބަޔަކު އުޅޭތަނެއް ނޫނެވެ. އެހެންކަމުން، މިދެންނެވި ފަދަ، އިނގިރޭސި ބަހުން ދެކެވޭ ވާހަކަ ހޯދުމަށްޓަކައި، (ކޭބަލް) ޓީވީ، ފިލްމު، ރޭޑިޔޯ ޗެނަލްސް، އަދި އިންޓަނެޓްގެ ބޭނުން ހިފިދާނެއެވެ.

މިގޮތުން، އިވޭ ވާހަކަ އަޑުއެހުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ، ޢާއްމު ދިރިއުޅުމުގައި އެބަހަކުން ވާހަކަދައްކާ ބަޔަކު އެބަސް ބޭނުންކުރާ ގޮތް ދަސްވުމެވެ. މިއީ، ފޮތަކުން ޙާޞިލުވާނެ ކަމެއް ނޫނެވެ. އަދި، މިކަން ފުރިހަމައަށް ޙާޞިލުކުރުމަށްޓަކައި، ފަރުވާތެރިވެ އަޑުއަހަން ޖެހޭނެއެވެ. އަދި، އަންނަނިވި ފަދަ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

1. ވާހަކަދައްކާ މީހާ ބޭނުންކުރާ ބަސްކޮށާރު (އެޙާލަތަކާއި ގުޅޭ ގޮތުން މިކަމާއި މެދު ވިސްނާށެވެ)

2. ވާހަކަ ދައްކާ މީހާ ގެންގުޅޭ ރާގު ނުވަތަ އެދެކެވޭ ވާހަކައެއްގެ ޙާލަތާއި ގުޅޭގޮތުން އޭނާގެ މިޒާޖަށް އަންނަ ބަދަލާއި ގުޅިގެން އަޑަށާއި ރާގަށް ގެންނަ ބަދަލު (intonation). މިސާލަކަށް، ސުވާލުކުރާއިރު ބޭނުންކުރާ ރާގާއި، އެއްޗެއް ބުނެދޭއިރު ބޭނުންކުރާ ރާގުވެސް ތަފާތު ވާނެއެވެ. ނަމަވެސް، މިފަދަ ތަފާތުތަކަކީ، ބަސް ދަސްކުރަން ފަށައިގަންނަ ދުވަސްވަރު އެހާ ފަސޭހައިން ދެނެގަނެވޭނެ ކަމެއް ނޫނެވެ. އަދި އެގޮތުން، ފުރަތަމަ ކޮޅު އެކަން އުނދަގޫވި ނަމަވެސް، އެއީ އެހާ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. މަސައްކަތާއިގެން ކުރިޔަށް ދާށެވެ.

3. ވާހަކަދައްކާމީހާ ބޭނުންކުރާ ލަފުޒުތައް އޭނާ ކިޔާގޮތް (pronunciation). ހަޤީޤަތުގައި، މިއީ އެހާ މުހިއްމު ކަމެއް ނޫނެވެ. އެހެނީ، އެހެން ބަސްބަހެކޭ އެއްފަދައިން، އިނގިރޭސިބަހުގައި ވެސް، އެކިމީހުން ވާހަކަދައްކާ ރާގާއި، ލަފުޒުތައް ކިޔާ އުޅޭ ގޮތް ވެސް ތަފާތެވެ. ނަމަވެސް، މިކަމާއި މެދު ވެސް ވިސްނާލުމަކީ، އެހެން މީހުންވެސް ވާހަކަ ދައްކާއިރު ގެން ގުޅޭ ގޮތްތައް އެނގި، ތިމާ އަމިއްލައަށް އިނގިރޭސި ބަހުން ވާހަކަދައްކަން ޖެހޭ ހިނދު އެކަމުންވެސް އަމިއްލަ ނަފުސަށް އިތުބާރު ހޯދުމެވެ. އެއްވެސް، ޙާލެއްގައި، ވަކިމީހަކު ނުވަތަ ބަޔަކު ވާހަކަދައްކާ ގޮތެއް ނަކަލު ކުރުމެއް ވެސް ނޫނެވެ. އަދި އެގޮތަށް ނަކަލުކުރަން އުޅުމަކީ، ބޭނުން ކަމެއް ވެސް ނޫނެވެ.

ނަމަވެސް، މިހާ ހިސާބުން، އަދިވެސް ހަނދާންކުރަންޖެހޭ ކަމަކީ، އަޑުއެހުމަކީ ވެސް، ސިލްސިލާކޮށް ކުރެވެން ވާނެ ކަމެކެވެ. ހަމަ އެކަނި، ފަށައިގަންނަ ދުވަސްވަރަށް ޚާއްޞަކަމެއް ނޫނެވެ. ކުރިން ދެންނެވި ފަދައިން، އަޑުއެހުން، ލިޔުން، ކިޔުން، އަދި ވާހަކަދެއްކުން، އަދި މީގެ އިތުރުން، ބަހުގެ ޤަވާއިދު ދަސްކުރުމާއި، ބަސްކޮށާރު މުއްސަނދިކުރުމަކީ ވެސް، އެކުއެކީގައި ނުހުއްޓާ ކުރިޔަށް ގެންދަންވާނެ ކަންކަމެވެ.

ކިޔުން

އިނގިރޭސިން ދެކެވޭ ވާހަކަ އެޑުއެހުމުގެ އިތުރުން، ދެން ކުރެވިދާނެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑުދެކެނީ، އިނގިރޭސި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމެވެ. މިގޮތުން، ޚާއްޞަކޮށް ފަށައިގަންނަ ދުވަސްވަރު ކިޔަން އެންމެ ރަގަޅު ލިޔުންތެރިކަމުގެ ބާވަތަކީ، ވާހަކަ ފޮތެވެ. އެއީ، ކިޔުމުގެ އާދަ އަށަގެންނެވުމަށް ވާހަކަ ކިޔުމުން އެ ލިބޭ ހިތްހަމަޖެހުން ނުވަތަ މުނިފޫހި ފިލުން އެހީވެދޭނެ ތީއެވެ. ނަމަވެސް، ވާހަކަ މިއީ ލިޔުންތެރިކަމުގެ އެންމެ ބާވަތެކެވެ. އެހެން ކަމުން، ތަފާތު ބާވަތްތަކުގެ (egenre) ލިޔުން ކިޔުމަކީ، މުހިއްމު ކަމެކެވެ. އެއީ، އޭގެ ސަބަބުން އެކި ބާވަތްތަކުގެ ލިޔުންތެރިކަމުގައި ލިޔުންތެރިން ގެންގުޅުއްވާ އުސްލޫބު ނުވަތަ ފޭޑި (style) ދަސްވާނެކަމެކެވެ. އަދި މިއީ، ލިޔުންތެރިކަމުގެ ހުނަރު ހޯދުމަށް ފަސޭހަ ވެގެން ދާނެކަމެކެވެ. މިގޮތުން ކިއިދާނެ ބާވަތްތަކުގެ ތެރޭގައި، ވާހަކަ ފޮތުގެ އިތުރުން، ނޫސް މަޖައްލާ ގައި ހުންނަ ލިޔުންތަކާއި ރިޕޯޓުތައް، ތަފާތު އަދަބީ ލިޔުންތަކާއި، އިންޓަނެޓްގައި ހުންނަ ތަފާތު ބާވަތްތަކުގެ ލިޔުންތައް ހިމެނެއެވެ. ނަމަވެސް، މިގޮތުން ފެންނަ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ކޮންމެ ލިޔުމަކީ، ލިޔުންތެރިކަމުގެ ގޮތުން އެންމެ ފެންވަރު ރަގަޅު ލިޔުމަކަށް ނުވެހިނގައިދާނެކަން ވެސް ހަނދާން ބަހައްޓާށެވެ.

އަދި، ބަހެއް ދަސްކުރަން ފަށައިގަންނަ މަރުޙަލާގައި ކިޔުންތެރިކަމުގެ ގޮތުން، އެކިޔާ އެއްޗެއްގައި ހުންނަ ލިޔުންތެރިޔާގެ މައިގަނޑު ޚިޔާލުތައް ދެނެގަތުމަށް މަސައްކަތްކުރާށެވެ. ލިޔުންތެރިޔާގެ މައިގަނޑު ޚިޔާލު (ނުވަތަ ޚިޔާލުތައް) ދެނެގަތުމަށް މުހިއްމު ބައިތަކަށް ސަމާލުކަންދީގެން ނަމަވެސް ނުހުއްޓައި، ހަލުއިކޮށް ކިޔާށެވެ. އެހެން ގޮތަކަށް ބުނާނަމަ، މިކްސް ކުރާށެވެ. އެއިރުން، ފަރިތަކޮށް ތަކެތި ކިޔުމުގެ ޤާބިލުކަން އަށަގަންނާނެއެވެ. ނަމަވެސް، މިތާނގައި ހަނދާން ބަހައްޓަންވީ ކަމަކީ، ފަށައިގަންނަ މަރުޙަލާގައި، އަވަހަށް ތަކެތި ނުކިޔުނު ކަމުގައިވިޔަސް، އެއީ އަދި މައްސަލައެއް ނޫންކަމެވެ. އެއީ، ފަރިތަކޮށްގެން ރަނގަޅު ކުރެވިދާނެ ކަމެކެވެ. ބޮޑަށް މުހިއްމުކަން ދޭންވީ، ލިޔުންތެރިޔާ ބުނާ އެއްޗެއް ދެނެގަތުމަށެވެ. އެގޮތުން، އެލިޔުމެއްގައިވާ ހުރިހާ އެއްޗެއް ނޭނގުމަކީވެސް މައްސަލައެއް ނޫނެވެ. ބަލަންވީ މުހިއްމު ނުކުތާތަށް ދެނެގަނެވޭ ތޯއެވެ. މައިގަނޑު މެސެޖު (gist) ދެނެގަނެވޭތޯއެވެ.

އަދި، 'ހަލުވިކޮށް' ކިޔާއިރު، މާނަ ނޭނގޭ ބަސްބަސް ނުވަތަ ލަފުޒު ދިމާވިނަމަވެސް، އެހުރިހާ ލަފުޒެއްގެ މާނަ ހޯދުމަށް ބަސްފޮތް ނުބަލާށެވެ. އެއީ، އެހެން މާގިނައިން ހަދަންފަށައިފިނަމަ، ކިޔަން ދޭވޭ ސަމާލުކަން ކުޑަވެ، ޝައުޤުވެރިކަން ގެއްލިދާނެއެވެ. އަދި، ކިޔުމުގެ ސްޕީޑަށް ބުރޫ އަރާފާނެއެވެ. އެހެން ކަމުން، މާނަ ނޭނގޭ ކޮންމެ ބަހެއްގެ މާނަ ހޯދުމަށް ބަސްފޮތް ބެލުމުގެ ބަދަލުގައި، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި މާ މުހިއްމު ކަމަށް ހީވާ ނުވަތަ މާގިނައިން ތަކުރާރުވާ ބަހެއް ނުވަތަ ބަސްތަކެއްވާނަމަ، އެފަދަ ބަހެއް ނުވަތަ ބަސްތަކެއްގެ މާނަ ހޯދިދާނެއެވެ (ބަސްކޮށާރު މުއްސަނދި ކުރެވިދާނެ ގޮތާއި ބެހޭ ބައެއް މަޢުލޫމާތު ފަހުން އެބަގެންނަމެވެ).

ނަމަވެސް، ކިޔުމުގެ އާދަ ހަރުލައި، ކިޔުންތެރިކަމުގެ ތެރެޔަށް ބޮޑަށް ވަދެވުމުން، ލިޔުންތެރިޔާގެ އުސްލޫބާއިމެދު ވިސްނަން ފަށާށެވެ. މިސާލަކަށް، ވާހަކައެއް ކިޔަމުންދާއިރު، ލިޔުންތެރިޔާ އެވާހަކައެއްގައި ތަންތަން ނުވަތަ މީހުން ސިފަކޮށްފައިވާ ގޮތާއި މެދުވިސްނާށެވެ. ބޭނުންކޮށްފައިވާ ބަސްކޮށާރާއި މެދުވިސްނާށެވެ. އަދި، ދެކެވޭ ވާހަކަ ނުވަތަ ޑަޔަލޮގް ގެނެސްފައި ހުންނަގޮތާއި މެދުވެސް ވިސްނިދާނެއެވެ. އަދި ރިޕޯޓެއް، މަޒުމޫނެއް ނުވަތަ އެހެންވެސް އަދަބީ ލިޔުމެއް ނަމަ، ޚާއްޞަކޮށް، އެލިޔުމެއްގައި ޕެރެގްރާފުކޮށް ފައިވާ ގޮތާއިމެދު ވެސް ވިސްނާލުން މުހިއްމެވެ. އަދި މިގޮތުން، ލިޔުމަކުން، (ޢިބާރާތްކޮށްފައިވާ ގޮތުން) މާރީތި ކަމަށް ފާހަގަ ކުރެވޭ ޖުމުލައެއް ފެނިއްޖެ ނަމަ، އެޖުމުލައެއް އެހެން ނޯޓް ފޮތަކަށް ނަމަވެސް ނަގާށެވެ. އެޖުމުލައިގެ ބޭނުން ފަހުން ހިފިދާނެ ގޮތްތަކަކަށްޓަކައެވެ (މިކަމާއިބެހޭ އިތުރު މަޢުލޫމާތު ލިޔުންތެރިކަން ރަނގަޅު ކުރެވިދާނެ ގޮތާއި ބެހޭ ބައިގައި އެބަ ގެންނަމެވެ).

ބަސްކޮށާރު މުއްސަނދިކުރުން

މިހާ ހިސާބުން، ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެނީ، އިނގިރޭސި ބަހުގެ ބަސްކޮށާރު (vocabulary) މުއްސަނދި ކުރުމެވެ. ޙަޤީޤަތުގައި މިއީވެސް، ފަށައިގަންނަ ދުވަސްވަރު ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި ނުހުއްޓި ކުރިޔަށް ގެންދަންވާނެ ކަމެކެވެ. ނަމަވެސް، ކިޔުންތެރިކަމުގެ ތެރެޔަށް ބޮޑަށް ވަދެވުމުން، ބަސްކޮށާރު މުއްސަނދި ކުރުމަށް އިތުރަށް މަސައްކަތްކުރަން ވާނެއެވެ. އެހެނީ، މުއްސަނދި ބަސްކޮށާރަކާއި ނުލައި، ކިޔާތަކެތި ދޭހަވުމަށް އުނދަގޫވާނެއެވެ. އަޑުއިވޭ ނުވަތަ އަޑުއެހޭ ތަކެތި ފަހުމް ވުމަށް އުނދަގޫވާނެއެވެ. އަމިއްލަ ޚިޔާލު ލިޔުމުންނާއި ވާހަކަދެއްކުމުން ހުށަހަޅަން އުނދަގޫ ވާނެމެއެވެ. ބަސްކޮށާރާއި ނުލައި ބަހަކީ، ނެތް އެއްޗެކެވެ.

އެހެންކަމުން، ބަސްކޮށާރު މުއްސަނދިކުރުމަށްޓަކައި ފުރަތަމަވެސް ރަގަޅު ރަދީފަކާއި އަހުލުވެރިވާން ޖެހޭނެއެވެ. ރަގަޅު ބަސްފޮތެއް (ނުވަތަ dictionary އެއް) ހޯދަން ޖެހެއެވެ. ފޮތެއް ނެތި އެދުރެއް ނުވެވޭނެތީއެވެ. މިގޮތުން، ރަގަޅު ބަސްފޮތެއް ހޯދުމުގައި، އަންނަނިވި ކަންތައް ތަކަށް ބެލިދާނެއެވެ. އެފަދަ ބަސްފޮތެއްގައި ނަމަ މިދަންނަވާ ސިފަތައް ހުންނާނެއެވެ.

1. ގިނަ ލަފުޒުތަކެއްގެ މާނަ (entries) ހުރުން

2. ލަފުޒުތައް ކިޔާގޮތް (pronunciation) އެނގޭނެހެން ހުރުން

3. ލަފުޒުތައް ބޭނުންކުރާގޮތުގެ މިސާލު ހުރުން

4. އެއް މާނައަށްވުރެ ގިނަމާނަ ހުންނަ ލަފުޒުތަކުގެ (polysemous words) ހުރިހާ މާނަތަކެއް ލިސްޓުކުރެވިފައި ހުރުން [ވަރަށް ރަގަޅު ބަސްފޮތެއްގައި ނަމަ، އެއްވައްތަރުގެ މާނަ ދޭހަވާ ލަފުޒުތައް ނުވަތަ synonyms އަދި، އިދިކޮޅު މާނަ ދޭހަވާ ލަފުޒުތައް ނުވަތަ antonyms ބުނެދީފައި ހުންނާނެއެވެ. އަދި، ބައެއް ރަދީފުގައި، އެއްގޮތަށް ލިޔެ، އަދި އެއްގޮތަށް ކިޔޭ ނަމަވެސް މާނަ ތަފާތު ލަފުޒުތައް (homonyms) ވެސް ވަކިން ބުނެދީފައި ހުރެއެވެ. އަދި، ލަފުޒުގެ އަސްލު ނުވަތަ އުފެދިފައިވާ މަސްދަރު (word origins) ވެސް ބުނެދީފައި ހުރެއެވެ].

5. ލަފުޒުތަކުގެ ބާވަތް (word forms) ބުނެދީފައި ހުރުން. މިސާލަކަށް، އެލަފުޒަކީ، ނަމެއްކަން، ނަންއިތުރެއް ކަން، ކަމެއްކަން، ނުވަތަ ކަންއިތުރެއް ކަން އެނގޭނެހެން ނިޝާނެއް ބޭނުންކޮށްފައި ހުރުން. އަދި، ކޮންމެ ލަފުޒެއްގެމެ އެފަދަ ބާވަތްތައް ބުނެދީފައި ހުރުން.

6. ލަފުޒު ބޭނުންކުރާ ޙާލަތް (register) ބުނެދީފައި ހުރުން. މިސާލަކަށް، އެލަފުޒަކީ، ރަސްމީ ޙާލަތްތަކަށް ޚާއްޞަ ބަހެއްކަން (formal word) ނުވަތަ ނުރަސްމީ ޙާލަތް ތަކާއި އެކަށޭނަ ބަހެއްކަން (informal word) ނުވަތަ ޢާއްމުކޮށް ވާހަކަދެއްކުމުގައި ބޭނުންކުރާ ބަހެއްކަން (colloquial word) ނުވަތަ އަދަބީ ލިޔުންތަކަށް ޚާއްޞަ ބަހެއްކަން (literary expression) ނުވަތަ ވަރަށް 'ނުރަސްމީ' ބަހެއްކަން (slang) އެނގޭނެހެން ހުރުން. އަދި މިނޫންވެސް މިފަދަ ޙާލަތްތައް އޮޅުން ފިލުވައިދީފައި ހުރުން.

7. ލަފުޒަކީ، ކޮން ބާވަތެއްގެ އިނގިރޭސި ލަފުޒެއް ކަން އަންގައިދީފައި ހުރުން. މިސާލަކަށް، އެމެރިކާގައި ބޭނުން ކުރާ ބާވަތުގެ އިނގިރޭސި ލަފުޒެއް ނަމަ، އެކަން އެނގޭނެހެން  AmE  ޖަހާފައި ހުރުން. ވަރަށް ގިނަ ރަދީފުގައި މިގޮތަށް ނިޝާން ޖަހާފައި ހުރެއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ އިނގިރޭސި ނަމަ،  BritE ޖަހާފައި ހުރެއެވެ. އަދި، އޮސްޓްރޭލިޔާގައި ބޭނުންކުރާ އިނގިރޭސި ނަމަ،  AusEޖަހާފައި ހުރެއެވެ. ބޭނުމަކީ، އެއީ ކޮން ޤައުމެއްގައި ޚާއްޞަގޮތެއްގައި ބޭނުން ކޮށްއުޅޭ ބަހެއްކަން އަންގައިދިނުމެވެ. ޙަޤީޤަތުގައި، އިނގިރޭސި ބަސް ފުރިހަމައަށް އުނގެނެން ބޭނުން މީހަކަށް މިއީވެސް ވަރަށް މުހިއްމު މަޢުލޫމާތެކެވެ. އެހެނީ، އިނގިރޭސީގައި އޮންނަ ބައިނަލްއަޤްޥާމީ ގޮތުން ޤަބޫލުކުރާ މައިގަނޑު ތިން ބާވަތް ކަމަށްވާ، ބްރިޓިޝް އިންގްލިޝް، އެމެރިކަން އިނގްލިޝް، އޮސްޓްރޭލިޔަން އިންގްލިޝް ގެ މެދުގައިވެސް ކުދި ތަފާތުތައް (މިސާލަކަށް، ލަފުޒެއް ލިޔެފައި އޮންނަގޮތް ނުވަތަ spelling ގެތަފާތު) ހުންނާތީ، އެތަފާތުތައް އެނގުމަކީ، މުހިއްމު ކަމަކަށް ވާނެތީއެވެ. ނަމަވެސް، އިނގިރޭސި ދަސްކުރަން ފަށައިގަންނަ ދުވަސްވަރު މިއީ އެހާ މުހިއްމު ކަމެއް ނޫނެވެ.

ރަގަޅު ބަސްފޮތެއް ހޯދުމަށްފަހު، ލިބޭ ހުސްވަގުތުގައި ބަސްފޮތް ބަލައިލަން އާދަކުރާށެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެތީއެވެ. އަދި، މިގޮތުން ބަލާއިރު، ފެންނަ މުހިއްމުހެން ހީވާ ލަފުޒުތައް ނޯޓުކުރުމަށް ވަކިން ފޮތެއް އައްޔަން ކުރާށެވެ. އަދި، އެފޮތުގައި ނޯޓުކުރަމުން ގެންދާށެވެ. މިގޮތަށް ނޯޓުކުރާއިރު، ކޮންމެ ލަފުޒަކާއެކު އެލަފުޒަކާއި ގުޅޭ އަންނަނިވި ކަންތައްތައް ނޯޓުކުރާށެވެ.

1. ލަފުޒުގެ މާނަ (ވަރަށް ގިނަ މާނަ ހުންނަ ލަފުޒުތަކުގައި ނަމަ، ތިމާއަށް އެންމެ މުހިއްމު ވާނެހެން ހީވާ މާނަތައް)

2. ލަފުޒު ކިޔާގޮތް (ލަފުޒުތައް ކިޔާގޮތް ލިޔެފައި ހުންނަނީ،  IPA symbolsކިޔާ ވަކި ޚާއްޞަ ނިޝާން ތަކަކުންކަމަށްވުމާއެކު، މުދައްރިސެއްގެ އެހީގައި އެނިޝާންތައް ކިޔަން ދަސްކުރެވިދާނެއެވެ. އެނިޝާންތައް ހުންނަ ކޮންމެ ބަސްފޮތަކުމެ، އެނިޝާންތައް ކިޔާނެ ގޮތް ބުނެދީފައި ހުރޭމެއެވެ. އަދި، މިޒަމާނުގެ ބަސްފޮތްތަކާއެކު ހުންނަ CD ROM ތަކުގައި އެލަފުޒަކަށް އޮބާލުމުން އަޑު އިވޭ ގޮތަށް ހުރެއެވެ.)

3. ލަފުޒުގެ ބާވަތް (word forms)

4. ލަފުޒު ބޭނުންކުރާ ޙާލަތު (register)

5. އުނދަގޫ ލަފުޒެއް ނަމަ، އެލަފުޒެއް ބޭނުންކޮށްފައިވާ ގޮތުގެ މިސާލު (ބަސްފޮތުގައިވާ ގޮތަށް)

މިގޮތަށް، އެހެން ފޮތަކަށް އެލަފުޒުތަކާއި އެލަފުޒުތަކާއި ގުޅޭ މިބުނެވިދިޔަ ކަންތައްތައް ނޯޓުކުރުމުގެ ބޭނުމަކީ، ފަހުން އެބަސް ބޭނުންކުރަން ޖެހޭ ހިނދެއްގައި ހޯދާލަން ފަސޭހަކުރުމާއި، އެގޮތުން ޢަމަލީގޮތުން އެލަފުޒަކާއި އަހުލުވެރިވެވި އެލަފުޒެއް ހަނދާނުގައި ހަރުލުމަށް އެހީއަކަށް ވާނެތީއެވެ.

މީގެ އިތުރުން، ދަސްވަމުންދާ އާލަފުޒުތައް ލިޔުމުގައާއި ވާހަކަ ދެއްކުމުގައި ވީވަރަކުން ބޭނުންކުރެވޭތޯ ބަލަން ވާނެއެވެ. އަދި، އެހެންމީހުންގެ ލިޔުންތަކުގައާއި ވާހަކަ ދެއްކުމުގައި އެ ލަފުޒެއް ބޭނުންކޮށްފައިވޭތޯ އަދި ބޭނުންކޮށްފައި ވަނީ ކިހިނެއްތޯ ވެސް ބަލާށެވެ. އަދި، ލިޔުމަކުން މާނަ ނޭނގޭބަހެއް ފެނިއްޖެނަމަ، އެބަހެއްގެ މާނަ ހޯދުމަށް ފުރަތަމަވެސް ބަސްފޮތް ބެލުމުގެ ބަދަލުގައި، އެލިޔުމުގައި އެބަސް ބޭނުންކޮށްފައިވާ ގޮތާއި މެދު ވިސްނައި މާނަ ދޭހަވޭތޯބަލާށެވެ. މިގޮތުން، އެ ލަފުޒެއް އޮތް ޖުމުލަޔެއް ތަކުރާރުކޮށް ކިޔާށެވެ. އަދި، އެޖުމުލަޔަކާއި ޖެހިގެން އޮންނަ ޖުމުލަވެސް ކިޔާލާށެވެ. މިހެން ހެދުމުން، އެލަފުޒުގެ މާނައެއް ކޮންމެވެސް ގޮތަކަށް ހިތައް އަންނާނެއެވެ. ދެން، އެވިސްނުނު މާނައަކީ، ސައްޙަ މާނައެއްތޯ ބަލައި ޗެކުކުރުމަށް ބަސްފޮތް ބަލާށެވެ. އަދި، އެމާނައާއި ބަސްފޮތުގައިވާ މާނައާއި ހުރި ތިމާގެ ކަމެއް ނުވަތަ ގުޅުމެއް ބަލާށެވެ. އެއްގޮތް ނަމަ އެއޮތީ ރަގަޅަށް މާނަ ކުރެވިފައެވެ. ދެގޮތަށް އޮތްނަމަ ބަސްފޮތުގައިވާ މާނަ ދަސްކުރާށެވެ. ބަހުގެ އަސްލު މާނަ އޮންނާނީ ބަސްފޮތުގައިކަން ހަނދާން ބަހައްޓާށެވެ. ނަމަވެސް، ބައެއްފަހަރު ލިޔުންތެރީން ބަސްފޮތުގައިވާ މާނަ ނޫން މާނައެއްގައިވެސް ހަމަ އެއް ލަފުޒެއް ބޭނުން ކޮށްފާނެއެވެ. ނަމަވެސް، އެއީ ވަރަށް މަދު ފަހަރެއްގައެވެ.

މިގޮތަށް، ބަސްފޮތުން މާނަ ހޯދުމުގެ ކުރިން އަމިއްލަޔަށް މާނަ ދޭހަވޭތޯ މަސައްކަތްކުރުމުގެ ބޭނުމަކީ، ބަސްފޮތް ނުބަލައި ލަފުޒުތަކުގެ މާނަ ކުރަން ދަސްކުރުމާއި، ދަސްވާ ލަފުޒުތަކުގެ މާނަ ހަނދާން ބެހެއްޓުމަށް އިތުރު މަސައްކަތެއް ކުރުމެވެ. ޙަޤީޤަތުގައި، ކޮންމެ ފަހަރަކު ބަސްފޮތް ބެލުމަކީ، އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ބައެއް ފަހަރު (މިސާލަކަށް، އިމްތިޙާނެއްގައި) އެއީ، ކުރެވޭނެވެސް ކަމެއް ނޫނެވެ. އެހެންވީމައި، ބަސްފޮތަށް ބަރޯސާވެވޭ މިންވަރު ވެސް ކުޑަކުރެވޭތޯ މަސައްކަތްކުރަން ވާނެއެވެ. ނަމަވެސް، މިދަންނަވަނީ، ބަސްފޮތް ހިތުދަސްކުރާށެކޭ ނޫނެވެ! ބަސްފޮތް ނުބަލައި، ލިޔުމުގައި ބަހެއް ބޭނުންކޮށްފައި އޮންނަ ޙާލަތް ނުވަތަ ތޝެތނޮް އަށް ބަލައި ބަހުގެ މާނަ ރަގަޅަށް ދެނެގަތުމުގެ ވާހަކައެވެ. އެކަމަކު، މިއީ ވަރަށް ފަރިތަކުރުން ބޭނުންވާނެ ކަމެކެވެ. ވުމާއެކު، މިކަން ކާމިޔާބުކުރުމަށް ވަގުތު ބޭނުން ވާނެއެވެ.

ބަހުގެ ހަމަތަކާއި ބަސްކޮށާރު ތަރައްޤީކުރުމާއެކު، އަދި އެބަހަކުން ލިޔެފައި ހުންނަ ލިޔުންތައް ކިއުމާއި، އެބަހަކުން ދެކެވޭ ވާހަކަ އަޑުއެހުމާއި އެކު، އެބަހަކުން ތިމާގެ އަމިއްލަ ޚިޔާލު ފައުޅު ކުރުމުގެ ގޮތުން ލިޔުމާއި ވާހަކަ ދެއްކުމުގެ ޤާބިލުކަމަކީ، ބަހެއް ދަސްކުރުމުގައި މުހިއްމު ކަންކަމެވެ. މީގެތެރެއިން، މިލިޔުމުގައި ދެން ބޮޑަށް ސަމާލުކަން މިދެނީ، ފަހުން މިބުނެވުނު ދެހުނަރަށެވެ. ލިޔުމާއި ވާހަކަ ދެއްކުމަށެވެ.

ލިޔުން

ލިޔުންތެރިކަމުގެ ހުނަރު ޙާޞިލުކުރުމުގެ ގޮތުން، އެންމެ ފުރަތަމަ ކުރެވިދާނެ ކަމަކީ، އެހެންމީހުންގެ ލިޔުންތައް ކިޔުމެވެ. މިވާހަކަ މިލިޔުމުގެ ތަންކޮޅެއް ކުރިންވެސް ވާނީ ދެންނެވިފައެވެ. ނަމަވެސް، އެއިރު އަޅުގަނޑު ދެންނެވީ، ކިޔުންތެރިކަމުގެ ވާހަކައެވެ. ނަމަވެސް، ކިޔުމާއި ލިޔުމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. އެއް ހުނަރަކުން އަނެއް ހުނަރު ތަރައްޤީވެއެވެ.

އެހެންކަމުން، ކުރިން ދެންނެވިފަދައިން، ކިޔުންތެރިކަމުގެ އާދަ ހަރުލައި، ތަކެތި ފަސޭހަކަމާއި އެކު ކިޔެން ފެށުމުން، ލިޔުންތެރިޔާގެ އުސްލޫބާއި މެދުވެސް ފިކުރު ހިންގަން ޖެހެއެވެ. އެއީ، ލިޔުންތެރިކަމުގެ ހުނަރު ލިބިގަތުމަށްޓަކައެވެ. މިގޮތުން، ލިޔުންތަކުން ފެންނަ އީޖާދީ ޖުމުލަ ވަކި ފޮތަކަށް ނޯޓުކުރާ ވާހަކަ ކުރިން ވާނީ ދެންނެވިފައެވެ. މިހެން ހެދުމުގެ ބޭނުމަކީ، އެގޮތުން އެ ނޯޓުކުރެވޭ ޖުމުލަތަކުގެ އެހީ، ތިމާ އަމިއްލައަށް އެފަދަ ޖުމުލައެއް ހެދުމަށް މަސައްކަތް ކުރާ ހިނދު ހޯދުމެވެ. އެޖުމުލަތައް އެއިރުން ވާނީ، ނަމޫނާ ޖުމުލުތަކެއް ކަމުގައެވެ. އެޖުމުލަތައް ބަލައި އޭގައިވާ އުސްލޫބާއި ހަމަތަކާއި އެއްގޮތަށް އަމިއްލައަށް އެފަދަ އެހެން ޖުމުލަ ޢިބާރާތް ކުރުމަށް މަސައްކަތް ކުރުމަކީ، ލިޔުންތެރިކަމުގެ ހުނަރު ހޯދުމަށްޓަކައި އެޅިދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެއަށްފަހު، ދެން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ، ގިނަ ގިނައިން އެކި މައުޟޫޢުތަކަށް، އެކިބާވަތުގެ ލިޔުންތައް ލިޔުމެވެ. އަދި، އިނގިރޭސި ބަސް ދަންނަ މީހަކު ލައްވައި އެލިޔުންތަކުގައި ކުށެއް ވޭތޯބަލައި އިސްލާޙުކުރުމެވެ. އަދި، ލިޔުންތެރިކަމުގެ ހުނަރާއި ބެހޭގޮތުން ކަމުގެ ތަޖުރިބާކާރުން ލިޔުއްވާފައި ހުންނަ ފޮތްފޮތް ކިޔައި، ލިޔުންތެރީން ގެންގުޅޭ ތަފާތު އުކުޅުތައް ދަސްކުރުމެވެ. މިފަދަ ފޮތްފޮތް ވެސް ބާޒާރުން ލިބެން ހުރެއެވެ. މިފަދަ ފޮތްތަކުގެ އެހީގައި، އަންނަނިވި ކަންތައްތައް ދަސްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އެހެނީ، އެއީ ކޮންމެ ބާވަތެއްގެ ލިޔުމެއް ނަމަވެސް، އެލިޔުމެއް 'ކާމިޔާބު ލިޔުމަކަށް' ވުމަށް ޓަކައި އެހީވެދޭނެ ކަންކަމެވެ.

ލިޔުމެއްގައި މަޢުލޫމާތު ހުށަހެޅިދާނެ ގޮތްތައް ދެނެގަންނާށެވެ. މިއީ، ޚާއްޞަކޮށް އަދަބީ ލިޔުންތަކާއި، މަޒުމޫނު، އަދި ރިޕޯޓުފަދަ ލިޔުންތެރިކަމުގެ ބާވަތް ތަކަށް ޚާއްޞަކަމެކެވެ. މިގޮތުން، އެފަދަ ލިޔުންތަކުގައި، މައިގަނޑު ޚިޔާލުއެކުލެވޭ ޖުމުލައާއި ބާރުދޭ ޖުމުލަތައް ގެނެސް އުޅޭގޮތްތައް ދެނެގަންނާށެވެ. އަދި، މަޢުލޫމާތު ރާވާ ޕެރެގްރާފްތަކަށް ބަހާފައި ވާ ގޮތްވެސް ދެނެގަންނާށެވެ. އަދި، ލިޔުމުގައި، އެއް ޖުމުލަ އަނެއް ޖުމުލައާއި އަދި އެއް ޕެރެގްރާފް އަނެއް ޕެރެގްރާފްއާއި އަދި މުޅި ލިޔުން އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށްޓަކައި ބޭނުންވާ ބަދަހިކަން (cohesion) ގެނައުމަށްޓަކައި ލިޔުންތެރިޔާ ބޭނުންކުރާ 'ގުޅުވާ' ލަފުޒުތަކާއި އެހެނިހެން އުކުޅުތައް ދެނެގަންނާށެވެ. އަދި، ވާހަކަ ލިޔުންތެރިކަމުގައި ނަމަ، ސިފަކުރުންތަކާއި ވާހަކަ ކިޔައިދިނުމުގައި ލިޔުންތެރީން ގެންގުޅޭ ގޮތްތަކާއި 'ނަޒަރުތައް' points of view) ދެނެގަންނާށެވެ. މިސާލަކަށް، ވާހަކަ ހުށަހަޅައިދީފައި ވާގޮތުން އެއީ، އެހެންމީހަކު ކިޔައިދޭ ވާހަކައެއް ހެން ހީވޭތޯ ނުވަތަ ލިޔުންތެރިޔާ ކިޔައިދޭ ވާހަކައެއްތޯ ނުވަތަ ވާހަކައިގައި އުޅޭ ޝަޚުޞިއްޔަތެއްގެ ދުލުން ކިޔައިދޭ ވާހަކައެއްތޯ ވިސްނިދާނެއެވެ. ނަމަވެސް، މިކަންކަމާމެދު ވިސްނުން ތަރައްޤީވާނީ، މަޑުމަޑުން ކަން ހަނދާން ބަހައްޓާށެވެ.

ވާހަކަދެއްކުން

ވާހަކަދެއްކުމުގެ ހުނަރަކީ ވެސް، ލިޔުންތެރި ކަމުގެ ހުނަރެކޭ އެއްފަދައިން، ފަރިތަކޮށްގެން ތަރައްޤީކުރެވޭނެ ހުނަރެކެވެ. އެންމެ މުހިއްމު ކަމަކީ، ލިބޭ ފުރުޞަތުތަކުގައި، އިނގިރޭސި ބަހުން ވާހަކަ ދެއްކުމެވެ. ވާހަކަ ދެއްކުމަށް މަސައްކަތްކުރުމެވެ. އިނގިރޭސި ބަސް މާދަރީ ބަހުގެ ގޮތުގައި ބޭނުންކުރާ މީހުންވެސް ކުށް ކިޔައެވެ. އެހެންކަމުން، ކުށްކިޔުމަކީ، މައްސަލައެއް ނޫނެވެ. މައްސަލައަކީ، ކުށްކިއިދާނެތީ ވާހަކަ ނުދައްކާ ތިބުމެވެ. ވުމާއެކު، ލިބޭ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފާށެވެ. މިގޮތުން، ސްކޫލުގައި އިނގިރޭސި ގަޑީގައި އެލިބޭ ފުރުޞަތުތައް ނަގާނުލާށެވެ. އެއީ، ފަހުން ލިބޭނެ ފުރުޞަތުތަކެއް ނޫނެވެ.

މިއާއިއެކު، ކުރިން ބުނެވުނު ފަދައިން، ވާހަކަދެއްކުމަށްޓަކައި ވެސް އަޑުއެހުމުގެ މުހިއްމުކަން ހަނދާން ބަހައްޓާށެވެ. ވާހަކަދެއްކުމާއި އަޑުއެހުމަކީ ވެސް، ކިޔުމާއި ލިޔުން ފަދައިން ގުޅިލާމެހިފައިވާ ދެކަމެވެ. މިގޮތުން އަޑުއެހުމުގައި ސަމާލުވާން ޖެހޭނެ ބައެއްކަންކަމުގެ ވާހަކަ އިސްވެ ހިނގައްޖެއެވެ. ވުމާއެކު، ދެން މިބަލާލަނީ، ވާހަކަދެއްކުމުގެ ހުނަރު އިތުރުކުރުމަށް ހެދި ދާނެ ގޮތަކަށެވެ.

ރާއްޖެފަދަ އިނގިރޭސި ބަސް ނޫން ބަހަކުން ވާހަކަދައްކާ ޤައުމެއްގައި، އިނގިރޭސި ބަހުން 'ވާހަކަދެއްކުމަށް' ޢާއްމު ދިރިއުޅުމުގައި ލިބޭ ފުރުޞަތުތައް މަދުވާނެއެވެ. އެހެންކަމުން، މިފަދަ ފުރުޞަތުތަކެއް އަމިއްލައަށް 'އުފެއްދުން' މުހިއްމެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ފަހަރެއްގައި 'ހެއްވާ' ވާހަކައަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ޙަޤީޤަތުގައި، އެއީ، ވާހަކަ ދެއްކުމުގެ ހުނަރު އިތުރުކޮށް ދޭނެ ކަމެކެވެ. އާދެ، އެކަމަކީ ތޯއެވެ. އެކަމަކީ، ތިމާގެ އަމިއްލަ ނަފުސާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމެވެ. މިއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އަދި އެހެން މީހުންނަށް ނުފެނިވެސް ކުރެވިދާނެ ކަމެކެވެ. އަދި، ކުށްކިއިދާނެތީ އެހެން މީހުން ކުރިމަތީގައި ވާހަކަދެއްކުމަށް ފަސްޖެހެވޭނަމަ، ފުރަތަމަ މިގޮތަށް، އަމިއްލަ ނަފުސާއި ވާހަކަދެއްކުމުގެ ތެރެއިން، ވާހަކަދެއްކުމަށް ފަރިތަކުރާށެވެ. ޙަޤީޤަތުގައި، ކުޑަކުދީން ވާހަކަ ދައްކަން ދަސްކުރަން އަޅާ ފުރަތަމަ ފިޔަވަޅަކީ ވެސް، މިއެވެ!

ނަމަވެސް، އެކުދީން އެގެންގުޅޭ ފަދަ ޙަރަކާތްތެރި ގޮތްތަކެއް ނުގެންގުޅުނު ކަމުގައި ވިޔަސް، މިއީ، ބޭރުބަހެއް ދަސްކުރުމުގައި އަޅުގަނޑުމެންނަށް ވެސް ގެންގުޅެވިދާނެ ގޮތެކެވެ. ޚާއްޞަކޮށް ފަށައިގަންނަ ދުވަސްވަރު މިއީ މުހިއްމުވެސް ކަމެކެވެ. މިގޮތުން، މިޒަމާނުގައި ވާހަކަދެއްކުމަށް ފަރިތަކުރުމުގައި އެހީވެދޭ ކޮމްޕިޔުޓަރ ސޮފްޓްވެއަރތައް ވެސް އެބަހުރެއެވެ. އެފަދަ ސޮފްޓްވެއަރއެއް ނުލިބުނު ނަމަވެސް، އާދައިގެ ރިކޯޑަރެއްގެ އެހީގައިވެސް އަމިއްލަ ނަފުސާއި ދައްކާވާހަކަ ފަހުން އަޑުއަހާލުމަށް ރިކޯޑްވެސް ކޮށްލެވިދާނެއެވެ. ތަފާތު މައުޟޫތަކަށް ތިމާގެ ޝުޢޫރު ފައުޅުކޮށް ވާހަކަ ދައްކާށެވެ. ތިމާޔަށް ދިމާވާ ތަފާތު ތަޖުރިބާތަކާއި މެދުވެސް ވާހަކަ ދެއްކިދާނެއެވެ. ހިތްހަމަނުޖެހި ދެރަވާ ހިނދު އަމިއްލަ ނަފުސާއި ޝަކުވާކުރެވިދާނެއެވެ. ނުވަތަ އެހެން މީހަކަށް ކިޔައިދެވިދާނެއެވެ. މިގޮތަށް ކުރާ މަސައްކަތުން، އަމިއްލަ ނަފުސަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ލިބުމުން، ދެން އެހެން މީހުންނާއި އެކުވެސް އެބަހަކުން ވާހަކަދެއްކުމުގައި ބައިވެރިވެވިދާނެއެވެ.

ނިންމުން

މިލިޔުމުންވެސް ދޭހަވާނެ ފަދައިން، މާދަރީބަސް ނޫން އެހެން ބަހެއް ދަސްކުރުމަކީ، އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަށްޓަކައި، ވިސްނުމާއި، ޝަޥްޤުވެރިކަމާއެކު ގަދައަޅައި މަސައްކަތް ކުރުމާއި، ވަގުތު ބޭނުން ވާނެއެވެ. އެބަހެއްގެ އަސާސީ ހުނަރުތައް ލިބިގަތުމަށްޓަކައި ފަރުވާތެރިކަމާއެކު، މަސައްކަތްކުރުން މަތީ ދެމިހުރުން މުހިއްމު ވާނެއެވެ. އަދި، އަނެކުންގެ އެހީހޯދުން ވެސް އެހާ މުހިއްމު މެއެވެ. ނަމަވެސް، ބޭރުބަހެއް ދަސްކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވުމާއި ނުވުން ބިނާވެފައި އޮންނަނީ، އެބަސް ދަސްކުރާ މީހަކު އަމިއްލައަށް ކުރާ ހިއްމަތެއްގެ މައްޗަށެވެ. އެކަމަށް އެމީހަކު ބަހައްޓާ ޝަޥްޤުވެރިކަމަކާއި، ދޭ އަހަންމިއްޔަތުކަމެއްގެ މައްޗަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.