އަންގާރަ20201117

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަދުރަސީ ކިޔެވުމުގައި ރަގަޅީ ވާދަކުރުންތަ؟ ނޫނީ އެއްބާރުލުންތަ؟

ކިޔެވުމުގައި ރަގަޅީ ވާދަކުރުންތަ؟ ނޫނީ އެއްބާރުލުންތަ؟

kiyevun_ebbarulunއިންސާނާގެ ޠަބީޢަތުގައި ވާގޮތުން، ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިހޯދުމަށް މަސައްކަތް ކުރުމަކީ، ޢާއްމުކަމެކެވެ. އެއީ، ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި، އެކިމީހުން އެކިބީދައިން އެކިމިންވަރަށް ކޮން އުޅޭ ކަމެކެވެ. ނަމަވެސް، ވާދަކުރުމަކީ، ނުވަތަ 'ކޮމްޕެޓިޝަން' އަކީ، ކޮންމެ ފަހަރަކު، އަދި ކޮންމެ ޙާލަތަކު ކާމިޔާބު ކަމަކަށް ނުވެއެވެ. އަދި، ގިނަ ފަހަރު، މިގޮތުން ވާދަކުރެވޭކުރުން ބަދަލުވެގެން ދަނީ، ބިނާކުރަނިވި ކަމަކަށް ވުރެ ފަނާކުރަނިވި ކަމަކަށެވެ.

އެހެން ކަމުން، މިލިޔުމުގައި، އަޅުގަނޑު މަސައްކަތް ކުރާނީ، ތަޢުލީމީ ދުވަސްވަރު ކިޔެވުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާއި ވާދަކުރުމަކީ، ކޮން ކަހަލަ ކަމެއްތޯ ބަލައިލުމެވެ. މަޤްޞަދަކީ، ކުއްޖާއަށް ބޮޑަށް މަންފާކުރާނީ، އެގޮތުން ވާދަކޮށްގެންތޯ ނުވަތަ، އޭގެ ބަދަލުގައި، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ވާގިވެރިވެ، އެއްބާރުލައިގެން މަސައްކަތް ކޮށްގެންތޯ ފަލްސަފީ ނަޒަރަކުން ބަލައިލުމެވެ.

އަޅުގަނޑު ދެކޭގޮތުގައި، ދިރިއުޅުމުގެ މަޢީޝަތު ނުވަތަ މަސައްކަތުގެ މައިދާނުގައި، އިންސާނުން އެއް ބަޔަކު އަނެއް ބަޔަކާ މުޢާމަލާތު ކުރުމުގައި، ގެން ގުޅެވިދާނެ ދެ ގޮތެއް މާތް ﷲ ވަނީ ކަނޑަ އަޅުއްވައި އަންގަވާފައެވެ. އެއް ގޮތަކީ، އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރުން ނުވަތަ 'ކޮމްޕެޓިޝަން' އެވެ. އަނެއް ގޮތަކީ، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވުން ނުވަތަ 'ކޯޕަރޭޝަން' އެވެ.

މިދެގޮތުން ބަލާއިރު، ދެ ގޮތުގައިމެ، އޭގެ ފުރިހަމަ ގޮތުގައި ކުރެވިއްޖެނަމަ، އިންސާނުންނަށް ވަނީ، ފައިދާއެވެ. އެހެނީ، ހެޔޮ ޢަމަލުތަކުގައްޔާއި ﷲ އަށް ބިރުވެތިވެ ޠަޤްޥާވެރިވުމުގައި އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރި ވުމަށް ﷲ ވަނީ އަންގަވާފައެވެ. އަދި، ހެޔޮ ޢަމަލު ކުރުމުގައި އެކަކު އަނެކަކާއި ވާދަކޮށް ކުރި އަރާ ދިއުމަށްވެސް، އެކަލާނގެ ވަނީ އަންގަވާފައެވެ. މިދެ ގޮތުންމެ ޙާޞިލު ކުރުމަށް ޤަޞްތު ކުރެވިފައި އެވަނީ އެއްކަމެކެވެ. އިންސާނާ ދެ ދުނިޔޭގެ ބާއްޖެވެރިކަމަށް ވާޞިލުވުމުގެ މަގެވެ. އެކަމުގެ ސަބަބެވެ.

ނަމަވެސް، ފަށަމުންވެސް ދެންނެވުނު ފަދައިން، އިންސާނާގެ ޠަބީޢަތުގައި ވާ އަމިއްލަ އެދުމާއި ޝައިޠާނާގެ ވަސްވާހަށް ލެނބުމުގެ ބާރުގެ ސަބަބުން، ވާދަކުރުމަކީ، އޭގެ ޒާތުގައި، އިންސާނާއަށް ފައިދާއަށް ވުރެ ގެއްލުން ހުރި ކަމެކެވެ. މިސަބަބަށް ޓަކައި، ދުނިޔަވީ ބޭނުންތައް ފުއްދުމުގައި ވާދަކުރުމަށް ވުރެ ރަނގަޅު ކަމަށް ފެންނަނީ، އެއްބާރު ލުމެވެ. އެހީތެރި ވުމެވެ.

މިގޮތުން ބަލާއިރު، ކިޔަވާ ކުއްޖަކަށް، މިއީ އަދި ވަރަށް މުހިއްމު ކަމެކެވެ. އެހެނީ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެ ވާގިވެރި ވުމުން ޚުދު އެގޮތުން އެހީތެރިއެވާ ކުއްޖާއަށާއި އެހީތެރިވެވޭ ކުއްޖާ ނުވަތަ ކުދީންނަށް ވެސް ކުރާ ފައިދާތައް ގިނަ ގުނައެވެ. މިސާލަކަށް، އެއް ކުއްޖަކު އަނެއް ކުއްޖަކާއި އެއްބާރުލައިގެން ކިޔެވޭ ކިޔެވުން ނުވަތަ 'ކޯޕަރޭޓިވް ލާރނިންގ' ގެ ސަބަބުން އެ ޙަރަކާތުގައި ހިމެނޭ ހުރިހާ ކުދީންނަށް ވެސް އެތައް މަންފާއެއް ކުރެއެވެ.

މިބީދައިން، ޚާއްޞަކޮށް، މަޢުލޫމާތު ފޯރުކޮށް ދޭން އިސްވެ ޙަރަކާތްތެރިވާ ކުއްޖާގެ މަޢުލޫމާތު މުއްސަނދި ވެއެވެ. އަދި ވިސްނުން ތަރައްޤީވެއެވެ. އެހެނީ، އެހެން ކުދީންނަށް ބުނެދިނުމަށްޓަކައި ފުރަތަމަ އެ ކުއްޖާ ފިލާވަޅުތައް ދަސްކޮށް ފޮތްތައް ކިޔައި މުޠާލިޔާކޮށް ތައްޔާރުވާން ޖެހެއެވެ. މިގޮތުން ތައްޔާރުވުމަށް ކުރެވޭ މަސައްކަތާއި، އެހެން ކުދީންނަށް ނޭނގޭ ނުވަތަ އޮޅުން އަރާ ތަކެތި ބުނެދީ އެކުދީންގެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުން، އޭނާގެ މަޢުލޫމާތު އިތުރުވެއެވެ. އަދި، ވިސްނުން ތަރައްޤީވެއެވެ. އެހެން ކުދީންގެ ވިސްނުން ހުންނަ ގޮތް ދަސްވެއެވެ. އެކި ކުދީން ކިޔެވުމުގައި ގެން ގުޅޭ އުކުޅުތައް ދަސްވެއެވެ. އަދި، އެގޮތުން، އެކުއްޖާއަށް ލިބޭ މަޢުލޫމާތާއި ދަސްވާ ފިލާވަޅުތައް ހަނދާނުގައި ހަރުލުމަށް އެހީއަކަށްވެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ކުއްޖެއްގެ ހަނދާން ގަދަވެއެވެ. އެހެނީ، އެއީ އެފަދަ ކުއްޖެއްގެ ސިކުނޑީގައި މަޢުލޫމާތު އަބަދުވެސް ތާޒާވޭވޭ ހުންނާނެ ކަމެކެވެ.

އެހެން ކަމުން، އެފަދަ ކުއްޖެއްގެ ކިބާގައި ހުންނަ ކަންކަމާއި ތަކެތި ދަސްކުރުމުގެ ބާރުވެސް ގަދަވެއެވެ. އަދި، ތިމާޔަށް އެނގޭ އެއްޗެއް އަނެކާއަށް ބުނެދިނުމުގެ ޤާބިލުކަމާއި ޝަޥްޤުވެރިކަން އެފަދަ ކުއްޖެއްގެ ކިބާގައި އިތުރުވެ، އޭނާއަކީ، އެހެނިހެން ކުދީންގެ މެދުގައި މަޤުބޫލު ޝަޚުޞިއްޔަތަކަށް ވެއެވެ. އަދި، އެހެނިހެން ކުދީންނާއެކު މުޢާމަލާތު ކުރުމުގެ ހުނަރު އޭނާގެ ކިބާގައި އަށަގަނެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ކުއްޖެއްގެ ރަޙުމަތްތެރީން އިތުރުވެ، ތިމާޔަށް ބޭނުންޖެހޭ ހިނދު އެހީތެރިވާނެ މަދަދުވެރީން ގިނަވެއެވެ. އަދި، މިކަންކަމުގެ ސަބަބުން، ތިމާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، ކަންކަމުގައި އިސްނެގުމުގެ ރޫޙު އާލާވެއެވެ. އަދި، މުޖުތަމަޢުގައި ތިމާޔަކީ، ބޭނުންތެރި މީހަކަށް ވެދެއެވެ.

މިޔާއި ޚިލާފަށް، ވާދަކުރުން ނުވަތަ 'ކޮމްޕެޓިޝަން' އަކީ، އޭގެ ސަބަބުން އެކަން ކުރާ ކުއްޖާއަށް ނުރައްކާތަކެއް އޭގައި ހިމެނޭ ކަމެކެވެ. އެހެނީ، ގިނަ ފަހަރު، ވާދަކުރާ ކުއްޖާ އެކަން ކުރަނީ، ބިނާކުރަނިވި ގޮތަކަށް ނޫނެވެ. ތެދެކެވެ. އެފަދަ ކުއްޖަކު އެކަން ކުރަނީ، ގިނަ ފަހަރު ހެޔޮ ނިޔަތުގައެވެ. ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި، އެކަން ކުރަން ފެށި ބޭނުން ހަނދާން ނެތިދެއެވެ. ޢާއްމުކޮށް ކުއްޖަކު ވާދަކުރާނީ، އެކުއްޖާއާއި އެއް ފެންވަރެއްގެ ނުވަތަ އެކުއްޖާއަށް ވުރެ މޮޅު ކުއްޖަކާއެވެ. ޚާއްޞަކޮށް، މިދެ ޙާލަތުގައި ވެސް، ގިނަ ފަހަރު ވާދަކުރުން އޮންނަނީ، އެއް ކުއްޖަކަށް ނޭނގި އެއް ކުއްޖަކު އަނެއް ކުއްޖަކާއި ވާދަކުރާ އުސޫލުން ނެވެ. ޙަޤީޤަތުގައި ފަނާކުރަނިވި ވާދަކުރުމަކީ، މިހެން ކުރެވޭ ވާދަކުރުމެވެ. ފާޅުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ގޮންޖެހުމުގެ ގޮތުން މަސައްކަތްކުރުން ނުވަތަ ''ޗެލެންޖު'' ކުރުމަކީ، ފަނާކުރަނިވި ކަމަކަށް ގިނަ ފަހަރު ނުވެއެވެ.

ނަމަވެސް، ސިއްރުގޮތުން ވާދަކުރަން ކުރެވޭ މަސައްކަތުގެ ސަބަބުން، އެކަން ބައެއް ފަހަރު ބޭޒާރުވެ، ދޭދޭ ކުދީންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަށް އެކަމުގެ ހީނަރުކަން ފޯރައެވެ. ނޭދެވޭ އަސަރު ކުރެއެވެ. އަދި، ވާދަކުރާ ކުއްޖާ އަބަދުމެ ހުންނާނީ، ހިންހަމަ ނުޖެހި ހާސްކަމެއްގެ ތެރޭގައެވެ. އެކަމުގެ ސަބަބުން، އެފަދަ ކުއްޖެއްގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތިމާ ވާދަކުރާ ކުއްޖާއަށް ވުރެ ތިމާ ދަށްކަމުގެ އިޙުސާސް ކުރެވި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ. އަދި، އެހެނިހެން ކުދީން ނާއެކު ކަންތައްތައް ޙިއްސާކުރުމުގެ ރޫޙު ގެއްލި މުޖުތަމަޢުގައި އެކަހެރި ވެއެވެ.

އެހެންކަމަށް ވުމާއެކު، ވާދަކުރާނަމަ ވާދަކުރަން ވާނީ، ބިނާކުރަނިވި ގޮތަކަށެވެ. ކުރިން ބުނެވުނު ފަދައިން، ރައްޓެހި ދެ ކުއްޖެއްގެ ދެމެދުގައި އެއް ކުއްޖަކު، އަނެއް ކުއްޖަކަށްވުރެ މޮޅަށް ކަމެއް ކުރުމަށް އެދުން ފާޅުކޮށް (ގޮންޖަހާ ނުވަތަ ޗެލެންޖުކޮށް) އެގޮތުން މަސައްކަތް ކުރެވޭނަމަ، އެކަމުގެ ސަބަބުން ދެ ކުދީންނަށް ކުރާ ފައިދާއެއް އޮވެއެވެ. އެއީ، ދެކުދީންގެމެ ޝަޥްޤުވެރިކަން އެކަމަކަށް ދެވި، އެކަން ކުރުމުގެ ޢަޒުމު ވަރުގަދަ ވުމެވެ. ނަމަވެސް، އެތަނުން އެއްކުއްޖެއްގެ ވިޔަސް 'ޠަބީޢަތް' ގޯސްނަމަ، އަދި ނިޔަތް ނުރަނގަޅު ނަމަ، އެކަން ފަނާކުރަނިވި ކަމަކަށް ބަދަލުވުމަކީ، މާ ދުރު ކަމެއް ނޫނެވެ.

ވުމާއެކު، ކޮންމެ ގޮތެއްގައި ވިޔަސް ވާދަކުރުމަކީ، އެކަން ކުރާ ކުއްޖާއަށް ގެއްލުން ހުރި ކަމެކެވެ. އެއަށް ވުރެ، މަންފާ ހުރީ އެކުވެރި ކަމާއެކު، އެއް ކުއްޖަކު އަނެއް ކުއްޖަކާއި ގުޅިގެން މަސައްކަތް ކުރުމުގައެވެ. އާއެކެވެ. ކިޔެވުމުގައި ރަގަޅީ ވާދަކުރުމަށްވުރެ، އެއްބާރުލުމެވެ. މިއީ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ކިޔަވާ ކުދީންނަށް ދަސްކޮށް ދޭންވީ، އިސްލާމީ އަޚުލާޤު ގެވެސް މާތް ސިފައެކެވެ. އެކުވެރި ކަމާއި އެހީތެރި ކަމެވެ. އެކަކު އަނެކަކަށް އެއްބާރުލުމެވެ. ގުޅިގެން މަސައްކަތް ކުރުމެވެ. އިސްލާމީ އަޚުވަންތަކަމާއި އުޚުއްވަތްތެރިކަމަކީވެސް، މިއީ ނޫން ހެއްޔެވެ؟

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.