Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަދުރަސީ ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ކޮންއެއްޗެއް؟

ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ކޮންއެއްޗެއް؟

muqarrar-in-madhuvaneeޖުލައި 2007 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އޮތް ސުރުޚީތަކުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އެންމެ އަޅައިގަތް ސުރުޚީއަކީ، 'ކިޔަވާ ކުދިންގެ މުޤައްރަރު ތައްޔާރުކުރާ ފަރާތްތައް އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުވުމުގެ ބައްދަލުވުމެއް ފަށައިފި' މި ސުރުޚީއެވެ. ސަބަބުތަކެއް ނެތި އެއް ނޫނެވެ. ފުރަތަމަ ކަމަކީ، އެ ބައްދަލުވުމުގެ މަޤްޞަދެވެ. ބައްދަލުވުމުގެ ބޭނުމެއް ކަމަށް ވަނީ، މުޤައްރަރު ހަދާ ފަރާތްތަކަށް އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ އާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ ކިޔަވާކުދީންނަށް ތަޢުލީމީ ނިޠާމުގެ ތެރެއިން އެކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތްތަކެއް އެކަށައެޅުމަށްޓަކައި މުޤައްރަރު ތައްޔާރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް މިހާރު ހުޅަނގުގެ ތަހުޒީބުން ޒީނަތްތެރި ވަމުން އަންނަ ޤައުމަކަށް ވެފައި، 'ޑިމޮކްރަސީ' އާއި 'އިންސާނީ ޙައްޤުތަކަކީ' މިއަދު، ކޮންމެ މީހަކަށް ނަމަވެސް ނޭނގި ފަރުޖެއްސެން ނެތް އަސާސީ މަޢުލޫމާތަށް ވާކަމުން، ކިޔަވާ ކުދީންގެ މުޤައްރަރުގައި އެފަދަ ބައެއް ހިމެނުމަކީ، މުޖުތަމަޢުގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުގައި އެކުދީންނަށް (ބޮޑެތި ވާ ފަހުން ނަމަވެސް) އެކަންކަމާއިމެދު ބަސްކިޔުމުގެ ޤާބިލިއްޔަތު ލިއްބައިދޭނެ ކަމަކަށް ވުމެވެ. އަދި މިގޮތުން ހޭލުންތެރިކަން އިތުރުވުން ވެގެން ދާނީ، ސިޔާސީ ގޮތުން 'އޮއްޓަރު' ހުރި ނިންމުންތަކެއް ނިންމުމުގެ ޤާބިލުކަން ޢާއްމުންނަށް ވެސް ލިބިދީ، އެކަމުގެ ސަބަބުން، މުސްތަޤްބަލުގައި ރާއްޖެއަށް ވެސް ސިޔާސީ އަރުތަ ގެނެސް ދޭނެ ކަމެއްކަމުގައެވެ. އަދި، ރާއްޖޭގައި ފޯދޭ ދިމިކްރާތީ ކުރިބޯށިތައް ދުނިޔޭގެ ފެންވަރުގައި ވެސް ގުނި، ރާއްޖެއަކީ ވެސް އެމެރިކާ ފަދަ ދުނިޔޭގެ ފެންވަރުގައި އަރަފޯދިގެންވާ ޤައުމަކަށް ވުމަށް ހުޅުވޭ 'ދޮރެއް' ކަމުގައެވެ. ކޮންފަދަ، މަތިވެރި މަޤްޞަދެއް ތޯއެވެ؟

ނަމަވެސް، މިޚިޔާލީ ތަޞައްވަރުގައި މާގިނަ ވަގުތެއް އަޅުގަނޑަކަށް ހޭދައެއް ނުކުރެވުނެވެ. ސަބަބަކީ، ކިޔަވާ ކުދީންގެ މުޤައްރަރާއި ބެހޭގޮތުން ތަންދޮރު އޮޅުންފިލަން ފެށީން ސުރެ، އަޅުގަނޑުގެ ސިކުނޑީގައި އަބަދުވެސް އޮންނަ ނުތަނަވަސް ކަމެއްގެ ސަބަބުން ނެވެ. އެއީ ތޯއެވެ؟ އެއީ، މިހާރުވެސް އޮތް މުޤައްރަރާއި ބެހޭގޮތުން ކުރެވޭ ސުވާލެކެވެ. އަދި އެސުވާލާއި ގުޅިގެން އަޅުގަނޑުގެ ހިތަށް އަރާ ޝުޢޫރުތަކެކެވެ. މިފަހަރު މިއުޅެނީ އެ ޝުޢޫރުތައް ތިޔަ ކިޔުންތެރީންނާއި ޙިއްސާ ކޮށްލެވޭތޯއެވެ.

މިގޮތުން، ފުރަތަމަ އެ ސުވާލު ދަންނަވާލިޔަ ދެއްވާށެވެ. އާދޭހެވެ. ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަގަޅަށެވެ. އެ ސުވާލަކީ، މިލިޔުމުގެ ސުރުޚީގައި ވެސް އެވާ ސުވާލެވެ. ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ހެއްޔެވެ؟ އެހެން ކަމަށް ވަނީ ނަމަ، އެނޫން ހުރިހާ ކަމެއް މިހާރު ވަނީ ފުރިހަމަ ވެފައި ބާވައެވެ؟ ނޫނެކެވެ. އަޅުގަނޑުގެ ނަޒަރުގައި، މުޤައްރަރުގައި މަދު އެތައް ކަމެއް އެބަ ހުއްޓެވެ. އާދޭހެވެ. އިންސާނީ ޙައްޤުތަކާއި ބެހޭ މަޢުލޫމާތު ވެސް މަދެވެ. ޑިމޮކްރަސީ އަކީ ކޮބައިކަމާއި މެދު ވެސް، ފުދޭވަރާއި ގާތަށް ވެސް މަޢުލޫމާތެއް ނެތެވެ. އެހެންކަމުން، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކާއި ބެހޭ މަޢުލޫމާތު މުޤައްރަރުގައި ހިމެނުމުން، މިދެންނެވި އުނިކަން ފޫބެދުނީ އެވެ. ނަމަވެސް، އެހާ ހިސާބުން، މުޤައްރަރު ފުރިހަމަ ވާނެ ބާވައެވެ؟

މިސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ، ދެންމެ ބުނެވުނުހެން، މުޤައްރަރުގައި މަދުވަނީ ހަމަ އެކަނި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ އާއި ބެހޭ ބައިތަކެއް ނޫނެވެ. އޭގެ ކުރިން، އިސްލާމްދީނާއި ބެހޭ އެތައް އަސާސީ ބައިތަކެއް ވެސް މަދެވެ! އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ފެތުރެމުންދާ އެތަކެއް އިޖުތިމާޢީ ބަލިތަކެއްގެ ޝިފާ ލިއްބައިދޭނެ އިސްލާމީ އެތައް ބޭސްވެރިކަމެއް 'ޑޯޒް' ހަމަވާ ވަރަކަށް މުޤައްރަރަކު ނެތެވެ. މިސާލަކަށް، އިސްލާމްދީނުގައި ޙަރާމްކުރެއްވި ކަންތަކުގެ ތެރެއިން ބޮޑެތި ފާފައިގެ ގޮތުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމްވެރީން ހިމަނުއްވާ ހުރިހާ ކަންތައްތައް (އެކަންކަމުގެ ޙުކުމާއި އެކު) ގެނެސްފައެއް ނެތެވެ. ބިރަކީ އިންސާނާގެ އުޅުމަށް އަސަރު ފޯރުވާ ބާރަކަށް ވާއިރު، އަދި ﷲ އަށް ބިރުވެތިވެގެން މެނުވީ އިންސާނުންނަށް ފަލާޙާއި ކާމިޔާބު ލިބުމެއް ނުވާއިރު، އެކަމަށް އެހީއެއްގެ ގޮތުން، ޤުރުއާނާއި ސުންނަތުގައި ނަރަކަ އާއި ބެހޭގޮތުން ދެއްވާފައިވާ އިންޒާރުގެ ބަސްފުޅުތަކުން ވަރަށް މަދު މިންވަރެއް މެނުވީ (ކުދީންގެ ޢުމުރާއި ގުޅޭ ގޮތުން ވެސް) މުޤައްރަރުގައި ހިމެނިފައެއް ނުވެއެވެ. ކުދީންނަށް ނަފްސާނީ ގޮތުން ލިބިދާނެ ގެއްލުމަކަށްޓަކައި ބާވައެވެ؟

ކޮންމެއަކަސް، މުޖުތަމަޢުގައި އެތައް ބަޔަކަށް އާދަވެ، ދީނުގައި އޮންނަ ކަންކަން ކަމަށް ހީކުރެވި ކުރެވެމުންދާ އެކަމެއްގެ ސަބަބުން، ނަރަކައަށް މަގުފަހިކޮށްދޭ، އެތަކެއް ބިދުޢާގެ ވާހަކަ ވެސް މުޤައްރަރުގައި ގެނެވިފައެއް ނެތެވެ. 'ޝިރުކަކީ' ހަމައެކަނި ބުދަށް އަޅުކަން ކުރުން ކަމުގައި ހީވާ ބަޔަކުވެސް އުޅޭ މުޖުތަމަޢެއްގައި، ޝިރުކުގެ ބާވަތްތައް ވެސް (ޘާނަވީ ފެންވަރުގައި) ބުނެދެވިފައެއް ނެތެވެ. މުޖުތަމަޢުގެ މައްސަލަތައް ގިނަވެ، އެކަންކަމަށް ޙައްލު ހޯދަން ނޭނގި، އެކަންކަމަށް ކެތް ނުކުރެވިގެން، އީމާންތެރިކަން ކުޑަ މީސްތަކުން އަމިއްލަޔަށް މަރުވަމުން ދާއިރު، އެއީ ދީނީގޮތުން ކިހާވަރެއްގެ ކަމެއްކަން އެފަދަ ބަޔަކަށް ވިސްނޭނެހެން ހިމެނިފައެއް ނެތެވެ. އޯލެވެލް ނިންމާ ގިނަ ކުދީންނަށް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުން ދޭހަވާގޮތަށް ހިނައިގަންނާކަށް ނޭނގެއެވެ. މިފަދަ އެތައް ދީނީ އަސާސްތަކެއް މުޤައްރަރުގައި މަދެވެ. ނަތީޖާއެއްގެ ގޮތުން، މުޖުތަމަޢުގެ ގިނަ މީހުންނަކީ، މިހާރު ވެސް، ދީނީ ކަމަކާއި ބެހޭ ގޮތުން ވެސް، މީހަކު ބުނާހާ އެއްޗެއް ޤަބޫލުކުރާ ބަޔެކެވެ. އަނެއް ބަޔަކީ، ޒަމާނުން ސުރެ ކުރަމުން އަންނަ ކަމަކަށް ވާތީ އެކަމެއް ދޫނުކުރާން ތިބޭ ބަޔެކެވެ. އެއީ ބިދުޢަ ކަމަށް ވިޔަސް މެއެވެ. އަދި އެއް ވެސް ދީނަކަށް ނޫޅޭ ބަޔަކުވެސް އެބަ އުޅޭމެއެވެ. އަދި 'މާ ދީންވެރި' ބަޔަކު ވެސް އެބަ އުޅެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޝައުޤުވެރިވަނީ، އެކަމާއިމެދު ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފު އުފެދޭ މައްސަލަތަކާއި މެދުގައެވެ. އެކަންކަމާއި މެދު ބަޙުސްކުރުމުގެ ބޭނުމުގައެވެ. ކޮންމެހެން، ދީނީ ކަންތަކަށް ހުންނަ ޝައުޤުވެރިކަމަކުން ނޫނެވެ. މިކަމުގެ ސަބަބުން ނުކުންނަ މައްސަލަތައް ވެސް މަދެއް ނޫނެވެ. މިރި ނުވެ، ގޮބޮޅި ކާށިވުމުން ވާނެ ގޮތް ވަނީ އެވެ. ދީނީ އަސާސްތައް ނޭނގި، ދީނުގެ އިޚްތިލާފުތަކާ މެދު ބަޙުސްކުރުމުން ވާނީ ކިހިނެއް ހެއްޔެވެ؟

މިދެންނެވުނީ، މުޤައްރަރުން މަދު ދީނީ ބައެއް ބަހާތަކެވެ. މީގެ އިތުރުން، މުޖުތަމަޢުގެ މިއަދުގެ ބޭނުމާއި ގުޅޭ ގޮތުން، އެހެނިހެން މާއްދާތައް އޮތް ޙާލަކީ ކޮބައިބާވައެވެ. މިކަމާއި ބެހޭގޮތުން، އަޅުގަނޑުގެ ރަޙްމަތްތެރި 'ކޮމާރސް' ޓީޗަރަކު ވަރަށް ފޯރިޔާއި އެކު ދައްކާ ވާހަކަ އެއް ހަނދާނަށް އަތުވެއްޖެއެވެ. އޭނާ ބުނާގޮތުގައި، ދުނިޔޭގެ ކުރި އަރާފައިވާ އެތައް ޤައުމެއްގައި މިއަދު 'ކޮމާރސް' މާއްދާއެއްގެ ގޮތުގައި ކިޔަވައެއް ނުދެއެވެ. ކޮމާހުގެ ބަދަލުގައި ކިޔަވައިދެނީ 'ބިޒްނަސް ސްޓަޑީޒް' އެވެ. ސަބަބެއްކަމަށް ވަނީ، ކުރިއަރަމުން އަންނަ ވިޔަފާރީގެ ބޭނުންތަކާއި ގުޅޭ ގޮތުން، އެ މާއްދާގައި ހިމެނެން ޖެހޭ ބައިތައް ގިނަވުމެވެ. 'ކޮމާހަކީ' 1980 ގެ އަހަރުތަކުގައި އެއިރުގެ ޙާލަތާއި ގުޅޭ ގޮތުން އުފެދިފައިވާ މާއްދާއެކެވެ. ނަމަވެސް، އޭގައި ހިމެނޭ ބައެއް ފިލާވަޅުތަކަކީ މިޒަމާނަށް އެހާ މުހިއްމު ނޫން ބައިތަކެކެވެ. އަދި މިޒަމާނަށް ނުހަނު ބޭނުންތެރި ބައެއް ބައިތައް 'ކޮމާރސް' މިމާއްދާގެ ދާއިރާ ހަނިކަމާއެކު ނުހިމެނި އެބަހުއްޓެވެ. އަޅުގަނޑު މީގެ ތަފްޞީލަށް ނުދިޔަ ނަމަވެސް، ދަންނަވަން މިއުޅެނީ، ކޮމާހަށް ވުރެ، މިޒަމާނަށް ބޮޑަށް ރަގަޅީ އޯލެވެލް ފެންވަރުގައި ވެސް، 'ބިޒްނަސް ސްޓަޑީޒް' ކިޔަވައި ދިނުމެވެ.

ޙިއްސާގެ ބާޒާރަކީ، ރާއްޖޭގައި ވެސް މިހާރު ފުޅާވަމުން އަންނަ ބާޒާރެކެވެ. ނަމަވެސް، ޙިއްސާގެ ބާޒާރު ނުވަތަ 'ސްޓޮކް އެކްސްޗޭންޖް' އާއި ބެހޭގޮތުން އިކޮނޮމިކްސް ގައި ކިޔަވައި ދެވެނީ އެންމެ 70 މިނިޓުގެ ފިލާވަޅެކެވެ. އޭގައި ވެސް، ބުނެދެވެނީ ޙިއްސާއަކީ ކޮބާ ކަމާއި، އޭގެ ބާވަތްތަކާއި، އެފަދަ ބާޒާރެއް 'ތިއަރީގައި' މަސައްކަތްކުރާނެ ގޮތެވެ. ރާއްޖޭގެ ޙިއްސާގެ ބާޒާރަށް އަލިއަޅުވަން ބޭނުންނަމަ، ޓީޗަރު ޖެހެނީ، އަމިއްލަޔަށް އެތަކެއް ތަކުލީފެއް އުފުލައިގެން އެކަމާއި ބެހޭ މަޢުލޫމާތު އެއްކޮށް ފިލާވަޅެއް ތައްޔާރު ކުރާށެވެ. މިހެން ބުނުމުން، އުފެދިދާނެ ސުވާލެއް ވެސް އެބައޮތެވެ. އެއީ، ފަހުން ނެރެވުނު 'އިކޮނޮމިކްސް: އަ މޯލްޑިވިއަން ކޮންޓެކްސްޓް' ގައި މިބައި ގެނެސް ފައި ނުވޭ ހެއްޔެވެ؟

މިސުވާލުގެ ޖަވާބަކީ، ނޫނެކެވެ. ގެނެސްފައި ވެއެވެ. ނަމަވެސް، އެއީ 'މުޤައްރަރުގައި' އޮންނަ މިންވަރަށެވެ. މުޤައްރަރުގައި އެބައި ހިމެނިފައި 'ނުވުމުން'، އެފޮތުގައި ވެސް އެކަމާއި ބެހޭގޮތުން ވަނީ އެންމެ އަސާސީ މަޢުލޫމާތެވެ. ނަމަވެސް، މި އަސާސީ މަޢުލޫމާތު ވެސް ގިނަ ކުލާސް ތަކުގައި ކިޔަވައެއް ނުދެއެވެ. ސަބަބަކީ، މުޤައްރަރުގައި ނެތޭ ކިޔުއްވާފައި ބައެއް ޓީޗަރުން އެބައި އިހުމާލު ކުރެއްވުމެވެ. އެހެންކަމުން، މުޤައްރަރުގައި މިކަމަށް ވެސް ކޮންމެވެސް ސަމާލުކަމެއް ދެވިފައިވާނަމަ، ޓީޗަރުންނަށް ވެސް އެ އުޒުރެއް ނުދެއްކެވުނީސް ތާއެވެ. މީގެ އިތުރުން އަމާންކުރުން ނުވަތަ 'އިންޝުއަރެންސް' ޚިދުމަތަކީ ވެސް ދުވަހެއް ދުވަހަކަށް ރާއްޖޭގައި ފުޅާ ވަމުން އަންނަ ޚިދުމަތެކެވެ. އިންޝުއަރެންސް އަކީ، އެކި ޤައުމުގައި ވެސް އެކި ސިޔާސަތުގެ ދަށުން އެކި ގޮތަށް ދެވޭ ޚިދުމަތެއް ކަމުން، ކޮމާރސް އަދި ބިޒްނަސް ސްޓަޑީޒްފަދަ މާއްދާއެއްގައި އިނގިރޭސި ވިލާތުގައި އެ ޚިދުމަތް ދެވޭ ގޮތް އެކަނި ކިޔަވައިދިނުމުން، ރާއްޖޭގެ މާޙައުލަށް ކުދީން ލޯ ހުޅުވޭނެ ހެއްޔެވެ؟

އަދި ވެސް މިބާވަތުގެ އެހެން މިސާލެއް ދަންނަވާލާނަމެވެ. އިހަކަށް ދުވަހު، ރާއްޖޭގެ އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރުގެ ވާހަކައެވެ. އެއީ، ރާއްޖޭގައި ވެސް، 'އިސްލާމީ ބޭންކު ޚިދުމަތް' ފަށަން އުޅޭ ވާހަކަ އެވެ. ނަމަވެސް، ސްކޫލް ތަކުގައި، އޯލެވެލް އަދި އޭލެވެލް ފެންވަރުގައި ވެސް، އަދިވެސް މިކިޔަވައިދެނީ އިސްލާމީ ބޭންކު ނިޒާމާއި ބެހޭގޮތަކުންނެއް ނޫނެވެ. އިސްލާމިކް ބޭންކިންގެ ކަންފުޅެއް ވެސް ނެތެވެ. މިބީދައިން ބަލާއިރު، ޑިމޮކްރަސީ ނިޠާމް ރާއްޖެއަށް ތަޢާރަފު ވާތީ، އެއާއި ބެހޭ މަޢުލޫމާތު މުޤައްރަރުގައި ހިމެނެންވާނަމަ، އިސްލާމިކް ބޭންކިން އާއި ބެހޭ ކުޑަ ނަމަވެސް މަޢުލޫމާތު ކޮޅެއް ވެސް ހިމެނެން ވާނެ ނޫންހެއްޔެވެ؟

އެހެން ދާއިރާއަކަށް ބަލާނަމަ، އިނގިރޭސި ބަސް 'ދެވަނަ ބަހެއްގެ' ގޮތުގައި ކިޔަވައި ދިނުމަށް އިހަކަށް ދުވަހު ހަމަ ޖެހިގެން ހިނގައްޖެއެވެ. މީގެ ކުރިން، އަޅުގަނޑުމެން ކިޔެވިއިރު، އެވެސް ޖެހުނީ، 'މާދަރީ ބަހެއްގެ' ގޮތުގައި ކިޔަވާށެވެ. ކުދިންގެ ނަތީޖާ ދައްވަމުން ދިޔުމުގެ ސަބަބުން، މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ އެވެ. ނޫންނަމަ، މިއަދުވެސް ކުދިންނަށް ތަހައްމަލުކުރަން ޖެހުނީހީ ހަމަ އެއުނދަގޫތައް ކަންނޭގެއެވެ. ކޮންމެ އަކަސް، އަދި ވެސް، ވާހަކަ ދެއްކުމުގެ ބައި ހިމެނޭ ވަރެއް ނުވެއެވެ. އެތައް ސަބަބަކާއި ހުރެއެވެ. ވަޞީލަތްތައް ނުލިބުމާއި، ފެންވަރު ރަގަޅު، ތަމްރީނު ލިބިފައިވާ ޓީޗަރުން މަދުވީމައެވެ.

އަދިވެސް ފާޑުކިޔާ މީހަކަށް ދެއްކިދާނެ އެތައް މިސާލެއް އެބަހުއްޓެވެ. އޯލެވެލް ޖޯގުރަފީ ކިޔަވައިގެން ނުކުންނަ ކުދީންނަށް ރާއްޖޭގެ އަތޮޅުތަކުގެ ނަންތައް އެނގޭ ބާވައެވެ؟ ނުވަތަ އެނގެނީ ކިތައް ކުދީންނަށް ބާވައެވެ؟

ކޮންމެ އަކަސް، ފާޑުކިޔުމަކީ ފަސޭހަ ކަމެކެވެ. އަދި ފާޑުކިޔާއިރު ޢާއްމުކޮށް ބެލެނީ ވެސް އުނި ސިފަތަކަށެވެ. މިބީދައިން އަޅުގަނޑަށް ވެސް މިބެލެނީ މުޅިން އުނި ސިފަތަކަށެވެ. ނަމަވެސް، އިންސާފަށް ބުރަވެ އެއްޗެއް ދަންނަވާނަމަ، ރާއްޖޭގެ ތަޢުލީމީ މަންހަޖަށާއި މުޤައްރަރަށް ވެސް އެދެވޭ އިސްލާޙީ ބަދަލުތަކެއް ވެސް ގެނެވިފައި އެބަހުއްޓެވެ. މީގެ އެއް ބަދަލުގެ ވާހަކަ ކުރިން ވާނީ ބުނެވިފައިމެއެވެ. އެއީ، އިނގިރޭސި ބަސް 'މާދަރީ' ބަހެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ބަދަލުގައި 'ދެވަނަ' ބަހެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމެވެ. މިކަން ފެށުމަށް ކޮންމެ ސަބަބެއް މެދުވެރިވީ ނަމަވެސް، ބަދަލަކީ ރަގަޅު ބަދަލެކެވެ. އަދި މީގެ އިތުރުން ވެސް، ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ހަމަޖެހިގެން ދިއުމާއި، ޤުރުއާން ތަޖުވީދު މަގުން ކިޔަވައިދިނުމަށް ފަހަކަށް އައިސް ދެވެމުންދާ އިސްކަމާއި، މަޛުހަބުތަކާއި ބެހޭގޮތުން އޭލެވެލް ކުދީންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކުދީންގެ އިސްލާމިކް ސްޓަޑީޒް ފޮތުގައި ބާބެއް ހިމެނުމާއި، ދިވެހި ތާރީޚާއި ޘަޤާފަތް ދިރުވުމުގެ ގޮތުން، ރާއްޖޭގައި އުފެދުނު ޢިލްމްވެރީންގެ ވާހަކަ ވެސް ކުދީންގެ މަޢުލޫމާތަށް އިތުރުކުރުމަށް އެކަމާ ބެހޭ ބާބެއް ވެސް އޭލެވެލް އިސްލާމިކް ސްޓަޑީޒް ގައި ހިމެނުމާއި، ވޮކޭޝަނަލް ޓްރެއިނިން ތަޢާރަފުކުރުމާއި ޓޫރިޒަމް ސްޓަޑީޒް ޢާއްމު ކުރުމާއި މިފަދަ އެތައް ހެޔޮ ބަދަލު ތަކެއް ވެސް ގެނެވިފައި ވާކަން ފާހަގަ ކުރަމެވެ.

އަދި މިއާއެކު، ރާއްޖޭގެ ޘާނަވީ މުޤައްރަރަކީ، ބޭރުގެ އިމްތިޙާނަކަށް ބަރޯސާވެފައި ވާ އެއްޗެކެއް ކަން ވެސް ހަނދާން އެބަހުއްޓެވެ. އެހެންވީމައި، އެއަށް ރާއްޖެއިން ގެނެވޭނެ މާބޮޑު ބަދަލެއް ނޯންނާނެމެއެވެ. ނަމަވެސް، މުޤައްރަރަކީ، ބޭރުގެ އިމްތިޙާނަކަށް ކުދީން ތައްޔާރުކޮށް ދިނުމަށް އަމާޒުކުރެވިފައިވާ އެއްޗެއް ކަމުގައި ވިޔަސް، މުޤައްރަރުގެ ބޭރުން އެހެން ގޮތަކުން (މިސާލަކަށް، ސަޕްލިމެންޓަރީ ލެސަންސް ތަކެއްގެ ތެރެއިން) ނަމަވެސް، މުޤައްރަރުގައި މިހާރު އުނި ބައިތައް ފުރިހަމަ ކުރަން އެބަ ޖެހެއެވެ. މިކަމަށް ވަގުތު ނެގި ނަމަވެސް، މިކަން ވީ އެންމެ އަވަހަކަށް ކުރެވޭތޯ ބަލަން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ދިވެހި، އިސްލާމީ މުޖުތަމަޢަށް ބޭނުންވާނެ ޢިލްމީ ހުނަރުވެރި ޖީލެއް އަޅުގަނޑުމެންގެ ތަޢުލީމީ ނިޠާމުން ބިނާކުރެވެން ވާނެ ނޫންހެއްޔެވެ؟ ނޫންނަމަ، އަޅުގަނޑުމެންނަށް ބިނާކުރެވޭނީ، ރާއްޖޭގެ މާޙައުލަށް ބީރައްޓެހި، ބޭރުގެ މާޙައުލާއި ރައްޓެހި ޖީލެކެވެ. ޤައުމިއްޔަތު ކީއްކުރަންތޯއެވެ. ނަމުން އިސްލާމް، ކަމުން އެހެން ކޮންމެސް އައިޑިއޮލޮޖީއެއްގެވެރި ('އަޤީދާއެއްގެ') ބައެކެވެ. ބާވައިލެއްވުނު ގޮތަށް ފުރަގަސްދީ، އަމިއްލަ ގޮތްތަކަށް އިސްކަންދޭ ޖީލެކެވެ. ޣައިރު މުސްލިމުންގެ ޚިދުމަތަށް ތައްޔާރުކޮށްދެވޭ ޚާދިމުންތަކެކެވެ. އެމީހުންގެ ގޮތްތައް ފަތުރާނޭ ބައެކެވެ.

ވުމާއެކު، ކިޔަވާ ކުދީންގެ މުޤައްރަރު އިސްލާޙުކުރުމުގައި ހިމަނަންވީ ހަމައެކަނި، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކެއް ނޫނެވެ. އެއާއި އެކު، ނުވަތަ އޭގެ ކުރިން، ދީނީގޮތުން ކުދީންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދިވެހި މުޖުތަމަޢުގެ އެހެނިހެން ބޭނުންތަކާއި ގުޅޭގޮތުން މުޤައްރަރުގައި ހުރި އުނި ކަންތައްތައް ފޫބައްދަން އެބަޖެހެއެވެ. މިސާލަކަށް ދަންނަވާނަމަ، ކުރިން އިޝާރާތް ކުރި ކަންތަކުގެ އިތުރުން، 'ހިޔުމަން ރައިޓްސް' އާއި ބެހޭ މަޢުލޫމާތު ހިމަނާއިރު، އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގައި ޙިމާޔަތް ލިބިދޭ އިންސާނީ ޙައްޤުތައް ވެސް ތަފްޞީލުކޮށް ހިމެނުމަކީ މުހިއްމު ކަމެކެވެ. އަދި މީގެ އިތުރުން، އިސްލާމީ އަޚުލާޤީ ތަރުބިއްޔަތު ދެވޭނެ ގޮތެއް ރަސްމީ މުޤައްރަރުގެ ތެރެއިން ވެސް ހަމަޖައްސަން ވެއްޖެކަމަށް ފެނެއެވެ. ކުރިން މާއްދާއެއްގެ ގޮތުގައި 'އަޚްލާޤު' ކިޔަވައި ދެވުނު ހެން މިހާރު ވެސް އެކަން ކުރަން އެބަ ޖެހެއެވެ. 'ދީނީ ތަރުބިއްޔަތު' ފޮތުގައި ހުންނަ ވަރަށް ވުރެވެސް ތަފްޞީލުކޮށް، ޤުރުއާނާއި ސުންނަތުގެ އަލީގައި، މިބަޔަށް އަލި އަޅުވާލަން ފެނެއެވެ. ސަބަބަކީ، ދިވެހި މުޖުތަމަޢު އަޚްލާޤީ ގޮތުން ވެއްޓެމުން މިދާ ފުން ވަޅުގަނޑުން ނެގުމަށްޓަކައި، ނުރަސްމީ މުޤައްރަރުގެ ތެރެއިން ކުރެވޭ ކަންތައްތަކުން އެކަނި ފަރުޖެއްސެން ނޯންނާނެ ތީއެވެ. މިގޮތުން، އަޙްލާޤީ ތަރުބިއްޔަތުގެ ތެރެއިން، އިސްލާމްދީނުގައިވާ މަކާރިމުލް އަޤްލާޤުގެ ސިފަތަކާއި، ހެދުން އެޅުމާއި ދޭދޭ ގުޅުންތަކުގައި ޢަމަލު ކުރާނެ އިސްލާމީ އުސޫލްތަކާއި ޚިޔާލު ފައުޅުކުރުމާއި އަނެކުންނަށް މުޚާޠަބުކުރުމުގެ ރިވެތި ގޮތްތަކާއި، އަދި ވަޒީފާގެ ހުނަރުތައް ވެސް މިބައިގެ ތެރެއިން ދަސްކޮށް ދެވިދާނެއެވެ.

އަދި، ސައުދި ޢަރަބިޔާ ފަދަ އިސްލާމީ ބައެއް ޤައުމުތަކުގެ މުޤައްރަރުގައި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެމުން ދާ 'ގޭތެރެ އިދާރާކުރުމުގެ ހުނަރުތައް' ވެސް އަޅުގަނޑުމެންގެ މެދުމަދަރުސީ ނުވަތަ ޘާނަވީ މުޤައްރަރުގައި ހިމެނުމަކީ، ޤާބިލް، ހުނަރުވެރި، ހީވާގި، ހަރުދަނާ 'ގެވެހިން' ބިނާ ކުރެވިދާނެ ގޮތެކެވެ. މިހެން ދަންނަވާއިރުވެސް، މިހާރު ވެސް 'ގާލް ގައިޑް' ފަދަ ޙަރަކާތްތައް ސްކޫލް ތަކުގައި ކުރިޔަށް ދާކަން ހަނދާނެއް ނުނެތެއެވެ. ނަމަވެސް، އެ ޙަރަކާތްތަކަކީ ވެސް 'ބޭނުން ކުދީންނަށް' ބައިވެރި ވެވޭ ގޮތަށް އޮންނަ ޙަރަކާތްތަކަކަށް ވާތީ، އެފަދަ ޙަރަކާތްތަކުގައި ބައިވެރިވާން ޖެހޭނެ ގިނަކުދީން އެކަންކަމުގައި ބައިވެރި ނުވުމުގެ ފުރުޞަތު މިހާރު އޮންނަ ކަން ވިސްނާލަން އެބަޖެހެއެވެ.

މިއާއެކު، ގްރޭޑް 9 ގެ އިސްލާމިކް ސްޓަޑީޒް ފޮތުގައި އޮންނަ 'ކައިވެނި' ފިލާވަޅުގެ ތެރެއަށް 'ދެމަފިރީންގެ ޙައްޤުތައް' ތަފްޞީލު ގޮތެއްގައި ގެނައުމަށް ފެނެއެވެ. މިހާރު އޮތް ގޮތުން މިބައި ހިމެނެނީ ގްރޭޑް 12 ގެ އިސްލާމިކް ސްޓަޑީޒް ފޮތުގައެވެ. ނަމަވެސް، އޭލެވެލް ހެދުމަށް ނިސްބަތުން ކުރިމަތިލަނީ، ވަރަށް މަދު ކުދީން ކަމަށް ވެފައި، ގިނަ ކުދީން އަދިވެސް، ކިޔެވުމުގެ ދައުރު ނިންމައި ޒަވާޖީ ޙަޔާތެއް ފަށަނީ، ގްރޭޑް 10 (ނުވަތަ މިއަށް ވުރެވެސް ދަށް ގްރޭޑެއް) ނިންމާފައި ކަމަށް ވާތީ އެ މަޢުލޫމާތު އެނގެން ޖެހޭ ގިނަ ފަރާތްތަކަށް އެ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ފެންނަނީ، މިދެންނެވި ގޮތަށެވެ. އަދި ކައިވެނި ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތައް ވެސް އިތުރު ކުރެވިދާނެއެވެ. މިއީ މަދުރަސީ ދައުރުގައި ކުދީންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން، ކުދީންގެ ކިބާގައި ވިސްނުމުގެ ހުނަރު (ތިންކިން ސްކިލްސް) އަށަގެންނަވުމަށް ޓަކައި، މިހާރަށް ވުރެ ބޮޑަށް ކޮންމެ މާއްދާއެއްގެ ތެރެއިން ވެސް، މިކަމަށް ފުރުޞަތު ލިބި މިކަން ކުރުމަށް މުދައްރިސުންނަށް ފަސޭހަ ކޮށްދިނުމާއެކު، އެކަމަށް ބާރު އަޅާނެ ގޮތްތަކެއް (ޕާތް ވޭސް) މުޤައްރަރުގައި ހިމެނުމަކީ ކުރެވިދާނެ ކަމެކެވެ. ސަބަބަކީ، ކުދީންނަށް ސްކޫލުގައި ފޯރުކޮށް ދެވޭ މަޢުލޫމާތަށް ވުރެ ޙަޤީޤަތުގައި ދިރިއުޅުމުގެ މައިދާނުގައި މުހިއްމުކަން ބޮޑުވަނީ، ދަސްކޮށްދެވޭ ހުނަރުތަކެވެ. ޚާއްޞަކޮށް ފާޑުކިޔުމުގެ ނަޒަރުން ވިސްނުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމާނެ ގޮތުގެ (ޑިޒިޝަން މޭކިން ސްކިލްސް) ހުނަރެވެ. އުފެއްދުންތެރި ޚިޔާލު އާލާކޮށްދޭނެ ހުނަރުވެރި ކަމެވެ. މިފަދަ ހުނަރުތައް ނެތި، ލިބޭ މަޢުލޫމާތަކުން ކުރެވޭނެ މާބޮޑު ބޭނުމެއް ނޯވެއެވެ. އެހެންކަމުން، މިޒަމާނުގެ ތަޢުލީމީ މުޤައްރަރުތަކަކީ، ވިސްނުން ތަރައްޤީކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައި ހުންނަ ޕްރޮގްރާމް ތަކެކެވެ. އާދެ، ތިންކިން ކަރިކިޔުލަމް ތަކެކެވެ. މިސާލަކަށް ބަލާނަމަ، އޮސްޓްރޭލިޔާގެ ގިނަ ސްކޫލް ތަކުގައި މިހާރު ކިޔަވައިދެވެނީ މިފަދަ މުޤައްރަރު ތަކަށެވެ. މި މުޤައްރަރުތައް ވިލަރެސްކޮށް ވަޒަންކުރަން ގެންގުޅޭ މިންގަނޑަކީ މަޝްހޫރު، 'ވިކްޓޯރިއަން އެޑިޔުކޭޝަނަލް ލާރނިން ސްޓަންޑާރޑްސް (ވެލްސް)' އެވެ. މިއީ، އެކި މާއްދާތަކަށް ވަކިވަކިން އަލިއަޅުވާލައި، ކުދީންގެ ވިސްނުމާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރުވެރިކަމާއި އަދި ދިރާސާކޮށް ކަންކަން ހޯދާ ބެލުމުގެ ޤާބިލުކަން އަށަގެންނެވުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މުދައްރިސުންނަށް ބޭނުންވާނެ މަޢުލޫމާތާއި އިރުޝާދު ހިމަނައި، އެކަންކަން ކުރުމަށް ބޭނުންވާނެ އިތުރު ވަޞީލަތްތައް (ސަޕްލިމެންޓަރީ މެޓީރިއަލްސް) ވެސް ހިމަނާފައިވާ 'ކަރިކިޔުލަމް ޕެކޭޖް' އެކެވެ. އަދި، މިފަދަ މުޤައްރަރެއްގެ ތެރެއިން (ނުވަތަ އިތުރުން)، ކެރިއަރ ކައުންސެލިން ކުދިންނަށް ލިބިދޭނެ ފަސޭހަ ގޮތްތަކެއް ވެސް ޤާއިމު ކުރުން މުހިއްމެވެ.

އަދި ބަސް ކިޔަވާހިތްވާ ކުދީންނަށް ކިޔަވަން ފުރުޞަތު ލިބޭގޮތަށް ނަމަވެސް 'އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި' ސްކޫލްތަކުގައި ޢަރަބި ބަސް ޢާއްމުކޮށް ކިޔަވައިދެވޭނެ ގޮތްތަކެއް ހަމަޖައްސަން އެބަޖެހެއެވެ. ރާއްޖޭގައިވެސް މިހާރު ޢަރަބި ބަސް ކިޔަވައިދެވޭ ފެންވަރުގެ ބޭފުޅުން އެބަތިއްބެވިއެވެ. ވުމާއެކު، ސްކޫލްތަކުގައި ޢަރަބި ބަސް އެބަސް ދަސްކުރަން ބޭނުންކުދީންނަށް އެކަނި ނަމަވެސް، ކިޔަވައި ނުދެވެންވީ ސަބަބެއް ނެތެވެ. ޢަރަބި ބަހަކީ، އިނގިރޭސި ބަހަށް ވުރެ، މުހިއްމުކަން ވަކި ކުޑަ ބަހެއް ނޫނެވެ. ޚާއްޞަކޮށް މުސްލިމު ކިޔަވާކުދީންނަށް އެނގުން ލާޒިމު ބަހެކެވެ. އަދި ދިރާސާތައް ދައްކާގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރާ ބަސްތަކުގެ ތެރެއިން، މެންޑަރިން އާއި އިނގިރޭސި ބަހަށް ފަހު، މިހާރު ވެސް 3 ވަނައިގައި އޮތީ ޢަރަބި ބަހެވެ.

ވީމާ، ޚުލާޞާކޮށް ދަންނަވާނަމަ، ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ހަމައެކަނި، ޑިމޮކްރަސީ އާއި 'ހިޔުމަން ރައިޓްސް' އެއް ނޫނެވެ. މީގެ އިތުރުން (އަދި މީގެ ކުރިން)، ދީނީ ހޭލުންތެރިކަމާއި، އަޚްލާޤީ ތަރުބިއްޔަތާއި، މުޖުތަމަޢާއި ބެހޭ ހޭލުންތެރިކަމާއި، ދިރިއުޅުމަށް ބޭނުންވާ ވިސްނުމާއި ދިރާސާ ކުރުމާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރުވެރިކަމާއި، އަދިވެސް އިތުރު އިޖުތިމާޢީ ހުނަރުތަކާއި، ޤައުމިއްޔަތުގެ ރޫޙު އާލާ ކުރުމަށާއި ޘަޤާފީ ތަރިކަ ދެމެހެއްޓުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ސަމާލުކަން ދޭންޖެހޭނެ އެވެ. ނޫންނަމަ، މިދެންނެވި ފަދަ ހޭލުންތެރިކަން ނެތި، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ބަޔަކަށް ދަސްކޮށްދިނުން ވާނީ، މޮޔަ މީހަކު އަތަށް ކަނޑިއެއް ދިނުންފަދަ ކަމަކަށް ނޫންތޯއެވެ؟ ނުވަތަ އަލިފާން 'ނިއްވުމަށް' ތެޔޮ އެޅުމަށެވެ. ކޮންމެ އަކަސް، ޚިޔާލަކީ ތަފާތު އެއްޗެކެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

Comments