ހޮނިހިރު20180908

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު އަނެކާގެ ޝަޚްސިއްޔަތު ދެނެގަތުން

އަނެކާގެ ޝަޚްސިއްޔަތު ދެނެގަތުން

anekaage-shahsiyyatމީހުންނާ އޮންނަ ގުޅުންތައް ހަރުދަނާ ކުރުމާއި، މީހުންނާއި ގުޅިގެން އުޅުމާއި، އެކުއުޅުމާއި، އެކުވެއުޅުމުގެ ފަސޭހައަށްޓަކައި މީހުންގެ ތަފާތުތައް ގަބޫލުކުރުމާއެކު، އެ ތަފާތާއި މުޢާމަލާތުކުރަން އެނގުމީ އެއްމެ ބޭނުންތެރި ކަންތަކެވެ. ކޮންމެ މީހަކާ ވެސް ގުޅޭ ގޮތަށް އެމީހަކާ މުޢާމަލާތުކުރުމަށްޓަކައި އެންމެ ފުރަތަމައަށް ދެނެގަންނަންޖެހެނީ އެމީހެއްގެ ޝަޚުސިއްޔަތެވެ. މި ގޮތުން އިންސާނުންގެ ވައްތަރުތައް ދެނެގަތުމަށްޓަކައި ނަފުސާނީ ޢިލްމުވެރިން ތަފާތު ނަޒަރިއްޔާތަކާއި ގޮތްތައް ހާމަކުރައްވާފައިވެއެވެ. މި މަޒުމޫނުގައި ގެނެސްދޭނީ އޭގެ ތެރެއިން އެއް ނަޒަރިއްޔާއެވެ.

 

މި ނަޒަރިއްޔާ ބުނާ ގޮތުން މީހުންގެ ތެރޭގައި އުޅެނީ މައިގަނޑު ހަތަރު ވައްތަރެކެވެ. އެއީ ވެރިންނާއި، މުޙައްލިލުންނާއި، ޝުޢޫރީ މީހުންނާއި، އެކުވެރިންނެވެ.
ތިރީގައި މިވަނީ އިސްވެދިޔަ ހަތަރުވައްތަރު ދެނެގަނޭވޭނޭ މައިގަނޑު ސިފަތަކެކެވެ.

އެކެއް: ވެރިޔާ
ކަންކަމުގައި ދެފުށުއެޅި ދެއަތަށް ކިރޭގޮތް އެއްވެސް ވަރަކަށް ނުހުންނަ ކަނޑައެޅުންތެރިއެކެވެ.
- ކަންކަމުގެ ތަފުސީލުތަކަށް އަހައްމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އަބަދުވެސް ކަންކަމުގެ ނަތީޖާއަށް އިސްކަންދޭ މީހެކެވެ.
- ކަންކަން ނިންމުމަށް އަހައްމިއްޔަތުކަންދޭ ޢަމަލީ، ނަމަވެސް އިޖުތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތަކަށް ދޭންވާ ވަރަށް އަހައްމިއްޔަތުކަން ދިނުން ކުޑަ މީހެކެވެ.
- އިސްނެގުމަށް ލޯބިކުރާ ވާދަވެރި މީހެކެވެ.
- ޤަރާރު (ޑިސިޝަން) ނެގުމުގައި އެއްވެސް ކަހަލަ ޖެހިލުމެއް ނުވާ އަވަސް މީހެކެވެ.
- ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ ގޮންޖެހުމަކާއި ކޮންމެފަދަ އުނދަގުލަކާއި ވެސް ކުރިމަތިލާނޭ ހިތްވަރުގަދަ މީހެކެވެ.
- އަމިއްލަ ވިސްނުންތަކާއި ދެކޭ ގޮތް ސާފުކޮށް ސަރީހަކޮށް ހާމަކުރާ މީހެކެވެ.

ދެއެއް: މުޙައްލިލު
- ގިނަވަގުތު އެކަހެރިވެ އުޅުމަށް ލޯބިކުރާ މީހެކެވެ.
- އަބަދުވެސް ބަދަލުވުމެއް ނެތް އެއް ނިޒާމަކަށް ލޯބިކުރާ، ކަންކަމުގެ ހަމަތަކާއި ގަވައިދުތަކަށް ވަރަށް ބޮޑަށް ބަލާ މީހެކެވެ.
- ކަންކަމުގެ ފެންވަރަށް އަހަންމިއްޔަތުކަން ދިނުން ބޮޑު ނަތީޖާ ނެރުން ލަސް މީހެކެވެ.
- އަންނަހާ ޚިޔާލަކަށް ބުއްދީގެ ލަގަންދޫ ނުކުރާ ކަހަލަ ހުރިހާ ދިމާއަކުން ވިސްނާ މީހެކެވެ. ޚާާއްސަކޮށް އާ ޚިޔާލެއް ނަމަ ތަޖުރިބާކޮށްފައި ހުރި މުޖައްރަބު ކަންކަން ނޫނީ ގަބޫލުކުރުން ދުރު މީހެކެވެ.
- ކޮންމެ ޚަބަރަކާއި ކޮންމެ މަޢުލޫމާތަކަށް ތަޙްލީލީ ނަޒަރުން ބަލާ ސުވާލުކުރުން ގިނަ މީހެކެވެ.
- ދަލީލާއި ބުއްދީގެ ހަމަތައް ދައްކައިގެން މެނުވީ ގަބޫލުކުރާ ގޮތް ބަދަލުނުކުރެވޭނޭ ސާބިތު މީހެކެވެ.
- މަޝްވަރާކުރުމާއި އޮޅުންފިލުވުން ގިނަ، ޤަރާރު ނެގުމުގައި ދެފުށުއެޅުން ބޮޑު، ނަމަވެސް މުސްތަގިއްލު މިނިވަން މީހެކެވެ.
- އިޖުތިމާޢީ ކަންކަމުގައި އެހެން މީހުން އިސްނެގުމަށް ލޯބިކުރާ އެހެން މީހުން އިސްނަގަންދެން މަޑުކުރާ މީހެކެވެ.
- ވެރީންނަށް ވުރެ ވެސް ބޮޑަށް އިޖުތިމާޢީ އަދި ޢާއިލީ ގުޅުންތަކާ މެދު އަހަންމިއްޔަތުކަން ކުޑަ މީހެކެވެ.

ތިނެއް: ޝުޢޫރީ
- ކަންކަމާއި މީހުންނާއި މެދު ދެކޭ ގޮތް އަވަސް އަވަހަށް ބަދަލުވާ މީހެކެވެ.
- އެއް ނިޒާމަކަށް ލޯބިކުރުން ދުރު، އާކަންކަން ތަޖުރިބާކުރުމަށް ލޯބިކުރާ މީހެކެވެ.
- ތަފާތު ގިނަ ކަންކަން އެއްފަހަރާ ކުރާ ހިތްވާ މީހެކެވެ.
- ކަންކަން ކުރުމުގެ ކުރިން ވާހަކަދެއްކުމާއި ގުޅުންތަކުން ހިތްހަމަޖެހުން ލިބޭ މީހެކެވެ. މީހަކަށް ފޯނުކުރިޔަސް ސީދާ މައުޟޫއަށް ދިއުމުގެ ކުރިން ޖޯކެއް ފަދަ އިތުރު ވާހަކައަކުން މި މީހުން ފެށުމެއް ގާއިމުކުރާނެއެވެ.
- އެކުވެރިން ގިނަ ޝައުޤުވެރި މަޖާ މީހެކެވެ.
- ފަސޭހައިން ޝުޢޫރުތައް ކެކިއަރާ، އެހެން މީހުންނަށް ވެސް އޭނާގެ ޝުޢޫރުން އަސަރުކޮށްލުވުމަށް ކުޅަދާނަ އަސަރުކުރުވާ މީހެކެވެ.
- ޚިޔާލުކުރުމުގައި އާދަޔާ ޚިލާފު ޤާބިލިއްޔަތެއް ހުންނަ، އަދި ޚިޔާލުކުރުމުގައި އާންމުކޮށް ކަންކަން ވަމުންދާ ގޮތާ ޚިލާފަށް، ވިސްނުން ގެންގުޅޭތީ އުފެއްދުންތެރި އީޖާދީ މީހެކެވެ.

ހަތަރެއް: އެކުވެރިޔާ
- ތެދުވެރިކަމާއެކު އެހެން މީހުންގެ ވާހަކަތައް އަޑުއަހާ އޯގާތެރި މީހެކެވެ.
- މީހުންނާއި ފަސޭހައިން ގުޅޭ ރަހުމަތްތެރި މީހެކެވެ.
- އެންމެން ދެކެ ވެސް ލޯބިވާ އެކަމަކު އަމިއްލަ ޚާއްސީ ގުޅުން އެކެއް ދެމީހަކާ ބާއްވާ މީހެކެވެ.
- މީހުންނާއި އޮންނަ ގުޅުމުން ހިތްވަރު ލިބިގަންނަ މީހެކެވެ.
- ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ނޫނީ ބޮޑެތި ކަންކަމާ ކުރިމަތިލާނެ މީހެއް ނޫނެވެ.
- މީހުންނަށް ޚިދުމަތްކުރުމުގައި އެއްވަނަ ދަރަޖައިގެ މީހެކެވެ.
- މަސްލަހަތާއި ގުޅުންތައް ރަނގަޅަށް އޮތުމަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެކެވެ.
- މީހުންގެ ވެރިކަމުގެ ދަށުން މަސައްކަތްކުރުމުގައި ނަމޫނާއެކެވެ.

އިސްވެދިޔަ މައިގަނޑު ހަތަރު ވައްތަރުން ކުރެ ވައްތަރަކަށް، އެއްވެސް މީހެއް މުޅިިން އެއްކޮށް ނިސްބަތްވެފައި ހުރުމީ ނާދިރު ކަމެކެވެ. އެންމެ ގިނަވާނީ ކޮންމެވެސް ދެވައްތަރަކުން މަސްހުނިވެފައިވާ މީހުންނެވެ. ނަމަވެސް އެފަދަ މީހުންނާއި މުޢާމަލާތުކުރުމުގައި ބަލާނީ އެމީހެއްގެ ކިބައިގައި އެންމެ ބޮޑަށް ހުރި ސިފައަކަށެވެ. ހަމަ މި ފަދައިން ހުރިހާ ވައްތަރަކުން އެކަށީގެންވާ މިންވަރަކަށް ހިއްސާވެފައިވާ ފުރިހަމަ ޝަޚްސިއްޔަތަކީ ވެސް އެހާ އާންމު ނޫނަސް އުޅޭ ވައްތަރެކެވެ. އަދި ފަންނާއި ޢިލްމާއި ތަޖުރިބާގެ އަލީގައި ކޮންމެ މީހަކީ ވެސް އެމީހެއްގެ ނަފްސާނީ ގާބިލިއްޔަތު ތަރައްގީ ކުރެވިދާނޭ މީހެކެވެ.

އާދަވެގެން މިއިން ކޮންމެ ވައްތަރެއްގެ މީހެއް ޠަބީޢީކޮށް އެފަދަ އަނެއް މީހާއާ މެދު ދެކޭނޭ ގޮތް
ތިރީގައި މިސާލެއްގެ ގޮތުން މި ހިމަނަނީ އެއްވައްތަރަކުން ސަތޭކަ އިންސައްތަ ހަމަވެފައިވާ މީހާ އެފަދަ އެހެން ވައްތަރަކުން ސަތޭކަ އިންސައްތަ ހަމެވަފައިވާ މީހާ އާ މެދު ދެކޭނޭ ގޮތުގެ މިސާލެކެވެ. ނަމަވެސް މީގައި ވިސްނާލަން ޖެހޭ ތަންކޮޅަކީ އެކިވައްތަރު އެކުވެފައިވާ މީހެއް ނަމަ އިންސައްތަ ތަފާތު ވީ މިންވަރަކުން ދެކޭ ގޮތާއި ބަލައިގަންނަ ގޮތް ތަފާތުވާނޭކަމެވެ.
އެކެއް: ވެރިޔާ
މުޙައްލިލާ މެދު: ކަންކަމުގައި ދެފުށުއެޅޭ، ގޮތް ނިންމަން ނޭނގޭ މީހެއް
ޝުޢޫރީއާ މެދު: އަނގަ ގަދަކުރާ ހައިޖާނުހަދަން އުޅޭ މީހެއް
އެކުވެރިޔާއާ މެދު: އިޚްލާސްތެރިއެއް
ދެއެއް: މުޙައްލިލު
ވެރިޔާއާ މެދު: މާބޮޑަށް އަވަސްއަރައިގަނެގެން އުޅޭ މީހެއް
ޝުޢޫރީއާ މެދު: ފިކުރުތަކެއްގެ ވެރި އުފެއްދުންތެރިއެއް
އެކުވެރިޔާއާ މެދު: ގޮތްބޮޑުކުރާ ދެއްކުންތެރިއެއް
ތިނެއް: ޝުޢޫރީ
ވެރިޔާއާ މެދު: ބޮޑާ މީހެއް
މުޙައްލިލާ މެދު: ތަޖުރިބާކާރު ހަމަޖެހޭ މީހެއް
އެކުވެރިޔާއާ މެދު: ބަލިކަށި މީހެއް
ހަތަރެއް: އެކުވެރިޔާ
ވެރިޔާއާ މެދު: ވެރިމީހާ
މުޙައްލިލާ މެދު: ވަފާތެރިއެއް މީހެއް ނޫން
ޝުޢޫރީއާ މެދު: ކަމެއް ނުކުރެވޭ ވައިއަނގަ ތަޅާ މީހެއް
އިތުރު ތަފްސީލެއް: އިސްވެ ބަޔާންކުރެވުނު ނަމާނޫއަށް ބަލާއިރު ވެރީންގެ ގޮތް ބޮޑަށް ހުންނަ މީހުން އެންމެ ގުޅޭނީ އެކުވެރީންނާއެވެ. ހަމައެފަދައިން ޝުޢޫރީން ބޮޑަށް ގުޅޭނީ މުޙައްލިލުންނާއެވެ.

އިސްވެދިޔަ ވައްތަރުތަކުގެ މައްޗަށް ބާރުފޯރުވާނެ ގޮތް
ވެރިޔާ: މި މީހުންނާ އެކު އަވަސް ނަތީޖާ ނެރުމަށް މަސައްކަތްކުރާށެވެ.
މުޙައްލިލު: މި މީހުންނަށް ކަންކަމުގައި ދަލީލާ މަޢުލޫމާތާއި ތަފުސީލުދީ ބުއްދީގެ ހަމަތައް ދައްކައިދޭށެވެ.
ޝުޢޫރީ: ޝުޢޫރަށް އަސަރުކުރުވާ ފަދަ ވާހަކަތައް މި މީހުންނާއި ދައްކާށެވެ. ނުވަތަ އުފެއްދުންތެރި މޮޅު ޚިޔާލުތައް މި މީހުންނާއެކު ހިއްސާކުރާށެވެ.
އެކުވެރިޔާ : ގާތް ގުޅުމުން މި މީހުންނާއި އެކުވެރިކަން ގާއިމުކުރާށެވެ.

މުޖުތަމަޢުގެ ޚިދުމަތުގައި
މުޖުތަމަޢުގެ ޚިދުމަތުގައި އިސްވެދިޔަ ހުރިހާ ވައްތަރެއް ބައިވެރިވުން ލާޒިމެވެ. މިސާލަކަށް މަސައްކަތު ގުރޫޕެއްގައި މުޅީން އެކުވެރިޔާގެ ވައްތަރަށް ނިސްބަތްވާ މީހުން ތިބިނަމަ މަސްއޫލިއްޔަތު ނަގާނޭ ވެރިޔަކު ނުވާނެއެވެ.
ހަމަ އެފަދައިން ހުސް ވެރިން ތިބޭ ތަނެއްގައި ގިނަ ފަހަރަށް އަރާރުން ބޮޑުވާނެއެވެ. ނުވަތަ އެމީހުން އެއްވެ އެކެއްގެ ވެރިކަން ގަބޫލުކުރިނަމަ ފެންވަރަށް ނުބަލާ ނަތީޖާއަށް އަހަންމިއްޔަތުކަން ދޭލެއް ބޮޑުވެދާނެއެވެ.
ހަމަ އެހެން މުޅިން މުހައްލިލުންގެ ގުރޫޕެއްވިއްޔާ ކުރާ ކަންތަކުގައި ފެންވަރު ހުއްޓަސް ކަންކަން ހިސާބަށްވުރެ ބޮޑަށް ދިގުލައިގެން ދާ ގޮތްވާނެއެވެ. ޝުޢޫރީން ގިނަވެއްޖެ ތަނެއްގައި ވާހަކަ ގިނަވާ ގޮތްވެ ސަމާސާ ހައްދުން ނައްޓާ ގޮތް ވެސް ދިމާވެދާނެއެވެ.

މިލިޔުން ލިޔުމުގައި އަސްލަކަށް ބެލީ "މީހުންގެ ވައްތަރުތައް" މި މައުޟޫއަށް ޑރ މުރީދުލްކުއްލާބް ދެއްވި މުޙާޟަރާއަކާއ،ި އެ މުޙާޟަރާގެ ބައިވެރިއަކު ލިޔެފައިވާ ޚުލާސާއެކެވެ. އަދި ހަމަ މިމައުޟޫއަށް ޑރ ޠާރިޤް ދަރްވީޝް ދެއްވި މުޙާޟަރާއަކުންވެސް އެހީތެރިކަން ލިބިގަތީމެވެ.
މި މައުޟޫގެ ބައެއް ފޮތްފޮތުގައި އިސްވެ ދިޔަ ވައްތަރުތަކާއި ގާތްކަން ބޮޑު ނަފްސާނީ ބަލިތަކާއި އެއިން ކޮންމެ ވައްތަރެއް ހައްދުން ނެއްޓުނީމާ ވާ ގޮތްތައް ވެސް ބަޔާންކޮށްފައި ހުރެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.