އާދީއްތަ20201115

އާކުރެވުނީ: 08:43:52

ޤާނޫނު އަސާސީ

Constitutional Lawދުސްތޫރީ ޤާނޫން ނުވަތަ ޤާނޫނު އަސާސީއަކީ އޭގައި ދައުލަތުގެ ބާވަތާއި ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ މިންވަރުތަކާއި ވާޖިބުތައް އެކުލެވިގެންވާ ގޮތްތަކާއި ޢާންމު ފަރުދުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.

ކޮންމެއަކަސް މިޤާނޫނަކީ ދައުލަތުގެ އެންމެ އިސް ޤާނޫނެވެ. ނުވަތަ މައިގަނޑު ޤާނޫނެވެ. މިޤާނޫނުގެ އަސާސީ ސިފަތައް ޤާނޫނީ ޢިލްމުވެރިން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ޤައުމުގެ ދާޚިލީ އެންމެހާ ޤާނޫނެއް ބިނާކުރެވިގެންދާނީ މިޤާނޫނާ ފުށުނާރާނެ ގޮތެއްގެ މަތީންނެވެ. ދުސްތޫރީ ޤާނޫން ނުވަތަ "ކޮންސްޓިޓުއުޝަނަލް ލޯ"އަށް ޤާނޫން އަސާސީއޭ ކިޔެނީ މިހެންވެގެންކަމުގައި ޝެއިޚު މޫސާ ފަތުޙީ އޭނާގެ ޤާނޫނަށް މަގެއް އެފޮތުގައި ބަޔާންކުރައްވާފައިވެއެވެ.

އެންމެކުރުކޮށް ދުސްތޫރީ ޤާނޫނަކީ ކޮބައިކަން ބުނެދޭނަމަ ދެންނެވޭނީ ދުސްތޫރީ ޤާނޫނަކީ ޤައުމެއް އެއަސާސްތަކުގެ މައްޗަށް ބިނާވެގެންދާ އަސާސްތަކާއި ޤައުމުގައި ދިރިއުޅޭ ފަރުދުންގެ ދިރިއުޅުން ތަންޒީމުކުރާ އަސާސީ ޤަވާޢިދުތަކުގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ޤާނޫންތަކުގެ މަޞްދަރުކަމުގައެވެ.

ޢާންމުކޮށް ޤާނޫނު އަސާސީ ބަޔާންކޮށްދޭނީ ދެކަމެކެވެ. އެއީ:
ފުރަތަމަކަމަކަށް ދައުލަތުގެ ވައްތަރާއި ވެރިކަންކުރާ ނިޒާމު ބަޔާންކޮށްދިނުމެވެ. އެއީ، ރަސްކަމެއްކަމެއްކަން، ނުވަތަ ޖުމްހޫރިއްޔަތެއްކަން ނުވަތަ ރިޔާސީ ނިޒާމަކަށް ހިގާ ޤައުމެއްކަން، ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ބަޔާންކޮށްދިނުމެވެ. ނޫނީ އެދައުލަތަކީ މިނިޒާމް އެކުވެފައިވާ މަސްހުނި ދައުލަތެއްކަން ބަޔާންކުރުމެވެ.

ދެވަނަކަމަކީ، ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ ޙުދޫދުތަކާއި ޒިންމާތައް ބަޔާންކުރުމެވެ. އަދި އެބާރުތައް ހިގަންޖެހޭނެ ގޮތްތައް ތަފްޞީލުކޮށް ބަޔާންކުރުމެވެ.

ދައުލަތުގެ މައިގަނޑު ތިންބާރު
ހ. ތަޝްރީޢީ ބާރު ނުވަތަ ޤާނޫނުތައް އެކުލަވައިލުމުގެ ބާރު: މިބާރުގެ ޒިންމާއަކީ ޤާނޫނު އެކުލަވައިލުމެވެ. އަދި ޤާނޫނުތައް ހަރުދަނާ މިންގަނޑުތަކެއްގެ މައްޗަށް ބިނާކުރުމެވެ. އަދި ދައުލަތް ހިންގުމުގެ ބައެއް ނިޒާމުތަކުގައި މިބާރަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ބާރުވެސްމެއެވެ.

ށ. ތަންފީޒީ ބާރު: މިބާރުގެ ޒިންމާއަކީ މަތީގައި ބަޔާންކުރެވުނު ތަޝްރީޢީބާރުން އެކުލަވައިލާ ޤާނޫނުތައް ތަންފީޒުކުރުމެވެ. އަދި ރައްޔިތުންގެ ޢާންމު ޚިދުމަތްތަކާ ގުޅިފައިވާ އެންމެހާ ކަމެއް ރާވާ ބެލެހެއްޓުމެވެ. އަދި އެކަންކަން ވިލަރެސްކުރުމަށްޓަކައި ހަދަން ޖެހޭ އާންމު ގަވައިދުތައް އެކަށައެޅުމެވެ.

ނ.ޤަޟާއީ ބާރު: އިނގެރޭސި ބަހުން ދައްވާނަމަ، ޖުޑީޝަރީއެވެ. މިބާރަކީ ހުށަހެޅޭ އެކިބާވަތުގެ ޤަޟިއްޔާތައް ފައިސަލާކޮށް އެފަދަ މައްސަލަތަކުގައި ޙުކުމްކުރާ ބާރެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މަދަނީ ޙައްޤުތައް ރައްކާތެރިކުރާނީ މިބާރުންނެވެ. އަދި އިސްވެދެންނެވުނު ދެބާރުގެ މެދުގައި ބާރުތައް ތިލަފަތް ހަމަގޮތެއްގައި ބެހިގެންދޭތޯ ބަލާނީވެސް މިބާރުންނެވެ. (ޤާނޫނަށް މަގެއް/ އަލްއުސްތާޛު މޫސާ ފަތުޙީ ޞަފްޙާ 41، 42)

ތިންބާރު ވަކިކުރުމުގެ މަބްދައު އެންމެ ފުރިހަމައަށް ފެންނަމުންދާ އެއްދައުލަތަކީ ރިޔާސީ ނިޒާމް ދުނިޔެއަށް ތަޢާރަފުކޮށް އެނިޒާމް އެންމެ ފުރިހަމައަށް ތަޠްބީޤުކޮށް ތަންފީޒުކުރަމުންގެންދާ ދުނިޔޭގެ އެންމެ ބާރުހުރި ދައުލަތްކަމުގައިވާ ޔުނައިޓެޑް ސްޓޭޓުސް އޮފް އެމެރިކާއެވެ.

އެމެރިކާގެ ސެނެޓަށް ޤާނޫނު ހެދުމުގެ ފުރިހަމަ ބާރުތައްވަނީ ލިއްބައިދީފައެވެ. ހަމައެއާއެކު މިބާރުވެރިކަން އެހެން އެއްވެސް މުއައްސަސާއަކާ ޙަވާލުކުރުން މަނާކުރުމަށްޓަކައި "ނާއިބެއް ލިބިނުގަނެވޭނެކަން ބަޔާންކުރާ މަބްދައެއް ތަޢާރަފުވެގެން ދިޔައެވެ. 1998 ވަނަ އަހަރުގައި ހިގައިދިޔަ (Clinton v city of new York) ކޭހުގައި ޤާޟީން ނިންމަވާފައިވާ ނިންމެވުމުގެ އަސާސަކީ މިދެންނެވި މަބްދައެވެ. އެމަބްދައަކީ: Nondelegation doctrine އެވެ.

ދިވެހިރާއްޖޭގެ ދުސްތޫރަށް ބަލާއިރުވެސް ފެންނަނީ ބާރުތައް ވަކިވެފައިވާ ނިޒާމެކެވެ. އެހެނީ މިރާއްޖޭގައި ތަންފީޒުކުރެވެމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (2008)ކީ ރިޔާސީ ނިޒާމުގެ މަބްދައުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ޤާނޫނު އަސާސީއެކެވެ.

ދުސްތޫރީ ޤާނޫނުގެ ބާވަތްތައް
ދުސްތޫރީ ޤާނޫނުތައް އުފެދޭ ގޮތަށް ބަލާއިރު މައިގަނޑު ގޮތެއްގައި ދުސްތޫރީ ޤާނޫނުތައް ބެހިގެންވަނީ ތިންބަޔަކަށްކަން އަލްއުސްތާޛު މޫސާ ފަތުޙީ ފާހަގަކުރައްވާފައިވެއެވެ. އެއީ:
ހ. ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ވެރިމީހާ ނުވަތަ ޙާކިމާގެ ފަރާތުން ޤާނޫން އަސާސީ އުފެދިގެންއަންނަ ޤާނޫން އަސާސީއެވެ.
ށ. ރައްޔިތުންނާއި ޙާކިމާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ސަބަބުން އުފަންވެގެން އަންނަ ދުސްތޫރީ ޤާނޫނެވެ.
ނ. ރައްޔިތުންގެ ފުރިހަމަ ބާރުން އެކުލަވާލެވޭ ޤާނޫނު އަސާސީއެވެ.

ޤާނޫނު އުފެދޭ ގޮތަށް ބަލާއިރު ޤާނޫނުތައް ބެހިގެންވަނީ މައިގަނޑުގޮތެއްގައި އިސްވެދިޔަ ބާވަތްތަކަށެވެ. އަދި އުސްތާޛު މޫސާ ފަތުޙީ ދެކެވަޑައިގަންނަވާ ގޮތުގައި ޤާނޫނު އަސާސީތަކުގެ ތެރެއިން އެންމެ ފުރިހަމަ ޤާނޫނު އަސާސީއަކީ ތިންވަނަ ބާވަތުގެ ޤާނޫނު އަސާސީއެވެ. ނުވަތަ އެބާވަތުގެ ދުސްތޫރެވެ.

ބަދަލުގެނައުމުގައި ގެންގުޅޭ އުސޫލަށް ބަލާއިރު ދުސްތޫރީ ޤާނޫނުތައް ބެހިގެންވަނީ ދެބާވަތަކަށެވެ. އެއީ ވިލުންތެރި ޤާނޫނާއި ހަރު ޤާނޫނެވެ.

ވިލުންތެރި ދުސްތޫރު
ވިލުންތެރި ދުސްތޫރަކީ އިނގެރޭސި ބަހުން ދަންނަވާނަމަ ފްލެކްސިބަލް ކޮންސްޓިޓުއުޝަންއެވެ. އެފަދަ ދުސްތޫރަކީ އެއަށް ބަދަލުގެނައުމަށް މާގިނަ ކަންތައްތަކެއް ކުރުމެއްނެތި އާދައިގެ ޤާނޫނަކުން ބަދަލުގެނެވޭނެ ދުސްތޫރެވެ. އިނގިރޭސީންގެ ދުސްތޫރަކީ މިފަދަ ދުސްތޫރެކެވެ. އެހެންކަމުން އިނގިރޭސި ޕާލިމަންޓުން ފާސްކުރާ ޤާނޫނެއް، ދުސްތޫރުގެ މާއްދާއަކާ ތަޢާރުޟުވެއްޖެނަމަ، ދުސްތޫރުގެ މާއްދާ އެޤާނޫނާ އެއްގޮތަށް ބަދަލުވެގެންދެއެވެ. އެހެންކަމުން ޕާލިމަންޓުން ފާސްކުރާ ޤާނޫނެއް ދުސްތޫރާ އެއްގޮތްތޯ ބެލުމަކީ މިފަދަ ދުސްތޫރުތައް އޮންނަ ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނޭނެ ކަމެއްނޫނެވެ.

ހަރު ދުސްތޫރު
މިފަދަ ދުސްތޫރަށް އިނގިރޭސިބަހުން ކިޔަނީ ރިޖިޑް ކޮންސްޓިޓުއަޝަނެވެ. އެއީ ޤާނޫނަކުން އެއަށް ބަދަލު ނުގެނެވޭ އަދިކިއެއްތަ އެއަށް ބަދަލެއް ގެނައުމަށްޓަކައި އާދަޔާ ޚިލާފު ޚާއްޞަ ކަންތައްތަކެއް ކުރަންޖެހޭ ދުސްތޫރެކެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކުރާ އާދައިގެ ޤާނޫނަކުން މިފަދަ ދުސްތޫރެއްގެ މާއްދާއަކަށް ނުވަތަ ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަމަށް ކަނޑައެޅިފައިވާ ވަކި އިޖުރާއާތުތަކެއް ކަނޑައްތުކޮށްގެން މެނުވީ އެބަދަލެއް ނުގެނެވޭނެއެވެ. އަޅުގަނޑުމެން ރާއްޖޭގެ ޤާނޫނު އަސާސީއަކީ މިފަދަ ޤާނޫނު އަސާސީއެކެވެ.

ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުން
ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ތަޝްރީޢީ ބާރުން އެކުލަވާލެވޭ އަސާސީ ނޫން ޤާނޫނުތައް ޤާނޫނު އަސާސީއާ ތަޢާރުޟު ނުވޭތޯ ބެލުމެވެ. އިސްވެ ބަޔާންކުރެވުނު ބާވަތްތަކުގެ ދުސްތޫރުތަކުގެ ތެރެއިން ވިލުންތެރި ދުސްތޫރެއް ލިބިފައިވާ ޤައުމުތަކުގައި ޕާލިމަންޓުން ފާސްކުރާ ޤާނޫނުތައް ކޮންމެހެން ޤާނޫން އަސާސީއާ އެއްގޮތްވާކަށް ނުޖެހެއެވެ. އެހެންކަމުން އެފަދަ ޤައުމުތަކުގައި ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައަޅައި ޔަޤީންކުރުމަކީ ކުރަންޖެހޭކަމެއްނޫނެވެ.
އެކަންކުރަން ޖެހެނީ ދުސްތޫރުތަކުގެ ތެރެއިން ރިޖިޑް ނުވަތަ ހަރުދުސްތޫރު އޮންނަ ޤައުމުތަކުގައެވެ. ސަބަބަކީ އެފަދަ ދުސްތޫރަކާ ޚިލާފަށް ހަދާ ޤާނޫނަކީ ދުސްތޫރިއްތުކަން ގެއްލުމުގެ ސަބަބުން ބާތިލުވާ ގާނޫނެކެވެ.

ޤާނޫނުތަކުގެ މައްޗަށް ދުސްތޫރު އިސްކުރުމުގެ ފިކުރަކީ ޤަދީމީ ޔޫނާނުގެ ފަލްސަފާވެރިންގެ ކިބައިގައި އޮތް ފިކުރެއްވެސްމެއެވެ. އެކަން އެނގެނީ އޮރޮސްޓަސް އޭނާގެ "ސިޔާސާ" ނަމަކަށް ކިޔުނު ފޮތުގައި ބަޔާންކޮށްފައިވާކަންކަމުންނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ދައުލަތުގެ އެންމެ އަސާސީ ޤަވާޢިދުތަކަކީ، އާދައިގެ ޤާނޫނަކުން ބަދަލުކޮށް ގޮތްގޮތް ހެދިގެންވާނެ ޤަވާއިދުތަކެއް ނޫންކަމަށެވެ. މިކަމުން އެނގެނީ ޤާނޫނު އަސާސީގެ ފިކުރާއަކީ އެއްވެސް ޙާލެއްގައި މިޒަމާނުގެ ފިކުރެއްނޫންކަމެވެ.

މިހާރު މިޒަމާނުގެ ދައުލަތްތަކުގައި ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަނޑައެޅުމުގެ އުސޫލުން ދައުލަތްތައް ބެހެނީ ތިން ބާވަތަކަށެވެ.
ހ. ޤާނޫނުގެ ދުސްތޫރިއްޔަތު ބަލަންނުޖެހޭ ދައުލަތްތައް.
ށ. ޤަޟާއީ ބާރަށް އެ ޙައްޤު ލިއްބައިނުދީ އެހެން ކޮންމެވެސް ނިޒާމަކުން ޤާނޫނުގެ ދުސްތޫރިއްޔަތުކަން ކަނޑައަޅާ ދައުލަތްތައް.
ނ. ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ޙައްޤު ޤަޟާއީ ބާރަށް ލިބިދީފައި އޮންނަ ދައުލަތްތައް.

ޤާނޫނުގެ ދުސްތޫރިއްޔަތު ބަލަން ނުޖެހޭ ދައުލަތްތަކަކީ އެދައުލަތްތަކުގެ ދުސްތޫރު ވިލުންތެރި ދުސްތޫރެއްކަމުގައި ހިމެނޭ ދައުލަތްތަކެވެ. މިސާލަކަށް އިނގިރޭސިވިލާތެވެ. އެފަދަ ދައުލަތްތަކުގައި ޚާއްޞަ މަރުޙަލާއެއް ކަނޑައްތުކުރުމެއްނެތި ޢާންމު ޤާނޫނެއްގެ އެހީގައި ދުސްތޫރަށް ބަދަލުގެނެވޭނެއެވެ. އެހެންކަމުން ދުސްތޫރަކީ އެއްގޮތަކަށް ދެމިއޮންނަ ދުސްތޫރެއްކަމުގައިނުވެއެވެ.

ށ ގައި ބަޔާންކޮށްފައި އެވަނީ ޝަރުޢީ ކޯޓެއް މެދުވެރިނުކޮށް ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރާ ނިޒާމު އޮންނަ ދައުލަތްތަކުގެ ވާހަކައެވެ. މިފަދަ ގޮތެއްގައި ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރާ އެއްދައުލަތަކީ ފަރަންސޭސިވިލާތެވެ. އެދައުލަތުގައި ޕާލިމަންޓުން ފާސްކުރާ ޤާނޫނުގެ ދުސްތޫރިއްޔަތާމެދު ފާޑުކިޔުމަކީ ދުސްތޫރުން މަނާކޮށްފައިވާކަމެކެވެ. އެހެންކަމުން ކޮންމެވެސް އެހެންގޮތަކުން ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރެއެވެ. ހަމައެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތާމެދު ސުވާލުކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އެކަމުގެ ޢުޤޫބާތްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ނ ގައި ބަޔާންކޮށްފައިވާ ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ޙައްޤު ޤަޟާއީ ބާރަށް ދީފައިވާ ދައުލަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޔުނައިޓަޑް ސްޓޭޓްއޮފް އެމެރިކާއެވެ. މިދައުލަތުގައި މިޙައްޤު ދީފައިވާ މިންވަރުގެ ސަބަބުން ވަރަށް ގިނަ ޤާނޫނީ މާހިރުންގެ ޢާންމު ޢިބާރާތެއްކަމުގައިވެފައިވެއެވެ. "އެމެރިކާ އޮންނާނީ ޤާޟީންގެ ސަރުކާރުގެ އަމުރުގެ ދަށުގައެވެ."

19ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން އައިސް ވިހިވަނަ ޤަރުނު ނިމެންދެންވެސް އެމެރިކާ މީހުން ތަޖުރިބާކޮށްފައިވަނީ މިނިޒާމެވެ. އެމެރިކާގައި ޤާޟީންނަށް މިމައްސަލައިގައި 3 ވަސީލަތެއް ބޭނުންކުރެވޭނެއެވެ.

އެތިންވަސީލަތަކީ: އަންނަނިވި ތިންވަސީލަތެވެ.
ހ. ދަފްޢުގެ ވަސީލަތް
ފެޑެރަލް ކޯޓެއްގައި ނުވަތަ ސްޓޭޓް ކޯޓެއްގައިވެސް ޤާޟީއަށް ޤާނޫނެއްގެ އެއްވެސް މާއްދާއެއް ދުސްތޫރާ ޚިލާފުވާކަން އެނގޭނަމަ، އެމާއްދާއަކާ އެއްގޮތަށް ޙުކުމް ނުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އެހެންނަމަވެސް މިފަދަ ސީރިއަސް މައްސަލަތަކުގައި ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުމެއް ނޫނެވެ. އަދި ކިއެއްތަ މަތީ ކޯޓުތަކުގައި މިމައްސަލަތަކާމެދު ބަޙުސްކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ފަހަރުގައި މަތީ ކޯޓުން މިމައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ރަނގަޅު ބަލައިގަނެވޭ ނިންމުމެއްކަމުގައި ބަލައިވެސްފާނެއެވެ.

މިވަސީލަތަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުން އަންނަ ވަސީލަތެވެ. މިވަސީލަތުގެ ބޭނުމަކީ ޤާޟީންނަށް ޣައިރު ދުސްތޫރީ ޤާނޫނަކަށް ތަބާނުވުމުގެ އިޚުތިޔާރު ހޯދައިދިނުމެވެ.

މިޙުކުމުގައި ކޯޓުން ނިންމާނީ އެކޯޓުގެ ކުރިމަތީގައި އެޤާނޫނުގެ އެބަޔަކީ ނުވަތަ ކަނޑައެޅިފައިވާ ވަކި މާއްދާތަކަކީ ތަބާވާންޖެހޭ، އެއަށް ޢަމަލުކުރުން ލާޒިމުވެގެންނުވާ މާއްދާއެއްކަމަށެވެ. އެހެންކަމުން އެހެން ކޯޓަކުން އެނޫންގޮތަކަށް ނުވަތަ ފުރަތަމަ ކޯޓުން ކުރި ޙުކުމާ ފުށުއަރާ ގޮތަކަށް ޙުކުމްކުރުމަކީ ނޭކަށޭނެކަމެއްކަމުގައި ނުވާނެއެވެ.

ށ. ކޯޓު އަމުރުގެ ވަސީލަތް
މިވަސީލަތުގައި އޮންނަނީ ކޮންމެވެސް ފަރާތަކުން ކޯޓަށް ގޮސްގެން، ވަކި ޤާނޫނަކަށް ނުވަތަ ޤާނޫނެއްގެ ބައަކަށް ޢަމަލުކުރުން ދައުލަތުގެ ވަކި މުވައްޒަފަކަށް މަނާކުރުމެވެ. އެއީ އެޤާނޫނު ނުވަތަ ޤާނޫނުގެ އެބައި ދުސްތޫރާ ޚިލާފުވެފައިވާތީއެވެ. މިފަދައިން ކޯޓުން އަމުރެއް ނެރެއްޖެނަމަ، އެއަމުރަކަށް ފުރިހަމައަށް ކިޔަމަންވުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފަކަށް ލާޒިމުކަމެކެވެ. އެއީ އިސްތިއުނާފުގެ މަރުޙަލާއަށް ގޮސް އެއަމުރު އެއަށްވުރެ މަތީ ކޯޓަކުން ބާޠިލުނުކުރާހާ ހިނދަކުގައެވެ.

ނ. ތަޤުރީރީ ޙުކުމްކަނޑައެޅުމުގެ ވަސީލަތް
މިއީ ކަނޑައެޅިގެން ވަކި ޤާނޫނެއް ދުސްތޫރާ ޚިލާފުކަމަށް ކޯޓުގެ ޝަޚްޞީ ރައުޔު ފާޅުކޮށް ނެރެވޭ ޙުކުމެވެ. މިއުޞޫލަށް 1918މ.ވަނަ އަހަރުން ފެށިގެން މިއަދާހަމައަށްވެސް އެމެރިކާގައި މިވަސީލަތް ބޭނުންކުރަމުން އާދެއެވެ. އެހެންނަމަވެސް ޤާނޫނީ ބާރުވެރިކަން މިނިޒާމަށް ލިބުނީ 1938ގައި ކޮންގްރެސްއިން ފާސްކޮށްފައިވާ ޤާނޫނަކުންނެވެ.

މިބުނެވުނު ވަސީލަތްތައް ބޭނުންކޮށްގެން ޤާނޫނެއް ބާޠިލުކުރުމުގެ ބާރުވެރިކަން އެއްވެސް ކޯޓަކަށް ލިބިފައިނުވެއެވެ. އެހެންނަމަވެސް ފެޑެރަލް ސްޕްރީމް ކޯޓުން، ޤާނޫނަކަށް ޢަމަލުކުރުމުން މަނާވެގެންފިނަމަ އެޤާނޫނެއްގެ ދުސްތޫރިއްޔަތު ގެއްލިގެން ދެއެވެ. އަދި އެޤާނޫނަކަށް ދަށު ކޯޓުތަކުން ޢަމަލުކުރުމަކީ ނާދިރުކަމެކެވެ. މިސަބަބަށްޓަކައި އުސްތާޛު މޫސާ ފަތުޙީ ވިދާޅުވެފައިވަނީ ފެޑެރަލް ސްޕްރީމް ކޯޓަށް ޤާނޫނު އުވައިލުމުގެ ބާރު ލިބިފައިވާކަމަށެވެ.

ދިވެހިރާއްޖޭގައި ޤާނޫނުގެ ދުސްތޫރިއްޔަތު ބެލުން
ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

އެމެރިކާގައި ޤާނޫނުގެ ދުސްތޫރިއްޔަތުކަން ޔަޤީންކުރަން ބޭނުންކުރާ ހުރިހާ ވަސީލަތްތައް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނެއެވެ. އެކަން ވަރަށް ސާފުކޮށް ޤާނޫނު އަސާސީން އެނގެއެވެ.

ޙުކުމްކުރުމުން މަނާވެގަތުން
ޝަރުޢީ ކޯޓެއްގެ ޤާޟީއަކަށް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ދުސްތޫރާ ޚިލާފުކަމަށް ފެނިއްޖެނަމަ، އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ އެފަދަ ބަޔަކަށް ކިޔަމަންނުވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިފައިވެއެވެ.

ޤާނޫން އަސާސީގެ 144ވަނަ މާއްދާގެ ހ.ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށްމެ އެކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ޤާނޫނެއްގެ ތެރެއިން ދުސްތޫރާ ޚިލާފުވާމިންވަރު ބާޠިލުކަމުގައި ކަނޑައެޅޭނެއެވެ.

އެހެންނަމަވެސް ދުސްތޫރާ ޤާނޫނެއް ޚިލާފުވޭތޯ ބެލުމާއި އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކުގެ ތެރެއިން ސްޕްރީމް ކޯޓާއި ހައިކޯޓުގެ އިޚުތިޞާޞުގައި ހިމެނޭކަމެކެވެ. އެކަން ޤާނޫނު އަސާސީގެ 143ވަނަ މާއްދާގެ ހ.ގައި ބަޔާންވެފައިވެއެވެ. އެމާއްދާ ބުނަނީ: "ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤަނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށެވެ."

މިމާއްދާތަކުގައި އެބުނާ ވާހަކަތަކުގެ މާނައަށް ވިސްނައިލުމުން އެނގެނީ ޤާނޫނެއް ބާޠިލުކަމުގައި ކަނޑައެޅުމުގައި ބާރުވެރިކަން ލިބިފައިވާ ފަރާތަކީ ހައިކޯޓާއި ސްޕްރީމް ކޯޓުކަމުގައެވެ. އެހެންނަމަވެސް ބަލަމުންދާ މައްސަލައެއްގައި ޤާނޫނެއްގެ ބައެއް ނުވަތަ ޤާނޫނެއް ދުސްތޫރާ ޚިލާފުވާކަން ޔަޤީންވެ ސާބިތުވެއްޖެނަމަ އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ ބަޔަކާމެދު ގޮތް ކަނޑައެޅުމުގެ ބާރު ދަށުކޯޓުތަކަށް ވެސް ލިބިފައިވެއެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި ޝަރުޢީ ކޯޓުތަކަށް ޤާނޫނު ހަދާ ބާރުގެ މައްޗަށް ބެލެހެއްޓުންތެރިކަމުގެ ބާރު ލިބިފައިވެއެވެ.

އަދި ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނެއް ނުވަތަ ޤާނޫނުގެ ބައެއް އުވައިލެވިގެން ދާއިރު އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ޤަނޫނު އަސާސީގެ 144ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުން ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ބޭނުން
އާއެކެވެ. ޤާނޫނެއްގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ކޮންމެހެން ކޯޓުން ކުރަން ޖެހޭކަމެއްކަމުގައިވާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެފަދައިން ނިންމާފައިވާ ދައުލަތްތަކުގައި އެގޮތަށް އެކަން ކަނޑައަޅާފައިވަނީ ސަބަބަކަށްޓަކައެވެ.

އެއީ ސިޔާސީ ބޭނުންތަކުން ޤާނޫނުތައް ސަލާމަތްކުރުމެވެ. އެހެނީ ޕާލިމަންޓުތައް ހިނގަމުންދަނީ ސިޔާސީ އޮއިވަރުތަކުގެ ތެރޭގައެވެ. އެއްވެސް ޙާލެއްގައި ޤާނޫނީ ޢިލްމުލިބިފައިވާ ހުނަރުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެއްކަމުގައި އެމަޖިލިސް ވާކަށް ނުޖެހެއެވެ.

ތަޖުރިބާއަށް ބަލާއިރު ގިނަ ފަހަރުގައި ސިޔާސީ ނިންމުންތައް ނިމޭ ތަނެއްކަމުގައި މަޖިލިސްވާތީ، ސިޔާސީ ކުލަވަރު ޤާނޫނުތަކުގައި ޖެހިގެންދެއެވެ. އެހެންނަމަވެސް ކޯޓުތަކުގައި ތިއްބަވާ ޤާޟީންނަކީ ވަކި އިޚުތިޞާޞެއްގެ ވެރިބައެކެވެ. އެމީހުންނަކީ ޤާނޫނީ މާހިރުންނެވެ. ޤާނޫނު ދަންނަ މީހުންނެވެ.

ވަރަށްގިނަ ފަހަރަށް ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި ކޯޓުތަކުން ޤާނޫނު ހަދާ މަޖިލީހުގެ މައްޗަށް ބާރު ފޯރުވުމަކީ އެއްވެސް ޙާލެއްގައި މައްސަލައެއްނޫނެވެ. އެހެނީ ޤާނޫނު ހަދާ މަޖިލީހުގެ އިޚުތިޞާޞަކީ ޤާނޫނު އެކުލަވައިލުމެވެ. ކޯޓުން ކުރާހާވެސް ކަމަކީ އެފަދަ ޤާނޫނުތަކުގެ ޞައްޙަކަމާއި ބާޠިލުކަންބެލުމެވެ. އަދި ޞައްޙަނޫން ޤާނޫނުތައް އުވައިލުމެވެ. މިއީ ފާރަވެރިވުމުގެ ހަމައެކެވެ. އެހެންކަމުން ތިންބާރުގެ މެދުގައި އޮންނަ ފާރަވެރިވުމުގެ އެއްއުޞޫލެވެ.

ދުސްތޫރަކީ ދައުލަތުގެ މައި އަސާސެވެ. ހުރިހާ ބާރެއްވެސް، ކަންކަން ތަންޒީމުކުރާނީ ދުސްތޫރުގައި ބަޔާންވެފައިވާ ގޮތަށެވެ. އެކަމުގައި ޚިލާފެއްނެތެވެ. އެހެންކަމުން ދުސްތޫރުގެ ބާރުވެރިކަން ރައްކާތެރިކުރުމަކީ ޝަރުޢީ މަޙުކަމާތަކުގެ ޒިންމާއެކެވެ.

ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ސީދާ ގޮތުގައި ދުސްތޫރުގެ ބާރުވެރިކަން ޙިމާޔަތްކުރުމެވެ. އެހެންކަމުން އެއީ ދައުލަތުގެ ޝަރުޢީ ބާރުން ކުރަން ޖެހޭނެކަމެއްކަމުގައި މިޒަމާނުގެ ޤާނޫނީ މާހިރުންގެ ޖުމްހޫރު ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

-ނިމުނީ-

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.